މަގުމަތީގައި އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ފުރޭނިގެން އަހަންނަށް ގެފެންނަ ހިސާބަށް ދެވުންއިރު ސަލާމަތެއްނެތެވެ. މުޅިގެ ވަށައިގެން ޕޮލިސްޓޭޕު ދަމާފައިވީއިރު ގޭގައި ހުޅުނުހިފާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އެކިދިމަދިމާލުގައި ފުލުހުންނާއި އަލިފާން ނިވާ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ.

އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ގޭގެ މައިދޮރާއި ދިމާއަށް އަހަންނަށް ދުއްވައިގަނެވުނެވެ. އަހަރެންގެ މުޅިހަޔާތް އެދެމީހެއްގެ މަށްޗަށް ބިނާވެފައިވާ ލޯބިވާ މަންމައާއި ކޮއްްކޮ ސަލާމަތް ކޮށްދިނުމަށްޓަކައެވެ. އެހިސާބުގައި އެއްވެފައިވާ މީހުންގެ ވާހަކައިން އެނގުނުގޮތުގައި އެދެމައިންވަނީ އަދިވެސް ގޭތެރޭގައެވެ. އަލިފާނުގެ ހޫނާއި އާތްވަށް ބެލުމެއްނެތި ގޭތެރެއަށް ވަދެ އަހަރެން މަންމައަށާއި ކޮއްކޮއަށް ގޮވަން ފެށީމެވެ.

އިރުކޮޅަކުން އެދެމައިންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. މަންމަގެ ވޭނީ ހަޅޭކެވެ. ކޮއްކޮ ސަލާމަތަށް އެދި ކުރަމުން ދިޔަ އާދޭހެވެ. އަހަރެންގެ ހިތަށް ކެއްވާވަރެއް ނުވިއެވެ. ގައިގައި ހުރިބާރެއް ލަފައި އަޑުއައި ދިމާއަށް ދުއްވައި ގަތީމެވެ. ނަމަވެސް އަހަންނަށް އެހިސާބަށް ދެވޭގޮތެއްނުވިއެވެ. މަތިން ސީލިންގުގައި ރޯވެ ފިލާތަށް ފައިބަންފެށިއެވެ. އަހަރެން ލައިގެންހުރި ހެދުމުގައިވެސް އަލިފާން ރޯވެ ގައިގެ އެކިތަންތަން ފިހެމުން ދިޔައެވެ. އެކަމަށް އަހަރެންގެ އެއްވެސް ފަރުވަލެއް އެވަގުތަކު ނެތެވެ. ހިތްވަރު އެލުވާނުލައި އަހަރެން މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ފުރާނައަށް ވުރެ މުހުންމު އެދެމައިން ސަލާމަތް ކުރެވޭތޯއެވެ. އެހެންނަމަވެސް ތަގުދީރުގައި އެކަން ލިޔެވިފައި ނެތީކަންނޭންގެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބާރު އަޑުފަށްގަނޑަކާއެކު މަންމަގެ ހަޅޭކުގެއަޑު ކެނޑިގެންދިޔައެވެ. އަދިކޮއްކޮގެ ގިސްލުމުގެއަޑުވެސް ކެނޑިގެންދިޔައެވެ.

އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. ދިރިއުޅުމުގެބޭނުން ކެނޑިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. އެއަލިފާންގަނޑުގެ ތެރޭގައި އަހަރެންވެސް އަނދައިގެން ދިޔުމަށް އެދެވުނެވެ. ލިބުނު ހިތްދަތި ކަމަށް ކެއްނުކުރެވި އަހަރެންގެ ޚަބަރު ހުސްވިއެވެ.

އަހަންނަށް ހޭވެރިކަމެއްވީއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ގައިގެ އެތަންމިތނުގައި ބޭސްއަޅައިފައިވީއިރު ގުޅާފައިވާ ހޮޅިތަށްވެސް މަދެއްނޫނެވެ. ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އަހަރެންގެ ހާލަތު ހުރީވަރަށް ދަށުގައެވެ. އަހަރެން ހޮސްޕިޓަލުގައި އޮތްތާ އެއްމަސްފަހުން ފުލުހުންގެ ޓީމެއް އަހަންނާ ބައްދަލު ކުރިއެވެ. އަދި ގޭތެރެއިން ސަލާމަތުން ފެނުނު ބައެއް ތަކެތި އަހަންނާ ހަވާލުކޮށްދިނެވެ. އޭގެތެރޭގައި މަންމަގެ ސިޓީއަކާއި ކޮއްކޮގެ ލިޔާފޮތެއްވެސް އޮތެވެ.

