ކަނޑުފެން (ނުވަވަނަ ބައި) KanduFen p-9
ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ޒީކަށް ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކުރިހެންނެވެ. މަޒީންގެ ކޯތާފަތާއި ޒީކް ކައިރިވެ ކޮލުގައި ބޮސްދިނެވެ. އަދި ކަންފަތް ދޮށުގައި ‘ތޭންކްސް’ އޭ ވައި އަޑުން ބުނުމަށްފަހު ޓެންޓުން ބޭރަށް ހިނގައިގަތެވެ. އެއްމިޔަކަނުން ހިނިތުންވެހުރެއެވެ.
މަޒީންގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ޖަޒުބާތުން ގައިގައި ހުރި ހުރިހާ ލޯލިތަކެއް އެއްފަހަރާ ކޮޅަށް ޖެހުނެވެ. ކައިރިން ދިޔަ ޒީކްގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މަޒީން ހިތް ފުރެންދެން ފުންނޭވާއެއް އެތެރެއަށް ދަމާލިއެވެ.
ލުއި ހިނިތުން ވުމެއްގައި ހުރެ ޒީކް ހިނގައިގަތީ އަލިފާންގަނޑު ކައިިރީގައި މަސް ފިހަން ތިބި ދަތުރުގެ ބައިވެރިންނާ ދިމާލަށެވެ. ނަލަ ހެދިލައިގެން ހުރި ޒީކް ފެނުމުން އެންމެންގެ ނަޒަރު ޒީކަށް އަމާޒުވެގެން ދިޔައެވެ. ޒީކްގެ ގާތަށް ޖެހިލަމުން ތޫބާ އަހާލިއެވެ. “ހެއި…. މިހާރު ކިހިނެއް ވަނީ؟…. ޒީކް މިރޭ އަރާމު ކޮށްލަން ވީނު…”
ޒީކާ މުޚާތަބުކޮށް ތޫބާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ލީވާން އެ ދެމެދަށް ވަދެ ޒީކާ ދިމާކޮށްލިއެވެ. “ހޫން…. ލަންކާގަ އުޅޭ ކުދިންނަށް ނޭނގޭނެ މި ގޮތަށް ދަތުރު އައިސް އުޅޭކަށް…. ދެން ބޯ އަނބުރާ ހޭ ވެސް ނެތޭނެ…. މާ ބޮޑަށް ޓަޔަޑް ވީދޯ ޒީ….”
ލީވާންގެ ވާހަކަތަކުން ޒީކްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުން ވުމެކެވެ. އަދި ރައްދުގައި ބޯ ޖަހާލަމުން ލީވާނަށް ޖަވާބުދާރީ ވިއެވެ. “ހޫން…. މޫދަށް އެރުނީމަ މިއަދު ފާޑަކަށް ޓަޔަޑް ވެފަ ހުރީ… އެކަމު މިހާރު އޯކޭ…..”
ފެންނަމުން ދިޔަ މަންޒަރުން ޒީކްގެ ކިބައިން ތަފާތުތަކެއް ފާހަގަ ވަމުން ދިޔަކަން ތޫބާއަށް އެނގުނެވެ. ނަމަވެސް އެންމެންގެ ތެރޭގައި އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުރީ ޒީކް އެކަހެރިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަލިފާންގަނޑު މަތީ ޖަހާފައިވާ ދަލުގައި ބޮޑު ތިން ރަތްމަސް ފިހަން ބާއްވާފައި އޮތެވެ. މަސް ފިހެވެމުން ދިޔަ އިރު ދުވަމުން ދިޔަ މީރު ވަހުން އެންމެންނަށް ކެތް ނުކުރެވިގެން ދިމަދިމާލުން ކޮށްޓަ ކޮށްޓައިގެން ކާންފެށިއެވެ. އެހިސާބުން ތޫބާ އާއި މިންނާ، މެންދުރަށް ކެއްކި މަސްބަތް ތެއްޔާއި ރިހާކުރު ފުޅިއާ ހިފައިގެން އައިސް ތެލީގައި ހުރި ބަތާއި، ރިހާކުރު އެންމެންގެ ތަށިތައްޓަށް އަޅައިދިނެވެ. ދެން ފިހަމުން އައި މަހުން މަސްކޮޅުކޮޅުު ކޮންމެ މީހަކުވެސް ނައްޓަމުން، ކަމުން ދިޔައެވެ.
