
ކުށްވެރިޔަކީ… (5)
ދުވަސްތަކެއް ފާއިތުވުމަށްފަހު އަމްޖަދު މީހަކާ އިންނަންއުޅޭ ޚަބަރު ޒީނިޔާއަށް ލިބުނެވެ. ކުއްލި ގޮތަކަށް އެޚަބަރު ލިބުންވީ ޒީނިޔާއަށް ޙައިރާންކަން ގެނުވި ކަމަކަށެވެ. އެވާހަކަ ޤަބޫލުކުރުންވެސް ވީ ދަތިކަމަކަށެވެ. އެހާމެ ދެރަވެސް ވިއެވެ. އެހެންނަމަވެސް އެކަން އެއްވެސް މީހަކާ ޙިއްސާކުރާކަށްވެސް ޒީނިޔާއަށް ނުކެރުނެވެ. އެއީ އޭނާ ސިއްރިޔާތުގައި އަމްޖަދުއާ ގުޅުން ބާއްވަމުން އައުމާއެކު އެކަން ފަޅާއަރާފާނެތީއެވެ. އެޚަބަރު ލިބެންވެސް ލިބުނީ ކިހިނަކުންހެއްޔެވެ! އަމްޖަދު އިންނަންއުޅެނީ ޒީނިޔާއާއެކު ރަށު ސްކޫލްގައި ވަޒީފާއަދާކުރި އޭނާގެ އެހާ ގާތް ރަޙްމަތްތެރިޔަކާއެވެ. ރަޙްމަތްތެރިޔާ ޒީނިޔާއަށް ގުޅީ އޭނާއަށް އެޚަބަރު ދިނުމަށެވެ. އަދި އޭނާގެ ބޭނުމަކަށްވީ އެއްއިރެއްގައި އަމްޖަދުގެ އަނބިމީހާއަށް ވީނަމަވެސް ޒީނިޔާގެ ހިތުގައި މިހާރު އަމްޖަދުއަށްޓަކައި ކުރިންއޮތް މަޤާމު ހުސްކުރެވިފައި ނެތްކަން ޔަޤީންކުރުމާއި، އަމްޖަދުއާ އިންނާތީ ދެރަޙްމަތްތެރިންގެ ގުޅުމުގައި ކިލަނބުކަމެއް އުފެދުމަށް ފުރުޞަތު ނުދިނުމެވެ. ރަޙްމަތްތެރިޔާގެ ވާހަކަތައް އަޑުއަހަން ހުރިއިރު ޒީނިޔާގެ ހިތް މިނިޓަކު އެތައްފަހަރަކު ކަތިލެވެމުންދިޔައެވެ. އެހެންނަމަވެސް ފޯނުން ވާހަކަދައްކަމުންދިޔައިރު އޭނާގެ ރަޙްމަތްތެރިޔާއަށް އެކަން ސިއްރުކުރެވޭތޯ ގަދަކަމުން އުފާވެރި މޫޑެއްގައި ޒީނިޔާ ވާހަކަދެއްކިއެވެ. ދަރިފުޅުގެ ދޮންމަންމައަކަށް ގާތްރަޙްމަތްތެރިއަކުވާތީ އެކަމާ އުފާކުރާކަމަށާއި، ވަރަށް އަވަހަށް ޒީނިޔާވެސް ކައިވެނި ކުރަން ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް ބުނެ ރަޙްމަތްތެރިޔާއަށް ދޮގުހެދީ ރަޙްމަތްތެރިޔާއަށް ކުޑަކޮށްވެސް ޝައްކެއް ވިޔަ ނުދިނުމަށެވެ. މިއިން އެއްވެސް ކަމެއް ނޭނގޭޙާލު އެކޮޅުން އިތުރަށް ދެއްކި ވާހަކަތަކުން ޒީނިޔާގެ ހިތުގެ ފާރުގަނޑުތަކުގައި ލޮނުމިރުސް އެޅެމުންދިޔަ އެވެ. ރަޙްމަތްތެރިޔާގެ ވާހަކަތަކުން ޒީނިޔާއަށް އެނގިގެންދިޔައީ އަމްޖަދުއާއި އެދެމީހުން ގުޅިގެން އުޅޭތާ މިހާރު އަހަރެއްހައި ދުވަސްވެފައިވާކަމާށާއި، ދެތިން ހަފްތާތެރޭގައި ކައިވެނިކުރުމަށްޓަކައި އަމްޖަދު ރަށަށް ދިއުމަށް ހަމަޖެހިފައިވާކަމެވެ. ކައިވެނީގ ގެ ހެދުން ފެހުމާއި އެހެނިހެން ތައްޔާރީތައްވެސް ފެށިފައިވާއިރު ކައިވެނި ކުރާ ތާރީޚެއްވެސް މިހާރު ވަނީ ކަނޑައެޅިފައެވެ. ވީއިރު އަމްޖަދު މީގެ 3މަސް ކުރީއްސުރެ ޒީނިޔާ ބަހައްޓައިގެން ހުރީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައިތާއެވެ. ޒީނިޔާގެ ހިތައްއެރިއެވެ. އެވާހަކަތަކުން ހިތް ހަލާކުވެފައިވީނަމަވެސް ޒީނިޔާ ފޯނު ބޭއްވީ ރަޙްމަތްތެރިޔާއަށް މަރުޙަބާ ކިޔަމުން އެކައިވެއްޏަށް ހެޔޮދުޢާކުރަމުންނެވެ.
