ލޯބިވާ މަންމާ މަގޭ.. 2
މަންމައަށް ވުރެއް އޭނަ ރީތިވާނެކަން ކަޝަވަރެވެ. “ފަރީޝާ.. ނުވެސް ބުނެ.. ދެންބުނި ނަމަ އެއްނު ބަލާދެވޭނީވެސް.. އަނެއްކާ ކޮން އިރަކު އައީ” އަހަރެންގެ ފަހަތުން އައިސް މަންމަ އެމީހާއާ ވާހަކަ ދައްކަން ފެށުމުން އަހަރެން ހުރީ ވަރަށް ގަޔާވެ ހުރެ އަޑުއަހާންށެވެ. ދުވަހަކު ނުދެކޭ މީހެއް އަހަރެންގެ ސަމާލުކަން އެހާ ފަސޭހައިން ހޯދީ ކިހިނެކުންކަން ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ތެދަށް ބުނާނަމަ ފަރީޝައްތަ އަކީ އަހަރެންގެ ފޭން އެކެވެ. މަންމަމެން ފަރީޝައްތަ ސިފަކޮއްދީފައި ހުރިގޮތް އެހާ ފުރިހަމައީ ކީއްވެގެންކަން އަހަރެންނަށް މި އެނގުނީ ފަރީޝައްތަފެނުމުންނެވެ. ފަރީޝައްތަގެ ލޯ ހާދަ ބޮޑެވެ. “ދަރިފުޅާ ތިހެން ނުހުރެ ދޭބަލަ ފެންވަރަން. މުޅި މީހާ ހީވަނީ ދަލުން ފެންވަރައިގެން ހުރި މީހެއްހެން .. އޭރުވެސް މަންމަ ބުނިން މެންދުރު ނުކުޅޭށޭ.. މިއޮތް ހޫނުގަ ކުރަން އެންމެ ރަނގަޅު ކަމަކަށް ޝާނުއަށްވެސް ފެނުނީ އެކަން ދޯ” މަންމަ ދޮންބެއަށް ރުޅިގަނޑު ބޭލުމުން ދޮންމެ ކޮބާ ކޮބާ އޭ ކިޔާ އަހަރެން ފަހަތުން ދުއްވައިގަތެވެ. “ދޮންބޭ އޯކޭ އޯކޭ.. ސޮރީ އޭ ކޮއްކޮއަށް.. ދޮންބޭ ފަރީޝައްތަ ވަރަށް ރީތިދޯ.. ބޮޑު ލޮލެއް ވެސް އިނދޭ.” އަހަރެން ވަރަސް ގަޔާވެ ހުރެ ފަރީޝައްތަގެ ރީތިވާހަކަ ދޮންބެ ކައިރީގައި ދައްކަމުން ދިޔައީމެވެ. ” ރީތިތަ..ހޫމް ދެން ރީތި ދޯ. ޖިއާ ބުނީމަ މި އެނގުނީވެސް.. ކޮއްކޮގެ ލޮލާ ފަރީޝައްތަގެ ލޮލާ ވަރަށް ވައްތަރު. ހަމަ އެހާ ބޮޑު ލޮލެއް.” ދޮންމެ އެހެން ބުނެ ދެލޯ ބޮޑުކޮއްލުމުން އަހަރެން ތުންކޮޅު އަނބުރާލީމެވެ. އެހެން ނަމަވެސް ދޮންބެ އަހަންނާ ފަރީޝައްތަގެ އެއްގޮތް ސިފަ ތަކެއް ހުންނަ ވާހަކަ ބުނުމުން އަހަރެން ވީ އުފާ ބުނެދޭންވެސް ނޭނގުނެވެ. ދޮންބެ މަޖަލަކަށް އެހެން ބުނި އެއްކަމަކު އަހަރެން އެކަމާ ވަރަށް ފުންކޮށް ވިސްނާލީމެވެ. ތެދެކެވެ. އަހަރެންނާ ފަރީޝައްތަވެސް ވަރަށް ދޮނެވެ.