ޓެންޓު ތެރެއިން މަޒީން ނުކުމެގެން އައިއިރު އެންމެންހެން ކައި ނިމެނީއެވެ. މަޒީންގެ ބަތްތަށި ހިފައިގެން އައިސް އަލިފާންގަނޑު ކައިރީގައި އިށީނުމަށްފަހު ކާން ފެށިއެވެ. އަދި ވަށައިގެން އުޅޭ އެންމެންގެ ތެރެއަށް ނަޒަރު ހިންގާލީ ޒީކް ވީ ހިސާބެއް ބެލުމުގެ ބޭނުމުގައެވެ. ކައި ނިމި، އަތް ދޮވެގެން މަޒީން ތަށިތައް ބަހައްޓަން މޭޒުކައިރިޔަށް ދިޔައިރު ތޫބާ ތަށިތައް ނަގާ ތަން ސާފު ކުރުމުގައި އުޅޭތަން ފެނުނެވެ. ތޫބާއާއި އެކީ މިންނާއާއި ޝައްފަ ވެސް މަސައްކަތުގައި އުޅުނެވެ. އެ އެންމެންގެ ތެރެއިންވެސް ޒީކް ފެންނަން ނެތުމުން އެކަމާ މަޒީން ކަންބޮޑުވިއެވެ.
އެންމެންފަހުން ޒީކް ނުފެނިގެން ތޫބާ ގާތު މަޒީނު އަހާލިއެވެ. “ހެއި ކޮބާތަ ޒީ؟….”
ތަށިތައް މޭޒުމަތީގައި އެއްބަރިއަކަށް ބަހައްޓާ، ދޮވެގެން ގެނައި ތެލިތައް ބަންޑުން ޖެހުމަށްފަހު ޓެންޓުތަކާއި ދިމާލަށް ހިނގައިގަންނަމުން މަޒީނާ ހަތަރުކަޅި ހަމަކޮށްލުމަށް ފަހު ތޫބާ ޖަވާބުދިނެވެ. “މަށަކަށް ނޭނގެ…. މިތާ އުޅުނު ލީވާން މެންނާއެކީ….”
ތޫބާގެ މޫނުމަތިން ފާޅުވި ކުލަވަރުން ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިކަން މަޒީނަށް އިހްސާސް ވިއެވެ. އިތުރު ސުވާލެއް ނުކޮށް އެނބުރުނީ ވިޝާލްމެން ތިބި ހިސާބަށް ދިޔުމަށެވެ. އޭރު ވިޝާލާއި އީވާން އަދި ރާއިފާއި ލިޝާންމެން ތިބީ އަލިފާން ގަނޑު ދޮށުގައި ސިގިރޭޓް ބޮއި މަޖާ ކުރާށެވެ. ވިޝާލް ގާތުގައި އިށީނުމުން ސިގިރޭޓެއް ބޯލާށޭ ކިޔައި އީވާން މަޒީނަށް ސިނގިރޭޓެއް ދިއްކޮށްލިއެވެ. މަޒީނަކީ ދުވަހަކުވެސް ސިނގިރޭޓް ބުއި މީހެއް ނޫނެވެ. އެހެންކަމުން ބޭނުމެއް ނޫނޭ ބުނެ މަޒީން ދެއަތަށް ބޯ ހޫރާލިއެވެ.
“ހެއި!…. ޒީކް އެއީ ގައްޑާ ބިޓެއް ދޯ…. ލީވާނަށް މިރޭ ސެޓް ވެފަ ހުރީ… ހިނގައްޖެ އެސޮރާ އެކީ ހިނގާލަން….” ރާއިފް ދެއްކި ވާހަކަ ތަކުން މަޒީނަށް ސިހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަމުން އެއްވެސް އަސަރެއް ކުރިކަން ހާމަ ނުކުރަން ބަހެއް ނުބުނެ ހުރީއެވެ. މަޒީނަށް ލަފާ ކުރެވުނީ ރާއިފްގެ ސްޓައިލް ހުންނަ ގޮތުން ކޮންމެ ކުއްޖަކާއި ދޭތެރޭވެސް އެފަދަ ދަށުދަރަޖައިގެ ނަޒަރަކުން އޭނާ ދެކެފާނެ ކަމެވެ. ނަމަވެސް މަޒީނަށް މިރޭ ތޫބާ ދިން ޖަވާބާ މި ވާހަކަތަކާއި ގުޅުމެއް ހުރުމުން އެކަމާ ކަންބޮޑުވުން އިތުވެގެން ދިޔައެވެ.
