ތި ސޫރަ ނޫން 25
* “މިޝަލް..” ހޮސްޕިޓަލް ސާފްކުރާ ބައިން މީހަކު ގޮވާލުމާއި އެކީގައި ސެނެޓައިޒަރ ފުޅިއެއް ހިފައިގެން ހުރި މިޝަލް އެނބުރުނެވެ. “ވަރަށް އަވަހަށް ބައްދަލުވުން ބާއްވާ ރޫމަށް..” އެމީހާ އެހެން ބުނެލާފައި ދިޔައީ އެކޮޅަށެވެ. މިޝަލް ދެއަތް ފޮހެލާފައި ލިފްޓަށް އެރިއެވެ. “ކީކޭތޯ..؟” މިޝަލް އެތެރެއަށްވަދެ އަދަބުވެރިކަމާއި އެކީގައި އަހާލިއެވެ. “އެކޮޅު ރަށުގެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސަޕްލައިސް ފޮނުވާއިރު ދާ ޓީމްގައި ހިމެނުނު ވާހަކަ އަންގާލަންވެގެން..” ގޮނޑީގައި އިށީނދެގެން އިން ފިރިހެން މީހާ ބުނެލައިފިއެވެ. މިޝަލް އިތުރު އެއްޗެކޭ ނުބުނެ ބޯޖަހާލިއެވެ. ފުރުން އޮންނާނެ ދުވަހަކީ މާދަމާކަމަށް އަދި އިތުރު މައުލޫމާތު ވައިބަރގައި ހިއްސާކުރާނެ ވާހަކަ ބުނުމުން މިޝަލް އިޒުނައަށް އެދިފައި އެތަނުން ނުކުމެގެންދިޔައެވެ. *
ހަވީރުގެ ހިތްފަސޭހަ ވަގުތުން ރޭގަނޑުއަތަށް އަޅާލި ވަގުތެވެ. މިއަލް ހުރީ އަތްފައިފިނިވާގޮތްވެފައެވެ. އެރެއަކީ ޝަފްވާން އޭނައަށް ދައުވަތުދިން ރެއެވެ. ހޮނިހިރު ދުވަހުގެ ރެއެވެ. ދޭތެރެދޭތެރެއިން މިއަލްއަށް ގަޑި ބަލާލެވެއެވެ. ގަޑި ހިނގާލެއް އަވަސްވީހެންވެސް މިއަލްއަށް ހީވެއެވެ. ނުތަނަވަސް ވެފައިވާވަރުންނެވެ. މިހާރުވެސް ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެމުން ދިޔައިރު އަދި ޝަފްވާން ފެނުމުން އޭނައަށް ވާނެވަރު އަންދާޒާ ކޮށްލަންވެސް މިއަލްއަށް ދައްޗެވެ. ދެއަތްދެއަތާއި މޮޑެމުން މިއަލް ކަޅުކުލައިގެ ހެދުމެއް ނެގިއެވެ. އެ ހެދުން އިސްތިރި ކުރިއިރުވެސް އަތް ތުރުތުރުލާވަރުން އިސްތިރިކޮށް ނިމުނީވެސް ކުރިއާއި ބަލާފައި ލަހުންނެވެ.
“ފުރުން ވަނީ އާދީއްތަ ދުވަހު ހަވީރަށް ލަސްކުރެވިފައި.. ތޭންކްގޯޑް..!” މިރޭ ޝަފްވާން ކައިރިއަށް ނުދެވިދާނެތީ ދެރަވެފައި ހުރި މިޝަލްއަށް ވައިބަރ އިން އެ މެސެޖް ފެނުމުން އުފަލުން ފުންމައިގަނެވުނެވެ. ނިކަން ހަމަޖެހިލައިގެން މިޝަލް މަޑު ރީނދޫކުލައިގެ ޖޮގަރ ސްވެޓްޕޭންޓްސްއަކާއި ގަޔަށްދޫ ޓީޝާޓެއްލިއެވެ. އިސްތަށިގަނޑުގައި ދައްޗެއް ޖަހާފައި މިޝަލް ކަޅު އަވިއައިނަކުން ލޯ ފޮރުވާލިއެވެ. ފެންނަން ހުރި އިސްތަށިތައް ރީތިކޮށްލާފައި މިޝަލް އޭނާގެ ބޮޑު އަތްދަބަސް އަޅުވާލައިގެން ބޭރަށް ނުކުތެވެ. ފުރުމުގެ ކުރިން ބޭނުންވެދާނެ ބައެއް އެއްޗެހި ގަނެ ހަމަކުރުމަށެވެ. އެކިއެކި ފިހާރަ ބަލަމުން މިޝަލް ގޮސް ވަނީ ޒައިހާންގެ ފިހާރައަށެވެ. ސެޓިސްފައިޑް ފިހާރައިގެ އެއްވަނަ ގޮތްޕަށެވެ. ނުވަދެ މިޝަލްއަށް ނުހުރެވުނީއެވެ. އެތަނުގައިވެސް އެތައް ހަނދާނެއް ވާތީއެވެ. މިޝަލް ފޯނު ނަގާ ބަލާލީ ޝަފްވާންގެ ފޮޓޯއަކަށެވެ. ދެމީހުން ވަކިވުމުގެ ކުރިން ނަގާފައިވާ ފޮޓޯއެކެވެ. ހަމައެކަނި ޝަފްވާންގެ ފޮޓޯއެކެވެ. އެއަށް ބަލަމުން ހެވިފައި ހުރެ މިޝަލް އެތެރެއަށް ވަންނަން ފައިނެގި ވަގުތަކީ ބޭރަށް ނުކުންނަން ޔައުލާން ފައި އެޅި ވަގުތެވެ. ކުރިމަތީ ހުރި ޔައުލާން ފެނި އަތަކަށް ގުޑިލަންވެސް މިޝަލްއަށް ނޭނގުނެވެ. މޫނުން ބައެއް ފެންނަން ނެތްތަނުގައި ޔައުލާންއަށް އޭނަ ފާހަގަވެދާނެތީ މިޝަލްގެ ހިތްބިރުގަތެވެ. ”ޕިސްޕިސް.. އަނެއްކާވެސް…” ކޮތަޅު ދޫވުމުން ޔައުލާން ބޯހޫރާލާފައި މިޝަލްގެ މޫނަށް ބަލާލިއެވެ. އަވިއައިނުގެ އަޑިންވެސް މިޝަލްގެ ދެލޯ މުދުނަށް އަރާފައި ވާކަން ޔައުލާންއަށް ފާހަގަވިއެވެ. އެހެންކަމުން ޔައުލާން އެއްބުމަ އަރުވާލާފައި މިޝަލްއަށް ރަނގަޅަށް ނަޒަރެއް ދިނެވެ. ފައިން ފެށިގެން މައްޗަށް ދަމުން ދަމުން ގޮސް ޔައުލާންގެ ދެލޯ ހުއްޓުނީ މިޝަލްގެ މޫނަށެވެ. މިޝަލްގެ މޫނު ހުދުވިއެވެ. ދާކޮންމެތަނަކުން ޔައުލާން ފެންނަން ޖެހޭހެއްޔެވެ.؟ އިންތިހާއަށް ޔައުލާންގެ މަތިން ހަނދާންވިޔަސް މިޝަލްއަށް ހިތާހިތުން އެއްޗެހި ކިޔުނެވެ.
