އެވަގުތު އައްކިޔުންނަށް ބަލަންހުރެ އަހަރެން އެކުއްޖާއަށް ވައުދެއްވިން….އަހަރެން ކުޑަކުޑަ އައްކިޔުންނަށް ބުނިން، ބައްޕަގެ ހަށީގަ ފުރާނަ ހުރިހާ ހިނދަކު ބައްޕަ ދަރިފުޅު ދުލެއްނުކުރާނަމޭ…ބައްޕަ ކޮންމެހާލެއްގަ އުޅެންޖެހުނަސް ދަރިފުޅަށް ރަނގަޅު ހަޔާތަކާ ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ބައްޕަ ވަރަށް މަސައްކަތްކުރާނަމޭ…
އައްކިޔުންނާ ވާހަކަދައްކަން އެގަސްގަނޑުތެރޭގަ އަހަރެން ހުއްޓާ “ދަރިފުޅާއޭ” ކިޔާފަ އަންހެނަކު އަހަންނަށް ގޮވާލި…އަހަރެން ފަހަތަށް އެނބުރި ބަލައިލިއިރު އަހަރެންގެ ކައިރީގައި ހުރީ އަހަރެންގެ މަންމަ…އަހަންނާ ދިމާލަށް އައްކިޔުންގެ މަންމަ ކީހުރިހާ އެއްޗެއް އަޑުއިވުނު ވާހަކަ މަންމަ ބުނި…އެހާ ދުވަހަށް ފަހު އަހަންނަށް މަންމަ ފެނުމުން އަހަރެން ވަރަށް އުފާވި…އަދި މަންމަމެންގެ ބަސް ގަބޫލުނުކުރެވުނީތީ އަހަރެން އެކަމާ ދެރަވެ މާފަށްވެސް އެދުނިން…
އަހަރެން ރޯންފެށުމުން އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު މަންމަ އަހަރެން ގާތު ބުނީ މަންމަމެން ދަރިފުޅަށް އެވަރަށް ވިސްނައިދިނީ މިހެންވެދާނެތީއޭ…ދަރިފުޅަށް ދެރަގޮތެއްވާން މަންމަމެން ނޭދޭތީއޭ….ދަރިފުޅަށް މިހާރު އިންސާނުންގެ ނުބައިކަން ފެނިއްޖެ ނޫންހޭ…މަންމަ އެހެންބުންޏަސް އަހަންނަށް އައްކިޔުންގެ މަންމަދެކެ ރުޅިއެއް ނާދެވުނު…
މަންމަ އަހަންނާ ދިމާލަށް ބުނީ ދަރިފުޅު ބޮޑުވެ ބައްޕައަކަށް ވިއަސް، މަންމައަށް އަދިވެސް ތީ ތިއޮށް ތުއްތުކުއްޖާ ފަދައިން މަންމަގެ ކުޑަދަރިފުޅޭ…މަންމަގެ އެބަސްތަކުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި” ކަރުނަ ފުހެލަމުން އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“އަހަރެންގެ އަތުތެރޭގައިވާ އައްކިޔުން އުރާލުމަށްފަހު މަންމަ އެކުއްޖާއަށް ލޯބިން ބޮހެއްދިން…އަދި ވަރަށް ރަނގަޅަށް އެކުއްޖާއަށް ބަލައިލި…އައްކިޔުންނަށް ބަލައިލުމަށްފަހު މަންމަ އަހަރެން ގާތު ބުނީ މީ އިންސާނެކޭ.. އެކަމަކު އައްކިޔުންގެ ގައިގައި އަހަރެންގެ ނަސްލު ތަންކޮޅެއް ބޮޑުވުމުން ހިނގާފާނެކަމަށް…
އިންސާނަކަށް ކުއްޖާ ވެއްޖެނަމަ އަހަންނަށް އެކަނި މިކުއްޖާ ގެންގުޅެން ވަރަށް ބުރަވާނެ ކަމަށް…ޖިންނިއެއް ނަމަ ނޫނީ އެނަސްލު ކޮންމެވެސް ވަރަކަށް ކުއްޖާ ގައިގަ ހުރިނަމަވެސް ގެންގުޅެން ފަސޭހަވާނެ ކަމަށާއި އަހަންނަށް އަހަރެންގެ ދުނިޔެއަށްވެސް ކުއްޖާ ގޮވައިގެން ދެވޭނެކަމަށް… އެކަމަކު އިންސާނެއްނަމަ އަހަރެމެންގެ ދުނިޔެއަކަށް ނުގެންދެވޭނެ ކަމަށް…އެއީ އިންސާނުންނަށް އަހަރެމެންގެ ދުނިޔެއަށް ދަތުރުނުކުރެވޭނެތީ..
