އުޑުމައްޗަށް ވެރިވެގެން އިން ހަނދުގެ އަލިކަން ފަނޑުވެ މުޅި އުޑުމަތި ކަޅުވިލާތަކުން ބަނަކޮށްލައިފިއެވެ. މުޅި ދުނިޔެއަށް ކަޅުފޮއިކަންވެރިވެ ވައިރޯޅި ބާރުވެއްޖެއެވެ. ހަނދުނެތުމުގެ ފަޅުކަން މުޅި ދުނިޔެއަށްވެސްކޮށްފައިވާ ކަހަލައެވެ. ތަރިތަށް ކިތަންމެ ގިނަ ކަމުގައިވިޔަސް މުޅި ދުނިޔެ އިން ހަނދުގެ ފަޅުކަން ފިލުވާލާނެހާ އަލިކަމެއް އެ ކުޑަކުޑަ ތަރިތަކަށް ލިބިފައެއްނެތެވެ.

ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރި ހިމަތޮޅި އަންހެން ކުއްޖާ ހުރީ ކުރިމަތީގައި ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ފިޔާތޮށި ކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ފައިކުރި އޮޅާލާފައިވުމުން އަޅާފައި އިން ރޯސްގޯލްޑް ކެވެލިކޮޅު ފެނިފައިވެސް މީހަކު އަންތަރީސްވާހާވެއެވެ. އެދޮން ފަޔާއި ގުޅޭވަރުންނެވެ. ދޫކޮށްލާފައިވާ ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑު ވައިގެ ތެރޭގައި ހޫރެމުންދިޔައިރު އެއީ ބަލާ ފޫހިނުވާނޭ ފަދަ ރީތި މަންޒަރެކެވެ.

“އަލޫ. މަންމަ އެބަ ގޮވާ..” ގޭތެރެއިން ނުކުމެގެން އައި ޒުވާނާއަށް އަލާޔާ ފެނުމާއެކު އައިސް ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. އެޒުވާނާގެ ބަރު އަޑު އިވި އަލާޔާ ސިހިގެން ގޮސް ފަހަތް ބަލާލިއެވެ.

ރީތި ދޮން ހަށިގަނޑެކެވެ. އަޅިކުލައިގެ ދެލޮލެވެ. ހެޔޮވަރެއްގެ ނޭފަތަކާއި މަޑު ފިޔާތޮށްޓަކަށްދާ ތުންފަތެކެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ގުރާފެހި ޓީޝާޓެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ކަންފަތާ ހަމައަށް ދިގުކޮށްލާފައިވާއިރު މޫނުމަތިން ސީރިއަސް ވައްތަރެއް ނުޖަހައެވެ.

“ތިއްތި ނުދަންތަ..؟” އަލާޔާ ހިނގައިގަންނަމުން ފަހަތައް އެނބުރި އެޒުވާނާއަށް ބަލައިލިއެވެ. “ޔަޕް. މިއުޅެނީ މިތާ އިނދެލަން ކަމަށް ކުޑަކޮށް ވައިޖައްސާލަން…..” އަފްލާކް ކުޑަކޮށް ހިނިތުންވެލަމުން އަލާޔާ ފޮނުވާލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. “ޔެސް މައި ލަވް. ކީއްތޯ ކޮށްލަ ދޭންވީ..؟” އަފްލާކް ލާނެތް ރާގަކަށް އެހެން ބުނެލުމުން އެކޮޅުން އިވުނީ ހަޅޭކެއްގެ އަޑެވެ. އަފްލާކްއަށް ފޯނު ދުރުކޮށްލާ ކަންފަތުގައި އަތްއަޅާލެވުނެވެ. “އަފްލާކް. ކަލޭ މަށާއި ދިމާލަށް ތިހެން ކިޔުން ހުއްޓާލާނީ ކޮންއިރަކުންތަ؟” އަޑަށް ކުޑަކޮށް ރުޅިވެރިކަން ގެންނަމުން އެކޮޅުން ބުނެލި ޖުމުލައިން އަފްލާކްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެކޮޅުންވެސް ހޭން ފެށި އަޑުއިވުނެވެ. “ހޫން ކިހިނެކޭ ވާންވީ..” އަފްލާކް ކުޑަކޮށް ސީރިއަސް ވަމުން އަހާލިއެވެ.

