Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބުނަސް…….

DESTINY2020 Level 210 Stories
August 6, 2015 8 Mins Read
13 Comments

 

ސިއްސައިގެން ގޮސް ބަލާލެވުނީ މޫނަށެވެ. ވަރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ކަޅި ޖަހާނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ބޮޑު ދެލޮލެވެ. ތޫނުފިލި ކަޅިރަވައެކެވެ. ލުއި ހިނިތުންވުމެކެވެ. ފަންކަމަށް ދެއްކިޔަސް، ލޯބި ބުޅި ގޮތެއް ހުންނަ އިސްތަށި ކޮޅެކެވެ. އެއަރޕޯރޓްގެ ޗެކިން ހޯލުގައި، އެހުރިހާ މީހުންގެ ތެރޭގައި އަހަރެން ހުރި އިރުވެސް، އަހަރެންގެ ކަޅި ސީދާ އަމާޒުވެފައި ހުރީ އޭނާއަށެވެ. މޫނުމަތިން ގެވެހިގޮތެއް ފެންނަން ހުރި އެ އަންހެންކުއްޖާ އަކީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ފުރިހަމަ އަންހެން ކުއްޖާއެވެ.

” ކެން އައި ހޭވް ޔުއަރ ޓިކެޓް އެންޑް ޕާސްޕޯރޓް؟ ” އެހެން ބުނި އިރުވެސް، އަހަރެން ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރީމެވެ.

” އޭ. ކީކޭ.؟ ” އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” ދިވެއްސެއް ދެއްތޯ؟ ޕާސްޕޯރޓާއި ޓިކެޓް ދެއްވާ. ” ޗެކިން ކައުންޓަރުގެ ގޮޑީގައި އައިލެންޑް އޭވިއޭޝަންގެ ޔުނީފޯރމްލައިގެން އިން އިރު އޭނާއާއި ޔުނީފޯރމާއި ވަރަށް ގުޅެއެވެ.

” އެކްޒިޓްކައިރިން ކުޑަދޮރުން ގޮނޑިއެއް ލިބިއްޖެއްޔާ ވަރަށް ރަނގަޅު. ” އަހަރެން ބުނީމެވެ.

” އޯ.ކޭ މައްސަލައެއް ނޯންނާނެ. އެކަމަކު، ފުންމާ ނުލައްޗޭ. ” އެއަޑުގައިވަނީ ހިތްގައިމުކަމާ ހިތްފަސޭހަކަމެވެ.

” ފުންމައެއް ނުލާނަން. އެކަމަކު، ތިގޮނޑިން ފުންމާލާ ދުވަހަކުން އަހަންނަށް އަންގާލައްޗޭ! ” ހެމުން ހެމުން އަހަރެން ބުނީމެވެ.

” ގެންދަވަންތޯ ލަގެޖު؟ ” އަހަރެން ބުނި އެއްޗަކާއި އޭނާ އަޅައެއް ނުލިއެވެ.

” ނޫނޭ. ހަމައެކަނި ހޭންޑް ބޭގް މިގެންދަނީ. މިޝްކާ. ވަރަށް ހިތްގައިމު ނަމެއް. ދިމާވާނެދޯ އަދި. ” ނޭމްޓެގަށް ބަލާލަމުން، މިޝްކާ ޓިކެޓާއި ޕާސްޕޯރޓް ދިއްކޮށްލުމުން އަހަރެން ބުނީމެވެ.

” ފަހަރެއްގަދޯ. ” ލުއި ހިނިތުންވުމާއިއެކު މިޝްކާ ބުނެލިއެވެ.

އެތަނުން ނިމިގެން އަހަރެން މަޑުމަޑުން ދިޔައީ އިމިގްރޭޝަން އަށެވެ. ފުރުމުގެ ކުރިން އިމިގްރޭޝަންއިން ޖަހަންޖެހޭ ތައްގަނޑު ޖެހުމަށެވެ. އެތަނަށް ދާން އޮންނަ ސިޑީއާއި ހަމައަށް ދެވެންދެންވެސް އަހަރެން މިޝްކާއާއި ދިމާލަށް ބެލީމެވެ. މިޝްކާ އަހަންނާއި ދިމާލަށް ބަލާލާނެ ނަމަޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު، އެހެނެއް ނުވިއެވެ. ޕާސްޕޯރޓާއި ޓިކެޓްތަކާއިވެގެން މިޝްކާ އުޅެނީ ވަރަށް ބިޒީކޮށެވެ. ފްލައިޓް ފުރަން ތައްޔާރުވަނީއެވެ. އެފަދަ ކައުންޓަރެއްގައި އިންނަ މިޝްކާފަދަ އަންހެން ކުއްޖަކަށްވާނެ ބިޒީ އަހަންނަށް އެނގޭކަހަލައެވެ.

