އިރު އޮށްސި އުޑުމަތީގައި އޮތީ ރަތްވިލާ ލާފައެވެ. މަޑުމަޑުން ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފެށިއެވެ. ނާއިން ފަރުން ފުރައިގެން ބޮޑު ދެ މަސްދޯނި އެ ވަގުތު ދެ މިސްރާބަކަށް ދަތުރު ކުރަމުން ދިއައެވެ. އެއް ދޯނީގެ މިސްރާބު ހުރީ އަލިފުށްޓާއި ދިމާލަށެވެ. އަނެއް ދޯނީގެ މިސްރާބު ހުރީ މަރޮއްޓާއި ދިމާލަށެވެ. ލިބުނު ހިތާމާގައި އަލީ އިނީ އެ ވަގުތު ދޯނީގައި ހުއްޓުން އަރާފައެވެ. ފަރީޝާގެ ފުރާނަނެތް ހަށިގަނޑު އަލީގެ އަތްމަތީގައި އޮތެވެ. މަރީނާގެ ގާބިލު ކަމުން ދޯނި ދުއްވަމުން ގެންދިއައެވެ. އަލީ އެއްޗެކޭ ނުބުނެ އިނުމުން, މަރީނާ ވެސް ވާހަކަ ނުދައްކާ މަޑުކޮށްލައިގެން އިނެވެ. 

އަލީމެން ދަތުރު ކުރަމުން ދިޔަ ދޯނި, މަރޮއްޓަށް ލެފުނު އިރު އިޝާ ނަމާދު ކޮށް ނިމިދާނެއެވެ. މަރޮއްޓަށް ލެފުނުއިރު ވެސް އަލީ އިނީ ކުރިން އިންހެން ހުއްޓުން އަރާފައެވެ. މަރީނާ އައިސް އަލީގެ ގާތު މަރޮއްޓަށް މި ލެފުނީއޭ ބުނުމުން, މަރީނާއާއި ދިމާލަށް ބަލާލިއެވެ. އަދި ބުނި ކަހަލައެވެ. އަހަރެން މިރަށަށް ގެންނާށޭ ކަލޭ ގާތު ބުނިން ހެއްޔެވެ؟ މިރަށަށް އަހަރެން ތިގެނައީ ކީއްކުރަން ހެއްޔެވެ؟ ނަމަވެސް އަލީގެ އަނގައިން އެކައްޗެކޭ ވެސް ނުބުނެ ތެދުވެގެން, ރަށަށް ފޭބުމަށް އުޅުނެވެ. އަލީގެ އެ އަމަލު ހުއްޓުނީ, މަރީނާ ބުނިއެއްޗަކުންނެވެ. 

”އަލީ, ކަނޑުމަތީގައި މަރުވާ މީހުން ނުވާނެ ރަށުގެ އެތެރެއަށް އަރުވާކަށް. އަހަރެން އެބަ އަންނަން ރަށަށް ފައިބާފަ ރަށުގެ މީހުންގެ ގާތު ފުރާނެ ނެތް މަސްގަނޑެއް ދޯނީގަ އޮތްވާހަކަ ބުނެފަ. އަލީ އެހަށް މަޑުކުރޭ.“

އަލީ ވެސް, އެ ކަމާއި ގުޅޭ ގޮތުން މީހުން ކިޔާ އުޅޭ އެއްޗެހި އަޑު އިވިފައި ވުމުގެ ސަބަބުން, މަރީނާ އެބުނި ބަހަށް އެއްބަސްވިއެވެ. އަދި ދޯނީގައި މަރީނާ އަންނަންދެން މަޑު ކުރިއެވެ. 

މާކާށް ގިނައިރު ތަކެއް ނުވެ, ރަށުގެ ބަޔަކާއި, މުދިމު މީހާ ގޮވައިގެން މަރީނާ އައެވެ. އެ މީހުން އައީ, ހިނަވާ ކަފުން ކުރުމަށް ބޭނުންވާ އެންމެހާ ތަކެތި ހިފައިގެންނެވެ. ދޯނީގެ ކައިރިއަށް އެމީހުން އައި ވަގުތު, އަލީ ފެނުމުން އެ މީހުން ޖެހިލުން ވެލިއެވެ. ނަމަވެސް ނިޔާވެފައި އޮތީ, ފަރީޝާކަން އެނގުމުން އެންމެންގެ މޫނު މަތިން ފެނިގެން ދިއައީ ހައިރާން ކަމަވެ. އުފެދުނީ އެތައް ސުވާލު ތަކެކެވެ. މަރީނާ މެން މިއަދު ދިއައީ, ކަނޑު ގެރި މަރާލުމަށް ވައުދު ވެފައެވެ. ނަމަވެސް އެ މީހުންނަށް ވަޅުލަން މި ލިބުނީ, ފަރީޝާއެވެ. ކަނޑުގެރި ކޮބައި ހެއްޔެވެ. އެ ސޮރު ވެސް މަރުވީ ހެއްޔެވެ؟ ތަނަށް ވެރިވެފައިވި, ނުތަނަވަސް ކަމުގެ ސަބަބުން, އެކަކު ވެސް އެ ސުވާލުތައް އަލީއާއި, އަދި މަރީނާއާ ވެސް ނުކުރެއެވެ. އެންމެން ވެސް އަވަސްވެ ގަތީ ފަރީޝާ ހިނަވާ, ކަފުން ކުރުމަށެވެ. 

