“ހަލޯ! ހަމްނާ ދޯ؟ މިއީ…” އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާއަކީ ކާކުކަން އެނގޭވަރެއް ނުވިއެވެ. ހަމްނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެން ވާހަކަދައްކަން ފެށީ އެހެން މީހެކެވެ. “މިއީ ރައްޔާން! ފޯނު ބާއްވަން ހިތަށް ވެސް ނާރުވާތި. އެހެންނޫނީ ހަމްގެ ހުރިހާ ފޮޓޯއެއް ލީކުކޮށްލާނަން!” ރައްޔާންގެ އިންޒާރު އިވުމުން ހަމްނާ ސިހުނެވެ.

އެކަމަކު ދެން ހިތަށް އެރިއެވެ. ހަމްނާގެ އެބުނާ ކަހަލަ ފޮޓޯއެއް ރައްޔާން އަތަކު ނުހުންނާނެއެވެ. ގުޅުމަށް 5 އަހަރު ވީއިރުވެސް ހަމްނާ ވަކި މިންގަނޑުތަކެއް ގެންގުޅުނެވެ. އެހެން ހިތަށް އެރުމާއެކު ހަމްނާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އެއްޗެއް ނުބުނެ ފޯނު ބޭއްވެން އޮތަސް، ރައްޔާން ރަކިކޮށްލަން ބޭނުންވިއެވެ.

“ތިއުޅެނީ އޮޅިގެން. ރައްޔާންގެ އަތުގަ ހުންނާނީ މަގޭ ފޮޓޯތަކެއް ނޫން، މާހިޔާގެ ފޮޓޯތައް. އަވަހަށް ލީކުކޮށްލާ!”

“ހާދަ ފެންވަރު އޮޅިގެން ތިއުޅެނީ. ހަމްނާގެ ފޮޓޯތައްވެސް މަގޭ އަތުގަ އެބަހުރި. ހަނދާންވޭތަ، މާފުށްޓައް ދިޔަ ފަހަރު، ހަމް ވަރަށް ކުރު އެއްޗެއް ލައިގެން ހުއްޓާ އަހަރެން ގަދަކަމުން ފޮޓޯ ނެގީމެންނު؟ އެކަމާ ރުޅިއައިސްގެން ހަމް އުޅުނީމެންނު އަހަންނާ ވާހަކަ ނުދައްކާ؟ އެންމެފަހުން އެފޮޓޯތައް ޑިލީޓު ކޮށްފީމޭ ކިޔާފަ މަގޭ ފޯނުގެ ގެލެރީ ބަލަން ދިނީމަ ރުޅި މައިތިރިވީ. އެކަމަކު އެނގޭތަ؟ އަހަރެން އެ އެއްޗެހި ފޯނުން ޑިލީޓު ކޮށްލީ ލެޕަށް އަޅާފަ!” ރައްޔާން ހޭންފެށިއިރު، ހަމްނާ އިނީ ބުނާނެ އެއްޗެއް ނޭނގި އަރު ބެދިފައެވެ.

ރައްޔާން އެބުނާ ފޮޓޯތަކަކީ ހަމްނާގެ “ބަރަހަނާ” ފޮޓޯތަކެއް ނޫނެވެ. އެކަމަކު ބުރުގާ އަޅާ ކުއްޖެއްގެ އެފަދަ ފޮޓޯތަކެއް މީސްމީޑިއާއެއް ތަނަކަށް ލީކުވުމުން ހަމަ ގައިމުވެސް އޭގެ އަސަރު ހަމްނާގެ އަބުރަށް ކުރާނެއެވެ. ހާއްސަކޮށް އާއިލާ މީހަކަށް ފެނިއްޖިއްޔާ ހަމްނާ ވަރަށް ބޮޑު ލަދެއްގައި ބެދޭނެއެވެ.

“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟” ހަމްނާ ނިންމީ ފިނޑިނުވެ ރައްޔާނާ ކުރިމަތިލާށެވެ.

ރައްޔާންގެ އޮތީ އެންމެ އެދުމެކެވެ. އެނބުރި މެލޭޝިއާއަށް ފުރުމުގެ ކުރިން އޭނާއާ އެއްފަހަރު ބައްދަލުކޮށްލުމެވެ. ކިތަންމެ ބޭނުންނުވިޔަސް އެކަމަށް އެއްބަސްވުން ނޫންގޮތެއް ހަމްނާއަކަށް ނުފެނުނެވެ.

ރަށުގައި ހޭދަކުރި ޗުއްޓީން ހަމްނާގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ސައުވީސް ގަޑިއިރު ހުރެވެނީ ރައްޔާންގެ އިންޒާރާމެދު ވިސްނާށެވެ. އަދި އޭނާއާ ބައްދަލުކުރަން ދާ ދުވަހު ވެދާނެ ގޮތަކާމެދުވެސް މެއެވެ.

