އައިލީން ހެމުން ހެމުން ފަހަތް ބަލާލި ވަގުތު ސިހުނެވެ. ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނަަމަވެސް އެ ހިތް އުފަލުން ތެޅިލިއެވެ. އަޔާޝް މެނާ އެއްކޮށް އެހުރީ ލޯންޗް އިން ފެނުނު ޒުވާނާއެވެ. އެއީ އަޔާން ބާއެވެ؟ އެއީ އަޔާން ނަމަ އޭނަ ހުންނާނީ އައިލީންމެން ގޭގައެވެ. އެއްގެއެއްގައި އުޅެންޏާ އޭނައަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އައިލީންއަށް ނޭނގި ނަމަވެސް އަޔާންގެ ފުރަތަމަ ނަޒަރުން ވަނީ އެ ހިތާ ކުޅެލާފައެވެ. އެތައް ޚިޔާލު ތަކެއްގައި ހުއްޓާ އަފްޝާމެން ގެއާ ހަމަވުމުން އެކުވެރިންނާ ވަކިވާން ޖެހުނެވެ.

* ދެވަނަ ބައި *

ވިޝާން ގޮސް ކެފޭއެއް ކުރިމައްޗަށް ސައިކަލު ޕާކު ކޮށްލިއެވެ. އެތެރެއަށް ގޮސް ދަޅެއް ނަގަމުން ހުސް މޭޒެއް ދޮށުގައި ޖައްސާލިއެވެ. އެވަގުތު އެތަނަށް ނިޝްފާއައެވެ. އައިސް ވިޝާންއާއި ގޮނޑި ކައިރި ކުރަމުން ވިޝާން ގެ އެއް އަތުގައި ނިޝްފާ އޮޅުލައިގަތެވެ. ” ނިޝްފާ! މިހާރު ކިތައްފަހަރު ބުނާނި މަށާ ތިޔަހެން ކައިރި ނުވާށޭ. އެންޑް ސްޓޮޕް ފޮލޮވިން މީ!” ވިޝާން ރުޅިވެރިކަމާއި އެކު އެތަނުން ނިކުންނަން ދިޔައެވެ. ނިޝްފާ ވިޝާން ކީ އެކަށްޗަކަށް ވެސް އަޅައިނުލާ ގޮސް ވިޝާންގެ އަތުގައި ހިފާލިއެވެ.

” ވިޝާން. ކައެ ހާދަ ކުރިއެއްގައޭ ދޯ. މިޝްޔަލް ރަށަށް ފޮނުވާލާފަ ގަންނަހާ ގަނޑު. ކައެ ހާދަ ތަފާތޭ މިހާރު. ” ކެފޭ ތެރެއަށް ވަދެގެން އައި ވިޝާންގެ އެންމެ ގާތް އެކުވެރިޔާ ފިޒާން ބުނެލިއެވެ. ވިޝާން ހައިރާންވިއެވެ. މިޝްޔަލް ރަށަށް ދިޔަކަން ވެސް އޭނާއަށް ނޭނގުނީތީއެވެ. ނިޝްފާ ކައިރިއަށް ނުލަފާ ހިންޏެއް އައެވެ. އޭނާގެ މަޤްޞަދު ޙާޞިލްވާތީއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ވިޝާންގެ ހިތް ކާމިޔާބު ކުރުމަށް ނިޝްފާ ހުރީ ތައްޔާރަށެވެ. ކުއްލިއަކަށް ވިޝާން ނިޝްފާގެ އަތް ފޮޅާލާފައި ދިޔަގޮތުން މިޝްޔަލް ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ” ވިޝާން..”

