“ދަރިފުޅަށް ރިދާ ކަމުދޭތަ…..؟؟؟؟” މާ ދުރުދުރުން ވާހަކަ ދައްކަން ނުހަދާ މިލްނާ ސީދާ މައުޟޫއަށް ދިޔައެވެ. ޚިޔާލެއް ފިކުރެއްނެތި އަތުގައި އޮތް އަނބު މައްޗަށް އެއްލާފައި ހިފަން އުޅުނު މިލާނަށް މިލްނާގެ ސުވާލުން ސިހުންވީވަރުން ފާޑަކަށް ހުއްޓުންއަރާފައި މިލްނާއަށް ބަލާލެވުނެވެ. ބޮލުގައި ފިރުމާލެވުނީ މައްޗަށް އެއްލި އަނބުއައިސް ބޮލުގައި ޖެހުމުންނެވެ.
“ދަރިފުޅާ….” އެއްވެސް އެއްޗެކޭ ނުބުނެ ޝޮކެއް ލިބިފައިވާ މީހެއް ފަދައިން މިލާން ބޮލުގައި ފިރުމާލަ ފިރުމާލާ އިނުމުން މިލްނާ ގޮވާލީ މިލާންގެ އަތުގައި ހިފައި ތަޅުވާލަމުންނެވެ. ކުއްލިއަކަށް އިނދެފައި މިލްނާ މިދެއްކި ވާހަކައަކުން މިލާން ހާސްވިއެވެ. އޭނާ، ރިދާ ހިތުއަޅައިގެން އުޅޭކަން މިލްނާއަށް އެނގުނީބާއޭވެސް ހިތަށް އެރިއެވެ. އެކަން އެނގިގެން އެކަމާ މިލްނާ ހިތްހަމަނުޖެހިދާނެތީ މިލާން ކަންބޮޑުވިއެވެ. އެހެންކަމުން މިލްނާގެ ސުވާލަށް ޖަވާބުދޭން މިލާން ފަސްޖެހުނެވެ.
“ބަލަ ދަރިފުޅާއޭ މަންމަ މި ވާހަކަދައްކަނީ……” ދެންވެސް މިލާން އެއްޗެކޭ ނުބުނެ އިނުމުން މިލްނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“ހެހެ… މަންމަ ދެން ހަމަ ކޮންމެކަހަލަ ވާހަކައެއްވެސް ދައްކަފާނެ…..” ބިންމައްޗަށް ވެއްޓިފައި އޮތް އަނބުނަގާ އަތަށްލަމުން މިލާން ބުނެލިއެވެ. އޭނާ ދެންވެސް މިލްނާގެ ސުވާލަށް ޖަވާބެއް ނުދިނެވެ.
“މަންމަ ހީކުރީ ދަރިފުޅު ރިދާއާއި ގަޔާވާ ކަމަށް…. މަންމަ އަށް މިކުރެވުނީ ކުށްހީއެއް ދޯ……” މިލާންގެ ވާހަކަ ހުރިގޮތުން މިލްނާ ހީކުރީ މިލާން، ރިދާއާއި ގަޔާ ނުވާކަމަށެވެ. އޭނާގެ މޫނުގެ ކުލަވަރު އޮއްސުނީ ހިތުގައި އުފެދިފައިވާ އުއްމީދުގެ ހުޅުކޮޅު ބޮޑުވުމުގެ ކުރިން ނިވެދާނެކަމުގައި ހީވުމުންނެވެ. ކުއްލިއަކަށް މިލްނާގެ މޫނުގެ ކުލަވަރު ފަނޑުވިތަން ފެނިފައި މިލާން ކަންބޮޑުވިއެވެ. ދެފަރާތަށް ބޯހޫރާލަމުން، “މަންމާ” އޭ ކިޔާ ވަރަށް ލޯބިން މިލްނާއަށް ގޮވާލިއެވެ. މިލާނަށް ބަލާލަމުން، މިލްނާ އުއްމީދެއް ނެތް ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. މިލްނާގެ މިލާފައިވާ މޫނު ފެނުމުން މިލާންގެ ހިތަށް އުނދަގޫވިއެވެ. އެހެންކަމުން މިލްނާ ހިތްހަމަ ނުޖެހުނަސް ހެޔޮކަމަށްބަލާފައި ޙަޤީގަތް ހާމަކުރުމަށް އަވަސްވެގަތެވެ.