ޗެކިން ނިމިގެން ޑިއުޓީހިލޭ ފިހާރަތައް ކައިރީގައި ހުރި ގޮނޑިބަރީގައި އިށީނދެގެން އިން އިރުވެސް، އަހަރެންގެ ހިތުގައިވަނީ މިޝްކާގެ ޚިޔާލެވެ. މިޝްކާގެ ތަޞްވީރެވެ. މިޝްކާގެ ހިނިތުންވުމެވެ. ކުއްލިއަކަށް ފެނުނު އަންހެން ކުއްޖަކު، އަހަރެންގެ ހިތް ފަތަޙަކުރި ހަމަ އެކަނި ފަހަރަކީ މިއީއެވެ. ފުރަތަމަ ނަޒަރުން ސަމާލުކަން އަތުލުމަކީ އަހަރެން ޤަބޫލުކުރާ ކަމެއްނޫނެވެ. އެއީ ދުވަހަކުވެސް ވެގެންވާނެ ކަމެއްނޫންކަމަށް އަހަރެން ޤަބޫލުކުރާކަމެކެވެ. ލޯތްބަކީ ހަމަ އެކަނި ލަފްޒެކެވެ. ރީތި ލަފުޒެކެވެ. ފެންނަ ކޮންމެ މީހަކާއި ދިމާލަށްވެސް ހިތްއެދެންޏާ އެހެން ބުނެލަންވީއެވެ. ޢުމުރު ދުވަހު އެހެން އުޅެވޭނެ ހެއްޔެވެ؟ އެހާ ބައިވަރު، ރީތި އަންހެނުން މިދުނިޔޭގައި ދިރިއުޅޭއިރު، ހަމައެކަނި އެންމެ އަންހެނަކާއިއެކު މުޅި ހަޔާތް ވޭތުކޮށްލެވިދާނެ ބާވައެވެ؟ އެއީ އަހަރެންގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލެކެވެ.

” މިތާގަވެސް މިޝްކާ! ހުރިހާ ތަނެއްގަވެސް މިޝްކާ! މުރާލިކުއްޖެއްދޯތީ؟ ” ބޯރޑިންގ ކާރޑް ދިއްކޮށްލަމުން އަހަރެން ބުނީމެވެ.

އަހަރެން އެހެން ބުނުމުން މިޝްކާ ހީނލިއެވެ. އަހަންނަށް މިޝްކާގެ އެހިނިތުންވުން ސިފަކުރެވިދާނެ ބާވައޭ ހިތަށް އެރިއެވެ؟ ވަރަށް ފުރިހަމައެވެ. ތެދެއް ބުނަން ހެއްޔެވެ؟ އެހިނިތުންވުން ފެނުނު ކޮންމެ ދިވެއްސެއްގެ ހިތުގައި ސުވާލުމާރކެއް ޖެހޭނެއެވެ. ފުރަތަމަވެސް އަނހާލެވޭނީ މިޝްކާއަކީ ހަމަ ދިވެއްސެއް ހެއްޔެވެ؟ އެހާވެސް މިޝްކާގެ މޫނުގެ ކުލަވަރު ރީތިވެފައި، ހިނިތުންވުމުގައި އަޅައިގަންނަ ގޮތެއް ހުއްޓެވެ.

” ވަރަށް ފިނި އަތެއްތީ. ޢުމުރުދުވަހަށް ތިއަތުގަ ހިފާލަން ލިބޭނެނަމަދޯ. ” ބޯރޑިން ކާރޑު ކޮޅު އަހަންނަށް މިޝްކާ ދިއްކޮށްލުމުން، މިޝްކާގެ ކަނާތު ޝަހާދަތް އިނގިލީގައި މަޑުމަޑުން ހިފާލަމުން އަހަރެން ބުނީމެވެ. މިޝްކާ ކުއްލިއަކަށް އަތް ދަމައިގަތެވެ. އިތުރު އެއްޗެކޭ ނުބުނެއެވެ.

އަހަރެން ގޮސް ބޯރޑިންގ ރޫމުގެ ގޮޑީގައި އިށީނީމެވެ. އަހަރެން އިށީނީވެސް މިޝްކާގެ މޫނު ފެންނާނެގޮތަށެވެ. އަހަރެން ކަޅިޖަހާނުލާ މިޝްކާއަށް ބަލަމުން ގެންދިޔައީމެވެ. މިޝްކާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އަހަރެން ބަލާހެންވެސް މިޝްކާއަށް ހީއެއް ނުވެއެވެ. މިޝްކާގެ ހިތުގައި ވަނީ އޭނާގެ މަސައްކަތަށް ފަރުވާ ބެހެއްޓުންހެން ހީވެއެވެ. މިޝްކާއަކީ މުރާލި ކުއްޖެއްތާދޯއެވެ.

” އޯލް. އެން.އޭ ޕަރސެންޖާރސް، ޔޫ އާރ ކައިންޑްލީ ރިކްއެސްޓެޑްޓް ޕްރޮސީޖް ތު ދަ ބޯޑިންގ ގޭޓް ސެވަން. ” މިޝްކާގެ އަޑުގައިވާ ޖާދުވީ ރާގު އަހަންނަށް ފާހަގަ ކުރެވުނެވެ.

މިޝްކާ ބޯރޑިންގ ގޭޓާއި ދިމާލަށް ހިނގައިގަތީ އެހެން ބުނުމަށްފަހުގައެވެ. މިޝްކާ ދިޔުމުން ގޭޓް ހުޅުވާލިއެވެ. ދެން ފަހަރަކު މީހެއްގެ ބޯރޑިން ކާރޑް ޗެކުކުރަމުން، އެމީހުންނަށް ބޯޓަށް އަރަންވީ ސިޑި ކިޔައިދެމުން މިޝްކާ ދިޔައެވެ. އެހުރިހާ ވަގުތުތަކުގައިވެސް އެމޫނުގައިވާ އުޖާލާ ކުލައާއި ހިނިތުންވުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެން އަޖައިބުވެސް ވިއެވެ.

އަހަރެން މަޑުމަޑުން ހިނގައިގަތީމެވެ. އަހަރެންގެ ގޮސް މިޝްކާގެ ކުރިމައްޗަށް ހުއްޓިލީމެވެ. މިޝްކާ ހިނިތުންވެލިއެވެ. މިޝްކާގެ އަތުގެ އިޝާރާތުން އަހަރެން ބޯޓަށް އަރަންވާ ސިޑި ދައްކާލިއެވެ.