ގެއަށް އައިސް ވަން އަޔާން ކޮޓަރިއަށް ވަންނަން ދެން އައިލީންއަށް ބަލަން ހުރެވުނެވެ. އައިލީން ކޮޓަރިއަށް ވަދެފައި އެނދު މައްޗަށް ވެއްޓިގަތެވެ. އެހިތް އަދިވެސް ތެޅެނީއެވެ. އަޔާންގެ އެންމެ ފުރަތަމަ ނަޒަރުން ވެސް އެހިތް އަތުން ވީއްލިގެން ދިޔައެވެ. އެހެން ނޫނިއްޔާ ފިރިހެން ކުއްޖަކު ފެނިގެން ނުވާވަރުވިއެވެ. އެ ރީތި ދެލޮލުގެ ޖާދޫގައި ޖެހުނު ވަރުން ހުރީހާ ކަމެއް މަތިން ހަނދާން ނެތުނެވެ. އެއަށްވުރެ އުފާވެރި ވަގުތެއް އަދި އެ ހަޔާތަކަށް ނާދެއެވެ. ލޯމަރާލި އިރު އެ ރީތި ސޫރަ ލޮލަށް ސިފަވަމުން ދިޔައެވެ. އަޔާން ފެނުނު ވަގުތުން ފެށިގެން ލޯބީގެ ވިންދު އެހިތުގައި ޖަހާއިފިއެވެ.

އަޔާޝް އިނީ އެނދުގައި ލެގިލައިގެން ފޯނާ ކުޅޭށެވެ. އިރުއިރު ކޮޅާހެން ހަވީރު ވި ކަންތައް މޫނު މައްޗަށް ސިފަވެއެވެ. މިޝްޔަލް ތުންފަތަށް ވެރުވި ރީތި ހިނިތުންވުމެވެ. ދިގު އެސްފިތަކާއި އެކު ލިބިފައިވާ ބޮޑު ދެ ލޮލެވެ. އެ މިއުޒިކެއް ފަދަ އަޑުން އެހުނު ބަސްތައް ހިތަށް އިވެން ފެށިއެވެ. ” މަށަށް ކިހިނެއްތަ މި ވަނީ؟ ” ބޮލުގައި ޖަހާލަމުން އެ ހިޔާލުތަކުން ދުރުވެވޭތޯ އިންސްޓަގްރާމަށް ވަދެލީ މީހަކު އޮންލައިންގަ އިންތޯ ބަލައިލާށެވެ. ނަސީބަކުން އެކަން ވެސް ވިޔެވެ.

މިޝްޔަލް އުޅުނީ ފެންވަރައިގެން އިސްތަށިގަނޑު ހިތްކުމުގައެވެ. ކުއްލިއަކަށް ވިޝާން މަތިން ހަނދާންވިއެވެ. އެހިތުން އަދިވެސް އެނަން ފޮހެލާކަށް ބޭނުމެއް ނުވިއެވެ. ވަކިނުވާން ކިތަންމެ ބޭނުންވިޔަސް މަޖުބޫރުވީއެވެ. ނަމަވެސް އެ ހިތުގެ ރާނީގެ މަޤާމު ގެއްލުމަކަށް ނޭދެއެވެ. ލޯވިވާތީއެވެ. ހިތުގެ އެންމެ ފުންމިނުން ލޯބިވެވުނީތީއެވެ. ހިތުން އެފޮނި ދުވަސްތައް ހަނދާނުން ނުފޮހެލެވޭނެތީއެވެ. ދެލޯ މަރާ ބާރުކޮށްލިއެވެ. ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން އެވިސްނުމުން ދުރުވާން މަސައްކަތް ކުރިއެވެ.

