ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 3
” މިޝްޔަލް. ” ވިޝާންގެ އަނގައިން އެބަސް އާހް އަކާއިއެކު ނިކުތެވެ. މިޝްޔަލް އަނިއްކާ މީހަކާ ރައްޓެހިވީބާއޭ ހިތައްއެރިއެވެ. ‘ ނޫން އެހެނެއް ނުވާނެ. އެކަން މަ ބަލާ ޔަޤީން ކުރާނަން. މިޝްޔަލްއަކީ އަހަރެންގެ މީހެއް.’ ވިޝާންގެ ހިތް ބުނަމުން ދިޔައެވެ. ” ޒާން މާދަމައަށް އެއްކަލަ ލޯންޗް ރެޑީ ކޮށްދެއްޗޭ.” ފިޒާންގެ ނަންބަރަށް ލުމަށްފަހު ގުޅާލިއެވެ. ” ކިހިނެއްވީ؟ ކޮންތާކަށް ދާން؟ ” ފިޒާން އެހިއެވެ. ” މިޝްޔަލް ކައިރިއަށް.”
* ތިންވަނަ ބައި *
މިޝްޔަލް ނުނިދާ އޮތީ ވިޝާން ގުޅާނެ އިންތިޒާރެއްގައެވެ. މާލަސްވުމުން ދެން ނުގުޅާނޭ ހިތާ ލޯ މަރާލިއެވެ. ނިދަން ހިތުލައިގެނެވެ. ލޯމަރާލިތަނުން ފޯނު އަންނަ ފެށިއެވެ. އަވަހަށް ފޯނުނަގައި ވާހަކަ ދައްކަން ފެށިއެވެ. ” ޝާން ހާދަ ލަހަކުން ތިގުޅީ. އައި ވެއިޓެޑް ފޯރ ސޯ ލޯންގް. ވަޓް ހެޕެންޑް؟ ” މިޝްޔަލްއަށް އެއްނޭވައިން އެ ހުރިހާ އެއްޗެއް ބުނެވުނީ އެއީ ކާކުކަން ވެސް ނުދެނަހުރެއެވެ. ” ވަޓް؟ ތީ މިޝްޔަލްތަ؟ ކިހިނެއްވެ އަޔާ ފޯނު މިޝް އަތުގައި؟ ވަޓް ޑިޑް ޔޫ ޓޫ ޑޫ؟ އެންޑް އެ ކާކު ޝާން؟ ބޯއީފްރެންޑްތަ؟ އޯމައިގޮޑް! ” ގުޅީ މާއިންއެވެ. މިޝްޔަލްއަށް ހޭވަރިކަންވީ ދެނެވެ. ލަދުން ދެކޯ ރަތްވިއެވެ. ފޯނު ކަނޑާލާކަށް ވެސް ނުކެރުނެވެ. ” ޝިޓް! އޭރު ރެސްޓޯރެންޓްގައި ނުބައި ފޯންއެއް އެ ނެގުނީ. ސޯ ޑޯންޓް މިސްއަންޑާސްޓޭންޑް. އެންޑް ވިޝާން އިޒް މައި އެކްސް ބީއެފް. ” މިޝްޔަލް ވީގޮތް ކިޔައިދިނެވެ. ” ހަހަހަ.. ތިވީ ގޮތުން މާދަން ޖެހޭނެ އަޔާއާއި ބެހިލަން. ” މާއިން ހެމުން ހެމުން ވާހަކަ ދެއްކިއެވެ. ” ނޯ. ދެން ކޮބާތަ މާނުގެ ލޯބިވާ؟” މިޝްޔަލް ކަޑަ ނުވާންވެގެން ބުންޏެވެ. ” ހޫނ ހޫނ ދެން މަޢުލޫ އޮޅުވާލަން އުޅޭނިކަމެއް ނެތް. އެނީވޭސް ޔަޝް ނިދައިފި ދެންމެ ގުޅައިގެން އުޅެފަ.. ދެން ބޭއްވިއްޔޭ.” މާއިން ފޯނު ކަނޑާލިއެވެ.