އަލީއާއި, މަރީނާގެ އެހީ އާއެކު, ފަރީޝާގެ ހިނެވުމުގެ ކަންކަން ނިމި, ކަފުން ކުރެވުނެވެ. އެއިރު, އެތާންގައި އުޅުނު މީހަކު, ފަރީޝާ ނިޔާވެގެން އުޅޭ ކަމުގެ ހަބަރު, އަލީގެ އާއިލާގެ މީހުންނަށް ދިނެވެ. މިހެންވެ ފަރީޝާގެ މޫނު ދެކިލަން އެމީހުން އައެވެ. އަލީގެ ދައްތަމެން ތިބީ ވީގޮތެއް ހޯދުމަށް ކެތްމަދު ވެފައެވެ. ނަމަވެސް އަލީގެ މޫނުމަތިން ފެންނަން ހުރި ހުސްކަމުގެ ސަބަބުން އެކަކު ވެސް އިތުރު ސުވާލު ތަކެއް ނުކުރެއެވެ. 

މޫނު ބަލާ ނިމުމުން, ފަތިހު ވަގުތުގައި ވަޅުލުމަށް, ފަރީޝާ ސަންދޯކަށްލާފައި ދޯނީގައި ބޭއްވިއެވެ. އަލީއާއި, އަދި ދެތިން ފިރެހެން ވެރިން ފިޔަވާ, އެހެން އެންމެން ރަށުތެރެއަށް ދިއައެވެ. މަރީނާ އެ ރޭ މަޑުކުރީ މަރޮށީގައެވެ. ދޯނީގައި މަޑުކުރި މީހުން, ފަތިސް ވަންދެން ކިޔެވުމުގައި ތިއްބެވެ. 

ފަތިހުގެ އަލިކަން ފާޅުވީއިރު, ރަށުގެ މީހުންތައް އެކި ދިމަދިމާލުން އަތިރިމައްޗަށް ނުކުންނަމުން ދިއައެވެ. އެންމެން އައިސް ގޮނޑުދޮށުގައި ކުޅިބަލަން ތިއްބެވެ. އަލީއާއި, ވަރުގަދަ ދެތިން މީހަކު އައިސް, ފަރީޝާގެ ސަންދޯއް, ކޮނޑު މައްޗަށް ނަގައިގެން ރަށަށް ބޭލިއެވެ. އަދި އެންމެން އެކުގައި މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފަރީޝާގެ ކަށު ނަމާދު ކުރެވި, ރަށުގެ ގަބުރުސް ތާނުގައި, ޒުލްފާ ވަޅުލާފައި އޮތް ތަނާއި ގާތުގައި ފަރީޝާ ވެސް ވަޅުލިއެވެ. ވަޅު ލުމުގެ ކަންކަން ނިންމާފައި, އެންމެން ދުވަހުގެ މަސައްކަތް ތަކާއިގެން މަސްއޫލުވެ އުޅެން ފެށިއެވެ.

އަލީ ފުރަތަމ ދިއައީ, ފާތިމާގެ ގެއަށެވެ. އެގެއަށް ގޮސް ފެންވަރާލައިގެން, ހެނދުނުގެ ސައިބޮއުނެވެ. ނަމަވެސް އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. މިހެންވެ އެކަކު ވެސް އަލީއާއި ކޮންމެހެން ދައްކަން ޖޭހޭ ވާހަކަ ނޫނީ ނުދައްކައެވެ. ސައިބޮއެ ނިމިގެން އަލީ, ދިއައީ އޭނާގެ އަމިއްލަ ގެއަށެވެ. އަދި ނިދާލުމަށް އެތެރެގޭގައި އޮށޯތެވެ. 