މަޒީންގެ މޫނުމަތީގެ ކުލަވަރަށް އަންނަމުން ދިޔަ ބަދަލުތައް ވިޝާލަަށް ވަރަށް ފަސޭހައިން ނަގައިގަނެވުނެވެ. އެހެންކަމުން އެތަނުން ތެދުވެ މަޒީން ގޮވައިގެން ބޯ ހަމަޖައްސާލަން ދާން ވިޝާލް ބޭނުން ވިއެވެ. ވިޝާލްގެ ދަޢުވަތަށް އައިސް ހުރި އޭނާގެ އެކުވެރިޔާ ފޫހިވެފައި ހުންނަން އޭނާ ބޭނުން ނުވާތީއެވެ. މަޒީން ފުރަތަމަ ނުދާން ގަދަ ހެދިއެވެ. ނަމަވެސް ވިޝާލް ކުރުނުކޮށް އާދޭސް ކުރަމުން ދާތީ ހިނގާލަން ދާން އެއްބަސްވިއެވެ. އަލިފާން ގަނޑު ކައިރިން ތެދުވެ ތޫބާއަށް މެސެޖަކުން މަޒީނާ އެކު ހިނގާލަން ދާ ވާހަކަ ބުނެލިއެވެ. އެ ދެ އެކުވެރިން އެކީގައި ދޮންްވެލިގަނޑު މަތިން ހިނގާފައި ދިޔައީ އަންނަ ހަފްތާގައި ފަށާ ވޮލީ މެޗުތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރަމުންނެވެ.
ގަޑިން ރޭގަނޑު އެގާރަ ޖަހަނީ އެވެ. އަދިވެސް އަތިރި މަތީގައި ޒީކް ހުރީ ލީވާނާ ސަމާސާ ކުރާށެވެ. މިރޭ ލީވާން ހުރީ ވަރަށް އުފަލުންނެވެ. ރަށަށް ޒީކް އައިކަން އެނގުނީއްސުރެ ޒީކް ކާމިޔާބު ކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ދަތުރުގައި ޒީކް ބައިވެރިވާތީ އެކަމާ ވަރަށް އުފަލުން ހުރެ ދަތުރުދާން އާބަސް ބުނީވެސް އެހެންވެއެވެ. ޒީކްގެ ފަރާތުން ފުރަތަމަ ފެންނަމުން ދިޔަ ރުންކުރު ކަމުން މިކަމަކީ އެހާ ފަސޭހައިން ކާމިޔާބު ވާނެ ކަމެއް ކަމަކަށް ލީވާން ޤަބޫލެއް ނުކުރެއެވެ.
ހޭޅިފަށުގައި ހުރި ގަސްތަކުގެ ތެރެއިން ފަތްތައް ހިކިފައިވާ ތިރި ގަހެއްގެ ގޮފިގަނޑު މަތީގައި ޒީކް އިށީނދެގެން އިންއިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. ޒީކް އިނީ އޭނާގެ ދެފައި އެއް ހަމަޔަކަށް ހަލުވާލަ ހަލުވާލައެވެ. ތިރިއަށް އެލުވާލާފައިވާ ފައިތިލަ ބިމުގައި ނުޖެހި ފޫޓެއްހާ ތަން އުސްކޮށްހުއްޓެވެ.
ޒީކްގެ އުނަގަނޑުގައި ހިފާ އެ ގޮފިގަނޑުން ފޭބުމަށް ލީވާން އެހީތެރިވެ ދިނެވެ. ގަހުން މަޑުމަޑުން ފުންމާލި ޒީކްގެ ފައިތިލަ އައިސް ބިމުގައި ޖެހުމުން އިސްއުފުލާލިއެވެ. އޭރުވެސް ލީވާން ހުރީ ޒީކްގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. ލީވާންގެ ދިގު އިސްތަށިގަނޑު ވައިގެތެރޭގައި އެއްވެސް ތަރުތީބެއްނެތި ހޭވެމުން ދިޔައެވެ. ޒީކް އޭނާގެ އަތުން ލީވާންގެ މޫނު މައްޗަށް އެޅެމުންދިޔަ އިސްތަށިތައް ދުރަށް ޖައްސާލިއެވެ. އެ ދެމީހުންގެ ހަތަރު ކަޅި އަމާޒުވެގެން ދިޔައެވެ.
ލީވާނަށް ކުރަމުން ދިޔަ އިހްސާސްތައް ކިތަންމެހާ ވެސް ފުނެވެ. ޒީކްގެ ލޯބީގައި މަސްތުވެ ދީވާނާ ވެއްޖެއެވެ. ލީވާންގެ ހަށިގަނޑުތެރޭގައި ފޮރުވިފައިވާ ޒީކް އޭނާގެ އަތުތެރެއިން ބޭރުވެގެން ދުއްވައިގަތީ ގަސްތަކުގެ ތެރެއަށެވެ. ލީވާންހެމުން ހެމުން ޒީކްގެ ފަހަތުން ދިޔައެވެ.
ގަސްތަކުގެ ތެރެއަށް ވަދެވުމުން ލީވާނަށް ޒީކް ގެއްލުނެވެ. ޒީކް މިރޭ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމުން އޭނާއަށް ޒީކް ހޯދަން އުނދަގޫވިއެވެ. އެހެން ކަމުން ޒީކްގެ ނަމުން ގޮވަމުން ގަސްތަކުގެ ތެރެއަށް ލީވާން މިސްރާބު ޖެހިއެވެ. ކުރިއަށް ދެވެން ހުރި މަގުތަކުން އެތެރެއަށް ވަންނަމުން ދިޔައިރު ހަނދުވަރުގެ އަލިކަމުން ކުރިޔަށް ދެވެން ހުރި މަގުތައް ސާފުކޮށް ފެންނަމުން ދިޔައެވެ.