“ލާކް. މަ މިއުޅެނީ ތިކޮޅަށް ބަދަލުވާން…” އެކޮޅުން ބުނެލި ޖުމުލައިން އަފްލާކްގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. މޫނުމަތީގައިވި ހައިރާންކަމާއެކުގައި ވެސް އޭނާ ފާޑަކަށް ހަޅޭއްލަވައިގަތެވެ. “ޒައްލެ ހަމަ އަސްލަށްތަ؟ ތިއުޅެނީ މާލެ ބަދަލުވާން؟ ތީ އަނެއްކާ މަގޭ ޒައްލެތަ؟ ކަލެއަށް ކާކު ކޯއްޗެއް ބޯންދިނީ…” އަފްލާކް އެއްފަހަރާ އެތައް ސުވާލެއް ކުރުމުން އެކޮޅުން ހޭންފެށި އަޑުއިވުނެވެ. “ބުރޯ މަ ކިޔަވާ ނިމުނީ. ދެން ތިކޮޅަށް ގޮސް ވަޒީފާއަށް ވަންނަންވީ. އޭ.ޑީ.ކޭ އިން ވަޒީފާ ވެސް ހަމަޖެހިއްޖެ. ގަދަ ދޯ މަ. އިއްޔެ ނިމުނީ މާދަމާ ނޫން އަނެއް ދުވަހު ވަޒީފާ..” ޒާލިކް އެހެން ބުނެލުމުން އަފްލާކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޒައްލެ މާދަމާ މިކޮޅަށް އަންނަނިއްޔޭތަ މާނައަކީ؟” އަފްލާކް އަހާލުމުން ޒާލިކް ހިނިގަނޑެއް ޖަހާލިއެވެ. “ނޫނޭ ބުރޯ. މަ އިރުކޮޅަކުން ނައްޓާލާނަން. ބޯޑިން ވެސް ހައްދައިފިން މިހާރު. ކަލޭ ވީ މަ ބަލާ އަންނަން..” ޒާލިކް ބުނެލިއެވެ. “ހުވާތަ؟ ޒައްލެ ކޮންތާކު ހުންނަނީ އައިސް؟..” އަފްލާކް ރެއިލިންގައި އަތްއަޅުވާލަމުން އުޑުމައްޗަށް ބަލައިލިއެވެ. ދެންމެ ދެންމެ ވިއްސާރަ ވެހިގެންފާނެހެން ހީވެއެވެ.

“އަހާކަހަލަ ސުވާލުތަ؟ މަ ހުންނާނީ މަގޭ ލޯބިވާ ކައިރީގައެއްނު..” ޒާލިކް ލާނެތް ރާގުގައި އެހެން ބުނުމުން އަފްލާކް ހިނިގަނޑެއް ޖަހާލިއެވެ. “ހޫން ކޮޓަރި ސާފުކުރަންވީ ދޯ. އޭ ވަރަށް ވިއްސާރަހެން ހީވަނީ. އަންނަންވެދާނެތަ؟” އަފްލާކް ކުޑަކޮށް ކަންބޮޑުވިއެވެ. “އާނ އެ އޯކޭ ވާނެ. އޭ ދަނިއްޔޭ. ލާސްޓް ކޯލް. އަންނާތި މަ ބަލާ އެއާޕޯޓަށް..” ބޯޑިންއަށް ގޮވާލުމާއެކު ޒާލިކް ފޯނު ކަނޑާލަމުން ކުރިމަތީ ހުޅުވާފައި ހުރި ގޭޓަށް ބަލައިލިއެވެ. ހަތް އަހަރަށްފަހު އަމިއްލަ ވަޒަނަށް އެނބުރި ދަނީއެވެ. ހިތުގެ ކަނެއްގައި އުފާވެރިކަންވާއިރު އެހިތް އެވަރަށް ތެޅެމުންދިޔައީ ކީއްވެކަމެއް ނޭނގުނެވެ.

