“މިފަހުން އައްކި ވަރަށް ފާޑަކަށް ހުންނަނީވެސް….އަބަދު ކޮޓަރީގަ އޮންނަނީ……ސިޓިންރޫމަށް ވިޔަސް….ކާން ވިޔަސް…… ކޮޓަރިން ބޭރަަށް ނިކުމެ އުޅޭ ތަނެއް ވަރަށް ނުފެނޭ އަހަންނަކަށް….ގައިމު އަހަރެންވެސް އުޅުނީ އައްކިއާ އެކުގަ ވިއްޔާ….އަހަންނަށް އެހެންވީމަ އެނގޭނެ އެއްނު…އައްކި އަބަދު ކޮޓަރީގަ އޮންނާތީ ހާލުބަލަން އަހަރެން ވަރަށް ގިނަފަހަރު އައްކި ކޮޓަރި ދޮރުގަ ޓަކި ޖަހާފަ އަހަން…. އަހާލާއިރަށް ބުނާނެ އޯކޭއޭ ކުޑަކޮށް ބޮލަށް ތަދުވާތީއޭ މިއުޅެނީ” ޒަލަފް ބުނެލިއެވެ.

“އޮފީހުން ދިމާވެދާނެ ކަންނޭނގެ ދޯ؟” ޒަލަފްގެ ވާހަކަތައް އަޑުއަހަަންހުރި ނައިޝާ އެހެންބުނެ އެތަނުންދާން އުޅުނެވެ. “އޮފީހަކުން ދިމަލެއް ނުވާނެ….އޭނަ އެތަނުންވެސް ވަކިވެއްޖެ” ޒަލަފް އެހެންބުނުމުން ނައިޝާއަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައެވެ.

“ފަހުން ފަހުން އައިސް ގިނައީވެސް އޭނަ އޮފީހަށް ނުގޮސް ސަލާމްބުނާ ދުވަސްތައް….ތިދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟”ނައިޝާއަށް ޒަލަފް އަހާލިއެވެ.

“ނޫން އެއްވެސް މައްސަލައެއްވެސް ނުޖެހޭ…ނައި ވެސް ޒަލަފެކޭ އެއްފަދައިން ވަރަށް ސަޕްރައިޒްވެފަ މިހުރީ” ނައިޝާ އެހެންބުނެ އެގެއިން ނިކުންނަން ސިޑިއާ ދިމާލަށް ދިޔައެވެެ.

************

މިއަދު ނައިޝާއަށް ލިބުނު ހައިރާން ކުރުވަނިވި ޚަބަރުން އޭނާ ހުރީ ހަދާނެގޮތް ނޭނގިފައެެވެ. އައްކިޔުންނަށް ސަޕްރައިޒެއް ދޭން އުޅުނު ނައިޝާއަށް މިވަނީ ހީނުކުރާހާ ބޮޑު ސަޕްރައިޒެއް ލިބިފައެވެ.އައްކިޔުން ދާނެހެން ހީވާ ހުރިހާތަނަކަށް ނައިޝާ ދިޔައެވެ.ނަމަވެސް އައްކިޔުންގެ ޖެހުނުތާ ލަކުނު ވެސް ފެންނާކަށް ނެތެވެ.

އައްކިޔުން ހޯދަން އިތުރަށް ދާނެ ވަކިތަނެއް ނޭނގޭތީ ނައިޝާ ގެއާ ދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ.ގެއަށްދިޔަ މަގުމަތީގައިވެސް މަގުގެ ދެފަރާތަށް އެނބުރިލާ އައްކިޔުން ފެންނަން ހުރިތޯ ނައިޝާއަށް ބަލައިލެވެއެވެ.

