ހަނީފާއްތަ ކައިރިއަށް ގޮސް ވަރަށް ބާރަށް ހަނީފާއްތަގެ ގައިގައި ނައިޝާ ބައްދާލިއެވެ.

“ކަނބުލޮ އަދި އަންނައްޗޭ މިރަށަށް” ހަނީފާއްތަ ބުނެލިއެވެ. “ދެން ހިއެއްނުވޭ އާދެވޭނެހެނެއް….ނައިޝާ އަންނަން ބޭނުންވެގެންނޫން މިފަހަރުވެސް މިއައީ….ހަނީފާއްތަގެ ނަންބަރު އިންނާނެއެއްނު….މިރަށަށް ނަޔަސް ޚަބަރުވެވޭނެއެއްނު….ގުޅާނަން ހަނީފާއްތައަށް” ނައިޝާ ބުނެލިއެވެ.

“ކުރީފަހަރުވެސް ދިނީމަ ނުހިފި އެހެންވީމަ މިފަހަރު މީގަ ހިފާ” ހަނީފާއްތައަށް ދޭން ނައިޝާ ވޮލެޓަށް ލައިފައި ހުރި ދިހަހާސް ރުފިޔާ ނަގާ ދިއްކޮށްލަމުން ބުނެލިއެވެ.

“ހާދަ ބައިވަރެއް؟ ތިބާއްވާ” ހަނީފާއްތަ ބުނެލިއެވެ. “ނޫން މިފަހަރު މީގަ ހިފާ” ނައިޝާ ކުރުނުކުރުމުން ހަނީފާއްތަ އެފައިސާގައި ހިފިއެވެ.

އެންމެނާ ސަލާމްކުރުމަށްފަހު ލޯންޗަށް ނައިޝާ އެރިއެވެ. ލޯންޗު ފަޅުން ބޭރުވަންދެން ނައިޝާ ދާ މަންޒަރު ބަލަން ސައިފް ދެރަވެފައި ހުއްޓެވެ.

************

ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ލޯންޗު ދަތުރުކުރަމުން ދިޔައެވެ.ސީޓުގައި އިށީންދެލައިގެން ފޯނާ ކުޅެން ނައިޝާ އިނެވެ.އައްކިޔުންނާ ދިމާވެވޭތީ ނައިޝާ ހުރީ ވަރަށް އުފަލުންނެވެ.އެހެންއިނދެ ޔުދާގެ ނަންބަރަށް ނައިޝާ ގުޅާލީ އެކޮޅުން ފޯނު ނަގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.ނަމަވެސް ޔުދާގެ ކޯލު ކުރިއާ ޚިލާފަށް ރިންގުވިއެވެ.ހުރިހާ ދުވަހަކު ނުގުޅި ހުރެފައި މިއަދު އެކޯލު ރިންގުވުމުން ނައިޝާ ހައިރާންވިއެއް ކަމަކު އުފާވެސް ވިއެވެ.

“ހަލޯ!” ރިންގުވިތާ ދެމިނެޓްވެސް ނުވެ އެކޮޅުން ޔުދާ ފޯނު ނެގިއެވެ. ޔުދާގެ އަޑުޖެހުމުން ނައިޝާ ވަރަށް އުފާވިއެވެ.

“ދަރިޔާ ކޮން ދުނިޔެއަކު ތިއުޅެނީ؟….ހާދަ ވަރަކަށް ގުޅާފީމޭ…..ނައިގެ ޚަބަރެއްނުވާތީ ޕޮލިހަށްވެސް ދާން ހިތަށްއަރާފަ މިހުރީ…..ފޯނު ހަލާކުވީތަ؟…..ނައިގެ ނަންބަރަށް އެއްގޮތަކަށްވެސް ނުގުޅޭ…..ރިންގުވާ އަޑެއްްވެސް ނީވެ ހަމަ ކެނޑެނީ” ޔުދާ އެއްނޭވާއިން ބުނެލިއެވެ.

“ނައިވެސް އެހެން ހިތަށްއަރާފަ މިހުންނަނީ…..ފޯނަށް ހަމަ ރަނގަޅަށް ރޭންޖުލިބޭ…..ހަމައެކަނި ޔުދާއަށާާ އައްކިއަށް ނުގުޅެނީ…..ކޮންމެދުވަހަކު ކަހަލަގޮތަކަށް ނައި ގުޅަން އައްކިއަށާ ޔޫ އަށްވެސް….އެގޮތަށް މިއަދުވެސް ގުޅާލިއިރަށް މިގުޅުނީ” ނައިޝާ އަދިވެސް އިނީ ހައިރާންވެފައެވެ.