އަލާޔާ ކައިގެން ނުކުމެ ސޯފާގައި ޖައްސާލިއެވެ. ކައިރީގައި ބައްޕައާއި އަފްލާކް ވިޔަފާރީގެ މުހިންމު ލިޔެކިޔުންތަކެއް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. އަލާޔާ ފޯނު ހިފައިގެން އިންދާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަފްލާކްގެ ފޯނު ރިންގުވުމުންނެވެ. މިވަގުތު އެލާމް އަޅާފާނެހެއްޔެވެ؟ ކޮންމެވެސް ކަމެއް ކުރަން ރާވަނީ ކަންނޭނގެއެވެ.

“އޯހ ޑޭޑް. މިވަގުތު ގޮސްލިޔަސް އެންމެ ރަނގަޅުތަ؟ އެއާޕޯޓަށް ދާންވެއްޖެ..” އަފްލާކްގެ ވާހަކައަށް ސަމާލުކަން ދީގެން އިން އަލާޔާއަށް ސިހުމެއްލިބުނެވެ. ރޭގަނޑު އަފްލާކް އެއާޕޯޓަށް ދަނީ ކީއްކުރަންހެއްޔެވެ؟ ވިޔަފާރީގެ ކަންތައް އެއާޕޯޓުގައި ވެސް ކުރަން ޖެހެނީ ހެއްޔެވެ؟ އަލާޔާ އަހާލަން އުޅެނިކޮށް އެސުވާލު ކޮށްލީ ކާގެއިން ނުކުމެގެން އައި އޭނާގެ މަންމަ ސަމީމާއެވެ. “ނޫން މަންމަ ވިޔަފާރި ކަމެއްގައެއްނޫން. މިދަނީ ޒައްލެ ބަލާ.. މަންމަ ކޮޓަރި ސާފުކުރީމެއްނު އަޅުގަނޑު ބުނީމެއްނު ޒައްލެ އަންނަ ވާހަކަ…” އަފްލާކް އެހެން ބުނެލުމުން އަލާޔާގެ ހިތް ތެޅިލިއެވެ. އަލާޔާއަށް ސިހިފައި މޭގައި އަތްއަޅާލެވުނެވެ. އޭނާއަށް އެވީ ކިހިނެތްހެއްޔެވެ؟ މުޅި ހަށިގަނޑުގައި ފިނި ރާޅެއް ދުވެލިކަމުގެ އިހުސާސްވިއެވެ. އަނެއްކާ މިއުޅެނީ ކަމެއް ވާންހެއްޔެވެ؟ އަލާޔާ ކުޑަކޮށް ތުންފިއްތާލަމުން އަފްލާކްއަށް ބަލައިލިއެވެ.

“ތިއްތި އަވަހަށް އަންނައްޗޭ..” އަލާޔާ އެހެން ބުނެލިއިރު އެއަޑުގައި ކަންބޮޑުވުމުގެ އިހުސާސްވެސް އެކުލެވެއެވެ. އަފްލާކް އަލާޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭނާ ހީކުރީ ވިއްސާރަ ހަދާފައި އޮތުމުން އަލާޔާ ކަންބޮޑުވީކަމަށެވެ. އޭނާ އާނއެކޭ ބުނެލަމުން ގެއިން ނުކުތެވެ. އޭރު ކުޑަކުޑަކޮށް ވާރޭ ކަނިޖަހަންފަށައިފިއެވެ. އަފްލާކް ދުވެލާފައި ގޮސް ގަރާޖުގައި ޕާކުކޮށްފައިވާ ކާރު ނެރެގެން އެއާޕޯޓަށް ދާން މިސްރާބުޖެހިއެވެ.

“މަންމާ.. ކާން އަންނަންވީ ނޫންތޯ..” ކޮޓަރީގެ ދޮރުހުލުވާލަމުން އެއަންހެން ކުއްޖާ ވަދެ، އެނދުމަތީގައި އޮތް އޭނާގެ މަންމަ ރަޒީނާއަށް ގޮވާލިއެވެ. އެވަގުތު ރަޒީނާއަށް ޙިޔާލުތަކުގެ ތެރެއިން ނިކުމެވުނެވެ. އޭނާ އެއަންހެން ކުއްޖާއަށް ބަލައިލަމުން ތެދުވެ ބުރުގާ އަޅާލިއެވެ. “ޔަނާލް ދަރިފުޅު އެކަނިތަ މިއަދުވެސް ކެއްކީ؟ ކޮބާތަ ޔަލްވީ؟” ރަޒީނާ ޔަނާލްއާއި އެކީ ކޮޓަރިން ނުކުންނަމުން އަހާލި ވަގުތު މޭޒުމަތީގައި ތަށިތައް އަތުރަމުންދިޔަ ޔަލްވީ ފެނިފައި ހުއްޓުނެވެ.