ފަތިހެވެ. އިރުގެ މަޑު އޮރެންޖް ކުލައެއް ވަނީ ފެތުރިފައެވެ. އެކި ދިމާ ދިމާލުގައި ދުވަން ނިކުމެ އުޅޭ މީހުން ބައިވަރެވެ. ލޮލުގައި އެންމެ އަޅައިގަންނަނީ ކަންފަތަށް ހެޑްސެޓް ޖަހާލާފައި އިސްތަށިގަނޑު ޕޯނީޓެއިލްއެއް ހެން އައްސާފަ ގަޔަށް ބާރު ކަޅު ކުލައިގެ ޓޮޕްއަކާއި ކަޅު ހަރުވާޅެއްގައި ހުރި ނިޝްފާއެވެ. ބަދަރުން ދުވެފައި ދިޔައިރު އެތާތިބި ދެތިން ފިރިހެން ކުދިންގެ ލޮލުގައި ވެސް ނިޝްފާ އަޅައިގަތެވެ.
އަމިއްލަ ދުނިޔެއެއްގައި ހުރެ ދުވަމުން ދިޔަ ނިޝްފާ މަޑު ޖެހެވުނީ ކުޑަ ލޯންޗްއަކަށް އަރަން ދިޔަ ވިޝާން ފެނިފައެވެ. ވިޝާންއަށް އެރުމާއި އެކު ބާރު ސްޕީޑެއްގައި އެ ލޯންޗް ނައްޓާލާފިއެވެ. ‘ މިއޮށްފަދަ ގަޑީގައި ކޮންތާކަށް؟ ‘ ލޯންޗް ދިޔަތަން ބަލަން ހުރެފައި ދެލޯ ބޮޑު ކޮށްލެވުނެވެ. ކަމެއް އިނގިގެން ކަހަލަ ގޮތަކަށެވެ. ‘ މިޝްޔަލް..! ކިހާ ބޮޑު ކަމެއް. ‘ ނިޝްފާ ޖަހާފައި ހުރި ލަވަ ނިއްވާލަމުން ފޯނުން ‘ ލިއުޝާ ‘ ނަންބަރަށް ފިތާލިއެވެ. ” އޭނ! މަށަށް ކަމެއް ކޮށްދީބަ އަގު ކިޔާފަ. ” ނިޝްފާ ހުރީ ރުޅިއައިސްގެން ރަތް ވެފައެވެ. ” މިހާރު ކޮން ކަމެއް ވީ؟ ” ލިއުޝާ ހުރީ ތައްޔާރަށް ކަން އަޑުން ފާހަގަވެއެވެ. ” ވީޝާން ގޮއްސި ތިރަށަށް މަށަށް އޭނަ އުޅޭ ނޫޅޭ ގޮތް ބަލައިދެންވީ. މަށަށް ވާނުވާ އަންގާތި. ރަނގަޅަށް ކޮށްދީފިއްޔާ ބުނި ވަރެއް ދޭނަން. ” އެއަށްފަހު ކުރަންވީ ކަންތައް ކިޔައިދެމުން ނިޝްފާ ފޯނު ކަނޑާލިއެވެ.
ހެނދުނު އަށްގަޑި ބައިވެ ބޮޑު ވެއްޖެއެވެ. އަޔާޝް ނިކުތީ މިޝްޔަލް ފޯނު ހިފައިގެން އެގެއަށް ދިއުމަށެވެ. ފޯނު ނެތީމަ އޭގެ އުނދަގޫ އޭނާއަށް ވާތީއެވެ. މިޝްޔަލް ވެސް އުޅުނީ އެހާލެއްގައެވެ. ވިޝާންގެ އަޑު އަހަން އެހިތް ގޮވަނީއެވެ. ނަމަވެސް މިހާރު އެއީ އޭނައާއި ބެހޭ މީހެއް ވެސް ނޫނެވެ. މާވަރަކުން އޭނާއާއި ވާހަކަ ދައްކަން މިއުޅެވެނީ ވެސް ކީއްވެ ހެއްޔެވެ؟ ވިޝާން މަތިން ހަނދާން ނައްތާލަން އެތައް ފަހަރަކު އުޅެވިއްޖެއެވެ. އެކަން ވެސް ނުވިއެވެ. ދެ ޚިޔާލެއްގައި ހުރެގެން ވެސް ހިނގައިގަތެވެ.
