
” ހެޕީތަ؟ ވަރަށް އުފާވެރި ޚަބަރެއްދޭން ވެގެން މިގެނައީ؟” ބޮސް އެހެން ބުނުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
” އަޅުގަނޑު އުފާވާންޖެހޭ ކަމެއް ނޭނގެ. މިދުވަސްވަރު މިދަނީ މުޅިން ހިތާމަވެރި ޚަބަރު ލިބެމުން. އަޅުގަނޑަށް އޮތީ ކެތްކުރުން.” މަޑުމޮޅިކަން އެކުލެވިގެންވާ ރާގެއްގައި އަހަރެން ބުނީމެވެ.
” ތީ ވަރަށް ބޮޑު ތެދެއް. އަހަންނަށް މިވިޔަފާރީގައި މިހިސާބަށްވެސް އާދެވުނީ ތިބުނާ ކެތްތެރިކަން އިސްކޮށްގެން. ސަލާމް ތިބުނީ ދޮގެއްނޫން.” ބޮސްވެސް އަހަރެންގެ ވާހަކަޔާއި އެއްބަހެވެ.
” ޙަޤީޤަތުގައި ބޮސްމެންނަކަށް ނުވިސްނޭނެ އަޅުގަނޑުމެން އާދައިގެ ސްޓާފުންގެ އިޙްޞާޞްތަކެއް. އަދި ތިހެން ބޮޑު ގޮނޑިއެއްގައި އިންނައިރު އާދައިގެ މީހުންގެ މަތިން ނުވެސްވިސްނޭނެ.” ބޮސް އަކީވެސް ނަން މަޝްހޫރު ވިޔަފާރި ވެރިއަކަށްވާތީ އަހަރެން ހަމަ ޤަޞްދުގަ އެހެން ބުނީމެވެ.
” ތިހެން ހީނުކުރޭ. އަހަރެން މިގޮނޑިއާއި ހަމައަށް އައީ ހަމަ ތިފަދަ އާދައިގެ ސްޓާފެއްގެ މަޤާމުން މަސައްކަތް ފައްޓައިގެން. ސަލާމް ޤަބޫލުނުކުރިޔަސް މިރާއްޖޭގަ އެންމެ ގިނަ ދިވެހިން ވަޒީފާ އަދާކުރާނީ އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުނި ތަކުގަ. އަނެއްކޮޅުން ދިވެހިންނަށް އެންމެ ބޮޑު މުސާރަދޭ ބިދޭސީން އެންމެ މަދުވާނީވެސް އަޅުގަނޑުގެ މިކުންފުންޏާއި ހިއްސާ އޮންނަ ކުންފުނިތަކުގަ.” ބޮސްވެސް ވާހަކަ ދައްކަނީ ޙަޤީޤަތަށެވެ.
” ތެދެއް ތިބުނީ. ދެން ކޮބާތޯ ތިބުނި އުފާވެރި ޚަބަރަކީ.؟” މާގިނަ ވާހަކަ ނުދައްކާ ސީދާ ޕޮއިންޓަށް ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ.
” އޯ ހަނދާން ނެތުނީ. ސަލާމް އަށް އެނގޭނެކަންނޭނގެ އަހަރެންގެ އަންހެން ދަރިފުޅު މާޔާ. މާޔާއަންނާނެ މިރޭ ސިންގަޕޫރުން އޭނަ ބަލާ އެއަރޕޯރޓަށްދާތި. އޭގެ ކުރިން މިއަދު ގެއަށް ގޮސް މާޔާގެ ކޮޓަރި ކުޑަކޮށް ހަމަޔަކަށް އަޅުވާލާތި. މާބޮޑު ކަމެއްކުރާކަށް އެތާގަ ނުހުންނާނެ. ޖެހޭނީ ފާޚާނާގައި ޝަވަރު ޗޭންޖްކޮށްލަން. ” ބޮސް ބުނެލިއެވެ.
” މައްސަލައެއްނޯންނާނެ.” އަހަރެން ކުރުކޮށް ބުނީމެވެ.
