“ފޯނުވެސް ނިވާލާފައި އޮތީ…..” މިލާންގެ ފޯނަށް ނުގުޅުމުން މިކްޔާން ބުނެލިއެވެ. ރިދާގެ ގާތުގައި މަޑުކުރުމަށް ބުނެފައި އޭނާ ނުކުތީ މިލާން ހޯދަން ދިޔުމަށެވެ. ދަމުން ދިޔައީ މިލާން ނެތް ވާހަކަ ގޭގެ އެހެން މީހެއްގެ ގާތުގައި އެހަށް ނުބުނަން ބުނެފައެވެ.

**********

ރިދާމެންގެ ކޮޓަރީގައި ރިދާއާއި ރުހާ އިންތިޒާރު ކުރަމުން ދިޔައީ މިލާން ގޮވައިގެން މިކްޔާން އަންނާނެ އިރަކަށެވެ. މިހާރު މިކްޔާން ދިޔަ ފަހުންވެސް ގަޑިއެއްހާއިރު ވީއެވެ. ދޮރު ހުޅުވުމަށްޓަކައި މީހަކު ތަޅުގައި ހިފާލިހެން ހީވުމުން ރިދާއަށް ފުންމައިގެންފައި ކޮޅަށް ތެދުވެވުނެވެ. އެއީ މިލާނަށް ވުމަށް އެދި ހިތާ ހިތުން މާތް ﷲ ގެ ޙަޟްރަތަށް ދުޢާކޮށްލެވުނެވެ.

ބަލަބަލާ ހުއްޓާ ދޮރު ހުޅުވާލުމަށްފަހު މިކްޔާން އެތެރެއަށް ވަނުމުން ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ މިކްޔާންގެ ފަހަތުން މިލާން އަންނާނެކަމުގައެވެ. ނަމަވެސް މިލާނެއް ނައެވެ. ސުވާލު އުފެދިފައި ހުރެ ބަލާލެވުނީ މިކްޔާންގެ މޫނަށެވެ. އެ މޫނުމަތީގައިވާ އަސަރުތަކުން އެދެވޭ ނަތީޖާއެއް ނުލިބޭކަން އޭނާއަށް ނަގައިގަނެވުނެވެ. ހިތަށް އަރަމުންދިޔަ ގޯސް ޚިޔާލްތަކެއްގެ ސަބަބުން ދެލޯ ފެންކަޅިވެ ކަރުނުން ފުރި ބޭރުވާންފެށިއެވެ. ރިދާގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ރުހާ މިކްޔާނާއި ދިމާއަށް ދިޔައެވެ. އަދި މިލާން ގެ ޚަބަރެއްވީތޯ ސުވާލުކުރިއެވެ.

“މިލާން ދާނެހެން ހީވާ ހުރިހާ ތަނެއްވެސް ބަލާފައި މި އައީ…. އޭނާގެ ރައްޓެހިންނަށްވެސް ގުޅިން….. ފޯނު ނެގި މީހެއް ވިއްޔާ މިލާން ނެތްކަމަށް ބުނީ…. ބައެއް މީހުން ފޯނެއް ނުނަގާ…..” ރިދާއަށް ބަލާލަމުން މިކްޔާން ދެފަރާތަށް ބޯ ހޫރާލިއެވެ. މިކްޔާނަށް ބަލަން ހުރި ރިދާ ސޯފާއަށް ވެއްޓިގަނެ މޫނުގައި އަތް އަޅައިގެން އިނދެ ބާރަށް ރޯންފެށިއެވެ. އަވަސް ފިޔަވަޅުތަކަކާއިއެކު ރުހާ މިސްރާބު ޖެހީ ރިދާގެ ގާތަށެވެ. އޭނާގެ ފަހަތުން މިކްޔާންވެސް ދިޔައެވެ. ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ދޮންތީ… އަހަރެންގެ ސަބަބުން މި ހުރިހާ ކަމެއްވެސް މިވީ…. މިލާން އަށް ދެރަކަމެއް ވެއްޖިއްޔާ އަހަރެން ކިހިނެއް ހަދާނީ….؟؟؟” ރުހާގެ ކޮނޑުގައި ބޯ އަޅާލަމުން ރޮވިފައި އިނދެ ރިދާ ބުނެލިއެވެ.

“މާތް ﷲ އިރާދަ ކުރެއްވިއްޔާ މިލާންއަށް ދެރަގޮތެއް ނުވާނެ….. ތި ގޮތަށް ނުވިސްނާ…..” ހާސްވެފައި އިންވަރުން ރުހާއަށްވެސް ދައްކާނެ އިތުރު ވާހަކައެއް ނޭނގުނެވެ. ރިދާގެ ބޮލުގައި ފިރުމާލަމުން އޭނާއަށް ބަލާލެވުނީ މިކްޔާނަށެވެ.

“އިރު އަރަންދެން މަޑުކުރަމާ….. ފަހަރެއްގައި ރައްޓެއްސެއްގެ ގާތުގައި ހުރެދާނެ… މިލާން ބުނެފިއްޔާ އެމީހުން ފޯނަށް ޖަވާބު ނުދީވެސް ހުރެދާނެއްނު…. އިރު އެރީމަ ދެން އެ ގޭތަކަށްވެސް ދާނީ މިލާން އުޅޭތޯ ބަލާލަން….” އެނދުމަތީ އިށީންނަމުން މިކްޔާން ބުނެލިއެވެ.

**********

ފަތިސްނަމާދަށް ބަންގި ގޮވި އިރުވެސް އެމީހުން ތިބީ މިލާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބަންގި ގޮވުމުން މިކްޔާން މިސްކިތަށް ދިއުމުން ރުހާއާއި ރިދާވެސް ނަމާދަށް އެރިއެވެ.