ދުވަސްތައް ދިޔަ ގޮތް ނޭނގި ހުއްޓައި ހަމްނާގެ ޗުއްޓީ ނިމުމަކާ ގާތްވެ، މާލެ ދިޔައެވެ. އަދި ރައްޔާން ބުނި ފަދައިން އޭނާއާ ބައްދަލުކުރަންޖެހޭ ދުވަސް ވެސް އައި ޖެހުނެވެ. ހަމްނާ ދިޔައީ އެއްވެސް މީހަކަށް ނާންގައި އެކަންޏެވެ. ތަނަކީ ބްރިޖް ވިއުއެވެ. އެހެން ތަނެއް ނަމަ ހަމްނާ ދާނީ އަރޫޝާމެން މީހެއް ގޮވައިގެނެވެ.

ހަމްނާގެ އިންތިޒާރުގައި ރައްޔާން ހުންނަތާ ވަރަށް ގިނަ އިރުވެއްޖެއެވެ. ހަމްނާ ފެނުމާއެކު ރައްޔާން ކަޅިހުއްޓާލައިގެން ބަލަން ހުއްޓެވެ. ހަމްނާ ގޮސް މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ. އަދި ކިޔަން އޮތް އެއްޗެއް ކިޔާށޭ ބުނާ ފަދައިން ރައްޔާންގެ މޫނަށް ބަލާލާފައި މޫދާ ދިމާއަށް ބަލަން ފެށިއެވެ.

“ހަމް އަހަރެންދެކެ އެހާވެސް ފޫހިވެފަތަ ތިހުރީ؟” ހަމްނާ ހަތަރުކަޅި ހަމަނުކުރާތީ ރައްޔާން ސުވާލުކުރިއެވެ. “އަހަރެން އަދިވެސް ލޯބިވޭ. އެއްކޮށް އުޅެންވެސް ބޭނުން. ހަމް ބޭނުމިއްޔާ މެރީ ކުރަން ވެސް ރެޑީ” ވަގުތުތަކެއް ބޭކާރުކުރުމުގެ ބަދަލުގައި ރައްޔާން ޚިޔާރު ކުރީ ކުރު މަގެވެ.

“ބޭނުމެއް ނޫން. އަދި އަހަންނަށް ބްލެކްމެއިލް ކޮށްފަ ލޯބިވެޔޭ ބުނަން ލަދެއް ނުގަނޭތަ؟” ރުޅިއައިސްފައި ހަމްނާ ބުނެލިއެވެ.

“ބްލެކްމެއިލް ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން. ޕްލީޒް އަހަންނަށް އިތުރު ފުރުސަތެއް ދީ. ތިކަހަލަ ކުއްޖެއް އަހަންނަކަށް ދެން ނުލިބޭނެ”، ރައްޔާން އާދޭސް ކުރަން ފެށިއެވެ.

“އެކަމަކު އަހަންނަށް ލިބޭނެ ތިއަށްވުރެ މާ ރަނގަޅު މީހުން”، ހަމްނާ ގޮންޖަހައިލިއެވެ.

“މަގޭ ހަމް، މަ ނޫން މީހެއް ދެކެ ލޯތްބެއް ނުވާނެ. ނުވެސް ވެވޭނެ!” ރައްޔާން ވެސް ބަލިޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

“ވެވިއްޖެ. އަހަރެންގެ ހަޔާތަށް އެހެން މީހަކު އައިސްފި”، ދޮގެއް ހަދައިގެން ވިޔަސް ރައްޔާންގެ ކިބައިން އުމުރަށް މިންޖުވާން ހަމްނާ ހުރީ ކެތްމަދުވެފައެވެ.

ހަމްނާގެ ހަޔާތަށް އައީ ކާކުތޯ އަހައިލިއިރު ރައްޔާންގެ ލޭ ކެކިގެން ދިޔަކަން އެނގުނީ އޭނާ ހަމްނާގެ އަތުގައި ހިފަހައްޓައި އޭނާއާ ދިމާއަށް އަނބުރައިލި ގޮތުންނެވެ. “އަހަރެންގެ ދެލޮލަށް ބަލަންހުރެ އެމީހެއްގެ ނަން ބުނޭ! ހަމް ދޮގު ހަދަންޏާ އަހަންނަށް ވަރަށް ފަސޭހައިން އެނގޭނެ!”

“އާޒާދް…” ހަމްނާގެ ދުލުން އެ ނަން ބޭރުވީ ކިހިނެއް، ކޮން ހައިސިއްޔަތަކުން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަމިއްލަ ދުލުން ބޭރުވި ނަމާއެކު ހަމްނާވެސް ހިނދުކޮޅަކަށް ހައިރާންވިއެވެ.