” ތޭންކްސް. ” އަހަންނަށް ބުނެވުނީ އެހެން އެކަންޏެވެ.

މިޝްކާ އަނެއްކާވެސް ހިނިތުން ވެލިއެވެ. އަހަރެންވެސް ހިނިތުންވެލުމަށްފަހު ހިނގައިގަތީމެވެ. ހިތުގައި ދައުރުވަނީ، އެންމެ ޚިޔާލެކެވެ. މިޝްކާއެވެ. ކުއްލިއަކަށް ދިމާވި، އަންހެން ކުއްޖަކު އަހަރެންގެ ހިތަށް ހާދަހާވާ އަވަހަށް ސަވާރުވެއްޖެއެވެ. މިވީ ކިހިނެއް ބާވައެވެ؟ އަހަންނަށް މިހެން ވެގެން ނުވާނެއެވެ. އަހަންނަކީ، ވަރުގަދަ މީހެކެވެ. އެހެން، އަދި ކުއްލިއަކަށް އަންހެން ކުއްޖަކަށް އައިސް، އަހަރެންގެ ހިތުގައި ވިކިގެނެއް ނުވާނެއެވެ. ކުރިން އަހަރެންގެ ފަލްސަފާއަކީ އެއީއެވެ. ހުރިހާ ބާރެއް އޮންނަން ޖެހޭނީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ދިރިއުޅުމުގެ ރިމޯޓް ކޮންޓްރޯލް އޮންނަންވާނީ، އަހަރެންގެ އަތުގައެވެ.

ތެދެކެވެ. އެހެނެއް ނުވިއެވެ. މިޝްކާ އަހަރެންގެ ހިތް ގެންގޮސްފިއެވެ. ސިޑިން ބޯޓަށް އަރަމުންވެސް އަހަރެން ފުރަގަހަށް ބަލާލީމެވެ. މިޝްކާ ފެނޭތޯއެވެ. އޭރުވެސް މިޝްކާ އިނީ ދޮރުމަތީގައެވެ. ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރަމުގައެވެ. މިޝްކާ އަކަށް އަހަންނެއް ނޭނގޭނެއެވެ. މިޝްކާގެ ހިތަށް، އަހަރެންގެ ނަންވެސް ނާރާނެއެވެ. އަހަރެންފަދަ މީހެއްގެ ހިތް މިޝްކާޔަށް ހަދިޔާކުރެވުނުކަންވެސް މިޝްކާޔަކަށް ނޭނގޭނެއެވެ. މިޝްކާގެ ޚިޔާލަށްވެސް އެކަން ނާންނާނެއެވެ. އަހަރެންގެ ހިތުގައި މިޝްކާގެ ނަން ބިންވަޅުނެގި ފެވެމުންދާކަމުގެ އެއްވެސް ހިލަމެއްވެސް މިޝްކާޔަކަށް ނުވާނެއެވެ.

ތެދެކެވެ. މީ ހަމަ ހުވާ ތެދެކެވެ. މިޝްކާގެ ހިނިތުންވުންފަދަ ފުރިހަމަ ހިނިތުންވުމެއް އަހަރެން ދުވަހަކުވެސް ނުދެކެވެ. ހިނިތުންވެލާއިރު، ފެންނަން ހުންނަ ރީތި ދަތްކޮޅުގެ ހުދުކަން ހަމަ ހުދު ބޯކިރުކޮޅެއް ފަދައެވެ. އަހަރެން މިހެން މިބުނަނީ އަހަންނަށް ފެނުނީމައެވެ. ނޫނެކެވެ. ހަމަ ތެދެކެވެ. އަންހެނުންނަކީ ރީތި ފުރިހަމަ ބަޔެކެވެ. ފިރިހެނުންގެ ހިތްތައް ހަލާކުކޮށްލަފާނެފަދަ ބައެއްކަން މިހާރު އަހަންނަށް އިނގެއެވެ.

ހިތަށް އަރައެވެ. މިޝްކާގެ ފިރިމީހާ ކިހާ އުފާވާނެ ހެއްޔެވެ؟ މިޝްކާފަދަ ފުރިހަމަ އަންހެން ކުއްޖަކު، ލިބުމުން އޭނާ ހުންނާނީ އުފަލުން ހެވިދިލިފައެވެ. މަގުމަތީގައި މިޝްކާ ގޮވައިގެން ދާއިރު، ހިތާހިތުން ފަޚުރުވެރިވާނެއެވެ. މިޝްކާވެސް އިންނާނީ ހަމަ އެހާ އުފަލުންކަން ނޭނގެއެވެ. ފިރިމީހާގެ ސައިކަލުގެ ފަހަތުގައި މިޝްކާ އިންނާނީ ފިރިމީހާއާއި ވަރަށް ގައިގޯޅިވެގެން ނޫން ބާވައެވެ؟ އެފަދަ މަންޒަރެއް އަހަންނަށް ފެނުމުންވާނީ ކިހިނެއްހެއްޔެވެ؟ ހިތަށް އަރާނެއެވެ. އަހަންނަކީ މިޝްކާގެ ފިރިމީހާއަށް ވީނަމައެވެ. މިޝްކާއަކީ އަހަރެންގެ އަންހެނުންނަށްވީނަމައެވެ. އެކަން އެހެންވާނެ ބާވައެވެ؟

” އޭ. އެބަހުރިތަ ހަނދާން؟” ފްލައިޓްގެ ތެރެއިން ދިމާވީ މަޖީދިއްޔާގައި ކިޔެވިއިރުގެ ކުލާސްމޭޓަކާއިއެވެ.