އެރޭ އަހަރެން މަންމަ ކައިރި ބުނިން ކުއްޖާ އިންސާނަކަށްވެ މިތާ އުޅެންޖެހުނަސް، ކިތަންމެ ތަކުލީފެއް އުފުލަން ޖެހުނަސް އަހަރެން އަހަރެންގެ ދަރިފުޅު ގެންގުޅޭނަމޭ…އެކުއްޖާ އެއްލައެއްނުލާނަމޭ…އައްކިޔުން އޮތީ އުފަންވިގޮތަށް ނެޕީއެއްވެސް ނުޖައްސާ…އެހެންކަމުން މަންމަ އަހަރެން ކައިރިބުނީ ކުއްޖާ ނެޕީ ޖައްސުވާ ހެނދުމެއްލައްވާށޭ..މިތާ ހުންނަން ވެއްޖެނަމަ ފިނިވެގެން ކުއްޖާ ބަލިވާނޭ..މަންމަ އެހެންބުނުމުން އަހަރެން އައްކިޔުން ގޮވައިގެން އަހަރެން ދިރިއުޅުނު ގެއަަށް ދިޔައިން..އަހަންނާއެކު މަންމަވެސް ދިޔަ…
ކުއްޖާ ޖައްސުވާނެ ނެޕީއެއްވެސް ރީތިކުރާނެ ސާމާނެއްވެސް އޭރު އަހަރެން ނުހޯދަން…އައްކިޔުން މަންމަގާތު ވިހަންވާއިރަށް އެއްޗެހި ގަނެ ތައްޔާރުވުމަށް އަހަރެން އެދުނިން…ނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް އޭރު ނުދިން…އަހަރެން ވަރަށް ކިޔަންފެށުމުން އޭނާ ބުނިހާވެސް އެއްޗަކީ ވިހަންކައިރި ވީމަ ގަނެވޭނެ ނޫންހޭ..
ގެއަށްވަނުމަށްފަހު، ކުއްޖާ ރީތިކުރަން ބޭނުންވާނެ ސާމާނާ ބުއްފުޅިއާ ކިރުދަޅުގެ އިތުރު ނެޕީއާ ލާނެ އަންނައުނުކޮޅެއް ގަންނަން އަހަރެން ނިކުތިން…އަހަރެން ވަޒީފާ އަދާކުރާ ފިހާރައަކީ ހުރިހާ އެއްޗެއްވެސް ލިބޭތަަނަކަށްވެފަ، ތަނުގެ ވެރިޔާ އަހަންނަށް އިތުބާރުކުރާތީއާއެކު އެތަނުގެ ތަޅުދަނޑިވެސް އޮންނަނީ އަހަރެންގެ އަތުގަ…އެހެންކަމުން ތަކެތި ހޯދުމަށް އަހަރެން މާބުރައުފުލާކަށް ނުޖެހުނު…
ފިހާރައިގަ އުޅޭއިރު ކުދިންވިހައިގެން އުޅޭ މީހުންއައިސް ކުއްޖާރީތިކުރަން ސާމާނުގެންދާތަން އަހަންނަށްފެނޭ…އޭތި ހިތަށްއަރުވައިގެން އަހަރެން ސާމާނުހަމަކުރަން ނިންމީ…ވަރަށް ސިއްރުން ފިހާރައަށްވަދެ ތަކެތި ހަމަކޮށް އެއަށްވާ ފައިސާ ފިހާރައިގަ ބެހެއްޓުމަށްފަހު އަހަރެން އެތަނުން ނިކުތިން…އެއްޗެހިގަނެގެން ގެނައުމުން ކުއްޖާރީތިކޮށް ބުއްފުޅިޖެއްސުވީ އަހަރެންގެ މަންމަ..