“ސުބުޙާނަﷲ.. މިއަދު ކޮންކޮޅަކުން އިރު އެރި ދުވަހެއްބާ؟..” ކާގެއަށް ވަންނަމުން ލާނެތް ރާގެއްގައި ރަޒީނާ އެހެން ބުނެލުމުން ޔަލްވީ ތުންކޮޅު އޫކޮށްލިއެވެ. “ދެން މަންމަގެ ރަންދަރިއަށް އެކަނިތަ ކެއްކޭނީ؟ އަޅުގަނޑު ކައްކައިފިއްޔާ ނުބައިފަރާތަކުން އިރުއެރީ ދޯ..” ޔަލްވީ ތުންދަމަދަމާފައި ބުނެލި ޖުމުލައިން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކޮންކަމެއް ކޮންކަމެއް.. މާ ވަރަކަށް އެންމެން ހެނީ ކީއްވެތަ؟ ނިކަން އަންގާލައިގެން އުޅެބަލަ.. އަނހާ ދަރިފުޅާ ޔަލްވީ.. މިއަދު ދަރިފުޅުތަ ކެއްކީ؟” ކާގެއަށް ވަދެގެން އައި ޒުހުދު އެހެން ބުނެލުމާއެކު ޔަނާލް އަދި ރަޒީނާ އަނެއްކާ ވެސް ހޭންފެށިއެވެ. “ބައްޕަވެސްތަ ދެން. ހޫމ އެންމެން ލޯބިވަނީ ޔަންނު ދެކެ. އަޅުގަނޑު ކެއްކީމަވެސް ބަލާބަލަ ބުނާ އެއްޗެހި..” ޔަލްވީ ދެރަވާ ކަމަށް ހެދެމުން ދެފަހަކު ނޭފަތްވެސް ދަމާލިއެވެ.

“ޔަލް ދެން ތީ ކޮންކަމެއް..” ކާގެއަށް ވަދެގެން އައި ޒުވާނާ އެހެން ބުނެލުމުން ޔަލްވީ އެއްފަހަރުން އަޑުމަޑުވިއެވެ. ޔަނާލް އެއްފަހަރު ޔަލްވީއަށް އަދި އަނެއްފަހަރު އެޒުވާނާއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

“ސޮރީ ދޮންތަބެ.. ދޮންތަ ވަރަށް މޮޔަ ދޯ އަސްލަށްވެސް..” ޔަނާލް ޔުނާންއަށް ބަލައިލަމުން ހިނިގަނޑު ކޮންޓްރޯލްކޮށްލިއެވެ. ޔުނާންވެސް ހިނިއައިސްފައި އައިސް އިށީންނަމުން ޔަލްވީއަށް ބަލައިލިތަނުން ޔަލްވީ ތުންއަނބުރާލިއެވެ. އޭނާ ނުކުންނަން އުޅެނިކޮށް ކުޑަކުއްޖެއް އައިސް ފައިގައި އޮޅުލައިގަތުމުން އެތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޔަލްވީ އެކުއްޖާ އުރާލަމުން ކޮލަށް ދޮނެއްދިނެވެ. “މަންމީގެ ޕްރިންސް.. އަވަހަށް އާދޭ ކާން..” ޔަލްވީ ޔުއާންގެ ކޮލުގައި ހިފާލަމުން ގެނެސް ގޮނޑީގައި ބޭންދިއެވެ.