ނަމާދުކޮށް އަވަދިވެގެން ރުހާ ވަރަށް އާދޭސްކުރުމުން ރިދާ އޭނާއާއިއެކު ކޮފީތަށްޓެއް ބޯލުމަށް ކާގެއަށް ދިޔައެވެ. އޭރު މިލްނާވެސް ކާގޭގައި އުޅެއެވެ. އެހެން ނޫނީ ރުހާމެން ފެނުމުން ވާހަކަ ދައްކައި ބީދައިން ވާހަކަ ނުދެއްކި ނަމަވެސް މިލްނާ ރުހާމެންނަށް ކޮފީ ބޯން ދަޢުވަތު ދިނެވެ. މިލްނާގެ ފަރާތުން އެ ދަޢުވަތު ލިބޭނެކަމަށް ރުހާމެން އުއްމީދުކޮށްފައި ނުވާތީ އެކަން އެގޮތަށް ވުމުން ރުހާގެ އިތުރުން ރިދާގެ ހިތަށްވެސް ކުޑަނަމަވެސް ލުއިކަމެއް ލިބިގެން ދިޔައެވެ.

ރުހާ ދެމީހުންނަށް ކޮފީ ގިރައިގެން ގެނެސް މޭޒުމަތީ ބެހެއްޓި ވަގުތު މިކްޔާންމެން ވާހަކަ ދައްކާ އަޑު އިވުމުން ދޮރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު މިކްޔާނާއި ނިމާލްގެ ފަހަތުން އެތެރެއަށް ވަދެގެން އައި މިލާން ފެނުމުން އުފާވީވަރުން ރިދާގެ ގައިގައި ކޮށްޓާލަމުން އެކަން އަންގާލިއެވެ. ރިދާއަށް މިލާން ފެނުމުން އެ މޫނުމަތި އެކީ އުޖާލާވެގެން ދިޔައެވެ. ހިތަށް ލިބުނު ފިނިކަމާއިއެކު އޭނާ އުޅުނީ ތެދުވެގެން މިލާންގެ ގާތަށް ދާށެވެ. ނަމަވެސް އޭނާ އެގޮތަށް ކަންތައް ނުކުރީ މިކްޔާން އިޝާރާތުން އެގޮތަށް ކަންތައް ނުކުރުމަށް އެންގުމުންނެވެ. މިކްޔާންމެން އައިސް ގޮނޑީގައި އިށީންފަހުން ރިދާގެ ފޯނަށް މިކްޔާންގެ މެސެޖެއް އައެވެ. މެސެޖުގައި ލިޔެފައި އޮތީ ރޭގއި ހިނގި އެއްވެސް ކަމެއް މިވަގުތު މަންމަމެންނަށް އަންގަން ބޭނުން ނުވާތީ ކޮޓަރިއަށް ގޮސް މިލާނާއި ވާހަކަ ދެއްކުމަށެވެ. ރިދާ މެސެޖު ކިޔާލުމަށްފަހު މިކްޔާނަށް ބަލާލި ވަގުތު އޭނާ ބަލަން އިނުމުން ބޯޖަހާލީ އޭނާގެ ބަސް ޤަބޫލު ކުރުމުގެ ގޮތުންނެވެ. އަދި މިކްޔާން ހިނިތުންވެލަން އިޝާރާތް ކޮށްލުމުން ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ މިލާނަށް ބަލާލިއެވެ. މިލާން އިނީ ނިމާލާ ވާހަކަ ދައްކާށެވެ. އެއްފަހަރުވެސް އޭނާ އާއި ދިމާއަށް ބަލާނުލުމުން ރިދާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ ދެމީހުން އެކަނިވާނެ ވަގުތަކަށެވެ.

**********

ރިދާ ކޮޓަރިއަށް ވަންއިރު މިލާން ފެންވަރާލައިގެން ފާޚާނާއިން ނުކުންނަނީއެވެ. ނަމަވެސް އޭނާ ރިދާއާއި ދިމާއަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ. މިލާން އެގޮތަށް ކަންތައް ކުރުމުން ރިދާ ވަރަށް ދެރަވިއެވެ. އެހެނަސް މިލާން އެގޮތަށް ކަންތައް އެ ކުރަނީ އޭނާގެ ސަބަބުންކަން ރިދާ ޤަބޫލުކުރެއެވެ. އިރުކޮޅަކު މިލާންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ރިދާ ގޮސް ލޯގަނޑުކުރިމަތީ ހުއްޓިލައިގެން ހުރި މިލާންގެ ގައިގައި ފަހަތުން ބައްދާލިއެވެ. މިލާން ރިދާގެ އަތް ނައްޓުވަން މަސައްކަތް ކުރުމުން އިތުރަށް މިލާންގެ ގައިގައި ތަތްވެލިއެވެ.

“ސޮރީ މިލާން… އަހަރެން ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަން….. ޕްލީޒް އަހަންނާ ވާހަކަ ދައްކަބަލަ…..” މިލާންގެ ބުރަކށީގައި ބޯ ޖައްސާލައިގެން ހުރެ ރިދާ ބުނެލިއެވެ. އޭނާގެ އަޑުންވެސް ރިދާ ދެރަވެފައިވާވަރު ހާމަވެއެވެ. ރިދާ އަށް ރުޅި މޫނު ދައްކައިގެން ހުންނަން މިލާނަށް ކެތްވީ އެ ހިސާބަށެވެ. ރިދާ ދެރަކޮށްލާކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އެ ގޮތަށް ކަންތައް ކުރެވުނީ އޭނާވެސް ހިތުގައި ޖެހުނީމައެވެ.

“ރިދާ….” މިލާންގެ ގައިގައި ވަށާލެވިފައިވާ ރިދާގެ އަތްތިލައިގައި ފިރުމާލަމުން ވަރަށް ލޯބިން މިލާން ގޮވާލިއެވެ. މިލާންގެ މޫޑު ރަނގަޅުވެފައިވާހެން ހީވުމުން ރިދާ މިލާންގެ ގައިން ދޫކޮށްލަމުން މިލާންގެ ކުރިމައްޗަށް އެރިއެވެ.

“މިލާން…. ދެން ދުވަހަކުވެސް އެގޮތަށް ރުޅި އައިސްގެން ނުދައްޗޭ…. އަހަރެން ރޭގަ އުޅުނު ޙާލެއް މިލާނަށް އަންދާޒާވެސް ނުކޮށްލެވޭނެ….” މިލާންގެ މޭގައި ބޯ އަޅާލަމުން ކުޑަކުއްޖެއް ފަދައިން ރިދާ ޝަކުވާ ކޮށްލިއެވެ.