*************

“އަޅެ ކާއެއްޗެއްވެސް ނަހަދަން…..ނައި ކޯއްޗެއް ކާން ބޭނުންވަނީ އަންނަންވާއިރަށް ތައްޔާރުކޮށްލާނަން” ޔުދާ އެހެންބުނުމުން އޭނާ މިދަނީ ކައިގެން ކަމަށާ އެއްޗެއް ނުހެދިޔަސް ރަނގަޅުވާނެ ކަމަށް ބުނެލިއެވެ.

“އައްކިއަށް ގުޅައިފިންތަ މިހާރު؟” ޔުދާ އަހާލިއެވެ. “ނޫން…ޔޫ އަށް ގުޅެންޏާ އައްކިއަށްވެސް ގުޅޭނެއެއްނު….އެކަމް އަދި ނުގުޅާނަން…..ސަޕްރައިޒެއް ދޭން ހުޅުމާލެ ގޮއްސަ ގުޅާނީ” އުފަލުންހުރެ ނައިޝާ ބުނެލިއެވެ.

**********

ލޯންޗު މާލެ ބަނދަރަށް ގާތްކުރުމުން ޓެކްސީއެއްގައި ނައިޝާ ހުޅުމާލެއަށް ދިޔައެވެ.ކާރުގައި އިން ނައިޝާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ކާރު ނައިޝާގެ ގޭ ދޮރުމައްޗަށް މަޑުކުރުމުން މަތިން ބަލަންހުރި ޔުދާ ވަގުތުން ފޭބިއެވެ. “ހާދަ މިސްވިޔޭ ނައި މަތިން….އަހަރެން މުޅިން ބިރުން އަވަދިވެއްޖެ ނައިއަށް  ކަމެއްވީ ކަމަށް ހީކޮށް” ނައިޝާ ފެނުމުން އުފަލުން ބައްދާލަމުން ޔުދާ ބުނެލިއެވެ.ޔުޑާގެ އެލަފްޒުތަކުން ނައިޝާ ހިނިއައެވެ.

**********

އާހް….ހާދަ ޒަމާނަކަށް ފަހުއޭ ގެއަށް މިއާދެވުނީ” ސޯފާގައި އިށީންދެ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ނައިޝާ ބުނެލިއެވެ.

“ކޮބާ ކިހިނެއްވަނީ އެކޮޅު؟” ޔުދާ އަހާލިއެވެ.ޔުދާއަށް ކަންވީގޮތް ކުރުކޮށް ނައިޝާ ކިޔައިދިނެވެ. “އަސްލުތަ؟….އެސުހާގެ އަތްދަށުން ސައިފްމެން ސަލާމަތްވީތީ އުފާކުރަން” ޔުދާ ބުނެލިއެވެ.

**********

އަތްދަބަހާ ފޮށި ކޮޓަރީގައި ބެހެއްޓުމަށްފަހު، ނައިޝާ ފޯނު ނެގިއެވެ.ހިނިތުންވެލައިގެން ހުރެ އައްކިޔުންގެ ނަންބަރަށް ގުޅާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލިއެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެންހުރި ނައިޝާގެ މޫނުމަތީގެ ހިނިތުންވުން ކުއްލިއަކަށް ކެނޑިގެންދިޔައ،ީ އައްކިޔުންގެ ނަންބަރުގެ ޚިދުމަތް ކަނޑާލައިފައި އޮތް އަޑު އިވުމުންނެވެ.ތިން ފަހަރަށް ގުޅުނު އިރުވެސް އިވެނީ އައްކިޔުންގެ ފޯނުގެ ޚިދުމަތް ކަނޑާލައިފައިވާ ވާހަކައެވެ.

އައްކިޔުންގެ ފޯނުގެ ޚިދުމަތް ކަނޑާލައިފާވުމުން ނައިޝާ ވަރަށް ހައިރާންވިއެވެ.ވަގުތުން ސިޓިންރޫމަށް ގޮސް ޔުދާގެ ފޯނުން އައްކިޔުންނަށް ނައިޝާ ގުޅާލީ އިތުރަށް ޔަގީންކުރުމުގެ ނިޔަތުގައެވެ.ޔުދާގެ ފޯނުން ގުޅިއިރުވެސް އިވެނީ ޚިދުމަތް ހަމަ އެއަޑެވެ.

“އައްކި އައިތަ ނައި ހޯދަން މިގެއަށް؟” ފޯނު ޔުދާއަތަށް ދިއްކޮށްލަމުން ނައިޝާ އަހާލިއެވެ.އެވަގުތު ޔުދާ ދެފަރާތަށް ބޯހޫރާލީ ނާދޭ ބުނުމުގެ ގޮތުންނެވެ.