“މަންމާ….. ފަހަރެއްގައި މަންމަ ހިތްހަމަނުޖެހިދާނެ އަހަރެން މިހެން ބުނީމަ…. މަންމައަށް ކުރެވުނީ ކުށްހީއެއް ނޫން….. އަހަންނަށް ރިދާ ވަރަށް ކަމުދޭ…..” މިލްނާގެ ކުރިމަތީ ދެކަކޫޖަހާލަމުން އޭނާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ ކުށްވެރިއެއް ފަދައިން އިސްޖަހާލަމުން މިލާން ޙަޤީގަތް ހާމަކޮށްލިއެވެ.
“އަސްލުވެސްތަ ދަރިފުޅާ…..” މިލާންގެ ޖުމްލަ އިވިފައި މިލްނާ އޭނާގެ ދަތްތައް ފެންނަވަރަށް ހީލީ އުފާވީ ވަރުންނެވެ. މިލާންގެ މޫނުގައި ދެއަތުން ހިފަހައްޓާލުމުން، މިލާން އިސްއުފުލާ ބަލާލިއެވެ. ހިނިއައިސް އުޖާލާވެފައި އިން މިލްނާގެ މޫނު ފެނުމުން މިލާން އިނީ ވާނުވާ ނޭނގިފައެވެ.
“މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅާ…. މަންމައަށް ރިދާ ވަރަށް ކަމުދޭ….. ވަރަށް އުފާވެއްޖެ ދަރިފުޅަށްވެސް ރިދާ ކަމުދިޔައީތީ…..” ވަމުން މިދާ ގޮތް މިލާނަށް ރޭކާލީ ދެނެވެ. އޭނާގެ ތުންފަތަށްވެސް ރީތި ހިނިތުންވުމެއް ވެރިވީ މިލްނާ އެހާ އުފާވެފައި އިނުމުންނެވެ.
“ދަރިފުޅުގެ ބައްޕައަށްވެސް ރިދާ ވަރަށް ކަމުދޭ…. އެކަމަކު ރިދާ ބައްޕަމެންގެ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކުމުގެ ކުރިން، ބައްޕަ ބޭނުންވީ ދަރިފުޅުގެ ޚިޔާލެއް ހޯދަން…އެހެންވެ މަންމަ ރިދާގެ ވާހަކަ މި އެހީވެސް….. މިހާރު ދެން ރިދާގެ ބައްޕަގެ ގާތުގައި ކައިވެނީގެ ވާހަކަ ދެއްކިދާނެ…. މަންމަ ވަރަށް އުފާވެއްޖެ….. މިދަނީ ބައްޕަގެ ގާތުގައި އެވާހަކަ ބުނަން……” މިލްނާ އިނީ ވަރަށްވެސް އުފާވެފައެވެ. ހަތަރުފަސްވަރަކަށް އަހަރުގެ ކުޑަކުއްޖެއްގެ ކޮލުގައި ލޯބިން ހިފާލާހެން، މިލާންގެ ކޮލުގައި ހިފާލަމުން، އޭނާ ހިނގައިގަތީ ނިމާލަށް އެ އުފާވެރި ޚަބަރުދޭށެވެ. ނަމަވެސް އޭނާއަށް އެއްފިޔަވަޅުވެސް ނޭޅި އުޅެނިކޮށް މިލާން އޭނާ ހުއްޓުވިއެވެ.
“މަންމާ…..” މިލްނާގެ ކުރިމައްޗަށް އަރަމުން، އޭނާގެ ދެއަތުގައި ހިފަހައްޓާލަމުން މިލާން ވަރަށް ލޯބިން ގޮވާލިއެވެ. މިލާންގެ މޫނުމަތީގައިވާ ކުލަވަރު ފެނިފައި އޭނާ ދައްކަން އެ އުޅޭ ވާހަކައެއް އަޑު އެހުމުގެ ކުރިން، މިލްނާގެ ހިތް ތެޅެލިއެވެ. މިލާން ދައްކަން އެ އުޅެނީ އޭނާ އަޑުއަހަން ބޭނުންވާކަހަލަ ވާހަކައެއް ނޫނޭ މިލްނާގެ ހިތްބުނަމުންދިޔައެވެ.