ކޮންމެ ދުވަހަކު އިރު އެރުމާއެކު އަހަރެން ސިޓިންރޫމް އަށް ނިކުންނަނީ ފަރީޝައްތައަށް ތުއި ދެއްކޭންށެވެ. އަހަރެން އުޅޭގޮތުން ގޭ އެންމެންވެސް ހުންނަނީ ވަރަށް މަޖާ ވެފައެވެ. ކޮންމެ ދުވަހެއް ފާއިތުވެގެންދަނީ އަހަންނާ ފަރީޝައްތައާ އޮތް ގުޅުން އިތުރަށް ބަދަހިވަމުންނެވެ. ފަރީޝައްތައަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސަކަށްވުމުން ފަރީޝައްތަ ހުންނަނީ އަހަރެންގެ ގޭގައެވެ. އެކަމާ އަހަރެން ނުހަނު އުފާވެއެވެ.
“ދަރިފުޅާ ޖިއާ.. މިއަދުވާނެ ހިނގާލަން ދާން ދޯ” ބައްޕަ އަހަރެންނާ އެއް ހަމައަކަށް ތިރިވަމުން އެހެން ބުނީ އަހަރެންގެ ނޭފަތުގައި ކުޑަކޮށް ހިފާލަމުންނެވެ. “ޔެސް.. ޔެސް.. ދޮންބެމެންވެސް މިއަދު ކުޅޭނެ.. ބައްޕާ ދޮންބެމެންގެ ފުޓްބާލް މެޗް ބަލަން ދޯ ދާނި.. ދޯ ދޯ..” އަހަރެން އުފާވެހުރެ އެހެން ބުނީ ބައްޕަގެ ދެއަތުގަހިފާ ކުޑަކޮށް ދަމާލަމުންނެވެ. އަހަރެން ހުރީ ދޮންބެމެން ކުޅޭތަށް ބަލަންދެވޭތީ ވަރަށް އުފާވެފައެވެ. އަހަރެންނަކީ ކުޑަ ބޭބީ އެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އާއިލާ މީހަކާއެކީ ނޫނީ އަހަރެން ގޭންބޭރަށް ނުނިކުންނަމެވެ. އެހެން ކަމުން މިވޭތުވެދިޔަ ދިހަ އަހަރުގައިވެސް އަހަރެންގެ އުމުރުގެ ކުދިންނާ ބަލާފަ އަހަރެން ރަށަށް ނުފަރިތަވާނެއެވެ.
ހަތެރެއް ޖަހަން ގާތްވެފަ އޮއްވާ މަންމަ، ބައްޕަ. ފަރީޝައްތަ އަދި އަހަރެން ނިކުތީ ދޮންބެމެން ކުޅޭތަން ބަލާލަން ވަރަށް ނަލަ ހެދިލައިގެންނެވެ. ހަންގަނޑަށް ހޫނުކުރަމުންދިޔަ އަވީގެ ދިލަ ދިޔައީ ތިރިވަމުންނެވެ. ރަށުގެ ދަނޑަކީ ބޮޑު ދަނޑަކަށް ނުވިޔަސް އެތަނަކީ ހިތްފަސޭހަކަމާއު އެއްބައިވަންތަ ކަން ގެނުވައިދޭ ތަނެކެވެ. ރަށުގެ ކުދި ބޮޑު އެންމެން ވަނީ ދަނޑުކައިރީގައި ވަށާލައިފައިއެވެ. އަހަރެމެން ހަތަރުމީހުންގޮސް ހުރީ ދަނޑު ވަށައިގެން ރާނައިފައިވާ ފާރުބުނޑު މަތީގައި އިށީދެލައިގެންނެވެ. އިރި އިރުކޮޅާ އަހަރެންނަށް ދޮންބެއަށް ގޮވާލެވެނީ ލަނޑުޖަހާށޭ ކިޔާފައެވެ. ދޮންބެ އަހަރެންނަށް ބަލާލާ ހީލާ ވައްތަރެށް ޖައްސާލާތަން ފެނި މަންމަމެންވެސް ތިބެނީ ހެވިފައެވެ. ” އަހަން ޒުބޭދާ.. ފިރިހެން ދަރިންނަށް ސަޕޯޓް ކުރަންދޯ އައިސް ތިއުޅެނީ.. ޖިއާވެސް އެބެންދޯ..” އަހަރެންގެ ކޮލުގައި ކޮއްޓާލަމުން ހައްވަތަ ބުންޔެވެ. “އާ މީދެން މަދުން ނޫނީ ޖިއާ އާއެކުވެސް ބޭރަށް ނުނިކުމެވޭތީވެ.. ހައްވާ.. މާދަން އޮތީ ކޮންކަމެއް.. ވާނެ ގޮހޮޑާ ނަގަންދާ.. މިހާރު ދިޔަވަރުވެސް އޮންނަނީ ހަވީރަށް ހިކިފައި” މަންމައާއި ހައްވަތަ ދައްކަންފެށި ވާހަކައަކުން އަހަރެން މުޅިން ފޫހިވިއެވެ. މޫދުގައި ހުންނަ އެކަހަލަ އެއްޗެހިކާން އަހަރެން ވަރަށް ފަކުރު ގަނެއެވެ. “ފަރީޝާ.. ކޮން އިރަކު އައީ.. ފިލައިދޯ ތިއުޅެނީ” ހައްވަތަ އަކުރަށް ބާރުލާފައި ފަރީޝައްތައަށް ގޮވުމުން އަހަންނަށް ހެވުނެވެ. އެކަން މަންމައަށް އެގިގެން ސޫޝް ކިޔާލީ އެއީ ހަޑިކަމެއްކަމަށް ބުނެއެވެ. ” ފަރީޝާގެ އިންނަކަހަލަ ބޮޑު ކޮލެއް އިނދޭދޯ މިހަރަ ކުޑަ މަންޖެގެ…” ހައްވަތަ އެހެން ބުނުމުން މަންމަ ހިތްހަމަ ނުޖެހުނުކަން އަހަންނަށް އެނގުނެވެ. “ހޫމް މަގޭ ޖިއާ ލޯބިކަމުން އިންނަ ކޮލެއް އެއީ ދޯ” މަންމަ އެހެން ބުނެ އަހަރެން ގައިގައި ބައްދާލިއެވެ.
“މަންމާ އަވަސް.. ވަރަށް އަނދިރި” އަހަރެން މަންމަ އާއިއެކު ނިކުތީ ފިހާރައަށް ގެޔަށް ބޭނުންވާ އެއްޗެހި ގަތުމަށް މަންމަ އަށް އެހީވާންށެވެ. މަގުމަތި އަނދިރި ކަމުން އަހަރެން ހުރީ ވަރަށް ބިރުންނެވެ. ދިއްލާފައިވާ ދެތިން ހޮޅިބުރިއާއި ހުޅުވާފައި ހުރި ފިހާރައިގެ އަލި ފިޔަވާ އިތުރު އައްޔެއްނެތެވެ. އިރުއިރު ކޮޅާ މަންމަ އަތަށް ދަމަމުން އަވަސް ކުރުމަށް އަހަރެން ބުނީ ގެއަށްދާން ބޭނުންވާތީއެވެ. އެކަމަކު މަންމަގެ ލަސްކަމާހެނދި އަހަރެން ހުރީ ރުޅިގަދަވެފައެވެ.
“ދޮންބޭ… ލަސްވީދޯ.. މަންމަ އަވަސްނުކުރީމަ ލަސްވީ.. ކޮބާތަ ދޮންބެއަށް ލިބުނު ތަށި.. ދައްކަބަލަ ދައްކަބަލަ” އަހަރެން ދޮންބެ އަތުގަ ހިފާ ދަމަމުން ދޮންބެ ކޮޓަރިއަށް ވެއްދީ މިއަދު މޭން އޮފްދަ މެޗްގެ ތަށި ދޮންބެއަށް ލިބުމުން އެބަލާލާ ހިތުންނެވެ. ” ޖިއާ ތިތަށްޓެއް ބަލާހިތުން ގެއަށް ނާދެވިފަ ހުރީ” މަންމަ އެންމެން ކައިރީގައި އަހަރެން އުޅުނު ގޮތް ކިޔާދިނުމުން އެންމެން ހޭންފެއްޓިއެވެ. “މަންމާ މާދަން ހުކުރެއްނު.. ހިނގާބަލަ ދަތުރުދާން މިތާ އިތް ތުނޑިއަށް.. ކިހާ ދުވަހެއްވެދާނެ މޫދަށް އެންމެން އެކީގައި ނުދާތާ” ދޮންބެ އެހެން ބުނުމުން އަހަރެން ސޯފާ މައްޗަށް އަރާ ތިރިއަށް ފުންމާލީ ޔޭ ކިޔާލަމުންނެވެ. އަހަރެން އެންމެ އުފާވީ ބައްޕަވެސް ދާނެކަމަށް ބުނުމުންނެވެ.
