މަގޭ ދަރިފުޅާ..! 2
އަހަރެންގެ ލޮލަށް މަންޒަރު ފުސް ވަމުން ދިޔައީ ޖަމާވަމުން ދިޔަ ކަރުނައިންނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ އިހްސާސް ތަކާއި ކުޅެލުމަށް ފަހު އެއްވެސް ކުށެއްނެތި ޒަޔާން އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާފައެވެ. އެންމެ ފަހުން އޭނާގެ ދަރިޔަކަށް ބަލިވެ އިންކަން އެނގިހުރެވެސް މި ދުނިޔެ އަށް އަހަރެންނާ އަހަރެންގެ ދަރިފުޅު ގިނަވާން ދޫކޮށްލިއިރު އެ ހިލަ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. މިއަދު ދެން ވަކި އަހަރެން ހޯދަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އަދިވެސް އެ ހިތް ނުފުރެނީ ހެއްޔެވެ؟ އަދި އިތުރަށް އަހަރެންނަށް ނުދެވި ހުރި ތަކުލީފުތަކެއް، ވޭން ތަކެއް ހުރީ ބާއެވެ؟ އަހަރެން ހަމަ ހޭ ވެރިކަންވީ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލައި، އެއްވެސް ހުރަހެއް ނެތި އައިސް އަހަރެންގެ އޮމާން ކޯތާފަތް މަތީގައި ބީ ހިލުމުންނެވެ. ހިތްވަރު ކޮށްލާފައި ލޯ ފުހެލުމަށް ފަހު މެސެޖު ހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ.
” އަހަންނަކަށް ނޭނގެ މި ވާހަކަ ފަށާނެ ގޮތެއް. އެކަމަކު ލައިޝާއަށް ވެސް އެނގޭނެ އަހަރެން މީ މިހާރު މީހެއްގެ ފިރިއެއް ކަން. އަދި ލައިޝާ ތީ އަދި އަލަށް ވެސް މީހަކާ ނުއިނދެ ހުރި މީހެއް. ލައިޝާ ބަނޑުގައި ތި އޮތް ކުއްޖާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކު ވެގެންދާނެ. މީހުންގެ ކުރިމާތީގައި ހުދު ލައިޝާ އާއި ލައިޝާގެ އާއިލާގެ ވެސް އަގު ވެއްޓޭނީ. ވީމާ އަހަރެން ބޭނުމެއް ނޫން ތި ކުއްޖާ މި ދުނިޔެއަށް އުފަން ކުރާކަށެއް. މީ ލައިޝާއަށް ވެސް އެންމެ ރަނގަޅު ވާނެ ގޮތަކީ. އުންމީދު ކުރަން ލައިޝާ އަހަރެންގެ މި އެދުން ފުރިހަމަ ކޮށް ދޭނެ ކަމަށް.” ޒަޔާންގެ މެސެޖު ކިޔާ ނިމުނު އިރު އަހަރެންނަށް ހަމަ ރަނގަޅަށް ވެސް ގިސްލެވެން ފަށައިފިއެވެ. މިހާ ދުވަސް ފަހުން ޒަޔާން އެ މެސްޖު ކުރީ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު އުފަން ވުމުގެ ކުރިން މި ދުނިޔެއިން އެ ތުއްތު ފުރާނައިގެ ވަސް ވެސް ފޮހެލަދޭން އެދެން ހެއްޔެވެ؟ ކޮން ފަދަ ރަހުމު ކުޑަ އިންސާނެއް ބާއެވެ. މި ތުއްތު ދަރިފުޅުގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެ އަނިޔާވެރި ކެހިވެރިޔާގެ ލެއިން އުފެދުން ހެއްޔެވެ؟ އަހަރެންނަށް ބަނޑުގައި ދެ އަތުން ފިރުމާލަމުން އެނދުމަތީ އިށީނީ ކޮޅަށް ހުރުމަށް ދަތިވާން ފެށުމުންނެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު އަހަރެންގެ މޫނު މަތިން ފެންނަން ހުރީ ހިތާމައާއި މޮޅިވެރިކަމެވެ. މިކަން އެންމެ ފުރަތަމަ ވެސް ދެނެގަތީ އަހަރެންގެ ފިރިހެން ކޮއްކޮ ފައިހާންއެވެ. ” ދޮންތި ހާދަ ފާޑަކަށް އިންނަ ދުވަހެކޭ، އަނެއްކާ ކަމެއް ގޯސް ވީތަ؟ ތެދެއް ދަރިފުޅާ މިއަދު ހޭލީންސުރެން ތި އިންނަނީ ނެގި މަޑު ވެފަ. އަނެއްކާ ބަނޑަށް އުނދަގުލެއް ވަނީތަ؟” ފައިހާން އާއި އެއްބަސް ވެލަމުން މަންމަ އަހަރެން ގާތު ނުހަނު ލޮއެއްބާ އެކު ބޮލުގައި ފިރުމާލަމުން އަހާލިއެވެ. ކަމެއް ނުވޭ ކަމަށް ބުނެ ސައި ބޮއެ ނިންމާލުމަށް ފަހު ކުޑަ ކޮށް އަރާމު ކޮށްލަން ބޭނުންވާ ކަމަށް ބުނުމަށްފަހު އަހަރެން ކޮޓަރިއަށް އައީ މަންމަމެންގެ ސުވާލު ތަކަށް ޖަވާބު ދޭނެ ގޮތެއް، ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އެނދުގައި އޮށޯވެ އިރުކޮޅަކު ވިސްނާލުމަށް އޮތުމަށްފަހު އަހަރެން ފޯނު ނެގީ ޒަޔާންގެ މެސެޖަށް ޖަވާބެއް ދިނުމަށެވެ.
