* “އާނ ނަވާލްބޭ.. ދެވިދާނެތަ ބޭރު ގޮނޑީގައި އަޅުވާފައި އޮތް ރުމާކޮޅު ބަލާ..؟ އޭތި ހިކިދާނެ..” ކިއަނާ އެދުމުން ނަވާލް ކޮޅަށް ތެދުވިއެވެ. ސިޓިންގރޫމް ކައިރީހުރި ގޮނޑީގައި ފަންކާ އާއި ވާނެހެން އަޅުވާލާފައިވާ ދަނބު ރުމާކޮޅު ނަގައިގެން ހިނގައިގަތް ނަވާލްގެ ފިޔަވަޅުތައް ގަނޑުވީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެންނެވެ. ހައިރާންވެފައި ނަވާލަށް ފުރަތަމަ ބަލާލެވުނީ ގަޑިއަށެވެ. ހަޔެއް ޖަހަން އުޅެނީއެވެ. އެވަގުތު އެގެއަށް އަންނާނެ މީހަކު ނޫޅޭނެއެވެ. ނަވާލް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި މީހާ ފެނިފައި ނަވާލްގެ ނިތަށް ރޫގިނަވާން ނެގީ ސިކުންތުކޮޅެކެވެ. *

“ފާއިޒާއްތާ..؟” ނަވާލަށް ފާއިޒާގެ ނަމުން ގޮވާލެވުނީ އެހާ ނުވަގުތަކު ފާއިޒާ އެގެއަށް އައުމުން އެކަމާއި ސިހިފައި ހުރެއެވެ. “މިގޭ ސޮރު ބަލިވެ އުޅޭ ވާހަކަ އެހިން.. އަން މި ކޮތަޅުގައި ހިފާ… މި ކާންދޭތި ﷲ އިރާދަފުޅުން ރަނގަޅުވެދާނެ..” ފާއިޒާ ދިއްކޮށްލީ މޭވާ ކޮތަޅެކެވެ. ނަވާލް ޝުކުރު އަދާކުރަމުން ކޮތަޅުގައި ހިއްޕެވެ. “ތިގޭ މިއަލް ކޮބައިތަ މިހާރު..؟ އެމަންޖެ ލޮލަށް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ..” ފާއިޒާ ހުރީ އޮޅުންފިލުވާހިތުންކަން އެހި ރާގުންވެސް އެނގެއެވެ. “މިއަލް އެކޮޅު ރަށަށް ފޮނުވާލައިފިން..” ފުން ނޭވާއެއް ދޫކޮށްލާފައި ނަވާލް ބުނެލިއެވެ. ރޫޖެހިފައިވާ ފާއިޒާގެ މޫނުން ފެނުނީ ހައިރާންކަމެވެ. “އެމަންޖެ ކައިރިއަށް..؟؟” ފާއިޒާ ނުގޮތަކަށް އެބުނީ މިޝްލާގެ ވާހަކަ ކަން އެނގިގެން ނަވާލް އަވަސްއަވަހަށް ބޯހޫރާލައިފިއެވެ. “ނަވާޒުބެ ކައިރިއަށް.. ކިޔަވަންވެގެން..” ފާއިޒާ އެހެން އެއްޗެކޭ ހީކޮށްފާނެތީ ނަވާލް ބުނެލިއެވެ. “ނަވާލު އަދިވެސް އެމަންޖެ ހާލުބަލައެއްނުލަންތަ..؟” ފާއިޒާ އެއްސެވެ. އިސްޖަހާލާފައި ނަވާލް އަނެއްކާވެސް ބޯ ހޫރާލިއެވެ. “ކިހާ ދެރަ.. ސަފީނާ ވަކިވީ ފަހުންވެސް އެމަންޖެ ލޮލަށް ފެނިނުލާ.. މިއަލް ފެނުނީމާ ދައްތަ ހަމަ ހަނދާންވަނީ އެމަންޖެ މަތިން.. ހަމަ މިޝްލާ ގޮތަށް މިއަލް ވެސް އެހުރީ.. ހަމަ އެސޫރަ.. ތަފާތެއްވެސް ނެތް..” ފާއިޒާ ބުނެލައިފިއެވެ. ފާއިޒާ އާއި ސަފީނާ އަކީ ކުރިންވެސް ގާތް އެކުވެރިންކަމަށްވާތީ ޚަބަރުދަބަރު ފާއިޒާއަށް އެނގެއެވެ. އެއްޗެކޭ ބުނަން ނޭނގުމުން ނަވާލް ބޯ ޖަހާލިއެވެ. މިޝްލާގެ ވާހަކަ ފަށާ ކޮންމެ ފަހަރަކު ނަވާލްގެ ހިތް ފިސްފިސްވާކަހަލަ އިހުސާސެއް ކުރެވެއެވެ. ހިތުގެ އެންމެ ފުނުގައި ވަޅުލާފައިވާ ލޯބި އުތުރި އަރައިގަނެފާނެޔޭ ހިތަށް އަރަނީއެވެ. “އަނެއް ކުއްޖާގެ ހާލު ބަލަންތަ..؟” ފާއިޒާ މިލީންގެ ވާހަކަ އެއްސެވެ. ނަވާލް ދެރަވާގޮތްވިއެވެ. ނަވާލް ހަނުހުރުމުން ފާއިޒާއަށް ވިސްނުނީ ކަންނޭނގެއެވެ. “ވަރަށް ފަހުން އެމީހުން މިރަށަށް އައި.. ދެކެންވެސް ދެކުނިން..” އިރުކޮޅެއް ވަންދެން ހިމޭނުން ހުރެފައި ނަވާލް ބުނެލިއެވެ. ފާއިޒާއަކީ ނަވާލަށް ދުރުމީހަކަށް ނުވާތީ ހިއްސާކުރަނ ޖެހިލުމެއްވެސް ނުވިއެވެ. “އަސްތާ އަސްތާ..! ދައްތައަށް އަންގާނުލީ ކީއްވެގެން..؟” ފާއިޒާ އިހުނަށްވުރެވެސް ބޮޑަށް ހައިރާންވިއެވެ. އަދި ނަވާލަށް ބަލާލީ ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ. އޭނަ މިޝްލާ ދެކޭހިތުން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. މިޝްލާ އަކީ ރަނގަޅު އަންހެނެކެވެ. “އޭގެފަހުން ނުދެކެން އަދި.. މިރަށުގައި އުޅޭހެން ހީވަނީ.. ނޭނގެ..:” ނަވާލް ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އަޅާނުލާ ރާގަކަށް ޖުމްލަ ބުންޏަސް ހިތުގެ އަޑިން މިޝްލާއާއި މިލީން ދެކިލަން ނަވާލްގެ ހިތް ވަނީ ބޭގަރާރުވެފައެވެ.

