އަހަރެން ބުނިން ކުލި އެހާ އަގުބޮޑުއިރު ލިބޭ ކުޑަ މުސާރައިން ޚަރަދުތައް ފޫނުބެއްދޭކަމަށް..އެހެންވެގެންނޭ މިހެންހަދަން މިޖެހުނީ..ބައްޕަ ދެވަނަ މަސައްކަތެއްވެސް ލިބޭތޯ އެބަ ބަލަމޭ..ލިބުނުހާ އަވަހަކަށް ދެމީހުން އަނެއްކާވެސް އެކުގައޭ އުޅޭނީ…ދަރިފުޅު އެގޭގަ ހުއްޓަސް ބައްޕަ ދާނަމޭ ކޮންމެދުވަހަކު ދަރިފުޅާ ބައްދަލުކުރަން…އަނެއްކާ ކޮންމެ ދުވަހަކު ސުކޫލަށް ލާށާ ބަލާ އަންނައިރުވެސް ދިމާވެވޭނެ ނޫންހޭ…

އަހަރެން އެހެންބުނުމުން އުމުރުން ބާރަ އަހަރުގެ އައްކިޔުން އަހަންނާ ދިމާލަށް ބުނީ އައްކިޔުން ކިޔަވަނީ އެހެންވެގެންނޭ…ކިޔަވާ މޮޅުކުއްޖަކަށްވެ، ރަނގަޅު ވަޒީފާއެއް އަދާކޮށް، ގިނަ ރުފިޔާ ހޯދައިގެން، ބައްޕަ ގޮވައިގެން ވަކިން ގެއެއްގަ ދިރިއުޅެންށޭ…އޭރުން ބައްޕައަށްވެސް އަރާމުގަ ނިދޭނެ ނޫންހޭ…އައްކިޔުންގެ އެބަސްތަކުން އަހަންނަށް ރޮވުނު..އަދި އައްކިޔުންގެ ގައިގަ ލޯބިން ބައްދާލެެވުނު..އެދުވަހު އަހަރެންގެ ހިތަށްއެރި އެންމެން އަހަރެން ދޫކޮށްލިއަސް އަހަރެންގެ ދަރިފުޅު އަހަރެން ބަލާނޭ…އަހަރެން ރޯންފެށުމުން އައްކިޔުން އަހަރެންގެ ކަރުނަ ފުހެލަދިން..

ދުވަސްތައް ފާއިތުވަމުންގޮސް އައްކިޔުންގެ އުޅުމަށް ބަދަލުތަކެއް އަންނަންފެށި…އޭނާ އަހަންނަށް ކަމެއް ސިއްްރުކުރާ ކަހަލަ އިހުސާސެއް އަހަންނަށް ކުރެވެންފެށި..އަައްކިޔުންނަކީ ދުވަަހަކުވެސް އެހެންއުޅުނު ކުއްޖެއްނޫން…އަހަރެން ކައިރި އޭނާއަށް ބުނަންނުކެރޭނެ ވާާހަކައެއް ނޯންނާނެ…އެހާވެސް ގާތްގުޅުމެއް އަހަރެމެންގެ ދޭތެރޭގަ އުފެދިފައިވަނީ…އެކަމަކު އައްކިޔުންނަށް އައި ބަދަލުން އަހަރެން އޭނާއަށް އެސުވާލުކުރިން..ފަހަކަށް އައިސް އޭނަ ވަރަށް ބޮޑަށް ވަރުބަލިވެފަ ހުންނަކަހަަލަ ގޮތަކަށް ހުންނަނީވެސް…އަހަރެން އެހުމުންވެސް އައްކިޔުންނެއް ނުބުނި..ބުނަނީ ކަމެއް ނުވާކަމަށް…އަހަރެން އެހިން އޭނާ ހުންނަ ގޭމީހުން ރަނގަޅުހޭވެސް..އައްކިޔުން ބުނަނީ އާނއެކޭ..

