” އަހަންނަށް ހީވަނީ ދިޔާން އަށްވެސް ލިލިއަން އަށް ވުރެ ރަނގަޅު ކުއްޖެއް ލިބިދާނެހެން.. އޭނައާއެކު އުޅެން ވެއްޖެނަމަ ތިފަރާތުގެ އަބުރާ އިއްޒަތްވެސް ވެއްޔާ މޮޑެވޭނީ.. މީހުން ހާދަ ފާޑު ފާޑު އެއްޗިއްސެއް ކިޔާނެ އޭ..” ހަދީޖާ ބުނެލިއެވެ.
ހަދީޖާގެ ވާހަކަތައް މަޑުޖެހުނީ އެދިމާއަށް އަންނަ މާޔާ ފެނުމުންނެވެ. މާޔާ ތަބަކެއްގައި ގެނައި ޖޫސްތަށިތައް ޖޯލިފަތި ކައިރީ ހުރި ފިލާ މޭޒުގައި ބެހެއްޓިއެވެ.
” ދެން ދޭބަލަ ބަދިގެ ފަރާތް ދޮށް ކުނިކަހާލާ ސާފުކޮށްލަން.. ” ހަދީޖާގެ ވާހަކަތަކުން މާޔާ އެތަނުން ފޮނުވާލަން މަސައްކަތް ކުރާކަން އޭނާއަށް ޔަޤީންވިއެވެ. މާޔާ ނުތަނަވަސް ކަމާއެކު ބަލާލީ ދިޔާން އަށެވެ. ދިޔާން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއާއެކު މާޔާވެސް ދިޔާންގެ އަތްމައްޗަށް އޭނާގެ މަންމަގެ ކަންކަން ދޫކޮށްލަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
” އަޅުގަނޑު އެއްވެސް އިރެއްގަ އެހެން މީހުން ހީކޮށްފާނެ އެއްޗަކަށް ނުވަތަ ދައްކަފާނެ ވާހަކައަކަށް ނުވިސްނަން.. އެގޮތަކަށް ބަލަން ވެއްޖެނަމަ ދުވަހަކުވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެ.. އަޅުގަނޑަކީ އަމިއްލަ ލޮލަށް ފެންނަ ފެނުމަށާއި އިވޭ އަޑުތަކަށް ބުރަވެ ގޮތް ނިންމާ މީހެއް.. އެގޮތަށް ބަލަންޏާ ލިލިއަންގެ ފަރާތުން އަޅުގަނޑަށް އެއްވެސް ގޯސްކަމެއް ނުފެނޭ.. އަޅުގަނޑަށް މައްސަލައެއްނެތް ދައްތަ ބޭނުން ނަމަ ކުލި ދައްކާ ގޮތަށްވިޔަސް… އަޅުގަނޑަށް އަނބުރާ އާދެވެންދެން ލިލިއަން މިގޭގަ ބަހައްޓާލަދީ.. މާޔާ ކައިރި ލިލިއަން ހުރުމުން އަޅުގަނޑަށް އެ ހިތްހަމަ ޖެހުން އިންނާނެ..” ދިޔާންގެ އަޑުގައިވަނީ އާދޭހެވެ.
” ކިހާވަރެއް..؟ ކިހާވަރެއް އަހަންނަށް ދޭން ކެރޭނެ ލިލިއަން ބަހައްޓައިދޭމަތިން..” ހަދީޖާގެ ހީލަތްތެރިކަން އެކުލެވޭ ބެލުން
ދިޔާން އާ އަމާޒުވިއެވެ. ލިލިއަން އަށް ޓަކައި ދިޔާން ފަހަނައަޅާ ދާ މިން ދެނެގަންނަން ބޭނުންވުމުގެ އިތުރުން ދިޔާންގެ ހުރި ފުދުންތެރިކަމެއް ބަލައިލަން ހަދީޖާ ބޭނުންވިއެވެ.
” ދައްތަ ބުނުއްވާ.. ބުނުއްވި އަގެއް ވަޤުުތުން ދޭނަން..” ދިޔާން އަވަސް އަވަހަށް ބުނެލިއެވެ. ލިލިއަންގެ ރައްކާތެރިކަމަށް މަދު ފައިސާކޮޅެއް ހޭދަކުރަން ޖެހުމަކަށް ދިޔާން ކަންބޮޑެއްނުވެއެވެ.