“އެކްސްކިއުޒް މީ..” ދެމީހުންވެސް ސިހުނީ ބޭރަށް ނިކުންނަން އައި ކަސްޓަމަރެއްގެ އަޑުންނެވެ. “ސޮރީ..” ދެމީހުންވެސް އެއްކައިރިއަކަށް ޖެހުނެވެ. އެމީހާ ނުކުތްހާ އަވަހަކަށް މިޝަލް އިސްއޮބާލާފައި ފިހާރައަށް ވަންނަން ހިނގައިގަތެވެ. އެވެސް ޔައުލާންއަށް ވަގު ނަޒަރެއް ދީފައެވެ. ޔައުލާން ހުރީ ވައިލެޓް ކުލައިގެ ގަމީހެއް ލައިގެންނެވެ. އެ ހަށިގަނޑު އިހަށްވުރެ ވަރުގަދަ ވެފައިވާތީ ގަމީސްވަނީ ފުދޭވަރަކަށް ގަޔަށް ހިފާފައެވެ. އުޅަނބޮއްޓާއި ހަމައަށް އަތްކުރި އޮޅާލާފައިވާއިރު އަޑިން ލައިގެން ހުރި ފަޓްލޫނާއި ގަމީސް ވަނީ ބެގީކޮށްފައެވެ. އަތުގައި ގަޑިއެއް އަޅާފައިވެއެވެ. ގަޑި އާއި އެކީގައި އޮތް އަތުގައިއަޅާ އެތިކޮޅު ފެނިފައި މިޝަލްގެ ހިތުގައި ރިއްސާލިއެވެ. ފުރުސަތަކަށް ބަލަބަލާހުރި ޔައުލާން މިޝަލްގެ މުލައްދަނޑީގައި ހިފިގޮތަށް މިޝަލް ފާރާއި ދޭތެރޭ ހައްޔަރު ކޮށްލިއެވެ. އެމޫނުމަތިން ޔައުލާން ދަންނަ ވައްތަރެއް ޖަހާތީއެވެ. މިޝަލްގެ ހިތްތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. “އަނެއްކާ ޔުއެލްއަށް އެނގުނީބާ..؟” އެހެން ހިތަށް އެރުމާއިއެކީ މިޝަލް އަވަހަށް ޔައުލާންގެ އަތް ފޮޅުވާލިއެވެ. އެވަރުންވެސް ޔައުލާން މިޝަލް ދިޔަކަ ނުދިނެވެ. “ތިއީ ކާކު..؟” މިޝަލްއަށް ބަލަން ހުރެހުރެފައި ޔައުލާން އެންމެފަހުން އެއްސެވެ. މިޝަލްއަށް ބަހެއް ބުނާކަށް ނުކެރުނެވެ. އަޑުންވެސް ޔައުލާންއަށް މިޝަލް އަކީ މިލީންކަން ވަކިވެ އެނގިދާނެތީއެވެ. “ތީ ކާކުހޭ..؟؟” ޔައުލާންގެ އަޑުގައި ހާސްކަމާއި އެކީގައިވީ ރުންކުރުކަން ފާހަގަވުމުން އިޚްތިޔާރުން ބޭރުގައި މިޝަލްއަށް އިސްއުފުލާލެވުނެވެ. ޔައުލާންއަށް މިވަނީ ކިހިނެތް ވެފައި ހެއްޔެވެ.؟ މިއީ އޭނަ ދަންނަ ޔުއެލްއެއް ނޫނެވެ. އަބަދުވެސް ސަމާސާ މޫޑެއްގައި ހުންނަ ޔައުލާން ބަދަލުވެފައިވާވަރު ފެނިފައި މިޝަލްގެ ހިތުގައި ޖަވާބެއް ނެތް އެތައް ސުވާލެއް އުފަންވާން ފެށިއެވެ. “ތީ……” ޔައުލާންގެ ނޭފަތުގައި ވަހެއް ޖެހުނެވެ. ނުބައި ވަހެއް ނޫނެވެ. މިޝަލް ޖަހައިގެން ހުރި ސެންޓާއި އިސްތަށިގަނޑުގައިވާ ޝޭމްޕޫ ނުވަތަ ކޮންޑިޝަނަރ އިން އެރި ވަސް މަސްހުނިވެގެން އެރި ވަހެވެ. އެއީ ޔައުލާންގެ ނޭފަތަށް އާދަވެފައިވާ ވަހެކެވެ. ޔައުލާން އިތުރަށް މިޝަލް އާއި ގާތަށް ޖެހިލިއެވެ. އަދި މިޝަލްގެ ކަނދުރާ އާއި ހަމައަށް ގުދުވެ ނޭފަތް ދަމާލިއެވެ. ކުރެވެނީ ކިހާ ފާޑެއްގެ ކަމެއްކަން އެވަގުތު ޔައުލާންއަށް އިހުސާސެއް ނުވެއެވެ. މިޝަލްގެ ގައިގައި ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ދެލޯ ކުރިއަށްވުރެ ބޮޑުކޮށްލާފައި މިޝަލްއަށް ބަލާލެވުނީ ޔައުލާންއަށެވެ. ކުރިންވެސް މިޝަލް ޔައުލާންގެ ގައިގައި ބައްދާލާ އުޅޭތީ އެކަން އެހާ އާކަމަކަށް ނުވިޔަސް މިފަހަރު މިޝަލްގެ ހިތަށް ލޮޅުން އަރައިގެން ދިޔައީ އާދަޔާޚިލާފް ގޮތަކަށެވެ. ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލާފައިވެސް އެކަން ކުރާކަށް މިޝަލްގެ ހިތެއް ނޭދުނެވެ. އެކަމުން ޔައުލާންގެ އަގު ވެއްޓިދާނެތީއެވެ.
“ލީން..” މިޝަލް އާއި ތަންކޮޅެއް ކައިރިވެލުމުން އެ ވަސް ދެނެގަންނަން ޔައުލާންއަށް ދައްޗެއް ނުވިއެވެ. އެއީ ހަމަ މިލީންގެ ގައިން ދުވާ ވަހެވެ. ޔައުލާން އަދި ދެފަހަރަކު ވަސްގަނެލައިފިއެވެ. ޔައުލާންއެކޭ ބުޅަލެކޭ ތަފާތެއް ނެތެވެ. މިޝަލް ލަދުގަންނަގޮތްވިއެވެ. އަނެއްކާ އޭނަގެ ގައިން ނުބައި ވަހެއް ދުވަނީ ހެއްޔެވެ.؟ އެހެން ހިތަށް އެރުމާއި އެކީގައި މިޝަލްއަށްވެސް އަމިއްލަ ގައިން ވަސް ބަލާލެވުނެވެ. ނޫނެކެވެ. އޭނަގެ ގައިން ދުވަނީ ހަމަ އާދައިގެ މީރު ވަހެކެވެ. އެހެންވެއްޖެނަމަ ޔައުލާން މި އުޅެނީ ކިހިނެތް ވެގެންބާވައެވެ.؟ މިޝަލްގެ ކަނދުރާ ކައިރިން މޫނު ދުރުކޮށްލާފައި ޔައުލާން ނުހަނު ކައިރިން މިޝަލްގެ މޫނަށް ބަލާލިއެވެ. ޔައުލާންގެ ދެލޯ ބޮޑުވެގެންދިޔަ މަންޒަރު ފެނުމުން މިޝަލް ދާހިއްލަން ފެށިއެވެ. އަދި އޭނަގެ އާ ‘އައިޑެންޓިޓީ’ އެކަކަށްވެސް ފަޅާއަރާކަށް މިޝަލް ބޭނުމެއް ނުވެއެވެ. މިވަރުން ކަންކަން ދަންޏާ އޭނައަކީ މިލީންކަން ޔައުލާންއަށް އެނގެން މާއިރެއް ނުނަގާނެއެވެ. ކުޑަކޮށް ގުދުވެފައި މިޝަލް ޔައުލާންގެ އަތްދަށުން ސަލާމަތްވެ ދެވުނުހާ ބާރަކަށް ގޮސް ފިހާރައަށް ވަނެވެ.
މިޝަލްގެ ހިތަށްވުރެ ބާރަށް ތެޅެމުން ދިޔައީ ޔައުލާންގެ ހިތެވެ. ވާނީވެސް އެހެންނެވެ. މިލީންގެ ހުންނަގޮތަށް ވާތު ބުމައިގެ އިސްތަށިތަކުން ނިވާވެފައިވާ ކަޅުތިލައެއް ހަމަ މިޝަލްގެ ވާތު ބުމަ ދަށުގައިވާހެން ޔައުލާންއަށް ހީވާތީއެވެ. “ޔައުލާން… ވޭކް އަޕް.. ގެޓް އަ ހޯލްޑް އޮފް ޔުއަރސެލްފް.. ޝީ އިޒް ގޯން..” ޔައުލާންގެ ހިތް ބުނަމުން ދިޔައެވެ. އާނއެކެވެ. މިލީން މަރުވެއްޖެއެވެ. ޔައުލާން އާއި ވަކިވެއްޖެއެވެ. އަދިވެސް އެ ހަގީގަތް ގަބޫލުކުރަން ޔައުލާންގެ ހިތް ނޭދެނީއެވެ. ނަމަވެސް އެކުއްޖާގެވެސް މިލީންގެ ކަޅުތިލަ ހުންނަހެން ހުރިތޯ ބަލަން ޔައުލާން ކޮންމެހެންވެސް ބޭނުންވިއެވެ. އެކަން ވާންއޮތީ އެންމެ ގޮތަކުންނެވެ. އެއީ ފުރަތަމަވެސް ޔައުލާންގެ ހިތަށް އެރިގޮތެވެ. ޔައުލާން އަނެއްކާވެސް ފިހާރައަށް ވަނެވެ. ފިހާރައަށް އައީ އަލީސާ ބުނެގެން ހަވާދު ޕެކެޓަކާއި ޓޮމާޓޯ ދަޅެއް ގަންނަންކަންވެސް ޔައުލާން ހަނދާނުން ކައްސާލިއެވެ. އަތުގައިވާ ކޮތަޅުތައް ކައުންޓަރުގައި އިން ކުއްޖާއަށްދީފައި ޔައުލާން ވަގު ފިޔަވަޅުތަކެއް ގައި ކުރިއަށް ހިނގައިގަތެވެ. ދަޅު ތަކެތި ހުރި ބައިގައި މިޝަލްއެއް ނެތެވެ. ލުއިކާނާތައް ހުރި ބައިންވެސް މިޝަލްއެއް ނުފެނުނެވެ. ޔައުލާން ހިނގަމުން ގޮސް ދެން އެޅީ ނޫޑްލިސް އަދި ސްޕެގެޓީ ފަދަ ތަކެތި ހުރި ބަޔަށެވެ. އެތަނުގައި މިޝަލް ހުރުމުން ޔައުލާންގެ ގަޔަށް ހީވީ ކަށްޓެއް ޖެހިހެންނެވެ. އަވަހަށް އެތަނުގައި އެލުވާފައިވާ ބިސްކޯދުތަކަކާއި ޔައުލާން ނިވާނުވިނަމަ އިސްއުފުލާލި މިޝަލްގެ ލޮލުގައި އޭނަ އަޅައިގަތީހެވެ. މީހަކު ހުރިކަމުގެ އިހުސާސްވެގެން ބަލާލި މިޝަލްއަށް އެކަކުވެސް ނުފެނުމުން އޭނަ ބަލަން ހުރި ރަމެން ކަޕްތައް ބެލުމައިގެން ކުރިއަށް ދިޔައެވެ. މިޝަލް އަގު ކަނޑަން ދިޔުމުގެ ކުރިން ޔައުލާން ދުވެފައި ކަހަލަ ގޮތަކަށް އެންމެ އެކޮޅުގައިވާ ބަޔަށް ގޮސް ރޭޒަރ ޕެކްއެއް ނެގިއެވެ. އަދި އަވަހަށް އެ ގަނެފައި ބޭރަށް ނުކުމެ ކުރިންވެސް ހުރި ތަނުގައި ހުއްޓުނެވެ. ތިރީގައި ވެއްޓިފައި އޮތް މިޝަލްގެ ފޯނު ފެނުމުން ޔައުލާންގެ ބޮލަށް އިހުނަށްވުރެވެސް ރަނގަޅު ޚިޔާލެއް އައެވެ. ފޯނު ލޮކްވެފައި އޮތްކަންވެސް އެއީވެސް ނަސީބެކެވެ. ނުވަތަ ޔައުލާންއަށް މިޝަލް ބަލަން ހުރި ޝަފްވާންގެ ފޮޓޯ ފެނުނީހެވެ.