ނިދާފައި މާގިނައިރަކު އަލީއަށް އޮއެވޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް މޫސާއޭ ކިޔާ ހަޅޭއް ލަވައިގަނެ, ނިދިން ހޭލެވުނެވެ. ހުވަފެނެތް ފެނިގެންނެވެ. އެ ހުވަފެނުގައި, މޫސާ އުޅެނީ ނާއިންފަރުގައި އެކަންޏެވެ. އަނދާ އަޅިއަށް ވެފައިވާ ގެގަނޑުގައި އެސޮރު ނިދާފައި އޮތީ އެކަންޏެވެ. ވަށައިގެންވީ އަނދާ އަޅިއަށް ވެފައިވާ ގަސްތަކެވެ. ހަމީދުގެ އޮޑި ނާއިންފަރަށް ލަފައިގެންގޮސް މޫސާއާއި ހަމަލާދޭން އުޅުނެވެ. އަދި ހަމީދު މޫސާގެ ބޮލުގައި ހިފައިގެން ދަމާފައި ގެންދިއައެވެ. އެއަށްފަހު މޫސާގެ ކަރުގައި ބޮޑު ކަތިވަޅި އަޅިއެވެ.

ފެނުނު ހުވަފެނުން, އެއްމެ ވަގުތުކޮޅެއް ވެސް ލަސްނުކޮށް އަލީ ދުއްވައިގައީ އަތިރިމައްޗައް ދިއުމަށެވެ. އަތިރިމަށްޗައް ނިކުމެގެން ގޮސް އަލީމެން އައި ދޯންޏަށް އެރިއެވެ. އަދި ރިތުން ކަނބައި ފުންކޮށްލުމަށް ފަހު, ރިޔާ ނެގިއެވެ. އެއަށްފަހު މަރޮށީގެ ފަޅުން ދޯނި ނުކުމެ, ނާއިންފަރަށް ދިއުމަށް ދަތުރު ފެށިއެވެ. 

ނާއިންފަރާއި ދޯނި ގާތް ވިއިރު މެންދުރުން އަނބުރާލައިފިއެވެ. ރަށުގެ މަލަމަތިން ފެންނަނީ އަނދާ އަޅިއަށް ވެފައިވާ ގަސްތަކެވެ. މުޅި ރަށަށް ވެރިވެފައިވަނީ ހަމަހިމޭން ކަމަވެ. އަލީގެ ދޯނި ރަށާއި ކައިރިކޮށް, ރަށުގެ ކައިރީގައި އަޅާފައި, ރަށަށް ފޭބިއެވެ. އަދި ފަޔަށް ލެވުނުހާ ބާރެއްލާ, އަޑަށް ލެވުނުހާ ބާރެއްލާ, ”މޫސާ“ އޭ ގޮވަމުން އަލީ ދުއްވައި ގަތެވެ. އޭނާގެ މިސްރާބު ހުރީ އެ ރަށުގައި އެމީހުން އުޅުނު ގެއާއި ދިމާލަށެވެ. 

އަނދާ އަޅިއަށް ވެފައި ހުރި އެ ގެއަށް ގޮސް, މޫސާއަށް އަލީ ވަރަށް ބާރަށް ގޮވާލިއެވެ. ނަމަވެސް އެ ގެއިން މޫސާގެ އެއްވެސް ހިލަމެއް ނުވިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި އަލީގެ ހިތްވަރު އެލުވާނުލާ, މޫސާ ފެނޭތޯ, ރަށުގެ އެކި ސަރަހައްދުތައް ބަލަމުން ގެންދިއައެވެ. އެންމެ ފަހުން އަލީއަށް މޫސާ ފެނުނީ ރުކެއްގެ ކައިރީގައި ގަނޑުވެފައި ހުއްޓައެވެ. މަޑުމަޑުން މޫސާގެ ކައިރިއަށް ގޮސް, ކަކޫ މައްޗަށް ތިރިވެލިއެވެ. އަދި ބާރަށް ހަޅޭއްލަވައި ގަނެ ރޯން ފެށިއެވެ. އިރު ކޮޅަކު އެހެން އިނދެފައި ކުއްލިއަކަށް ތެދުވެ, މޫސާގެ ގައިގައި ހިފާ, އެ ހުރިތަނުން ނަގައި ގަނެގެން ގެންދެވޭތޯ އުޅުނެވެ. ނަމަވެސް އަލީއަކަށް އެކަމެއް ނުވިއެވެ. ކުއްލިއަކަށް އަލީ ސިއްސައިގެން ދިއައީ, މޫސާގެ ލޯ ހުޅުވިގެން ދިއައީމައެވެ. އަލީގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. މޫސާ މަރުނުވާކަން އެނގުނީމައެވެ. މިހެންވެ ގަނޑުވެފައި ހުރި މޫސާގެ ގައިގައި އަލީއަށް ބައްދާލެވުނެވެ. އަލީގެ ހަށިގަނޑަށް ފިނިކަން އިހުސާސް ވެގެން ދިއައެވެ. އަލީ ހިތައް އެރިއެވެ. މި ދޭ ގަދަ އަވީގައި ވެސް މޫސާ ގަނޑުވެފައި އެހުރީ ކީއްވެ ހެއްޔެވެ؟ 