” ދުވާލަކަށް އެއްހާސްރުފިޔާއޭ ބުނެފިއްޔާއޯ..؟” ހަދީޖާ ސުވާލެއްގެ ގޮތުގައި އަހާލިއެވެ.
” އަހަންނަކަށް ހިޔެއްނުވެ އެއީ ބޮޑު އަދަދެއްހެންނެއް.. ލިލިއަން އާއެކު އަހަރެމެންވެސް އޭނާ އެހުރި ނުރައްކަލުގެ ތެރެއަށް ހުށައެޅޭނެ.. އަނެއްކާ ރަށު ތެރޭގަ އަހަރެމެންނޭ ކިޔައިގެން ދެކެވޭނެ ވާހަކަތަ..” ހަދީޖާ އޭނާ ބުނި އަދަދަކީ އެކަށީގެންވާ ވަރެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ދިޔާންގެ އަޑާއެކު ވާހަކަ ޖެހުނީ ހުއްޓާލާށެވެ.
” މައްސަލައެއްނެތް.. އަޅުގަނޑު މިވަޤުތު އެއަދަދަށް ރުފިޔާ ދޭނަން..” ދިޔާން ވަޤުތު ބޭކާރު ކުރާކަށް ނަހަދައެވެ. އޭނާ ފޯނެއް ކޮށްލުމާއެކު އެގޭގެ ދޮރުން ވަދެގެން އައީ އޭނާގެ ޕީއޭ އެވެ. ދިޔާން އަތަށް ޗެކް ބުކް ދިނުމަށްފަހު ޕީއޭ ގެއިން ނިކުމެގެން ދިޔައެވެ.
ވިހި ހާސް ރުފިޔާގެ ޗެކެއް ލިޔެ ދިޔާން އޭނާގެ ސޮއެ ކުރުމަށްފަހު ހަދީޖާއަށް ދިއްކޮށްލިއެވެ.
“މިއީ ދެހަފްތާގެ ކުލީގެ އިތުުރުން އަޅުގަނޑުގެ ފަރާތުން ތިކޮށްދޭ ކަންތަކަށް އިތުރަށް ދޭ އެއްޗެއް.. އެއްވެސް ސަބަބަކާ ހުރެ ދެ ހަފްތާއަށް ވުރެ ލަހުން އަޅުގަނޑަށް އާދެވިއްޖަނަމަ އިތުރު ރުފިޔާ ދައްކަ ދޭނަން.. އަޅުގަނޑަށް ރަނގަޅީ މި މުޢާމަލާތް އިތުރު ފަރާތަކަށް ނޭނގިއްޔާ..” ދިޔާން ހަދީޖާއާ ޗެކް ހަވާލު ކުރަމުން ބުނެލިއެވެ. ދެލޯ ބޮޑުވެފައި އިން ހަދީޖާއަށް އެއްފަހަރު އެ ޗެކަށް އަނެއްފަހަރު ދިޔާންގެ މޫނަށް ބަލައިލެވުނެވެ. އެފަދަ އަދަދެއް އޭނާ ބުނީ ހަމައެކަނި ދިޔާން ތަޅުވާލުމަށެވެ. އެހެނަސް ދިޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ހަރުދަނާކަށް ހަދީޖާ ހައިރާން ކޮށްލައިފިއެވެ.
އުމުރުން ފަންސަވީސް އަހަރުވީ އިރު ދިޔާންގެ ޙަޔާތުގައި އެފަދަ މުޢާމަލާތެއް ކުރުމަކީ އާ ކަމެއް ނޫނެވެ. ބަދަލުގައި އެއްޗެއް ބޭނުންނެތި ކަމެއް ކޮށްދޭނެ ފަދަ މީހުން ދުނިޔޭގައި އަތުން ގުނާލެވޭހާ މަދެވެ. އެއީ ދުނިޔޭގެ އާދަކަމުގައި ދިޔާން އަށް ޤަބޫލުކުރެވެއެވެ. ފަސޭހަ ދިރިއުޅުމަކަށް މުދަލާ ފައިސާ ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ފައިސާއިން ހުރިހާ އެއްޗެއް ނުގަނެވުނަސް ފައިސާއިން ގަނެވެން ހުރި އެއްޗެހި ބައިވަރެވެ. އެފަދަ ވަޤުތުތަކުގައި ކަންކަން ފައިސާ ބޭނުން ކޮށްގެން ނިންމާލުމަކީ ގޯސްގޮތެއްނޫންކަމުގައި ދިޔާން ދެކެއެވެ.
