ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 26
“ގުޑް މޯނިންގް.. މިތާ ކީއްވެ ނިދީ؟.” ނަވްޔާ ޔަމްހާއަށް ގޮވާލިއެވެ.”ނިދުނީ.. ހެހެ ގުޑް މޯނިންގް..” ޔަމްހާ ހީލިއެވެ.”ޒާއިފް މެންގެއަށް ޗޭންޖް ވާން މިއުޅެނީ.. އަންނައްޗޭ އިނގޭ.. އެހާ ދުރެއް ނުވާނެއޭ.” ނަވްޔާ އެދުނެވެ. އަދި ގެ ހުންނަތަން ކިޔާދިނެވެ.”ކޮން އިރަކުން ދަނީ.” އަނެއްކާ ވެސް ޔަމްހާގެ ހިތް ނުތަނަވަސް ވިއެވެ.”ގެ ހުރީ ރެޑީގަ މިހާރު..ހަމަ ދާންވީ.. ދެ ކޮޓަރި އިންނަ ގެއެއް.. ކުރިން ޒާއިފް މަންމަ އުޅުނީ އެގޭގަ.. މިދިޔަ އަހަރު އޭނަ މަންމަ ނިޔާވެގެން އެގެ ހުހަށް ނުބަހައްޓަން ޒާއިފް ބުނީ ބަދަލުވާން ހިނގާށޭ..އަސްލު މާލެ ދާން ޖެހުނު ނަމަ ނުދާނަން..” ނަވްޔާ ކިޔާދިނެވެ.”ނަވް ދިޔައީމަ ވަރަށް ފޫހި ވާނެ.. ނީކް މެން ވެސް ދާނީ..” ޔަމްހާ އެހެން ބުނުމުން ނަވްޔާ ވަގުތުން ޔޫޝައު އެހުރީ ނޫންހޭ ބުންޏެވެ.”ޔޫޝައު އާ ނަވް އާ ތަފާތު ވާނެ ދޯ..” ޔަމްހާ ހީލިއެވެ.”ދަނީއޭ ސައި ހަދަން.. ޔަމްގެ އަތް ރަނގަޅު ވީމަ ދާނީ. އޭރުންނު މަ ނެތަސް ގޭތެރޭގެ މަސައްކަތް ކުރެވޭނީ ދޯ.” ނަވްޔާ ބަދިގެއަށް ވަނެވެ.”އަޅޭ ނަސީބު ކިހާ ރަނގަޅު.. އަހަރެމެންނަށް އެކީގަ ކިހާ ވަގުތެއް ހޭދަ ކުރެވޭނެ ދޯ ބޭބީ. ބޭބީ ދެން ނުޖެހޭނެ މީހަކު ހުރެދާނެ ކަމަކަށް ހާސް ވާކަށް..” ނަވްޔާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޔޫޝައު ހިނިގަނޑެއް ޖަހާލިއެވެ. ކޮޓަރިން ނިކުންނަން އައި ނުކްޝާން އަށް އެ ވާހަކަތައް އަޑު އިވުމުން ނިކުންނަ ޚިޔާލު ދޫކޮށްލާފައި އިތުރު ވާހަކައެވެ އިވޭތޯ މަޑުކޮށްލިއެވެ. ނުކްޝާން ސިހުނީ ދޮރު ހުޅުވާލާފައި ވަތް ޔަމްހާގެ މޫނު ނުކްޝާންގެ މޭމަތީގައި ޖެހުމުންނެވެ.
**26 ވަނަ ޕާޓު**
ނުކްޝާން އަށް ޔަމްހާގެ ގައިގައި ބައްދާލެވެން އުޅުނެވެ ނަމަވެސް އިހުސާސްތައް ކޮންޓްރޯލް ކުރަމުން މޫނު މައްޗަށް ރުޅި ވެރިކަން ގެނެސް ކުއްލިއަކަށް ދުރުވިއެވެ. ޔަމްހާގެ މޫނުމަތިން ކުޑަ ރަތްކަމެއް ފެންނަން ހުރި އިރު ނުތަނަވަސް ކަމެއް ވެސް ނުކްޝާންއަށް ފާހަގަވިއެވެ.”މާ އަވަސް އަރުވާލައިގެން ނޫޅެބަލަ.. ތި ފަޔަށް ހިނި އަރައިގެންތަ ތިއުޅެނީ.” ނުކްޝާން ހަރުކަށި އަޑަކުން ބުންޏެވެ. އެއާއި އެކީ ރަތްކަން ފިލައި ހިތާމަވެރިކަން ޔަމްހާގެ މޫނުމައްޗަށް ވެރިވިއެވެ. މޫނު އަނބުރާލާފައި ނުކްޝާން ކޮޓަރިން ނިކުތެވެ. އެތަން ބަލަން ހުރި ޔަމްހާ އިސްޖަހާލަމުން ކަރުނަތައް ފޮހެލިއެވެ.”ނަވް މަ އެތަނަށް ގޮއްސަ ކާނީ އިނގޭ.. މިހާރު މި ދަނީ..” ނުކްޝާން ބަދިގެއަށް ވަނެވެ.”އޯކޭ އެކަމް ކީއްވެ.” ނަވްޔާ އެހިއެވެ.”ނޭނގެ.. ނީކް ވެސް މިއަދު ނުދާ ދުވަހެއް.. އެހެންވީމަ ކުރިން ދާން ކަމަށް.” ނުކްޝާން އެހެން ބުނެފައި ގެއިން ނިކުތެވެ.