ގަހެއްގެ ނިވަލުގައި ފިލާއިން ޒީކް މަޑު ހިނގުމެއްގައި މަގުތަކުން އަޅަމުން ލީވާނަށް ފިލަމުން ދިޔައެވެ. ލީވާން ހުރީ ޒީކް އަތު ޖެހިއްޖިއްޔާ ދެން މިރޭ ދޫނުކުރާނަން ކަމަށް ނިންމައިގެންނެވެ. މިރޭގެ ސަމާސާތަކުން ލީވާންގެ ލޭގައި ކެކެމުންދާ ބާރުު އޮއިވަރުގެ ކުޅި ޒީކަށް ދައްކާލަނަމޭ ހިތް ބުނަމުން ދިޔައެވެ. ކުރިމަތިން ފެންނަންހުރި ފަޅުގެއާ އަރާ ހަމަވުމުން ލީވާން އެ ދިމާލަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އެގޭގެ ފާރުގެ އެޅިގާތައް ނެއްޓިފައިވާ ދިމާލަކުން ޒީކް އެތެރެއަށް ދެމިގަތް މަންޒަރު ލީވާނަށް ފެނުނެވެ. ގާތަކުގެ މަތިން ދުރުދުރުގައި ފިޔަވަޅުއަޅަމުން ލީވާން އެދިމާލަށް މިސްރާބު ބެހެއްޓީ ވަރަށް އުފަލުން ހުރެއެވެ.
އެ ގޭގެ ފުރާޅު ނެތުމުގެ ސަބަބުން ހަނދުވަރުގެ އަލިކަމުން ތަންދޮރު ވަކިވާ ވަރުގެ އަލިކަމެއް ލިބުނެވެ. އެގޭގެ ވަށައިގެން އެތަން މިތަނުން ފާރުގެ ބައިތައް ފައިބާފައި ހުރުމުން ހީވަނީ ގާފުންޏެއް މަތީ އުޅެވޭހެންނެވެ. ވެއްޓިފައިވާ ފާރު ބުރިއެއްގެ މަތީގައި އިށީންދެގެން ލީވާނާ ދިމާލަށް ބަލަން ޒީކް ހުރީ މަސްތީ ގޮތަކަށެވެ. އަތުގެ ޝަހާދަތް އިނގިލިން ކައިރިއަށް އައުމަށް ޒީކް އިޝާރާތް ކުރަމުން އައީ އެއްމިޔަކަނުން ހިނިތުން ވެހުރެއެވެ.
މޫދުގެ ލޮނުގަނޑުގައި ޖެހެމުން އެއްގަމަށް އަންނަމުން ދިޔަ ވައިރޯޅީގައި ތެތްފިނި ކަމެއް އެކުލެވިފައި ވެއެވެ. މި ޖެހޭ ފިނި ވައިރޯޅީގެ ސަބަބުން ލީވާން ހުރީ ހީކަރުވާފައެވެ. ޒީކްގެ ހަށިގަނޑާ ގާތަށް ޖެހިލެވުނީ އެވަގުތު ހީ ފިލުވާލަން ބޭނުން ވުމުންނެވެ. ފާރުބުރިމަތީ އިށީނދެގެން އިން ޒީކްގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓި ހުރި ލީވާން ޒީކްގެ ދެއަތުގައި ހިފާލިއިރު އިހްސާސްވީ ފިނިކަމެވެ. ޒީކްގެ އަތްތިލަ ހީވަނީ ފިނިކަމުން ގަނޑުފެން ގަނޑެއް ހެންނެވެ.
“ޒީ… ހީކަރުވާފަތަ؟…. ހޫނު ކޮށްދޭންވިތަ؟…” ލީވާންގެ ވާހަކަތަކުން ޒީކް ގާތަށް ހިނި އައެއް ކަމަކު އަނގައިން ބަހެއް ނުބުނެއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ލީވާނެވެ.
“ޒީ ޔުއާ ސޯ ބިއުޓިފުލް….. ފިނި ފިނި ތުނި ލޯބި ހަންގަނޑެއް…. އެއްވެސް ހުރަހެއް ނެތި ބައްދާލެވޭނެ ނަމަ…. ސީރިއަސްލީ ޒީ… އަހަރެން ޒީ ވަރަށް ބޭނުން…. އެއްރޭ މަށާއެކީ ހޭދަކޮށްލިއަސް ކެތްނުވާނެ…..” ޒީކްގެ އަތުގެ ކުޑަހުޅުން މައްޗަށް ލީވާންގެ އަތް ހަރަކާތްކުރަމުން ދިޔައެވެ. ކަނދުރާއާ ހަަޔަށް ދިޔުމުން ޒީކްގެ ކަރުދަށުގައި ހިފާލާފައި ލީވާންގެ މޫނާ މޫނު ގާތްކޮށްލިއެވެ.