“ދެދީ.. އަލުގަނދު މަންމީއަށް ހެދިން ބޮދު ބޮދު ސަޕްލައިސެއް..” ޔުއާން ގޮނޑީގައި ބޭންދިކަމެއް ނޭނގި، ތެދުވެގެން ގޮސް ޔުނާންގެ އުނގަށް އަރަމުން ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ޔުއާން ވާހަކަދެއްކިލެއް މައުސޫމުކަމުން ޔުނާންގެ ހިތް ފުރުނެވެ. އޭނާ ޔުއާން އެމޭގައި ބޮނޑިކޮށްލަމުން އިސްތަށިގަނޑުގައި ބޮސްދިނެވެ. ކޮނޑާއި ހަމައަށް ދިގުކޮށްލާފައިވާ ފަން އިސްތަށިކޮޅު އެދޮން މޫނާއި ނުހަނު ގުޅެއެވެ. ގަދަމުށިކުލައިގެ ކަޅިއަކީ ޔަލްވީއާއި ޔުއާން އެއްގޮތްވާ ހަމައެކަނި ސިފައެވެ. އެހެންނޫންނަމަ އެއީ ހަމަ ޔުނާންގެ ކޮޕީއެކެވެ. އެހާވެސް ވައްތަރެވެ.

“ވަރަށް ރަނގަޅު އިނގޭ ޑެޑީ ދޫނި.. ކައިގެން ގޮއްސަ މަންމީއަށް ދޭނީ ދޯ..” ޔުނާން ޔުއާންގެ ކަންފަތް ދޮށުގައި އެހެން ބުނެލަމުން ކައިރީގައި ހުރި ގޮނޑީގައި އޭނާ ބޭންދިއެވެ. އަދި އެހެން އެންމެނާއެކު ކާންފެށިއެވެ.

“ކޮންވާހަކައެއްތަ މަންމީގެ ޕްރިންސްއާއި ޑެޑީއާއި ދެކުދިން ދެއްކީ؟” ޔަލްވީ ކޮޓަރިއަށް ވަދެ ޔުއާން އުރާލަމުން ގެނެސް އެނދުގައި ބޭންދިއެވެ. ޔުއާން ޖަވާބު ނުދީ ބެލީ ކުޅެވޭތޯއެވެ. ދެންމެ ދެއްކި ވާހަކަ ހަނދާންވެސް ނެތެވެ. ޔުނާން ހިނިގަނޑެއް ޖަހާލުމުން ޔަލްވީ ތުންއަނބުރާލާފައި ގޮސް ފާހަނާއަށް ވަނެވެ. ޔުނާން ހީލަމުން ފާހަނާއާއި ދިމާލަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ.

“ކޮބާތަ އަފްލާކް؟ އަދިވެސް އަންނަން ނުވޭ..” ސޯފާގައި އިން މިހާދުއަށް ބުނެވުނީ ބައިގަޑިއިރު ވީއިރުވެސް އަފްލާކް ގެއަށް ނައުމުންނެވެ. އޭރު ވާރޭވެސް ބޯކޮށްލައިފިއެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރާއެކު ކަންފަތް ފަޅައިގެންދާހާ ބާރަށް ގުގުރި ޖަހާލައެވެ. ހީވަނީ ސްޕީކަރުތަކަކުން އަޑު ނުކުންނަހެންނެވެ. އަލާޔާ އިނީ ބިރުން ސޯފާގެ ކަނަކަށް ގުޅައަކަށް ޖެހިފައެވެ. އެވަގުތު ފިރިހެން ކުއްޖެއް އެތަނުގައި ހުރި ނަމަވެސް ހަމައެކަނި އަލާޔާގެ ބޮޑުބޮޑު ދެލޯ ފެނިފައިވެސް ހޭނެތިދާނެއެވެ.