” އާނ. ތީ ޔާސިންނެއްނު. ކޮންތާކު މިހާރު ތިއުޅެނީ؟” އަހަރެން މަޑުމަޑުން އަނހާލީމެވެ.

” މިއުޅެނީ އެއަރޕޯޓްސް ކޮމްޕެނީގަ. މާ ރަނގަޅޭ މިހާރު.” އަހަންނާއި ޖެހިގެން އިން ގޮޑީގައި އިށީންނަމުން ޔާސިން ބުނެލިއެވެ.

” މާރަނގަޅަކަށްނު މިދިމާވީ. ދަންނަންތަ މިޝްކާ؟ މިބުނީ ދެންމެ ބޯޑިންގޭޓް ކައިރީގައި އިން. އަހަންނަށް ވަރަށް ރީތި ކުއްޖެއް އެއީ. މިހާރު ލިބުނަސް އިންނާނަން.” އަހަންނަށް ކުއްލިއަކަށް ބުނެވުނީ އެހެންނެވެ.

” ދަންނަން. ވަރަށް ގާތްވެސް ވާނެ. އެކަމަކު، އެއީ ކައިރިވާ ކަހަލަ ކުއްޖެއްނޫން!” ޔާސިން މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

” ތިބުނީ. އަނެއްކާ ބައްޔެއް ހުންނަނީތަ؟ ” އަހަރެން އަވަސް އަވަހަށް އަނހާލީމެވެ.

” މިޒަމާނުގަ ރީތި އަންހެން ކުދިންނަށް ޖެހޭ ބަލިޖެހިފަ މިޝްކާވެސް އެ އިންނަނީ. އިޝާން ކައިރިވޭ. އެކަމަކު، އިޝާން ހަލާކުވުމުން އަހަރެންގެ ގާތަށް ނާންނާތި! ” އިންޒާރު އެކުލެވިގެންވާ ރާގެއްގަ ޔާސިން ބުނެލިއެވެ.

” ތިބުނާ އެއްޗެއް ތިލަކޮށް ބުނެބަލަ. ” އަހަރެން މިޝްކާގެ މަޢުލޫމާތު ބޭނުންވިއެވެ.

” މިބުނީ މިޝްކާއަކަށް ނޫޅެވޭނެޔޭ އެންމެ ފިރިހަނަކާއިއެކު. އެބުނާ ‘ބަޑިން’ އުޅޭ ގޮތަށް އުޅޭ ކުއްޖެއްކަމަށް މުޅި އޮފީސް ތެރޭގަ އަޑު އަރާފަ އޮންނަނީ؟ ” ޔާސިން ބުނެލީ އަހަރެން ހީކުރި ކަހަލަ އެއްޗެއް ނޫނެވެ.

” ތެދެއްތަ ހަމަ؟ ކާކަށްތަ ފެނުނީ އެހެން އުޅެނިކޮށް؟ ހާދަ ހިނުވޭ އެކަމު… ” އަހަރެން އަނހާލީމެވެ.

” ނޭނގޭ ފެނުނު މީހެއް. ހުރިހާ މީހުންވެސް ބުނަނީ އެހެން. ދެން ތިވާހަކަ ނުދައްކާ.” ޔާސިން ވާހަކަ މެދުކަނޑާލުމަށްފަހު، ލޯމަރާލީ އެހިސާބުންނެވެ.

ފްލައިޓު ނައްޓާލައިގެން ޖައްސަންދެން އަހަންނަށް ވިސްނެނީ މިޝްކާއާއި ދޭތެރޭގައެވެ. ޔާސިން ދެއްކީ ހަމަ ތެދު ޙަޤީޤީ ވާހަކަ އެއް ބާވައެވެ؟ މިޝްކާއަކީ އެފަދަ އަންހެން ކުއްޖެއް ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ، އެކަން ފެނުނީ ކާކަށް ހެއްޔެވެ؟ އެކަން ހެކިކުރާނީ ކާކު ހެއްޔެވެ؟ އަހަންނަށް މިޝްކާ ފެނުނީ ކުޑައިރުކޮޅެއް ކުރިންނެވެ. ހިތްދެވުނީ ނޭނގި ކުއްލިއަކަށެވެ. މިހާރު މިއިވުނީ ކޮން ޚަބަރެއް ހެއްޔެވެ؟ މިޝްކާ ކަހަލަ ފުރިހަމަ އަންހެން ކުދިން އެހެން އުޅޭނެ ހެއްޔެވެ؟ އަހަންނަށް ހަމަ އެއްވެސް ގޮތަކަށް ޤަބޫލެއް ނުކުރެވެއެވެ.

” ޔާސިން. ދިއުމުގެ ކުރިން ދީބަލަ މިޝްކާގެ ނަންބަރ؟ ” މެލޭޝިޔާ އެއާރޕޯރޓުން ޔާސިން ގެއަށް ދާން އުޅުމުން އަހަރެންބުނީމެވެ.

” ބޮޑިއެއް ނުބޯތި! ރީތިވީ ވަރަކަށް މިޒަމާނުގަ ކޮލިޓީ ދައްވަނީ! ” މިޝްކާގެ ނަންބަރ ކިޔާދިނުމަށްފަހު ޔާސިން ބުނީ އެހެންނެވެ.