މިޝަލްގެ ފޯނު ޖީބަށް ލާފައި ޔައުލާން އަތުގައި އޮތް ރޭޒަރަށް ބަލާލިއެވެ. “އޯހް ގޯޑް… އޭމް އައި ދެޓް ޑެސްޕްރޭޓް..؟” ކުރަން މިއުޅެނީ ނުހަނު އުނދަގޫ އަދި އެކަމަކުން މިޝަލްގެ ރުޅި އުޑުން މައްޗަށް އަރާނެހާ ބޮޑު ކަމެއްކަން އެނގޭތީ ޔައުލާން ޝަހާދަތް އިނގިއްޔާއި މެދުއިނގިލި ނިތްކުރީގައި ޖައްސާލާފައި ފުން ނޭވާއެއް ލިއެވެ. އަދި އެކަން ކުރާނީކަމަށް ޔައުލާން ނިންމިއެވެ. އެ އަންހެން ކުއްޖާ އަކީ ހަމަ މިލީން ކަމުގައި ވެދާނެއެވެ. މިލީންގެ އަނދާފައިވާ ހަށިގަނޑު އޭނައަށް ފެނުނު ނަމަވެސް… އެއީ ހަމަ މިލީންއަށް ވުމުގެ ފުރުސަތު އެބައޮތެވެ. ޔައުލާން ހަށިފުރާ ނޭވާއެއް ލިއެވެ.
މިޝަލް އޭނައަށް އެންމެ ކަމުދާ ވައްތަރުގެ ކުޅިކަމުން ލޮލަށް ފެން އަންނަހާވަރުގެ ރަމެން ކަޕްތަކެއް ގަނެގެން ނުކުތެވެ. އެއްއަތުން ކޮތަޅު ހިފައިގެން އަނެއް އަތުން ތަޅުދަނޑި އަނބުރަމުން ހިނގައިގަތް މިޝަލްގެ ފިޔަވަޅުތައް މަޑުޖެހުނީ އަތް ހޫރުވަމުން ދިޔަ ޔައުލާން ފެނިފައެވެ. ޔައުލާންގެ އަތުގައިވާ އޭނަގެ ފޯނު ފެނިފައި މިޝަލް ނޭވާލާންވެސް ހަނދާން ނެތުނެވެ. އަނެއްކާ ޔައުލާންއަށް ޝަފްވާންގެ ފޮޓޯ ފެނުނު ހެއްޔެވެ.؟ ނުވަތަ އެނޫން އެއްވެސް އެއްޗެއް ފެނުނު ހެއްޔެވެ.؟ އޭގައި ކުރީގެ ފޮޓޯތައްވެސް ވާނެތީ މިޝަލްގެ ނިތްކުރިން ދާތިކިތައް ފާޅުވާން ނެގީ މިނެޓެކެވެ. ރަމެންކަޕްއަކާއި ރަމެންކަޕްއެއް ނުބަލާ މިޝަލް އަޅާއިތިކޮށް ދުއްވައިގަތެވެ. ހިނދުކޮޅަކަށް އޭނަ އަކީ މިލީން ނޫންކަންވެސް މިޝަލް ހަނދާންނެތުނެވެ. ޔައުލާން އަވަހަށް މީހުން މަދު ހިސާބަށް ގޮސް މަޑުކުރީ ރޭޒަރު އަތަށް ހެޔޮވަރު ކޮށްލަމުންނެވެ. އެ ވަގުތު ޔައުލާންގެ އަތުގައި އޮތީ ވަޅިއެއް ނަމަ ފިލްމުތަކުން ދައްކާ މީހުން މަރާ މީހަކާއި ނުލާހިކު ވައްތަރުވީހެވެ.
މިޝަލް ދުވެފައި ގޮސް ޔައުލާން ހުރި ގޯޅިއަށް ވަނެވެ. ދެކަކުލުގައި އަތް ޖައްސާފައި މިޝަލް އިހަށް މަޑުކުރީ ނޭވާ ކުރުވާގޮތްވެފައި ހުރުމުންނެވެ. “ގެ.. ގެނޭ..” ވާހަކަދެއްކުންވެސް އުނދަގޫވެގެން މިޝަލް އަތް ނަގާ ގެންނާށޭ ބުނާ އުސޫލުން އިޝާރާތް ކޮށްލިއެވެ. އެވަރުންވެސް ޔައުލާން ފޯނު ނުދިނުމުން މިޝަލްގެ ގާތަށް ރުޅި އަންނަގޮތްވިއެވެ. “ދެންން ޔޫއެލްލާން…!” މިޝަލް ކުސްތަޅާލިއެވެ. ޔައުލާންގެ ދެލޯ ބޮޑުވިއެވެ. ފުރަގަހަށްލައި ފޮރުވައިގެން ހުރި ރޭޒަރުވެސް އަތުން ދޫނުވީ ކިރިޔާއެވެ. ޔައުލާންއަށް ވީގޮތް ފެނިފައި މިޝަލްއަށް ބުނެވުނީ ކީކޭކަން ރޭކާލިއެވެ. “ޝޫޓް..!!” ލޭއަންނަވަރަށް މިޝަލް ތުންފަތުގައި ދައިގަތެވެ. އެއީ ޔައުލާންދެކެ ރުޅިއައިސްފިނަމަ މިލީން ޔައުލާންއަށް މުޚާތަބުކޮށް އުޅޭ ނަންތަކުގެ ތެރެއިން ނަމެކެވެ. ޝޮކެއް ޖެހިފައި ހުރެ ނަމަވެސް ޔައުލާން މިޝަލްގެ ދެއަތް އެއްއަތުން ހިފޭއްޓިއެވެ. އަދި ފަޅި ސިކުންތެއްވެސް ލަސްނުކޮށް މިޝަލްގެ ބުމައިގައި ރޭޒަރުން އަޅާލައިފިއެވެ. ޔައުލާންގެ އަތް ތިރިކޮށްލި ވަގުތު މިޝަލްގެ އައިނުވެސް ވެއްޓި ދެލޯވެސް ހާމަވިއެވެ.
ޔައުލާން މިކުރިކަމުން މިޝަލްގެ ހާސްކަމުގެ މައްޗަށް ރުޅި އިސްވިއެވެ. “ވަޓް ދަ އެކްޗުއަލް……..” މިޝަލް ޖުމްލަ ފުރިހަމަ ނުވީ ކަރުނަތައް ގިނަވި ޔައުލާންގެ ދެލޯ ފެނިފައެވެ. “ލީން..” ޔައުލާން އެ ނަމުން މުޚާތަބު ކުރުމުން މިޝަލްގެ ހިތަށް ނުބައި ގޮތެއްވިއެވެ. ނަމަވެސް އެ ޝުއޫރުތައް ފޮރުވާލަމުން އަވަހަށް ރުޅިއައިކަމަށް ހެދިފައި މިޝަލް ބުމައިގައި އިނގިލި ކާއްތާލިއެވެ. ޔައުލާންގެ މަގުސަދު މިޝަލްއަށް އެނގުނެވެ. ނުފެންނާތީ އެތަނުގައި ކަޅުތިލައެއް ހުންނަކަން މިޝަލް ހަނދާނެއް ވެސް ނެތެވެ. ޔައުލާން އެ ކުޑަކުޑަ ކަޅުތިލައިގެ މިންވަރުވެސް ހަނދާން ހުރުމުން މިޝަލް ހައިރާންވެ އަންތަރީސްވިއެވެ. ”ލީން..” ޔައުލާންއަށް އެނޫން ނަމެއް ނުކިޔުނެވެ. “ކޮން ލީންއެކޭ ކިޔާކަށް..؟ ކީއްތަ ތިކުރީ..؟ އަހަރެން މީ ތި ކިޔާ ލީންއެއް ނޫނޭ.. ކަމެއް ކުރުމުގެ ކުރިން ކާކުތޯ ބަލާލިނަމަ.. މަގޭ ބުމަވިއްޔަ…” ކިތަންމެ ހަރުކަށި އަޑަކުން އެހެން ކިޔޭތޯ ބެއްޔަސް މިޝަލްގެ އަޑު ކުރަކިވިއެވެ. ނިކަން ގަދަ ރުޅިއެއް އައިކަމަށް ހެދިފައި ބިންމަތީގައި ދެފައި ތަޅަމުން މިޝަލް އަވަހަށް އެތަނުން ހިނގައިގަތީ އިތުރަށް ނުހުރެވިދާނެހެން ހީވުމުންނެވެ. ކަރުނުން ފުރެމުންދިޔަ ޔައުލާންގެ ދެލޯ ދެކެން ކެތެއް ނުވާނެއެވެ. އެތަނުގައި އޭނަ މަޑު ކޮށްފިނަމަ ޔުއެލްއޭ ކިޔާ ޔައުލާންގެ ގައިގައި މިޝަލްއަށް އޮޅުލައިގަނެވިދާނެއެވެ.