“ދެންވެސް ރިދާ އެކަހަލަ ވާހަކަ ދައްކަންޏާ ދާނަން…. ދެން ފަހަރަކުން ގޮއްސަ ނުވެސް އަންނާނަން….” މިލާންގެ މޫޑު ރަނގަޅުވެފައިވީ ނަމަވެސް ރިދާ ތަޅުވާލުމަށްޓަކައި ބުނެލިއެވެ.

“ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަން…. ޕްލީޒް…. ދެން ނުދާތި…. މިލާން އާއި ނުލާ އުޅޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގެ….. ރޭގަ މިލާން ދިޔަފަހުން ހޭދަވި އެންމެ މިނެޓެއްވެސް ހީވީ އެތައް ދުވަހެއް ހެން…. އަހަރެން މިލާން ދެކެ ވަރަށް ލޯބިވޭ…. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ….” މިލާންގެ ވާހަކައަށް ސީރިއަސްވެލަމުން ރިދާ އާދޭހާއިއެކު ވާހަކަ ދައްކަމުން އޭނާ ލޯބިވާކަން ހާމަކޮށްލިއެވެ. އެ ޖުމްލަތައް އަޑު އިވިފައި މިލާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ރިދާގެ ހިތަށް ފިނިކަން ގެނުވިއެވެ.

“ފައިނަލީ…. އެންމެ ފަހުން އަހަރެންގެ އިންތިޒާރަށް ނިމުން އައިއްސި…. ކައިވެނި ވީއްސުރެ މިއަދާ ޖެހެންދެން އަހަރެން މި އިންތިޒާރުކުރަނީ ރިދާއަށް އަހަރެންދެކެ ލޯބިވެވޭނެ ދުވަހަކަށް…. އެންމެ ފަހުން ރިދާ އަމިއްލައަށް އިޢުތިރާފްވީ ތި އަހަރެން ދެކެ ލޯބިވާކަމަށް…..” ރިދާގެ އުނގަނޑުގައި ހިފަހައްޓާލައިގެން ހުރެ އުފާވެފައި ހުރި މިލާން ބުނެލިއެވެ. އޭނާގެ އަޑުގައި އާދަޔާ ޚިލާފެއް ޖޯޝެއް އެކުލެވިފައި ވިއެވެ. ރިދާއަށް އެކަން ފާހަގަވުމުން އޭނާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.

“އާން…. އަހަރެން މިލާން ދެކެ ލޯބިވޭ… ވަރަށް ވަރަށް ބޮޑަށް ލޯބިވޭ…. މިލާނާއި ވަކިން ނޫޅެވޭ ވަރަށް ލޯބިވޭ…. މިލާން ރުޅިއައިސްގެން ދިޔަފަހުން އަހަންނަށް އެކަން އިޙްސާސްވީ…. ޕްލީޒް މިލާން…. ބުނޭ ދެން ދުވަހަކުވެސް އަހަރެން ދެކެ ރުޅިއައިސްގެން އެގޮތަކަށް ނުދާނަމޭ…..” ރިދާ އަނެއްކާވެސް އާދޭސް ކޮށްލިއެވެ.

“ނުދާނަމޭ…. އެހެން ނޫނަސް އަހަރެން ދިޔައީ ރުޅިއައިސްގެނެއް ނޫން….. އަސްލު އަހަރެން ވަރަށް ދެރަވި ރިދާ އެވާހަކަ ދެއްކީމަ…. ވަރަށް ހިތުގައި ޖެހުނު…. ހިތްހަމަ ނުޖެހުނު ރިދާ އެގޮތަށް ވާހަކަ ދެއްކީމަ…. ރިދާ ހަނދާންވޭތަ ކައިވެނިކުރި ރޭ އަހަރެން ބުނީމެއްނު މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން އަބަދުވެސް ރިދާ ބޭނުންވާ އަޅާލުމާއި، އޯގާތެރިކަމާއި، ލޯބި ދޭނަމޭ….. ފަހު ނޭވަޔާ ޖެހެންދެންވެސް ރިދާ ދޫކޮށެއް ނުލާނަމޭ….  އެ ހެވޭ ދިރިއުޅުމުގައި ކިތަންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނަސް، ދެގޮތެއް ނުވެ، ރިދާއާއިއެކު ވާނަމޭ….” މިލާން ކުރީގެ ހަނދާނެއް އައުކޮށްލުމުން ރިދާ ބޯ ޖަހާލީ އޭނާގެ ހަނދާނުގައި އެވާހަކަތައް ހުރުމުންނެވެ.

“އަހަރެން އެ ގޮތަށް އެ ވާހަކަ ދައްކާފައި ވަނިކޮށް ރިދާ އެކަހަލަ ވާހަކައެއް ދެއްކީމަ އަހަރެންވެސް ދެރަވީ….” މިލާން އިތުރަށް ބުނެލިއެވެ. ރިދާ އަނެއްކާވެސް މަޢާފަށް އެދުމުން މިލާން މަޢާފު ކުރަމުން ރިދާގެ ތުނި ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ.

“ރޭގަ ދެން ކޮންތާކަށް ދިޔައީ….؟؟؟ ފޯނުވެސް ނިވާލާފަ އޮތީ…. މިކީ ދޮންބެވެސް ވަރަށް ދުއްވި މިލާން ހޯދަން….” އިރުކޮޅަކު މިލާންގެ އަތުތެރޭގައި ވުމަށްފަހު، ކުއްލިއަކަށް ހަނދާންވުމުން މިލާނާއި ދުރަށް ޖެހިލަމުން ރިދާ ސުވާލުކޮށްލިއެވެ. ރިދާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން މިލާން ރިދާގެ އަތުގައި ހިފައިގެން ގޮސް އޭނާ ސޯފާގައި ބައިންދަމުން މިލާންވެސް ސޯފާގައި އިށީނެވެ.

