Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 34

Esfiya Level 310 Stories100 Login
December 25, 2015 7 Mins Read
5 Comments

“ވެއްޖެ ކޮޓަރީގަ!” އާއިޒު މަޑުމަޑުން ޖަވާބުދިނެވެ.

އާއިޒު ނިކުތީ ބޭރަށެވެ. ޝަކީބު އާއި އެކީ މަސައްކަތުގައި އުޅުނު އިރުވެސް އިރުއިރު ކޮޅާ ގޭތެރެއަށް ނަޒަރު ހިންގާލެވެއެވެ. ޖާހަތު ކޮބައި ހެއްޔެވެ؟ ހިތް ތަކުރާރުކޮށް އެއް ސުވާލެއް ކުރަމުން ދިޔައެވެ.
މަސައްކަތް ނިންމާލެވުނު އިރު ދިހަ ގަޑި ބައިވަނީއެވެ. ސައުދިއްޔާ ޖޫސް ތަބަކެއް ހިފައިގެން ނިކުތެވެ. ސައުދިއްޔާވެސް ޖާހަތު ނުފެނިގެން އެއްޗެކޭ ނުބުނުމުން އާއިޒުގެ ހިތް އިތުރަށް ބާރަށް ތެޅެމުން ދިޔަފަދައެވެ.

“މަންމާ! ކޯއްޗެއްތަ މެންދުރަށް ކައްކަނީ؟” ވިސްނާލުމަށްފަހު އާއިޒު ސައުދިއްޔާއާ ސުވާލުކޮށްލިއެވެ.
ސައުދިއްޔާ ހައިރާންކަމާއެކީ ބަލައިލިއެވެ. “ކިހިނެއްވީ؟ ދަރިފުޅު ބޭނުމީތަ ވަކި އެއްޗެއް؟” ސުވާލުކޮށްލެވުނީ މިއީ އާއިޒު ދުވަހަކުވެސް ކުރި ސުވާލަކަށް ނުވުމުންނެވެ.

ނޫނެކޭ ބުނަން ދެކޮޅަށް ބޯ ހޫރާލަމުން ސައުދިއްޔާ އަތަށް ޖޫސް ތަށި ދިއްކޮށްލުމަށްފަހު ގޭތެރެއަށް ހިނގައިގަތެވެ. ސައުދިއްޔާ އާއި ޝަކީބު އެކަކު އަނެކަކަށް ބަލައިލެވުނީ ސުވާލު އުފެދޭ ނަޒަރަކުންނެވެ.
އާއިޒު ކޮޓަރީގެ ދޮރުގައި ހިފުމަށް އަތް ދިއްކޮށްލި ނަމަވެސް ފަސްޖެހޭ ގޮތެއްވިއެވެ. އެނބުރި ބޭރަށް ހިނގައިގަތެވެ.

ހުކުރު ވަގުތު ޖެހުމުން އާއިޒު ގެއަށް އައެވެ. ކޮޓަރީގައި ޖާހަތެއް ނެތެވެ. ހުކުރުން ފައިބައިގެން އައިސް ކާން އިން އިރު ބަދިގެއިންވެސް ޖާހަތު ފެންނާކަށް ނެތެވެ. އެތަން މިތަނަށް ނަޒަރު ހިންގެމުން ދެވުނެވެ. ނަމަވެސް ޖާހަތުގެ ހިލަމެއް ނުވެއެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް ސައުދިއްޔާއާ ސުވާލުކޮށްލަން ހިތް އެއްބަހެއް ނުވިއެވެ.

އިރުއޮއްސި އަނދިރިވެއްޖެއެވެ. ޖާހަތު ޔާނާމެންގެ ގޭގެ ދޮރު ތަޅު ހުޅުވުމަށްފަހު އެތެރެއަށް ވަދެ ބޮކި ދިއްލާލިއެވެ. ގޭތެރޭގައި ވަނީ ހަމަ ހިމޭންކަމެވެ. ސޯފާގައި އިށިނދެލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. ޔާނާ މަތިން ހަނދާންވުމުން ލޮލުން ކަރުނަ ހިލުނެވެ. އެކަނިވެރިކަން އިހުސާސްކުރެވި ރޮވޭ ގޮތްވިއެވެ.
ޔާނާ ފުރައިގެން ދިޔަ ފަހުން ޖާހަތުއާ އެއްވެސް ގޮތަކަށް ގުޅިފައެއް ނެތެވެ. ކުއްލިއަކަށް ކަމެއް ހަނދާންވި ފަދަ ގޮތަކަށް ޖާހަތު ތެދުވެގެން ގޮސް ގޭ ފޯނުގެ ވޮއިސް މެސެޖް ޗެކް ކޮށްލިއެވެ. ފޯނުން އިވެމުން ދިޔައީ ޔާނާ ޖާހަތު އަށް ގުޅުމަށްޓަކައި ކުރި މަސައްކަތުގެ އަޑެވެ. މޯބައިލަށް ނުގުޅޭ ކަމަށާއި ޔާނާ ބުނާ ނަމްބަރަށް ގުޅުމަށެވެ. ކައިވެނި ކޮށްފިން ތޯ އާއި އެއީ ކޮންކަހަލަ ކުއްޖެއްކެމެވެ. ސައުދިއްޔާގެ ހާލު ރަނގަޅުތޯއެވެ. ޖާހަތު އުޅެމުން ތިދަނީ އުފަލުގައި ތޯއެވެ. ޖާހަތު ދުވެ ގޮސް ސޯފާ މައްޗަށް ވެއްޓިގަތެވެ. ބާރަށް ރޮއިގަނެވުނީ އިތުރަށް ކެތްނުކުރެވުނީމައެވެ. ގިސްލަގިސްލަމުން ޖާހަތު ވާހަކަ ދެއްކިއެވެ.

