Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 9

Aishasha Level 310 Stories100 Login
January 24, 2022 3 Mins Read
1 Comment

މެލޭޝިއާއަށް އެނބުރި ގޮސްފައި ކިޔެވުމަށް ހަމްނާ އިތުރު އިސްކަމެއް ދޭން ފެށިއެވެ. ގިނަ ވަގުތު ގޭގައި ހޭދަކުރިޔަސް، ބޭކާރު ވިސްނުންތައް ވިސްނަން ވަގުތެއް ނުވެއެވެ. އެހެން އުޅެނިކޮށް އެއްދުވަހަކު ކްލާހުގައި ނަގައިދިން ފިލާވަޅެއްގެ ތެރެއިން ވީޑިއޯއެއް ދައްކަން ފެށުމާއެކު، ހަމްނާގެ ސަމާލުކަން އެކީ ސްކްރީނަށް ހުއްޓުނީ ދަންނަ މޫނެއް ފެނިގެންނެވެ.

އެއީ އާޒާދު ނޫން ދެވަނަ މީހެއް ނޫންކަން ޔަގީންވުމާއެކު، ހަމްނާގެ ހިތަށް ބުނަންނޭނގޭ ފަދަ ގޮތެއް ވިއެވެ. މިއޮއްހާ ދުވަހު ހަނދާނުން ފިލުވާލާފައި ހުރި ހުރިހާ ހަނދާންތަކެއް އަނބުރާ އައީ އެކުއެކީގައެވެ.

އެ ވީޑިއޯއަކީ އެދުވަހު ނަގައިދިން ފިލާވަޅުގެ މައުޟޫއާ ގުޅޭގޮތުން ޑޮކްޓަރުންތަކެއް ދީފައިވާ އިންޓަވިއުއެކެވެ. އޭގެތެރޭގައި ޑރ. އާޒާދު އަލީ ހިމެނުނީ އިއްތިފާގަކުން ބާއޭ ހަމްނާގެ ހިތަށް އެރިއެވެ. އެހެން ކަމަށް ވަންޏާ ތަޤުދީރުގެ ނިޔާ މިއުޅެނީ ހަމްނާއަށް ޖެއްސުމެއް ކުރަން ހެއްޔެވެ؟ ޔަގީނުން ވެސް މިއަދު ގެއަށް ގޮސްފައި އާޒާދު ނޫން މީހަކާ ދޭތެރޭ ހަމްނާއަކަށް ނުވިސްނޭނެއެވެ.

ކަން ވީ ވެސް ހަމަ އެހެނެވެ. ފިލާވަޅެއް ހެދުމުގެ ނަމުގައި ހަމްނާ މޭޒު ދޮށުގައި އިނަސް، ސިކުނޑީގައި ވަނީ އާޒާދުގެ ނަމެވެ. އިއްތިފާޤަކުން ދިމާވި އެ ހިތްހެޔޮ އިންސާނާގެ ޞަފްހާ ހަމްނާގެ ފޮތުން ހަމަ ހަގީގަތުގައި ވެސް ނިމުނީ ހެއްޔެވެ؟ ދެން އެމީހާއާ ހަމްނާ ދުވަހަކުވެސް ބައްދަލެއް ނުވާނެ ހެއްޔެވެ؟

އެ ވިސްނުންތަކުގައި އިން ހަމްނާގެ ތަބީއަތު އިތުރަށް ގޯސްވީ އަރޫޝާ ވައިބާއިން ފޮނުވި ފޮޓޯތަކަކުންނެވެ. އެއީ ރައްޔާންގެ އިންސްޓަގްރާމުން ނަގާފައިވާ ސްކްރީންޝޮޓުތަކެކެވެ. އެ ފޮޓޯތަކުގައި ރައްޔާން ފެންނަނީ ކޮންމެވެސް އަންހެން ކުއްޖަކާއެކީ ވާ ތަނެވެ. ދެމީހުންގެ މެދުގައި އެއްވެސް ދުރުމިނެއް ނެތްއިރު، ތިރީގައި ލިޔެފައި އޮތް ލިޔުންކޮޅު ނުކިޔަސް އެއީ ދެ ލޯބިވެރިންކަން ބަލައިފި މީހަކަށް ނުއޮޅޭނެއެވެ.

