“މްމްމް.. މަންމަ ރަނގަޅު.. ބައްޕަވެސް ރަނގަޅު…” އެޒުވާނާ ވާހަކަދެއްކި އަޑަށް އަލާޔާ ސިހުނެވެ. ފާޑަކަށް އެއްލިގެން ދިޔައީއެވެ. އޭނާއަށް ސޯފާއިން ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު ދެލޯ ހުރީ މުދުނަށް އަރާފައެވެ. އެތަން ފެނި އަފްލާކް ހިންދިރުވާލިއެވެ. މަންމަމެން ކުރިމަތީގައި އަލާޔާ އެއްޗެކޭ ބުނެފިއްޔާ ސުވާލުތަކުގެ ބޮޑު ކުންފުންޏެއް ހަދާވަރަށް ސުވާލުކުރާނެއެވެ. އަލާޔާ އެއްޗެކޭ ނުބުނޭތޯ ދުޢާ ކޮށްލަކޮށްލާ އިން އަފްލާކް ސިހުނީ އަލާޔާ ބާރަކަށް އެއްޗެކޭ ބުނެލުމުންނެވެ. ބޮޑަށް ހީވީ ހަޅޭއްލަވައިގަންހެންނެވެ.
“ކަލޭ…..” އަލާޔާގެ ދުލުން އެންމެފަހުން ބޭރުވިއެވެ.
ޒާލިކް ސިހުނެވެ. އަލާޔާ އެއްޗެކޭ ބުނާނެކަން އެނގެއެވެ. ނަމަވެސް އެންމެން ކުރިމަތީގައި އެގޮތަށް ކަލޭއޭ ބުނުމުން ކުޑަކޮށް ލަދުގަތެވެ.
“އަލާޔާ. ތިގޮތަށްތަ ވާހަކަދައްކަނީ މީހުން؟..” މިހާދު ކުޑަކޮށް ހިތްހަމަނުޖެހިފައި އަލާޔާއަށް ބަލައިލިއެވެ. ހިތްހަމަނުޖެހިފައި ހުރުމުން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. އަލާޔާ އަދި އަފްލާކް ސިހުނެވެ. ދުވަހަކުވެސް ބާރަށް އަލާޔާއާއި ދިމާލަށް އެއްޗެއް ބުނެފައިނުވާ މިހާދު އެހާ ބާރަށް އެއްޗެއް ބުނުމުން އަލާޔާގެ ދެލޯ ފެންކަޅިވިއެވެ. އޭނާ ތުންފަތުގައި ދަތްއަޅާލަމުން ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. އަފްލާކްވެސް ދެރަވިއެވެ. ބައްޕަ އަލާޔާއާއި ދިމާލަށް އެހެން ބުނީ އަލާޔާގެ އެއްވެސް ކުށެއްނެތިއެވެ. އަފްލާކް އިސްޖަހާލަމުން ޒާލިކް ގާތު އެތެރެއަށް އައުމަށް އެދުނެވެ. ދެމީހުން ގޮސް ޒާލިކްއަށް ހުސްކޮށްފައިވާ ކޮޓަރިއަށް ވަނުމުން ސަމީމާ މިހާދު ގާތު އިށީނދެލަމުން ފައި މަތީގައި އަތް ބާއްވާލިއެވެ. މިހާދުވެސް ފުން ނޭވާއެއްލަމުން އަލާޔާގެ ކޮޓަރިއާއި ދިމާލަށް ބަލައިލިއެވެ. އެގޮތަށް ބާރަށް ބުނެވުމުން ކުޑަކޮށް ދެރަވެސްވިއެވެ.