” މައްސަލައެއްނެތް.. ” ކަރުކެހިލަމުން ހަދީޖާވެސް ދެރަ ނުވާން ވެގެން ބުނެލިއެވެ. ހަދީޖާ އެއްބަސްވުމާއެކު ދިޔާން އަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ.
******
މާޔާއަށް އޭނާގެ މަންމައާއި ދިޔާން އާ ދެމެދު ދެކެވުނު ވާހަކަތައް ނޭނގުނު ނަމަވެސް ލިލިއަން އެގޭގައި ބަހައްޓަން މަންމަ އެއްބަސްވީތީ ނުހަނު އުފާވިއެވެ. ބަދިގެ ތެރޭގެ ކަންކަން ނިންމާލުމަށްފަހު އޭނާ ދިޔައީ ގެސްޓް ހައުސް އަށެވެ. ދިޔާން ފުރަންވާއިރަށް ނިންމަން ޖެހޭ ބައެއް ކަންކަން ހުރުމުން ގޮސްވީ ޕްރޮޖެކްޓުގެ މަސައްކަތް ކުރާ ސަރަޙައްދަށެވެ.
މާޔާ ކޮޓަރި ހުޅުވާލާފައި ވަތް އިރު ލިލިއަން އުޅެނީ ހޭލައިގެންނެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިން ލިލިއަން އިނީ ވިސްނުމަކަށް ގެއްލިފައެވެ.
” ލިން ހިނގާ އެއްޗެއް ކާލަން..” މާޔާ ލިލިއަންގެ ކައިރީ އިށީންނަމުން އެދުނެވެ. އެހެނަސް އެވަޤުތު އެއްވެސް އެއްޗެއް ކާހިތެއް ލިލިއަންގެ ނެތެވެ. ކާން މަސައްކަތްކުރިޔަސް އޭނާއަށް އެ އެއްޗެއް ހުސްނުކުރެވޭނެކަން ލިލިއަން އަށް އެނގެއެވެ. އެހެނަސް މާޔާގެ އެތައް އާދޭހަކާއެކު ލިލިއަން ޖޫސްތައްޓެއް ބޯލިއެވެ. އެއަށްފަހު އަނެއްކާވެސް ލިލިއަން އަށް އެނދުގައި އޮށޯވެލެވުނެވެ. އެއްވެސް ކަމެއްކުރާނެ ހިތްވަރެއް، ޢަޒުމެއް އޭނާގެ ގަޔަކު ނެތެވެ. އެއީ އެންމެ ރަނގަޅުގޮތް ނޫންކަން އެނގުނަސް ނުބައި ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ލިލިއަން އަށް ޖާގަދެވުނެވެ.
*******
މަސައްކަތުން އަވަދިވެގެން ދިޔާން އަށް ގެއަށް އާދެވުނު އިރު ރޭވެއްޖެއެވެ.
” ކޮބާ ލިލިއަން..؟” ދިޔާން ގެއަށް ވަދެވުމާއެކު ފުރަތަމަވެސް ސުވާލު ކުރިއެވެ.
” އެބައޮތް އެނދުގަ އޮށޯވެގެން.. މިއަދު ހަތަރު ދަމު އެއްޗެއްވެސް ނުކައި ޖޫސްތައްޓަކުން އެހުންނަނީ.. އަހަރެން ވަރަށް މަސައްކަތް ކޮށްފިން..” މާޔާ ވަރުބަލިވެފައިވާ އަޑަކުން ހާމަކުރިއެވެ.
” އިޓްސް އޯކޭ.. އަހަރެން އެބަ ބަލަން އެއްޗެއް ކާން ދެވޭތޯ..ތެންކިޔު..” މާޔާ އަށް ޝުކުރުވެރިކަމުގެ ބެލުމެއް ދިޔާން ހިއްސާކޮށްލިއެވެ.