ހަވާދުޕެކެޓާއި ޓޮމާޓޯ ދަޅުގެ އިންތިޒާރުގައި ހުރި އަލީސާއަށް އެ ލިބުނީ ޔައުލާން ފޮނުވިތާ ބައި ގަޑިއިރު ފަހުންނެވެ. ލަސްވުމުން ސަބަބު އަހަން އުޅެފައިވެސް އަލީސާ ޔައުލާން ކޮޓަރިއަށް ފޮނުވާލީ އެ މޫނުމަތީގައިވާ ހިތާމަ ފެނިފައެވެ. ޔައުލާން ބޭނުންވަނީ އެކަނިވެލަންކަން ޔަގީންވުމުންނެވެ.
އެނދަށް ބަންޑުން ވެއްޓިގަތްގޮތަށް ޔައުލާން ދެފައި ތަޅައިގަތެވެ. ބުޑުން އުފުރައިގެންދާހާ ބާރަށް އިސްތަށިގަނޑުގައި ހިފައިގެން އޮވެ ޔައުލާން ދެލޯ މަރާ ފިއްތާލިއެވެ. އަދި ތަކުރާރުކޮށް އަމިއްލަ ނަފްސާއި ޖަވާބު ޔަގީންނުވާ އެއް ސުވާލެއް ކުރިއެވެ.
“އެއީ ލީންއެއް ނޫންތަ..؟؟؟؟”
“ލަސްވަނީއޭ..!!” ސޯފާގައި ސިކުންތު ކަށްޓަށް ބަލަން އިނދެއިނދެފައި ނުހުރެވިގެން އެންމެފަހުން އަހުނަފް މިއަލްގެ ކޮޓަރިއަށް ވަނެވެ. އަށެއް ޖެހުމުގެ ކުރިން ތައްޔާރުވީ ކުއްޖާ ބޭރަށް ނިކުންނަގޮތަށް އެއްޗެއް ހަނދާން ނެތިގެން ނުވަތަ އިސްތަށިގަނޑު ހަޑިވެގެން ނުވަތަ ހެދުން ނޫނީ އެހެންކަމެއް ކަމުނުގޮސްގެން ކޮޓަރިއަށް ވަންނަމުންދާތާ މިހާރު ގަޑިއިރެއް ވާން ކައިރިވަނީއެވެ. ނުވައެއް ޖަހަން ދިހަ މިނެޓަށްވީއެވެ. “އެލް.. ދާގަޑި ޖެހިއްޖެ.. ތަނޫވެސް މިހާރު ފަސް ފަހަރަށް ގުޅައިފި..” އެނދުގައި ދެފައިވަށްކޮށްލައިގެން ނިޔަފަތި ހަފަން އިން މިއަލް އާއި މުޚާތަބުކޮށް އަހުނަފް ބުނެލިއެވެ.
ކަޅުކުލައިގެ ކިއުލާޓް ޖަމްޕްސޫޓް އަކާއި ރަންކުލައިގެ ވަދެއް ލާފައިވާ ކަޅު ފައިވާނުގައި މިއަލް ފެންނަލެއް ނުހަނު ރީއްޗެވެ. އުނަގަނޑާއިވީ ދިމާލުގައި ޑަބްލް ރިންގް ބަކްލް ބެލްޓެއް އަޅާލާފައިވީއިރު ރިންގްތައް ހުރީ ރަންކުލައިގައެވެ. އިސްތަށިގަނޑުގައި ހުރީ ހުޅިއެއް ޖަހާފައެވެ. އައިލައިނަރ އަދި މަސްކަރާ ފަދަ ތަކެއްޗަކީ މިއަލް ދުރު ތަކެއްޗެވެ. ނަމަވެސް އެހެން ރޭތަކާއި ޚިލާފަށް ތުންފަތުގައި މަޑު ރަތްކުލައިގެ ލިކުއިޑް ލިޕްސްޓިކްއެއް ޖައްސާލާފައިވާތީ ތަންކޮޅެއް ތަފާތުކަމަށް ދައްކައެވެ. މިރޭ މިއަލް ރަންޏެއްހާ ރީތިނަމަވެސް މިއަލްއަށް އެކަން ރޭކައެއްނުލައެވެ. ހެދުމާއި ހުރިހާ އެއްޗެއް ރީތި ނަމަވެސް ނިކުންނަ ކޮންމެފަހަރަކު ބަހަނާއެއް ދައްކާފައި އަނބުރާ ކޮޓަރިތެރެއަށް ވަންނަނީ ދާން ނުކެރިގެންނެވެ. އޭރު އަތްފައި ފިނިވެގެންގޮސް މިއަލް ގަނޑުވަނީއެވެ. މިއީ ދުވަހަކުވެސް ކުރެވިފައިވީ އިހުސާސެއް ނޫންކަމުން އެ އިހުސާސް މިއަލް ބިރުގަންނަވަނީ އެހެނެއް ބަލާފައެއް ނޫނެވެ.
އަހުނަފާއި އެކީގައި ކާރަށް އެރިއިރު މިއަލް އިނީ މަގުންދާހާ ދުއްވާ އެއްޗަކަށް ގެއްލިފައެވެ. މިރޭ ގިޓާރ ލިބޭތީ ވާ އުފަލަށްވުރެ ޝަފްވާން ފެންނަން އުޅޭތީ ވާ އުފާ މާ ބޮޑުހެން ހީވުމުން މިއަލްއަށް ރަކިފާޑަކަށް ހީނލެވުނެވެ. އެމަންޒަރު ފެނުމުން އަހުނަފް ގާތަށްވެސް ހިނިއައެވެ. އަދި ހިތާހިތުން އޭނަގެ މޮޅުކަމަށް ތައުރީފް ކުރިއެވެ. މާކުރިންސުރެވެސް އަހުނަފަށް ވަނީ މިއަލް ޝަފްވާން އާއި ގަޔާވާކަމަށް ޝައްކު ކުރެވިފައެވެ. މިއަލް ސީދާސީދާކޮށް ނުބުންޏަސް އެހިތުގައިވަނީ ޝަފްވާންގެ ނަންކަން މިއަލްގެ މޫނަށް ބަލާލާފައި އެކަނިވެސް އަހުނަފަށް މިރޭ އެބަ އެނގެއެވެ. މިއަލް އިތުރަށް ލަދުގަންނަވާލަން އަހުނަފް ޖެހީ ލޯބީގެ ލަވައެކެވެ. ދޭތެރެދޭތެރެއިން މިއަލް ރަކިވެގެން ހީނލަހީނލަ އިނުމުން އަހުނަފްގެ ހިތަށް ވެރިވީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އިތުރުން އިންނަން ޖެހުނީވެސް ހިނިގަނޑު ބަނޑަށް ހިންދާލައިގެންނެވެ.
އަތިރިމަތީ ފަރާތާއި އަރާ ހަމަވީއިރު އެތަނުގައި ބައިވަރު މީހުން ތޮއްޖެހިފައި ހުއްޓެވެ. ގިނައީ ފުރާވަރުގެ އަންހެން ކުދިންނެވެ. ފިރިހެންކުދިންނާއި ބައެއް ބޮޑެތި މީހުންވެސް ގޮސް ހުއްޓެވެ. އޭރު ޝޯ ފަށައިފިއެވެ. ސްޓޭޖް މަތީގައި ހަރުކޮށްފައިވާ ކުލަކުލައިގެ ލައިޓްތައް ސްޓޭޖާއި އޯޑިއެންސްގެ މޫނުމަތިތައް އުޖާލާ ކޮށްދެމުން ދިޔައެވެ. އަތްތިލަބަޑީގެ ބާރު އަޑުފައްގަނޑާއި މީހުންގެ ހޯބޯލެއްވުމުގެ އަޑުން ކައިރީގައި ހުރި މީހާއާއިވެސް ވާހަކަ ދައްކަން ޖެހެނީ ކަރުބުޑުން އަޑު ނެރިގެންނެވެ. މީހުންގެ އަދަދު ގިނަ ކަމުން އެމީހުންނަށް ވުރެ މާކުރިން އައި ތަނާ ހޯދުން ވެގެން ދިޔައީވެސް ދަތިކަމަކަށެވެ. އަހުނަފް މިއަލްގެ އަތުގައި ހިފައިގެން މީހުންގަނޑުގެ ތެރެއިން ފުރޭނެމުން ގޮސް ހުއްޓުނެވެ. މިއަލް ބޯ އަރުވާއަރުވާވެސް އެތަނުން ޝަފްވާން ފެންނަގޮތެއް ނުވިއެވެ. މީހުންގަނޑު ގިނައީއެވެ. “ތަނޫ ފެނިއްޖެތަ..؟” އަހުނަފް އެއްސެވެ. ނުހަނު ބާރަށެވެ. އެވަރުންވެސް މިއަލްއަށް އަހުނަފްގެ އަޑު އިވުނީ ކިރިޔަކިރިޔާއެވެ. އަހުނަފް ތަނާއަށް މެސެޖެއް ކޮށްލާފައި ޖީބުން ކުޑަ ޓޯޗެއް ނަގާ ދިއްލާލިއެވެ. އިރުކޮޅެއް ނުވަނީސް މީހުންގަނޑު އެއްފަރާތް ކުރަމުން ތަނާ އެމީހުން ހޯދައިފިއެވެ.