“ދައްތަ ދަނީ ދެން.. ހިތްދެރަ ނުކުރާތި.. އެތައް ކަމެއް ކަޑައްތުކޮށްގެން މިއަދު ނަވާލަށް ތިހުރީ މި ހިސާބަށްވެސް އާދެވިފައި.. ކެތް ކުރާތި..” ފާއިޒާ ނަވާލްގެ ބުރަކަށީގައި ފިރުމާލާފައި ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުން ކޮށިކޮށްލައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ.

އެގެއިން ފާއިޒާ ނުކުތް މަންޒަރު ފެނި މިޝްލާ އަވަހަށް ހިނގައިގަތެވެ. މިޝްލާވެސް އެދުވަހު ހަވީރު މިސްރާބު ޖެހީ އެގެއަށް ދާށެވެ. އެތައް ޒަމާނަކަށް ފަހު މިލްރީޝްވޭލީ ފެނި މިޝްލާގެ ހިތް ރޯލިއެވެ. އެތައް ހަނދާންތަކެއް އާވިއެވެ. މިލްރީޝްވޭލީއަކީ ނަވާލާއި މިޝްލާ އަބަދުވެސް ބައްދަލު ކުރި ސިއްރު ތަނެކެވެ. ކައިވެންޏަށްފަހު ނަވާލް އެތަނުގައި ގެ އަޅާ އުޅެވޭވަރު ކުރިއެވެ. ކައިވެނީގެ ހުދު ހެދުމުގައި މިޝްލާ ހުއްޓިގެން ހުރީ އެތަނުގައެވެ. ނަވާލާއި އެކީގައި އެތައް ވަގުތެއް ހޭދަކުރީ އެތާނގައެވެ. ގުނާގުނާ އަދަދު ނުކުރެވޭނެހާ ލޯބީގެ ވަގުތުތައް ހޭދަވެގެން ދިޔައީ އެ މަންޒިލުގައެވެ. ރީއަލް ލިބިގެން ބަދަލުވީވެސް އެގެއަށެވެ. އެ ހަނދާންތައް އައިސް އުނދަގޫކުރަން ފެށުމާއި އެކީގައި މިޝްލާގެ ލޮލަށް ކަރުނަ ފާއްދާލިއެވެ. ޓަކިޖަހާލަން ހިތަށްވެސް އެރިއެވެ. ނަމަވެސް އެވަރަށް ކުރި ހިތްވަރު އެންމެ ފަހުވަގުތު ފިލުމުން މިޝްލާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. މާޔޫސްކަމާއި އެކީގައި އަތްއުރާލައިގެން މިޝްލާ ހިނގައިގަތީ ގެސްޓްހައުސަށް ދާށެވެ.

“ކޮންމެ ދުވަހަކުވެސް މިތަނުގައި..؟ މަށަށް ފާރަލަނީތަ..؟” ވައިޖައްސާލަން ޝަފްވާން ނުކުތްތަނާހެން މިޝަލް އާއި ދިމާވުމުން އެންމެ ފަހުން ސުވާލުކުރިއެވެ. މިޝަލް ހީނލާފައި ލައިގެން ހުރި ނޫކުލައިގެ ސޯޓްގެ ދެޖީބަށް އަތް ޖަހާލިއެވެ. “މިހިސާބުގައި މަސައްކަތް ކުރަނީ..” މިޝަލް ޖަވާބު ދިނެވެ. މި ގޮތްނޭނގޭ އަންހެންކުއްޖާއަށް ޝަފްވާން ބަލާލީ ފާޑަކަށެވެ. އަބަދު މާސްކް އަޅައިގެން އުޅޭތީ އެ މޫނު ޝަފްވާނަކަށް ނުފެނެއެވެ. “ކޮންތާކު މަސައްކަތްކުރަނީ..؟” އަނެއްކާ ޝަފްވާން އަނެއް ސުވާލު ކުރިއެވެ. “ހޮސްޕިޓަލް..” ޝަފްވާންގެ ޝައުގުވެރިކަން އަތުލަން މިޝަލް ދެމުން ދިޔައީ ވީހާވެސް ކުރު ޖަވާބު ތަކެވެ. “އޯލްރައިޓް..” އަތިރިމައްޗާއި ހޮސްޕިޓަލާއި ދޭތެރޭ އެހާ ދުރުމިނެއް ނެތުމުން ޝަފްވާނަށް ވާނުވާ ރޭކާލިއެވެ. “މިއަދު މީ ކޮން ދުވަހެއްތަ..؟ ހޮނިހިރު ދުވަސްތަ..؟” ޝަފްވާން އަނެއްކާވެސް އެއްސެވެ. “ހުކުރު ދުވަސް..؟” މިޝަލް އެއްބުމަ އަރުވާލަމުން ޝަފްވާންގެ މޫނަށް ބަލާލީ އެ މޫނުމަތީގެ ކުލަވަރުތައް ބަލާލާހިތުންނެވެ. އެ ވިސްނަނީ ކޮންކަމަކާއި ދޭތެރޭކަން އެނގެން ބޭނުންވާތީއެވެ. އޭރު ޝަފްވާންގެ ކަޅި ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މިޝަލްވެސް ލޮލުގެ ހިމަކޮޅުން އެ ފޯނަށް ބަލާލިއެވެ. އޭރު ފޯނު ހުރީ ޕާސްވޯޑްވެސް ނުޖަހައެވެ. ޝަފްވާންގެ ނަޒަރު ހުރީ ފޯނުގައި ފެންނަން އޮތް ތާރީޚަށެވެ. “އަދިވެސް ހުކުރުތަ..؟ ހޮނިހިރު އަންނާކަށް ނުވޭ..؟” ޝަފްވާން ފޫހިކަމާއި އެކީގައި ފޯނު ޖިންސް ޖީބަށް ކޮއްޕާލައިފިއެވެ.