ލޯންޗް ރަށުގެ ޖެޓީއަށް ކައިރި ކޮށްލިއެވެ. ވިޝާން ލޯންޗުން ފައިބެ ހިނގައިގަތެވެ. ދާނެ ދިމާލެއް އިނގިގެނެއް ނޫނެވެ. ދަންނަ ރަށަކަށް ނުވާތީއެވެ. ހިނގަ ހިނގާފައި ގަހެއްގެ ދޮށުގައި ހުރި އުނދޯޔެއްގައި އިށީނެވެ. އަދި މިޝްޔަލްގެ ނަންބަރަށް ޑައެލް ކޮށްލިއެވެ. ދެފަހަރު ގުޅުމުން ވެސް ފޯނު އޮތީ ނިއްވާލާފައި ކަމަށް ބުންޏެވެ. ވިޝާން ގާތަށް ރުޅިއައެވެ. އަދި ވެސް އެވީ އެ ފިރިހެނެއްގެ އަތުގައޭ ހިތަށް އަރާ ހަދާނެ ގޮތަކާއި މެދު ވިސްނިއެވެ. އިރުކޮޅަކު އޮތުމަށްފަހު ތެދުވެ ހިނގައިގަތެވެ. ދެއަތް ޖީބަށް ޖަހައިލައިގެން ދިޔައިރު އަންހެން ކުދިންގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. އަޅާލުމެއް ނެތި ޖެހިގެން ހުރި މަގަށް އެޅިއެވެ. ހިންދިރުވާލެވުނެވެ. ދެތިން ފަހަރަކު ލޯ މަޑުމަޑުން މަރާލިއެވެ. ހަމަޖެހުމުގެ ބޮޑު ނޭވާއެއް ނެގުނެވެ. މިޝްޔަލް ދާތަން ފެނުމުންނެވެ. ނެގުނު ނޭވާ ދޫވީ ހީކުރި ކަހަލަ ގޮތަކަށް ނޫނެވެ. މިޝްޔަލް ކުރިމަށްޗަށް އެރި ފިރިހެން ކުއްޖަކު އައިސް މިޝްޔަލްއާއި ދާދި ގާތު ހުއްޓުމުންނެވެ. އެމީހަކު ފޯނު ދިއްކޮށްލި ތަން ފެނުމުން ދެބުމަ ގޮށްޖަހާލެވުނެވެ. އަތް މުށްކެވުނެވެ. ބާރަށް ގޮސް އެމީހަކު ކޮށްޕާލިއެވެ.
” ވިޝާން…. ” މިޝްޔަލް ވިޝާން ޖަހަން ނެގި އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ވިޝާން އަތް ފޮޅާލާފައި އަޔާޝްގެ ކޯ މަތީ ޖެއްސެވެ. ” ވިޝާން.” މިޝްޔަލްއަށް އެންމެ ފަހުން ރޮވޭ ގޮތްވިއެވެ. ” ކަލޭ މިޝްޔަލްއާއި ކައިރި ނުވެ ހުންނާނީ. އެހެންނޫނީ މަގޭ ބާރު ދައްކާލާނަން. ” ވިޝާން އަޔާޝްއަށް އިންޒާރެއް ދިނެވެ. އޭރު އަޔާޝް ތެދުވަން އުޅެއެވެ. ކޮލުގައި ޖެހިތަން ހުރީ ރަތްވެފައެވެ. ވިޝާން ރުޅިއައިއްސަ ހުރެ މިޝްޔަލް އަތުގައި ހިފައިގެން ދިޔައެވެ. އަޔާޝް ހުރީ ރުޅިއައިސްފައެވެ. މިމީހައަށް ރަނގަޅަށް ކަމެއް ކޮއްދިނީމަ ގަޔަށް ބޮލަށް އަރަން ޖެހޭ ހެއްޔެވެ؟ ގައިމު މަ މިޝްޔަލް ކާލަން އުޅެނީކީ އެއްވެސް ނޫނެވެ. އަނގަ މައްޗަށް ތަދުވާވަރުން ބާރަށް ގެއަށް ދިއުމަށް ހިނގައިގަތެވެ. މީހާގެ މުޅި ދުވަސް ވެސް ޚަރާބުވިއެވެ.
އެމީހުނަށް ނޭނގުނު ކަމަކީ ނުލާހިކު ކައިރިން މީހަކު އެމަންޒަރުތައް ވީޑިއޯ ކުރި ކަމެވެ. އެކަމެއް ކުރީ ރަނގަޅު ނިޔަތެއްގައި ނޫންކަން ވެސް އެ މޫނުމަތީގެ ނުލަފާ ހިނިތުންވުމުން ވެސް ދައްކުވައިދެއެވެ. ކުރާނި ކަމެއް ކޮށްފައި އެމީހާ އެތަނުން ރައްކާވިއެވެ.