“އެލް ކީއްވެ އެހާ ލަސްވީ..؟” ތަނާ ހުރީ ދާހިއްލާފައެވެ. “އެއީ…..” “ހާދަ ނާރވަސްވެފައި..؟؟” ތަނާއަށް މިއަލްގެ އަޑުގައިވީ ތުރުތުރު ފާހަގަވިއެވެ. “އެލް ވަރަށް ނުތަނަވަސްވެގެން އުޅެނީ… ނޭނގޭ މަށަކަށް.. މާ ގިނަ މީހުންތެރެއަށް ދާންވީމައި ކަންނޭނގޭ ދޯ އެލް..؟” އަހުނަފް އެހެން ބުނެލި ލާނެތް ރާގުން އެކަނިވެސް ތަނާއަށް ވެގެން މިއުޅޭ ގޮތް ރޭކާލިއެވެ. ޒާތަކަށް އެއްމިޔަކަނަކަށް ހީނލާފައި ތަނާ އަހުނަފަށް އެއްލޯ މަރާލައިފިއެވެ. މިއަލް ކުޑަކޮށް ލަދުގަތެވެ. އެއްވަރެއްގެ ދެމީހުންނެވެ. ތަނާ އާއި އަހުނަފް އެހާ ގުޅޭ މައިގަނޑު އެއްސަބަބަކީވެސް އެއްވަރެއްގެ ލާނެތް ދެމީހުންނަށް ވުމެވެ.
“އާދޭ ކުރިއަށް.. ޝަފްވާން ބުނެފައި އޮތީ މީހަކު ވައްޓާލާފައި ނަމަވެސް ކުރީގައި ހުންނާށޯ..” އަހުނަފް ތަނާގެ އަތުގައި ހިފާ ކުރިއަށް ދާން ހިނގައިގަތުމުން ތަނާ މިއަލްގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައެވެ. “ކީއްވެ ކުރިއަށް ދާންވީ..؟ މިތަނުންވެސް ފެނެއެއްނޫންތަ..؟” ތަނާ އެއްސެވެ. “ނޭނގޭ މަށަކަށް.. އޭނައަށް އަހަރެމެންގެ މޫނު ނުފެނި މާގިނައިރުވީމައި މާބޮޑަށް މިސްވީ ކަންނޭނގެ އެއްނު..؟” ‘އަހަރެމެންގެ’ އަހުނަފް ކިޔާލީ ވަރަށް ލާނެތްކޮށެވެ. ނުގޮތަކަށް އެ މާނަކުރީ މިއަލްކަން އެނގިގެން މިއަލް ރަކިވެގެންގޮސް ބިންފަޅާފައި އަޑިއަށް ދާން ބޭނުންވިއެވެ.
މިއަލްއަށް ޝަފްވާން ފެނުނީ ތިންވަނަ ސަފަށް އެރުނު ފަހުންނެވެ. ޝަފްވާންގެ އިތުރުން ސްޓޭޖް މަތީގައި ތިން ފިރިހެންކުދިން ހުއްޓެވެ. އެކިއެކި އިންސްޓްރޫމެންޓްތަކާއި ހަވާލުވެގެންނެވެ. މިއަލްގެ ހިތުގައި ސުވާލު އުފެދުނެވެ.
އިންޑިގޯކުލައިގެ ރޮނގުތަކެއް ދަމާފައިވާ ނޫކުލައިގެ ގަމީހަކާއި ކަޅު ރިޕްޑް ޖިންސެއް ލައިގެން ކަޅު ސްނީކަރސްއަކަށް އަރައިގެން ހުރި ޝަފްވާން ފެނުމުން މިއަލްއަށް އިޚްތިޔާރުން ބޭރުގައި ހީނލެވުނެވެ. ނިތްމައްޗަށް ވެއްޓޭ އިސްތަށިކޮޅުތައް ދަލުން ތެމިފައިވާއިރު ކަންހުޅިވެސް ވަނީ ދަލުން ތެމިފައެވެ. ލަވައަކަށްފަހު ލަވައަކުން މުޅި މާހައުލު ފޯރިގަދަވަމުން ދިޔަވަރަކަށް ޝަފްވާންވެސް ދިޔައީ ދަލުން ފެންވެރެމުންނެވެ. ޝަފްވާންގެ އަޑުގައި ވަނީ މީހުންތަކުގެ ހިތް ދަމައިގަންނާނެފަދަ ބާރެކެވެ. އެހާވެސް ޝަފްވާންގެ އަޑު ވަރުގަދައެވެ. ނުހަނު ރީއްޗެވެ. އަދި ލަވަ ކިޔާގޮތް ނުހަނު ހިތްގައިމެވެ. ދިވެއްސަކަށްވިޔަސް ޝަފްވާންގެ އިނގިރޭސިވެސް ވަރަށް ރަނގަޅެވެ. “ހިޒް އެކްސެންޓް.. ވާވް..” މިއަލްއަށް ނުލާހިކު ކަމުދިޔައެވެ. ދިވެހީގެ އިތުރުން އިނގިރޭސި ލަވަތައް ކިޔަމުން ދިޔަ ޝަފްވާންއަށް އަދި އެމީހުން އައިކަމެއް ރޭކައެއްނުލައެވެ. ވަރަށް ރީތި ދިވެހި ލަވައަކަށްފަހު ދެން ފެށީ އިނގިރޭސި ލަވައެކެވެ. އަލީ ގޭޓީގެ ‘އިޓްސް ޔޫ’ ކިޔަން ފެށުމާއި އެކީގައި ބަލަން އައިސް ތިބި މީހުންގެ އަޑު އިތުރަށް ގަދަވެގެން ދިޔަހެން ހީވިއެވެ. ހަޅޭއްލެވުމާއި އަތްތިލަބަޑީގެ އަޑުފައްގަނޑު މަސްހުނިވެގެން އައިގޮތުން މިއަލްގެ ތޫރި ފަޅާލަން އުޅުނު ފަދައެވެ. މިއަލްވެސް ހެވިފައި ހުރެ އަތް ޖަހާލިއެވެ. ޝަފްވާންގެ ސަމާލުކަން ނުލިބިގެން އެންމެފަހުން އަހުނަފް އަތްހޫރުވައިގަތެވެ. ލަވަ ފެށި ޝަފްވާންގެ ލޮލުގައި އަހުނަފްމެން އަޅައިގަތެވެ. ހިތް އަވަސްވެފައި ޝަފްވާން ދެފަރާތަށް ކަޅި ހިންގާލީ މިއަލް ފެނޭތޯއެވެ. މުޅިން ކަޅުގައި އައިސް ހުރި މިއަލް ފެނިފައި ޝަފްވާންގެ ތުންފަތްމައްޗަށް ވެރިވި ރީތި ހިނިތުންވުން ފެނިފައި ހަޅޭއްލެވުމުގެ އަޑު ދެގުނައަށް އިތުރުވެގެންދިޔައެވެ. ބައެއް މީހުން ބޯއަރުވާފައި ބަލަންވެސް ބެއްޔެވެ. ޝަފްވާން އެހާ ބޮޑަކަށް ހިނިތުންވާނީ ކޮންމެވެސް މީހަކު ނުވަތަ ކޮންމެވެސް އެއްޗެއް ފެނިގެންކަން ޔަގީންވާތީއެވެ. ނަމަވެސް އެއިން އެކަކަށްވެސް އެއީ މިއަލްކަމެއް ނޭނގުނެވެ. “އިޓްސް ޔޫ.. އިޓްސް އޯލްވޭސް ޔޫ.. އިފް އައިމް އެވަރ ގޮނަ ފޯލް އިން ލަވް، އައި ނޯ އިޓްސް ގޮނަ ބީ ޔޫ..” ޝަފްވާން ކިޔަން ފެށި ލަވައިގެ ބައިތައް ހީވީ ސީދާ މިއަލްއަށް އަމާޒުކޮށް ކިޔަންފެށި ބައިތަކެއް ހެންނެވެ. އެކަން ފާހަގަވެގެން އަހުނަފް އާއި ތަނާ އެކަކު އަނެކަކަށް ލާނެތް ބެލުމެއް ހަދިޔާ ކޮށްލާފައި އަތްޖެހުމައިގެން ކުރިއަށް ދިޔައެވެ. “އިޓްސް ޔޫ.. އިޓްސް އޯލްވޭސް ޔޫ.. މެޓް އަ ލޮޓް އޮފް ޕީޕަލް ބަޓް ނޯ ބަޑީ ފީލްސް ލައިކް ޔޫ…” ޝަފްވާނާއި އެކީގައި ދެން އޮތް ބައި މިއަލް ވައިއަޑަކުން ކިޔެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވީއިރު ދެތުންފަތުގައި ވެސް ދުވެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ. މިއަލް އަތްތިލަބަޑިޖަހަމުން ދިޔައިރު ޝަފްވާން ގިޓާރ ކުޅެމުން ގެންދިޔައެވެ. ލަވައިގެ މެދަކާއި ހަމައިން މިއަލްގެ ސަމާލުކަން ހުއްޓުނީ ޝަފްވާންގެ ގިޓާރއަށެވެ. އެއްޗެއް ފާހަގަ ވެގެންނެވެ. އެއީ އޭނަގެ ގިޓާރއެވެ. ޝަފްވާން އެ ކުޅެނީ އޭނަގެ ގިޓާ އާއި ކަން އެނގުމުން މިއަލްގެ ހިނިތުންވުން ކުރިއަށްވުރެވެސް ފުންވިއެވެ. ޝަފްވާން ވައުދުވީ ފަދައިން އެހުރީ އޭނަގެ ގިޓާ މިރޭ ރައްދުކޮށްދޭން އައިސްކަން މިއަލްއަށް ޔަގީންވިއެވެ. އެލަވައަށްފަހު ސްޓޭޖްގައި ތިބި ތިން ފިރިހެން ކުދިންނާއި އެކީގައި ދިޔައީ ސްޓޭޖްގެ ފަހަތަށެވެ. ފެންބޮއި ކުޑަކޮށް ވަރުބަލި ފިލުވާލާށެވެ. ބާކީ ދެން އޮތީ އެންމެ ފަހު ލަވަ ކަމަށް ވާތީއެވެ.