ނުކްޝާން ދިޔަކަން ޔަޤީން ކޮށްފައި ޔަމްހާ ރިމާން އަށް ގުޅާލިއެވެ.”މާދަމާ މާލެ ފުރާ ގޮތަށް ހަމަ ޖައްސައިދީ އިނގޭ.. ޕްލީޒް..” ޔަމްހާ ތުރުތުރު ލަމުން ދިޔަ އަޑަކުން އެދުނެވެ.”އޭ ކީއްވެ..” ރިމާން އެހިއެވެ.”ކަމެއް ނުވޭ.. އައި ވޯންޓު ގޯ.” ޔަމްހާ ދެންވެސް އެދުނެވެ. ރިމާން އޯކޭއޭ ބުނެފައި ފޯނު ކަނޑާލުމުން ވަހަށް ފޮށި ނަގާ ހެދުންތަކާއި ރީތިވާ ސާމާނާއި އެހެނިހެން ތަކެތި ވެސް ފޮށްޓަށް އަޅާ ޕެކް ކުރިއެވެ. އަދި އެ ފޮށި އެނދު ދަށަށްލާ ފޮރުވިއެވެ. ޔަމްހާ ބޭނުންވީ ހަމަ އެކަކަށް ނޭނގި ދާންށެވެ. މިއީ އެންމެ ރަނގަޅު ނިންމުންކަން ހިތް ބުނާތީއެވެ. ނުކްޝާން ނުފެންނަ ހިސާބަށް ދާން ޖެހޭތީ ޔަމްހާ ހިތަށް ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ތަދުވަމުންނެވެ. ނަވްޔާ މެންނަށް އިނގި އެކަން ހުއްޓުވަން އުޅެފިއްޔާ އަނެއްކާ ވެސް މި ކުރެވެނީ ބޭކާރު ކަމެކޭ ހިތް ބުނެފާނެއެވެ. އެވަގުތު ޔަމްހާ އޯކަށް ދަމައިގަތެވެ. ކޮޓަރި ތެރެއަށް ހޮޑު ލެވިދާނެތީ ޔަމްހާ ފާޚާނާއަށް ވަދެ ދޮރު ތަންޑު އެޅިއެވެ. ބޮލަށް އެނބުރުން އަރާފައި ހުރުމުން ޔަމްހާއަށް ވަރަށް ފަސޭހައިން ހޮޑު ލެވުނެވެ. މީހަކަށް އިނގިދާނެތީ އަވަހަށް މޫނު ދޮވެލައިގެން ފެންބޮއިގެން ނިކުމެ އެނދުގައި އޮށޯތީ ނިދީމައި ރަނގަޅު ވާނެކަމަށް ހީކޮށްގެންނެވެ.
ގަލަމެއް އަނބުރަން އިން ނުކްޝާން އިނީ ޚިޔާލަކަށް ގެއްލިފައެވެ. ޔަމްހާ އާއި ދުރުގައި ހުންނަ އިރު ހިތް އެދެނީ ޔަމްހާ ފެންނަ ހިސާބަށް ދިއުމަށެވެ. މިއަދު އިރު އެރީއްސުރެ ޔަމްހާގެ ނަން ހިތުން ފޮހެވިގެން ނުދެއެވެ. އެ ސޫރަ ނުކްޝާންގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައީ އެނގުމެއް ނެތިއެވެ. ކިތަންމެ ވަރަކަށް އެ އިހުސާސްތައް މައްޗަށް ބާރު ފޯރުވަން ނުކްޝާން މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ޔަމްހާގެ އަޑު އަހާލާ ހިތުން ނުކްޝާން އިނީ ކެތްމަދު ވެފައެވެ. ދެންވެސް ނުކްޝާން ޔަމްހާގެ ނުބައި ސިފަތައް ހިތަށް ގެންނަން އުޅެ އުޅެ އެއްވެސް ނުބައި ސިފައެއް ފާހަގައެއް ނުވިއެވެ. ފާހަގަ ވީ ވެސް ނުކްޝާން އަށް ޔަމްހާ ހެދި ދޮގެވެ. ނަމަވެސް އެވަގުތު ހިތަށް އެރީ ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވޭނެކަމެވެ.”ޑޭންގް އިޓް..” ވިސްނާ ވިސްނާ ބޯ ގޮވަން ކައިރި ވުމުން ނުކްޝާން މޭޒުމަތީގައި ޖެހިއެވެ. އޭނަ މިތަނަށް އައީ ގިނަ ވަގުތު މިތާ ހޭދަކުރަންށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވީ ނުކްޝާންގެ ބަސްނާހާ ހިތާއި ހެދިއެވެ. އެންމެ ފަހުން އެ އިހުސާސް ތަކާ މެދު ނީކިޔާގެ ޚިޔާލު ހުރިގޮތް ބަލާލާ ހިތުން ނީކިޔާއަށް ގުޅާލިއެވެ.