މެނދުރު ނަމާދު މަންމައާއިއެކު ކޮއްލުމަށްފަހު އަހަރެން ގޭތެރޭގައި އެނބުރުނީ ދޮންބެމެން ލަސްކަމުންނެވެ. ތުނޑިއަށް ހުކުރުން ފައިބައިގެން ދާގޮތަށް އިނުމުން އިރު އިރުކޮޅާ ގަނޑިއަށް ބަލާލެވެނީ ބައްޕަމެން ލަސްވާތީއެވެ. “މިހާރު ޖިއާ އެބަ އުޅޭ ހުކުރަށް ދިޔަމީހުން ލަސްވެގެން.. ދެންވެސް ދޭބަލަ އެއްޗެހި ބަދަލު ކުރަން” މަންމަގެ އަޑަށް އަހަރެން ސިޓިންރޫމްއަށް ނިކުތްއިރު ދޮންބެއާއި ތުއްތު އެއްޗެހި ބަދަލު ކުރަން ވަންނަނީއެވެ. “މަންމާ ކޮބާ ބައްޕަ” ބައްޕަގެ ހަބަރެއްނުވުމުން އެންމެފަހުން އަހަންނަށް މަންމަ ކުރެން އަހާލެވުނެވެ. “ބައްޕަ ކުއްލި ގޮތަކަށް ކައިރީގައި އޮތް ރަށަކަށް ފުރަންޖެހުނީ އޮފީސް ކަމަކު” މަންމައަށް ވުރެށް ކުރިން ފަރީޝައްތަށް އެހެން ބުނުމުން މަންމަ އަހަރެންނަށް ބޯޖަހާލީ އެއީ ތެދެކޭ ބުނާފަދަ ގޮތަކަށެވެ.
ދަތުރު ދިޔުމަށްޓަކާ އަހަރެމެން އެންމެން ދިޔައީ ހިނގާލާފައެވެ. މަންމަ މަސްބަތް ތެއްޔެއް ކިހިލި ޖަހައިގެން ހުރި އިރު އަހަރެން ދިޔައީ ބޮޑު ކޯކު ފުޅިއެއް ހިފައިގެންނެވެ. މަސްބަތަކީ އަހަރެންނަށް ވަރަށް މީރުއެއްޗެކެވެ. މަންމަ އެ ތައްޔާރު ކުރީ އަހަރެންނަށް މީރު އެއްޗަކަށް ވުމުންކަން އަހަންނަށް އެނގެއެވެ. “މަންމާ.. ދެން މަސްބަތްތަ.. ފްރައިޑް ރައީސްއެއް ހަދާލި ނަމަވެސް” ތުއްތު އެހެން ބުނީ ހަމަ ޖެއްސުމަށްކަން އަހަންނަށް އެނގެއެވެ. ތުއްތު އެހެން ބުނުމުން އަހަރެން އިސްޖަހާލީ ކުއްވެރިއެއް ފަދައިންނެވެ. އަހަރެން ސިހިފަތް ފަހަތް ބަލާލީ އަހަރެންގެ ބުރަކަށީގައި މީހަކު ފިރުމާލުމުންނެވެ. އެއީ ފަރީޝައްތަކަން އެނގުމުން ތުންފަތް މައްޗަށް ހިނިތުންވުމެއް އަހަރެން ގެނުވީމެވެ.