ދިޔާން ކޮޓަރީގެ ދޮރުގައި ދެތިން ފަހަރަކު ޖަހާލިއެވެ. ޚަބަރެއް ނުވުމުން ވަންނަނީ ކަމުގައި ބުނެ ދިޔާން ދޮރު ހުޅުވާލިއެވެ. އެނދުގައި ކުރުގެޅިގެން އޮތް ލިލިއަން ދިޔާންގެ ލޮލުގައި އަޅައިގަތެވެ. އެ މަންޒަރުން އެކަނިވެސް ދިޔާންގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލި ފަދަ އިޙްސާސެއް ކުރެވިގެން ދިޔައެވެ.
” ލިލީ..” އެނދުގެ މަގަތުގައި އިށީންނަމުން ދިޔާން ގޮވާލިއެވެ. އޭނާއާ ފުރަގަސްދީގެން ލިލިއަން އޮތްނަމަވެސް އޮތީ ނިދާފައި ނޫންކަން ދިޔާން އަށް ޔަޤީންވެއެވެ.
” ދެން ތެދުވޭ އެއްޗެއްކާން.. ” ދިޔާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
” ކޯއްޗެއް ކާން ބޭނުންވަނީ.. ؟ އަހަރެން ލިލީ ކާން ބޭނުންވާ އެއްޗެއް ގެނެސްދޭނަން..” ދިޔާން ބުނެލިއެވެ. އޭނާއަށް ހަޤީޤަތުގައި ކަން ކުރަންވީ ގޮތެއް ނުވިސްނެއެވެ. ލިލިއަން ހިތްހަމަ ޖައްސަން ކުރާނެ ކަމެއް، ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. ލިލިއަންގެ ހިނިތުންވުން ދެކެން ބޭނުންވީ ނަމަވެސް އެކަމަށް ވަޤުތު ބޭނުންވާނެކަން ދިޔާން އަށް އެނގެއެވެ.
” ޔާން..” ދިޔާން އަށް އޭނާގެ ޚިޔާލުތަކުން ނިކުމެވުނީ ލިލިއަން ގޮވާލުމާއެކުއެވެ.
” ކީއްވެތަ މިހެންމިވީ..؟ އަހަރެންގެ ހުރި ހަމައެކަނި މީހަކީ މަންމަ.. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން ދެކުނީ އެއީ އަހަރެންގެ ހުރި ހަމައެކަނި އާއިލާ ކަމުގަ.. އެކަމަކު މިހާރު.. އަހަރެންގެ އެކަކުވެސް ނެތް.. އަހަރެން ކިހިނެތް ހަދާނީ..؟ ލިލިއަން ހިތާމައިގެ ސާލަކުން ބަނދެވިފައިވާ ފަދައެވެ.
” ލިލީ ތިހެން ނުވިސްނަބަލަ.. އަހަރެން މިހުރީނު.. ޔޫ ހޭވް މީ.. އޯލްވޭސް..” ދިޔާން ލިލިއަން އެނދުން ނަގާ ތެދުކުރަމުން ސީދާ އެދެލޮލަށް ބަލައިލިއެވެ.
ލިލިއަން އަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ދިޔާން ގައިގާ ބައްދައިގަންނަމުން ގިސްލާފައި ރޮވެން ފެށުނެވެ. މި ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވަމުން ދިޔައެވެ. މަންމަގެ ކުއްލި ވަކިވެ ދިޔުމާއެކު ލިލިއަން ވަނީ ނުހަނު އެކަނިވެރިވެފައެވެ. ދެމެދުގައި އޮތީ ގާތް ގުޅުމެއް ނޫންނަމަވެސް މަންމަ ވާނީ މަންމަ އަށެވެ. އެހިތުގައި މަންމައަށްޓަކައި ނުފިލާ ލޯބިވެއެވެ. މަންމަގެ އުޅުން އިސްލާހުކުރަން ލިލިއަން އެތައް ފަހަރަކު އެދުނީވެސް މަންމަ ދެކެ ލޯބިވާތީއެވެ. އެހެނަސް ތަޤުދީރުގައި ލިޔެވިފައިވަނީ އެހެންވާހަކައެކެވެ.
