*ޝަފްވާންގެ ގާތުގައި ހުރި އަންހެންކުއްޖާ ފެނުމުން މިޝަލްއަށް ދުއްވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. ފިޔަވަޅުތައް އިހުނަށްވުރެ ބާރުކޮށްފައި މިޝަލް ހިނގައިގަތްއިރު ދެލޮލުން ވިދައިގަތީ ރުޅިވެރިކަމާއި ހަސަދަވެރިކަމެވެ. އެވަރަށް ދެކޮޅު ބަލާފައި ހިނގަމުން ދިޔަސް ޔައުލާން ކުއްޖެއްގެ ގައިގައި ޖެހުނެވެ. ތަނެއް ދޮރެއް ނުބަލާ ހިނގައިގަތް މިޝަލްގެ މޫނު ގޮސް ޖެހުނީ ފިރިހެން ކުއްޖެއްގެ ތަނަވަސް މޭމަތީގައެވެ. ނޭފަތަށް ވީތަދުން މިޝަލް ނޭފަތުގައި އަތް އަޅާ ބާރުކޮށްލިގޮތަށް ފަހަތަށް ޖެހުނެވެ. ކިތަންމެ އަވަސް އަރުވާލާފައި ހުއްޓަސް އެއަންހެންކުއްޖާއަށް އަނިޔާއެއް ވީކަމަކަށް ހީކޮށްފައި ޔައުލާންއަކަށް ދާކަށް ނުކެރުނެވެ. ގުދަށް އޮތް އެ އަންހެންކުއްޖާގެ ކޮނޑުގައި ޔައުލާން މަޑުމަޑުން އަތް ބޭއްވިއެވެ. *

މީހަކު އޭނަގެ ގައިގައި އަތްޖައްސާލިހެން ހީވެގެން މިޝަލް ކަރަންޓުގައި ޖެހުނު ފަދައިން ތެޅިގެންފައި އަވަހަށް ދުރަށް ޖެހުނެވެ. މިޝަލްގެ އެ ހަރަކާތުން ޔައުލާންވެސް ދިޔައީ އެއްލިގެންނެވެ. “އާރ ޔޫ އޯކޭ..؟” ކުޑަކޮށް ހިތްހަމަނުޖެހިފައި ނަމަވެސް ޔައުލާން އަހާލިއެވެ. އިވުނު އަޑުން މިޝަލްގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އިސްއުފުލާލެވުނުހާ އަވަހަށް މިޝަލް އަވިއައިނާއި މާސްކް މަތިން މޫނުގައި އަތް އަޅާ މޫނު ނިވާކޮށްލިއެވެ. ޔައުލާންއަށް އޭނަގެ މޫނު ފެންނާކަށް މިޝަލްއެއް ނޭދެއެވެ. އުންމީދުވެސް ނުކޮށް ހުއްޓާ ކުއްލިއަކަށް ޔައުލާން ފެނުމުން މިޝަލްގެ ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ. ހިތަށް އެތައް އަސަރުތަކެއް އަރާ ފައިބައިގަތެވެ. ޔުއެލްއޭ ކިޔާ ގޮވާލަންވެސް ހިތް އެދުނެވެ. ނަމަވެސް ހާލަތުގެ ގޮތުން އެކަން ވާން ނެތުމުން މިޝަލް އަނބުރާ އައި ކޮޅަށް ހިނގައިގަތް އިރު އޭނަ އެހާ ބާރަށް ހިނގާލާފައި ދިޔަ މަގުސަދުވެސް ހަނދާން ނެތްފަދައެވެ.

މިޝަލް ހިނގައިގަތުމުން ބޯ ހޫރާލާފައި ޔައުލާން ފިޔަވަޅުތައް އަވަސްކޮށްލީ ކުދިކިޔަމުންނެވެ. ތާކުން ފެންނައިރަށް ގައިގައި ޖެހިގަންނަން ޖެހޭހެއްޔެވެ.؟ ޔައުލާންގެ ކަށީގައި ކުދިކުދި ކަންކަމަށްވެސް ފާޑު ކިޔުން ހަރުލާން ފަށައިފިއެވެ. “އެލް..” ޔައުލާންގެ ލޮލުގައި މާ ދުރުނޫން ހިސާބެއްގައި ހުރި ހަޓްގައި އިން މިއަލް އަޅައިގަތެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް ޔައުލާން މިސްރާބު ޖެހީ މިއަލް ގާތަށް ދިޔުމަށެވެ.

ތަންކޮޅަކަށް ހިނގުނުތަނާ މިޝަލްއަށް ހަމަހޭވެރިކަން ވެރިވިއެވެ. އޭނަ އެދިމާލަށް ދިޔަ މަގުސަދު ހަނދާންވެ މިޝަލް ދުލުގައި ދަތް އަޅާލާފައި ފަހަތަށް އެނބުރިލައިފިއެވެ. އޭރު ޔައުލާން ވައިސޫރިއެއް ހެން އޭނަވެސް ދާން އޮތް މަންޒިލަށް ދާން މިސްރާބު ޖަހާފައިވާތަން ފެނި މިޝަލް ކުޑަކޮށް އަނގަ ހުޅުވުނެވެ. “ޔުއެލް އެދިމާލަށް..؟؟” ބޯ ފުރާ ސުވާލުމާކުތަކެއް ޖަހައިގެން ހުރެ މިޝަލް އެދިމާލަށް ހިނގައިގަތީ ގަސްތަކާއި ވީ ފަޅިންނެވެ. އެ އެންމެންނަށް އޭނަ ފެންނަން ނޭދޭތީއެވެ.