“ޔާނު! ތިއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނޭނގެ. އެނގެނީ އެންމެ ކަމެއް. މިތަނުގައި އަހަރެން ވަރަށް އެކަނިވެރިކަން. އަހަރެންނަށް އަހަރެންގެ ކުރިމަގު އޮންނާނެ ގޮތް ހިތަށް ގެންނަންވެސް ނޭނގެ. މިސިކުންތުގައި މިތަނުގައި ހުރެފައި ދެވަނަ ސިކުންތުގައި ހުންނާނެ ތަނެއްވެސް ނޭނގޭ. ޔާނު! އަހަރެން ކިހިނެތް ހަދަންވީ؟ ޕްލީޒް! ބުނެދީބަލަ؟” މެސެޖްތައް ރިޕީޓްވަމުން ދިޔައެވެ. ޖާހަތުގެ ރުއިމަކަށް ހުއްޓުމެއް ނައެވެ. އެހިތުގައި އަޅަމުންދިޔަ ވޭން ކަރުނައިގެ ސިފައިގައި ފައިބަމުންދަނީއެވެ. ރޮއި ރޮއިވެސް ހިތަށް ހަމަ ޖެހުމެއް ނުލިބުނެވެ. މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

ފައިވް ސްޓާރ ރެސްޓޯރެންޓަކަށް ޔާނާ އީމަން އަދި ރީމް ވަދެގެން ދިޔައެވެ. ކަޅާއި ހުދުގެ ޔުނިފޯރމެއްގައި ހުރި ފިރިހެން ވެއިޓަރަކު މަގުދައްކަމުން ދެއެވެ. ޔާނާ ވަށައިގެން ބަލައިލިއެވެ. އިއްޒަތްތެރި ކަމާއި ޝަރަފުވެރިކަމާއެކީގައި ތިބި މީހުން ފިޔަވައި އެހެން އެއްވެސް ބައެއް ނެތެވެ. ކޮންމެ ބަޔަކުވެސް ތިބީ އަމިއްލަ މިނިވަންކަމާއެކީއެވެ. އިތުރު ބައެއްގެ އުނދަގުލެއް ނުފޯރައެވެ.

ޔާނާމެން މޭޒުކައިރީގައި އިށީންދެލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ވެއިޓަރަކު އައިސް ފެންތަށިތައް ބަހައްޓާލަދީފައި މެނޫ ދިނެވެ. ތިން މީހުންވެސް މެނޫ ޗެކް ކޮށްލުމަށްފަހު ކާން ބޭނުންވާ އެއްޗެއްސަށް އޯޑަރު ދިނެވެ.

“ވަރަށް ރީތި ތަނެއް ދޯ މިއީ! ކެއުންވެސް ވަރަށް މީރުވާނެ.” ވެއިޓަރު ދިޔުމުން ތިންމީހުންގެ މެދަށް ވެރިވާންފެށި ހަމަ ހިމޭންކަން ފޫދުއްވާލަމުން ރީމް ވާހަކަ ދައްކަން ފެށިއެވެ. ޔާނާއާއި އީމަން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަ ހިމޭންކަމެވެ. ދައްކަންވީ ވާހަކަ އެއް ޔާނާއަކަށްވެސް ނުވިސްނުނެވެ. ބޭއިޚްތިޔާރުގައި ފޯނާއި ކުޅެން ފެށިއެވެ. ގެލެރީ ހުޅުވާލުމާއެކީ ޖާހަތުއާ ޔާނާގެ ކުރީގެ ހަނދާންތައް އައު ވެގެން ދިޔައެވެ. ހިތަށް އެރިއެވެ. އަދި އެއްފަހަރު ގުޅޭތޯ ބަލާލާނަމެވެ. ގޭގެ ނަމްބަރަށް ޑަޔަލްކޮށްލިއެވެ.