*********

ގެއަށް ވަދެ ފިނިފެންފޮދެއް ނައިޝާ ބޯލީ ގިނައިރު ހިނގުމުގެ ސަބަބުން ކަރުހިއްކައި ގެންފައިވާ ވަރުންނެވެ. ފެންބޮއެ ނިމުމަށްފަހު ވާޅުފިލުވާލުމަށް ސޯފާގައި ނައިޝާ އިށީންދެލިއެވެ.އައްކިޔުންނަށް ވީނުވީއެއް ނޭނގުމުން މުޅިމީހާ ނުތަނަވަސް ވާންފެށިއެވެ.

“ކޮބާ ދިމާވެއްޖެތަ؟” ކޮޓަރިން ނިކުތް ޔުދާއަށް ނައިޝާ ފެނުމުން އަހާލިއެވެ.އެވަގުތު ކަންތައްވީގޮތް ޔުދާއަށް ނައިޝާ ކިޔައިދިނެެވެ. “އަސްލުތަ؟….އަޅެ ކޮންތާކުބާ ވާނީ؟” ޔުދާ އަހާލިއެވެ.

“ނޭނގެ އެއްގޮތަކަށްވެސް…..ނޯމަލީ އައްކިޔުންނަކީ އެހެންހަދާ މީހެއްނޫން…އޭނަ ޚަބަރުވާނެ ކޮންމެ ކަމެއްކުރިޔަސް…..ނައިއަށް ޚަބަރު ނުވެވެންޔާ ޔުދާއަށް ނަމަވެސް އަންގާނެ….ދެން ނޭނގެ” ކޮޓަރިއާ ދިމާލަށް ދަމުން ކަންބޮޑުވެހުރެ ނައިޝާ ބުނެލިއެވެ.

************

“ދަރިފުޅާ” އައްކިޔުން ކޮޓަރިތެރޭގައި ރޯން އޮތްތަން ފެނި އޭނާގެ ބައްޕަ ގޮވާލިއެވެ. “ދަރިފުޅު މި ދެދުވަހު އެއްގޮތަކަށްވެސް ނުފެންނާތީ ބައްޕައަށް މިކޮޓަރި ތެރެއަށް ވަންނަން މިޖެހުނީ” ބަންޑުން އޮށޯވެލައިގެން އޮތް އައްކިޔުން ކައިރި، އެނދުގައި އިށީންދެލަމުން އޭނާގެ ބައްޕަ ބުނެލިއެވެ.

އައްކިޔުން އޭނާގެ ބައްޕައާ އަނގައިން ނުބުނެ ނައިޝާއާ ސައިފްގެ ފޮޓޯތައް އޭނާގެ ކުރިމަތީގައި އަތުރައިލައިގެން އެއަށް ބަލަހައްޓައިގެން އޮވެ ރޮމުން ދިޔައެވެ.

“ދަރިފުޅާ ދެން ތިކަން ނިކަން ހުއްޓާލަބަލަ….ތިފޮޓޯތައް ދެން އުކާލާ” އައްކިޔުންނަށް އޭނާގެ ބައްޕަ ބުނެލިއެވެ.

އެވަގުތު ލޯފުހެލުމަށްފަހު އޭނާގެ ބައްޕަ ކައިރީގައި އައްކިޔުން އިށީންދެލިއެވެ.”ބައްޕާ މިއީ ހާދަ ހިތާމަވެރި ކަމެކޭ” އަނެއްކާވެސް އައްކިޔުންނަށް ރޮވެންފެށިއެވެ.އައްކިޔުން ރޮއެހިތާމަ ކުރާތަން ފެނުމުން އޭނާގެ ބައްޕަގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

“ދަރިފުޅު ތިގޮތަށް ހިތާމަކުރާ މަންޒަރު ދެކޭކަށް ބައްޕަގެ ހިތަަކަށް ފަސޭހަ އެއްނޫން….އެ ނައިޝާ ދަރިފުޅަށް ބޭވަފާތެރިވިޔަސް ދަރިފުޅުދެކެ ލޯބިވާ މީހުން އެބަތިބި…..ބައްޕައާާ ލެޔާލާ މިތިބީއެއްނު……ބައްޕަމެންނަށްޓަކާ ދަރިފުޅު ތިހިތާމަކުރުން ހުއްޓާލަބަލަަ އާދޭސްމިކުރީ” ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އައްކިޔުންނަށް އޭނާގެ ބައްޕަ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