“އަހަރެން ދިޔައީ މިސްކިތަށް….. މިސްކިތަށް ގޮސް އިނދެ ވަރަށް ގިނައިން މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިން…. އަހަރެމެން ބޭނުންވެގެން އުޅޭ ކަންތައްތައް މިންވަރު ކޮށްދެއްވުމަށާއި ރިދާގެ ވިސްނުން ބަދަލުކޮށްދެއްވުމަށް އެދި ދުޢާ ކުރިން…. ދެން އަހަންނަށް ކުރެވިފައި އެންމެހާ ކުށްފާފަތައް ފުއްސަވާ ދެއްވުމަށް އެދި ދުޢާކޮށް ތައުބާ ނަމާދުކޮށް ސުންނަތް ނަމާދުކޮށް ފަތިސް ނަމާދަށް ބަންގި ގޮވަންދެން ޤުރްއާން ކިޔަވަން އިނީ…. ހިތަށް ވަރަށް ބޮޑު ލުއިކަމެއް ލިބުނު…..” މިލާން ވާހަކަ ދައްކަމުން ދިޔައިރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވީ ތަން ދެކިފައި ރިދާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.

“ރިދާ…. އަސްލު އަހަރެމެން އިންސާނުންނަށް ކަމެއް ދިމާވާއިރަށް މާ އަވަހަށް އުއްމީދު ކަނޑާލެވެނީ… އެކަމަކު ފުންކޮށް ވިސްނާލީމަ އެނގޭނެ…. މާތް ﷲ އެއްވެސް އިންސާނަކަށް ނުއުފުލެވޭ ވަރުގެ ހިތާމައެއް މިންވަރެއް ނުކުރައްވާނެ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށްކަމަށް ވިސްނާ މާތް ﷲ އަށް ފުރިހަމައަށް އިތުބާރުކޮށް އެ ކަލާނގެއަށް ފުރިހަމައަށް ކިޔަމަންވާން ވާނެ… މީގެ ފަހުން އަހަރެމެން ދެ މީހުން އެއްކޮށް ދަމު ނަމާދުކޮށް، ވީ ވަރަކުން ސުންނަތް ނަމާދުތައް ކޮށް ވީހާވެސް ގިނައިން އަސްތާޣްފާރުވެ، ގިނަގިނައިން ސުންނަތް ރޯދަ ހިފަން ވާނެ…. ޑޮކްޓަރުން އުއްމީދު ކަނޑާލިޔަސް އަހަރެމެން އުއްމީދު ކަނޑައެއް ނުލާނަން… މާތް ﷲ އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށްވެސް ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ލިބޭނެ….” ހިނިތުންވެ އިނދެ މިލާން އެ ހުރިހާ ވާހަކައެއް ދެއްކުމުން ރިދާވެސް ހިނިތުންވެލަމުން ” އިން ޝާ ﷲ ” އޭ ބުނެލިއެވެ.

**********

އަޞުރު ނަމާދުކޮށްގެން އައިސް ކޮޓަރިއަށް ދިއުމުގެ ބަދަލުގައި މިކްޔާން މިސްރާބު ޖެހީ މިލްނާގެ ކޮޓަރިއާއި ދިމާއަށެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު މަޑުމަޑުން ދޮރުފަތް ހުޅުވާ އެތެރެ ބަލާލިއިރު މިލްނާ އިނީ ނަމާދުކޮށް ނިމިގެން މުޞައްލަ މަތީ ޤުރްއާން ކިޔަވާށެވެ. މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު މިކްޔާން އެނދުގައި އިށީނދެލީ މިލްނާ ނިމެންދެނެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން މިލްނާ ނިމިގެން އައިސް މިކްޔާންގެ ގާތުގައި އެނދުގައި އިށީނދެ ކަމަކުތޯ އަހާލުމުން މިކްޔާން ބޯ ޖަހާލީ ވާހަކައެއް ދައްކަން ކަމުގައި ބުނަމުންނެވެ.  މިލްނާ އެއީ ކޮން ވާހަކައެއްތޯ އެހުމުން މިކްޔާން އެނދަށް އެއްފައި އަރުވާލަމުން ހަމަޖެހިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ރޭގައި ރިދާއާއި މިލާނާއި ދެމެދު ހިނގާދިޔަ ކަންތަކުގެ ވާހަކަ އޭނާ މިލްނާއަށް ކިޔައިދިނެވެ. ހަމައެކަނި ސިއްރުކުރީ ރިދާމެންނާއި ގުޅިގެން މިލްނާއާއި ނިމާލާއި ދެމެދު ދެކެވުނު ވާހަކަ، ރުހާއާއި ރިދާގެ އިތުރުން އޭނާއަށްވެސް އެނގޭކަމެވެ. އެކަން އޭނާ ސިއްރުކުރީ މަސްލަޙަތަށް ވިސްނާފައެވެ. މިލްނާ އެވާހަކަ ދެއްކީ ދެރަވެފައި ހުރުމުން ކަމުގައި ރުހާއެކޭ އެއްފަދައިން އޭނާއަށްވެސް ޤަބޫލުކުރެވޭތީއެވެ.

“އަހަންނަކަށް ނޭނގެ މިލާން އެހެން މީހަކާއި ކައިވެނި ކުރުމުގެ ޚިޔާލް ރިދާގެ ހިތަށް އައީ ކީއްވެގެން ކަމެއްވެސް…. އެކަމަކު މިލާން އާއި މިގޭ އެންމެންވެސް މި ތިބީ ރިދާގެ މައްސަލަތަކެއް ހުރިނަމަވެސް އުފަލާއިއެކު ރިދާއަކީ މި ޢާއިލާގެ  މެމްބަރެއްކަމުގައި ދެކިގެންނެއްނު ދޯ މަންމާ…. މަލަކް ކޮއްކޮއަށް އެފަދަ ދުވަހެއް ދެއްކެވިނަމަވެސް މަލަކް ކޮއްކޮ ޤަބޫލުކުރާ ބީދައިން އަހަރެމެން ރިދާވެސް ޤަބޫލުކޮށް އެކަހެރިއެއް ނުކުރާނަމެއްނު ދޯ މަންމާ….” ފަރުވާތެރިކަމާއިއެކު މިލްނާގެ މޫނަށް ބަލަން އިނދެ މިކްޔާން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ބޭނުންވީ ރިދާއާއިމެދު މިލްނާ ދެކޭގޮތް ބަދަލުކުރުވާށެވެ.