“މިއަލް ދޯ ކިޔަނީ..؟” ތަނާ ފަރުވާތެރިކަމާއި އެކީގައި މިއަލްގެ މޫނަށް ބަލަން އިނދެ އަހާލައިފިއެވެ. “ޔަޕް..” މިއަލް އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ. “ހާދަ ދަންނަ ވައްތަރު ޖަހައޭ.. ޑިޑް ވީ މީޓް ބިފޯރ..؟ އަހޫއަކަށް ހިޔެއް ނުވޭތަ ދަންނަ މޫނެކޭ..؟” މިލީން އާއި ކުރިން ދިމާވެފައި ވާތީ ތަނާއަށްވެސް މިއަލް އާއި މިލީންގެ އެއްގޮތްކަން ފާހަގަނުވެ ނުދިޔައެވެ. “އާނއެކޭ މަށަށްވެސް ވަރަށް ވައްތަރޭ..” އަހުނަފްވެސް އަނގަ ހަދާލާފައި މިއަލްގެ މޫނަށް ބަލާލައިފިއެވެ. އެ މޫނުން އަހުނަފަށްވެސް ފެނުނީ ހަމަ މިލީންގެ ސޫރައެވެ. ހަމައެކަނި އެމޫނު މާ ސާދާކަމެވެ. މިލީންގެ މޭކަޕް ކޮށްފައިވާ މޫނާއި އަޅާބަލާފައި ގުދުރަތީ އެމޫނު ރީއްޗެވެ. ބަލާލަންވެސް ފަސޭހައެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ޝަފްވާން ވަރަށް ރަނގަޅަށް ހިއްޕެވެ. މިއަލް އާއި ގާތްވެލާފައި ޝަފްވާން ވަރަށް ރަނގަޅަށް އެ މޫނަށް ބަލާލައިފިއެވެ. މިއަލްގެ ނޭވާ އަވަސްވިއެވެ. ޝަފްވާންގެ ހޫނު ނޭވާތައް ހުރަހެއް ނެތި އެމޫނުގައި ބީހެން ފެށުމުންނެވެ. އެރޭގެ ހަނދާންތައް އަނެއްކާވެސް އާވުމާއި އެކީގައި މިއަލް ވަގުތުން ދެތުންފަތް އެތެރެއަށް މަޅާލިއެވެ. ޝަފްވާންގެ ކަމުދާ ސިފަތަކެއް ހުއްޓަސް އެކަހަލަ ކަމަކަށް ދެވަނަ ފުރުސަތެއް ދޭކަށް މިއަލްއަށް ލާހިކެއް ނޫނެވެ. އެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އިން ޝަފްވާންގެ ތުންފަތް އެއް އަރިއަކަށް ފޭވިއެވެ. މިއަލްގެ އެ ލޯބިކަމުން ޝަފްވާންއަށް އެއްމިޔަކަނަކަށް ހީނލެވުނީއެވެ.

“އޭތް އޭތް ބޭރިއެއްހެން އެލްގެ މޫނަށް ބަލަން ތި އިނިއްޔޯ..؟ އޭނަގެ މޫނު ކާލަންތަ ތިއުޅެނީ..؟” އަހުނަފްގެ އެ ޖުމްލައިގައި ހުރި ލާނެތްކަން ފާހަގަވީ ޝަފްވާނަށް އެކަންޏެވެ. އެއްއަތުން ބޯ ކަހާލާފައި ޝަފްވާން ދަތްތައް ދައްކާލާފައި ހީލިއެވެ. އަހުނަފް ހަމައެކަނި ޝަފްވާނަށް ފެންނާނެ ހެން އަނގަ ހަލުވާލައިފިއެވެ. އަހުނަފް ޕިސްޕިސް ކިޔަނީކަން އެނގުމުން ޝަފްވާނަށް ހެވުނެވެ. “ލީންއާއި ވަރަށް ވައްތަރު..” ބުނަން ނުބުނަން ހުރެފައި އެންމެ ފަހުން ޝަފްވާން ބުނެލައިފިއެވެ. “އޯވް ވައްތަރުދޯ..؟ އަސްލު މިލީން އާއި..” “އެލް..” މިއަލްގެ ޖުމްލަ މެދުކަނޑާލީ އެތަނަށް އައިސް ހުއްޓުނު ޔައުލާންއެވެ. “ޔުއެލް..” މިއަލް އަވަހަށް ކޮޅަށް ތެދުވީ ލަސްވެފައި އިން މީހެއް ފަދައިންނެވެ.

މަގޫގަސްތަކެއްގެ ނިވަލުގައި ފިލާހުރި މިޝަލް ކުޑަކޮށް ކޮރާލާފައި ކޮޅަށް ހުރި އަންހެންކުއްޖާގެ މޫނު ފެނޭތޯ ބެއްޔެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. ހެދުމުގެ އެއްބަޔާއި އިސްތަށިގަނޑު ނޫން ތަނެއް ނުފެނުނެވެ. ނަމަވެސް އެއީ ޝަފްވާން ކައިރީ އިން އަންހެންކުއްޖާކަން މިޝަލް ދެނެގަތެވެ.