ކުރިން އަހަރެން ވަގުވަގަށް އެގޭމީހުންނަށް ނޭނގޭގޮތަށް އައްކިޔުންނާ ބައްދަލުކުރަން އައްކިޔުން ނިދާ ކޮޓަރިތެރެއަށް ވަންނަން..އެކަމަކު އެގޮތަށް ވަންނާތީ އައްކިޔުން ހިތްހަމައެއް ނުޖެހުނު…އޭނާ ބުނީ އެހެންމީހުންގެ ގެއަށް، އެމީހުންގެ ހުއްދަނެތި ވަނުމަކީ ގޯސްކަމެއް ކަމަށް…އައްކިޔުން އެހެންބުނިފަހުން އަހަރެން އެގޮތަކަށް އެގެއަކަށް ނުވަންނަން…އެކަމަކު އައްކިޔުންނަށް ބަދަލު އައިފަހުން އެއްރޭ އަހަރެންގެ ހިތަށް އުދަނގޫވެގެން ވަނިން..އެރޭ އަހަރެންގެ ލޮލަށް ފެނުނީ އަހަރެން ހީނުކުރާހާ ހިތްދަތި މަންޒަރެއް…

އެކުއްޖަކަށްޓަކާ އަހަރެން ގުރުބާންވަމުންދިޔަ އަހަރެންގެ ލޯބިވާ ކުޑަ ދަރިފުޅު ލައްވާ އެގޭމީހުން ނޯކަރީ ކުރުވާ މަންޒަރު…ޓީވީ ބަަލަން ދެފައިދަމާލައިގެން އަރާމުގަ އެގޭ ދެމަފިރިން ސޯފާގައި ތިބިއިރު އައްކިޔުން ހުރީ ބަދިގެ ޒިންކުތެރޭގައި ހުރި ތަށިތައް ދޮންނަން…އަހަރެން ގަނޑި ބަލާލިއިރު އޭރު ދަންވަރު އެކެއް ޖަހާފަ ހުރީ..އައްކިޔުންނަކީ ދުވަހަކުވެސް އެހާ ލަސްވަންދެން ހޭލާ އުޅުނު ކުއްޖެއްނޫން…

އަހަރެން ބަލަންހުއްޓާ…ޓީވީ ބަލަންއިން އަންހެންމީހާ އައްކިޔުންނަށް ވަރަށް އަމުރުވެރިކޮށް ފެންތަށްޓެއް ގެނައުމަށްބުނި…އައްކިޔުން ނޯކަރެއް ފަދައިން ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު އެމީހާއަށް ފެން ގެނެސްދިން އަދި އަނެއްކާވެސް ޒިންކު ކައިރިއަށް ގޮސް ތަށިތައް ދޮންނަން އުޅުނު…އެކުއްޖާއަށް އެއްތަށިވެސް ނުދޮވިގެން އުޅެނިކޮށް ސޯފާގަ އިން ފިރިހެންމީހާ އައްކިޔުންނަށް ގޮވާފަ ޖޫސްތަށްޓެއް ގިރުމަށް އަމުރުކުރި..އަނެއްކާވެސް އެމަސައްކަތް ހުއްޓާލުމަށްފަހު އައްކިޔުން ޖޫސްގިރަން އުޅުނު…އަހަރެން ދުވަހަކުވެސް އައްކިޔުން ލައްވާ ހުސް ތައްޓެއްހާ ހިސާބުވެސް އުފުލުވާފައެއް ނުވާނެ އޭނާގެ ހުރިހާކަމެއްވެސް ކޮށްދިނީ އަހަރެން…އެމަންޒަރު ފެނުމުން އަހަރެން ރުޅިވެސް އައި ދެރަވެސްވި…