ލަމާންގެ ކޯލެއްގެ އިންތިޒާރުގައި އިން ނީކިޔާ ސިހުނީ ފޯނު ރިންގްވާންފެށި އަޑަށެވެ. ލަމާން އޭ ހިތަށް އަރާފައި ބަލާލި އިރު ނުކްޝާންގެ ނަން އަރާފައި އިނުމުން ދެރަވެފައި ފޯނު ނެގިއެވެ.”ހެއި ނީކް ފްރީތަ..” ނުކްޝާން އެހިއެވެ.”ޔެސް ކިހިނެއް ވީ.” އަޑަށް ސަމާސާކަން ވެރިކަމުން ނީކިޔާ އެހިއެވެ.”ވާހަކައެއް ދައްކާލަން.. ފޯނަކުން ނުދެއްކޭނެ.. ބޭރަށް ނިކުމޭ މި ދަނީ..” ނުކްޝާން އެދުނެވެ.”ނުކް ގަޑި ހަމައެއް ނުވޭ ނޫންތަ އަދި..” ނީކިޔާ ހައިރާންވިއެވެ.”ހްމްމް އަދި ނުޖެހޭ އެކަމް އޯކޭ ވާނެ.” ނުކްޝާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ވާނުވާގައި ހުރެ އިސްތަށިގަނޑު އައްސާލަމުން ނީކިޔާ ބޭރަށް ނިކުމެ ތިރިވެފައި އޮތް ގަހަށް އަރާ އިށީނެވެ. އިރުކޮޅެއް ނުވެ ސައިކަލްގައި ނުކްޝާން އައިސް މަޑުކޮށްލިއެވެ.”ކޮބާ ޔަމްހާ؟؟..” ފުރަތަމަ ވެސް ނުކްޝާން އެހިއެވެ.”ކޮޓަރީގަ ވީ..އަނެއްކާ އެއްޗެއް ބޮއިގެންތަ ތި އައީ..” ކުއްލިއަކަށް ޔަމްހާގެ ވާހަކަ އެހުމުން ނީކިޔާ އަށް ހެވުނެވެ.”ނުބޮމޭ އެއްޗެއް..” ނުކްޝާން އައިސް ނީކީޔާ ކައިރީގައި އިށީނެވެ.”މި ވާހަކަ ފަށާނެ ގޮތެއް ނޭނގެ..” ޖެހިލުންވެފައި ނުކްޝާން ނީކިޔާއަށް ބަލާލިއެވެ.
“އެކަމް.. އަޅެ ނީކް ބުނެބަލަ.. ކުއްޖެއްގެ މަތިން ހަނދާންވަންޏާ އޭގެ މާނަ އަކީ ކޮބާ؟.” ނުކްޝާން ސުވާލު ކޮށްލިއެވެ.”ވަޓް؟؟” ހައިރާންވެފައި ނީކިޔާ ވެސް އެހީ ސުވާލެކެވެ.”ދެން ޖަވާބު ދީބަލަ..” ނުކްޝާން ދުރު ބަލާލިއެވެ.”އޭގެ މާނަ އަކީ ތި ހަނދާންވާ ކުއްޖާ މަތިން ހަނދާން ނައްތާލަން ވަރަށް އުނދަގޫވާނެއޭ.. ގޮތަކަށް ބުނާނަމަ ލައިކް ވުން އެއަށް ކިޔަނީ..” ސިކުނޑިން ލަމާންގެ ޚިޔާލު އެއްފަރާތް ކޮށްލާފައި ނީކިޔާ ނުކްޝާންއަށް ސަމާލުކަން ދިނެވެ. ނީކިޔާ ދިން ޖަވާބުން ނުކްޝާން އަނގަ ހަދާލިއެވެ.”ދޮގު ދޯ؟..” ނުކްޝާން އަށް ގަބޫލުކުރަން އުނދަގޫ ވިއެވެ.”ނޫން..” ނީކިޔާ ހިތުގައި ސުވާލު އުފެދުނެވެ.”އަމް… މިސާލަކަށް ކޮންމެވެސް ކުއްޖެއް އެހެން ފިރިހެން ކުއްޖަކާ އެކީ ހުންނައިރަށް އުނދަގޫވެ ދެން އަބަދު އެކުއްޖަކު ފެންނަ ހިސާބުގައި ހުންނަ ހިތް ވަނީ ކީއްވެކަން އިނގޭތަ؟ އެކުއްޖަކު ފެންނަ އިރަށް އެހެން ކަމެއްގެ މަތިން ހަނދާން ނެތި އެކުއްޖާއަށް އެކަނި ފުރިހަމަ ސަމާލުކަން ދެވެނީ ކީއްވެތަ؟ ގިނައިން އެކުއްޖާ އާއި އެކީ ވަގުތު ހޭދަކުރަން ބޭނުންވެ އަދި އެކުއްޖާގެ ރައްކާތެރިކަމާއި މެދު އަބަދު ވިސްނެނީ ކިހިނެއްވީމަތަ؟ އެކުއްޖާ ފެންނަ އިރަށް ހިތް އަވަސްވެ ، ދެން.. އެކުއްޖާ ގޮވާލާނެ އިރަކަށް ނޫނީ ވާހަކަ ދައްކާނެ އިރަކަށް އިންތިޒާރު ކުރެވޭނީ ކޮން ކަމެއްވީމަތަ؟ ކިތަންމެ ބޯ ހާސްވެފައި ހުއްޓާ ވެސް އެކުއްޖާގެ އަޑު ކަންފަތުގައި ޖެހުމުން ނުވަތަ އެކުއްޖާގެ ސޫރަ ފެނުމުން ހިތަށް ހަމަޖެހުން ލިބެނީ ކީއްވެ؟ އެކުއްޖާ ފެންނަ އިރަށް އެއްވެސް ކަމެއް ނުކޮށް އެކުއްޖާގެ މޫނަށް ބަލާ ހިތްވަނީ ކިހިނެއް ވީމަ؟ އެކުއްޖާ ފެންނަ އިރަށް ހިތުގެ އަޑިން އުފާވަނީ ކީއްވެކަން އިނގޭތަ؟ އެކުއްޖާ މަތިން ހަނދާންވެ އެއްވެސް ކަމެއް ކުރެވޭވަރު ނުވެ އެންޑް އެކުއްޖާ އާއި ނުލާ ނޫޅެވޭނެއޭ ހިތް އަބަދު ބުނަނީ ، އެހެން ވެއްޖެއްޔާ އޭގެ މާނަ އަކީ ކޮބާ؟..” ނުކްޝާން އޭނާގެ ހިތުގެ އިހުސާސްތައް ނީކިޔާއަށް ކިޔާދިނެވެ. އަޖައިބު ވެގެން ގޮސް ނީކިޔާ އަނގަ ހުޅުވުނެވެ. ނަމަވެސް ޖަވާބު ދޭންފެށިއެވެ.