“ވާން..؟” ވައިއަޑުން ނަމަވެސް ޔައުލާންގެ ދުލުން ޝަފްވާންގެ ނަން އިވުނެވެ. ޝަފްވާން އިސް އުފުލާލާފައި ކޮޅަށް ހުރި ޒުވާނާގެ މޫނަށް ބަލާލިއެވެ. ޝަފްވާންގެ މޫނުމަތިންވެސް ފެނުނީ ހައިރާން ކަމެވެ. އެއީ މިލީންގެ އެންމެ ގާތް އެކުވެރިޔާކަން ޝަފްވާންއަށް އެނގެއެވެ. ނަމަވެސް ނޭނގުނީ ޔައުލާން އެތަނަށް އަންނަން ޖެހުނު ސަބަބެވެ. ޔައުލާންއަށްވެސް އެއީ މިލީން ކުރިން ރައްޓެހިވީ ކުއްޖާކަން އެނގެއެވެ. ޔައުލާންއަށްވެސް ނޭނގުނީ މިތަނުން ޝަފްވާން ފެންނަން ޖެހުނު ސަބަބެވެ. ދެމީހުން ހަތަރުކަޅި ހަމަކޮށްގެން ހުންނަން ފެށުމުން ތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. “ޔުއެލް.. ނުދަނީތަ..؟” މިއަލް ޔައުލާންގެ މޫނުމަތީގައި އަތް ހޫރާލިއެވެ. ހުވަފެނީ ދުނިޔެއަކުން ހޭލާ މީހެއް ފަދައިން ޔައުލާން މިއަލްގެ މޫނަށް ބަލާލިއެވެ. އަދި ދަމާހިނގާށޭ ކިޔާ ހިނގައިގަތީ އަދިވެސް އެއްފަހަރު ޝަފްވާންގެ މޫނަށް ބަލާލާފައެވެ. އެ ބީރައްޓެހިކަމާއި ނަފްރަތު އެކުލެވިގެންވީ ނަޒަރުން ޝަފްވާންއަށް އުނދަގޫވިއެވެ. ކުށްވެރިކަން އިހުސާސްވިއެވެ. ޔައުލާން އޭނަ އާއި ދިމާލަށް އެފަދައިން އެ ބަލަނީ ކީއްވެގެންކަން މިއީ ހަވީރުވަގުތު ފަދައިން ޝަފްވާނަށް އެނގެއެވެ. ޔަގީނެވެ. ގިނަ މީހުން ފަދައިން ޔައުލާންވެސް މިލީންގެ މަރު އެ އަޅުވަނީ އޭނަގެ ބޮލުގައެވެ. ޝަފްވާން އިތުރަށް އެތަނުގައި ނީންނަންވެގެން ތެދުވިއެވެ. “ވާން ބޭބެ ދަނީ..؟” އިޒާ އެހެން އަހާލުމުން ޝަފްވާންއަށް އިތުރަށް އުނދަގޫވިއެވެ. ވާން އެއީ ޝަފްވާންގެ އިތުރުން މިލީން އޭނައަށް ކިޔާ އުޅުނު ނަމެވެ. “އިންނު އައިސްކޯން ބޯނަން..؟” ޝަފްވާން އިޒާ އުރާލަމުން އެހެން އަހާލީ އަހުނަފް އާއި ތަނާއަށް ވަގުތުކޮޅެއް ދޭންވެގެންނެވެ. ވަގުތުން “ޔެސް..!!” އޭ ބުނެ އިޒާ ޝަފްވާން އާއި ދިމާލަށް ފުންމައިގަތެވެ. އިޒާ އުރާލައިގެން ޝަފްވާން އަހުނަފްގެ މޫނަށް ބަލާލިއެވެ. ވައި އަޑުން “ތޭންކްސް ބްރޯ..” އޭ ބުނެފައި ތަނާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރެ އަހުނަފް ހިނގައިގަތީ ބޮޑުގާތަކާއި ދިމާލަށެވެ. އެއީ ތަނާއަށްވެސް އަދި އޭނައަށްވެސް އެންމެ ކަމުދާ އެއް ތަނެވެ. މީހުން މޫދަށް އެރޭ ހިސާބާއި މާ ދުރު ނޫން ހިސާބަކު އެ ގާތަށް ހުންނާނެއެވެ. އެއީ ގިނަ ލޯބިވެރިންގެ ހާއްޔެވެ.

އިޒާއަށް އައިސްކޯން ގަނެދީފައި ޝަފްވާން ގޮސް އިށީނީ ޖޯއްޔެއްގައެވެ. އިޒާ ބިންމަތިން ރާޅުބިހާއި ބޮލި ފަދަ ތަކެތި ހޮވަން ހުރި މަންޒަރު ބަލަން އިނދެފައި ޝަފްވާން ޖޯއްޔަށް އޭނަގެ ހަށިގަނޑުގެ ބަރު ދޫކޮށްލިއެވެ. އޭރު ޝަފްވާންގެ މޫޑު ވަނީ މުޅިންހެން ކަޓާފައެވެ. ޔައުލާންއާއި މިއަލްގެ ގުޅުމެއް އޮތީހެން ހީވެގެންނެވެ. އޭނައަށް މިއަލް ކަމުދާން ފަށައިފިކަން މިހާރު ޔަގީންވެއްޖެއެވެ. އެހެންނޫނީ ޔައުލާން އާއި މިއަލް އެކީގައި ދިޔުމުން އެހިތުގެ ހަމަޖެހުން ނަގާލެވެންވީ ކީއްވެގެންހެއްޔެވެ.؟ ގައިމު ވެސް މިއަލް އާއި ދޭތެރޭ ޝަފްވާންގެ ހިތުގައި އާ އިހުސާސްތަކެއް އުފެދެން ފަށައިފިއެވެ. ފުރަތަމަ ފެނުނު ދުވަހުވެސް ޝަފްވާންގެ ހިތުގައި މިއަލްގެ ސޫރަ ބިންވަޅު ނެގުނެވެ. ފަހުންފަހަށް އައިސް މިއަލް ހޯދަން މަސައްކަތް ކުރެވުނީ މިލީން އާއި ވައްތަރުވީމައޭ ފުރަތަމަ ޝަފްވާންގެ ހިތް ބުންޏަސް މިހާރު އެ ހިތް ކިޔައިދެނީ އެހެން ވާހަކައެކެވެ. އެދުވަހުން ފެށިގެންވެސް ޝަފްވާނަށް މިއަލް އާއި ދިމާލަށް ބެލެމުން ދިޔައީ އެހެން ނަޒަރަކުން ކަމެވެ. ބުޑުތަކަށް ވާންވާހާ ބާރަށް އިސްތަށިގަނޑުގައި ހިފާ ބާރު ކޮށްލަމުން ޝަފްވާން ލޯ މަރާލިއެވެ. ޔައުލާން އާއި އެކީގައި މިއަލް ދިޔަގޮތް އަދިވެސް ޝަފްވާނަށް ކަމުނުދަނީއެވެ. އަނެއްކާ އޭނައަށް ލޯބިވެވިގެން މިއުޅެނީ އެހެން މީހެއްގެ ހައްގެއް ދެކެ ހެއްޔެވެ.؟ މެރިފައިވާ ލޯ ޝަފްވާނަށް ހުޅުވާލެވުނީ ކުއްލިއަކަށެވެ. އެއީ އޭނަ ކުރިން ވިސްނާލާފައިވީ ކަމެއް ނޫނެވެ. ހިތަށް ވެރިވީ ޚިޔާލުތަކުން ޝަފްވާން އިތުރަށް މާޔޫސްވިއެވެ.

ޖޯއްޔަށް ފެތިގަނެގެން ޝަފްވާން އޮތެވެ. ޚިޔާލާއި ފިކުރުތައް ތޮއްޖެހޭތީ ވިސްނަން ނުކުޅެދިފައެވެ. ޝަފްވާނަށް ޚިޔާލުތަކުން ބޭރަށް ނިކުމެވުނީ ޖޯލި ގުޑިލައިގެން ދިޔުމުންނެވެ. ޖެހިގެން އިން ޖޯލީގައި އިށީން މިޝަލްގެ މޫނަށް ޝަފްވާންގެ ނަޒަރު އަމާޒުވިއެވެ. މިޝަލް ވާތް ބޯދަށަށް ލައްވާލައިގެން އެއްފައި އަނެއް ފައިމައްޗަށް ލައިގެން ޝަފްވާނެކޭ އެއްފަދައިން ޖޯލީގައި ހަމަޖެހިލިއިރު އެ ނަޒަރު އަމާޒުވެފައިވަނީ އޮއްސެމުންދިޔަ އިރަށެވެ. އޮރެންޖާއި ރީނދޫކުލަ މަސްހުނިކޮށްލާފައި އުޑުމައްޗަށް ބުރުވާލާފައިވާ ފަދައެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ތެތްފިނިކަމެއް އެކުލެވިގެންވެއެވެ. އެ ވައިރޯޅި ތަކަށް ގަސްތައްވެސް ހިމޭންކަމާއި އެކީގައި ނަށަމުން ދިޔައެވެ. ހިތްފަސޭހަ މާހައުލެއް ނަމަވެސް ޝަފްވާންގެ ހިތަށް އެކަމުން ހަމަޖެހުމެއް ނުލިބުނެވެ. “އަނެއްކާވެސް ކަލޭ..؟” މިޝަލް އެއްޗެކޭ ނުބުނުމުން ޝަފްވާން އެއްސެވެ. “ދާންވީތަ..؟” މިޝަލްވެސް އެއްސެވެ. ޝަފްވާން ބޯހޫރާލާފައި އިޒާ އާއި ދިމާލަށް ބަލާލިއެވެ. “ކޮންކަމާއި ވިސްނަނީ..؟ އަންގާލައިގެން އުޅެބަ..” މިފަހަރުވެސް މިޝަލް އެހެން ބުނެލީ ޝަފްވާންގެ މޫނަށް ނުބަލައެވެ. “ކަމެއް ނުވޭ.. ހަމަ ބޯހާސްވަނީ..” ހިއްސާ ކުރަން ބޭނުންވެފައި އިންދާ މިޝަލް އެހެން އެހުމުން ޝަފްވާނަށް ބުނެވުނެވެ. “އިހުސާސްތައް ފިއްތާލައިގެން އިނަސް ކަމެއް ނުވާނެ..” މިޝަލް ނަސޭހަތްލައިދޭ ކަހަލަ ރާގެއްގައި ބުނެލިއެވެ. ފުން ނޭވާއެއް ލާފައި ޝަފްވާން މިޝަލްގެ މޫނަށް ބަލާލިއެވެ. އަދިވެސް މިޝަލް ޝަފްވާނާއި ހަތަރުކަޅި ހަމަކުރާކަށް ނޫޅުނެވެ. އެކަމާއިހެދި ޝަފްވާން ހިތްހަމައެއްނުޖެހުނެވެ. މިޝަލްގެ ފުރިހަމަ ސަމާލުކަން އޭނަ ބޭނުމެވެ. މިޝަލްގެ ކޮނޑުގައި އެއްއަތުން ހިފާއްޓާ އޭނައާއި ވީފަރާތަށް އަނބުރާލެވުނީވެސް އެހެންވެއެވެ.