************

އައްކިޔުންގެ ބައްޕަ ކުރުނުކޮށް ކިޔަންފެށުމުން ކައިގެން އައްކިޔުންނާ އޭނާގެ ބައްޕަ ބޭރަށް ނިކުމެލިއެވެ. “އަބަދު ހަތަރު ފާރު އެތެރޭގަ އޮތުމަށްވުރެ ދަރިފުޅުގެ ހިތަށްވެސް ފަސޭހަވާނެ ގުދުރަތީ މިރީތި މަންޒަރުބަލަން ބޭރަށް ނިކުމެލީމަ” އައްކިޔުން ގޮވައިގެން ބީޗަށް ނިކުންނަމުން އޭނާގެ ބައްޕަ ބުނެލިއެވެ.

އައްކިޔުންނަށް އޭނާގެ ބައްޕަ އެކިގޮތްގޮތުން ހިތްވަރުލައިދިނެވެ.އައްކިޔުންދެކެ އޭނާގެ ބައްޕަ ލޯބިވާކަން އިރުއިރު ކޮޅާ ހަނދާން ކޮށްދެމުން ގެންދިޔައެވެ.ބައްޕަގެ ވާހަކައާ ދޭތެރޭގައި އައްކިޔުން ކުޑަކޮށް ވިސްނާލިއެވެ.އޭނާއަށް ދެރަގޮތެއްވެއްޖެ ނަމަ އޭނާގެ ބައްޕައަށް ލިބޭނެ ދެރަ ހިތަށް ތަސައްވުރުކޮށްލަންވެސް ދައްޗެވެ.އެންމެ ތުއްތުއިރުއްސުރެ މަޔަކާ ނުލާ އެތައް ބުރައެއް އުފުލައިގެން އައްކިޔުން ބަލައިބޮޑުކުރީ އޭނާގެ ބައްޕަ އެކަނިމާއެކަނި ކަމުން، އެބައްޕައަށްޓަކާ އައްކިޔުން ހަމައަކަށް އެޅެން ކިތަންމެހާވެސް ބޭނުންވެއެވެ.ނަމަވެސް އެއީ އޭނާ ކުރަންބޭނުންވާ އެކަމް ނުކުރެވޭ ކަމެކެވެ.ނައިޝާ ދެކެ އައްކިޔުންނަށް ވެވިފައިވަނީ އާދައިގެ ލޯތްބެއް ނޫނެވެ.ދުލަކުން ގަލަމުން އެލޯތްބެއް ބަޔާނެއް ނުކޮށްދެވޭނެއެވެ.

*************

އައްކިޔުންނަށް ވިސްނައިދިނުމަށްފަހު އޭނާގެ ބައްޕަ ދިއުމުން އައްކިޔުން އެކަނިވިއެވެ.އެހަމަހިމޭން ވަގުތު ބީޗުތެރޭގައި މޫދާއި ދިމާއަށް ބަލަން ހަށަންބަނދެލައިގެން އައްކިޔުން ހުއްޓެވެ.ނައިޝާއަށް ގެއްލުމެއްވެދާނެދީ އައްކިޔުން ޖެހިލުންވެ ރުޅިއަންނަ ބީދައިން، އައްކިޔުންނަށް ކަމެއްވެދާނެތީ އޭނާގެ ބައްޕަ ޖެހިލުންވެ ރުޅިއަންނާނެކަން އޭނާއަށް އެނގެއެވެ.