ފާއިތުވީ ދިހަވަރަކަށް މިނެޓް ތެރޭގައި އެތައް ބަޔަކު ފޮޓޯ ނަގާ ހެއްޖެވެ. ލަވަ ނުފަށާ ކަމުގައިވިޔަސް ތަނުގެ އަޑު އެންމެ އިންސައްތައަކަށްވެސް މަޑެއް ނުވެއެވެ. ދެން ސްޓޭޖަށް އަރާފައި ޝަފްވާންމެން ކިޔަން ފެށީ ‘ވާނަން އުމުރަށް’ ކިޔާ ދިވެހި ލަވައެވެ. ފަހު ލަވައަށްވުމުން އިތުރަށް ފޯރިގަދަވިއެވެ. ލައިޓާއި ހަވާލުވެގެން ހުރި މީހާވެސް ވަރަށް ކުޅަދާނަކަމާއި އެކީގައި އެކަން ކުރަމުން ދިޔައެވެ. އެންމެ އެއްވަރަކަށް އަތްޖަހަމުން ދިޔައިރު އެއެންމެންނާއި ބައިވެރިވެގެން މިއަލްވެސް އަތްޖަހަމުން ދިޔައެވެ. މީހުންތައް ފިތިބާރުވެ ތަން އުދާސްވެފައިވާތީ މިއަލް ވަނީ ހޫނުވެގެން ގޮސް ދާހިއްލާފައެވެ. ކުއްލިއަކަށް ބެލުންތެރިންގެ ތެރެއިން ކޮންމެވެސް މީހަކު ސްޓޭޖާއި ދިމާލަށް ފުށްއެއްޗެއް ޖެއްސެވެ. އޭގެ އަމާޒުފަތްގަނޑަކަށްވީ ލަވަކިޔަން ހުރި ޝަފްވާނެވެ. ގަމީހާއި ޖިންސާއި މޫނުން ބަޔަކަށް އޭގެ އަސަރު ކުރިއެވެ. އެކަމެއް ކުރި ބަޔަކު ކުލަ އާއި ފެނާއި ތަން ހަޑިވާނެ ކަހަލަ ކުނި ބުންޏާއި ދޮންކެޔޮ ތޮށި ފަދަ ތަކެތި އުކަން ފެށިއެވެ. ތަނުގެ ފޯރި ވަގުތުން ކެނޑުނެވެ. އެއްޗެކޭ ބުނަން ކެރުނު އެކަކުވެސް ނެތެވެ. މިއަލްވެސް ހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަތަކަށް ގުޑިލަން ނުކެރިފައެވެ. އެވަރުންވެސް ޝަފްވާން ބެލީ ކުރިއަށް ގެންދެވޭތޯއެވެ. އެކަން ކުރަނީ ކޮންބަޔެއްކަމާއި އެބަޔަކު އެކަން ކުރާ ސަބަބުވެސް ޝަފްވާނަށް އެނގެއެވެ. އެހެން ހުއްޓާ ދެން ފެނުނީ މީހަކު ގާބުރިއެއް އެއްލިތަނެވެ. ފަތުއަޑުކިޔާފައި ގާގަނޑު ދިޔައީ ޝަފްވާނާއި ދިމާލަށެވެ. ފަޅި ސިކުންތަކަށް ގަނޑުވެ ހުރެފައި ޝަފްވާން ކުއްލިއަކަށް ހަރަކާތް ކުރިއެވެ. އައްޑަނައެއްގެ ގޮތުގައި ޝަފްވާނަށް މޫނާއި ދޭތެރޭ ހުރަސް ކޮށްލެވުނީ އަތުގައި އޮތް ގިޓާރއެވެ. ގާގަނޑު ގޮސް ގިޓާރގައި ޖެހުމާއި އެކީ ވަގުތުން ގިޓާރ ހަލާކުވިއެވެ. ނެކް އާއި ގިޓާގެ ބާކީބައި ވަގުތުން ދެބައިވިއެވެ. އަދި އެކި ބައިތައް ދިމަދިމާއަށް ބުރަބުރައިގެން ދިޔައެވެ. މަންޒަރު ބަލަން ހުރި މިއަލްގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ޝަފްވާނަށް އަނިޔާއެއް ނުލިބުމުން އެހިތަށް ތަސައްލީއެއް ލިބުނު ނަމަވެސް އެ ބީވެދިޔައީ އޭނައަށް ނުހަނު މުހިންމު އެއްޗެކެވެ. ފުރާނަ ފަދައިން އޭނަ ލޯބިވާ ގިޓާރއެވެ. ހިފަހައްޓައިގެން ހުރި ތަނާގެ އަތުން ދޫކޮށްލާފައި މިއަލް ވަގުތުން އެދިމާއިން ދުރަށް ދާން ހިނގައިގަތެވެ. އެހާ ބާރަށް މިއަލް ހިނގާފައި އަންނަތަން ފެނިފައި އެއްވެ ތިބި މީހުންތައްވެސް އެއްފަރާތްވިއެވެ. މީހުންތައް ހުރަސް ކުރެވުނުއިރު މިއަލްގެ ދެލޮލުން ހޫނުކަމާއި އެކީގައި ކަރުނަތައް އޮހިގެންފިއެވެ. މަންޒަރު ބަލަން ހުރި މީހަކަށް މިއަލް އާދައިގެ ކަމަކާއި ހެދި ރޮނީއޭ ކިޔައި ހަދާފާނެއެވެ. ނަމަވެސް މިއަލްގެ ކުރިމަތީގައި އެ ގިޓަރގެ އަގު މަތި ވަރު އެނގޭނީ ޚުދު މިއަލްއަށެވެ.
ޝަފްވާން އެއްޗެކޭ ނުބުނުމުން އޭނަ އާއި އެކީގައި ހުރި ފިރިހެންކުދިންތަކުގެ ތެރެއިން އެކަކު ޝޯ ނިމުނީއޭ ބުނުމުން މީހުންގަނޑު ގެއާއި ދިމާލަށް މިސްރާބުޖެހީ ނެގިމަޑުވެފައި ތިބެއެވެ. ބައެއް މީހުން އެކަން ކުރި މީހުންނަށް އަޑުލިއެވެ. އެކަން ކުރި އެންމެވެސް ހަރުއަޑުން ކިޔަނީ އެކައްޗެކެވެ. މިލީންގެ މަރުގެ ސަބަބަކީ ޝަފްވާން ކަމާއި ޝަފްވާނަށް ހިތްހަމަޖެހިގެން އުޅުމުގެ ފުރުސަތެއް ނުދޭނެކަމަށެވެ. އެ މައްސަލަ ބޮޑުވެގެން އެންމެން ދުރުކުރަން ޖެހުނީވެސް ފުލުހުންނަށް ގުޅައިގެންނެވެ.
“މިއާ..” ދެރަވެފައިވާ ހިތަކާއި އެކީގައި ޝަފްވާން މިއަލް ހޯދިއެވެ. އެތައް އިރަކު ހިނގައިގެން ޝަފްވާނަށް މިއަލް ފެނުނީ ބެކްސްޓޭޖް އިން ސީދަލަށް ގޮސް ދެވޭ ގޮނޑުދޮށުގައި މިއަލް އިށީނދެގެން އިންދައެވެ. ދޭތެރެ ދޭތެރެއިން މޫނާއި ދިމާލަށް އަތް ގެންދާގޮތުން މިއަލް އެ ރޮނީކަން ޝަފްވާނަށް ޔަގީންވިއެވެ. ޝަފްވާން އިތުރަށް މާޔޫސްވިއެވެ. ނުލާހިކު އަވަސް ފިޔަވަޅުތަކެއްގައި ޝަފްވާން ގޮނޑުދޮށަށް ފައިބައިގެން ގޮސް މިއަލްގެ ކައިރީ ހުއްޓުނެވެ. “މިއާ..” ޝަފްވާން މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. މިއަލް ޖަވާބެއް ނުދިނެވެ. ބެދިފައިވާ އަޑު އެކަމަށް ހުރަސްއެޅީއެވެ. އަދި އެވަގުތު މިއަލް އިނީ ސީދާ ޝަފްވާނާއި ވާހަކަދައްކަން ބޭނުންވެފައިވާ މޫޑެއްގައެއް ނޫނެވެ. ޝަފްވާން ރަނގަޅުތޯ ބަލަން ބޭނުންވިނަމަވެސް ހިތުގެ އެދުމަށް ފުރަގަސްދީގެން މިއަލް އިނެވެ.