ދޮރުގައި ޓަކި ޖެހިއަޑަށް މިޝްޔަލް ސިހުނެވެ. މޫނުމަތި ރީތި ކޮށްލަމުން ދޮރު ހުޅުވާލިއިރު އަފްޝާ ހުއްޓެވެ. އެތެރެއަށް ވަންނަން ތަން ދައްކަމުން މިޝްޔަލް ގޮސް ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިގަނޑު އައްސަން ފެށިއެވެ. ” މިޝީ.. މިރޭ ވެއްޖެއޭ ތާކަށް ދާން. ނައިން ތާރޓީއަށް ރެޑީ ވައްޗޭ.” އަފްޝާ އެނދުގައި އިށީނދެލަމުން މިޝްޔަލްއަށް ބަލާލިއެވެ. ” ކޮންތާކަށް؟ ” އަފްޝާ ކައިރި ގޮސް އިށީނދެ ލަމުން ޝައުގުވެރިކަމާއިއެކު މިޝްޔަލް އެއްސެވެ. ” އަޅެ. ޔޫލް ސީ ވެން ޔޫ ގެޓް ދެއާރ.” މިޝްޔަލް އިތުރު ސުވާލެއް ކުރުމުގެ ކުރިން އަފްޝާ ނިކުމެގެން ދިޔައެވެ.

ގަޑިން ނުވައެއް ޖަހައިފިއެވެ. ޔަޝްފާ އިނީ ބޭރަށް ދާން ތައްޔާރު ވާށެވެ. އެމޫނު މަތީ ރީތި ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ކޮންމެސް ކަމަކާއި ހުރެ ސިކުނޑިއަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ބޮޑު ކަމެއް ވާން އުޅުމުގެ އެލާޓް އެހިތައް ފޯރާފިއެވެ. ހިތް ބިރުގަންނަން ފަށައިފިއެވެ. ހިތުގެ ވިންދު ޖަހާލެއް އަވަސްވާން ފެށިއެވެ. ޔައިޝް ދޮރުގައި ޓަކި ދިންކަން ވެސް އެކަމާއި ހުރެ ނޭނގުނެވެ. ” ޔަޝް؟..” މަޑުމަޑުން ވަދެގެން އައި ޔައިޝް ގޮވާލުމުން ޔަޝްފާ އެނބުރިލިއެވެ. ” އަމް.. ދާން މިދަނީ. ހިނގާ ތިއްތިއާއި އެކު ދަމާ.” ޔަޝްފާގެ މޫނުގެ ކުލަވަރު ޔައިޝް ލޮލުގައި ކިތަންމެހާ ވެސް ރަނގަޅަށް އަޅައިގަތެވެ. ޔައިޝް ފެނުމުން ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުން ލިބުނެވެ. އެކަމަކުވެސް އަދިވެސް އެ އެލާމެއް ނުކެނޑެއެވެ.

ރޭނގަޑު ނުވަގަޑި ބައިވެ ބޮޑު ވެއްޖެއެވެ. އުޑުމަތީ ހަނދު ރަސްކަން ކުރަމުން ދިޔައިރު ދިޔައީ ތެތްފިނި ވައިރޯޅިތައް ޖެހުމުންނެވެ. މިހިތް ފަސޭހަ ރޭގެ އުފާތައް ހޯދަން އެތަށް ބަޔަކު ވަނީ ބޭރުތެރެއެވެ. ލޯބިވެރިން ސައިކަލު ބުރު ޖަހަމުން ދިޔައިރު އަނެއްބަޔަކު އުޅެނީ އެކުވެރިންނާއެކު މަޖަލުގައެވެ.

” ސަޕްރާއިޒް.. ” ރާވާފައި އޮތް ގޮތަށް އަޔާންއާއި މިޝްޔަލްއަށް އެތަނަށް ވަދެވުނުވެ. އެއީ ތިން ފްލޯރއަށް ހުރި ރެސްޓޯރެންޓެއްގެ އެންމެ މަތީ ފްލޯރއެވެ. މަތި ހިޔާ ނުކޮށް އޮތުމުން އެތަނުގެ ހިތްފަސޭހަކަން ހާމަކޮށްލަން  ގަލަމަކުން ލިޔެލަން އުނދަގޫ ވާނެއެވެ. މަޑުމަޑު ފިނި ވައިރޯޅިތައް ގައިގައި ބީހިލާއިރު އެތަން ވަނީ އެތަކެއް އަސަރުން ފުރިފައި ކަހަލައެވެ.