ޖެހުނު ވައިރޯޅިއާ އެކީ ޒީކްގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ވިހުރިލިއެވެ. ޒީކްގެ މޫނު އޭރު ހުރީ ލީވާންގެ މޫނާމޫނު ޖެހޭހާ ކައިރީގައެވެ. ދެލޯ މަރާލާފައިވާ ލީވާންގެ ތުންފަތް ޒީކާ ދިމާލަށް ދިއްކޮށްގެން ގާތްވަމުން ދިޔައެވެ. ލީވާނަށް ލޯހުޅުވާލެވުނީ ފައިތިލައިގައި ފެން ޖެހި ފިނިކަން އިހްސާސް ވުމުންނެވެ. ލޯހުޅުވާލަމުން ފައިތިލަ އާއި ދިމާލަށް ބަލައިލި އިރު ފައިދަށުގައި މިވަނީ ބޮޑު ފެންގަނޑެކެވެ. ފެންގަނޑު ހުރި ދިމާލުން އަތިމައްޗަށް ބަލާލެވުނެވެ. މޫދު ލޮނުގަނޑާ ވީ ފަރާތުން އެއްގަމަށް އުދަ އަރަމުން ދިޔައެވެ.
ޒީކާ ދިމާލަށް އެނބުރުނު އިރު ލީވާނަށް އެހިސާބުން ފަރުހަކި ވަސް ދުވަން ފެށުމުން ނޭފަތުގައި އަތް އަޅައިގެން ދުރަށް ޖެހިލެވުނެވެ.
“ޒީ ހިނގާ މިތަނުން ދާން…. ހާދަ ނުބައި ވަހެކޭ އެދުވަނީ… އަނެއްކޮޅުން އެހަރަ އުދަ އަރަނީ….” ލީވާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޒީކް ހުރީ އިސްޖަހައިގެންނެވެ.
ޒީކްގެ އަތުގައި ހިފާ ލީވާން ލައްކެއް ޖަހާލިއެވެ. ލީވާންގެ ހަށިގަނޑަށް ހުއްޓުމެއް ގެނުވީ ޒީކްގެ އަތުގައި ހިފާ ދަމާލުމުންވެސް ޒީކްގެ ހަށިގަނޑަށް ގުޑުމެއް ނައިސް ހުރުމުންނެވެ. ޒީކް ހާދަ ވަރުގަދައޭ ހިތަށް އެރިއެވެ. އަދި ޒީކާ ކުރިމަތިލާން ލީވާން އެނބުރިލިއެވެ.
އިސް ޖަހައިގެން އިން ޒީކްގެ ހޭވިފައިވާ އިސްތަށިތަކުން އޭނާގެ މޫނު ވަނީ ފޮރުވިފައެވެ. ޖެހެމުން ދިޔަ ވައިރޯޅި ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ގަދަވަމުންނެވެ. ވަޔާއި އެކުވެގެން އަންނަ ވެލިކޮޅުތަކުގެ ހަމަލާއިން ސަލާމަތްވާން ލީވާން ލޯ ހަނިކޮށްލަމުން އެ ތަނުން ދިޔުމަށް ޒީކް ގާތުގައި ދެވަނަ ފަހަރަށް އެދުނެވެ. ނަމަވެސް ޒީކް ޖަވާބެއް ނުދީ އެއިން ގޮތަށް އިނީއެވެ.
ޒީކްގެ އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. މޫނުމަތީގައި ތަފާތުތަކެއް ފެންނަން ހުއްޓެވެ. ދެލޯވަނީ ރަތްވެފައެވެ. މޫނުގެ ދެދިމާލެއް ވަނީ ޒަޚަމްވެފައެވެ. ތުންފަތުގެ އެއްމިޔަކަނުން އޭރުވެސް ލޭއައިސްފައި ހުއްޓެވެ. ޒީކް ހުރިގޮތް ފެނުމުން ލީވާނަށް އޭނާގެ ތުންފަތުގައި ދޫ ހާކާލެވުނެވެ. ލިބުނު ހައިރާން ކަމުން އޭނާގެ ތުންފަތުގައި އަތްޖައްސާލިއެވެ. އަދި އަތުގެ އިނގިލިތަކަށް ބަލާލިއެވެ. ލީވާނުގެ އަތުގެ އިނގިލިތަކުގައި ލޭ ހޭކިފައި ހުރުމުން އޭނާއަށް ތެޅިގަނެވުނެވެ. “މީކޮން ލެޔެއް….” ބިރެއް ފެނިގެންހެން ތުރުތުރުލާ އަޑަކުން ލީވާން ވާހަކަ ދައްކަމުން ޒީކަށް ބަލާލިއެވެ.