ފުލުހުން ކިޔައިދިންގޮތުގައި އަލިފާނުގެ އަސަރު ފުރަތަމަ ފެނުން ކަމަށް ބެލެވެނީ ކޮއްކޮގެ ކޮޓަރިންނެވެ. ރޯކޮށްފައިވާ އުއްބަށްތިއަކުން ކުޑަދޮރުގެ ފޮތިގަނޑުގައި ހުޅުހިފައިގެންނެވެ. ނަމަވެސް އަހަންނަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. ކޮއްކޮއަކީ ފެށުނީއްސުރެ އަލިފާންދެކެ ވަރަށް ބިރުގަންނަ ކުއްޖެކެވެ. ވީއިރު ކޮއްކޮގެ ކޮޮޓަރީގައި އުއްބަށްތިއެއް ރޯކޮށްފާނެ ކަމާމެދު އަހަންނަށް ޝައްކުވިއެވެ.

ފުލުހުން ދިޔުމުން އަހަރެން މަންމަގެ ސިޓީކިޔުމަށް އަވަސްވެގަތީމެވެ. މަންމަގެ ރީތި އަތުލިޔުމުން ލިޔެފައިވާ އެސިޓީ ކިޔާލެވުމާއެކު އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މާޒީގެ އެތަށް ހަނދާންތަކެއް އާވާންފެށިއެވެ. ކޮއްކޮއާއި އަހަންނަށް އަބަދުވެސް ދޭނަސޭހަތްތައް މަންމަގެ އަޑުން އަހަންނަށް އިވުން ކަހަލައެވެ. ކޯތާފަތްމަތިން ދެމެމުންދިޔަ ކަރުނައިގެ ރޮނގު ފުހެލަމުން ކޮއްކޮގެ ފޮތް ކިޔާލުމަށް ނެގީމެވެ. ހީވާގޮތުންނަމަ އެއީ ކޮއްކޮގެ ޑައިރީއެވެ. އޭގެން އެއްލުނު ކޮންމެ ޞަފްޙާއަކާއެކު އެތަށް އިހުސާސް ތަކެއް އަހަރެންގެ ހިތަށް އަރައިފައިބަމުންދިޔައެވެ. އަހަންނަށް ނޭންގި ކޮއްކޮ އާއި މަންމަ ތަހަންމަލު ކޮށްފައިވާ ވޭން އެފޮތުގައި ލިޔެފައިވާއިރު، އޭގެން ކިޔުނު ކޮންމެ ޖުމުލަޔަކާއެކު އަހަރެންގެ ހިތުގައި ރޯވެ އަނދަމުން ދިޔަ އަލިފާނުގެ ހުޅުކޮޅު ބޮޑުވަމުން ދިޔައެވެ. ދޮންބައްޕަގެ ފަރާތުން އެދެމައިންނަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ އެފޮތުގައި ލިޔެފައި އެވަނީ ހަމަޔަގީނުންވެސް ކޮއްކޮގެ ހިތަށް ކެއް ނުކުރެވިގެންނެވެ. މި ހަގީގަތްތަށް އަހަންނަށް ނޭންގި ހުރިކަމީ އަހަރެންގެ ފަރުވާ ކުޑަކަން ކަމުގައި އަހަރެންގެ ޟަމީރު ބުނަމުންދިޔައެވެ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު މިކަމުގައި ކުށްވެރި ކުރެވުނެވެ.

އެފޮތުން އެނގުނު ގޮތުގައި އެންމެ ކުޑައިރުއްސުރެ ކޮއްކޮގެ ހިތުގައި އަލިފާނަށް އުފެދިފައިވާ ބިރުގެ ބޭނުން ކޮށްގެން ދޮންބައްޕަވަނީ އެކުޑަކުޑަ ނަފުސުގެ ނާޖާއިޒު ފައިދާ ނަގާފައެވެ. އަހަންނަށް ޝައްކުވާގޮތުގައި ގޭގައި އަލިފާން ރޯވާން މެދުވެރިވާނީވެސް ދޮންބައްޕަގެ މިފަދަ ޢަމަލެއްގެ ސަބަބުންނެވެ.