“އައިމް ސޯ ސޮރީ މިއާ..” ޝަފްވާން ފުރަތަމަވެސް އެދުނީ މައާފަށެވެ. މިއަލް ދެފަރާތަށް ބޯހޫރާލާފައި ބޯ ޖަހާލައިފިއެވެ. އެކަމުން ނަގަންވީ މާނައެއް ޝަފްވާނަކަށް ނޭނގުނެވެ. އިނީ ފަހަތަށް އެނބުރިގެން ކަމުން ޝަފްވާނަށް ފެންނަނީވެސް މިއަލްގެ އިސްތަށިގަނޑު އެކަންޏެވެ. “މިއާ.. އަހަންނަށް މާފެއް ނުކުރާނަންތަ..؟” ޝަފްވާން ގޮސް މިއަލްގެ ކުރިމަތީގައި އުޑަފައިން އިށީނެވެ. “ލުކް އެޓް މީ.. އެހާ ވެސް ރުޅިއައިސްފަތަ ތި އިނީ..؟” ޝަފްވާން މިއަލްއަށް ބަލާލިއެވެ. އަދި މޫނު ނިވާކުރަމުން ގެންދިޔަ ދެއަތްތިލައިގައި މަޑުމަޑުން ހިއްޕެވެ. އަދި މިއަލްގެ މޫނާއި އަތް ވަކިކޮށްލިއެވެ. މިއަލް ކުޑަކޮށް ޝަފްވާންގެ މޫނަށް ބަލާލިއެވެ. އަދިވެސް މިއަލްގެ ކަރުނަ ނުހިކި ހުރުމުން ޝަފްވާން އެ ފުހެދޭން އަތް ނެގިއެވެ. އަދި ވަކި ހިސާބަކަށް ގޮސްފައި ޝަފްވާން ފަސްޖެހުނެވެ. ޝަފްވާން ނުކެރިފައި އިނުމުން މިއަލް ޓިޝޫއަކުން މޫނު ފުހެލާ ބީދައިން ޝަފްވާންގެ އަތުން މޫނު ފުހެލައިފިއެވެ. އަޑުގެ ނެތްތަނަށް ހީނގަންނަން ބޭނުންވިނަމަވެސް މިއަލް އަދިވެސް އިނީ ދެރަވެފައިކަމުން ޝަފްވާން ހިނިގަނޑު ބަނޑުގައި ހައްޔަރުކޮށްލާފައި ކެތްކުރިއެވެ.
“ފީލިންގ އެނީ ބެޓަރ..؟” ޝަފްވާން އެއްސެވެ. މިއަލް މަޑުމަޑުން ބޯޖަހާލިއެވެ. އަދި ނޭފަތް ދަމާލިއެވެ. ރުއިމުން ނޭފަތުން ފެން އަންނަގޮތްވެފައި ހުރުމުންނެވެ. މިއަލް މޫދާއި ދިމާލަށް ބަލަން ފެށުމުން ޝަފްވާނަށް އެގޮތް ކަމަކު ނުދިޔައެވެ. ބޭނުންވާ ސަމާލުކަން ނުލިބުމުން ޝަފްވާން ފާޑަކަށް ތުން ދަމާލައިފިއެވެ. “ދެން މިކޮޅަށް ބަލާލަބަލަ ދޯ..” ޝަފްވާން މިއަލްގެ ދަތްދޮޅީގައި ހިފާ އޭނައާއި ވީ ފަޅިއަށް އަނބުރާލައިފިއެވެ. މިއަލްވެސް ޝަފްވާނެކޭ އެއްފަދައިން ތުން އޫކޮށްލިއެވެ. ޝަފްވާން މިއަލް އާއި ގާތްވާން ފެށިއެވެ. މިއަލްގެ ހިތް އަވަސްވިއެވެ. އަނެއްކާވެސް ތުންފަތް އެތެރެއަށް މަޅާލެވުނީ ޝަފްވާން އެފަދަ ކަމެއް ކުރަން އުޅެނީކަމަށް ހިތާއެވެ. ޝަފްވާންގެ ދަތްދޮޅި ގޮސް މިއަލްގެ ކޮނޑުގައި ޖެހުނެވެ. މިއަލްގެ ފަހަތަށް އަތް ގެންގޮސް ޝަފްވާން އެއްޗެއް ނެގިއެވެ. ޝަފްވާން އެއެއްޗެއް ހިފައިގެން އަލުން އަނބުރާ އިށީނެވެ. މިއަލްގެ ދެލޯ ވިދައިގަތެވެ. “އެކަމަކު.. ކިހިނެތް..؟؟” ޝަފްވާންގެ އަތުގައި ‘މިޝްލާ’އޭ ލިޔެފައިވާ އޭނަގެ ގިޓާރ އޮތްތަން ފެނިފައި މިއަލްގެ އަތް ގިޓާރ އާއި ދިމާލަށް ދިޔައީ ދަގަތްފާނު ދަގަނޑާއި ދިމާލަށް ދާ ފަދައިންނެވެ. މިއަލްގެ އަތް ނުޖެހެނީސް ޝަފްވާން ގިޓާރ ދުރުކޮށްލައިފިއެވެ. “ޝުކުރިއްޔާއެކޭވެސް ނުބުނާނަންތަ..؟” ޝަފްވާން އެއްސެވެ. “ކީއްކުރާ ޝުކުރިއްޔާއެއް..؟” މިއަލް އަހާލިއެވެ. “ކޫރުމެއްވެސް އަޅުވާނުލާ ރައްކާތެރިކަމާ އެކީގައި ގިޓާރ އަނބުރާ ދިނީތީވެ..” ޝަފްވާން ބުނެލިއެވެ. “އެކަމް އަމިއްލައަށެއްނު ނެގީ.. މީހަކު ބުނީކީއެއްވެސް ނޫނެއްނު..؟ ދެން ކީއްވެގެން ޝުކުރިއްޔާ ބުނަންވީ..؟” މިއަލް އެއްބުމަ އަރުވާލާފައި އެއްސެވެ. “ދެން ހެވޭ.. ގެންގުޅެދިނީމެއްނު.. ޝުކުރިއްޔާ ނުބުނަނީހެއް މިޔެއް ނުލިބޭނެ..” ގިޓާރ ފުރަގަހަށް ލާފައި ޝަފްވާން ހަށަން ބަނދެލިއެވެ. އެންމެފަހުން ބަލިގަބޫލުކޮށް މިއަލް ޝުކުރިއްޔާ ބުންޏެވެ. ގިޓާރ ބޭނުންވެފައި ހުރިވަރުންނެވެ.
“މަގޭ ގިޓާރ އާއި މިއާގެ ގިޓާރ ވަރަށް އެއްގޮތް.. މިޝްލާއޭ ޖަހާފައި އޮތީމައި އެކަނި ތަފާތީ.. ދިހަ މިނެޓް ބްރޭކަށް ދިޔައިރު އަހަންނަށް އެކަން ކުރި މީހުން ފެނުނު.. އެހެންވެ އެމީހުން ކަމެއް ކޮށްފާނެތީ އަހަރެން މިއާގެ ގިޓާރ ބާއްވާފައި ދެން އެރީ އަހަރެންގެ ގިޓާރ ހިފައިގެން.. އެވެސް ނަސީބެއް.. އެކަމް މަގޭ ގިޓާރގެ ދުވަސް ދިޔައީ..” ޝަފްވާން އެހެން ބުނެލުމުން ކުޑަކޮށް ދެރަވެފައި ނަމަވެސް މިއަލް ޝުކުރުއަދާކުރިއެވެ. “އެކަން ކުރީ ކޮން ބަޔެއް..؟ ކީއްވެގެން އެކަން ކުރީ..؟” މިއަލް އެއްސެވެ. ”އަހޫ އާއި ތަނާ ކޮބާތަ..؟” ޝަފްވާން އެވާހަކަ އޮއްބާލިގޮތުން ޝަފްވާން އެވާހަކަ ދައްކަން ބޭނުން ނުވަނީކަން މިއަލްއަށް ނަގައިގަނެވުނެވެ. އެވާހަކަ އިތުރަށް ނުދައްކަން މިއަލް ނިންމީ އެހެންވެއެވެ.