އެފޯނު ނިންމާލުމަށްފަހު ޒީނިޔާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވުނެވެ. އަޑުން އަޑުނަގައި ރޮއިގަނެވުނީ އޭނާހުރި ތަނެއްގެ ހޭވެރިކަމެއްވެސް ނުވާ ޙާލުގައެވެ. ރޮމުންރޮމުން އެހުރިދިމާ ފާރުބުޑުގައި އޭނާ އިށީނީ ދެފައިން ވާގިދޫވާހެން ހީވުމުންނެވެ. މިތަން ފެނުނީ އޭރު ސްޓާފްރޫމަށް ވަންނަންއައި ހުދާއަށެވެ. ހުދާ ވެސް އުޅެނީ ޢިމާދުއްދީން ސްކޫލްގައި ޓީޗަރަކަށެވެ. ޒީނިޔާ އިން ޙާލުފެނިފައި ހުދާ އަވަސްއަވަހަށް އޭނާގެ ގާތަށް އައެވެ. ވީ ކީއްތޯ ދެތިން ފަހަރަކު ސުވާލުކުރިނަމަވެސް ޒީނިޔާއަށް ފަރާތުން ޖަވާބެއް ނުލިބުނެވެ. އެދަނޑިވަޅު ޒީނިޔާގެ ކިބައިން އެއްވެސް ކަމެއް އޮޅުން ނުފިލާނެކަން ޔަޤީންވާތީ ހުދާ ދެން އިތުރަށް އެއްވެސް ސުވާލެއް ނުކުރެއެވެ. ބިންމަތީގައި އިން ޒީނިޔާ އެތަނުން ތެދުކޮށްގެން އަތުލަފިކޮށްގެން ގެންގޮސް އެފްލޯގައިހުންނަ ރެސްޓް ރޫމަށް ހުދާ ގެންދިޔައީ އެއީ އެވަގުތު ކަންތައްތައް ކުރަންވީ އެންމެ ރަނގަޅުގޮތްކަމުގައި އޭނާގެ ޒަމީރު ވިސްނައިދިނުމުންނެވެ. ޒީނިޔާ ހަމައަކަށް އެޅުނީ 15ވަރަކަށް މިނިޓް ވީފަހުންނެވެ. ޒީނިޔާ ކިޔައިނުދިން ކަމުގައިވިޔަސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ހުދާއަށްވެސް ވިސްނުނެވެ. އެހެންކަމުން ގެއަށްގޮސް ކުޑަކޮށް ޖައްސާލުމަށް ހުދާ ޚިޔާލު ދިނެވެ. އެހެންނަމަވެސް ޒީނިޔާ އެގޮތެއް ބޭނުމެއް ނުވިއެވެ. ބައެއް ކްލާސްތައްވެސް އެދުވަހު އަދި ކުރިއަށް އޮތުމާއެކު ޒީނިޔާ ބޭނުންވީ ކްލާސްތައް ނަގައިދީފައި ނޫނީ ގެއަށް ނުދިއުމަށެވެ. އެހެންނަމަވެސް، އޭނާއަށް އެކަން މާ ގަޔާވެގެން ނުކުރެވޭނެކަން އޭނާއަށްވެސް ޔަޤީންވިއެވެ.