“މަންމާ…” މިލްނާ އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން އިނުމުން މިކްޔާން ގޮވާލިއެވެ. މިކްޔާން ގޮވާލުމުން މިލްނާ އިސް އުފުލާ ބަލާލުމުން މިކްޔާން އަނެއްކާވެސް “ދޯ” އަޅާލިއެވެ. މިލްނާ ހަމައެކަނި ބޯ ޖަހާލީއެވެ. މިކްޔާންގެ ވާހަކަތަކުން އޭނާއަށް އެހާ ފަސޭހައިން އަސަރުކުރީ ފަހުން ނިމާލްވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާތީއެވެ. ޙަޤީގަތުގައި އޭނާއަކީވެސް އެހާ ހިތް ގޯސް މީހެއް ނޫނެވެ. މާމަ ކުއްޖަކު ބޭނުންވެފައި ހުއްޓާ އެފަދަ ޚަބަރެއް ލިބުމުން ދެރަވީވަރުން ރުޅީގެ ސިފައިގައި ރިދާ އާއިމެދު އެފަދަ ބަސްތަކެއް ބޭރުކުރެވުނީއެވެ. ފަހުން އެކަމާމެދު ރަނގަޅަށް ވިސްނާލެވުމުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވި ރިދާއާއިމެދު ކަންތައް ކުރެވުނު ގޮތުން ލަދުވެސް ގަތެވެ.

“މަންމާ…. ރިދާއަށް ހިތްވަރު ދިނުމުގެ ގޮތުން މަންމަ ރިދާއާއި ވާހަކަ ދައްކާލަންވީނު…. އަހަރެމެން ވާހަކަ ދައްކާލުމަށްވުރެ ބޮޑަށް މަންމަ މިކަމާ ގުޅިގެން ވާހަކަ ދައްކާލާފިއްޔާ ރިދާ މާ ހިތްހަމަ ޖެހޭނެ ކަންނޭނގެ….” މިކްޔާން ބޭނުންވީ ރިދާއާއި މިލްނާއާއި ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ރަނގަޅު ކުރާށެވެ. މިކްޔާން ހީކުރި ގޮތާއި ޚިލާފަށް މިލްނާ ވަރަށް ފަސޭހައިން ރިދާ އާއި ވާހަކަ ދެއްކުމަށް އެއްބަސްވުމުން އޭނާ ވަރަށް އުފާވިއެވެ.

**********

ސިޑިން ފައިބަމުން އައި ރިދާއަށް ހުއްޓެވުނީ ސިޑިން މައްޗަށް އަރަން ދިމާކުރި މިލްނާ ފެނިފައެވެ. ފަހަކަށް އައިސް މިލްނާ އޭނާ ދެކެ ހިތްހަމަ ނުޖެހިފައި ހުންނަން ފެށުމުން މިލްނާ ފެނުމުން ރިދާ ކުޑަކޮށް ޖެހިލުންވިއެވެ. އެހެންކަމުން މިލްނާ ދާން ތަން ދެއްކުމުގެ ގޮތުން އޭނާ އެއްފަރާތްވެލިއެވެ.

“ދަރިފުޅު ހޯދަން މަންމަ މި ދަނީ…. އާދެބަލަ… މަންމަ ވާހަކައެއް ދައްކާލަން ބޭނުން….” ރިދާ ފެނުމުން ހުރި ފިޔަވަޅު މަތީ މަޑުކޮށްލަމުން މިލްނާ ބުނެލިއެވެ. ރިދާއަށް ފަހަތް ބަލާލެވުނީ މިލްނާ އެހާ ގާތްކޮށް ވާހަކަ ދެއްކީ އެހެން މީހަކާ ކަމަށް ހީކޮށް ފަހަތުގައި އެހެން މީހަކު ހުރިކަމަށެވެ. ނަމަވެސް އެތާ އެ ދެމީހުން ފިޔަވާ އިތުރު މީހަކު ނެތުމުން ރިދާއަށް އަނެއްކާވެސް މިލްނާއާއި ދިމާއަށް ބަލާލެވުނެވެ.

“ރިދާއާ އޭ މަންމަ މި ވާހަކަ ދައްކަނީ….” ރިދާއަށް ޔަޤީން ނުވެފައި ހުރިހެން ހީވުމުން މިލްނާ ބުނެލީ ހިނިތުންވެފައި ހުރެއެވެ. މިލްނާއަށް މިއައި ކުއްލި ބަދަލު ފެނިފައި ރިދާ ހުރީ ޤަބޫލުކުރަންވެސް ދަތިވެފައެވެ. އަނެއްކާވެސް މިލްނާ އަތުގެ އިޝާރާތުން ގޮވާލުމުން ރިދާ އޭނާއާއިއެކު ދިޔައެވެ.

ރިދާ ގޮވައިގެން މިލްނާ ނުކުތީ ބޭރު ޖޯއްޔަށެވެ. އެތަނުން ޖޯއްޔެއްގައި އިނދެފައި އޭނާގެ ގާތުގައި ހުރި ޖޯއްޔަކަށް އިޝާރާތްކުރަމުން އޭނާގެ ގާތުގައި އިށީނުމަށް ރިދާގެ ގާތުގައި އެދުނެވެ. ވާން މި އުޅެނީ ކީއްކަން ނޭނގޭޙާލު ޖެހިލުންވެފައިހުރެ ރިދާ ގޮސް މިލްނާގެ ގާތުގައި އިށީނެވެ.

“ދަރިފުޅާ…. މި ފަހަކަށް އައިސް ދަރިފުޅާއިމެދު މަންމައަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން… ދަރިފުޅު ހިތުގައި ޖެހޭފަދަ ބަސްތައް ބުނެވި އެފަދަ ކަންތައްތައް ވެސް ކުރެވުނު…. އެ ކަންކަމަށް މަންމަ މާފަށް އެދެން….” ރިދާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލަމުން މިލްނާ ބުނެލިއެވެ. ރިދާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލީ މިލްނާއާއި މެދު ހިތްބުރަ ނުކުރާ ކަމުގައި ބުނަމުންނެވެ.