ދިޔާންގެ ކޮންމެ ޖުމްލައެއް ވެގެން ދިޔައީ ލިލިއަންގެ ހިތުގައި ފިރުމާލަދިން ފިނިފިނި ވައިރޯޅިއަކަށެވެ. ކޮންމެ ހާލެއްގައިވެސް ދިޔާން އޭނާއާއެކު ހުންނާނެއޭ އެހިތް ބުނެލިއެވެ. އެއާއެކު ދިޔާން އާ ވަކިވާންޖެހޭ ވަޤުތު ކައިރިވަމުން އަންނަކަން ސިކުނޑިއަށް ވެރިވުމާއެކު ލިލިއަން ވަކިން ހިތުގައި ޖެހޭ ގޮތްވިއެވެ. ދިޔާން ކައިރީ ނުގޮސް މަޑުކުރުމަށް އެދި ހިތުގެ ކަނަކުން އާދޭސްކުރަން ބޭނުންވި ނަމަވެސް އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް ވާކަށް ލިލިއަން ބޭނުމެއްނޫނެވެ.
******
” އަހަރެން އެނބުރި އަންނަންދެން ލިލީ ހުންނާނީ މާޔާއާއެކު އެގޭގަ އިނގޭ.. އިރާދަކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް ލިލީ ބަލާ އަންނާނަން.. ” ދިޔާން ލިލިއަންގެ ކަރުނަތައް ފޮހެލަދެމުން ކުލުންވެރިކަމާއެކު ބުނެލިއެވެ.
” އެކަމަކު.. ހަދީޖާއްތަ..” ލިލިއަން ހާސްވީ އޭނާ މާޔާއާއެކު އެގެއަށް އުޅެން ގޮސްފިނަމަ ހަދީޖާ ހިތްހަމަ ނުޖެހޭނެކަން ޔަޤީންވާތީއެވެ. މީހެއްގެ ރުޅިވެރިކަން އަމާޒުވެގެން އުޅުމަށްވުރެ ފަޅުގެއެއްގައި އުަޅެންވެސް ލިލިއަންގެ ހިތަށް މާ ފަސޭހަވާނެއެވެ.
” މާޔާގެ މަންމަ އޯކޭއޭ.. އަހަރެން ހަދީޖައްތަ އޯކޭ ކޮށްފިން.. ދެން އެކަމާ އެހާ ނުވިސްނާ.. މާޔާ ހުރީމަ ލިލީވެސް އެކަންޏެއް ނުވާނެ އެންނު..” ދިޔާން ބުނެލިއެވެ. އޭނާއާ ހަދީޖާއާ ދެމެދު ހިނގި މުޢާމަލާތް ދިޔާން ސިއްރުކުރިއެވެ. އެކަން އެނގިއްޖެނަމަ ލިލިއަން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރާނެކަން ދިޔާން އަށް އެނގެއެވެ.
**********
އެރޭ މާޔާގެ އެހީއާއެކު ލިލިއަން އެގެއަށް ބަދަލުވިއެވެ. އޭނާ ބޭނުން ކުރާ އެއްޗެހި ލިލިއަންގެ ގެއިން ދިޔާން އާއި ސަދޫފް ގެނެސްދިނެވެ.
ހުރިހާ ކަމެއްކޮށް ހަމަޖެހިލެވުމުން ދިޔާން ލިލިއަން އަށް ބަލައިލިއެވެ.
” މާޔާއާއެކު ކައްޗޭ.. މިއަދު ހަތަރު ދަމު ނުކައެންނު ތިހުރީ.. ޕްލީސް..” ދިޔާން ލިލިއަންގެ ކޯތާފަތުގައި ހިފަހައްޓާލަމުން އާދޭހާއެކު ބަލައިލިއެވެ.
ލިލިއަން ބޯ ޖަހާލީ އޭނާއާ މެދު ދިޔާން ހާސްކުރަން އިތުރަށް ބޭނުންނުވާތީއެވެ.
” ގުޑް ނައިޓް.. ” ގެއިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް ލިލިއަން އަށް ބަލާލަމުން ދިޔާން ބުނެލިއެވެ. ލިލިއަން ފަނޑު ހިނިތުންވުމެއް ދިޔާން އަށް ރައްދުކުރިއެވެ. މިރޭ މީ ދިޔާން ފެންނާނެ ފަހުރޭކަން އެވަޤުތުކޮޅުވެސް ލިލިއަންގެ ހިތަކުން ފޮހެެއެއް ނުލެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Varah reethi story ماشاءالله
Thank u mishka. V ufaavejje story kamudhiyaeema ?❤️
??
Thank you DevilBoy?❤️