” އޯ.ކޭ ” އަހަރެން އެހެން ބުނުމުން ޓެކްސީއަކަށް އަރައިގެން ޔާސިން ދިޔައީއެވެ.

އަހަރެން ހުންނަން ހަމަޖެހިފައިވާ ހޮޓަލަށް ދެވުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. އޮފީހުން ކަންތައްތައް ހަމަޖެއްސިގޮތުން މެލޭޝިޔާގެ އެޖެންޓަށް ލަހުން އާދެވުނީއެވެ. އެ މައްސަލައަކަށް ހަދާކަށްނެތީމެވެ. ހުރިހާ ކަމަކަށްވުރެން، މިޝްކާގެ ކަންތައްތައް އަހަންނަށް މާބޮޑެވެ. ހޮޓަލަށް ގޮސް ފެންވަރާ ހަމަޖެހިލުމަށްފަހު، އަހަރެން ނިކުތީ ހޮޓަލުގެ ލޮބީ އަށެވެ. އޮފީހުގެ ފަރާތުން ކުރަން ހުރި ހުރިހާ ކަމެއް ލޮބީގައި ހުރެ ނިންމާލެވިއްޖެއްޔާ ދަތުރު ވަރަށް އަވަސް ވާނެއެވެ. ނަޞީބަކުން، ބައްދަލު ކުރަންޖެހުނު ހުރިހާ މީހުން ލޮބީއަށް އައެވެ. އެހެންވެ، ހަވީރުވާއިރަށް މަސައްކަތްތައް ނިމިއްޖެއެވެ.

ނިދަން އެދަށް އަރާފައި މިޝްކާގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. ފޯނު ނެގުމަށްފަހު، އަހަރެން މިޝްކާއަށް ގުޅާލީމެވެ.

” އަހަރެން ވަރަށް ލޯބިވޭ މިޝްކާދެކެ. އަހަންނާއި ރައްޓެހިވާން ކެރިދާނެތަ؟ ” މިޝްކާ ހަލޯ އޭ ބުނުމުން އަހަރެން ބުނީ އެހެންނެވެ.

” އޭ؟ ކީކޭ؟ ރައްޓެހިވާށޭ. މޮޔަވީތަ؟ ކާކަށްތަ ތިގުޅަނީ؟ ” ހަރުކަށި ރާގެއްގައި މިޝްކާ ބުނެލިއެވެ.

” މިއަދު ހެނދުނު އެއަރޕޯރޓުން ދިމާވިއެއްނު. ހިފީމެއްނު މިޝްކާގެ އަތުގަވެސް. މީ އިޝާން. ” އަހަރެން ހީކުރީ މިޝްކާއަށް އެވަރުން އަހަރެން އިނގޭނެކަމަށެވެ.

” އަހަންނަކަށް ނޭނގޭ ތީ ކޮން އިޝާނެއްކަމެއްވެސް. ދެން ނުގުޅާތި! ” މިޝްކާ ރުޅި އައިސްގެން ފޯން ބޭއްވިއެވެ.

އަހަރެން ދެވަނަ ފަހަރަށް ގުޅީމެވެ. މިޝްކާ ފޯނެއް ނުނެގިއެވެ. އަހަރެން މިޝްކާއަށް އެސް.އެމް.އެސްއެއް ފޮނުވީމެވެ. ވަރަށް ބޮޑު ވާހަކައެއް އަނހާލަން ބޭނުންވާ ކަމެވެ. ބިޒީ ނޫނިއްޔާ އަހަންނަށް ދިހަ މިނިޓް ދިނުމަށެވެ. މިޝްކާ އެއްވެސް ޖަވާބެއް ނުދިނެވެ. އަހަރެން އަނެއްކާވެސް މިޝްކާއަށް ގުޅަން ފެށީމެވެ. މިޝްކާ އެންމެ ފަހުން ފޯން ނިވާލީއެވެ.

އަހަރެން ވަރަށް ދެރަވިއެވެ. މިޝްކާފަދަ ރީތި އަންހެން ކުއްޖަކު، އަހަރެން ގުޅުމުން އެހެން ހެދުމުންނެވެ. މިޝްކާއަށް އަހަންނާއި ވާހަކަ ދައްކާލެވިދާނެ ނޫން ހެއްޔެވެ؟ އަހަރެން މިއުޅެނީ މިޝްކާއާއި ވާހަކަ ދައްކާލާށެވެ. އަހަރެންގެ ހިތުގެ ރިހުން އިއްވާލަދޭށެވެ. އޭރުން މިޝްކާއަށް އަހަރެން މިޝްކާދެކެ ލޯބިވާވަރު އިނގޭނެއެވެ. މިޝްކާދެކެ ލޯބިވާ ވާހަކަ ފަހުން ބުނަން ހަދައިގެން އަހަންނަށް ނުލިބިއްޖެއްޔާ އަހަރެން ފަހުން މާ ދެރަވާނެއެވެ.

” ހަލޯ. ” އަހަންނަށް ކުއްލިއަކަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. އޭރު ދަންވަރު ތިނެއްޖަހަނީއެވެ.

” އޯ.ކޭ އިޝާން އޮރ ވަޓް އެވަރ. ދެން ތިބުނާ އެއްޗެއް ބުނެބަލަ؟ ” ވަރަށް ތުއި އަޑަކުން މިޝްކާ ބުނެލިއެވެ.

” ތީ ބަޑި އަންހެން ކުއްޖެއްތަ؟ އެހެން ވިއްޔާ ތިހެން ތިއުޅެނީ ކީއްވެތަ؟ ތިހާ ރީތި އަންހެން ކުދިން ނުވާނެ ތިހެން އުޅޭކަށް. އަހަރެން ވަރަށް ލޯބިވޭ މިޝްކާދެކެ. ތިހެން ނޫޅޭތި ދެން ޕްލީޒް. ” އަހަރެން މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައީމެވެ.