“އެއަށް ކިޔަނީ ލޯބި.. ލޯތްބަކީ ދެންމެ ތިކީ އިޙުސާސްތައް. އަހަރެމެންނަށް އެ އިޙުސާސް ތަކަށް ބާރެއް ނުފޯރުވޭނެ ހީކުރާހާ ފަސޭހައިންނެއް… ލޯތްބަކީ ވަރަށް އެހެން ކަހަލަ އެއްޗެއް..ނުކް އަށް ހީވެދާނެމީ ޖޯކް އެކޭ.. ބަޓް ސަމްޓައިމްސް އިޓްސް ވެރީ ޕެއިންފުލް. ނަވް އާ ޒާއިފް ހާ ލަކީ ނުވާނެ އެންމެން.. ނުކް ކީއްވެ ތިހެން ތި އެހީ؟؟ ކަމެއް ގޯސްވީތަ؟؟..” ނީކިޔާ ޖަވާބު ދިން އިރު ހިތުގައި އިނީ ލަމާން އެވެ.”ވަޓް.. ލޯތްބޭ؟؟.. ދެޓް މީންސް މަށަށް…..” ނުކްޝާން ދެލޯ ބޮޑުވިއެވެ.”ނުކް ކާކު ދެކެ ލޯބިވީ؟؟ ހޫ އިޒް ހާރ؟؟..” ނީކިޔާ ފުންމައިގެން ތެދުވިއެވެ. ނީކިޔާގެ ސުވާލަށް ޖަވާބު ނުދީ ނުކްޝާން ބާރު ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އަރާމުކޮށް ނިދާލާފައި އޮތް ޔަމްހާ ފެނުމުން ނުކްޝާން ހިތަށް ވެރިވީ ނީކިޔާ ބުނި ބަސްތަކެވެ. ހަމަ ރަނގަޅަށް ވެސް ނުކްޝާންއަށް ޔަމްހާ ދެކެ ލޯބި ވެވުނީ ބާއެވެ؟ ޔަމްހާ އޭނަ ދެކެ ލޯބި ވޭ ހެއްޔެވެ؟ ލޯބި ވާނަމަ އޭނާއަށް ކިހާ ގިނައިން ޔަމްހާގެ ހިތަށް އަނިޔާ ދެވިއްޖެ ހެއްޔެވެ؟ ޔަމްހާ ފުރަތަމަކޮޅު ޝަކުވާ ކޮށްފައި ވެސް އޭނަ ހިތްހަމަ ނުޖެހޭކަން އިނގުމުން އެކަން ވެސް ހުއްޓާލީ ހަމަ އޭނައަށް ޓަކައި ހެއްޔެވެ؟ އެފަދަ އަންހެން ކުއްޖަކަށް އޭނަ މިދެނީ ކޮންފަދަ ގެއްލުމެއް ހެއްޔެވެ؟ ނުކްޝާން ހިތަށް ތަދުވިވަރުން ހިތާއި ދިމާގައި އަތް އަޅާލަމުން ދެލޯ މަރާލިއެވެ. ޔަމްހާ އަރާމް ނިދީގައި އޮއްވައި އުނދަގޫ ކުރާހިތް ނުވުމުން ފުން ނޭވާއެއް ލާފައި ކޮޓަރިން ނިކުތެވެ.
“ނީކް.. ޔަމްހާ މަ ދެކެ ލޯބި ވޭތަ؟.” ކޮޓަރިން ނިކުމެ ދޮރު ލައްޕާލަމުން ނުކްޝާން އެހިއެވެ.”ޔެސް.. ފުރަތަމަ ދިމާވިދުވަހުން ފަށައިގެން..” ނީކިޔާ ބުންޏެވެ.”ދޮގު ދޯ؟..” ޔަޤީންވީ ނަމަވެސް ހިތަށް ލިބުނު ހަމަޖެހުމުން ނުކްޝާން އަދިވެސް އެއްފަހަރު އިނގެން ބޭނުންވިއެވެ.”ނޯ ދޮގެއް ނޫން.. މަށާ ނަވް އަށޭ ފެނުނީ ޔަމް ރުއި ވަރެއް.. އޭނަ އެ ވާހަކަ ބުނީމަ ވެސް ނުކް ކީއްވެ ބީރު ކަންފަތެއް ދިނީ..” ނީކިޔާ ނުކްޝާން ކައިރިއަށް އައިސް ހުއްޓެވެ. ޔަމްހާ އޭނާގެ ސަބަބުން ރުއި ރުއިންތައް ހަނދާންވުމުން ނުކްޝާން ފެންކަޅިވާން އުޅުނެވެ. ނަމަވެސް ކަރުނަތައް ހިންދާލަމުން ގެއިން ނުކުމެގެން ސައިކަލަށް އަރާ ދުއްވާލިއެވެ. އެކަމާ ހެދި ބޯ ގޮވައިފައި ހުރިވަރުން ޔޫޝައުގެ މަތިން ވެސް ހަނދާނެއް ނެތެވެ. ޔަމްހާ ހޭލުމުން ޔަމްހާ ކައިރީގައި ލޯބިވާ ވާހަކަ ބުނަން ނުކްޝާން ނިންމިއެވެ. ނުކްޝާން ކުއްލިއަކަށް އެކަހަލަ ވާހަކައެއް ދެއްކުމުން ނީކިޔާ ހައިރާންވެފައި ހުރެ ކޮޓަރިއަށް ވަނެވެ. ނަވްޔާ ކައިރީ ބުނަން ހިތަށް އެރި ނަމަވެސް ނުކްޝާން ހުއްދަ ނުދޭތީ ބުނާކަށް ނުކެރުނެވެ.