“މިހާދުއަށް ހިޔެއްނުވޭތަ އަލާޔާ އެހެން ބުނީ ކަމެއްވެގެންނޭ؟ މަށަށް ހީވަނީ ދެމީހުން ވަރަށް ރަނގަޅަށް އެކަކު އަނެކަކު ދަންނަހެން.. އަލާޔާއަކީ ނުލަހަކު މަޑުމައިތިރި ކުއްޖެއް. ދުވަހަކުވެސް މީހަކާއި ދިމާލަށް އެގޮތަށް ބުނެފައެއްނުވޭ. ޒާލިކްދެކެ ކުއްލިއަކަށް ހުރެފަ ރުޅިއެއް ނުވެސް އަންނާނެދޯ.. ކިހިނެއް ހީވަނީ؟..” ސަމީމާ ވިސްނާލަމުން ބުނެލިއެވެ. އަލާޔާއަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް ވާހަކަދެއްކި ކުއްޖެއްނޫނެވެ. އަދި ޙާއްސަކޮށް މައިންބަފައިންގެ ކުރިމަތީ މަޑުމައިތިރި ކުއްޖާއަށް މިއަދު މިވީ ކިހިނެތްހެއްޔެވެ؟ މިހާދުވެސް އެކަމާ ވިސްނާނަމޭ ބުނުމުން ސަމީމާ ހިނިތުންވެލިއެވެ. އިރުކޮޅަކު އެތާ ތިބެލުމަށްފަހު ދެމީހުން ގޮސް ވަނީ ކޮޓަރިއަށެވެ.
މޫނުމަތީގައި ބާލީހެއް އަޅައިގެން އޮވެގެން އަލާޔާ ހިތްފުރެންދެން ރޯލިއެވެ. މިއަދު ޒާލިކްއާއި ހެދި އޭނާގެ މައިންބަފައިން އޭނާއަށް އަޑުލީއެވެ. މުޅި އުމުރުގައިވެސް މިހާދު ބާރަކަށް އެއްޗެކޭ ބުނެލި ފުރަތަމަ ފަހަރެވެ. އެވެސް އެ ޒާލިކްގަނޑަށްޓަކައި ހެއްޔެވެ؟ އަލާޔާގެ ހިތަށް ތަދުވިއެވެ.
ޒާލިކް ކޮޓަރިއަށް ވަނުމުން އަފްލާކް އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަލާޔާގެ ކޮޓަރިން އެއްވެސް އަޑެއް ނީވުމުން އަފްލާކް އެކޮޓަރިއަށް ވަދެލާ ހިތްވިއެވެ. އެދެމީހުންގެ ސަބަބުން މިހާދު އަލާޔާއަށް އަޑުލީއެވެ. އަފްލާކް ދެރަވިއެވެ. އަލާޔާއަކީ އޭނާގެ ލޯބިވާ ކޮއްކޮއެވެ. ކިތަންމެ ވަރަކަށް ތޮޅުނަސް އެދެމެދުގައިވާ ލޯބި ނުހަނު ވަރުގަދައެވެ. އަފްލާކް ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. އަލާޔާ ދިޔައީ ސިހިގެންނެވެ. އޭނާ ލޯ ފުހެލަމުން އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ފުން ނޭވާތަކެއްލަމުން ގޮސް ދޮރުހުޅުވި އަލާޔާއަށް ދޮރު ކުރިމަތީގައި ހުރި އަފްލާކް ފެނުމުން އިސްޖެހުނެވެ. އަފްލާކްވެސް ހުންނާނީ ހިތްހަމަނުޖެހިފައި ކަންނޭނގެއެވެ. އޭނާ ޒާލިކްއާއި ދިމާލަށް އެގޮތަށް ބުނުމުން އަފްލާކް ރުޅިވެސް އައިސްދާނެއެވެ. ދެމީހުންނަކީ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިންވިއްޔާއެވެ.
އަލާޔާ ދޮރު ކުޑަކޮށް ހުޅުވާލަމުން އަފްލާކްއަށް ވަންނަން ތަން ދެއްކިއެވެ. އޭނާ ގޮސް އެނދުމަތީގައި އިށީންތަން ފެނިފައި އަފްލާކްވެސް މަޑުމަޑުން ކޮޓަރިއަށްވަނެވެ. އޭނާ ގޮސް ކުޑަކަކޫ ޖަހައިގެން އަލާޔާގެ ކުރިމަތީގައި އިށީނެވެ.