” ކަލޭގެ އަމާ! ދެން ނުގުޅާތި! އަހަންނަކީ ބަޑިޔަކަށްވިއްޔާ މިރާއްޖޭގަ މުޅިން އޮންނާނީ ބަޑިން! ދެން ދުވަހަކުވެސް ނުގުޅާތި! ” މިޝްކާގެ ހަރުކަށިކަން އަހަންނަށް ފާހަގަވީ ބަސްތައް އަމުނާލި ގޮތުންނެވެ.

” މައްސަލައެއްނެތް. އެކަމަކު، އަހަރެން ވަރަށް ލޯބިވޭ. އަބަދުވެސް ވާނަން. ” އަހަރެންގެ ހިތުގެ ރިހުން މިޝްކާއަށް އިއްވާލީމެވެ.

” ލޯބިވާނެ މީހުން ނެތިގެނެއް ނޫޅެން! ” މިޝްކާ ކުއްލިއަކަށް ފޯން ކަނޑާލިއެވެ.

އަހަންނަށް ނުވެސް ނިދުނެވެ. ވިސްނެމުން ދަނީއެވެ. މިޝްކާއާއި ދޭތެރޭގައެވެ. މިޝްކާ އަހަރެންގެ ނިދިވެސް ގެން ގޮސްފިއެވެ. އެތައް ހާސް މޭލުގެ ދުރުގައި ހުރެ، މިޝްކާޔަށް ގުޅުމުން މިޝްކާ އަހަންނާއި ވާހަކަދައްކަންޖެހޭނީ އެހެން ހެއްޔެވެ؟ މިޝްކާއަކީ ހާދަ ރުޅި ގަދަ ކުއްޖަކަށްވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކިތަންމެ ލޯބިވިޔަސް، މިޝްކާ އެކަން ޤަބޫލެއް ނުކުރާނެއެވެ.

އަހަރެން މާލެއައީ ތިން ދުވަސް ފަހުންނެވެ. އެއަރ ޕޯރޓް ތެރެއިން މިޝްކާ ފެނޭތޯ ވަރަށް ބެލީމެވެ. ނުފެނުނެވެ. އެއަރޕޯޓް މުވައްޒަފެއްގެ ގާތުގައި އަނހާލުމުން ބުނީ މިޝްކާ ޗުއްޓީއެއްނެގި ކަމަށެވެ. އިތުރު މަޢުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. އަހަރެން މިޝްކާގެ ފޯނަށް ގުޅާލީމެވެ. ފޯން އޮތީ ނިވާލާފައެވެ. ދެން ޔާސިންގެ ނަންބަރަށް ގުޅާލީމެވެ. ގުޅާލާއިރަށް، ޔާސީން ފޯން ބިޒީކޮށްލިއެވެ.

ދެދުވަސް ފަހެވެ. ހަވީރުގެ ވަގުތެކެވެ. އަހަންނަށް ޔާސިންގެ އެސް.އެމް.އެސްއެއް ލިބުނީ އޮފީސް ނިމިގެން ގެއަށް އައި ފަހުންނެވެ. ބިޒީ ނޫނިއްޔާ މިރޭ ދަރުބާރުގޭގައި އޮންނަ ކެއުމަކަށް އައުމަށް ދަޢުވަތުދީފައި އޮތެވެ. އަހަރެން ދާނަމޭ ބުނެ ޖަވާބު ފޮނުވާލީމެވެ. އަހަރެން ކޮންމެހެންވެސް ދާނަމެވެ. ޔާސިންއަކީ މިހާރު މިޝްކާއާއި އަހަރެން ގުޅުވަދޭ ފާލަމެއްފަދަ މީހެކެވެ. ޔާސިންއާއި ދިމާވުމުން، މިޝްކާއަށް ވެގެން އުޅޭ ގޮތެއްވެސް އޮޅުން ފިލާނެއެވެ. އަހަރެން ދެން ކުރިއަށް ދާނެ ގޮތެއްވެސް އިނގޭނީ ޔާސިން އާއި ދިމާވުމުންނެވެ.

ދަރުބާރުގެ ގޯތި ތެރެއަށް ވަދެގެން ދިޔައިރު، މުޅިތަން އޮތީ ވަރަށް ބޮޑު ޕާރޓީއަކަށް ޒީނަތްތެރިކޮށްފައެވެ. އަހަރެން ދެކޮޅު ބަލާ ހޯދާލީމެވެ. ޔާސިން ފެނޭތޯ އެތެރެއަށް ވަދެގެން ދިޔައީމެވެ. ޔާސިން ފެންނާކަށް ނެތެވެ. އަހަރެން ޔާސިންގެ ފޯނަށް ގުޅާލީމެވެ.

” އާދެ. ޕާރޓީ މިއޮތީ ‘ހިތްއުފާ’ މާލަމުގައި. އެތާނގައި މިއިނީ. ” ޔާސިންގެ އަޑުގައިވަނީ އުފާވެރިކަމެވެ.