ޔަމްހާއަށް ހޭލެވުނީ ފޯނު ރިންގްވާންފެށި އަޑަށެވެ.”ޔަމް ޓިކެޓް ގަނެފިން.. މާދަމާ ހެނދުނުގެ ފްލައިޓް.. އެއަށްވުރެ އަވަސް ކުރެވެން ނެތް ސޮރީ.. މިދަނީ ޓިކެޓް ހިފައިގެން..” ރިމާން މަޢާފަށް އެދުނެވެ.”އިޓްސް އޯކޭ.. ތެންކްސް.” ޔަމްހާ ޝުކުރު އަދާ ކޮށްފައި ފާޚާނާއަށް ވަނެވެ. އޭރު ވެސް ލޮލަށް އަނދިރިވަމުން ދިޔައެވެ. މޫނު ދޮވެލާފައި ޔަމްހާ ބޭރަށް ނިކުތީ ރިމާން އަންނަންދެންނެވެ.”ނީކް ސޮރީ.. މިއަދު ބޮލަށް އެނބުރުން އަރާފައި ހުރީމަ ނިދުނީ.” ޔަމްހާ މަޢާފަށް އެދުނެވެ.”މިއަދު ހެނދުނު ނުކަން ދޯ؟؟؟.” ނީކިޔާ ދެލޯ ހަނިކޮށްލިއެވެ.”ހްމްމް.” ޔަމްހާ ދުރު ބަލާލިއެވެ.”އާދޭ ކާން. މިހުރީ ކާގޭގަ އިނގޭ..” ނީކިޔާ ކާގެއަށް ވަނެވެ. ޔަމްހާ ބޯ ޖަހާލިއެވެ. ދެތިން މިނެޓް ތެރޭގައި ރިމާން ޓިކެޓެއް ހިފައިގެން އައެވެ.”އެކަނި ދާންތަ ތިއުޅެނީ.. ނުކްޝާން ކޮބާ؟؟ ދެމީހުން ރުޅި ހެދީތަ؟؟..” ރިމާން އެހިއެވެ.”ނޫނޭ މަންމަ ކައިރިއަށް ދާ ހިތްވީ..” ޔަމްހާ އެހެން ބުނުމުން ޓޭކް ކެއަރ އޭ ބުނެފައި ރިމާން ހިނގައިގަތެވެ. ޔަމްހާ އަވަހަށް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ޓިކެޓް ފޮރުވާފައި ކާގެއަށް ދިޔައެވެ. އޭރު ނީކިޔާ ކަން ހަދާފައި ހުއްޓެވެ. ކާއެއްޗެހި ފެނުމުން ވެސް ނީކިޔާ މޭނުބައި ކުރަން އުޅުނެވެ.”ނީކް.. އަހަރެންނަކަށް ނުކެވޭނެ..” ޔަމްހާ ބުންޏެވެ.”ކީއްވެ؟؟..” ނީކިޔާ ޔަމްހާއަށް ބަލާލިއެވެ. ކަމެއް ނުވެއޭ ބުނެފައި ޔަމްހާ ބޭރަށް ނިކުތެވެ.
ނުކްޝާން އިރުއޮއްސެން އުޅެނިކޮށް ގެއަށް އަންނަން ނިކުތް ތަނުން އެހެން އޮފިސަރަކު ގޮވާލުމުން އެމަޖެންސީ ކޮށް ދާން ޖެހުނެވެ. ޔަމްހާ އާއި ހިއްސާ ކުރަން ކިތަންމެ ވާހަކައެއް ހުރި ނަމަވެސް ކެތްތެރި ކަމާއެކީ އަލުން އެތެރެއަށް ވަނެވެ. ނުކްޝާންގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދިޔަ ޔަމްހާ އިނީ ދެރަވެފައެވެ. ބޮލަށް އެނބުރުން އަރަމުން ދިއުމާއެކީ ޔަމްހާ އިނީ ހިސާބަކަށް ކަންބޮޑުވެފައެވެ. ފެން ބޯން ވެގެން ޔަމްހާ ކޮޓަރިން ނިކުތް އިރު ނީކިޔާ ވެސް ކާގޭގައި އުޅެއެވެ. އައިސްއަލަމާރި ހުޅުވަން އުޅެނިކޮށް ކާ އެއްޗެހީގެ ވަސް ދުވުމުން ޔަމްހާ އަށް ހޮޑުލެވެން އުޅުމުން އަވަސް އަވަހަށް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނީކިޔާއަށް އެކަން ފާހަގަ ވުމުން ޔަމްހާ ފަހަތުން ދުއްވައިގަތެވެ.”އެހެނޭ ވާނީ ނުކައި ހުންނަން އުޅޭތީ..” ޔަމްހާ ހޮޑުލައިގެން އައުމުން ނީކިޔާ އެހެން ބުނެފައި އަތުގައި އޮތް ފެންތަށި ދިނެވެ.”ޔަމް.. ހުން އައީތަ؟؟.” ޔަމްހާގެ ނިއްކުރީގައި އަތް ލަމުން ނީކިޔާ ދެލޯ ބޮޑުކޮށްލިއެވެ. ޔަމްހާއަށް ހުން އައިކަން ފާހަގަ ވީ ވެސް ނީކިޔާ ބުނުމުންނެވެ.”ބޭސް ކެއިންތަ؟؟ ހިނގާ ޑޮކްޓަރ އަށް ދައްކަން..” ނީކިޔާ އެދުނެވެ. ބޭސް ކެއުމުން ރަނގަޅު ވާނެ ކަމަށް ބުނުމުން ވެސް ނީކިޔާ ކުރުނުކޮށް ކިޔަން ފެށުމުން ޔަމްހާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