“އަލޫ… ތިއްތި ޕްރިންސެސް.. ތިއްތިއަށް މާފުކޮށްދޭނަންތަ؟” އަފްލާކް އަލާޔާގެ އަތްތިލާގައި ހިފާލަމުން ބުނެލި ޖުމުލައިން އަލާޔާ ސިހިފައި އަފްލާކްއަށް ބަލައިލިއެވެ. އަފްލާކް މަޢާފަށް އެދެނީ ކޮންކަމަކާހެއްޔެވެ؟ “ތިއްތިއަށް އިނގޭ އަލޫއާއި ޒައްލެއާއި ދެމެދު ހިނގި ކަންތައްތައް.. އިނގިހުރެވެސް މަންމަމެން ކުރިމަތީގައި އަލޫ ޑިފެންޑް ނުކޮށްދެވުނީމަ ވަރަށް ބޮޑަށް ސޮރީ..” އިސްޖަހައިގެން އިނދެ އަފްލާކް ވާހަކަދެއްކިއެވެ. “އަލޫ ބޭނުމިއްޔާ ތިއްތި މަންމަމެން ކައިރީ އެވާހަކަ ބުނަންވީތަ؟” އަފްލާކް އިތުރުކޮށްލިއެވެ. އަލާޔާ އެއްޗެކޭ ނުބުނިތަނުގައި އަފްލާކްއާއި ދިމާލަށް ބަލައިވެސް ނުލިއެވެ. އިސްޖަހައިގެން އިނދެ ވިސްނަމުން ދިޔައީ ކޮންކަމެއް ކަމެއްވެސް ނޭނގެއެވެ.
އަލާޔާ ސިހުނީ އަފްލާކް ގޮވާލުމުންނެވެ. އޭނާ އަފްލާކްއަށް ބަލައިލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. “ތިއްތި.. އަލޫ ބޭނުމެއްނޫން މިކަން މަންމަމެންނަށް އިނގޭކަށް.. އެހެންނޫނަސް އަސްލު ހަގީގަތުގައި މިއީ އެހާ ބޮޑު ކަމެއްވެސް ނޫން. މީގަ ވަކި ޒާލިކްގެ ކުށެއްވެސް ނެތް.. އަޅުގަނޑަށް ޒާލިކްއަށް މަޢާފުކުރެވިދާނެ.. އެކަމަކު….” އަލާޔާ އެހެން ބުނެލަމުން އިސްޖަހާލިއެވެ. އެރޭގެ މަތިން ހަނދާންވުމުން އޭނާގެ ދެލޮލުގައި ކަރުނަވިދާލިއެވެ. “އައިމް ސޯ ސޮރީ ޕްރިންސެސް.. ތިއްތިއަށްވެސް އަލޫ ޕްރޮޓެކްޓް ނުކޮށްދެވުނުދޯ..” އަފްލާކް އެހެން ބުނުމުން އަލާޔާ ސިހުނެވެ. “ތިއްތިއެއް ނޫންތަ އެރޭ އަލޫ ސަލާމަތްކޮށްދިނީ..؟.” އަލާޔާ ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. އަފްލާކް ބުމަ އަރުވާލަމުން އަލާޔާއަށް ބަލައިލިއެވެ. އަލާޔާއަށް ހަމަ ނޭނގެނީހެއްޔެވެ؟
“އަލޫ ހަމަ ނޭނގޭތީތަ ތިއަހަނީ؟ އެރޭ އަލޫ ސަލާމަތް ކޮށްދިނީ ތިއްތިއެއްނޫނޭ..” އަފްލާކްގެ ޖުމުލަ ނުނިމެނީސް އަލާޔާއަށް ދެން ކާކުހޭ އަހާލެވިއްޖެއެވެ. “އެއީ ޒައްލެ.. އަލޫ ސަލާމަތް ކޮށްދިނީވެސް ޒައްލެ.. އަލޫއަށް ނޭނގެނީތަ؟ ޒައްލެ ނުބުނޭތަ؟ ތިއްތި ހީކުރީ ޒައްލެ އެރޭ ބުނިކަމަށް..” އަފްލާކްވެސް ޙައިރާންވެފައި އިނދެ އެހެން ބުނެލުމުން އަލާޔާއަށް ފުންނޭވާއެއްލެވުނެވެ. އޭނާ ސަލާމަތް ކޮށްދިނީ ޒާލިކް ކަމަށްވަންޏާ އޭނާ އަފްލާކްގެ ގަމީސް ލައިގެން ހުރީ ކީއްވެހެއްޔެވެ؟ “ތިއްތި.. ދެން ޒާލިކްތަ ތިއްތި ގަމީސް ލައިގެން ހުރީ؟.” އަލާޔާ އަފްލާކްގެ މޫނަށް ބަލައިލަމުން އަހާލިއެވެ. “އޯ ގޯޑް އަލޫ.. ރޭގަނޑުވީމަ ނުފެނުނީތަ؟ ނޫނީ އަލޫ އައިނު ހައްދަން ޖެހުނީތަ؟ ޒައްލެ ގަމީހުގަ ހުންނާނީ ގަދަނޫކުލަ.. ތިއްތި ގަމީހުގަ ހުންނާނީ ގަދަފެހިކުލައެއް..” އަފްލާކް އަލާޔާގެ ނިތްކުރީގައި މަޑުމަޑުން ޖަހާލަމުން ހީގަތެވެ. އަލާޔާ ލަދުވެސްގަތެވެ. އޭނާއަށް އޭނާގެ ތިއްތި ފާހަގަކުރަން ވެސް ނޭނގުނުހެއްޔެވެ؟ އަލާޔާ އަމިއްލަ ނަފްސަށްއަށް ކުދިކިޔާލިއެވެ.
“އޯކޭ އޯކޭ ތިއްތި ސޮރީ.. އަލޫ ޒާލިކްއަށް ވެސް ސޮރީ ބުނާނަން.. އެންޑް ތެންކްޔޫ ވެސް..” އަލާޔާ އެހެން ބުނެލި ވަގުތު ދެކޮލަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އަފްލާކް ދިމާކޮށްލަމުން ތެދުވެ ނިކުންނަން ދުއްވައިގަތުމުން އަލާޔާ ރުޅިއައިކަމަށް ހެދެމުން އަފްލާކްގެ ފަހަތުން ދުއްވައިގަތެވެ. ދެމީހުން ކޮޓަރިން ނުކުމެ ސިޑިބަރިއާއި ދިމާލަށް ދުއްވައިގަތެވެ. އަފްލާކް ތިރިއަށް ފައިބައިގެން ގޮސް ސޯފާގެ ފުރަގަހަށްވަދެ ފިލައިފިއެވެ. އަލާޔާ ދުވަމުން ސިޑިން ފޭބިވަގުތު މައްޗަށް އަރަން އައި ޒާލިކް ފެނުމުން ދެފައި ނޯޅުނީ ކިރިޔާއެވެ. ސިއްސައިގެން ދިޔަވަރުން ސިޑީގެ އަތްގަނޑުން އަތްދޫވިއެވެ. އަލާޔާގެ އަނގައިން ނުކުތް ތޫލި ހަޅޭކާއެކު އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން ހިފެހެއްޓި އިހުސާސެއްވިއެވެ. އަލާޔާގެ ހަޅޭކުގެ އަޑަށް ސަމީމާ އަދި މިހާދުވެސް ދުވެފައި ނިކުތެވެ. އެވަގުތު އަލާޔާ އަދި ޒާލިކް ފެނިފައި އެދެމީހުންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ޒާލިކްގެ އަތްމަތީގައި އަލާޔާ އޮތްއިރު ޒާލިކްގެ ދެއަތް ވަނީ އަލާޔާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަލާޔާގެ ދެއަތް ޒާލިކްގެ ކަރުގައި ވަށާލެވިފައިވީއިރު ދެތުންފަތް ފިއްތާ ބާރުކޮށްގެން އޮތްއިރު މައުސޫމުކަމުން ޒާލިކްއަށް ވެސް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ސިހުނީ އަފްލާކް ކަރުކެހެލުމުންނެވެ. އަލާޔާ ތެދަށް ބަހައްޓާލަމުން ޒާލިކް އަވަސް ފިޔަވަޅުތަކެއްގައި މައްޗަށް އަރައިގެން ދިޔައެވެ. އަލާޔާއަށް ހުރެވުނީ ޒާލިކްއަށް ބަލަހައްޓައިގެންނެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ހިތުގައި އައު ވިންދެއް ޖަހާލައިފިއެވެ.