” ގެއަށްދާންވީމަ ސީދާ އަހަރެން ސަލާމަށް ގުޅާނަން. ދެން މިހިފައިގެންދޭ.” އަހަންނާއި ދިމާލަށް ސިޓީއުރައެއް ދިއްކޮށްލަމުން ބޮސް ބުނެލިއެވެ.
” މީކޯއްޗެއް؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ތިސިޓީ އުރަ ކަނޑަންޖެހޭނީ މާދަމާ! މާދާމާ މީ ހުކުރު ދުވަހެއްނު. އޭގެ ކުރިން ތި ސިޓީ އުރަ ނުކަނޑާތި! ދެން އޯކޭ ދިޔަސް.” އަހަރެން ބޮސްގެ ކެބިން އިން ނުކުތީ އޭގެ ފަހުންނެވެ.
އަހަރެން ހިތަށް އެރިއެވެ. ބޮސް އެދިނީ ކޮން ސިޓީ އުރައެއް ހެއްޔެވެ؟ ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ބާވައެވެ؟ މިގަޑީގައި ސިޓީ އުރަ ނުކަނޑަން އެބުނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ސިއްރަކީ ކޮބައިބާވައެވެ؟ އަހަރެންގެ ކެތްތެރިކަން ބަލަން ބާވައެވެ؟ ނޫނީ އޭގައިވަނީ މާ ބޮޑު ސިއްރެއް ހެއްޔެވެ؟ އަނެއްކޮޅުން ހިތަށް އެރިއެވެ. ބޮސްގެ އޮފީހުގައި މަސައްކަތް ކުރާތާ ހަތް އަހަރު ވަނީއެވެ. ދުވަހަކުވެސް ބޮސްގެ އަމިއްލަ ގޭގެ މަސައްކަތެއް އަހަންނަކާއި ނުޖައްސައެވެ. ވީއިރު ކުއްލިއަކަށް މާޔާގެ ކޮޓަރީގެ މަސައްކަތްކުރަން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެގޭގެ މަސައްކަތު މީހުންތައް ކޮބައި ހެއްޔެވެ؟ އެންމެންނަށް ޗުއްޓީ ދިނީބާވައެވެ؟ މައްސަލައެއް ނެތެވެ. މިވަޒީފާގައި އުޅެނިއްޔާ ޖެހޭނީ ދެން ބޮސް ބުނާ ކަންތައްތައް ކުރާށެވެ. އަހަރެންގެ އަނބިދަރިންނަށްޓަކައި ޙަލާލު ކޮންމެ މަސައްކަތެއް ކުރަން އަހަރެން މިހުރީ ތައްޔާރަށެވެ. ބޮސް ބުނެގެން މާޔާގެ ފާޚާނާ ސާފްކުރަން ޖެހުނަސް މިއަދު އެކަމަށް ފަސްޖެހެވޭކަށް ނެތެވެ. މިނޫން ދުވަހެއް ދައްކަވަންދެން ކެތްތެރިކަމާއިއެކު އަހަރެން މަސައްކަތްކުރާނަމެވެ.
އޮފީހުން ބްރޭކެއްނަގައިގެން އަހަރެން ދިޔައީ އަޔާން ސްކޫލުކައިރިއަށެވެ. އަހަރެން ދިޔައިރު ސްކޫލުން ނިމިގެން ކުދިން ނިކުންނަނީއެވެ. އަހަރެން މަޑުމަޑުން ގޮސް އަޔާންގެ ކުލާސް ކައިރީގައި ހުއްޓިލީމެވެ. އޭރު އަޔާން ނޫން ހުރިހާ ކުދިންގެ ބެލެނިވެރިން އައިސް އެކުދިން ގެންގޮސްފިއެވެ.
” ކީއްވެތަ ލަސްވީ.” އަޔާން ކުޑަކޮށް ޝަކުވާކޮށްލިއެވެ.
” އޮފީހުގަ ކުޑަކޮށް ބިޒީވީ. ހިނގަދަމާ.” އަޔާންގެ ފޮތް ދަބަސް އޭނަގެ އަތުން އަތުލާ ކޮނޑުގައި އަޅުވާލަމުން ބުނީމެވެ.