އެރޭ އަށެއް ޖެހިއިރު ޔަމްހާ އިނީ ޑޮކްޓަރ އަށް ދައްކަން ދާން ތައްޔާރު ވެގެންނެވެ. ހުން ވެސް މަތި ވަމުން ދާތީ ނީކިޔާ ހާސްވިއެވެ. ދުރުގައި ފާޑަކަށް ބަލަހައްޓައިގެން ޔޫޝައު ހުރީ އެދެމީހުން އެކަނި ވާނެ ވަގުތަކަށް ބަލަބަލައެވެ.”ހިނގާ ޔަމް..” ނީކިޔާ ކޮޓަރިން ނިކުތެވެ. އެވަގުތު ނުކްޝާން ގޭތެރެއަށް ވަދެގެން އައެވެ.”އެބަ އަންނަން އިނގޭ ޔަމް ހުން އައިސްގެން ޑޮކްޓަރ އަށް ދައްކާލާފަ.. މިއަދު ހާދަ ލަސްވީ؟..” ނުކްޝާން އާއި ދިމަ ބަލާލަމުން ނީކިޔާ ހީލިއެވެ.”ހޫމް..” ވަރުބަލި ވެފައިވާ މޫނަކާ އެކި ނުކްޝާން ޔަމްހާއަށް ބަލާލިއެވެ. އެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބަލިކަމެވެ. ޔަމްހާ އައުމުން އެ ވާހަކަ ބުނާނެ ކަމަށް ނިންމަމުން ނުކްޝާން ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ސޯފާގައި އޮށޯތެވެ. އެނދަށް އަރަން ހިތަށްއެރި ނަމަވެސް ޔަމްހާ ރުޅި އައިސް ދާނެތީ ނުކްޝާން މަޑުކޮށްލިއެވެ.
“މާދަމާ ހެނދުނޭ؟؟ ނީކްއަށް އާދެވޭނެތަ ނަތީޖާ ބަލާ؟؟..” ޑޮކްޓަރ ރޫމް އިން ނިކުންނަމުން ޔަމްހާ އެހިއެވެ. ޔަމްހާއަށް އިނީ ޓޯކަން ނަންބަރ އެކެއް ކަމުން އެންމެ ފުރަތަމަވެސް ވަންނަން ޖެހުނީ ޔަމްހާމެންނަށެވެ. ޔަމްހާ ޖެހިލުންވީ ފްލައިޓް ފުރަން ވާއިރަށް ނުނެގިދާނެތީއެވެ.”ހޫމް ހާސް ނުވެބަލަ.” ނީކިޔާ ޖަވާބު ދިނެވެ.”މިރޭ ޗޮކްލެޓް އެއް ނުގަންނާނަން؟؟” އެ ފިހާރަ އާއި އަރާ ހަމަވުމުން ޔަމްހާ ކުޑަކޮށް ހީލިއެވެ. އެވަގުތު ނީކިޔާ ހަނދާންވީ ލަމާން މަތިންނެވެ. ސުދާ އެދުވަހު ދެއްކި ވާހަކަ ތަކެވެ. ލަމާން މިހާރު ނުގުޅާކަން ވެސް ނިކިޔާ ފާހަގަ ކުރިއެވެ.”އާނ ރޭގަނޑު ފޮނި އެއްޗެހި ކެއީމަ ދަތަށް ތަދުވާނެ..” ލަމާންގެ ޚިޔާލުތައް ވަށާލަން ވާއިރަށް ނީކިޔާ ހިނިގަނޑެއް ޖަހާލިއެވެ.”ތީ ފޮނި އެއްޗެހި ނުކާ މީހެއް ނޫނޭ.” ނީކިޔާގެ ކޮނޑުގައި ޖެހިލަމުން ޔަމްހާ ބުންޏެވެ.”ދެން އެކަމް ވެސް..” ނީކިޔާ ތުން ދަމާލިއެވެ. ގެއަށް އައި އިރު ޔޫޝައު ފެންނާކަށް ނެތެވެ. ނަވްޔާ އާއި ޒާއިފް ވެސް މިރޭ ބޭރަށް ދާ ވާހަކަ ކިޔުމުން އެ ދިޔައީ ކަން އިނގުނެވެ.”ދެން ދޭ ނިދާލަން.” ޔަމްހާއަށް ހިނިތުންވުމެއް ދެމުން ނީކިޔާ ކޮޓަރިއަށް ވަނެވެ. ޔަމްހާ ކޮޓަރިއަށް ވަތް އިރު ނުކްޝާން އަށް ސޯފާގައި ނިދިފައި އޮތެވެ. ބޮލަށް އެނބުރުން އަރައި ނުކްޝާން އޮއްވައި ހޮޑު ލެވިދާނެތީ ޔަމްހާ އަވަހަށް ހެދުން ބަދަލު ކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ. މާދަމާ އަކީ ނުކްޝާން އެންމެ ފަހު ފަހަރަށް ފެންނަ ދުވަސްބާއޭ ޔަމްހާ ހިތަށް އަރަމުން ދިޔައެވެ. ޚިޔާލުތަކަށް ގެއްލެމުން ދަނިކޮށް ޔަމްހާއަށް ނިދުނެވެ.