އެމަންޒަރު ބަލަން އަހަރެންގެ ހިތަށް ކެތެއްނުވި..އެހުރިހާ ދުވަހަކު އެކުއްޖާ ފަކީރު އުޅޭނެ ހާލު ހިތަށްއަރާ އަހަރެން ވަރަށް ދެރަވި…އޭނާ އެހާ ވަރުބަލި ވައްތަރު ޖެހުމުގެ އަސްލަކީ އެއީ ކަން އަހަންނަށް އެރޭ އެނގުނު..އެމީހުންގެ ނުބައިކަން ހިތަށްއަރާ އަހަރެން ސަހަރޯ ހީވި..ކުރިމަތީގަ ހިތްހެޔޮކޮށް ވާހަކަދެއްކިއަސް އެމީހުންގެ އަސްލުކުލަވަރު އެރޭ އަހަންނަށް ފެނުނު…

އެރި ރުޅިން ދިޔަގޮތަށްގޮސް އެގޭ ދޮރުމަތީގައި ހުރެ އަހަރެން ބެލް އެޅިން..ބެލް އަޅަންފެށުމުން އެމީހުން ދޮރު ހުޅުވާލި…އަދި އަހަރެން ފެނުމުން ކެހިވެރިކަން ސިއްރުކޮށް، އޯގާތެރި ހިނިތުންވުމެއް ވެލި…ދޮރު ހުޅުވުމާއެކު އަހަރެން ބުނިން އައްކިޔުންނަށް ގޮވާށޭ..

އެންމެ ސިކުންތަކަށްވެސް އެގޭގަ އެކުއްޖާ ބަހައްޓާކަށް އަހަރެން ބޭނުމެއްނުވި..އަހަރެން އެހެންބުނުމުން އަންހެންމީހާއާ ފިރިހެންމީހާވެސް އަހަންނާ ދިމާލަށް ބުނީ އައްކިޔުން އޮތީ ނިދާފަ ކަަމަށާއި މާދަމާ އައުމަށް..އަދި އައްކިޔުންނަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަމަށް…އަހަރެންގެ ރުޅި އިހުނަށްވުރެ ގަދަވި..އަހަރެން އެމީހުންނާ ދިމާލަށް ބުނިން “އަހަރެންގެ ދަރިފުޅު މިގޭގަ ބަހައްޓާފަ އެހުރީ ކޮންމެ މަހަކު ރުފިޔާ ދީގެން ނޯކަރީ ކުރުވާކަށް ނޫނޭ…މިގެއަށް އަހަރެންގެ ދަރިފުޅު ގެނައިދުވަހު ކަލޭމެންނޭ އަހަރެން ކައިރީގަ ބުނީ އައްކިޔުން ލައްވާ އެއްވެސް މަސައްކަތެއް ނުކުރާނަމޭ…އައްކިޔުންގެ ކަންތައް ކޮށްދޭނީ ކަލޭމެންނޭ..”

“އެހެންބުނެ ދޮރު ކޮށްޕާލުމަށްފަހު ވަދެ ޒިންކް ކައިރި ހުރި އައްކިޔުން ގާތު އެއްޗެހިތައް ޕެކުކުރަން އަހަރެން ބުނިން، އަދި އެއްޗެހިތައް ހިފައިގެން އަހަރެމެން އެގެއިން ނިކުތިން….އެރެއަށްފަހު އަހަރެން އިންސާނުންދެކެ ވަރަށް ބޮޑަށް ފޫހިވެ ނަފްރަތު އުފެދުނު…

އަހަރެން ދުވަހަކުވެސް އައްކިޔުންނާ ދިމާލަށް ބާރަށް އެއްޗެއް ބުނެފައެއް ނޯންނާނެ…އެކަމަކު އަހަންނަށް އެރޭ އައްކިޔުންނާ ދިމާލަށް ބާރަށް ވާހަކަވެސް ދެކެވުނު…އެއީ އޭނާ އަހަންނަށް އެކަންތައް ސިއްރުކުރީތީ…އަހަރެންގެ އަޑު ބާރުވުމުން އައްކިޔުން ވަަރަށް ދެރަވި…އަދި އޭނާ އެކަންތައް ސިއްރުކުރީ އަހަރެން ދެރަވާނެތީ ކަމަށާއި އެކަން ސިއްރުކުރެވުމުން މާފަށްވެސް އެދުނު…