އާދައިގެ މަތިން އެ ފްލޯރގެ ‘ ފެއަރީ ލައިޓް ‘ ތައް ވަނީ ދިއްލާފައެވެ. މޭޒުމަތީ ހުދާއި ފެހި ކުލައިގެ އައިސިންއާއި އެކު ތައްޔާރު ކޮށްފައިން ކޭކުގެ މަތީގައި ‘ ވެލްކަމް ބެކް ‘ ރީތި ފޮންޓް އަކުން ލިޔެވިފައިވެއެވެ. ކައިރި ވަށައިގެން ހުރި އޯރިއޯ ބިސްކޯދުތަކުން އެކޭކު އިތުރަށް ފުރިހަމަ ކޮށްދެއެވެ. ” އޫހްހް.. ތެންކްޔު ގާއިޒް.” މިޝްޔަލް ހުރީ ހަމަ ގައިމުވެސް އުފަލުންކަން އެ މޫނުމަތިން އެނގެއެވެ.

އެންމެން ކެއުމައިގެން ކުރިއަށް ދިޔައެވެ. މާއިންގެ ލޯ ހުއްޓިފާވަނީ ކުރިމަތީ އިން ޔަޝްފާއަށެވެ. މާއިންގެ ކޮންމެ ޙަރަކާތެއް ޔައިޝް ދިޔައީ ބަލަމުންނެވެ. ޔަޝްފާ ވެސް ދޭތެރެއަކުން މާއިންއަށް ބަލައިލައެވެ. ” ހިނގާ ކޭކު ފަޅަން..” އައިލީން ރިބަން ކޮޅެއް އައްސާފައި އިން ކުޑަ ވަޅިއެއް މިޝްޔަލްއަށް ދިއްކޮށްލިއެވެ.

ކައިނިމިގެން އެންމެންވެސް ތިބީ ވާހަކައިގައެވެ. އެވަގުތު ޔައިޝް މާއިން ކައިރި ވަކިން ވާހަކައެއް ދައްކަން ބޭނުންވާ ކަމަށް ބުނެ ބެލްކަނީ ކައިރިއަށް ދިޔައެވެ. އެތަންނުގައި މީހެއްގެ މެއާއި ހިސާބަށް އަރާވަރުގެ އުސް ފާރެއް ހުއްޓެވެ. ” ކައޭއާއި ޔަޝްއާއި ކޮން ގުޅުމެއް އޮންނަނީ؟ ” މާއިން ޔައިޝްއަށް އެކަން އެނގުމުން ރުޅިއައިސް ހުރިހެން ހީވުމުން ކުޑަކޮށް ޖެހިލުންވިއެވެ. މާއިންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ” ޑޫ ޔޫ ލައިކް ހާރ؟ ” މާއިން ހުރިލެއް ސީރިއަސް ކަމުން ޔައިޝް ހުރީ ހިނިގަނޑު ހިފަހައްޓައިގެނެވެ. ” އޭނހް!.. ހަހަހަ ބުނީމަ ދޯ އިނގޭނީ ސެޓުކުރަން ވެސް.” ޔައިޝްގެ ހިނިގަނޑު އެންމެ ފަހުން ނުހިފެހެއްޓުނެވެ. ” ޔެސް އައި ލައިކް ހާރ.” މާއިންއަށް ވަގުތުން ޖަވާބުދެވުނެވެ. ” ދެން ގޮސް އަހާބެ. ” ޔައިޝްއަށް ހުރީ ހެވިފައެވެ. ” ކައެ އޯކޭ ވެގެންތަ ތިބުނީ؟ ” ” އާނއެކޭ.. މައެ ހަމަ ކައެ ކައިރީ އަހާލީއޭ. ދެން ގޮސް އަހާބަލަ. މިއަދު ވަރަށް ފާޑަކަށް ހުރީ. ކައެ މިސް ވާވަރުން. ” ޔައިޝް ކުޑަކޮށް ހިނިގަނޑެއް ޖަހާލަމުން ޖަވާބު ދިނެވެ. “ޔަޤީންތަ ޔަޝް ޔެސް އޭ ބުނާނެކަން؟ ހާދަ ހީނުވެޔޭ.” މާއިން ޔަޝްފާއާއި ދިމާލަށް ބަލައިލިއެވެ. ” ދެން ގެރޭއޭ.. ކައެ ތި މާހާސްވަނީތި.. ނިކަށް ހަމަޖެހިފަ އަހާބެ.”