ހަމްނާގެ ތަބީއަތު ގޯސްވެ، ހިތުގައި ނަފްރަތުގެ އަލިފާން އަނދައިގަތީ ކޮންމެހެން ރައްޔާން ދެކެ ލޯބިވާތީއެއް ނޫނެވެ. އިހަކަށް ދުވަހާ ޖެހެންދެންވެސް ރައްޔާންގެ މަޅީގައި އަލުން ހަމްނާ ޖެއްސޭތޯ އުޅުނީ ކޮން މަގްސަދެއްގައި ކަން ސާފުވުމުންނެވެ. އެއީ ރައްޔާން ކިތަންމެ ޖަޒުބާތީ ވެފައި ހުއްޓަސް، ދައްކައިލި މޮޅު އާޓުގަނޑެކެވެ. އޭނާ އެބުނާހާ ވަރަށް ހަމްނާއާ ހެދި “މޮޔަވެފައި” ހުރިނަމަ، މިހާ އަވަހަށް އެހެން އަންހެން ކުއްޖަކާއެކީ މިލްޖުލް ވެގެން މުޅި ދުނިޔެއަށް ދައްކަން ފޮޓޯތަކެއް ނާޅާނެއެވެ. އަދި ހާއްސަކޮށް ހަމްނާ އަނބުރާ ހޯދައިދިނުމަށް އެދި ހަމްނާ ދަންނަ އެންމެން ކައިރީގައި އާދޭސް ކޮށްކޮށްފައި މިއަދު އެގޮތަށް ކަންތައް ކުރަން ލަދުވެސް ގަންނާނެއެވެ.

އެކަމަކު އެއީ ރައްޔާންގެ ހަގީގީ ކުލަވަރެވެ. ލަދުގެ ކަންފުޅެއްވެސް އޭނާގެ ނުހުންނާއެވެ. ހަމްނާއަށް އެކަން ރޭކާލާން 5 އަހަރު ނެގީ ހަމްނާގެ މޮޔަކަމުންކަން ޚުދު އޭނާއަށް މިއަދު އެނގެއެވެ.

ރައްޔާންދެކެ އައިސްފައި ހުރި ރުޅީގައި ހަމްނާއަށް އަމިއްލަ ނަފްސަށް މަލާމަތްވެސް ކުރެވުނެވެ. ރައްޔާންގެ ހަނދާންތައް ހިތުން ފޮހެލާފައިވާކަން ދެއްކުމުގެ ގޮތުން ކަމާ ނުވެސް ބެހޭ މީހެއްގެ ނަން ރައްޔާންގެ ކުރިމަތީގައި ބުނަން ޖެހުނީ އަމިއްލަ ފިނޑިކަމުންނޭ ހިތަށް އެރިއެވެ. އެކަމަކު، ރައްޔާން އެހާ އަވަހަށް “މޫވް އޮން” ކުރިގޮތަށް ހަމްނާއަށް އެކަން ނުވާންވީ ކީއްވެހެއްޔެވެ؟

އެކިކަހަލަ ޚިޔާލުތަކުން ނަފްސު ކޮންޓްރޯލުން ނައްޓާފައި ހުރި ހަމްނާ ފޯނު ނަގައި މީހަކަށް ގުޅަން ފިތައިލިއެވެ.

“އައްސަލާމް އަލައިކުމް”، ވަރަށް ގިނައިރު ފޯނު ރިންގުވެފައި، ކެނޑެން އުޅޭހެން ހީވެފައި ވަނިކޮށް އެކޮޅުން ޖަވާބު ދިނެވެ.

“ހަލޯ…” އެ އަޑު ޖެހުމާއެކު ހަމްނާގެ ހަމަ ވިސްނުން އެނބުރި އައީ އަޖައިބެއްފަދަ ގޮތަކަށެވެ. މި ކުރެވުނީ ކިހާ މޮޔަ ކަމެއްކަން ރޭކާލުމާއެކު، ހާސްވެ ގޮތްހުސްވިއެވެ. ސަލާމް ބަލައިގަންނަން ހަނދާން ނެތުނީ ވެސް އެހެންވެގެންނެވެ.

“އޯހް. ހަމްނާ! ކިހިނެއް؟ ހާދަ ދުވަހެއް ކޮށްލާފަ ހަބަރެއް ތިވީ”، ހިނިތުންވެ ހުރެ އާޒާދު ވާހަކަދައްކަން ފެށިގޮތުން، އެ ކޯލުން އޭނާއަށް އިތުރު މާނައެއް ނުނެގޭ ކަން ދޭހަވިއެވެ. ހަމްނާއަށް ކިރިޔާވެސް ހަމަޖެހިލެވުނީ އެހެންވެގެންނެވެ.

“ލައްބަ.. މިއީ ހަމަ ހާލު ބަލާލަން ވެގެން. ހޯޕް ޔޫ އާ ނޮޓް ބިޒީ”، ހާސްކަން އަޑުން ނުދައްކައި ވާހަކަ ދެއްކޭތޯ ހަމްނާ މަސައްކަތް ކުރިއެވެ.

“އައި އޭމް ޑުއިންގ ގުޑް. ވަރަށް އުފާވެއްޖެ މިހާ ދުވަސް ކޮށްފަވެސް ގުޅާލީމަ” އާޒާދުގެ ހިތުންވެސް ހަމްނާގެ ހަނދާންތައް ފޮހެނުލާކަން ދޭހަވާ މޭރުމަކުން އޭނާ ވާހަކަދެއްކިއެވެ.