އަހަރެން އަބަދުވެސް ހީކޮށްގެން ހުރީ މަންމައާއި ކޮއްކޮ އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް މިފަހަރު މިދިމާވި ކަންތަކުގެ ސަބަބުން އަހަރެންގެ ހީއަކީ ކުށްހީ އެއްކަން ޔަގީންކޮށްދީފިއެވެ. މަންމަ ދޮންބައްޕަ އާއި ކައިވެނި ކުރި އިރު އަހަރެންގެ އުމުރުން ވާނީ ސޯޅަ އަހަރެވެ. އަދި ކޮއްކޮއަށް ވާނީ އެންމެ ތިން އަހަރެވެ. އަހަރެމެންގެ އުފަން ބައްޕަގެ ކުއްލިމަރާއެކު އަހަރެމެން ދެބެއިން ބެލުމުގެ ޒިންމާ އެޅުނީ މަންމަގެ ބޮލުގައެވެ. މަންމައަކީ އާއިލާގެ އެއްވެސް ފަރާތަކު ނެތްމީހެއްކަމުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ އެކަކުވެސް އޭރުގައި ދުނިޔެއަކު ނެތެވެ. އިތުރު ކައިވެންޏެއް ނުކޮށް އަހަރެމެންނަށް ފުރިހަމަ އަޅައިލުންދެވޭތޯ މަންމަ ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ބައްޕަ ނެތްކަމުގެ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ސަބަބުން މަންމަގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށް ދަމުންނެވެ. އަހަރެމެންވެސް އޭރުތިބީ ބައްޕައެއްގެ ލޯތްބަށް ފެންބޮވައިގަންފައެވެ. ވުމާއެކު މަންމަގެ ކައިވެންޏަށް އެދިގެން އައި މަންމައަށް އެންމެ ކަމުދާމީހަކާ ކައިވެނި ކުރިއެވެ. އެއީ ދޮންބައްޕައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޭތެރެއިން އަނެއްކާވެސް އުފާވެރިކަން ފެންނަންފެށިއެވެ. ކޮއްކޮގެ ހުނުމުގެ އަޑާއި މަންމަގެ ހިނިތުންވުމުން ގޭތެރެ ފަޅުފިލިވައިދިނެވެ. އެހެންކަމުން މަންމަ އާއި ދޮންބައްޕަގެ ކައިވެންޏަކީ މިކުޑަ އާއިލާއަށް ބަހާރު މޫސުން ގެނުވި ކަމެއްކަމުގައި އަހަރެން ދުށީމެވެ.

އެކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ ސާނަވީ ތައުލީމު ނިމި މަތީ ތައުލީމު ހާސިލް ކުރުމަށް ރަށުން ބޭރަށް ފުރީމެވެ. އަހަރެންގެ ކިޔެވުމުގެ ޚަރަދުތަށް ހަމަޖެއްސީ ބައްޕަ ދުނިޔެއިން ވަކިވުމުގެ ކުރިން އަހަރެން ކިޔެވުމަށް ޓަކާ ހޯދައިފައިވާ ފައިިސާއިންނެވެ. މަންމަގެ ވެސް އަދި ބައްޕަގެވެސް އުންމީދަކަށްވީ އަހަރެން ޑަކުޓަރަކަށްވެ ރަށަށް ޙިދުމަތްކުރުމަށް އެދެމީހުންގެ ގާތަށް އަނބުރި އައުމެވެ. ވުމާއެކު ކިޔެވުމުގައި އަހަރެން އަވަދި ނެތި މަސައްކަތް ކުރަމުން ދިޔައީމެވެ. އަދި ލިބޭޗުއްޓީތަކުގައި މަންމަގެ ގާތަށް ރަށަށް ގޮސްހެދީމެވެ. އެގޮތަށް ގޮސްއުޅުމުގެ ތެރޭގައި ދޮންބައްޕަގެ ފަރާތުން ބައެއްކަންކަން ފާހަގަ ވީނަމަވެސް އެކަމަށް އަހަރެން މާބޮޑު ފަރުވާލެއް ނުބަހަށްޓަމެވެ. ދޮންބައްޕަގެ ހެޔޮ ކަމަށް ޝައްކު ކުރަން ބޭނުންނުުވީއެވެ. ނަމަވެސް މިހާރު އެނުލަފާ މީހާއާއި މެދު އަހަރެންގެ ހިތުގައި ކުޑަވެސް ކުލުނެއް ނެތެވެ.