ސޯފާގައި ނިދިފައި އޮތް ޖާހަތު ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑަށެވެ. ފުރަތަމަވެސް ނަޒަރު ހިންގާލެވުނީ ފާރުގައި ހުރި ގަޑިއަށެވެ. ގަޑިން ދިހަގަޑި ބައިވަނީއެވެ. ކުރީ ރޭގައި ނުނިދާ ހުރުމުންނާއި ގިނައިރުތަކެއް ވަންދެން ރުއިމުގެ ސަބަބުން ހަށިގަނޑަށް ނިދި ޖެހުނު އިރެއްވެސް ޖާހަތުއަށް ނޭނގުނެވެ. އަވަސް އަވަހަށް ތެދުވެ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

“ހަލޯ! ދަރިފުޅާ! މަންމަ ކޮންއިރެއް ދަރިފުޅު ހޯދާތާ؟ އަދިވެސް ނުނިމެނީތަ ގޭ ސާފުކޮށް؟” އެކޮޅުން ވާހަކަ ދެއްކީ ސައުދިއްޔާ އެވެ. ޔާނާ މެންގެ ގޭ ސާފުކޮށްނުލެވޭތާ ދުވަސްކޮޅެއްފަހުން ޖާހަތު މެންދުރުފަހުން އެގެއިން ނިކުތީ ގެ ސާފުކޮށްލަން ކަމަށް ބުނަމުންނެވެ.

“ހްމްމް. މި ނިމުނީ” ޖާހަތު އަޑު ރަނގަޅުކޮށްލަމުން ބުނެލިއެވެ.
“މަންމަ އާއިޒު އެބަ ފޮނުވަން އިނގޭ ދަރިފުޅު ބަލާ.” ސައުދިއްޔާ ބުނެލިއެވެ. ޖާހަތު އެކަނި ހިނގައިދާނެ ކަމުގައި ބުނުމުންވެސް ސައުދިއްޔާ ހިތްހަމައެއް ނުޖެހުނެވެ. ސައުދިއްޔާ ކުރު ނުކުރުމުން އެންމެ ފަހުން ޖާހަތު އެއްބަސްވިއެވެ.

ޔާނާ ދެތިން ފަހަރަށް ފޯނު ޑަޔަލް ކޮށްލިއިރުވެސް ގުޅޭގޮތެއް ނުވެއެވެ. ކުއްލިއަކަށް މުޅި ރެސްޓޯރެންޓް އަނދިރިވެގެން ދިޔައެވެ. ޔާނާ ސިހި ވަށައިގެން ހޯދާލެވުނެވެ.އެއްވެސް ތަނެއް ފެންނަވަރެއް ނުވިއެވެ. ޔާނާއަށް ހައިރާންކަން ލިބިގެން ދިޔައީ ސްކްރީނެއް ދިއްލިގެން ދިޔުމާއެކު އެއިން ފެންނަން ފެށި ޔާނާއާ އީމަންގެ ފޮޓޯ ތަކުންނެވެ. ކައިވެނީގެ ރޭގައި ނަގާފައި ހުރި ފޮޓޯ ތަކާއި އެއަށްފަހުވެސް ނެގިފައި ހުރި އެކި ފޮޓޯތަކެވެ. “އީމް! މިއީ ކޮންކަމެއް؟” ޔާނާ މަޑުމަޑުން އީމަންއާ ސުވާލުކޮށްލިއެވެ. އީމަންވެސް އިނީ ވާނުވާ ނޭނގިފައެވެ.

އަލުން ތަން އަލިވެގެން ދިޔައެވެ. ސްކްރީން ކައިރީގައި ހުރި ރީމް ފެނި އީމަންއާ ޔާނާއަށް ބަލައިލެވުނީ ކުރިން ރީމް އިށިނދެގެން އިން ގޮނޑިއަށެވެ. ރީމް ވާހަކަ ދައްކަން ފެށިއެވެ. ރެސްޓޯރެންޓްގައި ތިބި އެންމެންވެސް ހިއްސާ ކުރަމުންނެވެ. ކުއްލިއަކަށް އަނދިރިކޮށްލަން ޖެހުމުން މަޢާފަށް އެދޭ ކަމަށާއި ނަމަވެސް މިރޭގެ ހާއްސަކަމުން މިފަދަ ކަމެއް ކުރަން ޖެހުނީ ކަމުގައި ބުންޏެވެ. ރީމް ޔާނާއާ އީމަން ތަޢާރަފް ކޮށްދިނެވެ. އަދި އޭނާ ކައިރިއަށް އައުމަށް އެދުމުން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ހައިރާންވެ ތިބެއެވެ. ރީމް ކުރަން މިއުޅެނީ ކޮންކަމެއް ބާއޭ އަދި މިކަންތައް އިންތިޒާމު ކުރީ ކިހިނެތް ކޮންއިރަކު ހެއްޔޭ ދެމީހުންގެ ހިތްވެސް ސުވާލުކުރަމުން ދިޔައެވެ. ތެދުވެގެން ގޮސް ރީމް ކަރީގައި ހުއްޓުނެވެ.

