” ގުޑް ނައިޓް.. ” ގެއިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް ލިލިއަން އަށް ބަލާލަމުން ދިޔާން ބުނެލިއެވެ. ލިލިއަން ފަނޑު ހިނިތުންވުމެއް ދިޔާން އަށް ރައްދުކުރިއެވެ. މިރޭ މީ ދިޔާން ފެންނާނެ ފަހުރޭކަން އެވަޤުތުކޮޅުވެސް ލިލިއަންގެ ހިތަކުން ފޮހެެއެއް ނުލެވުނެވެ.
**********
ޖެހިގެން އައި ދުވަހު ހޭލީންސުރެ ލިލިއަން ހުންނަނީ ހިތްނުތަނަވަސް ވެފައެވެ. ދިޔާން ފުރަން އުޅޭތީ ވާގޮތެއްކަން އެނގުނަސް އެކަން އިތުރު މީހަކަށް ނުދައްކާވޭތޯ ލިލިއަން މަސައްކަތް ކުރަމުންދިޔައެވެ. ފުރާ ދުވަހަށް ވުމާއެކު ދިޔާން ގިނަ ކަންތައްތަކެއް ކުރަން ހުރުމުން ދެމީހުން އެކުގައި ހޭދަކުރަން މާގިނަ ވަޤުތެއް ނުލިބޭނެކަން ލިލިއަން އަށް އެނގެއެވެ. ދުވަސްކޮޅެއް ފަހުން ދިޔާން އެނބުރި އަންނާނެކަމުގައި ބުނެ ހިތް ހަމަޖެއްސުމެއް ލިލިއަން މަސައްކަތް ކުރަމުންދިޔައެވެ.
ފޮށި ތައްޔާރުކޮށް ނިމުމާއެކު ދިޔާން ހިންދެމިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އެނދުގެ ފައިލާކޮޅުގައި އިށީނދެ އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރު ހިންގާލިއެވެ. ޗެކިންގް ވާން ދާން ޖެހޭ ވަޤުތު ކައިރިވަމުން އައުމާއެކު ދިޔާންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އެއަރޕޯޓަށް ދިޔުމުގެ ކުރިން ފަހުފަހަރަށް ލިލިއަން ފެނިލުމުގެ ބޭނުމުގައި މާޔާގެ ގޭދޮށަށް މަޑުކޮށްލުމަށް ދިޔާން އަވަސްވެ ގަތެވެ.
ދިޔާން ގުޅާލުމާއެކު ލިލިއަން ދުވެފައި ކަހަލަ ގޮތަކަށް ގޭގެ ދޮރުމައްޗަށް ނިކުތެވެެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ހުރި ދިޔާން ފެނުމުން ލިލިއަން އަށް މަޑުޖެހިލެވުނެވެ. ދިޔާން ފުރަން އުޅޭކަން އެނގިފައިވިޔަސް ވަޤުތު އައިސް ޖެހުމުން އެހަޤީޤަތް ޤަބޫލުކުރަން ލިލިއަން އަށް އުނދަގޫވިއެވެ.
ދިޔާންގެ ސޫރައަށް ނުތަނަވަސްކަމާއެކު ލިލިއަން ބަލަން ހުރީ މިވަޤުތު އޭނާގެ ހަރަކާތްތައް ބަހައްޓަންވީ ގޮތެއް ނޭނގިފައެވެ.
މޫނުމަތިން ކުލަ އޮއްސެމުން ދިޔަ ލިލިއަން ފެނުމުން ދިޔާން ލިލިއަން އޭނާގެ ކައިރިއަށް ދަމާލަމުން އެހަށިގަނޑުގައި ބައްދާލިއެވެ.
” ލިލީ ނުވިސްނައްޗޭ އެއްވެސް ކަމަކާ.. އިރާދަ ކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް އަންނާނަން.. އައި ޕްރޮމިސް..” ދިޔާން ލިލިއަން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. ދިޔާންގެ ކޮނޑާއި ދިމާއިން މޫނު ފޮރުވާލަމުން ލިލިއަން ބޯ ޖަހާލިއެވެ. ފަހުފަހަރަށް އެހަށިގަނޑުގެ މީރުވަސް ސިކުނޑީގައި ހަރުލެއްވުމަށް ލިލިއަން މަސައްކަތް ކުރިފަދައެވެ.