“ހޮނިހިރު ދުވަހުން ކަމެއް ވަނީތަ..؟” މިޝަލް މާ ނޫންގޮތަކަށް ހެދެމުން އެއްސެވެ.

މިޝަލް އެހެން އަހާލުމާއި އެކީގައި ޝަފްވާންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މިޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ ދެނެވެ. ޔަގީނެވެ. ޝަފްވާންގެ ހިތް މީހަކު އޭނަގެ އަތުން ލޫޓުވާލައިފިއެވެ. އެ އަންހެންކުއްޖަކާއި ދޭތެރޭ މިޝަލްގެ ހިތުގައި އޮތް ނަފްރަތުގައި ހުޅުޖެހި ފަދައެވެ. ހިތާހިތުން އެއަންހެންކުއްޖާއާއި ދިމާލަށް ނުބައި ބަހެއްވެސް ކިޔާލެވުނެވެ. އަތްމުއްކަވާލާފައި މިޝަލް ދަތްކުނޑި ވިކާލިއެވެ. އަދި ލޯމަރާ ތަގުޅިކޮށްލާފައި ހިންދިރުވާލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ.

މިއަލް އިނީ ޝެޑިއުލްއަށް ބަލަހައްޓައިގެންނެވެ. ހަވީރު ހަތަރުން ރޭގަނޑު އަށްގަޑި ސާޅީސްފަހަކަށް ކްލާސްތައް އޮވެއެވެ. މިއަލް ސިހުނީ އަނެއްކާވެސް އެ ނުދަންނަ ނަންބަރުން ގުޅަން ފެށުމުންނެވެ. މިސްކޯލްތަކަށް ބަލާލިއިރު ސަތޭކައިން މައްޗަށް އަރާފައިވެއެވެ. މިއަލް ހައިރާންވިއެވެ. މީ ކާކުބާއެވެ. ދެވަނަ ކޯލް އައުމާއި އެކީގައި މިއަލް ފޯނުނެގިއެވެ. “ހަލޯ..؟” ރުންކުރުގޮތަކަށް މިއަލް ގޮވާލިއެވެ. ވާނީވެސް އެހެންތާއެވެ. ނުދަންނަ ނަންބަރަކުން އުނދަގޫކުރަނީއެވެ. “ހަލޯ..؟” އެކޮޅުން އިވުނު އަޑުން މިއަލްގެ ހިތަށް ވެރިވި ރުޅި ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގުނެވެ. “ޔުއެލް..؟” ޔަގީން ކުރުމުގެ ގޮތުން މިއަލް އެއްސެވެ. “ކޮންއިރެއް އަހަރެން ގުޅާތާ..!” ޔައުލާން ބޮޑާހާކަން ފެށިއެވެ. މިއަލް ލުއި ހިނިގަނޑެއް ޖަހާލާފައި އެނދުގައި ލެނގިލިއެވެ. “ނުދަންނަ ނަންބަރެކޭ އަރާފައި އޮތީ.. މީ އާ ފޯނެކޭ..” މިއަލް އެހެން ބުނުމުން ޔައުލާންގެ ރުޅި ފިނިވިއެވެ. ހީނގަނެފައި އަމިއްލަ މޮޔަކަމަށް މަލާމާތް ކުރަމުން ޔައުލާން މިއަލްއަށް ސަމާލުކަން ދިނެވެ. “ޔުއެލްވެސް މިކޮޅުގައިތަ..؟” މިއަލް އަހާލިއެވެ. “އާނ މިކޮޅުގައި.. އެލްވެސް މިކޮޅަށް އައީދޯ..؟” ޔައުލާން އެހެން ބުނެލުމުން މިއަލް ހައިރާންވިއެވެ. “އެއްދުވަހަކު މަ ދިން ހެދުން ލައިގެން ހުއްޓާ ދެކުނީމޭ.. އެކަމަކު ގޮވާލުމުގެ ކުރިން ގޮސްފި..” ޔައުލާން އެހެން ބުނެލުމުން މިއަލްއަށް ވީގޮތް ރޭކާލިއެވެ. “އެއީ ހަމަ މިކޮޅަށް އައި ދުވަސް..” މިއަލް އެހެން ބުނެވުނު ތަނާހެން މިޝްލާ އާއި މިލީންގެ މަތިން ހަނދާންވިއެވެ. “ޔުއެލް.. މަންމަމެން ކޮބާ..؟” ހިތްއަވަސް ވެފައިވާ ރާގަކަށް މިއަލް އެއްސެވެ. ޔައުލާންއަށް ތިރީ ތުންފަތުގައި ދައިގަނެވުނެވެ. ހިތަށް ކަށިތަކެއް ކޮއްޕާލިހެންވެސް ހީވިއެވެ. އޭނައަށްވުރެ ބޮޑަށް މިއަލްއަށް އަސަރުކުރާނެކަން އެނގޭތީއެވެ. އެ ޚަބަރު އިވޭއިރަށް މިއަލްގެ ހިތް ފުނޑުފުނޑުވާނެއެވެ. ނަމަވެސް އެނގުމަކީ މިއަލްއަށްވެސް އޮތް ހައްގެކެވެ. “މިއަލް.. ހުކުރެއްނު..؟ ހަވީރު ބައްދަލުކޮށްލެވިދާނެތަ..؟” ޔައުލާން އެދުނެވެ. ފޯނުން އެވާހަކަތައް ކިޔައިދިނުމަށްވުރެ ބައްދަލުކޮށްގެން އެވާހަކަތައް ހިއްސާކުރުން މާ ރަނގަޅުގޮތެއް ކަމަށް ފެންނާތީއެވެ. “މިއަދު..؟ ކޮންއިރަކު..؟” މިއަލްގެ ހިތުގެ ހިނގުން ބާރުވިއެވެ. އެނދުގެ ބެޑްޝީޓްވެސް ހަޑިވެގެން ދިޔައީ މިއަލް ފައިން އެޔާއި ކުޅެން ފެށުމުންނެވެ.