“ޕްލީޒް ގިވް އަ ބިގް ހޭންޑް އޮފް އެޕްލައުޒް ފޯރ ދަ ނިއު ލީ މެރީޑް ކަޕްލް، ޔާނާ އެން އީމަން.” އަޑު ހަރުކޮށް ރީމް ކޮށްލި އިއުލާނާއެކު އެންމެން އަތްތިލަ ބަޑި ޖަހަން ފެށިއެވެ. ޔާނާ ކުޑަކޮށް ފިނިވާ ގޮތްވިއެވެ.

ވެއިޓަރަކު ހިފައިގެން އައި ރަތް ފިނިފެން މަލުގެ ބޮޑު މާ ބޮނޑިއެއް ޔާނާ އާއި އީމަންއަށް ދިއްކޮށްލަމުން ރީމް އެދެމީހުންނަށް މަރުޙަބާ ކިޔެވެ. އަދި ކުރެވިފައިވާ ކުށްތަކަށް އެންމެންގެ ކުރިމަތީގައި މަޢާފަށް އެދުނެވެ.
ފުރަތަމަ ފަހަރަށް ޔާނާ އާއި އީމަންގެ ހިތުގައި ރީމްއަށްޓަކައި އުފާވެރި ޝުއޫރުތަކެއް އުފެދުނެވެ. ހިތްހެޔޮކަމާއެކީ ރީމްގެ ގައިގައި ބައްދާލިއެވެ. އީމަންގެ ހިތަށްވެސް ހިތްހަމަ ޖެހުން އިހުސާސްވެގެން ދިޔަފަދައެވެ. ރެސްޓޯރެންޓްގައި ތިބި މީހުންނަށް އީމަން ހިލޭ މިރޭގެ ކެއުން ދޭނެ ވާހަކަ އިއުލާން ކޮށްލުމާއެކު އަނެއްކާ މުޅި ތަން އަތްތިލަބަޑީގެ އަޑުން ގުގުމައިގެން ދިޔައެވެ.

އީމަންއާ ޔާނާގެ ޝަރަފުގައި ރެސްޓޯރެންޓްގެ ބޭންޑް ހާއްސަ ލަވަ ތަކެއް ގެނެސްދޭންފެށިއެވެ. ރީމް ޔާނާ އަދި އީމަން ގޮސް އިށީނދެލީ އެމީހުންގެ މޭޒުގައެވެ. ވެއިޓަރުން ކާއެއްޗެހި އަރުވަން ފެށިއެވެ. އިއްޒަތްތެރިކަމާއި ޝަރަފުވެރިކަމާއެކީގައެވެ. ތިން މީހުންގެ މެދުގައި ދެން ހޭދަވެގެން ދިޔަ ވަގުތު ތަކަކީ އުފާވެރިކަމާއި މަޖަލުގައި ހޭދަވެގެން ދިޔަ ވަގުތު ކޮޅެކެވެ. އީމަންވެސް ފަސް ޖެހުމެއް ނެތި ރީމް އާ ވާހަކަ ދެއްކުމުން ރީމްގެ ހިތަށް އުފާވެރިކަން އިހުސާސްވެގެން ދިޔައެވެ.

ޔާނާއަށް ރީމްގެ ކިބައިން އާދަޔާ ޚިލާފު އެތަށް ކަމެއް ފާހަގަ ވަމުން ދިޔައެވެ. އީމަންގެ ވާހަކައަށް ހާއްސަ ޝަޢުގުވެރިކަމެއް ދީގެން އިންނަ ކަމާއި އީމަންއާ ދޭތެރޭގައި ހާއްސަ ގޮތަކަށް ކަންތައް ކުރަމުން ދާތަނެވެ. ހިތަށް އެރިއެވެ. މިފަދަ ބޮޑު ބަދަލެއް ލޯބިވާ މީހަކަށްޓަކައި މެނުވީ އައުން އެކަށީގެނެއް ނުވާނެއެވެ. ރީމް ހަމަ ޔަޤީނުންވެސް އީމަންދެކެ ވަރަށް ލޯބިވެއެވެ.