“އައިމް ހޯމް…” ގެއަށް ވަދެގެން އައި އަފްލާކް އައީ އަތުން ބޮޑު ފޮށްޓެއް ދަމަމުންނެވެ. ފަހަތުން ހިނގާފައި އައި މީހާ ހުރީ އަފްލާކްއާއި ނިވާވެގެންކަމުން އަލާޔާއަކަށް ރީތިކޮށް ނުއެއް ފެނުނެވެ. އޭނާ ފައި ތިރިކޮށްލަމުން ހެދުމާއި އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ. ފިރިހެންކުއްޖަކަށްވުމުން ލަދުގަތީ ކަންނޭނގެއެވެ. މިހާދު ތެދުވެފައި ޒާލިކްއާއި ސަލާމްކޮށްލަމުން ގެނެސް ކައިރީގައި ބޭންދިއެވެ. ދެން މިހާދު ސުވާލުކުރަން ފެށީ އާއިލާއާއި ބެހޭގޮތުންނެވެ. އަލާޔާ ފޫހިން ގޮސް ހަލާކުވާވަރުވިއެވެ. އެހާ ބާރަށް ގުގުރި ޖަހާއިރު ނިދަންވެސް ނުކެރޭނެއެވެ. ވާރޭއަށް ކިތަންމެ ލޯބިކުރިޔަސް ވިދާލާ ވިދުވަރު ފެނިފައިވެސް އަލާޔާގެ ދެލޮލުގެ ފެނުން ގެއްލިދާނެހެން ހީވަނީއެވެ. ޖަހާލާ ބާރު ގުގުރިން ކަންފަތް ފަޅައިގެން ދާނެހެން ހީވަނީއެވެ. އަލާޔާގެ ހިތަށް އޭތިމީތި އަރަމުންދިޔައިރުވެސް އޭނާ އިނީ ބަހެއްވެސް ބުނެނުލައެވެ. ކުޑައިރުއްސުރެ ކަށީގައި ހިފާފައިވާ މަޑުމައިތިރިކަމުގެ އާދައިގެ ސަބަބުން ކަންނޭނގެއެވެ.

“މްމްމް.. މަންމަ ރަނގަޅު.. ބައްޕަވެސް ރަނގަޅު…” އެޒުވާނާ ވާހަކަދެއްކި އަޑަށް އަލާޔާ ސިހުނެވެ. ފާޑަކަށް އެއްލިގެން ދިޔައީއެވެ. އޭނާއަށް ސޯފާއިން ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު ދެލޯ ހުރީ މުދުނަށް އަރާފައެވެ. އެތަން ފެނި އަފްލާކް ހިންދިރުވާލިއެވެ. މަންމަމެން ކުރިމަތީގައި އަލާޔާ އެއްޗެކޭ ބުނެފިއްޔާ ސުވާލުތަކުގެ ބޮޑު ކުންފުންޏެއް ހަދާވަރަށް ސުވާލުކުރާނެއެވެ. އަލާޔާ އެއްޗެކޭ ނުބުނޭތޯ ދުޢާ ކޮށްލަކޮށްލާ އިން އަފްލާކް ސިހުނީ އަލާޔާ ބާރަކަށް އެއްޗެކޭ ބުނެލުމުންނެވެ. ބޮޑަށް ހީވީ ހަޅޭއްލަވައިގަންހެންނެވެ.

 

“ކަލޭ…..” އަލާޔާގެ ދުލުން އެންމެފަހުން ބޭރުވިއެވެ.

 

-ނުނިމޭ-

=ހެލޯ ރީޑަރސް.. މިއޮތީ ފުރަތަމަ ޕާޓުވެސް އަޕްވެފަ އަލްޙަމްދުލިﷲ.. ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން..=

.

=ޔޫ އޯލް ކޭން އޯލްސޯ ކޮންޓެކްޓް މީ ތްރޫ އިންސްޓަގްރާމް.. =

[email protected]

❤️🥀

 

41

4 Comments

  1. Hûdhãkkø

    January 3, 2022 at 12:46 am

    Me part vrh vrh reethi
    Alhey enme kiyaa hihvaa hisaabun ey ninmaaly vx
    Kon irakun tha dhen in part kiyaalan lipeyni 🥺🥺🥺
    Mi part Hama obinex to the max

    • 🥀lizzie🥀

      January 3, 2022 at 1:47 pm

      Thank you so much hudhakko.. Insha allah mi week ga up kohleveythw balaanan… Hope you’ll wait.. And thank you once again❤💞

  2. Elysha

    January 3, 2022 at 8:59 am

    Varah reethi mi part.next part ah inthizaaru
    Kuraanan

    • 🥀lizzie🥀

      January 3, 2022 at 1:48 pm

      Thank you so much Elysha.. Hehe inthizaaru ehaa dhigu laigen nudhaane insha allah❤💞

Comments are closed.