ނުކްޝާން އަށް ހޭލެވުނީ ދޮރު ވެއްޓޭ ވަރަށް ނީކިޔާ ޓަކި ދޭން ފެށުމުންނެވެ.”ނުކް ކަމެއް ކޮށްދީބަލަ.. ޔަމްގެ ޓެސްޓް ރިޒަލްޓް ބަލާ ދޭބަލަ ހޮސްޕިޓަލަށް.. މަށަށް ދެންމެ ހޭލެވުނީ..ރެޑީ ވާން ޖެހޭނެ މިހާރު.. އެހެރަ ގަޑި ޖެހެނީ..” ނީކިޔާ ހާސްވެފައި އެދުނެވެ. އޭރުވެސް ޔަޤީން ވަމުން ދިޔައީ ނުކްޝާން އިންކާރު ކުރާނެ ކަމަށެވެ.”އޯކޭ.” ނުކްޝާން ދިން ޖަވާބުން ނީކިޔާ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. ގަޑި ބަލާލަމުން އަވަހަށް ފެންވަރަން ނީކިޔާ ވަނެވެ. ބަލިކަމުން ޔަމްހާއަށް މިއަދު ނުހޭލެވުނީކަން ނުކްޝާން އަށް އިނގުނެވެ. އެހެންކަމުން އުނދަގޫ ކުރަން ނުހަދައި ފެންވަރާލައިގެން ޔުނިފޯމް ލާފައި ސައިކަލް ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތެވެ. ނުކްޝާން ނިކުތްތާ އިރުކޮޅެއް ނުވަނީސް ޔަމްހާ ހޭލިއެވެ. އަވަސް އަރުވާލާފައި ރެޑީ ވެގެން ޔަމްހާ ކޮޓަރިން ނުކުތް އިރު ނަވްޔާ ބަދިގޭގައި ހުއްޓެވެ. ވަރަށް ސިއްރުން ފޮއްޓާއި ޓިކެޓް ހިފައިގެން ޔަމްހާ ގެއިން ނިކުމެ އެއާޕޯޓަށް ދާން ހިނގައިގަތީ ގެއާއި ދިމާއަށް އެންމެ ފަހު ފަހަރު ބަލާލަމުންނެވެ.
ހޮސްޕިޓަލުން ގެއަށް އައި އިރު ނުކްޝާން އަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ޔަމްހާ ނިދާފައި އޮތަސް ހެޔޮކަމަށް ނިންމަމުން ނުކްޝާން ކޮޓަރިއަށް ވަނެވެ. ނަމަވެސް ޔަމްހާ ފެންނާކަށް ނެތެވެ.”ނީކް.. ނަވް.. ޔަމްހާ ކޮބާ؟؟.” ނުކްޝާން ހައިރާންވެފައިވާ އެހިއެވެ.”ނޭނގެ.. ނެތީތަ ކޮޓަރީގަ..” ނަވްޔާ ކަންބޮޑުވިއެވެ. ނުކްޝާން ބޯ ޖަހާލާފައި ފާޚާނާ ބަލަން ވަނެވެ.”ޔަމްހާ..” ފާޚާނާގައި ވެސް ނެތުމުން ނުކްޝާން ހާސްވެފައި ނިކުންނަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ ނޯޓެކެވެ.”ނުކްޝާން.. އަހަރެން އަނބުރާ މާލެ ދަނީ.. އިނގޭ އަހަރެން ނުލާ ނުކްޝާން އަށް ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެކަން.. ޓޭކް ކެއަރ ނުކްޝާން..” އެ ނޯޓްކޮޅުގެ ފަހަތުގައި ހިތެއް ޖަހާފައި އިން އިރު އެ ހިތް ވަނީ ތުރުތުރު އަޅަމުން ކުރަހާފައެވެ.”އޯހ ނޯ..” މިހާރު ފްލައިޓް ނައްޓާލަން އުޅޭނެކަން އިނގުމުން ނުކްޝާން އަވަހަށް ދުއްވައިގަތީ އެއާޕޯޓަށް ދިއުމަށެވެ. އަތުގައި އޮތް ނަތީޖާ ގަނޑު ވެސް ގޭތެރެއަށް ދޫކޮށްލަމުން ނުކްޝާން ގެއިން ނިކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ.”ވެން؟؟ ނުކް ޔަމް ދެކެ ލޯބި ވޭތަ؟؟؟.” އެއަށް ބަލާލަމުން ނަވްޔާ އަނގައިން ސޮނި ވެއްޓޭ ވަރު ވިއެވެ.