އަހަރެން މަޑުމަޑުން ހިނގަމުން ގޮސް، ހިތްއުފާ މާލަމާއި ދިމާލަށް ދިޔައީމެވެ. ގޮސް އެމާލަމުގެ ދޮރު މައްޗަށް ހުއްޓިލީމެވެ. ދެން ފެނުނު މަންޒަރު އަހަންނަށް ލިބުނީ ޝޮކެކެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހެންވެގެން ވާނެ ހެއްޔެވެ؟ މިކަން މިހެންމިވީ ކީއްވެގެން ހެއްޔެވެ؟ މީހަކު، ނުބައި މީސްކޮށްފައި ވާހަކަ ދައްކާފައި، ހަމަ އެމީހާގެ އަތުގައި ހިފައިދާނެ ބާވައެވެ؟ ހުރި ފިޔަވަޅު މައްޗަށް ހުއްޓިގެން އަހަންނަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

” ހިނގާދާން އެއްޗެއް ކާލަން. ” ޔާސިން ހެމުން އައިސް ބުނެލިއެވެ.

” ނުވެސް އަންގާދޯ ތި ކައިވެނި ކޮށްލީ؟ ” މަޑުމޮޅި ރާގަކަށް އަހަރެން ބުނީމެވެ.

” މިޝްކާފަދަ ފުރިހަމަ އަންހެން ކުއްޖަކު ލިބޭނީ ނަޞީބުވެރިޔަކަށް. ގެއްލިދާނެތީ އަވަސްކޮށްލީ. ” ޔާސިން އެހެން ބުނިވަގުތު ހީވީ، އަހަރެންގެ ހިތުގައި ޒަޚަމު އުފެދުނު ހެންނެވެ.

” ތީވެސް ހަމަ ވެދާނެ ގޮތެއް. އެކަމަކު ކުރިން ބުނިދޯ އެއީ ‘ބަޑި’ ކުއްޖެކޭ.. ކީއްތިވީ މިހާރު ” މަޑުމަޑުން ހިނގަމުން ދަމުން އަހަރެން ބުނީމެވެ.

” އެއީ ހުސްދޮގު… ދެން އެވާހަކަ ނުދައްކާ… މިޝްކާ. މީ އިޝާން.” ޔާސިން މިޝްކާއަށް އަހަރެން ތަޢާރަފްކޮށްދިނީ އާދައިގެ ގޮތަކަށެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. މިޝްކާވެސް އެއްޗެކޭ ނުބުނެއެވެ. އެކަމަކު، ހިނިތުން ވެލިއެވެ. އަހަރެންވެސް ވަރަށް މަސައްކަތުން ހިނިތުން ވެވޭތޯ މަސައްކަތް ކުރީމެވެ.

ކައިވެނީ ގެ ހެދުމުގައި އިންއިރު، މިޝްކާ ހީވަނީރަސްދަރިކަނބަލެއް ހެނެވެ. އެހާވެސް ފުރިހަމަވެފައި ރީއްޗެވެ. އެކަމަކު، ދެން މިކަން މިނިމުނީއެވެ. އަހަންނަށް ދުވަހަކުވެސް މިޝްކާއެއް ނުލިބޭނެއެވެ.

ކުޑައިރުކޮޅެއް ފަހުން މިޝްކާއާއި ޔާސިން އެތަނުން ތެދުވެގެން ދިޔައެވެ. ފޮޓޯ ނެގުމަށެވެ. މިޝްކާ ޔާސިންއާއި ގައިގޯޅިވެގެން ފޮޓޯ ނަގަމުން ދިޔައެވެ. ކެމެރާގެ ފްލެޝް ކަނޑާލާ ކޮންމެ ފަހަރަކު، ވަރުގަދަ ވިދުވަރެއް ވިދާލާހެން އަހަންނަށް ހީވާކަހަލައެވެ. އެމަންޒަރު ބަލަން އަހަންނަށް ކެތެއް ނުކުރެވުނެވެ. އަހަރެން އެތަނުން ނިކުމެގެން ސީދާ އައީ ގެއަށެވެ. ގެއަށް އައިސް އެދަށް އަރާ އޮށޯތީމެވެ. ވީދެރައިންނެވެ. ކުރި އުންމީދު ޙާޞިލުނުވާނެކަން އެނގުމުން މޮޅިވެރިކަން ޢިޙްޞާޞްކުރެވުނީއެވެ. ފޯނަށް މެސެޖް އައީ ދެނެވެ.

” ވަރަށް ބޮޑަށް ސޮރީ. އަހަންނަށް މަޖުބޫރިވީ މިހެން ހަދަން. މިޝްކާއަކީ އަހަރެންގެ ހިތް. އިޝާން އަށް މިޝްކާ ތިފެނުނީ ތަންކޮޅެއް ލަހުން. ” ޔާސިންގެ މެސެޖުގައިވަނީ އެހެންނެވެ.

ޙަޤީޤަތް ފަޅާ އެރީ އެހިސާބުންނެވެ. ޔާސިން އަހަންނަށް މިޝްކާގެ ނަންބަރު ދިން އިރުވެސް، ޔާސިން އުޅެނީ މިޝްކާއާއި ރައްޓެހިވެގެންނެވެ. ޔާސިން އަހަންނަށް ދިނީ މިޝްކާގެ ދޮގު މަޢުލޫމާތެވެ. ސަބަބެއް އޮވެގެންނެވެ. މިޝްކާއާއި އަހަންނާއި ދޭތެރޭ ގުޅުމެއް އުފެދި، ޔާސިން އަށް މިޝްކާ ގެއްލިދާނެތީއެވެ. މައްސަލައެއް ނެތެވެ. ދިރިއުޅުމުގައި އެކި މީހުން ޢަމަލު ކުރަނީ އެކި ގޮތަށެވެ. ކޮންމެ މީހަކަށްވެސް ބެލޭނީ އެމީހެއްގެ ފައިދާއަށެވެ. ހިތްހަމަ ޖެހުމަށެވެ. އުފާވެރިކަމަށެވެ. ދުރުންމާދުރުން އަންނަ މީހަކު، ތިމާގެ އެއްވެސް އުފަލަކަށް ހުރަސްއަޅާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެކަން ކުރިޔަ ނުވެސް ދޭނެމެއެވެ. ޔާސިންވެސް މިހެދީ އެހެންނެވެ.