” އަޔާ.. ދީބަ ތަޅުދަނޑި. ” އަޔާޝް ތަޅުދަނޑި އެއްލުމުން މާއިން ޔަޝްފާ އަތުގައި ހިފައިގެން ނެގިއެވެ. އެންމެން ތިބީ ހައިރާންވެފައެވެ. ޔައިޝް ހެމުން ގޮސް ހުސް ގޮނޑިއެއްގައި އިށީނދެލިއެވެ. ” އެ ކޮން ކަމެއް؟ ” އަޔާން ޔައިޝްއަށް ބަލައިލިއެވެ. ޔައިޝް އެއްލޯމަރާލި ގޮތުން އެންމެނަށް ވެސް އެބުނި އެއްޗެއް ސިނކުޑިއަށް ނަގައިގަނެވުނެވެ. ” މާނުއަށް ވެފައި ހުރި ވަރެއް މައެ އަހާލީމަ. ” ޔައިޝް ހުރީ ހީހީ ވަރުބަލި ވެފައެވެ.

” މާނު ކޮންތާކަށްތަ؟ ” ޔަޝްފާ އިނީ ކުޑަކޮށް ބިރުގަނެފައެވެ. ” އައި ހޭވް ސަމްތިންގް ޓު ޓެލް ޔޫ. ” ސައިކަލު ގޮސް މަޑު ކޮށްލީ ބީޗް ކައިރިއަށެވެ. މަޑު ހިނގުމެއްގައި ވަކި ހިސާބަކަށް ގޮސް މާއިން ހުއްޓި ފަހަތަށް އެނބުރިލިއެވެ. އޭރު ޔަޝްފާ ވެސް ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. މާއިން ހުރީ ހާސްވެފައެވެ. ޔަޝްފާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. މަޑުމަޑު އެއްފައި މައްޗަށް ތިރިވެ ޔަޝްފާއަށް އަތް ދިއްކޮށްލިއެވެ. ” ޔަޝް. ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟ ” އެހިތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި މާއިން ކެތްތެރިކަމާއެކު މަޑު ކޮށްލިއެވެ.

މިޝްޔަލް ފާޚާނައަށް ދާން ތިރިއަށް ފޭބިއެވެ. އޭރު ހުއްޓުމެއްނެތި ފޯނަށް ނޮޓިފިކޭޝަންތައް އަންނަމުން ދިޔައެވެ. ފޯނު ހުޅުވާ ބަލައިލި އިރު އެއީ ވިޝާންގެ މެސެޖްތަކެވެ. ‘ މިޝް ވައި ޑިޑް ޔޫ ލީވް މީ؟ އައި ރިއަލީ ރިއަލީ ލަވް ޔޫ. ޕްލީޒް ލެޓް މީ އެކްސްޕްލެއިން ދިސް. ފަހުން ގުޅާނަން. އޯކޭ؟.. ‘ މިޝްޔަލް އެ މެސެޖްތައް ކިޔާލިއެވެ. ރިޕްލައި ނުކޮށް ވިޝާން ގުޅާނެ އިންތިޒާރެއްގައި މިޝްޔަލް ހުއްޓެވެ.