” އިނގޭތަ ބައްޕައަށް. ޕްރެސެންޓޭޝަންއިން އަޅުގަނޑަށް ލިބުނު އެއްވަނަ.” އަޔާން އުފަލުން ބުނެލިއެވެ.
” މަންމަ ބުނާހެން ތީ މޮޅު ކުއްޖެކޭ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް މުސްތަޤްބަލުގަވެސް ކާމިޔާބުތައް އިތުރުކުރައްވާނެ. މައިންބަފައިންގެ ބަސްއަނހާ ކުދިންނަށް މާތް ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.” އަހަރެން އަޔާންއަށް ހިތްވަރުދިނީމެވެ.
” ބައްޕަ ތިބުނީ ހަމަ ތެދެއް.” ސައިކަލަށް އަރަމުން އަޔާން ބުނެލިއެވެ.
އަޔާން ގޮވައިގެން އަހަރެން އައީ ގެއަށެވެ. އަހަރެމެން އައިއިރު ލީނާ އުޅެނީ ކުޑަދަރިފުޅަން ކާންދީއެވެ. އަހަރެން ގޮސް މަޑުމަޑުން ކުޑަކުޑަ ނީނާގެ ކޮލުގައި އަތްޖައްސާލީމެވެ. ނީނާ ހީލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަންނާއި ލީނާ ބޭނުންވީ ދެކުދިންނެވެ. އެއީ ފިރިހެންކުއްޖަކާއި އަންހެން ކުއްޖެކެވެ. ތަންކޮޅެއް ދުރުކޮށްފައި ދެކުދިން ހޯދީވެސް އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުމުންނެވެ.
” މިހާރު އެއްކޮށް ހުން ރަނގަޅުވެއްޖެދޯ.” އަހަރެން އަނހާލީމެވެ.
” މިހާރު އެއްކޮށް ބަރާބަރު.” ލީނާ ބުނެލިއެވެ.
” އަޔާން. ދެން ދަރިފުޅު ފެންވަރާ ނަމާދުކޮށްގެން ކުޑަކޮށް ނިދާލާ. ހަނދާންކޮށް ދެގަޑިބައިގަ ތެދުވެފަ ކިޔަވަން އުޅޭތީ. ބައްޕަ މިދަނީ އޮފީހަށް. ” އަޔާނަށް ބަލާލަމުން އަހަރެން ބުނީމެވެ.
” ލައްބަ ބައްޕާ.” އަޔާން އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ.
އަހަރެން ގެއިން ނިކުމުގެން އަނެއްކާ ދިޔައީ އޮފީހަށެވެ. ގޮސް މަސައްކަތުގައި މަޝްޤޫލުވީމެވެ. މަސައްކަތް ކުރުމަކީ އަހަންނަށް ލިބޭ އުފަލެކެވެ. މަސައްކަތުގައި ބިޒީކޮށް އުޅެން ޖެހުމުން ބޭކާރު ޚިޔާލުތަކުން ދުރުވެއެވެ. ބޭކާރު ކަންތައްތަކުން މީހާ ދުރުކުރުވައެވެ. އެހެންވެ މަޑުމަޑުން ކުރީރޭ ބޭބެ އަހަންނާއި ދިމާލަށް ބުނި ވާހަކަވެސް ހިތުން ފިލައިގެން ދާހެން ހީވެއެވެ. އެކަމަކު ހިތަށް އެރިއެވެ. އެއީ އަހަރެންގެ ބޭބެއެވެ. އެނޫން ދެވަނަ ބޭބެއެއް ނުހުންނާނެއެވެ. ނުވެސްލިބޭނެއެވެ. އަދިވެސް ބޭބެއާއި އޮތް ޢާއިލީ ގުޅުން އަހަރެން ބާއްވަން ބޭނުމެވެ. ބޭބެ އަތުން ލޯލާރިއެއްވެސް ބޭނުމެއް ނޫނެވެ. އެއްވެސް ކަމެއް ބޭނުމެއްނޫނެވެ. އެކަމަކު ޢާއިލީ ގުޅުން ބާއްވަން ބޭނުމެވެ. އެހެންވެ ފޯން ނަގާ ބޭބެގެ ނަންބަރަށް ގުޅާލީމެވެ. ދެތިން ފަހަރަކު ގުޅީމެވެ. ގުޅާއިރަށް އޮޓޯއިން ނަންބަރު ބިޒީކަމަށް ބުނެއެވެ. ކަމަކުދާކަށް ނެތެވެ. ބޭބެ ހަދައިގެން އުޅޭ ގޮތް ވިސްނުނީ ދެނެވެ. ބޭބެ އޮތީ އަހަރެންގެ ނަންބަރު ބުލޮކުކޮށްފައެވެ. އެހެންވެ ފަހުން ގުޅާކަށް މަސައްކަތެއް ނުކުރަމެވެ.