ސިކުނޑީގައި އުފެދުނު ހިޔާލުތަކަކާއެކީގައި ހިތުގައި ޖެހޭ ގޮތްވިއެވެ. އީމަން އެހެން އެއްވެސް މީހަކާ ހިއްސާ ކުރާކަށް ޔާނާ ބޭނުމެއް ނޫނެވެ. ނަމަވެސް ޝަކުވާ ކުރާނީ ކާކު ކައިރީގަ ހެއްޔޭ ހިތް ސުވާލު ކޮށްލިއެވެ؟ އެވަގުތު އަނެއްކާވެސް ޖާހަތު މަތިން ހަނދާންވިއެވެ. ފޯނު ނެގުމަށްފަހު އަނެއްކާވެސް ގެއަށް ގުޅާލިއެވެ.

އާއިޒުގެ އިންތިޒާރުގައި އިން ޖާހަތު ސިޓިން ރޫމުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ނުކައި ހުރުމުގެ ސަބަބުން ބަނޑުހައިކަމުގެ އަސަރުވެސް ދަނީ ކުރަމުންނެވެ.

ފޯނު ރިންގުވާން ފެށިއެވެ. ޖާހަތު ގޮސް ފޯނު ނެގުމަށްފަހު ހަލޯ އޭ ބުނެލިއެވެ.
ޖާހަތުގެ އަޑު އިވުމާއެކު ޔާނާގެ އަރުތެރޭގައި އަޑުތާށިވި ފަދައެވެ. ލޮލުން ކަރުނަ ހިލުނެވެ. އީމަންއަށް އިޝާރާތެއް ކޮށްލުމަށްފަހު ތެދުވެގެން ގޮސް ދުރުގައި ހުރި ބެލްކަންޏަކަށް ނިކުތެވެ.

“ޖާތު!” ޔާނާ ތުރުތުރު އަޅާ އަޑަކުން ގޮވާލިއެވެ.
ޔާނާގެ އަޑު އިވުމުން ޖާހަތުއަށްވެސް ކުރުވީ އެފަދަ އިހުސާސް ތަކެކެވެ. ރޮވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ.
“ޖާތު! ކިހިނެތްތަ؟” ޔާނާ ހިތްވަރުކޮށްފައި ސުވާލުކޮށްލިއެވެ.
“ރަނގަޅެއް ނޫން. ޔާނުއާ ނުލާ އަހަރެން ރަނގަޅުވާނެތަ؟” ޖާހަތު ރޮވިފައި ހުރެ ބުންޏެވެ. ގިނަ ދުވަސްތަކަކަށްފަހު އެކަކު އަނެކަކުގެ އަޑު އިވުމުން ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް ދެމީހުންނަށްވެސް ކުރުވިއެވެ.
“އަހަރެން ހާދަ ވަރަކަށް ގުޅަމޭ! ޖާތު ކޮންތަނެއްގަ ތިއުޅެނީ؟ މެރީ ކޮށްފިންތަ؟ ކިހިނެތްތަ އޭނަ؟ ކޮން ނަމެއްކިޔަނީ؟” ޔާނާ ހިތުގައި އުފެދެމުން ދާ ހުރިހާ ސުވާލުތަކެއް އެއްފަހަރާ ބޭރުކޮށްލިއެވެ.

އެވަގުތު ޓަކި ޖެހި އަޑު އިވިގެން ޖާހަތު ފަހަތަށް އެނބުރި ބަލައިލި އިރު ބޭރު ދޮރުމަތީގައި އާއިޒު ހުއްޓެވެ.

“ޔާނު! ހުރިހާ ސުވާލަކަށް ނެތް ޖަވާބު ދެވޭކަށް. މެރީކޮށްފިން. އޭނަ އަހަރެން ބަލާ އައިސްފި. މާދަމާ އަހަރެން ޔާނުއަށް ގުޅާނަން. އޯކޭތަ؟” ޖާހަތު ބުނެލިއެވެ.
“އާނ މައްސަލައެއްނެތް.” ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. އަދި އިތުރުކޮށްލިއެވެ. “ޖާތު! އެންމެ ސުވާލެއް! ޖާތު އުފަލުގަތަ ތިއުޅެނީ؟” ޔާނާ ހިތަށް ހަމަ ޖެހުމެއް ހޯދުމަށްޓަކައި ސުވާލުކޮށްލިއެވެ.
ޖާހަތު ހުއްޓުން އަރާގޮތްވިއެވެ. ދޭނެ ޖަވާބެއް ނޭނގުމުންނެވެ. “ޔާނު އުފަލުގަތަ ތިއުޅެނީ؟” ޖާހަތު އެސުވާލު އަނބުރާ ޔާނާއަށް ރައްދުކޮށްލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
“ވަރަށް ހެޕީ!” ޔާނާ ފަހަތަށް އެނބުރި ރީމްމެންނަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
“އޭރުން އަހަރެންވެސް ވަރަށް ވަރަށް ހެޕީ.” ޖާހަތު ބުނެލިއެވެ.