އެކުވެރިން ގާތަށް ދިޔުމަށް މިޝްޔަލް ދޮރު ކުރިމަށްޗައް ހުއްޓުނު ވަގުތުވީ އަޔާޝް ވެސް ފޯނު ކޯލެއްގައި ހުރެގެން އައި ވަގުތެވެ. ދެމީހުން ޖެހިފައި އަތުގަ އޮތް ފޯނުތައް ދޫވިއެވެ. ކަން ދިމާކުރިގޮތުން ފޯނު ވެއްޓުނީ ދޮރުމަތީ އަޅާފާއި އޮތް ބޯ ކާޕެޓް މައްޗަށެވެ. ހަތަރު ކަޅި ހަމަވިއެވެ. ދުލުން އެންމެ ބަހެއް ވެސް ނުބުނެވުނެވެ. ކަޅި ނުޖަހާލާއި ބަލަން ތިބެވުނީއެވެ. ހަމަބިމަށް އާދެވުނީ އެކުވެރިންގެ ހޯއް ގޮވާ އަޑަށެވެ. އަވަސް އަރުވާލައިގެން ނެގުނީ ވެސް ނުބައި ފޯނެކެވެ. އެކަން ރޭކާވެސް ނުލިއެވެ.

ޔަޝްފާއަށް ހީވީ ދުނިޔެ ހުއްޓުނު ކަހަލައެވެ. އިރުކޮޅެއް ވަންދެން ބަސް ހުއްޓިފައި ހުރެ ބޮޑު ނޭވާއެއް ނަގާލިއެވެ. އެނޭވައާއި އެކު ‘ ޔެސް ‘ އޭ ބުނެ އެ އަތުގައި ހިފާލިއެވެ. މާއިން ވީ އުފަލުން ތެދުވެ ޔަޝްފާ ގައިގައި ބައްދާލިއެވެ. ޔަޝްފާ ވެސް މާއިން ގައިގައި ބައްދާލީ ލޯބިންނެވެ. ބީޗުގެ ދޮންވެލި ގަނޑުގައި އެކި ވާހަކައިގައި ތިބުމަށްފަހު ރެސްޓޯރެންޓާއި ދިމާލަށް ދުއްވާލިއެވެ. ޔަޝްފާ އިނީ މާއިން ބުރަކަށީގައި ބާރަށް އަތް އަޅުވާލައިގެންނެވެ. ހިތުގައި އުފެދުނު އުދާސްތައް ވެސް ފިލާއި ހިގައްޖެއެވެ.

އަތު ގުޅާލައިގެން ތިބި ދެ ލޯބިވެރިންނަށް ބަލާލާފައި ޔައިޝްއަށް ހީލެވުނެވެ. ކޮއްކޮއަށްޓަކާއި އުފާކުރިއެވެ. އެކުވެރިންގެ އެކި މަރުހަބާތައް ޔަޝްފާއަށާއި މާއިންއަށް ލިބުނެވެ. ” އޭހް ދެން ހިނގާ ދާން މިރޭ މާލަސްވެއްޖެ. މިހާރު އިލޫ ވެސް އޭނީ ނިދިއައިސްގެން. ” އަޔާޝް އެންމެނަށް ބަލައިލަމުން އެހެން ބުނެލިއެވެ. ” އެބުނާހެން. މާނުއަށް ވެސް އެހާއިރު ވާން އެނގުނު.” މުޅި އެރޭ ވެސް އެންމެ މަޑުން އިން އަޔާން އެންމެފަހުން އެއްޗެކޭ ބުނެލިއެވެ. ” އެހެހެ. ސޮރީ. ދެންވެސް ހިނގާބެ.”