އެކަމަށް ތައްޔާރުނުވެ އިން މިޝަލްއަށް ލިބުނީ ސިހުމެކެވެ. ކުރަންނުވާވަރުކަމެއް ކުރެވިދާނެކަމުގެ ބިރަށް ޝަފްވާންގެ މޫނަށް ނުބަލަން އިންދާ ޝަފްވާން މިކުރީ ކީއްހެއްޔެވެ.؟ ޝަފްވާންގެ އެ ލުއި ބީހުމުން އެކަނިވެސް މިޝަލްގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮށްލައިފިއެވެ. އެހިތުގެ ތެޅުން ޝަފްވާނަށްވެސް އިވޭނެ ކަންނޭނގެއެވެ. ނޭވާ ލާން ނޭނގިފައި އެ އަޑި ނޭނގޭ ދެލޮލަށް ބަލަން މިޝަލްއަށް އިނދެވުނެވެ. “ކޮން ނަމެކޭ ކިޔަނީ..؟” ޝަފްވާން ބޯކަހާލަމުން ދެން އަހާލި ސުވާލުން މިޝަލްގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. “މަށަށް ކިޔަނީ މިޝަލް..” ތުންއަނބުރާލާފައި މިޝަލް ބުނެލައިފިއެވެ. ރުޅިނާންނަވަރެއް ނޫންހެއްޔެވެ.؟ އޭނައަށް ޝަފްވާންގެ ފަތިފުށަށް ދާންދެން އެނގުނުއިރު ޝަފްވާނަށް އޭނަގެ ނަން ދަސްވީކީއެއްވެސް ނޫނެވެ. އަބަދު ކަލޭ ކަލޭ ކިޔަން ހަދައިގެން ވާގޮތެވެ. މިޝަލް ދެބުމަ ކައިރިކޮށްލާފައި ދުރު ބަލާލިއެވެ. “ސޮރީއޭ ހަނދާން ނެތުނީ..” ޝަފްވާން ބުނެލިއެވެ. “ދުވަހަކުވެސް މީހެއް ދެކެ ލޯބިވިންތަ..؟ ތެދުވެރި ލޯބި..؟ ހިތުގެ އެންމެ ފުނުން..؟” ޝަފްވާން އެއްސެވެ. އެއީ މިޝަލްއަށް ޖަވާބުދޭން ނުހަނު ފަސޭހަ ސުވާލެކެވެ. “އާނ.. ވިން.. އަދިވެސް ވަން..” ސީދާ ޝަފްވާންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ މިޝަލް ބުނެލައިފިއެވެ. “އޭނަ އާއި އެކީތަ އަދިވެސް ތިއުޅެނީ..؟” މިޝަލް ކެރިގެން ޖަވާބު ދިބުމުން އިތުރަށް ސުވާލުކުރަން ޝަފްވާނަށް ފަހިވެގެން ދިޔައެވެ. “ނޫން..” އިނދެވުނީ އެފަރާތާއި އެކީގައި ނަމަވެސް މިޝަލްގެ އަޑަށް މަޑުމޮޅިކަން ވެރިވެގަތެވެ. “އޯހް ސޮރީ..” ޝަފްވާން އެހެން ބުނުމުން މިޝަލް ނޫނެކޭ ބުނެ ބޯހޫރާލިއެވެ. “އޭނަ އެހެން ކުއްޖަކާއި އެކީ އުޅޭތަން ފެނުނީމައި ދެރަވޭތަ..؟ ހިތަށް ތަދުވޭތަ..؟ އުނދަގޫވޭތަ..؟ ވަރަށް ޖެލަސްވޭތަ..؟” މާފަށް އެދިފައިވެސް ޝަފްވާން ދިޔައި ކުރިއަށެވެ. މިޝަލް ބޯ ޖަހާލިއެވެ. ޝަފްވާން ނުގޮތަކަށް ކިޔައިދެމުން އެ ގެންދިޔައީ މިހާރު އޭނަގެ ހާލަތެވެ. “އުނދަގޫވޭދޯ ކަލެއަށްވެސް…” ޝަފްވާން ބުނެލިއެވެ. “ކަލޭކަލޭ ނުކިޔަބަލަ.. ނަން އިނގިއްޖެއްނު..” މިޝަލް ބުނެލިއެވެ. “މިޝީ ކިޔާނީ.. އެންމެރަނގަޅެއްނު.. މަގޭ ހުރޭ މިޝަލް ކިޔާ ފިރިހެން އެކުވެރި ގޮލައެއްވެސް.. އޮޅިދާނެތީ..” ޝަފްވާން އެހެން ބުނުމުން މިޝަލް ޒައިހާން އާއި މިޝްލާ މަތިން ހަނދާންވިއެވެ. އަދި އިތުރުން އެބުނި މިޝަލް އަކީ އޭނަ ދަންނަ ކުއްޖެކެވެ. ނުހަނު މަޖާކުއްޖެކެވެ. ހެވެން އުޅުނަސް މިޝަލް އެ އަސަރު ފޮރުވާލިއެވެ. އަދި އިތުރުން ޝަފްވާން އޭނައަށް މިލީ ފަދައިން މިޝީއޭ ކިޔަން ފެށުމުން ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިއްބައިދިނެވެ. މިޝަލް ޝަފްވާންގެ އެ ފުރިހަމަ މޫނަށް ބަލާލީ އުފަލުން އިނދެއެވެ.

ކަރުތެންމާލަންވެގެން ދެ މިލްކްޝޭކް ގަނެގެން ޔައުލާން މިއަލް ގޮވައިގެން އަތިރިމަތީގައި ހުރި ބެންޗެއްގައި އިށީނެވެ. އޭރު މިއަލް ހުރީ ސުވާލުކުރަން ކެތްމަދުވެފައެވެ. ބެންޗުގައި ފޫޖެހުނުތަނާހެން މިއަލް އޭނަގެ ސުވާލުތައް އޮއްސާލައިފިއެވެ. މިޝްލާމެން ނައީ ކީއްވެތޯއެވެ. އެހާ ލަހުން އައީ ކީއްވެ ތޯއެވެ. މިއަލް އޮޅުންފިލުވާހިތުން މަރުވާވަރުވެފައި އިނަސް އެއާއި ޚިލާފަށް ޔައުލާން އިނީ ހާސްވެ ކަންބޮޑުވެ ދާހިއްލާވަރުވެފައެއެވެ. މިއަލްއަށް އެ ހަގީގަތްތައް ކިޔާދޭނީ ކިހިނަކުންހެއްޔެވެ.؟ މިއަލްގެ ދެލޮލުން އެތައް ކަރުނައެއް އޮހޭނެކަން ޔައުލާންއަށް ގައިމެވެ. އަދި އެވާހަކަތަކުން އޭނަގެ ހިތަށްވެސް އެތައް ތީރެއް ހެރޭނެކަންވެސް ޔައުލާންއަށް އެނގެއެވެ. ޔައުލާން މިއަލްގެ އަތާއި އޭނަގެ އަތް ޖޯޑު ކޮށްލިއެވެ. ޔައުލާންގެ އައިސްގަނޑެއްފަދަ ދެއަތް ޖެހުމުން މިއަލްގެ ސުވާލުތަކަށް ހުއްޓުމެއް އައެވެ. މިއަލްގެ ދެލޯ އަމާޒުވީ ޔައުލާންގެ ނުތަނަވަސްކަންވެރިވެފައިވާ މޫނަށެވެ.