ސްކޫލްއިން ގެއަށް އައިސް މަންމައަށް ޝައްކެއް ވެދާނެތީ ޒީނިޔާ އުޅުނީ ގިނައިން ކޮޓަރިތެރޭގައެވެ. ސަމީރާ އެއްފަހަރަކު ސުވާލުކޮށްލުމުން ބޮލުގައި ވަރަށްބޮޑަށް ރިއްސަނީކަމަށްބުނެ ހަމަޖައްސާލީއެވެ. އާދައިގެމަތިން އަމްޖަދުގެ ފޯންކޯލް އައީ 11ގެ ފަހުންނެވެ. އިތުރަށް އަމްޖަދުއާ ވާހަކަދައްކަން ބޭނުންނުވާތީ ޒީނިޔާ ފޯނު ނަގާކަށް ޤަސްތެއް ނުކުރެއެވެ. ފުރަތަމަ ފަހަރު ފޯނު ނުނެގުމުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް އަމްޖަދު ގުޅިއެވެ. އެންމެފަހުން، ނިދުނީހޭ ކިޔައިގެން މެސެޖްކުރިއެވެ. އަދިވެސް އިތުރަށް އަމްޖަދު ބޭނުންވަނީ އަހަރެން އަނދިރީގައި ބަހައްޓަން ހެއްޔެވެ؟ އޭނާ އަހަންނަށް އެހެން އެހަދަނީ ކީއްވެގެން ހެއްޔެވެ؟ ޝަކުވާތަކުން ޒީނިޔާގެ ހިތްފުރެމުންދިޔަވަރަކަށް ތޫނު ހިރުމެއް އޭނާގެ މޭގައި އުފެދުނެވެ. ބާލީސް ނަގައި އެޔާލާ ބޮނޑިކޮށްލަމުން އެރިހުމަށް ލުޔެއް ލިބޭތޯ ޒީނިޔާ މަސައްކަތްކުރިއެވެ. ފުންކޮށް ދެތިންފަހަރު އަނގައިން ނޭވާލަމުން އެނދުން ތެދުވެ އޭނާ ދެކޮޅަށް ހިނގަންފެށިއެވެ. ދެންވެސް ހާސްކަންކަމަށް ލުޔެއް ނުލިބުނެވެ. އެންމެފަހުން ގޮސް ކުޑަދޮރުހުޅުވާލަމުން ސާފު ވައިއިން ހިތައް ފިނިކަމެއް ލިއްބައިދޭތޯ އޭނާ ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ.
މުޅިރޭވެސް ޒީނިޔާ ހޭދަކޮށްލީ އެފަދަ ޙާލެއްގައެވެ. އެންމެފަހުން ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނީ ފަތިސްނަމާދުކޮށްލައިގެން ކުޑައިރުކޮޅަކަށް ޤުރުއާން ކިޔަވާލުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ކިޔަވަން އިން ޚަތިމް ޒީނިޔާ ބޭއްވިއިރު ހިތުގައި ނިންމުމެއް ނިންމާލިއެވެ. ފޯނުނަގައި އޭނާ އަމްޖަދުއަށް މެސެޖެއް ލިޔެލިޔެއެވެ. “މަރީއާ ދެމީހުންނަށް އުފާވެރި ޙަޔާތަކަށް އެދެން. ކައިވެނީގެ ހެޔޮއެދުމާއި ތަޙްނިޔާ. މަރީއާއެކު ރަނގަޅު ދިރިއުޅުމެއް އުޅޭނެކަމަށް އުއްމީދުކުރަން. … ޒީ އެންޑް ފެމިލީ…” ކުރުކޮށް ފޮނިކޮށް އޭނާ ލިޔެލި މެސެޖް ފޮނުވާލުމުގެ ކުރިން އަތްވެސް މަޑުޖެހިލިއެވެ. ފެންކަޅިވެފައިހުރެ “ސެންޑް” ބަޓަންއަށް ފިތާލުމަށްފަހު އަތުގެ ނުފުށުން އޭނާގެ ދެލޯ ފޮހެލީ ދެން ފުދިއްޖެއޭ ބުނާފަދަ ގޮތަކަށެވެ. އޭނާ ބޭނުންވީ އަމްޖަދުގެ ބޭވަފާތްތެރިކަން އޭނާއަށް އެނގުނުކަން އަމްޖަދުއަށް އަންގާށެވެ. އަދި އެއީ އޭނާ އަމްޖަދުއަށް ފޮނުވާނެ އެންމެ ފަހުގެ މެސެޖް ކަމަށްވެސް ހެދުމަށެވެ. ޒީނިޔާ ފޮނުވި ކުރުކޮށް ފޮނިކޮށް ލިޔެފައިވާ އެ މެސެޖް ފެނުމުން އަމްޖަދުއަށް ހީވީ ޒީނިޔާ އޭނާގެ ކުރިމަތީގައި ހުރެ އޭނާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ވީއްލާލިހެންނެވެ. ނޫނެކެވެ! އެހެން ހެދިނަމަވެސް އެމެސެޖު ކިޔާލުމުން އަމްޖަދުއަށް އެވީގޮތް ނުވާނެކަންނޭނގެއެވެ.