މަންމަ އެކަންތައްކުރިއިރު އަހަރެން ހުރީ ބަލަން..މަންމަ އެކަމަށް ފަރިތަކަމުން އަހަރެން ސުވާލުވެސް ކުރިން…އަަހަރެން މަންމަގާތު އެހިން ޖިންނިކުދިން ތިހެން ގެންގުޅެން ނުޖެހޭއިރު މަންމަ ތިކަންތައް ދަސްކުރީ ކިހިނެއްހޭ…
މަަންމަ އަހަރެންގާތު ބުނީ މަންމަގެ ވަރަށް ގާތް އެކުވެރިއަކަށްވެސް އަހަންނަށް ދިމާވިފަދަ ގޮތެއް ދިމާވިކަމަށާ އޭނާއަށް ލިބުނު އިންސިކުއްޖާ ރީތިކޮށް، ބެލީ މަންމަކަމަށް…ނަމަވެސް އެޖިންނިއާ ދަރިފުޅު މަރުވެއްޖެކަމަށް..އޭނާ މަރުވީ އޭނާގެ އިންސި ލޯބިވެރިޔާ ކެހިދިނުމުގެ ސަބަބުން ހިތާމަކޮށް ކަމަށާ ކުއްޖާ މަރުވީ ރަނގަޅަށް އަޅާނުލެވުމުގެ ސަބަބުންކަމަށް…
އިންސި ކުއްްޖެއްކަމުން އެެއްވެސް މީހަކު އޭނާއަށާ ކުއްޖާއަށް އެހީނުވި ކަމަށާ އެހީވީ މަންމަ އެކަނިކަމަށް…އެކަމަކު މަންމަ އޭނާއަށް އެހީވާކަން އަހަރެންގެ މާމަމެންނަށް އެނގުމުން އެކަން މަނާކުރީ ކަމަށާއި އެހެންކަމުން މަންމައަށް އެކުއްޖާ ބަލަން ދުނިޔެއަށް ނާދެވުމުގެ ސަބަބުން ކުއްޖާ މަރުވީކަމަށް…މަންމަގެ އެވާހަކަތައް އަޑުއެހުމަށްފަހު އަހަރެންބުނިން އަހަރެން ދަރިފުޅަށްޓަކާ ދިރިއުޅޭނަމޭ…ކުއްޖާއަށްޓަކާ ކެތްކުރާނަމޭ…
ދަރިފުޅަށް “އައްކިޔުން” ގެ ނަން ދިނީ އަހަރެންގެ މަންމަ…މަންމަ ބުނިހެން ކުއްޖާ ގައިގަ އަހަރެންގެ ނަސްލު ހިނގާތޯ ޔަގީންކުރުމަށް އަހަރެން މިދުނިޔޭގަ ހުންނަން ޖެހުނު..އެހެންކަމުން އަހަރެން އުޅުނީ އައްކިޔުން ގޮވައިގެން އަަހަރެން ދިރިއުޅުނު ގޭގަ…
ކުއްލިއަކަށް ކުޑަކުއްޖަކު އަހަރެންގެ އަތުގައި އޮތުމުން ރަށުމީހުން އަހަންނާ ވަރަށް ސުވާލުކުރި…ވަރަށް ވިސްނުމަށްފަހު އަހަރެން ދޮގެއްހެދިން..އަހަރެން އެމީހުން ކައިރި ބުނިން އަހަރެންގެ އަންހެނުން ވިހެއުމަށްފަހު މަރުވީކަމަށް…އޭނާ ހުރީ މިތާކައިރި ރަށެއްގައި ކަމަށާއި އަހަރެން މިރަށަށް އައިސް ވަޒަންވެރިވީ ފައިސާ ހޯދަންކަމަށް..ނަމަވެސް އަންހެނުން މަރުވުމުން ކުއްޖާ ގޮވައިގެން އަހަރެން މިރަށަށް ދިރިއުޅުން ބަދަލުކުރީކަމަށް..އަހަންނާ އަހަރެންގެ މަރުވި އަންހެނުންނަކީ ތިމާގެ ބަޔަކުނެތް އެކަނިވެރިންތަކެއް ކަމުން ކުއްޖާ ބަލާނެ އިތުރުމީހަކު ނެތުމުން އަހަރެން ކުއްޖާގެ ކަންކަންވެސް ކުރަނީކަމަށް…