“އެލް.. މި ބަލާލަބަލަ..” ޔައުލާން ދިއްކޮށްލީ އޭނަގެ ފޯނެވެ. މިއަލް ވާނުވާގައި އިނދެ ޔައުލާންގެ ފޯނުގައި ހިފިއެވެ. ޔައުލާން ހުޅުވާފައިވަނީ އެރަށުގެ އޮފިޝަލް ނޫސް ޕޭޖުން ނޫސް އާރޓިކަލްއެކެވެ. އޭގައި ޖަހާފައިވާ ފޮޓޯއަކީ އެގޭގައި ރޯވެ އަނދާހުލިވަމުން ގެންދިޔަ ވަގުތު ނަގާފައިވާ ފޮޓޯގަނޑެކެވެ. އަލިފާން ނިއްވަންވެގެން ހަތަރު ފަރާތުން ހޮޅިނެރިގެން ފެންޖަހަމުން ދިޔަ މަންޒަރާއި އެތައް ބަޔެއް އެތަނަށް ބޮނޑިވެ ތިބި މަންޒަރުވެސް ފެނެއެވެ. އަދި ބޯ ދުންފިނިގަނޑެއް ފަދައިން އަރާފައިވާ ކަޅު ދުންތައް މިއަލްއަށް ފެނުނީ ބިރުވެރި ފުރޭތަތަކެއްގެ ސިފައިގައެވެ.

“ވުޑްން-ގްލާސް ހައުސް ގައި ރޯވެއްޖެ..!” މިއަލް ސުރުޚީ ކިޔާލިއެވެ. އެވަރުންވެސް ޔައުލާންގެ މަގުސަދު މިއަލްއަކަށް ނަގައެއްނުގަނެވުނެވެ. ދެން ކަންކުރަންވީ ގޮތް ނޭނގިގެން ޔައުލާންގެ މޫނަށް ބަލާލުމާއި އެކީގައި ލޮލުގެ އިޝާރާތުން ކުރިއަށް ގެންދަން ޔައުލާން އެދުނެވެ. މިއަލް ނޫސް ކިޔަން ފެށިއެވެ. ފުރަތަމަ ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނާއި ކަން ހިނގި ވަގުތު ފަދަ ކަންކަމެވެ. އަޕްލޯޑް ކޮށްފައިވާ ފޮޓޯތަކާއި ވީޑިޔޯ ކްލިޕްކޮޅުކޮޅު ބަލަމުން ގެންދިޔައިރު މިއަލްގެ މޫނުމަތިން ފެންނަމުން ގެންދިޔައީ ބިރުވެރިކަމެވެ. އެތައް ބަޔަކަށް އެ ހާދިސާގައި އަނިޔާވީކަމަށް ބުނެފައިވާ ހިސާބުން އެ ނިމުނެވެ. މިއަލް ސުވާލުކުރަން ފުރުސަތެއް ނުދީ ޔައުލާން ގެލެރީ ހުޅުވާފައި ޓްވިޓަރ އިން އޭނަ ނަގާފައިވާ ސްކްރީންޝޮޓެއް ހުޅުވާލިއެވެ. މިއަލް އެ ޓްވީޓަށް ބަލާލިއެވެ. އަދި ކިޔުމައިގެން ކުރިއަށް ގެންދިޔައެވެ.

“މި ހާދިސާގައި ދުނިޔެ ދޫކުރި އައިޝަތު ހިޝްމާ (އެވޭލާ ގެ)، މުހަންމަދު ހައިޝަމް (ރަންކޮކާ ގެ)، އައިމިނަތު ނަމްޝާ ސަލީމް (އޮލިވެންޑާ ހައުސް)، އައިމިނަތު ޒަހާ އަލީ (މެންޝަން)، ނުހާ އަލީ (މެންޝަން) އަދި………… މަރިޔަމް މިލީން (އެޕާރޓްމެންޓް، ޕެކޫނިއާ ފެމެލިއާ) އަށް ސުވަރުގެ މިންވަރު ކުރައްވާންދޭ..! އާމީން..” އެހިސާބަށް ކިޔުނުތަނާ މިއަލްގެ މޭފިތިގެންދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. މިއަލް ޔައުލާންގެ މޫނަށް ބަލާލީ އެ ވާހަކަތައް ދޮގުކޮށްދޭން އެދޭ ފަދަ ނަޒަރަކުންނެވެ. އެއީ ހަގީގަތަކަށް ނުވާނެއެވެ. އެއީ ދޮގެކެވެ. އެ ގަބޫލުކުރަން މިއަލްގެ ޟަމީރު ވަގުތުން ދެކޮޅު ހެދިއެވެ. “ޔުއެލް..” މިއަލްގެ އަޑު ބޭރުވީ ކިރިޔަ ކިރިޔައެވެ. ކުރިންވެސް މިހެންވާނެކަން އެނގިހުރެ ޔައުލާން އަނެއްކާވެސް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭރު އޭނަވެސް ފެންކަޅިވެއްޖެއެވެ. ހިތްވަރުކުރަން ބޭނުންވިޔަސް އެ ހަކަތައެއް ޔައުލާންގެ ހަށިގަނޑަކު ނެތެވެ. މިއަލް އުދާސްވެފައިވާ މޫނަކާއި އެކީގައި ޔައުލާންގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުން ފެންނަނީ މިއަލް ކުރިމަތިލާން ބޭނުންނުވާ ހަގީގަތެވެ. މިއަލް ހިންދިރުވާލިއެވެ. މެޔަށްވެފައިވީ ގޮތަކުން ހީވީ ހިތި އެއްޗެއް ދިރުވާލެވުނުހެންނެވެ. މިއަލް ފުންކޮށް ނޭވާލާން ފެށިއެވެ. ހިތާމަތަކަށް ކެތްކުރަން ދަސްވެފައިވީ ނަމަވެސް އެޚަބަރު ވެގެންދިޔައީ މިއަލްއަށް ބަރުދާސްތުކުރަން ދަތި ޚަބަރަކަށެވެ.