“މަންމަގެ ދަރިންގެ ޙަޔާތަށް ރުހާއާއި ރިދާ ކަހަލަ ރަނގަޅު ކުދިންތަކެއް ލިބުނުކަމީ މަންމައަށް ލިބުނު ބޮޑު ނަޞީބެއް….. އެކަމަކު ތި ކުދިންގެ އަގު ވަޒަންކުރުމުގެ ބަދަލުގައި މަންމައަށް ތިކުދިންނާއި ދިމާއަށް އެއްޗެހި ކިޔާ ހިތުގައި ޖެއްސުނީ…. އެގޮތަށް ކަންތައް ކުރެވުނީތީ މަންމަވެސް ފަހުން ވަރަށް ދެރަވި….. އަސްލު ޙަޤީގަތަށް ބުނަންޏާ އެއީ މަންމަ ބޭނުންވި ގޮތެއްވެސް ނޫން… އެކަމަކު މާމަ ދަރިއަކަށް ބޭނުންވެފައި ހުއްޓާ އެފަދަ ޚަބަރެއް ލިބުނީމަ ދެރަވީވަރުން އެގޮތަށް ކަންތައް ކުރެވުނީ….” މިލްނާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

“މަންމާ…. ދެން ތި ވާހަކަ ނުދައްކަމާ… އެއީ ނުވާކަމެއްކަމަށް ހީކޮށްލާ….. މަންމަ އާއި ދޭތެރޭ އަހަރެންގެ ހިތް ވަރަށް ސާފު….” މިލްނާގެ ފައިމަތީ އަތް ބާއްވާލަމުން ގާތް ގޮތަކަށް ރިދާ ބުނެލިއެވެ. ރިދާ ހިނިތުންވެލުމުން މިލްނާވެސް ހިނިތުންވެލިއެވެ. ދެން މިލްނާ ފެށީ ރިދާއާއި މިލާނާއި ދެމެދު ޖެހުނު މައްސަލައިގެ ވާހަކައެވެ. އޭނާއަށް އެކަން އެނގުނީ މިކްޔާންގެ ފަރާތުންކަންވެސް ރިދާއަށް ބުނެދިނެވެ. އަދި ދެން އެކަހަލަ ވާހަކަ ނުދެއްކުމަށްވެސް ނަޞޭޙަތްތެރިވިއެވެ. ރިދާ ހިތުން ރުހުމުން މިލްނާގެ ނަޞޭޙަތް ޤަބޫލުކުރިއެވެ.

“ކޮބާ މަންމައަށް ގެނެސްދިން ހަދިޔާ…. އޭތި ދެން ނުދޭނަންތަ….؟؟؟” މަޖާ ރާގެއްގައި މިލްނާ ބުނެލީ، ރާއްޖޭން ބޭރުން ރިދާ އޭނާއަށް ގެނެސްދިން ހަދިޔާ އެ ދުވަހު ދިނުމުން އޭގައި ނުހިފުނީތީ ހިތުގެ އަޑިން ދެރަވެފައި އިނދެއެވެ. މިލްނާ ހަމަ އެހެން ބުނުމާއިއެކު ރިދާ އަވަހަށް މިސްރާބު ޖެހީ މިލްނާ އަށް އޭނާ ގެނެސްދިން ހަދިޔާ ބަލާ ދިއުމަށެވެ. އޭނާއާއިމެދު މިލްނާ ދެކެމުން އައި ގޮތް ބަދަލުވީތީ އޭނާ ހުރީ ވަރަށްވެސް އުފާވެފައެވެ.

**********

ނިދަން ތައްޔާރު ވެގެން އައިސް ރުހާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ ޢާއިލާއަށް ކުރިމަތިވެފައިވާ ކަންތައްތަކާއި މެދުގައެވެ. ޢާއިލާގެ އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ދެކެން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާއަށް ވިސްނީ ޢާއިލާގެ އެންމެންގެ އުފާތަކަށްޓަކައި އޭނާގެ ހިތުގައިވާ ބިރުވެރިކަމަށް ފަސްޖެހުމެއްނެތި ހަނގުރާމަ ކުރާށެވެ. މިރޭ ކޮންމެހެންވެސް އެ ބިރުގެ މައްޗަށް ގަދަވެގަންނަން އޭނާ ބޭނުންވެއެވެ. ލޯބިވާ ޢާއިލާއަށްޓަކައެވެ. ޢާއިލާގެ އުފަލަށްޓަކައެވެ. ވިސްނުމަށް ގެއްލިފައި އިން ވަރުން މިކްޔާނަށް އައިކަން ވެސް ރުހާ އަށް ނޭނގުނެވެ. އޭނާއަށް ހޭވެރިކަންވީ މިކްޔާން ގޮވާލުމުންނެވެ. މިކްޔާން އެއްޗެކޭ ބުނުމުގެ ކުރިން ރުހާ އޭނާ ވިސްނަމުން ދިޔަ ކަންތައް މިކްޔާނަށް ޚިއްސާ ކުރިއެވެ. ދެން އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“ރުހާއަށް ޔަޤީންތަ ތީ ރުހާ ބޭނުންވާ ގޮތްކަން….” ރުހަ ބޭނުންވާ ގޮތް ޚިއްސާ ކުރުމުން މިކްޔާން އަހާލީ ޔަޤީން ކުރުމަށެވެ.