ހައިރާްންކަމުން ފުރިފައިވާ އަލީ, އެންމެ ފަހުން އެ ރަށުން ފުރީ, މޫސާގެ ގާތު މޫސާ ރަނގަޅު ކުރާނެ ގޮތެއް ހޯދާނެ ކަމުގެ ވައުދު ވަމުންނެވެ. އަބަދުވެސް މޫސާގެ މަތިން ހަނދާން ބަހައްޓާނެ ވާހަކަ ބުނަމުންނެވެ. ފަރީޝާއަށް އިންސާފު ހޯދައިދޭނަމޭ ބުނަމުންނެވެ. މޫސާގެ ހިތްވަރު އެލުވާނުލުމަށް ބުނަމުންނެވެ. އަލީއަށް ދިރިއުޅުމުގައި އައު ޖޯށެއް ލިބިގެން ދިއައެވެ. އޭނާ މިހާރު ދިރި އެހުރީ މޫސާއަށް ޓަކައެވެ. ރޫހީ މިތުރުންނާއި ބެހޭ ގޮތުން އޭނާއަށް ހޯދުނު އެންމެހާ މައުލޫމާތެއް ހޯދުމަށް ގަސްތުކޮށް މަރޮއްޓަށް އެނބުރި ދިއައެވެ. 

ފަރީޝާ ނިޔާވިތާ ހަފްތާއެއް ވެއްޖެއެވެ. ފަރީޝާގެ މަރާއި ބެހޭ ގޮތުން އެކިއެކި ވާހަކަތައް ހަދައިގެން ރަށުގެ މީހުން ދައްކަމުން ގެންދިއައެވެ. ބައެއް މީހުން ބުނަމުން ގެންދިއައީ ފަރީޝާއަށް ކަނޑުގެރި ހަމަލާދިނީ ކަމަށެވެ. އަނެއްބަޔަކު ބުނަމުން ދިއައީ, ހަމީދު އެދުވަހު ނުފެނުމުން, އޭނާ ފަރީޝާ މަރާލީއެވެ. ކޮންމެ އަކަސް އެންމެފަހުން އެ ދުވަހު ވީގޮތް ރަށުގެ މީހުންގެ ގާތު އަލީ ބުނެދިނެވެ. އަލިފާންގެރީގެ ވާހަކަ ނުކިޔައިދީއެވެ. އޭގެފަހުން އަލީގެ ދިރިއުޅުން މަޑުމަޑުން ރަނގަޅު ވަމުން ދިއައެވެ. އެގޮތުން ރާވެރިކަން ފަށަން އަލީ ގަސްތުކުރިއެވެ. އަދި އޭގެ އިތުރުން ރަށުގައި ދުވަސް ވީ މީހުންގެ ފަރާތުން އޭނާގެ ކާފައާއި, ހޫރު ކާފައިންގެ މައުލޫމާތު ހޯދަން ފެށިއެވެ. އޭގެ އިތުރުން އޭނަގެ ބައްޕަގެ ބޮޑުފޮށި ހާވާ އޭގައި ހުރި ބައެއް ފަތްފުއްތައް ކިޔަމުން މައުލޫމާތު އެއްކުރަމުން ގެންދިއައެވެ. 

އެ ގޮތުށް ބޮޑުފޮށި ހާވަން އަލީގެ ގޭގެ ބޭރުގޭގައި އިން ދުވަހެކެވެ. އަލީގެ ހާލު ބަލާލުމަށް މަރީނާ އަލީގެ ގެއަށް އައެވެ. އަލީއަށް މަރީނާ ފެނުމުން މޫނު އަނބުރާލިއެވެ. ނަމަވެސް ގޭގެ އެތެރެއަށް މަރީނާ ވަނެވެ. އަދި ވާހަކަ ދެއްކިއެވެ. 