އަހަރެން، އަހަރެންގެ ލޯބިވާ ކުޑަ އައްކިޔުންނަށް ވިސްނައިދިނިން…އަހަރެން ބުނިން “ބައްޕަ ދެރަވިޔަސް އެއްވެސްކަމެއް ބައްޕައަށް ދެން ސިއްރު ނުކުރައްޗޭ…ބައްޕައަށް ސިއްރުކޮށްގެން ހުއްޓާ ދެރަގޮތެއް ދަރިފުޅަށް ދިމާވެއްޖެނަމަ ބައްޕަ މާދެރަވާނޭ”..”އަހަރެން އެހެންބުނުމުން އައްކިޔުން އަހަރެންގެ ގައިގަ ބައްދާލުމަށްފަހު ދެން އެއްވެސްކަމެއް އަހަންނަށް ސިއްރުނުކުރާނެ ކަމަށް ވައުދުވި…

އެރޭ ކުލީ ކޮޓަރިއެއް ހިފައިގެން ވަގުތީގޮތުން އަހަރެމެން ދެބަފައިން ބަދަލުވިން…އަހަންނަށް އައްކިޔުން ކިޔައިދިން ގޮތުގައި އައްކިޔުން ލައްވާ އެގޭ މީހުން ނުކުރުވާ ކަމެއްނެތް… އެމީހުން ލާ އަންނައުނުތައް ދޮއްވާ، ކައްކުވާ، ގޭތެރެ ފޮޅާ ސާފުކުރުވަނީވެސް އައްކިޔުން ލައްވާ ކަމަށްބުނި…އެކުއްޖާއަށް ހަމަނިދި ނިދާލަން ނުލިބޭކަމަށާއި ފޮތެއް ކިޔާލަން ވެސް ވަގުތު ނުވާކަމަށް…އެހާވެސް ގޭތެރޭގެ މަސައްކަތް ބުރަކަމަށް…

އަހަރެން އޭނާ ކައިރި އެހިން އެމީހުން އަނިޔާކުރިހޭ…އޭނާ ބުނި އަނިޔާ ނުކުރާކަމަށް…އަނިޔާކުރުމުގެ ފުރުސަތެއް އެމީހުންނަށް އައްކިޔުން ނުދޭކަމަށް…ކޮންމެ މަސައްކަތެއްވެސް ވަރަށް ފުރިހަމަކަމާއެކު ޝަކުވާނުކޮށް އޭނާ ކުރާކަމަށް…ކައްކަންވެސް ވަރަށް އަވަހަށް ދަސްކުރިންކަމަށް…މިވެނި އެއްޗެއް ކައްކާނެގޮތް އެމީހުން ޖެހުނީ އޭނާއަށް އެންމެ ފަހަރަކުކަން ކިޔައިދޭން…ދެވަނަ ދުވަހު އޭތި ކައްކަން އޭނާއަށް އެނގޭކަމަށް”

“އެހެންވެ ދޯ ނައިގެ ގެއަށް އައިސް އެއްރޭ އައްކި ކެއްކީ..ނައި އައްކި ކައިރި އެހިން ކައްކަން ދަސްކުރީ ކޮންތާކުންހޭ…އެހީމަ އެއަށް ޖަވާބުނުދީ އައްކި މައުޟޫ ބަދަލުކޮށްލީ” އައްކިޔުން ބައްޕަގެ ވާހަކަތައް އަޑުއަހަން އިން ނައިޝާ ބުނެލިއެވެ. “އާނ އައްކިޔުންނަށް ކައްކަން ދަސްވީ އެގެއިން” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.އަދި އަނެއްކާވެސް ކިޔައިދޭން ފެށިއެވެ.

57

1 Comment

  1. Hûdhãkkø

    January 9, 2022 at 2:04 pm

    💕💕💕
    Love this part
    💕💕💕💕💕
    Waiting for the part

Comments are closed.