“އާން މިކްޔާން…. އަހަރެން ދެން ބޭނުމެއް ނޫން ފަސްޖެހޭކަމަށް…. އަހަރެން ފަސްޖެހުނަސް މިކްޔާން އެހެން ވިޔަ ނުދޭތި…. އަހަރެން ފަސްޖެހުނަ ނުދޭތި…. އޭރުން އަހަންނަށް ހިތްވަރު ލިބޭނެ…..” އެހެން ބުނިއިރުވެސް އެކަމާމެދު ވިސްނާލެވުމުން ރުހާގެ ގައިން ހީނިހި ނަގައިގެން ދިޔައެވެ. އަތްފައި ލޮނުދާ ހިއްލާ ހިތުގެ ތެޅުންވެސް އަވަސްވެލިއެވެ. އެހެނަސް ބޭރުފުށުން ހަމަޖެހޭގޮތް ދައްކާލައިގެން އޭނާ އިނީ އޭނާގެ ޙާލު ފެނިފައި މިކްޔާން އެކަމަށް އިންކާރު ކޮށްފާނެތީއެވެ. ރުހާގެ އިސްނަގައިގެން އެކަމާ ކުރިމަތިލާން ބޭނުންވާކަން ޚިއްސާ ކުރުމުން މިކްޔާން ވަރަށް އުފާވިއެވެ. ރުހާގެ ނިތަސް ބޮސްދިނުމަށްފަހު އޭނާ ރުހާގެ ގައިގައި ބައްދާލީ ލޯތްބާއި އޯގާތެރިކަމާއި އެކީގައެވެ.

ރުހާ ބޭނުންވި ގޮތާއި އެއްބަސްވެ މިކްޔާންވެސް ރުހާ އެދުނު ގޮތަށް ކަންތައް ކުރިއެވެ. ކުރިއަށް ދިޔަވަރަކަށް ރުހާއަށް އުނދަގޫވަމުން ދިޔަނަމަވެސް އޭނާ ދިޔައީ ހިތްވަރުކުރެވޭ އެންމެ މަތީ ދަރަޖައަށް ހިތްވަރު ކުރަމުންނެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ މިކްޔާން ދުރަށް ލާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ އެދުނު ފަދައިން މިކްޔާން ދޫނުދީ ހުރުމުން އޭނާއަށް ޖެހުނީ ބަލި ޤަބޫލުކުރާށެވެ. ލަސްލަހުން ރުހާގެ ހިތުން ބިރުވެރިކަން ފަނޑުވެ ޖިސްމަށް އަރާމުވާން ފެށުމުން އެހެން ކަންތައްތައް މަތިން ހަނދާން ނެތުނެވެ. މަޑުމަޑުން ހިތަށްވެސް ހަމަޖެހުން ލިބެމުން ދިޔައެވެ.ރުހާ ހުރީ އޭނާގެ ބިރުގެ މައްޗަށް ގަދަވެވުނީތީ ވަރަށް އުފާވެ އަދި އެހާމެ ހިތްހަމަވެސް ޖެހިފައެވެ. އެންމެފަހުން މިކްޔާންގެ އުފާވެރިކަން އޭނާއަށް ހޯދައިދެވުނީއެވެ. ދެން އޮތީ ޢާއިލާއަށް އުފާވެރިކަން ގެނެވޭތޯ މަސައްކަތްކުރުމެވެ. އެކަމަށް އެދި ދުޢާ ކުރުމެވެ. އޭގެ ކުރިން ރުހާއަށް އެ ލިބުނު ކާމިޔާބީއަށް އޭނާ މާތް ﷲ ގެ ޙަޟްރަތަށް ޝުކުރު އަދާކުރިއެވެ. ހިތުގައި ބިރުވެރިކަމެއް ނެތި މިކްޔާންގެ އަތުތެރޭގައި ވެވުނީތީ އޭނާ އުފާކުރިއެވެ. އެއީ އޭނާވެސް ބޭނުންވި ގޮތެވެ. އޭނާގެ ހިތުން މިކްޔާނަށް ދެވިފައިވި މަޤާމު މިރޭ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މިކްޔާންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އޯގާތެރިކަމުންނެވެ. އޭނާގެ ކޮންމެ ޢަމަލަކުންވެސް ރުހާއާއި ދޭތެރޭ ވިސްނާވަރާއި ރުހާއަށް އަނިޔާއެއް ވެދާނެތީ ބަލައިގެން އުޅުނުވަރު ރުހާއަށް ފާހަގަ ކުރެވުމުންނެވެ. ރުހާގެ ހިތްވަރަށް ތައުރީފް ކުރަމުން މިކްޔާން ރުހާގެ ނިތަށް ބޮސްދިނެވެ. އަދި އެތައް ގޮތަކުން އޭނާ ލޯބިވާކަން ރުހާއަށް ހާމަކޮށްދިނެވެ. މިރޭ އޭނާއަށްވެސް ހަމަޖެހިގެން ނިދާލެވޭނެއެވެ. އޭނާ ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އައިސް އެ އިންތިޒާރުގެ ނިމުން ފޮނި ވީތީއެވެ.

**********

ދުވަސްތައް މަސްތަކަށް ބަދަލުވެ ފާއިތުވަމުން ދިޔަވަރަކަށް ރުހާއާއި މިކްޔާނާއި ދެމެދު ލެވިފައިވި ފާރު އެކީ ފިލައިގޮސް  އެ ދެމެދުގައި ދެމަފިރިކަމުގެ ފުރިހަމަ ގުޅުމެއް އުފެދިފައި ވިއެވެ. މިލާނާއި ރިދާވެސް އުއްމީދު ކަނޑާލުމެއް ނެތި ދަމު ނަމާދުކޮށް ކުއްޖަކު ދެއްވުމަށް އެދި މާތް ﷲ ގެ ޙަޟްރަތަށް ދަންނަވަމުން ދިޔައެވެ. ވީހާވެސް ގިނައިން ސުންނަތް ރޯދަތައް ހިފައި އަސްތަޣްފާރުވެ، ޞަދަޤާތްކޮށް ހެޔޮކަންތައް ވީ ވަރަކުން ކުރަމުން ދިޔައެވެ. މިލްނާވެސް ހިތުގެ ފުންމިނުން ރިދާގެ ހުރި މައްސަލަތަކާއި އެކުވެސް ރިދާ ޤަބޫލުކުރިއެވެ.