” ވިޝާން. ވަޓްސް ރޯންގް ވިތް ޔޫ؟ މި ދެމެދުގަ ދެން ގުޅުމެއް ނޯންނާނެއޭ. ވިޝާން ނުޖެހޭ އަހަރެން ފަހަތުން އުޅޭކަށް. އައި ޑޯންޓް ވޯންޓް ޔޫ. ވިޝާންއަށް ވެސް އެހެން ކުދިން ވާނެ. ސޯ ޕްލީޒް ލީވް މީ.. އެންޑް ތި ރުޅިގަނޑު އަޔާޝްއަށް ނުބާލާ. ކޮންމެ ކަމެއް ވިޔަސް މަގޭ ކަމަކަށް ވިޝާން އަޅާލާކަށް ނުޖެހޭ. ” މިޝްޔަލް ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެހިތް ވިޝާންއަށް ގޮވަމުން ދިޔަ ނަމަވެސް އެކަމަށް ފުރަގަސް ދިނެވެ. އެހެން މީހެއްގެ ހައްޤަކަށް އަރައިގަންނަން ބޭނުން ނުވާތީ ކަމަށް ވެސް ވެދާނެއެވެ. އެވަގުތު ވެސް މަންމަ އެންމެ ފަހު ނޭވާލަމުން ބުނި ބަސްތައް ހަނދާން ވަމުން ދިޔައެވެ. ‘ އަބަދަކު އެހެން މީހުންގެ އުފަލަށްޓަކައި ދަރިފުޅު ކަރުނަ އޮހަރާކަށް ނުޖެހޭނެ. އަމިއްލަ އުފާ ހޯދަން ވެސް ޖެހޭނެ. ‘ އެހެންނަމަވެސް މިފަހަރު ތަފާތު އިޚްސާސެއް ކުރެވެއެވެ. ވިޝާން ނުލާއި ވެސް އުޅެވޭނެއެވެ. ” މިޝް ބުނޭ ތި ދޮގެކޭ. އަހަންނަކަށް ނޫޅެވޭނެ މިޝްއާއި ދުރުގައެއް. އެންމެ ސިކުންތަކަށް ވެސް ކެތެއްނުވާނެ.. އަބަދުވެސް މިޝް މި މޭގަ ވާނެ.” ” ނޫނެކޭ. ” މިޝްޔަލް އެންމެ ފަހުން ކެތްނުކުރެވިގެން ދާން އެނބުރިލިއެވެ. ނަމަވެސް ވިޝާން އަތުގައި ހިފިއެވެ. ” މިޝް. ކިހިނެއް މިޝް މަގާތުގައި ވާނީ؟ ކިހިނެއްވެތަ މި ގުޅުމަށް ޖާގަ ނެތީ؟ ބުނެބަލަ! އެކަމެއް ރަނގަޅު ކުރާނަމޭ.” ވިޝާން އަސަރުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އެހިތައް ވަނީ ވަރަށް އަސަރު ކޮށްފައެވެ. ” ސްޓޮޕް އިޓް.. މަ ލޯތްބެއް ނުވެޔޭ ވިޝާން ދެކި… އަހަރެން ފަހަތުން ނޫޅިބަލަ… ” މަޑު ގިސްލުމަކާއި އެކު ހިތްވަރު ލާފައި މިޝްޔަލްއަށް ބުނެވުނީ އެހިސާބަށެވެ. ވިޝާންގެ އަތް ނައްޓުވާލަމުން ހިނގައިގަތެވެ. ރަތްވެފައިވާ ދެލޮލުން ފައިބަމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. ވިޝާންގެ ލޯ ވެސް ކަރުނުން ފުރުނެވެ.