”އަހަރެންނަށް އެނގޭ އަލީ ދުވަހަކު ވެސް އަހަރެންނަށް މައާފެއް ނުކުރާނެކަން. އެކަމަކު އަހަރެން ކުރި ކަންކަމަކީ, ބައެއްގެ ވާހަކަތަކެއް ގަބޫލު ކުރެވިގެން ނޭނގުމުގަ އަހަރެންނަށް ކުރެވުނު ކަންކަން. ނަމަވެސް އޭރު ވެސް އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިއަ. އަހަރެންގެ ލޯ ހުޅުވުނީ އަލީ އެދުވަހު އެ ބުނި އެއްޗެހިން. އަހަރެން ބޭނުން އެ ދުވަހު އެވީ ހުރިހާކަމަކަށް އަލީގެ ފަރާތުން މައާފަށް އެދެން. އެކަމަކު އަހަރެންނަށް އެނގޭ އެކަކަށް ވެސް އަލީގެ ދަރިފުޅު އަލުން އަނބުރާ ނުގެނެވޭނެކަން 

އަހަރެން އަލީގެ ގާތުން އެއްޗެއް އޮޅުން ފިލުވާލަން ބޭނުން. އުއްމީދު ކުރަން ޖަވާބު ލިބޭނެކަމަށް. އެ ދުވަހު އަލީ ގެންގުޅުނު ފިޔޮހި އެޔައީ ކޮންތާކުން އަލީއަށް ލިބުނު އެއްޗެއް? އަލީއަށް އެނގޭތަ އެއީ ކޮންކަހަލަގެ ފިޔޮށްސެއްކަން؟ އެ ފިޔޮހި ބޭނުން ކުރަން އެނގޭތަ؟

މަރީނާގެ އެ ސުވާލުތަކަށް އަލީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މަރީނާގެ ވާހަކަ ކުރިއަށް ގެންދިއައެވެ. 

”އަހަރެން މިބަލަނީ އަލީއަށް ނޭނގޭ ކަމަށް. އަލީ. ޖަވާބެއް ދީބަލަ އެންމެ ރަނގަޅު, ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ, އަހަރެން މި ވަގުތު މިދަނީ. އަހަރެން މިރަށުގައި އަދި ދުވަސްކޮޅަކު މަޑުކުރާނަން. އެއީ އަހަރެންގެ އުފަން ވަޒަނަށް މިވަގުތު ދިއުމަކީ އަހަރެންނަށް ނުރައްކާތެރި ކަމަކަށް ވީމަ.“

އަލީގެ ގެއިން މަރީނާ ނުކުންނަށް ދަނިކޮށް އަލީ ވާހަކަ ދެއްކިއެވެ. 

”މި ފިޔޮހި މިއީ އަހަރެންގެ ބައްޕަގެ އެންމެ ފަހު ވަގުތުގައި އަހަރެންނަށް ހަވާލުކުރި އަމާނާތެއް. އެއްޖީލުން އަނެއްޖީލަށް ވާރުތަ ވަމުން އައިސް އޮތް އެއްޗެއް. އަހަރެންގެ ބައްޕަ ކިޔައެއް ނުދޭ މިއީ ކިހާ މުހިންމު އެއްޗެއްކަން. އަދި މި ފިޔޮހި ބޭނުން ކުރާނެ ގޮތެއް ވެސް ބުނެއެއް ނުދެ. ފަހަރެއްގަ ވެދާނެ އެ ދުވަހު އެ ވާހަކަތައް ކިޔައި ދެވޭނެހާ ވަގުތު ބައްޕައަށް ނުލިބުނީކަމަށް. ނޫނީ ބައްޕައަށް ވެސް މި ފިޔޮހި ބޭނުން ކުރާގޮތް އެނގިފަ ނެތީ ކަމަށް. ބައްޕައަށް އެނގޭ ނަމަ އެ ދުވަހު ހަމަލާދިން މީހުންނާއި އިދިކޮޅަށް މި ފޮޔޮހީގެ ބޭނުން ކުރީސް.“

އަލީގެ ވާހަކަތައް އަޑުއަހާ މަރީނާ ހުރީ ދެރަވެފައެވެ. އަދި އަލީގެ ވާހަކަ ނިމިމުން ބުނެލިއެވެ.