” މިހާ ދުވަސް ފަހުން މެސެޖު ތި ކުރީ ތިހެން ބުނަންތަ؟ އަހަރެން ހަށީގައި ފުރާނަ ހުރިހާ ހިނދަކު ޒަޔާންގެ ތި އެދުން ފުއްދައެއް ނުދޭނަން. ޒަޔާންގެ ހިތުގައި އެއްވެސް ކުލުނެއް މި ދަރިފުޅަށް ނެތަސް މީ އަހަރެންގެ ފުރާނަ، އަހަރެންގެ ދިރިހުރުމުގެ އުންމީދު. އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން ޒަޔާން ތިހާ ރަހުމު ކުޑަ ވެދާނެ ކަމަކަށް. އެހެން ނޫނަސް އަހަރެމެން ދެމައިންނަކަށް ވެސް ޒަޔާން ބޭނުމެއް ނުވޭ. މީ ހަމަ އެކަނި އަހަރެންގެ ދަރިއެއް. ޒަޔާން އަށް އެއްވެސް ހައްގެއް ނޯންނާނެ މި ދަރިފުޅުގެ މައްޗަކަށް ބަހެއް ބުނެ، ގޮތް ނިންމުމުގެ. ” ހިތުގައި ޖެހިފައި ހުރި ވަރުން ހިތައް އެރިހާ އެއްޗެއް ކިޔާލެވުނެވެ. މެސެޖު ފޮނުވާލުމަށް ފަހު ބާރަށް ބާލީހުގައި ބައްދާލީމެވެ. ކޮޓަރީގެ ހިމޭންކަން ފޫއަޅުވާލީ އަހަރެންގެ މަޑު ގިސްލުމުގެ އަޑުންނެވެ. ގިނަވަގުތު ރުއިމުގެ ސަބަބުން ވަރުބަލިވެ އަނެއްކާވެސް އަހަރެންގެ ލޮލަށް ނިދި ސާވާރުވެ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. އެ ވަގުތު އަހަރެންގެ ކޮޓަރި ދޮރު ހުޅުވުނެވެ. ލަސް ފިޔަވަޅު ތަކެއްގައި އައިސް އަހަރެންގެ ބޮލުގައި ފިރުމާލައި މަންމަ އަހަރެންނަށް ގޮވާލުމުން ވަރުބަލި ގޮތަކަށް ލޯ ހުޅުވާލީމެވެ. ” ދަރިފުޅާ ކޮންމެވެސް ކަމެއް ވެފައި ތިއޮތީ، އަޅެ މަންމަ ކައިރި ބުނެބަލަ. ދަރިފުޅަށް އިނގޭތަ މާ ބަނޑު ދުވަސް ވަރު ދަރިފުޅު ކުރާ ކޮންމެ ހިތާމަ އަކުން ވެސް ބަނޑުގައި ތި އޮތް ތުއްތު ފުރާނައަށް އޭގެން އަސަރު ކުރާނެކަން؟ ދަރިފުޅު ބޭނުންތަ އެހެން އެކަން ވާން؟ މަންމައަށް އިނގޭ ދަރިފުޅު ވަރަށް ބޮޑު ކަމަކާ އެބަ ހިތާމަ ކުރާކަން. ބައްޕަ ނިޔާވުމުން މަންމަ އެކަނިމާ އެކަނި ބައްޕަ އަކާ ނުލާ ތި ދެކުދިން ބަލާ ބޮޑުކޮށްފައި ތި ތިބީ އެއްވެސް ދެރައެއް އަނިޔާ އެއް ނުދީ. މަންމަ ދަރިފުޅުމެންގެ ބައްޕައަށް ވައުދުވީން ދުވަހަކުވެސް ތި ދެ ކުދިން ހިތުގައި ނުޖައްސަން. ތި ދެ ކުދިން ތީ މަންމަގެ ހުރިހާވެސް އުފަލާ ހިތްހަމަޖެހުމަކީ. ވީ އިރު ދަރިފުޅު ތި ހާލުގައި ވާތަން ދެކެން މި މަންމަގެ ހިތަށް ކެތްވާނެތަ؟ ” މަންމަގެ ވާހަކަ ތަކުން އަހަރެންނަށް އަނެއްކާ ވެސް ރޮވުނެވެ. ނަމަވެސް ކެތްކޮށްލާފައި ތެދުވެ ކަންތައް ވީ ގޮތް މަންމަ އަށް ކިޔައިދޭން ފެށީމެވެ. ޒަޔާން މި ދަރިފުޅު އުފަން ކުރަން ބޭނުން ނުވާ ކަމާއި ސަބަބުވެސް ބުނެދިނީމެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ގިސްލެވޭވަރުން ރަނގަޅަށް ވާހަކަ ދެއްކުން ވެސް ވަނީ އަހަރެންނަށް އުނދަގޫ ކަމަށްވެފައިއެވެ. ދުނިޔެމަތީގައި އެކި މީހުން އިމްތިހާން ކުރެވޭނީ އެކި ގޮތަށް ކަމަށް ބުނެ، ހިތްވަރު ދޫކޮށްނުލާ ކެތްތެރި ވުމަށް ނަސޭހަތްތެރިވަމުން މަންމަ ވެސް މިހުރީ ނޫންހޭ ބުނެލިއެވެ. އަދި މަންމަގެ ފެންކަޅި ވެފައިވާ ދެލޯ ފުހެލަމުން އަހަރެން ބޮލުގައި ފިރުމާލުމަށް ފަހު އަރާމު ކޮށްލާށޭ ބުނެ ކޮޓަރިން ނުކުތެވެ.
އޮފީހުގައި މަސައްކަތްތައް ބުރަކަމުން ގެއަށް އަންނަން ވަންދެން ޒަޔާންއަށް ފޯނުގައި އަތްލާނެ ވަގުތެއް ނުލިބެއެވެ. މެންދުރުވެސް ނުކައި ހުރުމުން ގެއަށް އައިސް އަންހެނުން ކައިރި ކާން ހަދަން ބުނެފައި އޭނާ ދިޔައީ ކެއުމުގެ ކުރިން ފެންވާރާލާށެވެ. ކޮޓަރިއަށް ވަދެ ވޮލެޓާ ފޯނު ނަގާ ޑްރެސިން ޓޭބަލް މަތީ ބޭއްވި ވަގުތު މީގެ އެތައް އިރެއް ކުރިން ލައިޝާ ކޮށްފައިވާ މެސެޖު އޭނާގެ ލޮލުގައި އަޅައިގަތެވެ. މެސެޖު ކިޔަމުން ދިޔަ ވަރަކަށް ޒަޔާންގެ މޫނުމަތިން ހިތް ހަމަ ނުޖެހުމާ އެއްވަރަށް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ލައިޝާގެ މެސެޖު ކިޔާ ނިމުމުން ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން އެނދުގައި އިށީނދެ، އޭނާގެ ގޮތް ދޫނުކުރުމަށް ހިތާ ހިތުން ކުދި ކިޔަންފެށުނެވެ. އިސްޖަހައިގެން އިން ޒަޔާން ސިހުނީ ކޮޓަރި ދޮރު ހުޅުވުނު އަޑުންނެވެ. ހަމަ ޖެހޭ ގޮތް މޫނު މަތިން ދައްކާލަމުން، ކޮޓަރި ތެރެއަށް ވަދެގެން އައި އޭނާގެ އަނބިމީހާ ޝިރާއަށް ފަނޑު ހިނިތުން ވުމެއް ހަދިޔާކޮށްލިއެވެ. ” ޔާން.. މިހާ އިރު ވެގެން ދިޔަ އިރުވެސް އަދިވެސް ފެން ނުވަރަންތަ؟ ކާން ހަދާފައި ޔާން ލަސް ވެގެން ކޮބާތޯ ބަލައިލަން މި އައީ. ފެން ނުވަރަނީތަ ދެން މިގަޑީގައި؟ ” އެނދުމަތީގައި އޮތް ޒަޔާންގެ ގަމީސް ކޮނޑުގައި އަޅުވާލަމުން މަޑު މައިތިރި ކަމާއެކު ޝިރާ އަހާލިއެވެ. ބަހެއް ނުބުނެ ހަމައެކަނި ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ޒަޔާން ކާ ކޮޓަރިއަށް ދާން ނުކުތުމުން ފަހަތުން ޝިރާވެސް ނުކުތީ ލޯބިވާ ފިރިމީހާގެ ހިދުމަތުގައެވެ. މާ ގިނަ ވާހަކަ ތަކެއް ނުދައްކާ ކައިގެން ޒަޔާން ކޮޓަރިއަށް ވަނީ ލައިޝާ ދެކެ އައިސްފައި ހުރި ރުޅި ޝިރާ އަށް ފެނިދާނެތީއެވެ.
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