” މާލެ ދެވުނީމަ ގުޅާލަން އިނގޭ.. ޓޭކް ކެއަރ އޮފް ޔޯރ ސެލްފް…” ދިޔާން ފަހުފަހަރަށް ލިލިއަން އަށް ބަލައިލަމުން ކޯތާފަތުގައި ހިފަހައްޓާލިއެވެ.
އެދެލޮލުން ލިލިއަންގެ މޫނަށް ފަރުވާތެރިމަކާއެކު ބަލަމުންދިޔައިރު ހިތުގައި ލިލިއަންގެ ކޮންމެ ތަފްސީލެއް ރައްކާކުރަމުން ދިޔައެވެ.
” ގިވް މީ އަ ސްމައިލް ބިފޯ އައި ލީވް..” ލިލިއަންގެ ދަތްދޮޅީގައި ހިފާ އޭނާއާ ހަތަރުކަޅި ހަމަކުރުވަމުން ދިޔާން އެދުނެވެ. ލިލިއަން ހިންދިރުވާލަމުން ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ.
” މިހާރު މާރީތި.. ދިޔާން ހިނިތުންވެލަމުން ލިލިއަންގެ ކޯތާފަތުގައި ބޮސްދިނެވެ. އެއްވެސް ބާރެއްނެތި ރަތްވެގެން ދިޔަ ލިލިއަންގެ މޫނަށް ބަލަން ދިޔާން އަށް ހުރެވުނެވެ. އެމަންޒަރު މުޅި އުމުރަށް ބަލަން ހުރިޔަސް ފޫހިނުވާނެކަން އޭނާގެ ހިތަށް ޔަޤީންވެއެވެ. އެހެނަސް އިތުރަށް އެމަންޒަރު ދެކެން ގަޑީގެ ކަށި އޭނާއަށްޓަކައި ނުހުއްޓޭނެކަން އެނގުމުން ދިޔާންގެ ހިތުގައި ރިއްސާލިއެވެ.
ހިތާއި ދެކޮޅަށް ލިލިއަން އާ އަލްވަދާޢު ކިޔަމުން އެ ގެއިން ނިކުންނަން ދިޔާން ހިނގައިގަތެވެ. ހަރަކާތެއް ކޮށްލަން ނޭނގި އޭނާ ފަސްދީފާ ދަމުން ދިޔަ ދިޔާން އަށް ބަލަހައްޓައިގެން ލިލިއަން އަށް ހުރެވުނެވެ. ބޭރު ދޮރު ކައިރީ ހުއްޓި ދިޔާން އަދިވެސް އެއްފަހަރު ލިލިއަން އަށް ބަލައިލިއެވެ. ލިލިއަންގެ ހިތުގައި ޖެހިފައިވާ މޫނު ފެނުމުން ދިޔާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އެހެނަސް ލިލިއަންގެ ކައިރީ އިތުރަށް ހުރެއްޖެނަމަ އޭނާގެ ހިތްވަރު އެލޭނެކަން އެނގި ދިޔާން ލިލިއަން އަށް ބަލާލަމުން ހިނިތުންވެލުމަށްފަހު ހަނާ އަޅާލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ދޮރު ހުޅުވާލުމަށްފަހު އެގެއިން ނިކުތެވެ.
ލެއްޕިގެން ދިޔަ ދޮރާއެކު ދިޔާންގެ ތަސްވީރު ލިލިއަންގެ ލޯ ކުރިމަތިން ގެއްލިގެން ދިޔައެވެ. ނޭނގޭ ހުސްކަމެއް މާޙައުލަށް ވެރިވެގެން ދިޔައިރު ހަށިގަނޑުން އެއްޗެއް މަދުވިފަދަ އިޙްސާސެއް ލިލިއަން އަށް ކުރެވުނެވެ. ރޯން ހިތްބޭނުންވިޔަސް ލިލިއަން ތުންފަތުގައި ދަތް އަޅާލަމުން ހިތްވަރު ކުރިއެވެ. އޭނާ އެހާ ފިނޑި މީހަކަށް ވެގެން އެއްވެސް ކަމެއް ބަދަލުނުވާނެ ކަމުގައި ހިތަށް ވިސްނައިދިނެވެ. ދެތިން ހަފްތާއަށް ދިޔާން އަންނަންދެން އޭނާއަށް ކެތްނުކުރެވެންވީ ކީއްވެހެއްޔެވެ؟ އެހެނަސް އެހުރިހާ ކަމެއް ސިކުނޑިއަށް ވިސްނައިދެމުން ދިޔަނަމަވެސް ހިތުގެ ކަނަކުން ދިޔާން އަށް އެދި ރޮމުން ދިޔަ ރުއިން ހުއްޓައެއް ނުލެވުނެވެ.