“އަހަންނަށް ރިދާ ކަމުދިޔަސް، ރިދާއަށް އަހަރެން ކަމުދާނެކަމެއް ނޭނގެއެއްނު……” މިލާން ކަންބޮޑުވިއެވެ. އޭނާގެ ހަނދާނަށް އައީ ލައިނީ ދެއްކި ވާހަކަތަކެވެ. ބީރައްޓެހިންނާ ކައިވެނިކުރަން ރިދާ ބޭނުން ނުވާ ކަމުގައި، ލައިނީ ބުނެފައިވުމުން އޭނާއަށް ރިދާއާއި ދޭތެރޭ އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެވެއެވެ. ރިދާގެ ނުރުހުމުގައި އޭނާގެ ޙައްޤަކަށް ރިދާ ހަދާކަށް މިލާން ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ. އަމިއްލަ އުފާތަކަށްވުރެ ބޮޑަށް އޭނާއަށް ރިދާގެ އުފާވެރިކަން މުހިއްމުވިއެވެ.
“ރިދާ ޤަބޫލުކަމެއް ނޫނީ ނޫންކަމެއްވެސް އެނގޭނީ އެމީހުންނާއި ހަމައަށް މިވާހަކަ ގެންދިޔައީމައެއްނު…..” މިލާން ހާސްވެފައި ހުރުމުން މިލްނާގެ ގާތަށް ކުޑަކޮށް ހިނިއަންނަގޮތްވިއެވެ.
“އެކަމަކުވެސް މަންމާ….. ރިދާ ހިތުން ރުހުމުން، އޭނަ ބޭނުންވެގެން މި ކައިވެންޏަށް ޤަބޫލުވިއްޔާ އަހަރެން ރިދާއާއި ކައިވެނިކުރާނީ…. އެއްވެސް މީހެއްގެ ފަރާތުން އެއްވެސްކަހަލަ ޕްރެޝަރއެއް ރިދާއަށް ކޮށްގެން ނުވާނެ….. އަދި ރިދާ މިކައިވެންޏަށް ނުޤަބޫލުވިޔަސް ރިދާއާއި ދޭތެރޭ މަންމަމެން ހިތްބަރުކޮށްގެން ނުވާނެ…. އަދި އެކަމުގެ ސަބަބުން މިކީ ދޮންބެއާއި ފަހަރީގެ ގުޅުމަށް އެއްވެސް އަސަރެއްކޮށްގެން ނުވާނެ…. ދެއާއިލާގެ ދެމެދުގައި މިހާރުވެސް މިއޮތް ގާތަކަން މިގޮތުގައި އޮންނަންވާނެ…..” މިލާން އެތައް ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. އޭނާ ކަންބޮޑުވީ ހަމައެކަނި އެކަމުން ރިދާ ހިތްހަމަ ނުޖެހިދާނެތީއެއް ނޫނެވެ. މިކްޔާންމެންގެ ކައިވެންޏާއި ދެޢާއިލާގެ ގުޅުމަށްވެސް އެކަމުން އެއްވެސް އަސަރެއް ކޮށްފާނެތީ އޭނާ ޖެހިލުންވަނީއެވެ.
ވިސްނޭ ހަރުމީހެއް ފަދައިން މިލާން ދެއްކި ވާހަކަތަކުން މިލްނާއަށް އަމިއްލަ ދަރިފުޅާމެދު ފަޚުރުވެރިވެލެވުނެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ އިމްތިޙާނުން އޭނާ ފާސްވިކަމުގެ އިޙްސާސްވުމުން ހިނިތުންވެލުނެވެ.
“ދަރިފުޅު ހާސްނުވޭ…. ރިދާއަކަށް އެއްވެސް މީހަކު މަޖުބޫރެއް ނުކުރާނެ…. އަދި ރިދާ އިންކާރުކުރިއަސް، މަންމަމެން ހިތްބަރެއް ނުކުރާނަން…. މާތް ﷲ އިރާދަކުރެއްވިއްޔާ ދެޢާއިލާގެ ގުޅުމަކަށް އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ….” މިލާންގެ ބޮލުގައި ފިރުމާލަމުން އޭނާ ހިތްހަމަޖައްސައިދިނުމަށްޓަކައި މިހެން ބުނެފައި މިލްނާ ވަނީ އެތެރެއަށެވެ. މިލްނާ ދިޔަ ދިމާއަށް ބަލަން ހުރެފައި ދެޖީބަށް އަތް ޖަހާލަމުން މިލާން މަތި ބަލާލީ މާތް ﷲ އާއި ހުރިހާކަމެއް ވަކީލުކޮށްލަމުންނެވެ.