ޒީކް އިށީދެގެން ހުރި ފާރު ބުރި މަތިން ތެދުވިއެވެ. އޭނާގެ ހަށިގަނޑަށް ވަނީ އޭރު ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. ހަންގަނޑުވަނީ ރޫ ޖެހި ހުދުވެފައެވެ. ޒީކްގެ ސިފައަށް އައިސްފައިވާ ބަދަލުތަކުން ލީވާންގެ ހިތުގައިވާ ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.
“ޒީކް…. ޒީކަށް ކިހިނެއް ތިވަނީ…” ލީވާނަށް މިހެން ބުނެވުނު އިރު ވަށައިގެން ވާ މާހައުލަށް ބަލާލެވުނީ ސަލާމަތްވެގެން ދުވެފައި ފިލަން ދާންވީ ދިމާލެއް ހޯދަމުންނެވެ.
ޒީކް އޭނާގެ އަތުގެ ޝަހާދަތް އިނގިލި ލިވާނާ ދިމާލަށް ދިއްކުރަމުން އަމުރުވެރި ގޮތަކަށް ވާހަކަ ދެއްކިއެވެ. “ޒީކެއް ނޫން…. މީ ރަނާ….” ޒީކްގެ އަޑުވަނީ މުޅިންހެން ބަދަލުވެފައެވެ. އަޑު ބަރުވެފައި އޭގައި ތަފާތު ބިރުވެރިކަމެއް އެކުލެވިފައި ވެއެވެ.
ޒީކްގެ ސިފައިގައި ލީވާންގެ ކުރިމަތީ ހުރި އަންހެން ކުއްޖާއާ ދުރަށްދާން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ރަނާ ލައިގެން ހުރި ކުރު ހެދުމުގެ ފަސްބައި ދިގުވަމުން ދިޔައެވެ. ހެދުމުގެ ކުލަ މަޑުވަމުން އަޅިކުލައަށް ބަދަލުވަމުން ދިޔައެވެ. އަޖައިބު ކުރުވަނިވި މި މަންޒަރަށް ބަލަން ލީވާނަށް ހުރެވުނީ އަނގައިން ބަހެއްވެސް ބޭރު ނުވެފައެވެ. ފަސްފަހަތަށް ޖެހެމުން ދިޔަ ލީވާނާ ދިމާލަށް ރަނާ އަންނަމުން ދިޔައީ ނުލަފާ ހިނިތުންވުމަކާއި އެކީގައެވެ.
އުދައިގެ ފެންގަނޑު ތެރެއިން ރަނާ ކުރިއަށް އައީ މަޑުމަޑުންނެވެ. ލީވާންގެ ނަޒަރު ހުއްޓުނީ ރަނާގެ ފައިތިލައަށެވެ. ރަނާ ކުރިޔަށް އަންނަމުން ދިޔަ ނަމަވެސް އޭނާ ފިޔަވަޅު އަޅަމުންދާކަން ފާހަގައެއް ނުވެއެވެ. އެހެންކަމުން މިކަމުގައި ނުބައެއް އުޅޭކަން ލީވާން ދެނެގަންނަން މާގިނަ އިރެއް ނުނެގިއެވެ. ދުއްވައިގަންނަން ހިތަށް އަރަމުން ދިޔަ ނަމަވެސް ބިރުގެންފައިވާ ވަރުން މޭތެރޭގައި އޮތް ހިތް ނެގިނެގިފައި ޖެހޭވަރުން ހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ.
ގޮނޑުދޮށާވީ ފަރާތަށް އެނބުރުމަށްފަހު ފެންގަނޑު ތެރެއިން ހަލުވިކޮށް ފިޔަވަޅު އަޅަމުން ދުއްވައިގަންނަން ލީވާން މަސައްކަތްކުރިއެވެ. ނަމަވެސް އެ ކުރި މަސައްކަތް ވީ ބޭކާރެވެ. ރަނާ ލައިގެން ހުރި ހެދުމުގެ ދިގުވެފައިވާ ފަސްބައި ލީވާންގެ ފައިގައި އޮޅާލިއެވެ. ބާރުލާފައި ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުން އެރުމުން ކޮންޓްރޯލުން ނެއްޓި ލީވާން ބަންޑުން ގާތަކުގެ ތެރެއަށް ވެއްޓުނެވެ.