އަޔާޝް އެއްޗިހި ބަދަލްކޮށްގެން އޮށޯތެވެ. މާބޮޑަށް ވަރުބަލިވެފާއި ހުރުމުން އެސްފިޔަތަކަށް ބަރުވެ ލޯމެރެން ފެށިއެވެ. އިރުކޮޅަކުން ފޯނު ރިންގުވާން ފެށިއެވެ. ” ކާކު މޮޔަ އަރައިގެންތަ؟ މާދަމާ ގުޅާ. މައެ ނިދަންވެއްޖެ.” މަޑުމަޑުން ނިދީގެ އަސަރު ކުރަން ފެށުމުން ފޯނަށް އަޅައެއް ނުލިއެވެ. ދެވަނަ ފަހަރަށް ގުޅަން ފެށުމުން ކާކުތޯ ވެސް ނުބަލައިލާ ފޯނު ނެގިއެވެ. ” ކިހާ ބޮޑު ކަމެއް. ތިޔަ ކިޔަން އުޅޭ އެއްޗެއް ކިޔާފަ އަވަސްކޮށްބަލަ.” ފޯނު ނެގުމާއެކުހެން އަޔާޝް ހަޅޭއް ލަވައިގަތެވެ. ” ކައެތި ކާކު؟ ކޮބާ މިޝް؟ ” އަޔާޝް އެއްލިގެން ތެދުވިއެވެ. ފޯނަށް ރަނގަޅަށް ބަލައިލެވުނީ ދެނެވެ. އެއީ މިޝްޔަލް ފޯނުކަންވެސް އިނގުނީ ދެނެވެ. ގުޅާފައި އިނީ ‘ ވިޝާން ‘ ކިޔާ ނަމަކުންނެވެ.

” އޭނ! ވާހަކަ ދައްކަބަލަ. ” ވިޝާން ހުރީ ރުޅިއައިސްފަކަން އެނގެއެވެ. ” މިޝްޔަލްވީ ގޭގަ. މާދަން ގުޅާ. ” ވިޝާން ގޮވަ ގޮވާ ހުއްޓާ ފޯނު ކަނޑާލާފައި ނިއްވާލިއެވެ. އަޔާޝް ހުރީ އެ ކާކުކަން އެނގެން ބޭނުންވެފައެވެ. އަނިއްކާ މިޝްޔަލް ރައްޓެހިވެގެން އުޅޭ ކުއްޖާ ބާއެވެ؟ މިޝްޔަލް ރަށަށް އައީ ދެން ކީއްވެބާއެވެ؟ ކޮންމެ މީހަކަށް ވިޔަސް އޭނައަށް ކޮން ކަމެއް ހެއްޔެވެ؟ ފޯނު ދޭން ހަނދާނެ ގޮތެއް ވެސް އަޔާޝްއަކަށް ނޭނގުނެވެ.

” މިޝްޔަލް. ” ވިޝާންގެ އަނގައިން އެބަސް އާހް އަކާއިއެކު ނިކުތެވެ. މިޝްޔަލް އަނިއްކާ މީހަކާ ރައްޓެހިވީބާއޭ ހިތައްއެރިއެވެ. ‘ ނޫން އެހެނެއް ނުވާނެ. އެކަން މަ ބަލާ ޔަޤީން ކުރާނަން. މިޝްޔަލްއަކީ އަހަރެންގެ މީހެއް.’ ވިޝާންގެ ހިތް ބުނަމުން ދިޔައެވެ. ” ޒާން މާދަމައަށް އެއްކަލަ ލޯންޗް ރެޑީ ކޮށްދެއްޗޭ.” ފިޒާންގެ ނަންބަރަށް ލުމަށްފަހު ގުޅާލިއެވެ. ” ކިހިނެއްވީ؟ ކޮންތާކަށް ދާން؟ ” ފިޒާން އެހިއެވެ. ” މިޝްޔަލް ކައިރިއަށް.”

 

( ނުނިމޭ )

 

47

2 Comments

 1. widhaadhaa ismail

  January 14, 2022 at 7:34 pm

  nice ❤️❤️❤️😊

  • Firewolf Queen

   January 15, 2022 at 8:02 am

   Thnx 😊❤️

Comments are closed.