”އަލީގެ ބައްޕަ ނިޔާވި ވާހަކަ ބުނުމުން ވަރަށް ދެރަވެއްޖެ. އަލީއަށް މިހާރު އެނގޭނެ ކަންނޭނގެ. އަހަރަމެންގެ އާއިލާ އަކީ, ރޫހީ މިތުރުން ހޯދާ, މަރާ ބައެއްކަން. އަދި އެ ކަމުގައި ގެންގުޅޭ ހަތިޔާރާއި, މައުލޫމާތާއި, ކިޔެވެލިތައް އެއްޖީލުން އަނެއް ޖީލަށް ދަނީ ހަވާލުކުރަމުން, ކިޔައިދެމުން. އަހަރަމެންގެ މަސައްކަތަކީ ރޫހީ މިތުރުންގެ ބޭނުން ނުހައްގު ގޮތުގައި ހިފާ މީހުން ހޯދާ, އެމީހުންގެ މިތުރުން މަރާލުން. އަދި ކުއްޖަކާ އެކުގައި މިތުރަކު އުފަންވިކަން އެނގިއްޖެނަމަ, އެ މިތުރުގެ ބާރުތައް ފުރިހަމަ ނުވަނީސް ކަތިލުން. އެއީ އަހަރަމެންނަށް ކިޔައިދީފައި އަދި އަބަދުވެސް އެކަން ކުރަމުން އަންނަގޮތް. މި ގޮތުން ކިތަންމެ މިތުރެއް އަހަރަމެންގެ އާއިލާއިން ވާނީ ނައްތާލާފަ. އެނގޭތަ ކޮންމެ ކޮންމެ ހަތިޔާރަކުން ރޫހީ މިތުރެއް ނައްތާއެއް ނުލެވޭނެ. އެކަމަށް ހާއްސަކޮށް ހަދާފައި ހުންނަ, އަހަރެން މި ގެންގުޅޭ ކަހަލަގެ ފިޔޮހިން އެކަނި މިތުރު ނައްތާލެވޭނީ. އަދި މި ކަމުގައި އުޅެނީ ހަމައެކަނި އަހަރަމެން އެކަންޏެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަހަރަމެން ކަހަލަގެ މީހުން އުޅޭ. އެ މީހުންގެ ތެރޭގަ ވެސް ކޮންމެ ވެސް އެކަކުގެ އަތުގަ މިކަހަލަ ފިޔޮށްސެއް އޮންނާނެ. އެ މީހުންގެ މަސައްކަތަކީ އެ މީހުން ބަލަހައްޓާ އަތޮޅަކުން, މިތުރެއްގެ ހަބަރު ވެއްޖެއްޔާ އަވަހަށް އެރަށަކަށް ގޮސް އެ މިތުރެއް މަރާލުން. އަހަރަމެންގެ އަސްލު އެނގޭ އުޅޭނީ ވަރަށް މަދު މީހަކު. ސަބަބަކީ, އަހަރަމެންނަކީ ސިއްރު ޖަމާއަތެއްގެ ބައެއް ވީމަ“

މަރީނާގެ އެ ވާހަކަތަކުން އަލީ ހުރީ ހައިރާން ވެފައެވެ. އަދި އަހާލިއެެވެ. 

”އަހަރެން މި ގެންގުޅޭ ފިޔޮށްސަކީ ވެސް މިތުރުން މަރަން ބޭނުން ކުރާ ފިޔޮށްސެއްތަ؟ އަހަރަމެންގެ އާއިލާ އަކީ ވެސް….“

އަލީގެ ވާހަކަ ނުނިމެނީސް މަރީނާގެ ވާހަކަ ފެއްޓިއެވެ.

”ނޫން ތިއައީ އަދި މުޅިން ތަފާތު ވައްތަރެއްގެ ފިޔޮށްސެއް. ތި ފިޔޮށްސަކީ ރޫހީ މިތުރަކު ގެންނަން ގެންގުޅޭ ފިޔޮށްސެއް. ދައްކަބަލަ އެ ފިޔޮހި.“

މިހެން ބުނުމުން އަލީގެ އުނަގަނޑުގައި ޖަހާލާފައި އިން ކޮވެލި ކުރެހި ފިޔޮހި މަރީނާއަށް ދެއްކިއެވެ. 