ހުރިހާ އެއްޗެހި ބެހެއްޓުމަށްޓަކާ ޖާގައެއް ތުއްތުއާއި ދޮންބެ ހަދާދިނެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ދޮންބެއާއި ތުއްތު މޫދަށް އެރުމުން އަހަރެންވެސް މޫދަށްދާން ބޭނުންވިއެވެ. އެހެން ނަމަވެސް މަންމަ ނުފޮނުވީ އަދި މޫދަށްއެރޭން ނުވާކަމަށް ބުނެއެވެ. “ދޮންބޭ ދޮންބޭ.. ދޮންބެ ފަޔަށް ކިހިނެއްވީ” ތުއްތުގެ އެހީގައި ދޮންބެ އެއްގަމަށް އެރުވިތަން ފެނި އަހަރެން އަވަސް އަވަހަށް ދޮންބެއާއި ސުވާލު ކޮއްލީމެވެ. “ސާބަސް ޕުޑިންގަނޑަށް.. އަކުނިވަޔަށް ދަމައިގަތީ.. އިރުކޮޅަކު މިހެން ހުރެލީމަ އޯކޭވާނެ.. ދޮންބެ އޯކޭ ވީމަ ވާނެ ދޮންބެއާއެކު މޫދަށްދާން” ދޮންބެ އެހެން ބުނުމުން ހުރިހާ ދަތެއް ފެންނަ ވަރަށް އަހަރެން ހީލީމެވެ. އެހެން ނަމަވެސް ދޮންބެ މޫދަށް އެރުން މަންމަ މަނާކުރުމުން އަހަރެންގެ ހިނިތުންވުން ފިލާދިޔައެވެ. “ދަރިފުޅާ ހިނގާ މަންމަ އާއެކު މޫދަށް.. ފަރީޝާ ނޭރޭނަންތަ” ފަރީޝައްތަ ނުދާނެމޭ ބުނުމުން މޫދަށް އެރެން ދިޔައީ އަހަންނާ މަންމައެވެ. އަހަންނާ މަންމައާއި ސަކަރާތް ޖަހާތަންބަލަން އެންމެން ވެލިގަނޑުމަތީގައިއިނެވެ. “ދަރިފުޅާ މަންމައެބަ އަންނަން ފެންފޮދެއް ބޯލައިގެން.. ނުދައްޗޭ ދުރަށް..” މަންމަ އަހަރެން އެކަނި ބަހައްޓާފައި ދިޔެއް ކަމަކު އަހަރެން ހުރީ ހަމަ ޖެހިލައިގެންނެވެ. އެހެން ނަމަވެސް ބަނޑު ދަށަށް ލައިގެން އޮތް ބޯޅަ ބަނޑުން ކައްސާލައިގެން އޮޔާވީކޮޅަށް ގެންދަން ފެށުމުން އަހަރެންވެސް ބޯޅަ ފަހަތުން ދިޔައީ އެއްވެސް ބިރެއްނެތިއެވެ. އެހެން ނަމަވެސް ދެވުނީ ވަކި ހިސާބަކަށެވެ. އަހަރެންނަށް ފަތަންނޭގޭކަން ހަނދާންވީ ދެނެވެ. އޭރު އަހަރެން ހުރީ ހަށިކާވަރަށް ވުރެއް ދުރުގައެވެ. “މަންމާ.. ބައްޕާ.. ދޮންބޭ.. ދޮންބޭ” އަހަރެން އަޑުގެ ނެއްތަނަށް އެންމެންނަށް ގޮވަންފެށީމެވެ. އެގޮތަށް ތިން ހަތަރު ބުރު އަހަރެންނަށް ގޮވުނެވެ. ދެން އިހުސާސްވީ މީހަކު އަހަރެން އުފުލާލި ކަމެވެ. އެހެން ނަމަވެސް އަހަރެން އެކި ގޮތް ގޮތަށް ތެޅެމުން ދަނިކޮށް އަހަރެންނަށް ވަރަށްބާރަށް އަހަރެންގެ އުޅަނބޮށިން އެމީހެއްގެ މޫނުގައި ޖެހުނެވެ. އަހަރެން ގޮވައިގެން ހުރީ ކާކުތޯ ނުބެލެނީސް އަހަރެންނަށް ހުރިހާތަނެއް ނުސާފުވާން ފެއްޓިއެވެ. އިރު އިރުކޮޅާ މަންމަ އަށް ގޮވާލެވެނީ ސަލާމަތަށް އެދިއެދި އެވެ.
ނުނިމޭ….
8 Comments!
Comments are closed.
dear all.. thnk u all for ur support and who waited for this part.. hope u all will like this part too.. lov u all :*
varah reethi mibai vx 😀
yayyyy…….. m the frst… hehe… vrhhhh salhi mi prt vx…
wen nxt prtt???? cnt waitt… vrh reethi mi vaahaka immy ah
V reethi
Alhey…. mi part ves v v v reethi… waiting for the next part ? just loved it ?
nice!
Vatah varah nice when next part???
Thank u guyxx. ?? nxt part insha allah sundayga. ☺️☺️