“އާނ މިއަދު.. ގާތްގަނޑަކަށް ހަތަރުގަޑި ބައި ކިހިނެތްވާނެ..؟” ޔައުލާންވެސް ހުރީ ބައްދަލު ކުރަން ބޭނުންވެފައެވެ. މިއަލްގެ ސޫރަ ފެނިފައި އޭނަގެ ކޮންމެ ނާރަކަށް އަސަރު ކުރާނެކަން އެނގޭހާލުވެސް ޔައުލާން މިއަލް ދެކެން ބޭނުންވިއެވެ. “އޯކޭ.. ކޮންތަނަކަށް ދާންވީ..؟” މިއަލް އެއްސެވެ. “އަތިރި މައްޗަށް..” ޔައުލާން ބުނެލިއެވެ. “އެންމެ ރަނގަޅު.. ހަތަރުގަޑިބައިވާއިރު އެތާ ހުންނާނަން..” މިއަލް އެހެން ބުނުމުން ޔައުލާން ފާޑަކަށް ހްމްމްއެއް ލައްވާލިއެވެ. މިއަލް ކަރުކެހެލިއެވެ. އެކަމުން ޔައުލާންގެ ސަމާލުކަން މިއަލްއަށް އަތުލައިގަނެވުނެވެ. “ކީކޭ އެލް..؟” ޔައުލާން އެއްސެވެ. “މަންމަމެން ދާނެތަ..؟ މިއަލް ހިމަ އަޑަކުން އެއްސެވެ. އެހެން އަހަން ޖެހިލުންވީއެވެ. ޔައުލާންގެ ތުންކޮޅު އޫވިއެވެ. އޭނައަށް މިއަލްއަށް އެދެވޭ ޖަވާބެއް ދެވޭކަށް ނެތެވެ. މިޝްލާ ރަށުން ބޭރުގައެވެ. އަދި މިލީން…….

ޔައުލާން ދެލޯ މަރާލީ ހިތްދަތިގޮތަކަށެވެ. “ދެން ނޭނގެދޯ..” މިއަލް ހިތްހަމަޖައްސާލަންވެގެން ޔައުލާން ބުނެލީ އެހެންނެވެ. ނަމަވެސް އެއީ ވަގުތީ ހިތްހަމަޖެހުމެއްކަން ޚުދު ޔައުލާންއަށްވެސް އެނގެއެވެ. މިއަލް ފޯނު ކަނޑާލާފައި ބާލީހުގައި ބައްދާލިއިރު އުފާވެރިކަމުގެ ކަރުނަތައް ނީރާލައިފިއެވެ. މިދުވަސް ދެކެން ބޭނުންވެފައި އޭނަ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ.؟

ވީއުފަލުން މިއަލް އަވަސްއަވަހަށް ހައިފާކުރެން ބޭރަށް ދާން ހުއްދަ އެއްސެވެ. ހައިފާ ހުއްދަދިނީ އަހުނަފް އާއި އެކީގައި ދާމަތިންނެވެ.

ހަތަރުގަޑި ފަނަރަވަރު ހިނގީ މިއަލް ތައްޔާރުވެގެން އިންދައެވެ. އޭރުވެސް އޭނަގެ ހިތް ތެޅިފޮޅެމުން ދިޔައެވެ. އެފަހުން ހަމަޖެހިގެން މިއަލްއަށް ނޭވައެއް ލެވުނުކަމަކަށްނުވެއެވެ. “މިލީން..” މިއަލްގެ ދުލުން ބޭރުވިއެވެ. އެއީ އޭނަގެ ދައްތައަށް ކިޔާ ނަމެވެ. އެވަރަށް ފެންވަރައި ރީތިވެގެން އޭސީ އެންމެ ފިނިގަދަކޮށްގެން އިނަސް މިއަލްގެ މޫނުމަތިން ދާތިކިތައް ވިދަމުން ދިޔައެވެ. އަދިވެސް އެއްފަހަރު މިއަލް ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަޅިކުލައިގެ ފަހަތަށް ދިގުކޮށް ހުރި ބަބްލް ހެދުމަކާއި ޖިންސްގައި މިއަލް ފެންނަލެއް ހިތްގައިމެވެ. މުޅިން ކަޅުގައި ހުރުމުން މިއަލް ހިޔަންޏަކާއިވެސް ވައްތަރެވެ. އަބަދު މިނިވަންކޮށްލާފައި ބަހައްޓާ އިސްތަށިގަނޑު ދެފަރާތަށް އަޅާފައިވާތީ ކުޑަކޮށް ތަފާތުކަމަށް ދެއްކިޔަސް މިއަލްގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. ހަތަރުގަޑި ވިހިވަރު ހިނގުމުން މިއަލް ފޯނު ހިފައިގެން ބޭރަށް ނުކުތެވެ. އޭރު ސިޓިންގރޫމް ސޯފާގައި އަހުނަފް ތައްޔާރުވެގެން އިނެވެ. އިއްތިފާގުން އަހުނަފްވެސް ލައިގެން ހުރީ އޭނައާއި ވައްތަރުވާނެގޮތަކަށެވެ. އަޅިކުލައިގެ ޑިޒައިންތަކެއް ހުރި ކަޅު ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެން އަހުނަފް އިންއިރު ކަރުގައި ރިހި ފަށެއް އޮތެވެ. އެ ފެނުމުން މިއަލްގެ ހަނދާނަށް އައީ ރިޒްވާނެވެ. “ކޮބާ ދާކަށް ނުވޭ..؟” ގަޑި ބަލާލާފައި އަހުނަފް އަހާލީ ލަސްވެފައިވާ ރާގަކަށެވެ. މިއަލް އާއި އަހުނަފް ގެއިން ނުކުތީ އިޒާވެސް ގޮވައިގެންނެވެ. ބަންދު ދުވަހަކަށްވެފައި އިޒާ ފޫހިވެގެން އުޅޭތީއެވެ. ކަކުލާއި ހަމައަށް އަންނަވަރުގެ ރަތްކުލައިގެ ހެދުމާއި ބޮލުގައި އަޅާފައިވާ ބޭންޑްއިން އިޒާ ފެންނަނީ މީހަކު ބޮސްދޭން ބޭނުންވާނެހާ ލޯބިކޮށެވެ.