ކެހިވެރިއަކަށްޓަކައި ޒީނިޔާއަށް އޭނާގެ ޙަޔާތުން ހާދަ ގިނަދުވަސްތަކެއް ބޭކާރުކުރެވިއްޖެއެވެ. އެހެންނަމެވެސް، ދެން އިތުރަށް އޭނާ އެފިރިހެނާއަށްޓަކައި އެންމެ ސިކުންތުކޮޅެއްވެސް އޭނާގެ ޙަޔާތުން ދުއްވައެއް ނުލާނެއެވެ. އެންމެ ކަރުނަ ތިއްކެއްވެސް އޭނާގެ ދެދޮލުން ނުއޮހޮރޭނެއެވެ. ޒީނިޔާ ހިތާހިތުން ޢަޒުމް ކަނޑައެޅިއެވެ. އޭނާގެ ޢުމުރުގެ ބާކީއޮތްބައި ދެން ހޭދަކޮށްލާނީ ލޯބިވާ ދަރިފުޅު ޒޯޔާއަށްޓަކައެވެ.
****************
އަމީން ކިޔަވާ މިނިގެން މާލެއައުމުގެ އުފަލާއެކު ކުންފުނީގެ ފަރާތުން މުޅިން އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން ކުލަގަދަ ޙަފްލާއެއް ބޭއްވުމަށް ވަޙީދު ގަސްތުކުރިއެވެ. އަލަށް ހުޅުވޭ މި ގެސްޓްހައުސްގެ މެނޭޖަރަކަށް ޔާސިރު ޕްރޮމޯޓްވެގެން ދިޔުމާގުޅިގެން އެޙަފްލާއަށް ޔާސިރުގެ ޢާއިލާއަށް ރަސްމީކޮށް ދަޢުވަތު އެރުވުނެވެ. މިކަމާ ސަމީރާ ހުރީ ނުހަނު އުފަލުންނެވެ. ހަމައެއާއެކު ޔާސިރުގެ ކުދިންވެސް އެހާމެ އުފާވިއެވެ. ބައްޕައަށް ލިބުނު އުފަލުގައި އެންމެ ބޮޑަށް ބައިވެރިވާން ބޭނުންވި އެކަކީ ޒީނިޔާއެވެ. ޕާޓީތަކަށް ދިއުމަކީ އޭނާ އެހާ ކުރާ ހިތްވާ ކަމަކަށް ނުވިޔަސް، ޒޯޔާ ގޮވައިގެން އޭނާވެސް އެޕާޓީއަށް ދިޔައީ އެހެންވެއެވެ. ޕާޓީއަށް ތައްޔާރުވެގެން ހުރިއިރު ކުޑަކުޑަ ޒޯޔާ ހީވަނީ ކައިވެނީގެ ޙަފްލާއަކަށް ތައްޔާރުކުރެވިފައިވާ ޕްލާރވަރ ގާލްއެއް ހެންނެވެ. ޒީނިޔާގެ ފިރިހެން ކޮއްކޮއިންކަމަށްވާ ޒައިން، ޒިޔާމް އަދި ޒާކިން ވެސް ތިބީ ހަމަ އެހާމެ ބޮޑަށް ޒީނަތްތެރިވެގެންނެވެ. މޭކަޕަކާވެސް ނުލައި ސާދާގޮތަކަށް ތައްޔާރުވެގެންހުރި ޒީނިޔާ ފެނުނު ކޮންމެ މީހެއްގެ ހިތްވެސް ތަޢުރީފުން ފުރިގެންދާވަރުވެއެވެ.