”ބަލާބަ, ތީނީންނު ތި ފިޔޮހީގެ މުއްގަނޑުގަ ކުރަހާފަ އިން ކޮވެއްޔެއް. އެއީ ތި ފިޔޮހީގެ ބޭނުން ކޮށްގެން ގެނެވޭ މިތުރަކީ. އެ ފިޔޮހި ހިފައިގެން ހުރެ އެ މިތުރު ގެނައުމަށް ވަކި ކިޔެވެއްޔެ ކިޔެވުމުން, ފިޔޮހި ހިފައިގެން ހުންނަ މީހާގެ ކުރިމައްޗަށް ރޫހީ މިތުރު ފާޅު ވާނެ. އަދި އެ ރޫހީ މިތުރެއް އެމީހަކަށް ތަބާވާނެ. އަދި އެ މިތުރު އިންސީ ސިފައިގައި ހުންނަ އިރުވެސް ފެންނާނެ. އެ ހެޔޮ މިތުރަކާ އެކު އުފަން ނުވާ މީހަކަށް ވިޔަސް. އަހަރަމެންނަށް ނައްތާލަން އެންމެ އުނދަގޫ ވައްތަރުގެ މިތުރުންނަކީ އެއީ. ސަބަބަކީ އެ މިތުރުންނަކީ ބާރުތައް ފުރިހަމަ ވެފައި ތިބޭ, މިތުރުން ކަމުގައި ވުމުން. އަދި އޭގެ މިތުރުން ގެންގުޅޭ މީހުންނަށް އަހަރަމެންގެ މައުލޫމާތު ކުރިއާލާ އެނގިފަ ހުރުމުން, އަހަރަމެންނާ ފިލަން އެމީހުންނަށް ފަސޭހަ ވީމަ

އަލީ ބޭނުމިއްޔާ އަހަރެންނަށް އެނގިފައި އޮތް ގޮތުން, މިތުރު ގެނައުމަށް ކިޔާ ކިޔެވެލި ދަސްކޮށްދީފާނަން. އެކަމަކު އެ މިތުރުގެ ބޭނުން ނުހައްގުގައި ހިފައިފިނަމަ އަހަރެންނަށް ޖެހޭނީ އެ މަރާލަން. އަހަރެންނަށް އެނގޭ އަލީ ބޭނުން ވާނެކަން އަހަރެންގެ ބޭބެގެ ފަރާތުން ބަދަލު ހިފަން. އެކަމަކު އެއީކީ ނޫން ހައްލަކީ. ބަދަލު ހިފުމަކުން ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ. އޭގެ ބަދަލުގައި އެ ބާރުގެ ބޭނުން ހިފައިގެން, ރޫހީ މިތުރުންނާއި އެކު އުފަންވާ ކުދިން ހޯދާ, އެކުދިންނަށް ސަލާމަތްކަންދީ ރައްކާތެރި ކުރުމުގައި ބޭނުން ހިފުން ރަނގަޅު ވާނެ. އަދި އެކުދިން ބޮޑު ވެގެން އަންނައިރު މިތުރުގެ ބޭނުން ނުހައްގުގައި ހިފިޔަ ނުދިނުމަށް ދަސްކޮށްދެވިދާނެ. އަހަރެން މި ގަސްތުކުރަނީ މީގެ ފަހުން މިތުރަކާ އެކު އުފަންވާ ކުދިންނަށް އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކިޔައިދޭން ކަމަށް. އަހަރެންގެ އުންމީދަކީ އަލީ ވެސް މި ދަތުރުގައި އަހަރެންނާ ބައިވެރި ވުން.“

މަރީނާގެ ވާހަކަތައް އަޑުއަހަން އަލީ ހުރީ ވަރަށް ޝައުގުވެރިކަމާއި އެކުއެވެ. މިހެންވެ އަލީ މަރީނާ ގާތު އެ ކިޔެވެލި ދަސްކޮށްދިނުމަށް ބުންޏެވެ. އަދި މަރީނާއެކު ރަށްރަށަށް ދަތުރު ކުރުން އެއީ, މޫސާ ރަނގަޅު ކުރާނެ ގޮތެއް ހޯދުމަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވުމުން, އެކަމަށް ވެސް އަލީ އެއްބަސްވިއެވެ. އެއާއި އެކު, ސަރުތުތަކަކާއި ލައިގެން މިތުރު ގެންނާނެ ކިޔެވެލި އަލީއަށް, މަރީނާ ކިޔައިދިނެވެ. އެ ކިޔެވެލިތައް އަލީ ދަސްކޮށް, މަރީނާގެ އެދުމުގެ މަތިން, އެކަމުގެ އަޖުމަ ބެލުމަށް ރަށުގެ ވަލުތެރެއަށް ދިއުމަށް ނިންމިއެވެ. 