އަަހަރެންގެ އެވާހަަކަތަކުން ރަށުމީހުން އަހަންނަށް ހަމްދަރުދީވިި..އެހެންނަމަވެސް އެންމެ ބޮޑު އެހީއެއް އޭރު އަހަންނަށް ލިބުނީ އަަހަރެންގެ މަންމަގެ ފަރާތުން…ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މަންމަގެ އުޅުމަށް ބަދަލުތަކެއް ްްއަންނަންފެށި..އަހަރެން ކައިރި އުޅޭއިރު ވަރަށް ބިރުން ވަރަށް ސިއްރުން އުޅެންފެށި…އެކަމާ އަހަރެން މަންމައާ ސުވާލުވެސް ކުރިން…އަނެއްކާ މަންމަ ފިޔަވައި އާއިލާގެ އިތުރުމީހަކު އަހަރެން ކައިރިއަށްވެސް، ކުއްޖާ ދެކިލަންވެސް ނާންނާތީއާއެކު…
އެދުވަހު މަންމަބުނީ އަހަރެންގެ ބައްޕައާ ކާފަ އަދި މާމަގެ ބަސްގަބޫލުނުކުރުމުން އަަހަރެންގެ އާއިލާމީހުން އަދިވެސްހުރީ އަހަރެންދެކެ ރުޅިއައިސްފައި ކަމަށް..އެކަމަކު އަހަރެން އުޅޭހާލު ފެނި މަންމައަށް ކެތްނުވެގެން އެހީވަނީކަމަށް…މަންމަ އަހަންނަށް އެހީވާކަން އެނގުމުން އެމީހުން މަންމަދެކެވެސް ރުޅިއައިކަމަށް..އަހަންނަށް އެހީވެއްޖެކަން އެމީހުންނަށް ދެން އެނގިއްޖެނަމަ މަންމައަށް އަހަރެންކައިރިއަށް ދުނިޔެ ނާދެވޭގޮތް ހަދާނެކަމަށްވެސް ބުނެފައިވާ ކަމަށް…
އަހަރެން މަންމަކައިރި ބުނިން މަންމަ ދެން ނާންނާށޭ…އަހަންނާހެދި މަންމައަށް އަދަބުލިބޭކަށް އަހަރެން ބޭނުމެއްނޫނޭ…އެހެންނަމަވެސް ކުރިމަތީގައިވާ އިންޒާރަށް ވިސްނާލުމެއްނެތި އަހަންނާ އައްކިޔުންނަށްޓަކާ މަންމަ އައިސް އަހަރެމެންނަށް އެހީވި..އެކަމަކު މާގިނަދުވަހެއްނުވެ އެކަންތައް އާއިލާ މީހުންނަށް ފަޅާއެރި..އެހެންކަމުން މަންމަ އަހަރެމެން ކައިރިއަށް އައުން މުޅިން ހުއްޓުނު..އަހަންނަށް ލިބެމުންދިޔަ މަންމަގެ އެހީވެސް މުޅިން ހުއްޓުނު..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Masha allah touching superb waiting nxt prt
Thanks dear ??
Waiting for next part
Next part kiyaalan lipeyni konirakun tha
Vaahaka vrh reethi
Libeynee v avaha thanks dear ??