” ސަލާމް. މިހާރު ދޭ ގެއަށް. ގޮސް މާޔާގެ ކޮޓަރި ކުޑަކޮށް ހަމަޔަކަށް އަޅުވާލާ. ދެން ހަނދާންކޮށް ކުރިން ބުނިހެން މިރޭ އެސްކިއު ޖައްސާ ގަޑީގަ އެއަރޕޯރޓްގަ ހުންނާތީ. އަހަރެން މިދަނީ ރިސޯޓަށް.” ބޮސް ގުޅާފައި އެހެން ބުނިއިރު ހަވީރު ހަތަރެއް ޖަހަނީއެވެ.
” އާދެ.” އަހަރެން އެހެން ބުނިތަނާހެން ބޮސް ފޯން ނިވާލިއެވެ.
ގެއަށްވެސް ނުވަދެ އަހަރެން ދިޔައީ ބޮސްމެންގެ އަށެވެ. ގޮސް ދޮރުގެ ތަޅުގައި ހިފާލީމެވެ. ހުރީ ތަޅުލާފައެވެ. ބޮސްމެންގެ ގެއަކީވެސް އާދައިގެ ގެއެއް ނޫނެވެ. ގެއަށް ވަންނަންޖެހެނީ ކޯޑްޖަހައިގެންނެވެ. އަހަންނަކަށް ކޯޑެއް ނޭނގެއެވެ. ކޯޑް ހޯދަން ބޮސް ގުޅުމުން ބޮސް ފޯން ބިޒީކޮށްލިއެވެ. ދެން ދެވަނަ ފަހަތަށް ތަޅުގައި ހިފާލި ތަނާހެން މީހަކު ތަޅު ހުޅުވިއެވެ.
” ތީދޯ ސަލާމް.” ތަޅު ހުޅުވީ ހަރުފުރައިގެ ފިރިހެނެކެވެ.
” އާދެ.” އަހަރެން ބުނީމެވެ.
” މާޔާގެ އެޕާރޓްމަންޓް ހުންނާނީ ދިހަ ވަނަ ބުރީގަ. މިއޮތީ ތަޅުދަނޑި. ނިމުނީމަ ގުޅާތި.” ތަޅުދަނޑިއަކާއި ގުޅާނެ ނަމްބަރު ދެމުން އެމީހާ ބުނެލިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ބޯހޫރާލާފައި ގޮސް އަހަރެން އެރީ ލިފްޓަށެވެ. ފަސް ސިކުންތު ނުވަނީސް އަހަރެން ހުރީ ދިހަވަނަ ފްލޯގައެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެން މާޔާގެ އެޕާރޓްމަންޓަށް ވަނީމެވެ. ވަނުމާއިއެކު ލިބުނީ ހައިރާންކަމެކެވެ. މާސިންގާ ބޮޑު ސިޓިންގ ރޫމެކެވެ. ހަތްތަރީގެ ރިސޯރޓެއްގެ ރޫމެއްވެސް އެފެންވަރުގަ ހަދާފައެއް ނުހުންނާނެއެވެ. އެތާގެ އިންޓީރިޔާއާއި ބަހައްޓާފައި ހުރި ގިނަ ސާމާނުތަކުގެ ނަމެއް އަހަންނަކަށް ނޭނގެއެވެ. ބަލާކަށްވެސް ބޭނުމެއްނޫނެވެ. އެކަމަކު އަޅައިގަތީ އެންމެ ކަމެކެވެ. ހުރިހާ އެއްޗެއްވެސް ހުރީ މަޑު ފިޔާތޮށި ކުލަޔާއި ގުޅުވާލާފައެވެ. ހިތަށް އެރިއެވެ. މާޔާއަށް އެންމެ ރީތި ކުލަޔަކީ ފިޔާތޮށި ނޫންބާވައެވެ.