ޙަފްލާ އޮތީ އަލަށް ހުޅުވުނު ގެސްޓްހައުސްގައެވެ. ޒީނިޔާމެންނަށް ދެވުނުއިރު ޙަފްލާ ފެށިއްޖެއެވެ. ދަޢުވަތު ދެވުނު އެހެން ފަރާތްތަކެކޭ އެއްފަދައިން އެމީހުނަށްވެސް އެތަނުން މަރްޙަބާކީ ޔާސިރެވެ. ތަނުގެ މެނޭޖަރުގެ ޙައިސިއްޔަތުންނެވެ. މިކަމާ ސަމީރާއާއި ކުދިވެރިން ތިބީ ނުހަނުބޮޑަށް ސަޕްރައިޒް ވެފައެވެ. ޔާސިރު ވަޙީދުއަށް އޭނާގެ ޢާއިލާ ތަޢާރަފްކޮށްލިއިރު ވަޙީދުވެސް އޭނާގެ ޢާއިލާގެ މެމްބަރުންނަށް ޔާސިރުގެ ޢާއިލާގެ މެމްބަރުން ތަޢާރަފްކޮށް ހެދިއެވެ. އަދި އަމީނަށްވެސް ޔާސިރުގެ ޢާއިލާގެ މެމްބަރުން ވަކިވަކިން ތަޢާރަފްކުރިއެވެ. ކުރިން ވަޙީދާ ދެތިންފަހަރަކު ބައްދަލުވެފައިވީނަމަވެސް، އަމީންއާ ޔާސިރުމެންނާ ބައްދަލުވި މީ ފުރަތަމަ ފަހަރެވެ. ކުޑަކުޑަ ޒޯޔާއަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެންގެ ލޯތްބާއި ސަމާލުކަން ހުސްކުރެވުނެވެ. އޭނާވެސް އުފަލުން ފުމެމުން އުޅުނުއިރު އޭނާގެ ތުއްތު ތުއްތު ހަރު ވާހަކަތަކުން އެންމެންގެ އުފާވެރިކަން ދެގުނަ އިތުރުވެގެން ދިޔައެވެ. ޒީނިޔާ ހުރީ އެހާ ގިނަ މީޙުންގެ ތެރޭގައި ހުންނަންޖެހުމުން ބޮލަށް އުނދަގޫވާކަހަލަ ގޮތެއްވެފައެވެ. އެހެންކަމުން އޭނާ ވީވަރަކުން މީހުންނާ އެކަހެރިވެ އެތަނުން މޭޒެއްގައި މަޑުކޮށްލައިގެން ބުއިމަކަށް އިންސާކުރަމުން ގެންދިޔައެވެ.
އަމީންގެ ލޮލުގައި ޒީނިޔާ އަޅައިގަތީ އެހެންމީހުންނާ ވަކިން މޭޒެއްގައި އިނުމުންނެވެ. ބައްޕަ ބުނީ ރަނގަޅު ވާހަކައެކޭ އެވަގުތު އޭނާގެ ހިތް ވަރަށް ބޮޑަށް ޔަޤީންކޮށްދިނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެޕާޓީގެ ތެރޭގައި މުޅިންހެންވެސް ތިބީ ހުޅަނގުގެ ފެޝަންތަކާއި އެންމެ ޒަމާނީގޮތްގަނޑަށް ހެދުންއަޅައިގެންތިބި އަންހެން ކުދިންނެވެ. ބުރުގާ އަޅައިގެން ހުރި ޒުވާންކުއްޖަކުވެސް ވަރަށް މަދެވެ. ބުރުގާ އަޅައިގެން ތިއްބަސް އެމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިގަނޑު ހުރީ އެންމެ އާދައިގެ މިންގަނޑަށްވުރެ މާބޮޑަށްވެސް ޒަމާނީ ގޮތަށެވެ. އޭގެތެރޭގައި އަމީންގެ ބޮޑުދައިތައިންގެ ކުދިންވެސް ހިމެނެއެވެ. ޒީނިޔާ ފާހަގަކޮށްލެވުނީ އެގޮތުންވެސް ތަފާތު ކުއްޖެއްގެ ގޮތުގައެވެ. މޭކަޕެއް ނުކޮށް އެޙަފްލާގައިހުރި ހަމައެކަނި ކުއްޖަކީވެސް ޒީނިޔާއެވެ. ޒީނިޔާއާ ވާހަކަދައްކާލުމުގެ ޝައުޤުވެރިކަން އަމީންގެ ހިތުގައި އުފެދިގެން ދިޔައީ ކީއްވެގެންކަމެއް ނޭނގެވެ. އޭނާ މަޑުމަޑުންގޮސް ޒީނިޔާ އިށީދެ އިން މޭޒުކައިރީގައި ހުއްޓިލަމުން “ހައި” އޭ ބުނެލިއެވެ. އަމީން އައިތަން ނުފެނި އިންދާ ކުއްލިއަކަށް އެއަޑު އިވުމުން ކުޑަކޮށް ސިއްސައިގެން ދިޔަނަމަވެސް ވަރަށް އަވަހަށް ހިނިތުންވަމުން ޒީނިޔާވެސް “ހައި” އޭ ބުނެލިއެވެ. “މިތާ އިށީނަސް ހެޔޮތަ؟” މަޑުމަޑުން އަމީން އަނހާލިއެވެ. “ޔާ.. ޝުއަރ” ޒީނިޔާވެސް ހަމަ އެހާމެ މަޑުމަޑުން ޖަވާބުދިނީ އަމީން އަށް ނޫނެކޭ ބުނުމަކީ ހަޑިކަމަކަށްވެސް ވާނެތީ އޭނާއަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. “އަމީން” ސަލާމްކޮށްލަން އަތްދިއްކޮށްލަމުން އަމީން ތަޢާރަފްވެލިއެވެ. އެހިނދު ޒީނިޔާ ގާތަށް ކުޑަކޮށް ހިނިއަންނަގޮތްވީ މީގެ ކުޑައިރުކޮޅެއް ކުރިން އަމީން ވަނީ ތަޢާރަފްވެފައިކަމަށްވާތީއެވެ. އެހާ އަވަހަށް ހަނދާން ނުނެތޭނެތާއެވެ. އަމުދުން އަމީން މެމްނަކީ މިޙަފްލާގެ ވެރިންނެވެ. އެމީހުން ނުދަންނަ ބަޔަކު މިޙަފްލާގައި ބައިވެރިވެސްވުން އެއީ ނާދިރުކަމެކެވެ. “ޒީ… އައި މީން ޒީނިޔާ” ސަލާމްގެ ޖަވާބު ބަލައިގަންނަމުން ޒީނިޔާ ވެސް ތަޢާރަފްވެލިއެވެ. އެމަޑު އަތްތިލައިގައި އަތްލެވުމުން އަމީންއަށް ތަފާތު އިޙްސާސެއް ވެގެން ދިޔައެވެ. “ސޯ… ޒީ… ތަ އާންމުކޮށް ކިޔަނީ؟” އަމީން އެހެން އެނހުމުން ޖަވާބުގައި ޒީނިޔާ ހަމައެކަނި ބޯޖަހާލިއެވެ. އޭރު އޭނާ އިނީ އެތާތިބި ދެތިން ކުއްޖަކާއެކު ހީހީފައި ސަކަރާތްޖަހަމުންދިޔަ ޒޯޔާއަށް ނަޒަރު ހުއްޓާލައިގެންނެވެ. “ވަރަށް ލޯބި ކުއްޖެއް. ޒީ..ގެތަ؟” އަމީން ޒީއޭ ބުނުމުން ޒީނިޔާއަށް ދުރުހަނދާނެއް އާވެގެން ދިޔައެވެ. އެހިނދު އޭނާގެ މޫނުމަތީގެ ކުލަ ކުޑަހިނދުކޮޅަކަށް ނަމަވެސް ފަނޑުވެގެން ދިޔަތަން އަމީންއަށް ފާހަގަވިއެވެ. ހަމަ އެހެންމެ އެހާއަވަހަށް އޭނާ މޫނުމަތި ބަދަލުކޮށްލަމުން އަމީންއަށް ޖަވާބުދިނެވެ. “ލައްބަ. ޒޯޔާ އަކީ އަޅުގަނޑުގެ” އަމީންއާއި ޒީނިޔާގެ ހަތަރުކަޅި ހަމަވެގެންދިޔައީވެސް އެވަގުތުއެވެ. ޒީނިޔާއަށް ކުޑަކޮށް އުނދަގޫވާގޮތްވިއެވެ. ދުރުގައި އެމަންޒަރު ބަލަންހުރި ވަޙީދުގެ ހިތައް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އޭނާ މިޙަފްލާގެ އެންމެ ބޮޑު އެއްމަޤުޞަދު ޙާޞިލްވިކަމުގެ ފެހި ސިގްނަލް ލިބުމުންނެވެ.