ދެއަތުން އަނގަމަތީގައި އަތްއަޅާލެވުނުއިރު ލޮލަށް ކެތްނުވެގެން ކަރުނަތައް މިނިވަންކޮށްލައިފިއެވެ. ކޯތާފަތްމަތިން ކަރުނަތައް ކޯރު ހަދާލިއިރު ދެތުންފަތް ފޫދުއްވާލާފައި ރުއިމުގެ އަޑު ބޭރުވާންފެށިއެވެ. މިއަލް ރޯން ފެށުމާއި އެކީގައި ޔައުލާން ބަލިކަށިވިއެވެ. މިއަލް ރޯން ފެށުމާއި އެކީ ކުރިންވެސް ވީފަދައިން ޔައުލާންގެ ލޮލަށް ސިފަވީ މިލީންއެވެ. ޔައުލާންގެ ހިތް އިތުރަށް ޒަޚަމްވިއެވެ. މިއަލް ގެނެސް ގަޔާލާ ބޮނޑިކޮށްލާފައި އެއަތުގެ ހިމާޔާތް ދިންއިރު ޔައުލާންގެ ލޮލުންވެސް ރޮނގަކަށް ކަރުނަ ނީރާލައިފިއެވެ. އެހިތުގައި އަޅަމުން ދިޔަ ވޭނަކީ ދުލާއި ގަލަމުން ބަޔާންކޮށްދެވޭނެވަރުގެ ވޭނެއް ނޫނެވެ.

ޖޯލީގައި އޮވެފައި އަހުނަފް ހޯދަން އިޒާ ގޮވައިގެން ޝަފްވާން ހިނގައިގަތެވެ. އޭނަ އާއި އެއްހަމައަކަށް ހިނގާލާފައި އައި މިޝަލް އާއި ވާހަކަދައްކަމުންނެވެ. ދެމީހުންގެ ފިޔަވަޅުތައްވެސް ހުއްޓުނީ ބެންޗްގައި އިން މިއަލް އާއި ޔައުލާން ފެނިފައެވެ. މިޝަލްގެ މޫނުމައްޗަށް ހައިރާންކަމުގެ އަސަރުތައް ގަދަވެގަތް އިރު ޝަފްވާންގެ ހިތަށް ދެތިން ވަޅި އެއްފަހަރާ ކޮއްޕާލިހެން ހީވިއެވެ. މިއަލްގެ މޫނު ޔައުލާންގެ މޭމަތީގައި ފޮރުވިފައިވާއިރު މިޝަލްއަށް އެއީ ކާކުކަން ނޭނގުނަސް ޝަފްވާނަށް ވަރަށް ރަނގަޅަށް އެއީ މިއަލްކަން އެނގުނެވެ. “މިޝީ އާދޭ އެކޮޅަށް.. އަހޫމެން އެކޮޅުގައި ކަންނޭނގެ..” މިޝަލްގެ މޫނަށް ބަލާވެސްނުލާ ޝަފްވާން އެހެން ބުނެލިނަމަވެސް އެހުރިހާއިރެއް ވަންދެން ޝަފްވާންގެ މޫނުން ފެންނަމުން ދިޔަ އަސަރުތައް ފަރުވާތެރިވެ ތަރުޖަމާކުރަން ހުރި މިޝަލްއަށް ޝަފްވާނަށް ވީ އުނދަގޫ އިހުސާސްވިއެވެ. މިޝަލް އެކުއްޖާ އާއި ދިމާލަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. ޝަފްވާންގެ ހިތް އަތުލާފައި އެނގުނީވެސް އެ ހިތް ޒަޚަމް ކުރާށެވެ. މިހާރުވެސް އޭނައަށް ޝަފްވާންގެ ހިތް ލިބިއްޖެނަމަ ބިއްލޫރިކޮޅެއް ގެންގުޅޭނެވަރަށްވުރެވެސް ފަރުވާ ބަހައްޓައިގެން ގެންގުޅޭނެކަން ގައިމެވެ. ޝަފްވާން އިޒާ އުރާލައިގެން ހިނގައިގަތީ ރެނދުލާފައިވީ ހިތަކާއި އެކީގައެވެ. މިޝަލްވެސް ހިތުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅަށް ޕެޓްރޯލް އަޅަމުން ޝަފްވާންގެ ފަހަތުން ދިޔައެވެ.