“ކޮން އާޒާދެއް؟” ހަމްނާ އެ ހަދަނީ ތެދެއްހެން ޔަގީނާ ގާތް ވުމުން ރައްޔާންގެ ދެލޯ ފެންކަޅިވީ ރުޅިއާއި ހިތާމަ އެކުވެގެންނެވެ. “ކޮން އާޒާދެއް ހޭ؟؟” އަޑު ބާރުކޮށް ރައްޔާން ތަކުރާރުކޮށްލިއެވެ.

“މެލޭޝިއާއިން ދިމާވި ޑޮކްޓަރެއް. ދިވެއްސެއް. އިތުރު ތަފްސީލެއް ބޭނުން؟” ގޮތުގައި ހުރެގެން ހަމްނާ ޖަވާބުދެމުން ދިޔައެވެ.

“ޑރ. އާޒާދު އަލީ؟” ރައްޔާން ޔަގީންކޮށްލަން ބޭނުންވިއެވެ.

“ކިހިނެއް ރައްޔާނަށް އޭނަ އެނގެނީ؟” ހަމްނާ ހައިރާންވެ، ކުޑަކޮށް ޖެހިލުންވެސް ވިއެވެ. އޭނާގެ ދޮގު ފަޅާއަރާފާނެތީއެވެ. އަދި އާޒާދު އަށް އެކަންތައް އެނގިދާނެތީއެވެ.

ރައްޔާން ގޮސް ސިޑިބަރި މަތީގައި ޖައްސައިލި އިރު އޭނާ ހުރީ ކުރިއަށްވުރެ ހަމަޖެހިލައިގެނެވެ. “ކޮންމެވެސް ނޫހެއްގެ މިފަހުން އޮތް ތި ބުނާ ޑޮކްޓަރާ ބެހޭ ވާހަކަ” ރައްޔާން ޖަވާބުދިނެވެ. “ހަމް ވަރަށް ކުރިއަށް ޖައްސާލައިފި ދޯ” ދެ މާނަ ދޭހަވާ ފަދަ ރާގެއްގައި ރައްޔާން ބުނެލިއެވެ.

“އިތުރު ވާހަކައެއް ދައްކަން ނެތިއްޔާ އަހަރެން ދެން ދަނީ”، މަޑުމަޑުން ހިނގައިގަންނަމުން ހަމްނާ ބުންޏެވެ.

“ބުނެލަން އޮތީ ގުޑް ލަކްއޭ. ޑރ. އާޒާދުއާއެކީ ރަނގަޅަށް އުޅެއްޗޭ” އެއްމިޔަކަނުން ހެވިފައި އިނދެ ރައްޔާން ބުންޏެވެ.

ރައްޔާން އެހާ ރުޅިއައިސް ހުރެފައި ކުއްލިއަކަށް ހަމައަކަށް އެޅި، އެއްވެސް ގަދަކަމެއް ނުދައްކައި ހަމްނާ ދާން ފުރުސަތު ދިނުމުން ހަމްނާ ހައިރާންވިއެވެ. އަދި އެންމެފަހުން އެ ބުނެލި ބަސްކޮޅުން ވެސް ހަމްނާގެ ހިތުގައި ސުވާލު މާކުތައް އިތުރުވިއެވެ. ހަމްނާ ދަންނަ ރައްޔާނަކީ، ބަދަލު ހިފުމުގެ ރޫހު އިސްކުރާ މީހެކެވެ. ގޮތްދޫ ނުކުރުމާއި، ބޭނުންވާ ކަންކަން ޙާސިލް ކުރުމަށް ކޮންމެފަދަ މަގެއްވެސް ޚިޔާރުކުރާ މީހެކެވެ.

ފަހަރުގައި ހަމްނާގެ ވާހަކަ ރައްޔާނަށް ޤަބޫލު ނުކުރެވޭތީ، މަލާމާތް ކޮށްލަން ވެގެން ބުނި އެއްޗަކަށް ވެސް ވެދާނޭ ހަމްނާގެ ހިތަށް އެރިއެވެ. އެކަމަކު ހަމްނާ ފުރަގަސް ދިނުމާއެކު ރައްޔާންގެ މޫނަށް ވެރިވި ނުބައި ހިނިތުންވުން ދޭހަކޮށްދެނީ، ކުރިއަށް އޮތް ތޫފާނުގެ ރަތް ސިގްނަލެކެވެ.

(ނުނިމޭ)

69

2 Comments

 1. Hûdhãkkø

  January 13, 2022 at 6:43 am

  Alhey enme kiyaa hihvaa hisaabun e nimuni
  Next part vvvvvvvvv avahah up kohdhehchey
  Can’t wait
  Mi part VX vrh reethi

 2. widhaadhaa ismail

  January 13, 2022 at 7:40 pm

  please next part avahah up kodheeba can’t wait ❤️❤️so nice❤️❤️

Comments are closed.