އަހަރެން އެންމެ ދެރަވީ ޔާސިން އެގޮތަށް ކަންތައްތައް ކުރުމުންނެވެ. މިޝްކާއަކީ އަހަރެންގެވެސް ހިތެވެ. ރޫޙެވެ. ދުނިޔެއެވެ. ދިރިއުޅުމެވެ. އަހަރެން އެންމެ ބޭނުންވި އަންހެން ކުއްޖާއެވެ. ކުއްލިއަކަށް ފެނިގެން އަހަރެންގެ ހިތް ގެންދެވުނީ ހަމައެކަނި މިޝްކާއަށެވެ. އަހަރެން އަބަދުވެސް މިޝްކާ ދެކެ ލޯބިވާނަމެވެ. މިޝްކާޔަށް ހެޔޮއެދޭނަމެވެ. ހުރިހާ ކަމެއްގައި މިޝްކާޔަށް އެހީވާނަމެވެ. އަހަރެންގެ ހުރިހާ ދުޢާއަކީ، މިޝްކާ އަބަދުވެސް އުފަލުގައި ލެހެއްޓެވުމެވެ. އަހަރެންގެ ދާޢިމީ ދުޢާއަކީ ދެދުނިޔޭގައިވެސް ބާއްޖަވެރި ޙަޔާތެއް މިޝްކާއަށް މިންވަރުކޮށްދެއްވުމެވެ. އަހަރެންގެ ހެޔޮދުޢާ ސަލާމް އަބަދުވެސް ވާނީ މިޝްކާއާއި އެކުގައެެވެ. އަހަންނަށް މިޝްކާ ނުލިބުނޭ ކިޔާފައި ހިތްނިޔައި ނުބައިކުރުމަކީ އަހަރެންގެ ގޮތެއް ނޫނެވެ. މިޝްކާގެ އުފާތަކަށް ހުރަސްއަޅަން މަސައްކަތް ކުރުމަކީ، އަހަރެންގެ ގޮތެއް ނޫނެވެ. އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ.

ތެދެކެވެ. ކިތަންމެ ދުރުގައިވިޔަސް، ކައިރީގައިވިޔަސް މިޝްކާއަކީ އަހަރެންގެ ހިތުގެ ވިންދެވެ. އެހިނިތުންވުން މަތިން ހަނދާން އާވާނެއެވެ. އަބަދުވެސް މެއެވެ. މިއަދު އެއީ ޔާސިންގެ އަނބިމީހާއެވެ. އެކަން ހެޔޮހިތުން ޤަބޫލުކުރަމެވެ. އަހަރެންގެ ހިތުގައިވާ މިޝްކާގެ ނަން ދެން ފުހެވޭނީ، އެކަހަލަ އަންހެން ކުއްޖަކު އަހަންނަށް ލިބޭ ދުވަހަކުންނެވެ. މިޝްކާ ނުލިބުނަސް، އަހަރެން ހިތުގައި ރިހުނަސް، މިޝްކާ އުފަލުގައި ލަހައްޓަވާށިއެވެ. އަހަންނަށް ނުލިބުނަސްވެހެވެ.

=ނިމުނީ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

އިންތިޒާރު 43

Next

އެސް.އެމް.އެސް. (4)

Next
August 7, 2015

އެސް.އެމް.އެސް. (4)

Previews
August 6, 2015

އިންތިޒާރު 43

13 Comments!

  1. Shabee says:
    August 6, 2015 at 11:15 pm

    Wow habeys story…love it..but shudhoo up khdheebala alhe

  2. mizu says:
    August 6, 2015 at 11:39 pm

    Wow vv rythi

  3. Sana says:
    August 6, 2015 at 11:58 pm

    V v v v v v reethi mi story… I love it??

    1. Amaaz says:
      August 7, 2015 at 6:26 pm

      What is this story about sana can u plx explain me caux all this is beyond my imagination and my way of doing things if u wanna something be determined and acquire it not just let it go………

  4. athif says:
    August 7, 2015 at 5:10 pm

    Bayeh kahalaamaaze mee dhen bolah udhagoo migolaa gandaa hedhi

  5. stranger says:
    August 7, 2015 at 6:42 pm

    Bolah undagoo vaniyaa den nukiyanvynu… Aharunver bolah undaguvey ekamaku evahaka nudakameahnu…

  6. Mishko says:
    August 7, 2015 at 10:41 pm

    Bla bla

  7. maniu says:
    August 8, 2015 at 12:13 am

    salhi…..

  8. foohi says:
    August 8, 2015 at 10:10 am

    V.nice.. kobaatha bakurubege naseeb 3

  9. meekaail says:
    August 8, 2015 at 1:02 pm

    Wow this is Awesome

  10. maahy says:
    August 16, 2015 at 8:46 am

    v lwbi 🙂

  11. kiyuntheriyaa says:
    October 1, 2015 at 4:38 pm

    asarugadha reethi vaahak eh..

  12. Maahin (B-ee) says:
    October 2, 2015 at 3:07 pm

    Vvvvv asarugadha…. v loooobi

Comments are closed.



All Right Reserved!