ތިން މީހުން ކާރުން ފައިބައިގެން ދިޔައެވެ. އިޒާ މެދުގައި ހުރިއިރު އެއްއަތުން ހުރީ އަހުނަފްގެ އަތުގައި ހިފައިގެން އަދި އަނެއް އަތުން ހުރީ މިއަލްގެ އަތުގައި ހިފައިގެންނެވެ. އިޒާ ދޭތެރެދޭތެރެއިން މައްޗަށް ފުންމާލާއުޅޭ ގަޑީގައި އަހުނަފް އާއި މިއަލް އަތަށް ބާރުލާފައި އިޒާ ބިމުން ހިއްލާލައެވެ. އިޒާގެ ހުނުމުގެ އަޑު ފަޒާގައި ހިފާލާފައިވާއިރު މިއަލް އާއި އަހުނަފްގެ މޫނުމަތީގައިވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ގޮނޑުދޮށާއި މާ ދުރުނޫން ހިސާބެއްގައި ހަދާފައިވާ ހަޓްތަކާއި އަރާ ހަމަވުމުން އަހުނަފް ވެއްޓިގަތެވެ. އަދި އެ ހުދު ގޮނޑީގައި ރަނގަޅަށް ހަށި ދަމާލިއެވެ. މިއަލްވެސް އަހުނަފްގެ ކުރިމަތީ އިން ގޮނޑީގައި ޖައްސާލިއެވެ. އިޒާ އައިސް އެރީ މިއަލްގެ އުނގަށެވެ. ޔައުލާން ނާންނާތީ ތިންމީހުންވެސް ހީނހީނފައި ސަކަރާތް ޖަހަމުން ދިޔައެވެ.

“އަހުނަފް..!!” އެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް އައީ އަންހެންކުއްޖެއްގެ ތޫލި އަޑުންނެވެ. އިޒާވެސް ދިޔައީ ސިއްސައިގެންނެވެ. މިއަލް އާއި އަހުނަފްވެސް ސިހިފައި އެދިމާލަށް ބަލާލައިފިއެވެ. ނޭވީބްލޫ ކުލައިގެ ޖިންސަކާއި އެކީގައި ގޮށްޖަހާލާފައި ރަތް ޓޮޕެއް ލައިގެން ހުރި އަންހެންކުއްޖާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. ކޮނޑުގައި އަޅުވާފައިވާ ބްރޭންޑެޑް ކަޅު ހޭންޑްބޭގް އަތަށް މުއްކަވާލެވިފައި ވީއިރު ހީވަނީ އައި ރުޅި އެއަށް ބާލަނީ ހެންނެވެ. ދެބުމަ މަގުލަސްޖެހިފައި ވާއިރު އެ މޫނުމަތި ރަތް ކަމުން ޓޮމާޓޯއެއް ފަދައެވެ. އަހުނަފް އިނީ ހިރިލަން ނޭނގިފައެވެ. މިއަލްވެސް އިނީ އަތަކަށް ނުގުޑި މަޑުމަޑުންނެވެ. އެ އަންހެންކުއްޖާ ހުރީ މިނިކާވަގެއް ފަދައިން އަހުނަފްއަށް ބަލާށެވެ. ދޭތެރެދޭތެރެއިން މިއަލްގެ މޫނަށް ކަޅި ބަދަލުކޮށްލައެވެ. “ތަނޫ ދޮންތީ..” އުދާސްވެފައިވާ އެ މާހައުލުގެ ހިމޭންކަން ކަނޑުވާލީ އިޒާގެ އަޑެވެ. “ތަނާ..” އަހުނަފް ހީނލީ ނުތަނަވަސްކަން ފޮރުވަމުންނެވެ. “އެއީ ކާކު..؟” މިއަލްއަށް އިޝާރާތްކޮށްލާފައި ތަނާ އެހެން އެހިއިރު އަޑުގައިވާ ރުޅިވެރިކަން ވަންހަނާއެއް ނުވިއެވެ. “އެއީ..” އަހުނަފް އާގަންނަން ފެށިއެވެ. ބިރުގަތްވަރުން ދޫވެސް ބަންދުވީއެވެ. “އެއީ ކާކުހޭ..؟” ތަނާގެ އަޑު ބާރުވެއްޖެއެވެ. މިއަލްވެސް އިނީ ފާޑަކަށް ބިރުގަނެފައެވެ. ނަމަވެސް އަހުނަފް ޓެސްޓަކު މަކަރުހަދަނިކޮށް އަތުލައިގަތް ކުއްޖަކަށްވުރެ ކަންތައްފަލަކޮށް އުޅެންފެށުމުން މިއަލް އާހެއް ދޫކޮށްލާފައި ކޮޅަށް ތެދުވިއެވެ. “އަޅުގަނޑަށް ކިޔަނީ މިއަލް..” މިއަލް ބުނެލިއެވެ. “އަހޫ އާއި އެކީގައި ކަލޭ މިތާ އިންނަން ޖެހުނީ ކީއްވެ..؟ އަހޫ ޖަވާބެއް ދީބަލަ.. ދެންމެވެސް އަހަރެން ފަސްވަރަކަށް ފަހަށް ގުޅިން.. ފޯނު ނުގަގާ ބިޒީވެގެން ކުރަން ހުރި ކަންތައް ބަލާބަލަ.. އަހުނަފްވެސްދޯ…” ތަނާ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ.