ހިނދުކޮޅެއް ނިމިއްޖެ
ބަދު ތިބުނެލި ބަސް އިވިއްޖެ
ހިނދުކޮޅެއް ތެރޭގައި ވެވުނު ލޯބި އަދު ނިމިއްޖެ
އެކުގައި ހޭދަކުރި ދުވަސްތައް ފެނައްވެ ގޮސް ހިނދިއްޖެ
އެކުގައި ނޫޅެވޭނެ ދެން ގިލަންވެ ހިތް މަގޭ ފިހިއްޖެ
އަނާ ތިބުނެލި ބަސްތައް ކަންފަތައް އިވޭތީ
ފަނާވިޔޭ މިހިތް އެކުގައި ހިމޭންވީ
ސަޒާތަކުން ތިދިން ހަލާކުވީ މި ހިތް
ކަލާގެ ހައްޤުގައި އެތައްކަމެއް މަ ބީކުރިން
ތި ރީތި ހިނިތުންވުން ކުރުވީ މިހިތް ކަތި
ތި ރީތި ބިމުގައި ފައި އެޅުނޭ ފިނި
ހުރެ މަކުރިމަތީ ބުނެފަ ލޯތްބޭ ވަނި
ހުރެފަ ހިނދުކޮޅެއް ގާތުން ދުރަށޭ ދަނި
ކިހިނަކުން ކަލާ މަ ގާތުގަ ވާނި
ކީއްވެ މި ގުޅުމަށް ޖާގަ ނުވާންވީ
ތި ހިތުގެ އުފާ ބުނެ މީޔެ މަލާ
ދޮގުތަކެއް ހަދާފަ ދުރު މަކޮށް އުފާ ދަނީ
މިއަދު މިއޮތީ ވާނެ ގޮތެއް ވެ ނިމިފަ
ތި ހުޅުކޮޅު މި ޙަޔާތުގަ ވެ ނިވިފަ
ހެދުނު ގޯހަކުން އުފާތައް ބީވެފަ
އިތުރު ހުޅުކޮޅެއް އަލުން ނުހިފާ ވަރަށް
އަބަދުވެސް ކަލާ މިމޭގައި ވާނޭ
އަބަދުހެން ކަލާ މި ލޭގަ ހިނގާނޭ
ފަނޑު ދުވަސްތައް ހުރި ހުރަސްތައް
ފުހެވިގެން ދާނެ ދުވަސްތަކެއް ނާދޭ
” މޭން. ކައެއަށް ކިހިނެއްވެފަ؟ ” އަޔާޝް ގެއަށް ވަން އިރު ސިޓިން ރޫމްގައި އަޔާން ފޯނާ ކުޅެން އިނެވެ. އަޔާޝް އަނގަ ކައިރިން ފައިބާފައި ހުރި ލޭތައް ފެނުމުން ހައިރާންވިއެވެ. ” އޭނ ކިހިނެއްވީ؟ ” ޖަވާބެއް ނުދީ ކޮޓަރިއަށް ދާން ހެދުމުން އަޔާން ތެދުވިއެވެ. އަޔާޝް ވަން ގޮތަށް ވަދެ ދޮރު ތަޅުލިއެވެ. އަދި ފާޚާނައަށް ވަދެ މޫނު ދޮވެ ލުމަށްފަހު ކުޑަ ގޮތަކަށް ފެން ވަރައިލައިގެން ނިކުތެވެ.
‘ ގުޑް މޯރނިންގް ‘ މާއިން ފޯނު ހުޅުވާލި އިރު ޔަޝްފާގެ މެސެޖް ފެނިފަ ހީނލެވުނެވެ. ލަސްނުކޮށް ޔަޝްފާގެ ނަންބަރަށް ގުޅާލިއެވެ. އެންމެ ރިންގެއް ވެސް ނުވަނީސްހެން ޔަޝްފާ ފޯނު ނެގިއެވެ. ” ހަހަހަ. ހަމަ ގުޅާނެ އިންތިޒާރެއްގަތަ ތިއޮތީ؟” ޖެއްސުމުގެ ރާގަކަށް މާއިން ބުނެލިއެވެ. ” އާނ!.” ޔަޝްފާ ހުރީ ރަކިވެފައެވެ. ” ރެޑީ ވެބަ ދުއްވާލަން ދާން. އިރުކޮޅަކުން އެބަ ދަން ބަލާ. ” މާއިން އެނދުން ތެދުވަމުން ބުނެލިއެވެ. ” ޔެސް. އޯކޭ ”