ސަލާމަތަށް އެދި ލީވާން އާދޭސް ކުރަން ފެށިއެވެ. ނަމަވެސް ރަނާއަށް އެއިން އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. ފެންގަނޑު ތެރޭގައި ލީވާން ބަކަތަޅަމުން ދުރަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ގާތަކުގެ މަތީގައި ޖެހުމުގެ ސަބަބުން ނިތްކުރިމަތިން ނަގަމުން ދިޔަ ދިލައިން އެތަނުގައި އަތް އެޅުމަށްފަހު އަތަށް ބަލާލިއެވެ. ލޭގެ އަސަރު ފެންނަން ހުރުމުން ލީވާންގެ ހެޔަށް ގޮތް ވާން ފެށިއެވެ. ލީވާނަކީ އަބަދުވެސް ލޭ ފެނުމުން ފަސްޖެހޭ ކުއްޖެކެވެ.
މިހާރު ރަނާ ލައިގެން ހުރި ހެދުން މުޅިންހެން ވަނީ ހުދުކުލަޔަށް ބަދަލުވެފައެވެ. ފަޒާގެ ތެރެއަށް އޭނާގެ ދެއަތް އުފުލާލި ވަގުތު ޖެހުނު ބާރު ވައިރޯޅިން ރަނާގެ ދިގު ފަން އިސްތަށިގަނޑާއި ލައިގެންހުރި ހުދުކުލައިގެ ހެދުމުގެ ފަސްބައި ވަޔާއި އެކު ނަށަންފެށިއެވެ.
އުދަ އަރަމުން ދިޔަ ދިމާލުގެ އަތިރިމަތިން ލާފައި ލީވާން މަސައްކަތްކުރީ އެ ފަޅުގެއާ ދުރަށް ދާށެވެ. ނަމަވެސް ބިރުންހުރެ ފަސް އެނބުރި ބަލާލެވެއެވެ. ނިއްކުރިމަތިން ނަގަމުން ދިޔަ ދިލަތަދުން އަނެއްކާވެސް އަތްޖައްސާލިއެވެ. ނިތްކުރިން ފައިބަމުން ދިޔަ ތާޒާ ލޭގެ އަސަރު އަތުގެ އިނގިލިތަކުން ފާޅުވޭވޭ ހުއްޓެވެ. މާގިނަ އިރެއް ނުވެ ކަނޑާލި ރުކެއްހެން ލީވާން ލޮނުގަނޑު ތެރެއަށް ވެއްޓިއްޖެއެވެ.
މޫދުގެ ރާޅުޖަހާ ހިސާބުން ހިނގަމުން ދިޔައިރު ވިޝާލް ހުރީ އިންތިހާއަށް ހީކަރުވާފައެވެ. ވިޝާލް ހުރީ ސޯޓުގެ ޖީބަށް އެއްް އަތްޖަހައިގެން ތުނބުގައި ސިނގިރޭޓެއް ޖަހައިގެންނެވެ. އެކި ކަހަލަ ވާހަކަތައް ހިއްސާ ކުރަމުން ދިޔައިރު މަޒީނު ހުރީ އިރުއިރުކޮޅާ އޭނާގެ ފޯނުގެ ޑިސްޕްލޭއަށް ބަލަބަލައެވެ.
“ކޯއްޗެއް ތި ބަލަނީ؟….. ދައްކަބަލަ މަށަށްވެސް ތިބަލާ އެއްޗެއް…” މަޒީންގެ ސަމާލުކަން ހޯދަންވެގެން ވިޝާލް ސަމާސާ ރާގަކަށް ބުނެލިއެވެ.
“އަސްލު ޒީކް ވީ ހިސާބެއް ބަލާލަން ހިތަށް އަރުވައިގެން މިހުރީ…. ރާއިފް އެހެން ބުނީމަ އަސްލު މަ ވަރަށް ހިތްހަމަ ނުޖެހުނު…. ޒީ އަކީ އެބުނާ ކަހަލަ ކުއްޖެއް ނޫން… ޝީޒް ގުޑް…. އެންޑް ޑިފަރެންޓް…” މަޒީންގެ ހިތުގައި ސިއްރު ކޮށްގެން ހުރި ވާހަކަތައް އެކުވެރިޔާއާ ހިއްސާ ކުރިއެވެ.
“ހޫން…. މަށަށްވެސް އިނގޭ ތިކަން…. ތޫބާ މަށަށް ކިޔައިދިން ޒީކްގެ ގޮތް…. ޒީކަކީ ވަރަށް ބަސްއަހާ ކިޔަވާ ހީވާގި މަންޖެއެއް… ދެންސަކަ ގޮތެއް ހުރެދާނެ… ބަޓް ހަމަ ވަރަށް އިނޮސެންޓް…” ވިޝާލަށް ފެންނަ ގޮތް ހާމަކޮށްދިނެވެ.
“ހެއި މިހާރު އެހެރަ ބާރަ ޖަހާ ބޮޑުވީ…. ހިނގާ ޒީކް ކޮބާތޯ ބަލަން… އައި ޑޯންޓް ޓްރަސްޓް ލީވާން…” ފޯނުން ގަޑި ބަލާލުމަށްފަހު ރޯ މަހެއްހެން މަޒީން ތެޅިގަތެވެ.