އައްކިޔުން ފޯނުގެ ޚިދުމަތް ކަނޑާލައިފައި އޮތުމުންނާ ޔުދާއަށްވެސް އޭނާ ޚަބަރުވެފައި ނުވާތީ އައްކިޔުން ހޯދަން އޭނާގެ ގެއަށްދާން ނައިޝާ ނިންމިއެވެ. “ނައި އަތުގަ ނެތްތަ އައްކިގެ އިތުރު ނަންބަރެއްވެސް؟” ނިކުންނަން ދިޔަ ނައިޝާއަށް ޔުދާ އަހާލިއެވެ. “ނެތޭ…ފޭސްބުކާ ވައިބަރ އިންވެސް އައްކިއެއް ނުފެނުނު” ނިކުންނަމުން ނައިޝާ ބުނެލިއެވެ.

***********

މަޑު ހިނގުމުގައި ނައިޝާ އައްކިޔުންގެ ގެއާ ދިމާލަށް ދިޔައެވެ.އައްކިޔުންނާއެކު ކުރިން އެގެއަށް ގޮސްފައިވުމުން، އެގެއަށް ފަސޭހަކަމާއެކު ދާން ނައިޝާއަށް އެނގުނެވެ.އައްކިޔުން ދިރިއުޅުނު އެޕާޓުމެންޓުގެ ދޮރުމައްޗަށް ހުއްޓިލުމަށްފަހު، ނައިޝާ ބެލް އަޅާލުމުން ޒަލަފް ދޮރު ހުޅުވާލިއެވެ. “އަހަނ ނައިޝާ!” ދޮރުމަތީގައި ހުރި ނައިޝާ ފެނުމުން ޒަލަފް ގޮވާލިއެވެ.

“ކޮބާ އައްކިޔުން؟” އެސުވާލު ދެމީހުންނަށްވެސް އަހާލެވުނީ އެކުއެކީގައެވެ.އެވަގުތު ޒަލަފާ ނައިޝާ އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

“މިގެއަކު ނޫންތަ އައްކި ވަނީ؟” ނައިޝާ އަހާލިއެވެ. “ނޫން…ނައިޝާ ކައިރިއަކު ނޫންތަ އޭނަ ވަނީ؟”ޒަލަފްވެސް އަހާލިއެވެ.

“އައްކިގެ ޚަބަރެއްނުވީމަ އައްކި ހޯދަން މިގެއަށް މިއައީވެސް….ގުޅިއިރު ނަންބަރުވެސް އޮތީ ޚިދުމަތް ކަނޑާލާފަ” ނައިޝާ ބުނެލިއެވެ.

“މީގެ ދެރޭ ކުރިން އަހަރެން ބޭރުގައި ހުއްޓާ އޭނަ ގުޅާފަ ބުނި އޭނާ އެހެން ގެއަކަށް ބަދަލުވި ވާހަކައާ އޭނާ އެވަގުތު ހުރީ އެގޭގަ ކަމަށް…. އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ފޯނު ކަނޑާލީ….. އަހަރެން އެނަންބަރަށް ވަރަށް ގުޅިން ފުރަތަމަ ނިވާލާފަ އޮތީ ފަހުން ޚިދުމަތް ކަނޑާލައިފަވާ ކަމަށް ބުނަނީ….. ކުއްލިގޮތަކަށް އައްކި އެހެން ގެއަކަށް ބަދަލުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ބަދަލުވީ ކޮން ގެއަކަށް ކަމެއްވެސް އަހަންނަކަށް ނޭނގެ….. އަހަރެން ހީކޮށްގެން މިހުރީ އައްކި ނައިޝާއާ އެކުގަ ކަމަށްވަނީ…. ވަރަށް ހައިރާންވެފަ މިހުރީ އައްކި އެހެދިގޮތުން….. އަހަރުމެން ދެމީހުން ދޭތެރޭގައި އެއްވެސް މައްސަލައެއްވެސް ނުޖެހޭވިއްޔާ…. އަނެއްކާ އައްކި ދަމުން ދިޔައީ އަހަންނަށް ނޭނގި މިތަނަށް ފަސްމަހުގެ ކުލިވެސް އެއްކޮށް ދައްކަދީފަ” ޒަަލަފް ކިޔައިދިނެވެ.

ޒަލަފް ދެއްކި ވާހަކަ އަޑުއަހަން ހުރި ނައިޝާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. “އެހެންތަ؟” ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެވުނެވެ.

78

3 Comments

 1. Hûdhãkkø

  November 19, 2021 at 10:16 am

  Kon irak next part kiyaalan lipeyni 🥺🥺🥺
  Can’t wait 😁😁😁😁

  • lamhus

   November 19, 2021 at 5:56 pm

   one episode upload vaairu aneh episode submit kohfa innaanee….esfiya team in upload kuri avaheh dhen innaanee dear😊

 2. Hûdhãkkø

  November 19, 2021 at 7:55 pm

  Ohh

Comments are closed.