*****************
ދިޔާން މާލެ ފުރައިގެން ދިޔުމާއެކު ލިލިއަންގެ މިލާފައިވާ މޫނު އިތުރަށް އަނދިރިވެގެން ދިޔައެވެ. މާޔާ ވީ ވަރަކުން ލިލިއަން ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރިނަމަވެސް ގިނަ ފަހަރަށް އެކަމުންވެސް އެދެވޭ އަސަރެއް ކުރާތަނެއް ނުފެނެއެވެ.
” ލިން.. ހިނގާބަ ކާންދާން.. އަހަރެންވެސް ވަރަށް ބަނޑުހައި..” ލިލިއަންގެ އަތުގައި ހިފާލަމުން މާޔާ އާދޭސް ކުރީ ހެނދުނު އެންމެ ރޮއްޓެއް ކާލި ގޮތަށް ލިލިއަން ހުރުމުންނެވެ.
” މާޔާ ދޭބަ ކާން.. އަހަރެން ތަންކޮޅެއް ފަހުން ކާނަން.. މިގަޑީގަ އެހާ ބަނޑުހައެއް ނޫން..” ލިލިއަން ގަދަކަމުން ހިނިތުންވާން މަަސައްކަތް ކުރިއެވެ.
” އޯކޭ.. އަހަރެން ލިން އަކަށް މަޖުބޫރެއް ނުކުރާނަން .. އެކަމަކު ތިހެން އޮވެވޭނީ ދިޔާން މާލެ ދާންދެން އިނގޭ.. ދިޔާން ގުޅާފަ ޔަޤީނުންވެސް އަހާނެ ކެއިންހޭ..” މާޔާ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
” އަހަރެން.. ކުޑަ އެތިކޮޅެއް ކާނަން..” މާޔާ ނިކުންނަން ދަނިކޮށް ފަހަތުން އޭނާގެ އަތުގައި ހިފަހައްޓާލުމަށްފަހު އިސްޖަހާލަމުން މަޑުމަޑުން ލިލިއަން ބުނެލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވި މާޔާ އަވަހަށް ހިނގާށޭ ބުނަމުން ލިލިއަން ގޮވައިގެން ކާގެއަށް މިސްރާބުޖެހިއެވެ.
ލިލިއަން އަށް ވަރަށް މަސައްކަތުންވެސް ކެވުނީ ކުޑަ އެތިކޮޅެކެވެ. ކައި ނިންމައިގެން މާޔާގެ ނުރުހުމާއެކުވެސް ތަށިތައް ދޮވުމަށްފަހު އަނބުރާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ފޯނު އަތަށް ނަގަމުން ހުޅުވާލީ ދިޔާންގެ ފަރާތުން މިސްކޯލެއް ނުވަތަ މެސެޖެއް ހާ ހިސާބުވެސް އައިސްފައިވޭތޯއެވެ. ނަމަވެސް އެއްވެސް ނޮޓިފިކޭޝަން އެއް ނުވާ ފޯނުގެ ސްކްރީން ފެނުމުން ލިލިއަން ކުޑަކޮށް މާޔޫސްވާ ގޮތްވިއެވެ. ލިލިއަން ގަދަކަމުން ކެއީވެސް ދިޔާން އަށް އޭނާ ނުކައި ހުރެއްޖެކަން އެނގުމުން ހިތްހަމަ ނުޖެހޭނެކަން އެނގޭތީއެވެ. އޭނާއަކީ ދިޔާން އަށް އިތުރު ބުރައެއް ދޭ މީހަކަށް ވާކަށް ލިލިއަން ބޭނުމެއްނޫނެވެ. އޭރުން އޭނާ ތަކުލީފަކަށްވެ ދިޔާން އޭނާގެ މަތިން ފޫހި ވެދާނެއެވެ. ފޯނު މެއާލާ ބޮނޑިކޮށްލަމުން ދެލޯ މަރާލި ލިލިއަން އިންތިޒާރު ކުރަމުން ދިޔައީ ދިޔާންގެ ޚަބަރެއް ވާނެ ވަޤުތަކަށެވެ. އެހެން އޮއްވާ ލިލިއަންގެ ލޮލަށް ނިދި ސަވާރުވީ ނުވެސް އިނގި އޮއްވައެވެ.