އަހަރެން ދެން ގޮސް މާޔާގެ ކޮޓަރީގެ ތަޅުގައި ހިފާލީމެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. ކޮޓަރީގެ ސްވިޗްތައް ޖައްސާލީމެވެ. އަހަންނަށް އިނގިލީގައި ދައިގަނެވުނެވެ. ކޮޓަރީގެ ތަނަވަސްކަން ފެނިފައެވެ. އަހަރެމެންގެ ޢާއިލާ ދިރިއުޅޭ އެޕާރޓްމަންޓްގެ ތިންގުނަ ޖާގަ ބޮޑެވެ. ހިތަށް އެރިއެވެ. މިވެސް ހަމަ އިންސާނުން ނިދަން ހަދާފަ ހުންނަ ތަންތަންބާއެވެ؟ ވާނީވެސް ހަމަ އެހެންނެވެ. މާޔާއަކީ ބޮސްގެ ހުރި ހަމަ އެކަނި އަންހެން ކުއްޖާއެވެ. އޮފީސް ތެރޭގައި އަޑުއަރާފަ އޮންނަ ގޮތުން ބޮސްގެ ފޭވަރިޓަކީވެސް މާޔާއެވެ. މައްސަލައެއް ނެތްތާއެވެ. އަހަރެން ބޭކާރު ވިސްނުން ނުވިސްނާ މަސައްކަތާއިގެން ކުރިއަށް ދާން ފެށީމެވެ. ފަންކާ ޖަހާ އެސީ ރަނގަޅުތޯ ޗެކްކޮށްލީމެވެ. ނަސީބަކުން އެއްވެސް އެއްޗެއްގެ މައްސަލައެއް ނޫޅެއެވެ. ދެން ހަނދާންވީ ބޮސް ބުނި ވާހަކައެވެ. މާޔާގެ ކޮޓަރީގެ ފާޚާނާއެވެ. ފާޚާނާއަށް ވަތްއިރު ބޮސްބުނިހެން ޝަވަރު ބަދަލުކުރަން ވަނީ ޖެހިފައެވެ. ދެން ފާޚާނާ ތެރެއަށް ކަޅި ހިންގާލީމެވެ. ޝަވަރު އޮތީ ބާތްޓަބް ކައިރީގައި ބާއްވާފައެވެ. އަހަރެން އަވަސް އަވަހަށް ޝަވަރު ޗޭންޖްކޮށްލީމެވެ. ދެން ފާޚާނާގައި ހުރި އިސްކުރުތަކާއި އެހެނިހެން އެއްޗެހި މަސައްކަތް ކުރޭތޯ ބަލާލީމެވެ. ހުރިހާ އެއްޗެއްވެސް ބަރާބަރެވެ. ބޮސް ބުނީ ތެދެކެވެ. މާބޮޑު މަސައްކަތެއް ކުރާކަށް ނެތެވެ.