“އެއީ އަހޫގެ ކޮއްކޮއެކޭ ތަނޫ.. ހަމަޖެހިބަލަ..” އައިނައި ތަނެއް ނޭނގި ފެނުނީ ޝަފްވާން އެތަނުގައި ހުއްޓައެވެ. މިއަލްގެ އިތުރުން އަހުނަފްގެ ހައިރާންކަންވެސް ދަރަޖައެއް މައްޗަށް ޖެހިލިއެވެ. “އޯވް..” ތަނާ އައި ރުޅިގަނޑު ބިންފަޅާފައި އަޑިއަށް ދިޔަހެން ހީވިއެވެ. ބުމަވެސް ދޫވެ އެމޫނުމައްޗަށް ފާއްދާލީ ލަދުވެތިކަމެވެ. އިސްޖަހާލާފައި އެއްފައިމައްޗަށް ހުރެ ދެފަރާތަށް އެނބުރެމުން ތަނާ އުޅެންފެށި ގޮތް ފެނި އަހުނަފްގެ ހިތްވެސް ހަމައަކަށް އެޅުނެވެ. އެ މޫނުމައްޗަށް އުފާވެރިކަމާއި ފޮނިކަން ވެރިވާން ސިކުންތެއްވެސް ނުނެގިއެވެ. “އާޗާ ބޭބީ ތިވަރަށް ޖޭ ވާކަމެއް އަދި ނުދަނެހުރިން..” އަހުނަފް ތެދުވެ ގޮސް ސީދާ ތަނާގެ ކުރިމަތީ ހުއްޓުނެވެ. އެމޫނުމަތިން ފެނުނީ ލާނެތްކަމެވެ. ރަކިވެފައި ހުރި ތަނާއަށް އަހުނަފާއި ހަތަރުކަޅި ހަމަކުރަންވެސް ނުކެރުނެވެ. “ހަމަ އެހާވެސް ލޯބިވޭތަ..؟” އަހުނަފް ތަނާގެ ދަތްދޮޅީގައި ހިފާ އުފުލާލާފައި އަހާލިއެވެ. އެއްމިޔަކަނަކަށް ހީނލައިގެން ހުރި ޝަފްވާން ގޮސް މިއަލް ކައިރީ ހުއްޓުނުކަމެއް މިއަލްއަކަށް ނޭނގުނެވެ. އެކަން ފާހަގަ ވާވަރަށްހުރެ ބޮޑަށް މިއަލް އިނީ އަހުނަފަށްޓަކައި އުފާވެފައެވެ.

“ދެންން ލޯބިވެޔޭ ތިވަރަށް ލަދުނުގެންނެވިޔަސް..” ތަނާ ދެއަތުން މޫނު ފޮރުވާލާފައި އެހެން ބުނުމުން އަހުނަފް ތަނާ ގައިގައި ބައްދާލިއިރު އެތާ އިޒާ އިންކަންވެސް ހަނދާނުން ކައްސާލާފައިވާ ކަހަލައެވެ. ”ގާރޑެން ހައްދަން އެހެންތާކަށް ދާންއުޅޭ.. އިންނުވެސް މިތާ އެބައިނޭ..” ޝަފްވާން ހިނިއައިސްފައި ބުނެލިއެވެ. އެހާ ގާތުން ޝަފްވާންގެ އަޑު އިވުމުން މިއަލް ދިޔައީ ސިއްސައިގެންނެވެ. ގޮނޑި އާއި އެކީ އަރިއަޅާނުލީވެސް ކިރިޔާއެވެ. “އައިމް ސޯ ސޮރީ ޑާރލިންގް.. އިނގެއެއްނު އަހޫ ތަނާއަށް އެހެންނެއް ނުހަދާނެކަން..” ތަނާގެ ކައިރީގައި އަހުނަފް ޅަވެލައިގެން އުޅޭވަޅުން މިއަލްގެ ގާތަށް ހިނި އަންނަގޮތްވިއެވެ. ތުންފަތުގައި ހަފާލާފައި މިއަލް ތިރި ބަލާލީ އަޑުވީއްލާ ހެވިދާނެތީއެވެ. މިދެޖޯޑު މި ވަނީ ފިލްމަކަށް އަރުވަން ވެފައެވެ. މިއަލްއަށް ވީގޮތުން ޝަފްވާނަށްވެސް ހެވުނެވެ. “އައި ލަވް ޔޫ މޯރ ދެން އައި ލަވް މިހިރަ ފެންނަ މޮޔަ..” ޝަފްވާނަށް އިޝާރާތްކޮށް އަހުނަފް ތުއި ރާގަކަށް ބުނެލިއެވެ. “އޯއެމްޖީ ވައިފީ ޔުއަރ ޗީޓިންގ އޮން މީ..؟؟” އަހުނަފްގެ އެ ތަމްސީލުގައި ޝަފްވާން ވެސް ބައިވެރިވީ އަޑު އަންހެންކޮށްލައިގެންނެވެ. ދެމީހުންގެ ލާނެތްކަމުން ތަނާ ބޯހޫރާލާފައި ގޮސް މިއަލްގެ ކައިރީ އިށީނެވެ. “ވަރަށް ބޮޑަށް ސޮރީ އިނގޭ އަސްލުވެސް ނޭނގިގެން..” ތަނާ ދެއަތް މޮޑެމުން މާފަށް އެދުނެވެ. މިއަލް އަވަހަށް މާފްދިނެވެ.

“މަށަކަށް ނުވެސް އިނގޭ އަހޫގެ ކޮއްކޮއެއް ހުންނަކަމެއް..” ތަނާ ލޯހަނިކޮށްލާފައި އަހުނަފްގެ މޫނަށް ބަލާލިއެވެ. “ސޭމް ބޭބީ ސޭމް.. މަށަށްވެސް އެނގުނީ ވަރަށް ފަހުން..” އަހުނަފް އައިސް ތަނާ އިން ހުދު ގޮނޑީގައި އިށީނެވެ. އެ ގޮނޑިތައް ހަދާފައިވަނީ ދެމީހުންނަށް އިށީނދެވޭ ވަރަށެވެ. ޖުމްލަ ހަތަރު ގޮނޑި އެތަނުގައި އިނެވެ. ހުސްކޮށް ދެގޮނޑި ހުރިކަމުގައި ވިޔަސް ޝަފްވާން ގޮސް އިށީނީ ސީދާ މިއަލް އާއި ޖެހިގެންނެވެ. މިއަލްގެ ހިތް ތެޅެމުން ދިޔައީ އުފަލުންކަމެއް ނުވަތަ ބިރުންކަމެއް ބުނެދޭކަށް ނޭނގުނެވެ. ނަމަވެސް މިއަލްއަށް އިހުސާސްވީ ޝަފްވާން ގާތުގައި އިށީނުމުން އޭނައަށް ތަފާތު ހިތްހަމަޖެހުމެއް އިހުސާސް ވީކަމެވެ. “ކޮން ވަޑާމެއްގައި ދެބެންގެދެދަރިން..؟” ޝަފްވާން އެހެން އަހަން ބޭނުންވީ މިއަލްގެ ކައިރީ ނަމަވެސް ސުވާލު އަމާޒުކުރީ އަހުނަފްއަށެވެ. “ވާޓް..؟ ދެބެންގެ ދެދަރިންނޭ..؟” ތަނާ ދަމާލާފައި އޮޅުންއަރާފައިވާ ރާގަކަށް އެހެން ބުނެލުމުން ޝަފްވާން ބޯ ހޫރާލައިފިއެވެ. “ދެބެންގެ ދެދަރިންގެ މާނައަކީ ކަޒިންސްއޭ އިލިޓަރޭޓް ބޭބީ… ސާބަހޭ މިމީހުންނަށް މިހާރު ދިވެހިން ވާހަކަދައްކަންވެސް ނޭނގޭ.. މަ ލަދުވެސްގަނެއްޖެ..” ފަކުރުގަންނަ ފަދައިން އަހުނަފް ދުރަށް ޖެހިލުމުން ތަނާ އެއްޗެކޭ ކިޔާ އަހުނަފްގެ އަތުގައި ބޮނޑިއެއް އެޅިއެވެ.

“އަހަރެމެން ހަމަ ހިނގާލަންދޯ މި ނުކުތީ އެލް..” އަހުނަފް މިއަލްއަށް ދޯދިނުމުން މިއަލް އަވަހަށް އާނއެކޭ ބުނެލައިފިއެވެ. ޝަފްވާން އޭރުވެސް އިނީ މިއަލްގެ މޫނަށް ކަޅިޖަހާނުލާ ބަލަހައްޓައިގެންނެވެ. އެމޫނަކީ އޭނައަށް އާމޫނެއް ނޫން ނަމަވެސް މިއަލް ފެނިފައި ޝަފްވާންގެ ހިތް ނަށާލަނީ އެހެން ގޮތަކަށެވެ. މިލީން ނުވަތަ އެހެން ކުއްޖެއް ފެނިގެންވެސް ޝަފްވާނަށް އެވަރު ނުވެއެވެ. މިއަލް އޭނަ އެ ހައްޔަރު ކުރީ ކޮންފަދަ ޖާދުލެއްގެ ތެރޭގައި ހެއްޔެވެ.؟ ގައިމުވެސް ޝަފްވާނަށް މިއަލް ކަމުދާން ފަށައިފިއެވެ. އެ ފިދާވާ ކަހަލަ ރީތިކަން އެކަންޏެއް ނޫނެވެ. މިއަލްގެ އެ ހުންނަ ލަދުވެތިކަމާއި މަޑު މައިތިރިކަމެވެ. ބަސްއަހާގޮތެވެ. އަވަސްއަވަހަށް ރަކިވާ ގޮތެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް އުފާވެ ހިނިތުންވެލާގޮތެވެ. ހުސްވެސް ޝަފްވާންގެ ސަމާލުކަން އަތުލައިގަތް ސިފަތަކެވެ.

ޝަފްވާން ގާތުގައި އިނުމުން މިއަލްގެ ހިތަށް އެތައްކަމެއް އަރާ ފައިބަމުން ގެންދިޔައެވެ. އަތްފައި ގަނޑުވާވަރުވެ ފިނިދަލަކުން މިއަލްގެ ނިތްކުރި ތެމެމުން ދިޔައެވެ. އެހެން އިނދެލާފައި މިއަލް ޝަފްވާނަށް ވަގުކަޅިން ނަޒަރެއް ދެއެވެ. ޖެހޭ ލުއިވައިރޯޅިތަކަށް ނިތްމައްޗަށް ވެއްޓި ސަމާސާކުރަމުން ދިޔަ އިސްތަށިގަނޑާއި ދޭތެރޭ މިއަލް ގަޔާވިއެވެ. އޭނަ ބަލާލާ ކޮންމެފަހަރަކު އޭނާ އާއި ދިމާލަށް އަމާޒުކޮށްލާ އެ ތޫނު ނޫދެލޮލުން މިއަލްގެ ހިތަށް އެނގުންވެލައިގެން ދެއެވެ. ލައިގެން ހުރި އަތްދިގު ނޫ ޓީޝާރޓާއި ކަޅު ޖިންސުގައި ޝަފްވާން ފެންނަލެއް ހިތްގައިމެވެ. ވައި ދަތުރުކުރާ ގޮތުން ވައި ޖެހިލާ ކޮންމެ ފަހަރަކު ޝަފްވާން ޖަހައިގެން ހުރި ސެންޓްގެ މީރުވަސް މިއަލްގެ ނޭފަތާއި ހަމައަށް ފޯރާ ސިކުނޑި ތާޒާ ކޮށްދެއެވެ. ޝަފްވާންގެ ނުތަނަވަސްކަމާއި އެކީގައިވެސް އެހުންނަ ކެރުންތެރިކަން ވެގެންދިޔައީ މިއަލްއަށް ވަރަށް ކަމުދިޔަ ކަމަކަށެވެ.

ހޮސްޕިޓަލަށް ދާން ޖެހެނީ ރޭގަނޑު ވަގުތުކަމަށް ވާތީ ގޭގައި އިންނަން ފޫހިވެގެން މިޝަލްވެސް ތައްޔާރުވެލައިގެން ހިނގައިގަތީ އަތިރިމައްޗަށް ދާށެވެ. އެންމެ ފަލަ މީހުން ލާނެހާ ދަނބުކުލައަކަށްދާ ޓީޝާޓެއް ލީއިރު ގަޔަށް ދޫކަމުން ކޮނޑުފަތިވެސް ވަނީ ކަހާލައިގެން ގޮސް ވެއްޓިފައެވެ. ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާވަރުގެ ޖިންސެއް ލާފައި ހުދު ސްނީކާރސްއަކަށް އަރައިގެން ފޯން ހިފައިގެން މިޝަލް ތެދުވިއެވެ. ކޮށާލި އިސްތަށިގަނޑުވެސް މިހާރު ވަނީ ދިގުވާން ފަށާފައެވެ. ކަންފަތާއި ކޮނޑާއި ދޭތެރޭ މިނެއްގައި މިޝަލްގެ އިސްތަށިގަނޑު ހުއްޓެވެ. މޫނުގައި ސާރޖިކަލް މާސްކެއް އަޅާ ލޮލުގައި އަވިއައިނު އަޅާ ދެލޯ ނިވާކޮށްލިއިރު ނިތްކުރިނޫން އެހެންތަނެއް ނުފެނެއެވެ. ދަންނަ މީހަކާއި ދިމާވެދާނެތީ މިޝަލް ފޮރުވިގަނެގެން ދިޔަގޮތް ވަރަށް މޮޅެވެ.