އަހަރެންގެ ހާލު ރަނގަޅުވުމާއެކު ފުލުހުންނަށް މިހަގީގަތްތަށް ކިޔައިދިނުމަށް އަވަސްވެގަތީމެވެ.  އަދި ދޮންބައްޕައަށް ހައްޤު އަދަބު ދިނުމަކީ އަހަރެންގެ އަޒުމު ކަމުގައި ކަނޑައެޅީމެވެ. އެތަށް އާދޭހަކާއި ބުރަމަސައަކަތަށްފަހު ދޮންބައްޕަގެ މައްޗަށް ކުށް ސާބިތުވިއެވެ. އަދި އެނުލަފާ ޤާތިލުގެ ދުލުން އެކަމަށް އިއުތިރާފުވެސްވިއެވެ. އަލިފާން ރޯވާން މެދުވެރިވީ ކޮއްކޮއަށް ބިރުދައްކައި އަަނިޔާކުރުމުގެ ތެރެގައި ކަމަށް އޭނާ އެއްބަސްވިއެވެ. އެއްވެސް ކުށެއްނެތް ދެފުރާނަ ވަކިކޮށްލުމުން ލިބެންޖެހޭ ޙައްޤު އަދަބު ދެދުނިޔޭގައިވެސް އޭނާއަށް ލިބޭނެކަން ގައިމެވެ.

މިކަން ހިތަށް އަރުވައިގެން އަހަރެން ހިތްހަމަ ޖެއްސޭތޯ މަސައްކަތްކުރަމެވެ. އަދި ހިތާމަތަކާއި ދުރަށްގޮސް ދިރިއުޅުމައިގެން ކުރިޔަށް ދެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް އެކަންތަށް އަހަރެންގެ ހަނދާނުން ފޮހެލާނީ ކިހިނެއްހެއްޔެވެ. ހުވަފެނުންވެސް އަބަދު ފެންނަނީ އެމަނޒަރެވެ. އެއަލިފާންގަނޑެވެ. ކަންފަތަށް އަބަދު އިވި އިވި ހުންނަނީ މަންމައާއި ކޮށްކޮގެ އެވޭނީ ހަޅޭކުގެ އަޑެވެ. ފަހުފަހަރަށްވެސް އަހަންނަށް އެލޯބި މޫނުކޮޅުތަށް ދެކިލުމުގެ ފުރުސަތެއްނުލިބުނެވެ. އަދި މައިންބަފައިން ބޭނުންވިފަދަ ޑަކުޓަރަކަށް ވެވުނު ނަމަވެސް އެމަންމައަށް އަދި ބައްޕައަށްވެސް މިމަންޒަރު ދައްކާލާނޭ ފުރުސަތެއް ނުލިބުނެވެ.

އަހަރެންގެ މިދިރިއުޅުން ހަލާކުކޮށް ވެއްޔާމޮޑެލި އެނުބައި ނުލަފާ މީހާއަށް ދުވަހަކުވެސް އަހަންނެއް މަޢާފެއް ނުކުރާނަމެވެ. އަހަރެމެންގެ ކުޑަ އާއިލާއަށް އުފާވެރިކަން ގެނަސދިނުމުގެ ނަމުގައި އައިސް މުޅިއާއިލާ ފަނާކޮށްލި ގާތިލަށް އަބަދުގެ އަބަދަށް އެކަމުގެ ސަޒާ ލިބުން އެދޭނަމެވެ. އަދި އަހަރެންގެ އާއިލާއަށް ސުވަރުގޭގައި ދާއިމީނިއުމަތް ލިބުމަށް އެދޭނަމެވެ.

– ނިމުނީ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!