މާއިން ޔަޝްފާ ބަލާ ދިޔައިރު ޔައިޝްއާއި ޔަޝްފާއާއި ތިބީ ހެނދުނުގެ ސައި ބޯށެވެ. މާއިން ފެނުމުން ޔައިޝް ލާނެއް ގޮތަކަށް ޔަޝްފާއަށް ބަލާލިއެވެ. ވަގުތުން ޔަޝްފާ ދެކޯ ރަތްވިއެވެ. ” މާނު ކައެ މިތާ އައިސް ޖައްސަބާ.” ޔައިޝް ނުވާ ކަމަށް ހެދެމުން ކެއުން ކުރިއަށް ގެންދިއައެވެ. ފަސް މިނެޓެއް ހާއިރު ވަންދެން އެތާވީ ހަމަހިމޭން ކަމެވެ. ” ޕިސް. ޕިސް. މަ ހުރީމަތަ ހިތް ހުއްޓިފަ. ކައޭން ކުރިއަށް ގެންދޭ މަވާ ސަލާން. ” ހެމުން ހެމުން ޔައިޝް ނިކުތީ ބޭރަށެވެ. ޔަޝްފާ ވެސް ތަށިތައް ދޮވެލާފައި މާއިންއަށް ބަލައިލަމުން ނިކުތެވެ. ” ކޮންތާކަށް ދާނީ؟ ” މާއިން ހީލަމުން އަހާލިއެވެ. ” ހިނގާ ބީޗް ކައިރިއަށް. ”
އަޔާން އުޅުނީ އަޔާޝްއަށް ވީގޮތެއް ބަލާށެވެ. ޓަކި ޖެހުމުން ވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބޭރަށް ނިކުމެ އެންމެ ފަހުން އެތާ ހުރި ޖޯލީގައި އޮށޯވެ ފޯނުން އަޔާޝްއަށް މެސެޖް ކޮށްލިއެވެ. ‘ ހޭއި. ކިހިނެއްތަ ވީ؟ ބުނީމަ ދޯ އިނގޭނީ ކަމެއް ކޮއްދެން ވެސް. ‘ އަޔާން ކަންފަތުގައި ކުއްލިއަކަށް އައިލީން އަޑު ޖެހުމުން ސިހުނެވެ. ” ކޮބާ ދޮންބެ؟” އަޔާންއަށް ވީގޮތް ފެނިފައި އައިލީން ހުރީ އެތެރެއިން ހެވިފައެވެ. ” ވެއްޖެ ކޮޓަރީގަ. ނިދާފަ ކަންނެ. ” ވީގޮތް ކިޔައިދީގެން އައިލީން ހާސްވެދާނެތީ އެވާހަކަ ނުބުންޏެވެ. ” މި ގަޑީގައި އޭނާއެއް ނުއެއް ނިދާނެ. ” ޝައްކުގެ ނަޒަރުން އައިލީން ބަލައިލި ގޮތަކުން އަޔާން ހިތް ތެޅިލިއެވެ.
އަޔާޝް އޮތީ ފުން ވިސްނުމެއް ތެރެއަށް ގެނބިފައެވެ. އެތައް ގޮތަކުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މިޝްޔަލްގެ ކަންތައް ގަނޑެއް ތެރެއަށް ވަދެވުނީ ތީއެވެ. އޭނާގެ ސަބަބުން އެ ގުޅުން ހުއްޓިދާނެތީއެވެ. އަޔާޝްއަށް ނޭނގި އޮތް ކަމަކީ އެ ދެ ލޯބިވެރިންގެ ދެމެދުގައި އެއް ވެސް ގުޅުމެއް މިހާރު ނުވާ ކަމެވެ. ކޮންމެއަކަސް އަޔާޝް ހުރީ އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ.
” މިއޮތީ ބުނި ކަންތައް ކޮށްފަ.. ކޮބާ އަގު؟ ” ސިގިރޭޓު ރޯކޮށްލަމުން ލިއުޝާ ފޯނު ސްޕީކަރަށް ލިއެވެ. ” މިވަރަކުން ނުވާނެ. މަށަށް ވިޝާން ގެނެސްދީ ކޮންމެ ގޮތެއް ހަދާފަ ވިޔަސް. ނުވެއްޖެއްޔާ މިޝްޔަލް ދުވަސް ދުއްވާލާ. ވާނުވާ މަށަށް ރަނގަޅަށް އަންގާތި. ޕްލޭންއާއި އެއްގޮތަށް ކަންކަން ނުވަންޏާ މަ ތިކޮޅަށް ގޮސްގެން ވިޔަސް މިކަން ކުރާނަން. ”
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Mi bai up kohlevunu leh lasveethee kiyun theringe arihun maafah edhen. Alhugandu maa busy koh ulheytheeve
Iraadha kurehviyya kuriah oii bai liyevunu enme avahakah up kohladheynan
Insha Allah
Hurihaa kiyun therinnah vx mi bai kamu dhiya kamah unmeedhu kuran ☺️?❤️