“އަލޫ ބޭބީ. ކިހިނެތްވީތަ؟ ޒައްލެ މާ ހޮޓީ ދޯ..” އަފްލާކް އައިސް އަލާޔާގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން ދިމާކޮށްލުމުން އަލާޔާ ސިހިފައި އަފްލާކްއަށް ލޯއަޅާލަމުން އަނެއްކާ ދުއްވައިގަތެވެ. މިހާދު އަދި ސަމީމާއަށް އެތަން ފެނި އުފާވިނަމަވެސް ކަންބޮޑުވެސްވިއެވެ. ސަމީމާ މިހާދުއަށް ބަލައިލިތަނުން މިހާދު ލޯމަރާލަމުން ބޯޖަހާލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދައިންނެވެ.
“ތިއްތި ނުހުރޭތަ ގާރލްފްރެންޑެއް؟..” އަލާޔާ ދުވަމުން އަހާލި ޖުމުލައިން އަފްލާކް ހުއްޓުނެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތީ މީގެ ދެއަހަރުކުރިން ހިނގައިދިޔަ ހާދިސާއެވެ. އަލާޔާ އައިސް އެއްވަރުކުރަމުން އަފްލާކްގެ ދެލޮލަށް ބަލައިލިއެވެ. އެދެލޮލުން ފެނުނީ ހުސްކަމެވެ. އަލާޔާ ތުންފަތުގައި ދަތްއަޅާލިއެވެ. އަފްލާކް ގާތު އެސުވާލު އެހުނު މޮޔަހީވިއެވެ. އޭނާ މަޑުމަޑުން ސޮރީއޭ ބުނަމުން ގޮސް ކޮޓަރިއަށްވަނެވެ. އަފްލާކްއަށް ވެއްޓިގަނެވުނީ ސޯފާއަށެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތް ޙިޔާލުތަކުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތި ހިނިތުންވުމެކެވެ.
“އައި މިސް ޔޫ ސޯ މަޗް ލާލް…” އަފްލާކް އެހެން ބުނެލިވަގުތު އެހިތުގައި އެޅި ވޭން އެހެން އެކަކަށްވެސް އިހުސާސް ނުކުރެވޭނެއެވެ.
“އާހް…” ފަޔަށް އެޅިގެންދިޔަ ހޫނު ފެނާއެކު ޔަނާލްއަށް ބުނެލެވުނެވެ. ފެން އެޅުނީ އޭނާގެ ފަޔަށް ނަމަވެސް އެހިތަށް ތަދުވީ ކީއްވެކަމެއް ނޭނގުނެވެ. ޔަނާލް އަވަހަށް ފަޔަށް ފިނިފެން އަޅާލިއެވެ. އޭނާ ކާގޭގައި މޮޕުލާފައި ނުކުމެ ދެފައި އަރުވައިގެން ސޯފާގައި އިށީނެވެ. “ޑޫ ހީ އީވެން މިސް މީ ނައު؟” ޔަނާލްއަށް ބުނެލެވުނެވެ. “ހޫ ހޫ؟..” ކޮޓަރިން ނުކުމެގެން އައި ޔަލްވީއަށް އަޑުއިވިގެން އައިސް ޔަނާލްގެ ގާތުގައި އިށީންނަމުން އަހާލިއެވެ. ޔަނާލް ސިހިގެން ގޮސް މީހަކު ނޫނޭ ކިޔައި އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އެތަން ބަލަން އިނދެފައި ޔަލްވީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “ޔަންނު އަދިވެސް އޭނަދެކެ ލޯބިވޭބާ؟..” ޔަލްވީގެ ހިތުގައި އުފެދިފައިވާ ސުވާލު އޭނާ ކޮށްލީ އެނބުރެމުން ދިޔަ ފަންކާއާއިއެވެ. ނަމަވެސް ދިރުންނެތް އެފަންކަލަށް ޖަވާބު ދެވޭނެހެއްޔެވެ؟
ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ފޯނާއި ކުޅެން ހުރި ޒާލިކް ސިހިގެން ދިޔައީ މީހަކު ކޮނޑުގައި ޖަހާލުމުންނެވެ. އޭނާ ސިހިފައި ފަހަތް ބަލައިލި ވަގުތު އަލާޔާ ހުރުމުން ދެބުމަ ގޮށްޖެހިގެންދިޔައެވެ. “ކިހިނެތްވީ..؟..” ޒާލިކް އަނެއް ފަރާތަށް އެނބުރެމުން ފޫހި ފާޑަކަށް އަހާލިއެވެ. އެހުރީ ރުޅިއައިއްސަ ކަންނޭނގެއެވެ. އަލާޔާގެ ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. “ސޮރީ ޒާލިކް.. އައި މިސްއަންޑަސްޓޫޑް ޔޫ.. ތިއްތި ކިޔާދީފި ހުރިހާ ވާހަކައެއް.. އެންޑް ތެންކްޔޫ ފޯރ ސޭވިންގ މީ ދެޓް ނައިޓް..” އަލާޔާ ފަހަތުގައި ހުރެ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޒާލިކް ހުރީ އެހުރިގޮތަށެވެ. އެންމެ ފަހަރަކުވެސް އަލާޔާއަށް ބަލައިނުލިއެވެ. ޒާލިކްގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ އަލާޔާ ސިހުނީ ޒާލިކް ހޫނ އަޅުވާލުމުންނެވެ. އެއަޑުގައި އެއްވެސް އަސަރެއްނެތެވެ. އަލާޔާ ކުޑަކޮށް ދެރަވާ ގޮތްވިއެވެ. ޒާލިކް އެހާ ފަރުވާ ކުޑަކޮށް ޖަވާބު ދިނުމުން ކުޑަކޮށް ހިތްހަމަވެސް ނުޖެހެވުނެވެ. އޭނާ ގޮސް ކޮޓަރިއަށް ވަންނަމުން ބެލްކަނީގެ ދޮރު ލައްޕައި ދޮރުފޮތިގަނޑު ކަހާލިއެވެ. ޒާލިކްއަށް އެއަޑު އިވިފައި ދޮރާއި ދިމާލަށް ބަލައިލަމުން ފުން ނޭވާއެއްލަމުން އުޑުމައްޗަށް ބަލައިލިއެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު ޒާލިކް ނިދަންވަނީ އެގާރަ ޖަހައި ބޮޑުވިފަހުންނެވެ.
ފަތިހުގެ ހިތްގައިމު ވަގުތު ޖޮގިންއަށް ގޮސް އުޅުނު ގިނަ މީހުންގެ ނަޒަރު ހުއްޓުނީ ދުވަމުންދިޔަ އަންހެން ކުއްޖާއަށެވެ. ހިމަތޮޅި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާ ލައިގެން ހުރި މަޑުފެހި ޓީޝާޓުވަނީ އެހިމަ އުނަގަނޑަށް ހިފާލާފައެވެ. ތިރިން ލައިގެން ހުރި ކަޅުކުލައިގެ ޖީންސާއި ކަޅާއި ހުދު ޓެނިސް އެކުއްޖާއާއި ނުހަނު ގުޅެއެވެ. ބްރައުންކުލައިގެ ފަން އިސްތަށިގަނޑު އައްސާލާފައިވާއިރު ބޮލުގައި ކަޅުކުލައިގެ ހިމަ ބޭންޑެއް އަޅާލާފައިވެއެވެ. ކަންފަތަށް ޖަހާލާފައިވާ ކަޅުކުލައިގެ ހެޑްސެޓުން އަޑުއަހަނީ ލަވަ ކަންނޭނގެއެވެ. ދޭތެރެއަކުން ތުންފަތް ތަޅުވާލާތަން ފެނެއެވެ.
“ޔަންނު. އޭ ޔަންނު މަޑުކޮށްބަލަ…” ފަހަތުން ދުވަމުން އައި ފިރިހެން ކުއްޖާ އައިސް ޔަނާލްއާއި އެއްވަރުކޮށްލަމުން ކަންފަތަށް ޖަހާފައިވާ ހެޑްސެޓު ދަމައިގަތެވެ. އެވަގުތު ޔަނާލް ކުޑަކޮށް ހައިރާންވެލާފައި އެނބުރި ބަލައިލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