ދެމީހުންވެސް ފޯނު ބޭއްވީ ވަކިވާ ހިތަކުންނެއް ނޫނެވެ. ހިތާއި ދެކޮޅަށެވެ. ޔާނާ ހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. އަދި އެއަށްފަހު އީމަންމެން ކައިރިއަށް ގޮސް އިށީންނިއެވެ.

ޖާހަތު ފޯނު ބޭއްވި އިރު ލޮލުން ހުރީ ކަރުނަ އައިސްފައެވެ. ބޭރަށް ނިކުމެ ދޮރު ތަޅުލުމަށްފަހު ދޮރާށިކައިރިއަށް ނިކުތެވެ. އާއިޒު ސައިކަލުގައި އިށީނދެލައިގެން އިނެވެ. ބޭރު ދޮރާށިވެސް ތަޅުލުމަށްފަހު ޖާހަތު ސައިކަލު ކައިރީގައި މަޑުކޮށްލިއެވެ. އާއިޒު ސައިކަލަށް އަރާ ސްޓާރޓް ކޮށްލުމުން ޖާހަތު ފަހަތުގައި އިށީންނިއެވެ. މާލޭގެ ހަލަބޮލި މަގުތަކުން އާއިޒު ދުއްވަމުން ދިޔަ ނަމަވެސް ދިޔައީ ބާރު ސްޕީޑްގައި ކަމުން ޖާހަތު އިނީ ބިރުން ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާގެ ހަޔާތުގައިވެސް ސައިކަލަކަށް އެރިފައިވަނީ ކިތަށް ފަހަރުތޯ ސުވާލުކޮށްލައިފިނަމަ އަތުގެ އިނގިލަތަކުން ގުނާލެވޭނެއެވެ.

ބިރުގަނެފައިވުމުގެ އިތުރުން އާއިޒުގެ ގައިގައި ޖެހިދާނެތީ ވީހާވެސް ދުރުގައި އިނދެވޭތޯ ބަލަމުން ދިޔައެވެ. ގޯޅިއަކުން ބާރު ސްޕީޑްގައި ނިކުތް ސައިކަލަކުން ރެކުމަށްޓަކައި އާއިޒު ގެނައި ކުއްލި ހަރަކާތަކާއެކީ ޖާހަތުއަށް ބާރަށް ހަޅޭއްލަވައި ގަނެވުމާއެކު މޫނު ފޮރުވާލެވުނެވެ. އާއިޒު ސިހި ސައިކަލު މަޑުކޮށްލެވުނެވެ. ޖާހަތު ބޯހިއްލާލުމާއެކު އޭނާގެ ދެއަތް އާއިޒުގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވިފައިވާތަން ފެނުމުން ދެއަތް ދުރުކޮށްލިއެވެ.

“ކިހިނެތް ވީ؟” އާއިޒު ހައިރާންކަމާއެކީ ސުވާލުކޮށްލިއެވެ.
ޖާހަތު ދެފަރާތަށް ބޯ ހޫރުވާލީ ކަމެއް ނުވެޔޭ ބުނާފަދަ ގޮތަކަށެވެ. އާއިޒު އާ ހަތަރު ކަޅި ހަމަ ނުކުރަން މަސައްކަތް ކުރަމުންނެވެ.
އާއިޒު އަނެއްކާވެސް ސައިކަލު ދުއްވަން ފެށިއެވެ. ނަމަވެސް ސިކުނޑީގައި އުފެދުނު ގޮތް ނޭނގޭ އޮއިވަރެއްގެ ސަބަބުން ސައިކަލު ދުއްވަމުން ދިޔައީ ވަރަށް މަޑުންނެވެ.
ޖާހަތުއަށް އެވީ ކީއްތޯ ހިތް ސުވާލުކޮށްލި ހިނދު ތަފާތު ޖަވާބުވެސް އެހިތަށް ވަންނަމުން ދިޔައެވެ. އާއިޒުގެ ލޮލުކުރިމަތިން ފެންނަމުން ދިޔައީ ޖާހަތުގެ ބިރުގެންފައިވާ ދެލޮލެވެ. ކިތަންމެ ނުބަލަން އުޅުނަސް އާއިޒުއަށް އެކަން ފާހަގަ ކުރެވުނެވެ. އިސް ޖަހާލައިގެން އިން މަޑުމައިތިރިކަމެވެ. ހަޔާތުގައި ރީތިކުދިން ކިތަންމެ ގިނައިންވެސް ފެނިފައިވެއެވެ. ނަމަވެސް ޖާހަތުގެ ކިބައިން މިފެންނަމުންދާ ސިފަ އަދި އެއްވެސް އަންހެންކުއްޖެއްގެ ކިބައިން އޭނާއަކަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ހިތް ބުނެލިއެވެ. ކޮން ކަމެއްކަން ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ފޮރުވިފައިވާ ރީތިކަމެއް ޖާހަތުގެ ކިބައިގައި އެބަ ވެއެވެ.