ނަވާލް އިނީ ރީއަލްގެ އަތުގައި ހިފާއްޓާލައިގެންނެވެ. ފެންވެރުނުހާ އަވަހަކަށް އެގެއަށް އަންނާނެކަމަށް ބުނެފައި ކިއަނާ ދިޔައީ އޭނާގެ ގެއަށެވެ. ރީއަލްގެ ހުން މަޑުވާގޮތެއް ނުވެއެވެ. ފެންފޮތި ލައިލައިވެސް ރީއަލްގެ ހުމެއް ނުދިޔައެވެ. އެއްޗެއް ކައިބޮއި ހަދަން އިންކާރުކުރާވަރުން ރީއަލްގެ ތުންފަތް ވަނީ ހިކިގެންގޮސް ފޮޅިފައެވެ. މޫނުމަތިން ވަރުދެރަކަން ފެންނަމުންދިޔައިރު ދެލޯވެސް ވަނީ މެރިފައެވެ. ބަލާބެލުމަށް މައްޔިތަކާއި ވައްތަރެވެ. ނަވާލް އިނީ ކަންބޮޑުވެފައެވެ. އެ އަސަރުތައް ވަންހަނާނުވެ އޭނަގެ މޫނުން ފެންނަމުން ގެންދިޔައެވެ. ދޮރުގައި ޓަކިޖަހާލިއަޑަށް ނަވާލް ހިނގައިގަތެވެ. ކިއަނާ އައީކަން ޔަގީންކުރަމުންނެވެ. ދޮރު ހުޅުވާލިއިރު ކިއަނާ ހުއްޓެވެ. ނަވާލް ދޮރުހުޅުވައިގެން މަޑުކުރިއެވެ. ނަމަވެސް ކިއަނާ އެތެރެއަށް ވަންނާކަށް ނޫޅުނެވެ. “އާނާ ނުވަންނަނީ..؟” ސަމާސާ ރާގަކަށް ނަވާލް އަހާލައިފިއެވެ. ކިއަނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުންނެވެ. ހީވަނީ ނަވާލްގެ ގާތުގައި ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭހެންނެވެ. އެދެލޮލުން ފެންނަނީ ސިހުމެވެ. ނަވާލް އަދި ބޮޑަށް އެއްއަރިއަކަށް ޖެހިލާފައި ކިއަނާއަށް ވަންނަން ޖާގަ ދިނެވެ. ނަމަވެސް ކިއަނާ ކަހާތަން ހިރުވާވެސް ނުއްޔެވެ. ނަވާލް ހައިރާންވެފައި ކިއަނާގެ މޫނަށް ބަލާލިއެވެ. ޔަގީނެވެ. ކަމެއް ވެއްޖެއެވެ. އަނގަގަދަ ކިއަނާގެ އަނގަޔަށް ހުއްޓުމެއް އަންނާނީ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިގެންނެވެ.

“އާނާ ދަރިފުޅާ..” ނަވާލް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ނަވާލް އެޅި ފިޔަވަޅަށް ކިއަނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އެ ހަރަކާތުން ނަވާލްގެ ހައިރާންކަން ވީ އިތުރެވެ. އަނެއްކާ މީހަކު ކިއަނާ ކައިރީ ވާހަކައެއް ދެއްކީބާއެވެ.؟ ނޫނީ ކިއަނާއަށް އޭނަ ފެންނަނީ ފުރޭތައެއްގެ ސިފައިގައި ހެއްޔެވެ.؟ ކިއަނާ އެހާ ބިރުގަނެފައިވާކަމުގެ ހެކިތައް ފެންނަން ހުރުމުން ނަވާލްވެސް ޖެހިލުންވިއެވެ.

“ކިހިނެތްވީތަ އާނާ..؟ މީހަކު ކަމެއް ކުރީތަ..؟” ނަވާލް މަޑު ތުރުތުރެއްލާފައިވާ އަޑަކުން އެއްސެވެ. ކިއަނާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ދެން ކިއަނާގެ ކަޅި ލަސްލަހުން ދަތުރުކުރީ ގޭގެ މައިދޮރާއި ވީ ދިމާލަށެވެ. ކިއަނާ އެދިމާލަށް ބަލަހައްޓައިގެން ހުރުމުން ނަވާލްވެސް ބަލާލިއެވެ. ނަވާލްގެ ދެފައިން ވާގިދޫވާން އުޅުނުހެން ހީވިއެވެ.

“ނަވާލް.. އައި ކޭން އެކްސްޕްލެއިން…….” މިޝްލާގެ އަޑުގައިވަނީ ޖެހިލުންވެފައިވާ ކަމުގެ އަސަރު ތަކެވެ. އެ ވަށްމޫނުން ބިރުވެރިކަމުގެ އިންޒާރުދެމުން ގެންދިޔައިރު ނިތްމަތި ދަލުން ތެމިފައިވެއެވެ. އެތައް އިރެއް ވަންދެން ދެމީހުން އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ހުއްޓެވެ. އެންމެފަހުން ނަވާލްގެ ދޫ ހަރަކާތް ކުރިއެވެ.

”މިޝީ…”

 

= ނުނިމޭ =

45

5 Comments

 1. Rooya Xek

  September 19, 2021 at 10:39 pm

  Speechless 😍😍 waiting for the next part ❤️❤️ lv u tc & stay safe 💖💖💖

  • yooon

   September 20, 2021 at 5:41 pm

   Thankyou so much Rooya Xek 💖🥰 Lym dear u stay safe and tgc too

 2. Aishath Faruha Abdulla

  September 20, 2021 at 8:40 am

  Alheyy……
  Mishal ah eii mial kan engunu nama…Mial aa yuel ah keih therikan dhevvaashi!❤️
  By the way Masha Allah Mi part vx varah loabi and vrh reethi…. 😍Mi part thankolheh kuruhen heeve…..😁 vedhaane eii heevi gtheh kamah… Kiyaa hiyy vaaleh bodu kamun… Hehe😁Dhn part miah vuren dhigukohladheythi plzz💖…. When next?? Curiously waiting for the next…….. Stay safe and take care ly… 💕

  • yooon

   September 20, 2021 at 5:43 pm

   Lets hope for the best dhw dear.. Thankyou so much Faruha 💖🥰 Hehe its 2k+ words in each part.. But insha allah nxt mi ah vure dhigu kolleveythw try kuraanan 😁 Next insha allah 21st or 22nd ga.. U stay safe n tgc too dear.. lym 💖

 3. Shaii

  September 20, 2021 at 9:40 pm

  v. reeethi.. Maasha Allah.

Comments are closed.