ފޯނު ރިންގްވާ އަޑަށް ލިލިއަން ދެލޯ ހުޅުވާލިއެވެ. ބަރު އެސްފިޔަތައް ތަޅުވާލަމުންކު ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ދިޔާންގެ ނަން ފެނުމާއެކު ލިލިއަން ފުންމައިގެން އެނދުން ތެދުވެ ފޯނު އަތައް ނެގިއެވެ. ލިބުނު އުފަލާއެކު ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ކެތްތެރިކަން ކުޑަވެފައިވާ އަޑުން ހަލޯ ކިޔާލިއެވެ.
” ހަލޯ.. ލިލީ..” ދިޔާންގެ އަޑު އިވިގެން ދިޔުމާއެކު ލިލިއަންގެ ދެލޯ މަރާލެވުނެވެ. ދިޔާން ފުރައިގެން ދިޔަތާ އަދި ގިނައިރެއް ނުވެއެވެ. މިހާ އަވަހަށް އޭނާއަށް ދިޔާން ނެތްކަމުގެ ފަޅުކަން އިޙްސާސްކުރެވެން ފަށައިފިއެވެ.
” ފްލައިޓުން ފޭބި ގޮތަަށް މިގުޅީ… ކީއްކުރަނީ.. ކައިފިން..؟” ދިޔާން ސުވާލު ކޮށްލިއެވެ. ލިލިއަން އަވަސް އަވަހަށް ޖަވާބު ދިނެވެ. މާޔާގެ ބަސް ޤަބޫލުކޮށް ކައިގެން ހުރެވުނުކަން އެއީ ނަސީބެކޭ ލިލިއަން ހިތަށް އެރިއެވެ.
” ލިލީ.. އަހަރެން ފަހުން ގުޅާނަން އިނގޭ.. ޓޭކް ކެއަރ.. އައި ލަވް ޔޫ..” މާގިނަ ވަޤުތު ފޯނުގައި ހުރެވެން ނެތުމުން ދިޔާން ބުނެލިއެވެ. ލިލިއަން އެންމެ ރަނގަޅު ކަމަަށް ބުނަމުން އޭނާވެސް ލޯބިވާކަން ހާމަކުރިއެވެ. ފޯނު ބޭއްވުމަށްފަހު އިރުކޮޅަކު ސްކްރީނަށް ބަލަހައްޓައިގެން ލިލިއަން އަށް އިނދެވުނެވެ. ދިޔާން ފުރައިގެން ދިޔުމާއެކު އޭނާގެ ހިތުގެ ކަނެއްގައި ބިރުވެރިކަން އުފެދިފައި ވިއެވެ. ދިޔާން އާއެކު ހޭދަކުރެވުނު ހުރިހާ ވަޤުތަކީ އަވާ މެންދުރަކަށް ވެދާނެތީއެވެ. ދިޔާން މާލެ ދިޔުމަަށްފަހު އޭނާ މަތިން ހަނދާން ނައްތާލަ ފާނެތީއެވެ. އޭނާ ދިޔާން އަށް އިތުބާރު ނުކުރަނީއެއް ނޫނެވެ. ދިޔާން ދެއްކި ވާހަކަތައް ޤަބޫލު ނުކުރަނީއެއްވެސް ނޫނެވެ. އެހެނަސް ކުރެވޭ އުންމީދުތައް ބިލާހަކަށްވުމުން ހިތަށް ލިބޭ މާޔޫސްކަން ލިލިއަން އަށް އިޙްސާސް ކުރެވޭތީއެވެ. ނަމަވެސް ދިޔާންގެ ފޯނު ކޯލާއެކު އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ގޮސް ހިތުގައިވާ ވަހުމްތައް ފިލައިގެން ދިޔައެވެ.