ޗެކްއިން ވުމަށްފަހު އަދި ފްލައިޓް ނައްޓާލަން ކުޑަ ވަގުތުކޮޅެއް އޮތުމުން ޔަމްހާ އިށީނދެ ފޯނުން ލަވައެއް ޖަހާލިއެވެ. އޭރު އެ ދެލޮލުގައި ވިދަމުން ދިޔައީ ތާޒާ ކަރުނަ ތަކެވެ. ނުކްޝާން އަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަން އިނގުމުން ހީލެވުނު ނަމަވެސް ހިތަށް ހެރިފައިވާ ތީރުތައް ދިޔައީ ފުންވަމުންނެވެ. މީހުންތައް ފްލައިޓަށް އަރަން ފެށުމުން ޔަމްހާ ގަދަކަމުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ.”ޔަމް!!..” ޔަމްހާގެ ފައި ހީވީ ބިމުގައި ތަތްވީ ހެންނެވެ. ހުއްޓިފައި ފަހަތް ބަލާލި އިރު ނުކްޝާން ޔަމްހާ އާއި ދިމާއަށް އަންނަނީއެވެ. ޔަމްހާ އެންމެ ބޮޑަށް ހައިރާންވީ ‘ޔަމް’ އޭ ކިޔާ ގޮވާލުމުންނެވެ.”ކީއްވެ ތި ދަނީ..” ނުކްޝާން ޔަމްހާގެ އަތުގައި ހިފިއެވެ. ޔަމްހާ އަށް ރޮވެން އުޅުނު ނަމަވެސް އަޑަށް ރުޅިވެރިކަން ގެންނަމުން ވާހަކަ ދައްކަން ފެށިއެވެ.”ދޫކުރޭ.. އަހަރެން ދާން ވެއްޖެ..” ދެބުމަ ގޮށްޖަހާލައިގެން ހުރެ ނުކްޝާންގެ އަތް ނައްޓާތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެ ހިތްވަރު ލިބުނީ ކޮންތާކުން ކިހިނެއް ކަމެއް ނޭނގެއެވެ.”ޔަމް ޕްލީޒް ވެއިޓް.. އައިމް ސޮރީ..” ނުކްޝާން ޔަމްހާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.”ނުކްޝާން ހީކުރަނީ މީ ކުޅޭ ކުޅޭ އެއްޗެއް ކަމަށްތަ.. މިއޮށް ހުރިހާ އިރު އަހަރެންނާ ދިމާއަށް އެއްޗެހި ގޮވަމުން އައީ.. ދެން ނުކްޝާން ކައިރިއަކު ކެތެއް ނުކުރެވޭނެ.. ވާ ވަރަށް މިހާރު އަހަރެންގެ ހިތަށް އަނިޔާ ދެވިއްޖެ ނުކްޝާންއަށް.. ދެން އަހަރެން ނޫޅެން އިތުރަށް ނުކްޝާންގެ އަޅަކަށް ވެގެން އުޅޭކަށް.. ކީއްވެ ވަކި މިއަދު މާ ލޯބި އަރައިގަނެގެން ތި އުޅެނީ؟؟ އަހަ..” ޔަމްހާ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ ނުކްޝާން ޔަމްހާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމުންނެވެ. ނަމަވެސް އަނެއްކާ ވެސް އެ އަތް ފޮޅުވާލަމުން ވާހަކަ ދެއްކިއެވެ.
“މަގޭ އަނގަ މައިތިރި ކުރާނެ ކަމެއް ނެތް ނުކްޝާން.. އަހަރެން ކިޔަންވީ އެއްޗެއް ކިޔާނަން.. ތި އައީ އަހަރެން ނުކްޝާން ދައްކާހާ ދަޅައަކަށް ހެއްލި ނުކްޝާން ޖަހާހާ ބެރަކަށް ނަށާނެ ކަމަށް؟؟ އެހެން ހީކުރާނަމަ އެއީ ކުށްހީއެއް..ނު..” “ސްޓޮޕް ޔަމް..” ޔަމްހާ ވާހަކަ މެދުކަނޑުވާލަމުން ނުކްޝާން އާދޭހުގެ ރާގަކަށް އެދުނެވެ.”ނުހުއްޓާނަން.. ތި އެކްޓް ނުކުރިޔަސް ތީ ހަމަ ނުލަފާ މީހެއް.. އަހަރެންގެ ހިތަށް އެހުރިހާ އަނިޔާއެއް ދިން އިރު ހިތަކަށް އެއްވެސް އެއްޗެކޭ ނާރާތަ؟؟ ކާކު ކީކޭ ކިޔައިގެން މިއަދު އަހަރެން ހުއްޓުވަން ތި އައީ..” ޔަމްހާ ރޮމުން ވާހަކަ ދެއްކިއެވެ.”އައި ނޯ.. ޔަމް ބޭނުން އެއްޗެއް ކިޔާ.. އަހަރެންގެ ގައިގަ ތަޅާ އަނިޔާ ކުރޭ.. މަށަށް މައްސަލައެއް ނެތް. މަށަށް އިހްސާސް ވޭ ޔަމް ވާނެ ދެރަ.. ބަޓް ޕްލީޒް ނުދޭ.. އައިމް ސޯ ސޮރީ..” ނުކްޝާންގެ ލޮލުން ޔަމްހާއަށް އާދޭސް ފެނުނެވެ.”ނޫން.. ތިއަކަށް ނުހެއްލޭނަން.. އަހަރެންގެ ބޮލަށް ވަންނަންތަ ތި އުޅެނީ ނުކްޝާން؟؟..” ޔަމްހާ ހިތާމަ އާއި ރުޅިވެރިކަން އެކުލެވޭ އަޑަކުން ވާހަކަ ދެއްކިއެވެ.”ޕްލީޒް ލިސެން ޓު މީ.. އެންމެ ފަހަރަކު..” ނުކްޝާން ޔަމްހާގެ އަތަށް ބާރު ކޮށްލަމުން ބުންޏެވެ.”ނޫޅެން.. ދުވަހަކު ވެސް ނޫޅެން..އަނެއްކާ ވެސް ކޮން…” ޔަމްހާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ މިފަހަރު ނުކްޝާން ޔަމްހާ އަތަށް ދަމާލަމުން ކައިރީގައި ހުރި ފާރާއި ދެމެދު ފިއްތާލައި ދެ އަތް ވިއްދާލިއެވެ.”ޔަމް.. އައި ލަވް ޔޫ..” ނުކްޝާން ސީދާ ޔަމްހާގެ ލޮލަށް ބަލަން ހުރެ ބުންޏެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



It was the best story I have ever read. Like everyday I check if it was updated or not.idk how to tell u how much I love it. THIS IS THE BEST STORY I HAVE READ IN MY ENTEIR LIFE☺️☺️
So keep it up?
Kon Italy nxt part can’t wait ?
Tc❤️
Stay safe?
*I mean Kon iraku ?
finally the moment we all have been waiting for!!
ahah yh..✨??