ޔާނާމެން ކެއުން ކުރިއަށް ގެންދަމުން ދިޔައިރު އެހެން މޭޒުތަކުން ނިމިގެން ބޭރަށް ނިކުތުމުގެ ކުރިން އެންމެންވެސް އައިސް އީމަންއަށް ޝުކުރު އަދާކުރިއެވެ. އަދި ޔާނާއާ އީމަންއަށް ހެޔޮދުޢާ ކުރިއެވެ. މިގޮތަށް އައި ގްރޫޕެއްގެ ތެރެއިން މީހަކު ރީމްއާ ސުވާލެއް ކޮށްލިއެވެ.

މިހާ ފުރިހަމައަށް މިހުރިހާ ކަމެއް ކުރިއިރު ތީ މިމީހުންނާ ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ ރީމް އިސްޖަހާލިއެވެ. އީމަންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

“ޝީ އިޒް މައި ވައިފް.” އީމަން ދިން ޖަވާބުން މުޅި މާހައުލަށް ހަމަ ހިމޭންކަން ގެނުވިއެވެ. ރީމްގެ ހިތް އުފަލުން ފޮޅިގަތް ހިނދު ޔާނާގެ ހިތަށް ހަމަ ޔަޤީނުންވެސް ތަދު ވެއްޖެއެވެ. އީމަން ރީމްއަށް ބަލައިލި ހިނދު ރީމްގެ ހިތަށް ވެގެން އެދިޔަ ގޮތް ބުނެދޭކަށްވެސް ނޭނގުނެވެ. އަމިއްލަ ހިޔާލުތަކުގެ ދުނިޔެއިން ތިން މީހުންނަށްވެސް ބޭރަށް ނިކުމެވުނީ އެތަނުގައި ތިބިމީހުންގެ ތަޢުރީފުގެ ބަސްތަކުންނެވެ. ރީމްގެ ހިތްވަރު ގަދަކަމާއި ހިތް ހެޔޮކަމެވެ. އުފާވެރިކަމާއި އެކުވެރިކަމުގެ ލާމަސީލު އާއިލާއެއްގެ ލަގަބު ލިބިގެން ދިޔައިރު ހަޤީޤަތަކީ ކޮބައިކަން އެމީހުންނަށް އެނގޭނޭ ނަމައެވެ.

ކައިނިމިގެން ބޭރަށް ނިކުތް އިރު ޔާނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިފައިވާ ފަދައެވެ. އީމަންގެ ހިތްވަނީ އެކި ސުވާލުތަކުން ފުރިފައެވެ. އެންމެން ކުރިމަތީގައި އެގޮތަށް ބުނުން އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޔާނާ ހިތަށް އަރާނީ ކީކޭހެއްޔެވެ؟

ޖާހަތު ގެއަށް ވަދެވުމާއެކު ވަނީ ކޮޓަރިއަށެވެ. އާއިޒު މަޑުކޮށްލީ ސިޓިން ރޫމުގައެވެ. ކޮޓަރިން ނިކުތް ސައުދިއްޔާއަށް އާއިޒު ފެނުމުން ހައިރާން ވިއެވެ. ކޮންމެވެސް ބަދަލެއް އާއިޒުއަށް އަންނަމުން ދާކަމަށް ސައުދިއްޔާ ބުނެލިއެވެ. އެހެންނޫންނަމަ އެކަނިވެރި މާހައުލެއްގައި އެގޮތަށް ފިކުރަކަށް ގެއްލިފައެއް ނީންނާނެއެވެ.