*************
ދުރުގައިވީނަމަވެސް ދިޔާން އާއި ލިލިއަންގެ ގުޅުން ހީނަރުވާކަށް ދެމީހުންކުރެ އެކަކުވެސް ފުރުސަތެއް ނުދެއެވެ. ކޮންމެ ރެއަކުހެން ދިޔާން ލިލިއަން އާ ގުޅައިގެން އެތައް އިރެއްދެން ވާހަކަ ދައްކަން އޮވެއެވެ. ދުވާލުވެސް ވަޤުތެއް ވެއްޖެނަމަ ލިލިއަންގެ ހާލު ބަލާ ކެއިތޯ ސުވާލު ކުރެއެވެ.
ހަފްތާއަކަށް ފަހު ދިޔާން ސިންގަޕޫރަށް ފުރައިގެން ދިޔައެވެ. ރާއްޖެއައީ ތިންދުވަހު އެކޮޅުގައި މަޑު ކުރުމަށްފަހުއެވެ. ލިލިއަން ބަލާ އަންނަ ހަފްތާގައި ދާނެ ކަމުގެ ޔަޤީންކަން ދިޔާން ދިނެވެ. މަންމަ މެން ކައިރިވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމުގެ އިޝާރާތެއް ދީފައިވާނެ ކަމަށް ދިޔާން ބުންޏެވެ. އެކުއްޖަކާ ބައްދަކުރުމަށް އޭނާގެ މައިންބަފައިން ތިބީ ކެތްމަދުވެފައި ކަމުގައި ދިޔާން ހާމަކުރިއެވެ.
*****
ނިދިފައި އޮތް ލިލިއަން އަށް ކުއްލިއަކަށް ހޭލެވުނެވެ. ނޭވާ ހަމަޔަކަށް އަޅުވާލަމުން ލިލިއަން ދެލޯ މަރާލިއެވެ. މަންމަގެ މަރަށްފަހު އޭނާއަށް ނިދުން ވަނީ ވޭނަކަށް ވެފައެވެ. ދެލޯ މަރާލިޔަސް މަންމަގެ ލެއާ ތަތްތެޅިފައިވާ ހަށިގަނޑު ފެންނަހެން ލިލިއަން ސިފަކުރެވެއެވެ. އެހެނަސް މިރޭ ފެނުން ހުވަފެނުން އޭނާއަށް ތަފާތު އަސަރެއް ކުރުވިއެވެ. ހުވަފެނުގައިވީ ގޮތް ހަނދާން ނުވިނަމަވެސް އެއީ ބިރުވެރި ހުވަފެނެއްކަން ޔަޤީނެވެ. މުޅިގައިން ދާހިތްލާފައިވާއިރު ހިތުގެ ހިނގުން އަދިވެސް ހަމަޔަކަށް ނޭޅެއެވެ.
” ޔާން..” ލިލިއަން ވައި އަޑުން ދިޔާންގެ ނަން ކިޔާލުމާއެކު ހިތުގައި އަތް އަޅާލިއެވެ. ދިޔާންގެ މަތިން ހަނދާން ވުމާއެކު އޭނަަގެ ހިތަށް ތަދުވީ ކީއްވެގެން ހެއްޔެވެ؟ ފެނުނު ބިރުވެރި ހުވަފެނާ ދިޔާން އާ ގުޅުމެއް ހުރިކަމަށް ލިލިއަންގެ ހިތް ބުނަމުންދިޔައެވެ. ލިލިއަން ގަޑިން ވީވަރު ފޯނުން ބަލައިލިއެވެ. އޭރު މެންދަމުން އަނބުރާ ތިނެއް ޖަހަނީއެވެ. މިވަޤުތު އޭނާ ދިޔާން އަށް ގުޅައިފިނަމަ ދިޔާންގެ ނިދި ޚަރާބުވެގެން ދާނެކަން ޔަޤީނެވެ. އެހެނަސް ދިޔާންގެ އަޑު ނާހާލަ ލިލިއަންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
އިރުކޮޅަކު ވިސްނަން އިނުމަށްފަހު ލިލިއަން ދިޔާންގެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގް ވެލުމާއެކު ލިލިއަން އޭނާގެ ޚިޔާލު ބަދަލުކޮށް ފޯނުކަނޑާލަން އުޅުނެވެ. އެހެނަސް ދިޔާން ފޯނު ނަގަމުން ހަލޯއޭ ބުނެލީ އެވަޤުތުއެވެ.