ކުޑައިރުކޮޅަކުން ޒޯޔާއައިސް މަންމީއޭ ކިޔާ ގޮވަމުން އައިސް ޒީނިޔާގެ ކަރުގައި ބައްދާލިއެވެ. އެވަގުތު ކައިރީގައި އިން އަމީން ފެނިފައި ބޯ އެއްފަރާތަކަށް އަރިކޮށްލަމުން އަމީންގެ މޫނަށް ބަލަންއޮވެ، މިއީކޮން ބޭބެއެއްހޭ މަންމީގެ ފްރެންޑެއްހޭ އަހައިލީ މަޢުސޫމް ގޮތަކަށެވެ. ޒޯޔާގެ އެލޯބި ލޯބި ޙަރަކާތުން އަމީންއަށްވެސް އިޚްތިޔާރަކާނުލައި ހިނިތުންވެލެވުނެވެ. އަދި މިއީ ޒޯޔާގެ ފްރެންޑެއް ނޫންހޭ. ޒޯޔާ އަމީންބޭބެ ކިޔަސް އޯކޭވާނެޔޭ ބުނެލިއެވެ. މަދު މިނިޓްކޮޅެއްގެ ތެރޭގައި ޒޯޔާ އަމީންއާ ގުޅި މުޅިން ރައްޓެހިވިގޮތުން ހީވަނީ މާކުރިއްސުރެވެސް ދެކެފަރިތަ މީހެއް ހެންނެވެ.
އުފާވެރި މާޙައުލެއްގައި ޙަފްލާ ނިމެން އުޅެނިކޮށް ޒޯޔާ ކުޑަކޮށް އާފުރެން ފެށުމުން ވަޙީދުގެ ހުއްދައާއެކު ސަމީރާމެން ގެއަށްދާން ބޭނުންވިއެވެ. އެވަގުތު ޙަފްލާ ނިމެންދެން ޔާސިރު އެތަނުގައި މަޑުކުރަންޖެހޭތީ ސަމީރާމެން ކާރުގައި ގެންގޮސްދިނުމަށް ޑްރައިވަރަށް ވަޙީދު އެންގިއެވެ. ޓެކްސީއެއްގައި ހިނގައިދާނެކަމަށްބުނެ ސަމީރާ މަނާވެގަތުމުންވެސް ވަޙީދު ކުރުނުކުރުމުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެވަގުތު ޒައިންގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެ ޒޯޔާ އަމީންއާ ވަދާޢުގެ ސަލާމްކޮށްލަމުން ބުނެލި އެއްޗަކުން އެންމެނަށް ޙައިރާންކަން ގެނުވިއެވެ. “އަމީންބޭބެ ޒޯޔާ ގެއަށްލައިދޭން ނުދަންތަ؟” ކުޑަވަގުތު ކޮޅަކަށް ތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ޒޯޔާގެ މިޢަމަލުން ޒީނިޔާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. “ބޭބެއަކަށް މިވަގުތު ނުދެވޭނެ އެއްނު ދަރިފުޅާ. އެހެން ފަހަރަކުން ބޭބެއާއެކު ދާނީދޯ؟” ޒީނިޔާ އަވަސް އަވަހަށް އެހެން ބުނެލިނަމަވެސް އެންމެނަށް ޙައިރާންކަން ލިބިގެންދިޔައީ އަމީންގެ އަޑުންނެވެ. “ޒޯޔާ ގެއަށް ލައިދޭން ދާނީ ޒޯޔާގެ އަމީންބޭބެ.” ނިދި ބުރާންތިވެފައިއޮތް މީހާ އުފަލުންގޮސް ޔޭއި… އޭ ގޮގައިގަތްއިރު ނިދީގެ ކަންފުޅެއްވެސް މިއިން ޒަމާނަކު އެލޮލުގައިވިހެންވެސް ހީނުވެއެވެ. އަމީން އައިސް ޒޯޔާއާ ޓަޗެއް ޖަހާލިއިރު ހީވަނީ ހަމަ ޒޯޔާއާ އެއް ޢުމުރުގެ ކުޑަކުއްޖެއް ހެންނެވެ. ހަދާނެ ގޮތެއް ނިންމަން ނޭނގިހުރެ ޑްރައިވަރު ބަލާލީ ވަޙީދުގެ މޫނަށެވެ. އޭނާގެ އިޝާރާތަށް ޑްރައިވަރު ކާރުގެ ތަޅުގަނޑި އަމީންގެ އަތަށް ދިއްކޮށްލިއެވެ.