އެދުވަހަށްފަހު ހަމްނާއާއި އާޒާދުއާ ދެމެދު އަނެއްކާވެސް ގާތްކަން އުފެދުނެވެ. ދޭތެރެދޭތެރެއިން މެސެޖު ބަދަލުކޮށް ވާހަކަދައްކަން ފެށުމުން، ހަމްނާއަށް އޭނާގެ ހަޔާތަށް ވެރިވެފައި އޮތް ފަޅުކަމެއް ފިލައިފިކަމުގެ އިހުސާސް ކުރެވުނެވެ.

އެހެންނަމަވެސް އެގޮތުގައި ހޭދަވީ އެންމެ ދެމަސް ދުވަހެވެ. ހަމަ ކުއްލިއަކަށް ހުރެފައި އާޒާދުގެ ހަބަރުވުން ހުއްޓުނެވެ. މެސެޖުތަކަށް ރިޕްލައި ކުރުން ހުއްޓުނު ގޮތަށް އެތައް ދުވަހެއް ވީ ފަހުން ވެސް ވީ ކީއްކަމެއް ހަމްނާއަކަށް ނޭނގުނެވެ. ހަމްނާ ކުޑަކޮށް ދެރަވެސް ވިއެވެ. އެކަމަކު އަޅާނުލައި ހުރެވޭތޯ މަސައްކަތްކުރިއެވެ.

އޭގެ ދުވަސްތަކެއް ފަހުން އެއްރޭ މެންދަމު ހަމްނާ ނިދާފައި އޮއްވައި ހޭލެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ބެލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނަގަން ނުނަގަން ހުރެފައި ފޯނު ނެގިއިރު އެކޮޅުން އެއްވެސް އަޑެއް ނީވި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. ދެން އިވުނީ ފުން ނޭވާއެއް ލީ އަޑެވެ.

“ކަމަކަށް ނުވަންޏާ ބޭރަށް އައިސްފާނަންތަ؟ މިއީ އާޒާދު.” އާޒާދު ކުރީ ހަމްނާ ހީވެސް ކޮށްފައި ނުވާ ސުވާލެކެވެ.

“އެއީ ކީއްކުރަން..؟” ވާނުވާ ނޭނގިފައި ހުރެ ހަމްނާ އަހައިލިއެވެ.

“ވާހަކަ ދައްކާލަން. އިފް ޔޫ ޑޯންޓް މައިންޑް.” އާޒާދު ބުންޏެވެ.

ހަމްނާ ކުޑަދޮރުން ބޯދިއްކޮށް ބަލައިލިއިރު ޕްރައިވެޓް ކާރެއް ފެނުނެވެ. ފުދޭވަރަކަށް އަނދިރިކަމުން އެއީ އާޒާދުގެ ކާރު ކަމެއް ޔަގީނެއް ނުވިއެވެ. އާޒާދު މެލޭޝިއާއަށް އައީ ކޮންއިރަކު، ކީއްކުރަން ބާއެވެ؟ ހަމްނާގެ ހިތުގައި ވަނީ މިފަދަ އެތައް ސުވާލެކެވެ. އެ ސުވާލުތަކަށް ޖަވާބު ލިބެން އޮތީ އެންމެ މަގެކެވެ.

މޫނު ދޮވެލައިގެން، ވަރަށް އާދައިގެ ގޮތަކަށް ގޭގައި އަޅާ ބުރުގާ އަޅައިގެން ހަމްނާ ތިރިއަށް ފޭބިއެވެ. އާޒާދުގެ ކާރު ކައިރީގައި މަޑުކޮށްލުމުން ދޮރު ހުޅުވައިދިނެވެ. ހަމްނާ އެތެރެއަށްވަދެ ކުރީ ސީޓުގެ ހަމަޖެހިލިއެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ވާން މިއުޅެނީ ކީއްކަމެއް އެނގެނީއެއް ނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ކަލާއާއި އެކުގައި މި ހިތް ނަށާނޭ {ޓްރެއިލާ}

Next

ލޯބި ވެވުމުން 1

Next
January 25, 2022

ލޯބި ވެވުމުން 1

Previews
January 23, 2022

ކަލާއާއި އެކުގައި މި ހިތް ނަށާނޭ {ޓްރެއިލާ}

One Comment

  1. Cher_ Er says:
    January 24, 2022 at 5:29 pm

    Mi part vrh vrh rythi?? waiting for next part..avahaa up kolla dhyybaa..Tc❤️

Comments are closed.

Next Episodeހަނދަކީ ކަލާ ކަމުގާވިޔަސް 10←


All Right Reserved!