ހަތަރުގަޑިބަޔަށް ގަޑި ކިޔާފައި ލަހުން އާދެވުނީ ޔައުލާންއަށެވެ. ޑިއުޓީ ނިމެން އުޅުނު ވަގުތު ކަމެއް ޖެހުނީއެވެ. ޔައުލާން އަތިރިމައްޗަށް ދިޔައީ އެއްޗެހިވެސް ބަދަލުނުކޮށެވެ. ލައިގެން ހުރި ރަތް ގަމީސް ކަޅު ފަޓްލޫނެއް ދަށަށް ޖަހާލާފައި ވިޔަސް ޔައުލާން ފެންނަލެއް ރީއްޗެވެ. އަރައިގެން ހުރި އޮފުއަރާ ކަޅު ބޫޓު ހަޑިވެގެން ދިޔައީ ވެލިގަނޑުމައްޗަށް އެރުމުންނެވެ. ނަމަވެސް އެކަން ޔައުލާންގެ ސަމާލުކަން ދަމައެއް ނުގަތެވެ. ބާރު ހިނގުމެއްގައި ކުރިއަށް ދިޔައިރު ޔައުލާންގެ މަސައްކަތަކަށް ވެފައިވީ މިއަލް ހޯދުމެވެ.

ހަޓްގައި ހުރި ގޮނޑީގައި އިން ޝަފްވާން މިޝަލްގެ ލޮލުގައި އަޅައިގަތީ ކިހިނެތްކަމެއްވެސް ނޭނގުނެވެ. ދުރުމިއެއް ފަދަ ދެލޮލެކެވެ. މިޝަލް ލަސްނުކޮށް ބާރު ފިޔަވަޅުތަކެއްގައި އެދިމާލަށް ދާން ހިނގައިގަތެވެ. ޝަފްވާންގެ ގާތުގައި ހުރި އަންހެންކުއްޖާ ފެނުމުން މިޝަލްއަށް ދުއްވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. ފިޔަވަޅުތައް އިހުނަށްވުރެ ބާރުކޮށްފައި މިޝަލް ހިނގައިގަތްއިރު ދެލޮލުން ވިދައިގަތީ ރުޅިވެރިކަމާއި ހަސަދަވެރިކަމެވެ.

އެވަރަށް ދެކޮޅު ބަލާފައި ހިނގަމުން ދިޔަސް ޔައުލާން ކުއްޖެއްގެ ގައިގައި ޖެހުނެވެ. ތަނެއް ދޮރެއް ނުބަލާ ހިނގައިގަތް މިޝަލްގެ މޫނު ގޮސް ޖެހުނީ ފިރިހެން ކުއްޖެއްގެ ތަނަވަސް މޭމަތީގައެވެ. ނޭފަތަށް ވީތަދުން މިޝަލް ނޭފަތުގައި އަތް އަޅާ ބާރުކޮށްލިގޮތަށް ފަހަތަށް ޖެހުނެވެ. ކިތަންމެ އަވަސް އަރުވާލާފައި ހުއްޓަސް އެއަންހެންކުއްޖާއަށް އަނިޔާއެއް ވީކަމަކަށް ހީކޮށްފައި ޔައުލާންއަކަށް ދާކަށް ނުކެރުނެވެ. ގުދަށް އޮތް އެ އަންހެންކުއްޖާގެ ކޮނޑުގައި ޔައުލާން މަޑުމަޑުން އަތް ބޭއްވިއެވެ.

 

= ނުނިމޭ =

49

9 Comments

 1. Aishath Faruha Abdulla

  September 16, 2021 at 10:19 pm

  Masha Allah… Mi part vx varah reethi and vrh loabi….. 😍When next?? Vrh curious…. 💕Can’t wait 4 next part??😍
  TC SS LY💕

  • yooon

   September 16, 2021 at 10:40 pm

   Thankyou so much Faruha 💖 Next in part is in 18th or 19th.. lym dear 💖 You stay safe and tgc too

 2. yooon

  September 16, 2021 at 10:42 pm

  Angle gurl, Ryyn and Rooya Xek, saw ur coms on prt 21st.. Thankyou guys 💖🥰 Means a lot

 3. angle gurl

  September 17, 2021 at 10:08 am

  🤍🤍V reethi🤍🤍 plus sis ge test oi iru aharu mennah spend thikuraa time ah v bodah thanks it means alot 🤍🤍🤍 lysm sis 🤍🤍🤍Tc 🤍🤍
  🤍🤍Waiting curiously for the next part 🤍

  • yooon

   September 18, 2021 at 12:45 pm

   Thankyou so much angle girl 💖 Aww thats so sweet of you tysm and wlc 🥺 Lym n more and you stay safe nd tgc too dear 💖

 4. Rooya Xek

  September 17, 2021 at 3:49 pm

  Thanks 😍 this part ves hama best 🥰🥰🥰 waiting for the next part ❤️❤️ stay safe n tc 💖💖💖💖💖💖💖💖

  • yooon

   September 18, 2021 at 12:47 pm

   Thankyou so much Rooya Xek 💖 Insha allah next part tmrw ga

  • yooon

   September 18, 2021 at 12:48 pm

   Owh and you stay safe and tgc too dearlss 💖😚

 5. Ayshath Thasny

  September 18, 2021 at 2:16 pm

  Nice job👏👏👏💛💛

Comments are closed.