އެތައް ދުވަހަކަށްފަހު މިލްނާވެސް ދެކެމުން އައި ހުވަފެން ޙަޤީގަތަކަށްވީ ރުހާ އަލަތު ދަރިފުޅަށް ބަލިވެ އިން ޚަބަރާއިގެންނެވެ. މިކްޔާންވެސް ބައްޕައަކަށް ވާން އުޅޭކަމުގެ ޚަބަރު ލިބުމުން އުފަލުން ގޮސް ރޮވުނެވެ. ރުހާވެސް އުފާވީ ނަމަވެސް ރިދާ ދެރަވެދާނެތީ އުފާ ފައުޅުކުރާކަށް ނުކެރުނެވެ. އެއާއި ޚިލާފަށް އެ ޚަބަރުން ރިދާއަށް ހީވީ އޭނާއަށް ކުއްޖަކު ލިބެން އުޅެނީ ހެންނެވެ. އުފަލުން ގޮސް އުޅެވޭ ގޮތްވެސް ނޭނގުނެވެ. ރުހާ ބަލިވެ އިންކަން އެނގުނީއްސުރެ އޭނާއަށް މީރުވާނެހެން ހީވާ އެއްޗެހި ކައްކައިދީ އޭނާއަށްޓަކައި ކަންކަން ކޮށްދެމުން ދިޔައީ ހިތުން ރުހުމުން އުފާވެ ހުރެއެވެ.

މިކްޔާންގެ ފަރާތުންވެސް ރުހާއަށް މިންނެތް ވަރަށް ލޯތްބާއި އަޅާލުން ލިބެމުން ދިޔައެވެ. ކުރިއަށްވުރެވެސް ބޮޑަށް ރުހާއާއިއެކު ވަގުތު ހޭދަކުރެއެވެ.

އޭގެ ހަފްތާއެއްފަހުން ދެން ލިބުނީ އެންމެންވެސް އެންމެ އުއްމީދުކުރި ޚަބަރެވެ. އެންމެންގެވެސް އިންތިޒާރަށް ފޮނި ނިމުމެއް އައީއެވެ. އެއީ ރިދާވެސް އަލަތު ދަރިފުޅަށް ބަލިވެ އިން ޚަބަރެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލާފައި ވަނިކޮށް ރިދާ ބަލިވެ އިންކަން އެނގުމުން ޔަޤީން ކުރުމަށްޓަކައި ދެތިންފަހަރަށް ޓެސްޓުވެސް ހެދުނެވެ. އެ ހުރިހާ ޓެސްޓުތަކުގެ ނަތީޖާއިންވެސް ދެއްކީ ހަމަ ރިދާ ބަލިވެ އިންކަމަށެވެ. ސާފު ހިތަކާއިއެކު މާތް ﷲ ގެ ޙަޟްރަތަށް ކެތްތެރިކަމާއި އިޚްލާސްތެރި ކަމާއިއެކު ކުރި ދުޢާތަކުގެ ފޮނި ނަތީޖާ ލިބުނީއެވެ. މާތް ﷲ އިރާދަކުރައްވައިފިނަމަ ކޮންމެ ކަމެއްވެސް ވެދާނެއެވެ. ގޭގެ އެންމެންވެސް ތިބީ އެ ޚަބަރުން ވަރަށް އުފާވެފައެވެ. އެންމެންވެސް މާތް ﷲ އަށް ޙަމްދުކުރިއެވެ.

**********

ދުވަސްތައް ފާއިތުވަމުން ގޮސް ރުހާގެ ބަނޑަށް ދުވަސްފުރި ބަނޑުގައި ރިހެން ފެށުމުން ހޮސްޕިޓަލަށް ގެންދެވުނެވެ. ދެ ޢާއިލާގެ މީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ރުހާ ވިހާނެ ވަގުތަކަށެވެ. އެންމެން އިންތިޒާރުގައި ތިއްބާ ރިދާގެ ބަނޑުގައިވެސް ރިއްސަން ފެށުމުން ވިއްސާ ރޫމަށް ވެއްދުނެވެ. ރިދާ ވިއްސާ ރޫމަށް ވެއްދިތާ ދެ ގަޑިއެއްހާއިރު ފަހުން ލޯބިލޯބި ފިރިހެން ކުއްޖަކު ވިހެއެވެ. ރުހާ ވިހެއީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ރުހާއަށް ލިބުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. ދެބެން އެއް ދުވަހަކާ ވިހެއުމުން ދެ ޢާއިލާގެ އެންމެންވެސް އެކަމާ އުފާ ފައުޅުކުރިއެވެ. އުފަންވި ދެކުދިންނާއިއެކު ދެ ޢާއިލާއަށްވެސް އުފާވެރިކަމުގެ ބަހާރު މޫސުމް އައިފަދައެވެ. އެއް ދުވަހަކާ އުފަންވީތީ ހަތް ދުވަސްވުމުން ދެ ކުދިންނަށްވެސް ނަން ކިއުނީ ގުޅުވައިގެންނެވެ. ރިކާޒް އަދި ރިކްޒާގެ ނަމުންނެވެ.

(ނިމުނީ)

12

5 Comments

 1. Eemyaa

  November 17, 2021 at 12:14 am

  Assalaam Alaikum 🙂
  Ummeedhu kuran kiyuntherinnah mi vaahaka kamudhiya kamah… ❤️
  Mi vaahaka ah kiyuntheringe faraathun dhevvi ehbaarulevvumaa dhevvi support ah shukuru dhannavan 🥰
  Mi vaahaka aai medhu kiyuntherin dhekey goi hissa kohlevvun edhen 👍
  tgc all 💚

 2. Fathimath Nafha

  November 17, 2021 at 1:19 am

  Omg ridhaa and ruhaa both got a baby❤️❤️❤️❤️….and the baby names are so cute🥰..story up vefa tho balaa li iru up vefa vi ma varah foni vi😂😂…this story is amazing…and thanks eem ah story continues Koh up Koh dheythi❤️..

  • Eemyaa

   November 17, 2021 at 1:58 pm

   Thanks dear ❤️💚🙂

 3. Fathimath Nafha

  November 17, 2021 at 1:21 am

  This is the end right…so over all this story is also awesome 👍👍👍👍…as other stories of yours…hope to see another story of yours soon👀

  • Eemyaa

   November 17, 2021 at 2:00 pm

   Yeah mee last part mi storyge 👍

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!