ސައުދިއްޔާ ދިޔައީ ޖާހަތު ކައިރިއަށެވެ. ޖާހަތު އިނީ އެނދުމަތީގައި އިށީނދެލައިގެންނެވެ. ސައުދިއްޔާ ދޮރު ހުޅުވިކަންވެސް ޖާހަތުއަށް ނޭނގުމުން ޖާހަތު ބޮޑު ފިކުރެއްގައި ހުރިކަން ސައުދިއްޔާއަށް އިހުސާސްވިއެވެ. ހިތުގައި ޖެހުނެވެ. އޭނާއަށް މިކުރެވުނީ ރަނގަޅުކަމެއް ބާވައެވެ. ހީކުރި ގޮތަށް އެއްވެސް ކަމެއް ދާކަމުގެ އަލި އުންމީދެއް ނުފެނެއެވެ. އަނެއްކާ ދެކުދިންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވުނީ ހެއްޔެވެ. ސިކުނޑީގައި ފިކުރުތައް ގިނަވެގަތުމާއެކީގައި އަވަހަށް ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ގައިން ދާހިއްލާލުމާއެކު ނޭވާ ހާސްވާން ފެށިހެން ހީވިއެވެ.

ހިޔާލު ތަކަކަށް ގެނބިފައި ހުރި އާއިޒު ސިހިގެން ދިޔައީ ބަރު އަޑެއް އިވުމުންނެވެ. ސައުދިއްޔާ ސޯފާއެއްގެ މައްޗަށް ވެއްޓިފައި އޮތްތަންފެނި ފުންމައިގެން ތެދުވުމާއެކު ބާރަށް ހަޅޭއް ލަވައި ގަނެވުނެވެ. ޖާހަތުއަށް މިއަޑު އިވިގެން ދުވެފައި ނުކުތްއިރު އަނެއްކޮޓަރިން ޝަކީބު ވެސް ނިކުންނަނީ އެވެ. އާއިޒު ސައުދިއްޔާ ނަގައިގެން ސޯފާގައި ބޭއްވިއެވެ. ސައުދިއްޔާ ދިޔައީ މަޑުމަޑުން ކުކުރަމުންނެވެ. ޖާހަތުއަށް އިނދެވުނީ ވާނުވާ ނޭނގިފައެވެ.

މެލޭޝީޔާގެ ހިތްގައިމު މަންޒަރުތައް ރޭގަނޑުގެ އަނދިރީގައި ބަލަމުން ޔާނާ އީމަން އަދި ރީމް ދިޔައީ ހިނގާލާށެވެ. ތިން މީހުންގެ މެދުގައި އަޖައިބެއްފަދަ ހަމަ ހިމޭންކަމެއް ވެރިވެފައި ވީ ނަމަވެސް ކޮންމެ މީހެއްގެ ސިކުނޑީގައި ތޫފާނެއް އެނބުރެމުން ދާފަދައެވެ. ވަކި ހިސާބަކަށް ދެވުމާއެކު ފިނިބޮޑުވިކަމުގެ އިހުސާސް ޔާނާއަށް ކުރެވި ހީކަރުވައިގަތެވެ. އީމަންއަށް މިކަން އިހުސާސް ކުރެވުނު ހިނދު އީމަން ޔާނާއާ ކައިރިވެލިއެވެ. ރީމްގެ މޫޑު ގޯސްވާގޮތްވިއެވެ.

“ހިނގާ ދަމާ ދޯ؟” ރީމް ބުނެލިއެވެ.
އީމަން އަދި ޔާނާވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ތިން މީހުން އެނބުރި ރެސްޓޯރެންޓަށް ދިޔައެވެ.
ކާރުކައިރިއަށް ދިޔުމާއެކު ރީމް ހުއްޓުނެވެ.
“ކިހިނެތްވީ؟” އީމަން ސުވާލުކޮށްލިއެވެ. ޔާނާވެސް ސުވާލުއުފެދިފައިވާ ނަޒަރަކުން ބަލައިލިއެވެ.
“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ލޯބިން އެކީގަ ވާނަމޭ.. (4)

Next

ލޯބިވާ މަންމާ މަގޭ.. 2

Next
December 25, 2015

ލޯބިވާ މަންމާ މަގޭ.. 2

Previews
December 24, 2015

ލޯބިން އެކީގަ ވާނަމޭ.. (4)

5 Comments!

  1. zaary says:
    December 25, 2015 at 7:45 am

    Haadha lahey up kuraalay

  2. xee says:
    December 26, 2015 at 12:00 am

    Nice

  3. naani says:
    December 27, 2015 at 4:41 pm

    Adhi ehaa lahunn up kuraa eru vx haadha kurey dhw!!! Kada huwaaa!!

  4. Shim says:
    December 29, 2015 at 8:57 am

    Nice but avahah up kohdybala plx vaahaka kiya hithun hureveny eh nun

  5. aishuu says:
    January 7, 2016 at 10:18 pm

    Haadha dhuvahekey dhw vany mi vahaka up vaan..mivarun myhun kiyaa hiy vx kendeyne dhw

Comments are closed.


All Right Reserved!