އައްކިޔުންނަކީ ދުވަހަކުވެސް މީހަކަށް އަނިޔާވެރިވާން ބޭނުންވާ މީހެއްނޫނެވެ.ނަމަވެސް ލެޔާލް ނައިޝާއާ ދިމާލަށް ފަންގަނޑު ވައްޓާލިރޭ، ލެޔާލްގެ އިސްތަށިގަނޑުގައި ހިފާ، ލެޔާލަށް އެރޭ އައްކިޔުން ހަމަލާދެވުނީ އައިސްފައި ހުރި ރުޅިއަކާ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ.ހަމައެފަދައިން އައްކިޔުން ހަމައަކަށް ނޭޅެންޏާ އޭނާގެ ބައްޕަ ކޮންޓްރޯލް އިން ނެއްޓި ނައިޝާއަށް ގެއްލުމެއް ދީފާނެކަމަށްޓަކާ އޭނާ ފަސްޖެހެން ފެށިއެވެ.ވައުދުވެފައިވީ ނަމަވެސް ނަފްސު ކޮންޓުރޯލް ނުކުރެވޭ ހާލަތްތަކުގައި ވިވައުދު މަތިން ބައެއްފަހަރު މީހާ ހަނދާން ނެތިގެން ހިނގައިދާނެ ކަހަލަ އިހުސާސެއް އައްކިޔުންނަށް ކުރެވެން ފެށިއެވެ.އެހެންކަމުން ނައިޝާގެ ރައްކާތެރިކަމަށްޓަކާ އަދި ބައްޕައަށްޓަކާ ހަމައަކަށް އެޅެން އިތުރު ހިތްވަރެއްލުމަށް އައްކިޔުން ނިންމިއެވެ.

**********

“އައްކި” ބީޗުތެރޭގައި ހުރި އައްކިޔުން ފެނުމުން ބީޗަށް ވަދެގެންއައި ލެޔާލް ގޮވާލިއެވެ. “އައްކި މި ދެދުވަހު އެއްގޮތަކަށްވެސް ނުފެނޭ…އައްކި ހިތާމަކުރިއަސް އައްކިގެ މީހެއްވާކަން ވިސްނަން ޖެހޭނެދޯ…..އަހަރެންނާ ދޭތެރޭގަ ނުވިސްނަންތަ؟” އައްކިޔުން ދެދުވަހު އެއްގޮތަކަށްވެސް ބޭރަށް ނުނިކުންނާތީ ލެޔާލް ޝަކުވާ ކޮށްލިއެވެ.

“އަހަރެން ބުނިންދޯ އަހަރެންނަށް ވަގުތު ބޭނުންވާނޭ ކަންކަމަށް ހޭނެން” ލެޔާލަށް އައްކިޔުން ބުނެލިއެވެ. “ވަގުތު ދޭންވެގެން އަހަރެންވެސް އައްކިގެ ކޮޓަރިއަށް ނުވަނީ….އަހަރެން ބޭނުންނަމަ ވަދެވުނިސް” ލެޔާލް ބުނެލިއެވެ.

“ހިނގާބަ މިތާ ދޮންވެލިގަނޑުމަތީ އިށީންނަން” އައްކިޔުންގެ އުޅަބޮށީގައި ހިފާލަމުން ލެޔާލް ބުނެލިއެވެ. ލެޔާލް ކުރުނުކޮށް ކިޔަންފެށުމުން އައްކިޔުން އޭނާއާ އެކު ވެލިގަނޑުމަތީގައި އިށީނެވެ. “އާދޭސްކޮށްގެން އައްކި ލައްވާ ކަމެއްކުރުވަން މިޖެހެނީ…ހާދަ ދުރަކުއޭ ތިއިންނަނީވެސް…..ހީވަނީ އަހަރުމެން ދެމީހުންމީ ދުރުދެމީހުންހެން….އައްކި ނައިޝާއާ އެކު އިންނަ އިރު އެކަމް ވަރަށް ގާތްކޮށް އިންނަނީ” ލެޔާލް އަނެއްކާވެސް ޝަކުވާ ކޮށްލިއެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!