ނިދީގެ އަސަރުވާ ދިޔާންގެ އަޑު އިވުމުން ލިލިއަން އަށް ކުށްވެރި ކަމުގެ އިޙްސާސެއް ކުރެވުނެވެ.
“ސޮރީ.. އަހަންނާހެދި ޔާންގެ ނިދި ހަލާކުވެއްޖެ ދޯ..” ލިލިއަން މާޔޫސްކަމާއެކު ބުނެލިއެވެ.
” ލިލީތަ..؟ ރަނގަޅަށް ދެލޯވެސް ނުހުޅުވަ ފޯނު މިނެގީ.. އެހެންވެ ގުޅީ ކާކުތޯއެއްވެސް ބަލައެއް ނުލެވެ..
އަނެއްކާ ކަމެއްވީތަ މިހާ ދަންވަރު ތިގުޅީ..؟ ލިލީ ނުނިދަނީތަ..؟” ދިޔާންގެ އަޑުގައި މިހާރު ވަނީ ހާސްކަމެވެ.
” ނޫން.. ދެންމެ ހޭލެވުނީ.. ހުވަފެނެއް ފެނިގެން..” އެ ހުވަފެނުގެ މަތިން ހަނދާން ވާއިރަށް ލިލިއަންގެ ހިތް ނުބައި ގޮތަކަށް ތެޅިލައެވެ.
” ބިރުވެރި ހުވަފެނެއްތަ..؟ ހުވަފެނުގަ ކިހިނެއްވީ..؟” ދިޔާން ސުވާލު ކޮށްލިއެވެ.
” ހުވަފެނުގަ ވާ ގޮތެއް ހަނދާނަކަށް ނާދެ.. އެކަމަކުވެސް.. ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެން..” ލިލިއަން ނުތަނަވަސް ކަމާއެކު ދެބޮމަ ކައިރި ކޮށްލެވުނެވެ.
” އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެއޭ.. ތިއީ ލިލީ ކަންތައްތަކާ މާ ވިސްނާތީ ހީވާ ގޮތަކަށް އެވާނީ… ހުވަފެނަކީ ބިލާހެއް.. ދެން ލިލީ އެކަމާ އެހާ ނުވިސްނައްޗޭ.. އިނގޭތަ.. އިރާދަ ކުރެއްވިއްޔާ މާދަން ލިލީ ބަލާ އަހަރެން ދާނަން..” ދިޔާން ޔަޤީން ކަމާއެކު ބުނެލިއިރު އެ އަޑުގައިވާ އުފާވެރިކަން ލިލިއަން އަށް އިޙްސާސްކުރެވުނެވެ. ލިބުނު ޚަބަރާއެކު ލިލިއަންގެ ހިތުގައި ދަޢުރުވަމުން ދިޔަ ހުރިހާ ނުތަނަވަސް ކަމެއް ފިލައިގެން ދިޔަފަދައެވެ. ދިޔާން ފެންނާކަށް މާގިނަ ވަޤުތެއް ނެތްކަން އިޙްސާސްކުރެވެމުން އެހިތަށް ދިރުން ލިބިގެން ދިޔައެވެ. ދިރިއުޅުމުގައިވާ އަނދިރިކަމާއި ފަޅުކަން ފިލުވައިދޭ އަލީގެ ވޮށަކަށް ދިޔާން ވާނޭކަމުގައި ލިލިއަން ޔަޤީން ކުރިއެވެ.
އިރުކޮޅަކު ދިޔާން އާ ވާހަކަ ދައްކަން އޮތުމަށްފަހު ލިލިއަން ދެން ނިދަން އުޅެނީކަމުގައި ހާމަކުރިއެވެ. އެފަދަ ދަން ގަޑިއެއްގައި ގުޅުމުންވެސް ދިޔާން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އަވަހަށް ފޯނު ބާއްވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެފަދަ ފުރިހަމަ މީހެއް ލިލިއަން ފަދަ މީހަކަށް ހައްޤުބާއޭ ވެސް ބައެއް ފަހަރަށް ލިލިއަންގެ ހިތަށް އަރަމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