“އެހުރީނު އެމީހުން..” ގިޓާރ މައްސަލަ ހައްލުކޮށްގެން ވާހަކަ ދައްކަން އިންދާ އަހުނަފާއި ތަނާ ދުވެފައި އެދިމާއަށް އަންނަމުން ދިޔަ މަންޒަރު މިއަލްއަށް ފެނުނެވެ. “ޕިސްޕިސްޕިސް ޝަފްވާން ތީ ދެން ތަންކޮޅެއް ބޮޑުވަރުދޯ.. އެންމެ މެސެޖަކަށް ނަމަވެސް ރިޕްލައި ކުރިނަމަ.. މި އެލް ވެސް ފޯނެއް ނުނަގާ.. މަގޭ ހާސްވެގެން ގޮސް..” އާދައިގެމަތިން މިއަލްމެންނާއި އަރާ ހަމަވީހާ އަވަހަކަށް އަހުނަފް ކުދިކިޔައިގަތެވެ. “މަގޭ ފޯނުވީ ބެކްސްޓޭޖްގައޭ..” ހިނިއައިސްފައި ޝަފްވާން ޖަވާބުދާރީވިއެވެ. “ދެން އެލް..؟” އަހުނަފް މިއަލްއަށް ބަލާލިއެވެ. “ތިއްތި އަތުގައެއްނު ތިއޮތީ..؟” އަތްދަބަހާއި އެކީގައި އަތް ޖަހަން އުނދަގޫވުމުން އަހުނަފް އެ ދަބަސް އެޅުވިގޮތަށް ނުބާލާތީ އެ އަދިވެސް ކޮނޑުގައި އޮތުމުން މިއަލް އެއަށް އިޝާރާތް ކޮށްލިއެވެ. ތަނާ އުކުޅުގައި އަތް ވިދެލާފައި އަހުނަފާއި ދިމާލަށް ދެލޯބޮޑު ކޮށްލިއެވެ. ކޮނޑާއި ހަމައަށް އަތް ހިއްލާލާފައި އެއްއަތަށް ބޯއަރިކޮށްލާފައި އަހުނަފް “އޫޕްސް”އޭ ބުނެލިއެވެ. މިއަލް އާއި ޝަފްވާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ޔައުލާން އޮތީ ރަޖާގަނޑު ދަށުގައެވެ. ނިދި އޭނާ އާއި ރުޅިވެފައިވާ ފަދައެވެ. އޭސީގެ ފިނިގަދަ ނަމަވެސް ޔައުލާންއަށް ހީވަނީ އޭނައަށް އޮވެވުނީ އަލިފާންގަނޑެއްގެ މެދުގައި ހެންނެވެ. “މިލީން.. އެކަމަކު..” މިއަދު އެ ފެނުނު އަންހެންކުއްޖާ އާއި މިލީންއާއި ހުރި އެއްގޮތްކަން އަދިވެސް ޔައުލާންއަށް އުނދަގޫ ކުރަނީއެވެ. ނަމަވެސް މިލީންގެ ގަބުރު އޭނަ ދުށްޓެވެ. ވަޅުލިއިރު އެތަނުގައި ނުހުރެވުނަސް ފޮޓޯގެ ޒަރިއްޔާއިން އެންބިއުލާންސަށް އެރުވި މަންޒަރު ދެކުނެވެ. ނަމަވެސް.. “އާހްހްހް..” ޔައުލާން ގޮށްމުށުން އެނދުގައި ބާރުބާރަށް ޖެއްސެވެ. އަދި ނިދޭތޯ ބެއްޔެވެ. ނަމަވެސް އެޚިޔާލުތަކާއި ފިކުރުތައް ސިކުނޑިން ބޭރުވާކަށް ނޫޅުނެވެ. ލޯމަރާލާއިރަށް އެކުއްޖާ ސިފަވަނީއެވެ. މިލީންހެން ހީވިޔަސް އެ ކުއްޖާގެ ތަފާތުކަންވެސް ހުއްޓެވެ. މިޒަމާނުގައި މީހާގެ އަސްލު އޮޅުވާލުމަކީ އުނދަގޫކަމަކަށް ނުވިޔަސް ޔައުލާންއަށް އެކަން ދިރުވާލަން ދަތީއެވެ. މިލީން އެފަދަ ކަމެއް ކުރަންވީ ކީއްވެ ހެއްޔެވެ.؟ މިލީން އެކަހަލަ ކަމެއް ނުކުރާނެއެވެ. މިޝްލާ އާއި ޒައިހާންގެ އިތުރުން އޭނައަށް އެވަރު ދެރައެއް ދީފައި އެމީހުން ދޫކޮށްލަން މިލީންއަށް ކެރޭނެ ހެއްޔެވެ.؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ސިކުނޑި އާއި ހިތާ ދެމެދުގައި ކުރެވެމުން ދިޔަ ހޫނު ޒުވާބާއި ހެދި ޔައުލާން އޮތީ ލޮލުފިޔަ ޖަހާނުލެވިފައެވެ.
ޖެހިގެން އައި ދުވަހުގެ ދޭއް ޖަހާކަށްހާއިރެވެ. މިޝަލް އޮތީ ތަޅުންގަނޑުމަތީގައެވެ. ހުސް ސޯޓުބުރި އެއް ލައިގެންނެވެ. ގައިގައި ތުވާލި އޮޅާލައިގެންނެވެ. މިޝަލް ދެފަރާތަށް ފުރޮޅެނީއެވެ. ޔައުލާންއަށް ހަގީގަތް އެނގިއްޖެހެން ހީވަނީއެވެ. އެހެން ހިތަށް އަރާއިރަށްވެސް މިޝަލްއަށް ގޮތްގޮތްވެއެވެ. އެހާ ބުރަ މަސައްކަތްތަކަކަށް ފަހުގައިވެސް އޭނަގެ އަރުގައި ނާކާމިޔާބީގެ ހިތި ރަހަ ލާން ފަށާނީ ހެއްޔެވެ.؟ އިއްޔެރޭ ޝަފްވާންގެ ޝޯގައި ބައިވެރިވާން ނުދެވުނީ ހަމަ އެ ސަބަބާއި ހުރެއެވެ. ބޭރަށް ފިޔަވަޅެއް އަޅާއިރަށް ޔައުލާން ފެނިދާނެކަމުގެ ބިރު މިޝަލްއަށް އުނދަގޫކުރަނީއެވެ. ދެން ވާނީ ކިހިނެތްކަން ނޭނގޭތީ މިޝަލްއަށް އަބަދު ހުރެވެނީ ޖެހިލުންވެފައެވެ. އޭނަ އުޅޭ ގެއެއް ހޯދައިގެން ޔައުލާން އޭނަ ހޯދަން އައިސްފިނަމަ ދެން މިޝަލް ހަދާނީ ކިހިނެތް ހެއްޔެވެ.؟ ހަމަ އެހެން ހިތަށް އަރާއިރަށް މީހަކު އެޕާރޓްމެންޓްގެ ދޮރުގައި ބާރަކަށް ތަޅައިގަނެފިއެވެ. ސިހިފައި މިޝަލްއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އެންމެ އަވަހަށް އަތު ޖެހުނު ޓީޝާރޓް ބޮލުން ކޮއްޕާލައިގެން މިޝަލް ދޮރާއި ދިމާލަށް ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. އެހެން ހުއްޓާ އެމީހަކު ދެވަނަ ފަހަރަށްވެސް ދޮރުގައި ތަޅައިގަނެފިއެވެ. އެއަޑަށް މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުޑަކޮށް ފުންމައިވެސް ގަނެވުނެވެ. ތަޅައިގަންނަންވެގެން މީހަކު އަތް މުއްކަވާލާނެހެން ވައަތް މުއްކަވާލާފައި މިޝަލް ފުންނޭވާއެއްލާފައި ދޮރު ހުޅުވާލިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.





Heii everyone long time no see
Due to my exams, I couldn’t get the time to upload a new part.. I’m very sorry about the long time period it took me to give you guys this part.. Hope you understand.. Once again my apologies.. Hopefully from now onwards the story is going to continue on schedule ?
Hope you all enjoyed this part too.. This part has 3000+ words because it has been such a long time.. Missed you all a lot.. Hope you guys have been doing well and healthy in the past month ? Love you all ?
Stay safe and tgc everyone ?
Sheeeeesh haadha dhuvahe vandhen madu koh feemey. Varah ufa vejje alun kiyaalan libuneemai. Mi part ves varah varah salhi. Mishal/Mileen Yaulaan ah bust kohba. And Shafvaan aai mial ge baithah hama habbu. Ahu aai thanaa varah majaa. Heehee bidhihgge. Varah lowbi meehun kolhe ei. Dhen oi bayah inthizaaru kuran. All the best yoon. Thee magey favourite ???
Sorryyy for the wait.. And thankyou so much DevilBoy ?? Hehe lets c dhw Mishal nd Yuel ah vaagoiyh.. Shafwaan nd Mial ah vx.. Soo glad u enjoyed this part dear.. Thanks a lot ?
OMG SIS ! finally….I missed you too sisoo! This part is superb. Cant wait for a new one ??❤
Missed u guys more… Thankyou so so much Nafha ? Stay safe nd tgc dear
ya sis I understand your situation.. ? wish you the best on your exams.. ☺️?
lysm!! your the best author ever!! ❤️❤️
Thankyouu so much Anuu ? that means so so much to me.. Lym ? stay safe tgc dear
Finally ❤️ missed u so much sis ganduu ? i understand u ? whn is next , waiting curiously ? lub u so much ? stay safe & tgc ????????
Missed you toooo ? Thankyou so much Rooya Xek ? Next part insha allah within this week.. Lym dear u stay safe n tgc too
Wow vrh salhi❤️.. Masha allah.. When next??
Thankyou so much Baby Gurll ? Means so much to me… Part 26th mi week thereyga up kolla dheveythw yoon try kuraanan.. Thanks a lot dear ?
Yoon 26&27 plx