ޖީބުގައިވާ ފޯނު ނެގުމަށްފަހު ވިޝާލް ތޫބާއަށް ގުޅާލިއެވެ. އަދި އިޝާރާތުން މަޒީން ކައިރީ ވާހަކަ ނުދެއްކުމަށް ވިޝާލް އެދުނެވެ. ކުރިން ވިޝާލް ފޮނުވި މެސެޖަށް ޖަވާބެއް ނުލިބޭތީ ތޫބާ ނިދީ ބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ރިންގް ވޭވޭ ދިޔައިރުވެސް ފޯނަށް ޖަވާބެއް ނައިސް ލަސްވުމުން، ފޯނު ނުނަގާނެ ކަމަށް ވިޝާލް ހިތަށް އެރިއެވެ. ނަމަވެސް އެ ފޯންކޯލް ކަނޑާލަން މަސައްކަތް ކުރި ދަނޑިވަޅުގައި އެކޮޅުން ފޯނުނެގިއެވެ. އެހެން ކަމުން އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ…” ތޫބާ ވާހަކަ ދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ.
“ހެއި ބޭބީ…. ނުނިދަންތަ؟… މަ މިއުޅެނީ މަޒީނާއެކީގަ؟…. މިހާރު މިއުޅެނީ ނިދަން ދާން ކަމަށް…” ވިޝާލް ވާހަކަ ދެއްކީ ވަރަށް ދުރުދުރުންނެވެ.
“ހޫންންންން… ނިދާފަ މިއޮތީ….. ވިޝާލް ގުޅީމަ މިހޭލެވުނީ…. ލަސްނުކޮށް އަވަހަށް ނިދަންދޭ…. އިނގޭ…” ފަހުބަސް ބުނެލި އިރު ތޫބާ އާފުރުނު އަޑު އިވުނެވެ.
“ކޮބާ ޒީކް؟..” އެންމެ ފަހުން ވިޝާލް އަހަން ބޭނުންވި ސުވާލުކޮށްލިއެވެ.
“އޭނަ އެބައޮތް ނިދާފަ….. އޯކޭ ތޫ ނިދަނީ…. ވަރަށް ޓަޔަޑް… ގުޑްނައިޓް… ލަވްޔޫ..” ތޫބާ ކަންނެތް ގޮތަކަށް މިހެން ބުނެލިއެވެ.
“އޯކޭ ބޭބް… ގުޑްނައިޓް.. ލަވްޔޫ ޓޫ..” ވިޝާލް ފޯނު ބޭއްވުމުން މަޒީން ދެލޯ ބޮޑުކޮށްގެން ވިޝާލަށް ބަލަން ހުރީ ތޫބާ ދިން ޖަވާބު އަޑު އެހުމުގެ ބޭނުމުގައެވެ.
“ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން…. އޭނަ އެބައޮތް ނިދާފަ… ރާއިފްމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ….” މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޒީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ ފޯނަށް ޖަވާބު ދިނީ ޒީކެވެ. ފޯނު ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. ތޫބާގެ ބޯ ދަށަށް ލައިގެން އޮތް ބާލިސް ކައިރީގައެވެ. އެއަށްފަހު ޒީކް ލައިގެންހުރި ކަޅު ހެދުން ބަދަލުކޮށްގެން ތަންމަތީގައި އޮށޯވެލިއެވެ. އަދި ލޯމަރާލި އިރު ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
= ނުނިމޭ =
17 Comments!
Comments are closed.
this really intresting Ingey ???
Waiting for the next part ❤️❤️
thanks for reading Naaji 🙂 😀 <3
Oh god, aslu zeek kobaibaa dhen..btw Story is awsum..i lyk it a lot..waitin for nxt part..
🙂 thank you so much 🙂
v v v salhi ekam hada kurey
kuruhen heevaneee ehen episodes ahvureh dhigukoh mifaharu mi genesdhineee….. 🙂 thanks for reading… n glad u liked it
@red leaf
haadha kurey? dhigu hama.
Very interesting. ?
Wow. I just need to know what will happen nxt and whos her next target.
Story kuriyah genesdhey gpiy vara vara furihama.
I can see ur growth from ur writing.
Jope i can get more unique stories from u
Good job….
story v reethi. waiting for nxt prt.
Thanks &gurey &Reen &saffa
Thank you fo reading….. Insha allah this weeks Thursdaynext part 🙂
Thursday? I cnt wait nw also :(.. bt wil wait eagerly..
Haadha buruveriey…. ekamves kiyahithun hureveny eh noon… waiting for next episode….. 🙂
Maikkalaaakoo
Mirey nuves nidheyne
Mivaahaka v salhi
Most interesting story ever
What’s happening its scary ingey but v v v nice