މާޔާގެ ކޮޓަރީގެ ފާޚާނާގައި ކުރަންޖެހުނު އެކުޑަކުޑަ މަސައްކަތް ނިމުމުން އަހަރެން ނިކުތީމެވެ. ދެން އަނެއްކާވެސް ބަލާލީ މާޔާގެ ކޮޓަރިއަށެވެ. ބޮޑު މާސިންގާ އެނދެކެވެ. ސައިޒް އަހަންނަކަށް ނޭނގެއެވެ. އެއް ބިތް ފުރޭވަރަށް އަތުރާފައި ހުރި ބޮޑުވެގެންވާ އަލަމާރީގައި ގާތްގަޑަކަށް ދިހަ މީހުންގެ އަންނައުނު ރައްކާކުރެވޭނެކަން ޔަޤީނެވެ. ޑްރެސިންޓޭބަލާއި ދެން ހުރި އެއްޗެހީގެ ވާހަކަ ނުދެއްކިއްޔާ މާރަނގަޅުވާނެއެވެ. ޑްރިންސިން ޓޭބަލް މަތީގައި ތިން ބަރިއަށް އަތުރާލާފައިވާ ސެންޓްފުޅިތައް ފެނުނު މީހަކުވެސް އަންތަރީސް ވާނެއެވެ. ކޮންމެ ސެންޓްފުޅިއަކުންވެސް ކުޑަ އެތިކޮޅެއް ޖަހާފައިވާއިރު އެންމެ ހުސް ފުޅިއެއްވެސް އެތަނުގައި ނެތެވެ.
އަހަރެން ހިތަށް އެރިއެވެ. ޑްރެސިންޓޭބަލްގެ ވަތްގަނޑު ހުޅުވާލާނަމެވެ. މުއްސަނދި ޢާއިލާއެއްގެ ހުރި ހަމަ އެކަނި އަންހެން ކުއްޖެއްގެ ކޮޓަރިއަށް ވަދެވުނު މީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ބޮސް ބުނެފަ އޮތީ ކޮޓަރިވެސް ހަމަޔަކަށް އަޅުވާށެވެ. އެހެންވެ ހުރިހާ ކަމެއް ބަލަންވާނެތާއެވެ. މާޔާ އައިސް ޑްރެސިންޓޭބަލް ކައިރީގައި އިށީނދެފައި ކަބަޑު ހުޅުވާލާތަނުން، މާޔާ ފައިމައްޗަށް ކަބަޑު ވެއްޓުނިއްޔާ އަހަރެންގެ ވަޒީފާއެއް ނޯންނާއެވެ. އެހެންވެ މަޑުމަޑުން ކަބަޑު ހުޅުވާލީމެވެ.
ކަބަޑު ހުޅުވާލުމާއިއެކު އަހަންނަށް ފެނުނީ ބޮޑު ސިޓީ އުރައެކެވެ. ބޭރުން ބަލާބެލުމަށް އެހީވަނީ ފޮޓޯގަނޑެއް ހެންނެވެ. އަހަރެން މަޑުމަޑުން ސިޓީ އުރައަށް ރަނގަޅަށް ބަލާލީމެވެ. ބަންދުނުކޮށް އޮތް އެސިޓީ އުރައިގެ ތެރެއަށް އަތްކޮށްފާލުމަށްފަހު މަޑުމަޑުން ނެގީމެވެ. އަހަންނަށް ނެގުނީ ފޮޓޯގަނޑުގެ ނުފުށް އަހަންނަށް ކުރިމަތިވާގޮތަށެވެ.
” އައިލަވްޔޫ. ސަމް.” އަހަންނަށް ފެނުނީ އެޖުމްލައެވެ. ރަނގަޅަށް ފޮޓޯގަނޑު ބަލާލަން އުޅެނިކޮށް ބޮސް އަހަންނަށް ގުޅައިފިއެވެ. އެހެންވެ އަވަސް އަވަހަށް ފޮޓޯ ގަނޑު ސިޓީއުރައަށްލުމަށްފަހު ފޯންނެގީމެވެ.
=ނުނިމޭ=
13 Comments!
Comments are closed.
Wow nice … avahah update kurahchey next part .waiting.
Boss ge daughter loves him right?
Mashah vx hee vanee ehn hn vaane
Varah ufaa vejje mi vaahaka up kureema. Mi part ves Varah teethi. Liyumuga nei alhaiganna enme thankolhehves. Abaan thee varah molhu kujjeh
Nice story
Bodumeeha ga dhari Loabi vaney dhw eyna dhaka. Nice stry
Wating for next part..
Vrh reethi…
warah reethi.. <3
Yageen box dari loabi vanee n box ahvesehkan ehgey…updat kuraale las kamun miulhenee
Plx update the nxt part….
Waitin for the nxt part
Haadha lahey up vaaleh 🙁
Kon irakun story up load vaanee?