ކާރުތެރޭގައި ޒޯޔާ އުގަށްލައިގެން ޒައިން އިނީ ކުރީ ޝީޓްގައެވެ. އެއީ ޒޯޔާ ބޭނުންވިގޮތެވެ. ގެއާ ހަމައަށް ދަންދެންވެސް އަމީންއާ ޒޯޔާގެ އޮތީ ސަކަރާތްޖެހުމެވެ. ދާދިކުޑައިރުކޮޅެއްގެ ތެރޭގައި ގެއަށް އާދެވުމުން ޒޯޔާ ކާރުން ފޭބީވެސް އަމީންއަށް ގުޑްނައިޓް ކިޔާލަމުން ހަގެއްދީފައެވެ. މިމަންޒަރު ބަލަން ކުޑަތަންކޮޅެއް ދުރުގައިހުރި ޒީނިޔާއަށްވެސް ހުރެވުނީ އިޚްތިޔާރަކާނުލައި ހިނިތުންވެގެންނެވެ. އެންމެފަހު މީހަކަށް ޒީނިޔާ ގެއަށް ވަންއިރު އަމީން އަށް ޝުކުރުއާދާކޮށްލިއެވެ. އަދި ޒޯޔާއާހެދި އަމީންއަށް އުނދަގޫތަކެއް އުފުލަންޖެހުނީތީ މަޢާފަށް އެދުނެވެ. “އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫނޭ. ޒޯޔާ އަކީ ވަރަށް ލޯބި ކުއްޖެއް. އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުން އަހަރެންގެ ހިތައްވެސް ބުނެދޭން ނޭނގޭފަދަ އުފަލެއް ލިބިގެން ހިގައްޖެ. ޒޯޔާއަކީ ވަރަށް ގާތްކުއްޖެއްގެ ގޮތުގައި އިޙްސާސްކުރެވެނީ.” ހިނިތުންވެހުރެ އަމީން ވާހަކަދައްކަމުން ދިޔައިރު އޭނާގެ މޫނުމަތީގައިހުރި އުޖާލާކަން އެއީ ތެދުކަން ކިތަންމެ ރަނގަޅަކަށްވެސް ދޭހަކޮށްދިނެވެ. “އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޝުކުރު އަދާކުރަމުން، ދެންދަނީއޭ ބުނެ ގޭތެރެއަށް ވަނުމަށްޓަކައި ޒީނިޔާ ހިނގައިގަތެވެ. ދެތިން ފިޔަވަޅެއް ކުރިއަށް އެޅުމަށްފަހު ކުޑަކޮށް ހުއްޓިލަމުން އޭނާ ފަސްއެނބުރި ބަލާލަމުން އެއްޗެއް ބުނެލަން ހަމަ އަނގަ ހުޅުވާލިތަނާއެކު އަމީންވެސް ހަމަ އެހިނދުކޮޅުގައި އެއްޗެކޭ ބުނެލިއެވެ. ދެމީހުންނަށްވެސް “ގުޑްނައިޓް” ކިޔާލެވުނީ އެއްފަހަރާއެވެ. އެއާއެކު އެކަކު އަނެކަކަށް ހީގަނެވުނީ ބޭއިޚްތިޔާރުގައެވެ. “ބައި” އޭ ބުނެލަމުން ކުޑަކޮށް އަތްހޫރާލަމުން ޒީނިޔާ ވަނީ އެތެރެއަށެވެ. އަދި އަމީންވެސް ކާރު ސްޓާޓްކޮށްލުމަށްފަހު މިސްރާބުޖެހީ ގެއާދިމާލަށެވެ. އިތުރަށްދެން މިރޭގެ ޙަފްލާއޮތްތަނަށް ދާން އޭނާ ބޭނުމެއް ނުވިއެވެ.
11 Comments!
Comments are closed.
yeiii ma 1st.
Mi part vs v teethi. w8 for next part
Nice
V Salhi..
V interestn….waitn 4 next part…
varah varah reethi mi part vex….
Vvvv reethi vaahaka vvv keyaa hethun mehuree khon erakun next part
Dhen amjadh xee ge life ah nugennahchey i hate that type of boys xee n amyn pls
V v v v v salhi… When next part??
Thank u all, Every day upkohdheveytho mi balanee. Balive ulhuneema gavaidhun up nukurevi dhiyaima. Insah allah madhan vs kohdheynan. Kiyuntheringe hith hama jehumakee kuri erumah oth hivvareh kjamugai dheken. Thank u once again to all who read and like my story.
Kobaa meyadhu ge part vvvv keyaa hethun methibee
avahah up kohbala…. haadha lahey dhw