އެ ދުވަހުގެ އިރު އޮށްސެން ގާތް ވެފައިވި ވަގުތެވެ. ވަލުގެ ތެރެއިން މީހުންތައް ނިކުތުމުން އަލީއާއި, މަރީނާ ވަލުގެ ތެރެއަށް ވަނެވެ. އަދި އަލީގެ އެދުމުގެ މަތީން އަލީގެ ބައްޕަ ނިޔާވި ހިސާބަށް ދިއައެވެ. އަދި އެތާނގެ ރުއްތަކުގެ މެދުގައި ހުރެ, ކޮވެލި ފިޔޮހި ނަގާ, މަރީނާ ދަސްކޮށްދިން ކިޔެވެލި ކިޔެވިއެވެ. ކުއްލިއަކަށް އަލީގެ އަތުގައި އޮތް ފިޔޮހީގައި ކުރަހާފައި އިން ކޮވެލި ނޫކުލައިން ދިއްލުނެވެ. އަދި ވަށައިގެން ވީ ރުއްތަކުން ނޫކުލައިގެ އައްޗެއް ފާޅުވާން ފެށިއެވެ. އެއަށްފަހު އަލީގެ ކުރިމަތިން ފާޅުވީ, ބޮޑު ބިޔަ ކަޅު ކުލައިގެ ކާޅުކޮވެއްޔެކެވެ. އެ ކޮވެލި ބަރު އަޑުން ގޮވާލިއެވެ. އަދި މުޅިތަނަށް ވައި ޖައްސާލިއެވެ. އެ ކޮވެލީގެ ފަތްތައް ހުރީ ކަޅު ކުލައިގައެވެ. ފަތްތްކުގެ ތެރޭގައި ނޫކުލަގެ ދިއްލުމެއް ހުއްޓެވެ. ކޮވެލީގެ ލޮލުގެ ކުލަ ހުރީ ރަތް ކުލާގައެވެ. އަދި އަލީގެ ކުރިމަތީގައި ފިޔަޖަހާލުމަށް ފަހު އަލީގެ ބޮލާއި ސީދާ މައްޗަށް އެ ކޮވެލި އުދުއްސައި ގަތެވެ. 

މިހާރު އެ ކޮވެލި އެއޮތީ މަރޮށީގެ ސީދާ މަތީގައެވެ. ތިރީގައިވާ ވަލުތެރެއަށް ނަޒަރު ހިންގާލުމުން ފެންނަނީ, ސިހުރު ހެދުމަށް ބޭނުން ކުރާ ބައްޓަންތައް ހުންނަ ގޮތައް ބައްޓަންތަކެއް މަރޮށީގެ ރުއްވާތެރޭގައި ނޫކުލައިން ކުރެހިފައި ވަނިކޮށެވެ. އަލީގެ ހުރިހާ ރަތުރުއްތައް ހުރީ އެ ކުރެހުންތަކުގެ ރޮނގުތަކުގެ މަތީގައެވެ. އަދި އެ ރުއްތަކުގައި ހުރީ ތިރިން ފެށިގެން މައްޗަށް ވާގޮތަށް ނޫކުލައިގެ އަކުރު ތަކަކުން ދިއްލިލާފައެވެ. ކާސިންބެ ކަނޑައިގެން ގެންދިއަ ރުއްތަކުގެ ބުޑުތައް ވެސް ހުރީ ނޫކަލައިގެ އެނބުރުމަކުން ދިއްލާލާފައެވެ. އަދި އޭގެ އިތުރުން މަރޮށީގެ ފަޅުގައި އަޅާފައި އޮތް ކާސިންބެގެ ދޯނީގެ ލަކުޑިތަކުގައި ވެސް ހުރީ ނޫކުލައިގެ އަކުރު ތަކަކުން ދިއްލިލާފައެވެ. 

އަލީއާއި, މަރީނާގެ ދަތުރުގެ ވާހަކަ ކިޔާލަން ބޭނުން ވާނަމަ މި ވާހަކަށް ގިނަ ހިތް ދޭށެވެ. އަދި ހިޔާލު ހުށައަޅާ ބައިގައި ލިޔެލާށެވެ. އަދި އަޅުގަނޑުގެ އިންޓަގުރާމުން މެސެޖް ކޮށްލިއަސް އެންމެ ރަނގަޅެވެ. 

-އިންތިޒާރު ކޮށްލައްވާ-

39

2 Comments

 1. Chuku chuku hoagayaa

  October 22, 2021 at 8:16 pm

  Dude….I really wanna read the whole trip…not everyone may like this but this is honestly my favourite story so I can’t imagine not knowing what happens next…pls keep uploading this story

  ….pls….pls….pls….pls…..

  tbh I really was kinda dull when u stopped uploading this on vhk.com cuz I started reading this there…but soon u started uploading this story here making me like wanna jump over the moon…

  I really luv this story n wanna know what happens next

  Pls keep uploading

  Luv ya a lot

 2. ރޫހީ މިތުރު

  October 23, 2021 at 10:34 am

  Thank you. @Chuku chuku hoagayaa

  I will be uploading the story soon. In Sha Allah.

  I am so happy you liked the story.

Comments are closed.