**********
“އަދިވެސް ނުނިމޭތަ….؟؟؟؟ އަވަސްކޮށްލާ……” ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައި ރުހާ ބުނެލިއެވެ. އޭނާ ހުރީ ކަނޑުނޫލުލައިގެ ހެދުމަކާއިއެކު މަޑު ގަނަނޫކުލައެއްގެ ޝޯލެއް އަޅާފައެވެ. އޭނާގެ އަޑަށް ފޯނާއި ކުޅެން އެނދުގައި އިށީނދެގެން އިން ރިދާ ބަލާލިއެވެ. މުށިކުލައިގެ ހެދުމަކާއިއެކު ހަމަ އެކުލައިގެ ތަންކޮޅެއް ކުލަމަޑު ޝޯލެއް އަޅައިގެން އިން ރިދާ، ދަތްތައް ފެންނަ ވަރަށް ހީލީ އޭނަ ތައްޔާރުވެ ނިމިގެން އިނުމުންނެވެ. ރުހާވެސް ހަމައެގޮތަށް ހީލީ ދެރަނުވާންވެގެންނެވެ.
“އަޅޭ މިއަދު މި ޝޯލް ހީވަނީ އަހަންނާ ރުޅިން އުޅޭހެން…..” ރުޅި މޫނު ހަދާލަމުން ލޯގަނޑުކުރިމަތީހުރި މަލަކް މުޚާތަބުކުރީ އޭނާގެ ގާތުގައި މަޑުކޮށްލި ރުހާއަށެވެ. އޭރު އޭނާގެ ދޮންމޫނުން ދާހިއްލާލާފައިވެއެވެ. ނިތައް ކުދި ރޫތަކެއް އަރުވައިގެން އަތުގައި އޮތް ކަޅުކުލައިގެ ޝޯލ ދައްކާލި ގޮތުން ރުހާގެ ގާތަށް ހިނިއައެވެ. އޭނާ އުޅުނީ މަލަކްއަށް ޝޯލް އެޅުމުގައި އެހީވާށެވެ. ނަމަވެސް އޭގެ ކުރިން ރިދާ އައިސް އެ ދެމެދަށް ވަނެވެ.
“އޮޅިގެންވެސް ދޮންތިގާތުން ޝޯލްއަޅަން އެހީއަށް ނޭދޭތި…. ގައިގެ އެތަން މިތަނަށް ޕިންހަރާލާނެ…..” ރިދާ ލޯހަނިކޮށްލަމުން ރުހާއަށް ބަލާލަފައި، މަލަކްއަށް އެއްލޯމަރާލަމުން އަނގަޔަށް ޖައްސާލި ވައްތަރު ފެނިފައި މަލަކްއަށް ނުހީއެއް ނުހުރެވުނެވެ. ރުހާވެސް ހެމުން ރިދާގެ ކޮނޑުގައި ޖަހާލީ އޭނައާއި ދިމާކުރުމަކީ ރިދާގެ އާދައަކަށްވީތީއެވެ. ރިދާވެސް ހިނިތުންވެލަމުން މަލަކްއަށް ޝޯލްއެޅުމުގައި އެހީވާން ފެށިއެވެ.
“މާޝާ ﷲ ވަރަށް ލޯބި…..” ޝޯލް އަޅާ ނިމުމުން ރުހާ މަލަކްއަށް ތަޢުރީފްކޮށްލިއެވެ. ރިދާވެސް ރުހާއާއި އެއްބައިވެލަމުން، ކަޅުހެދުމާއިއެކު ކަޅު ޝޯލް އަޅައިގެން ހުރި މަލަކްގެ ރީތިކަމަށް ތައުރީފްކޮށްލުމުން އޭނާ ލަދުގަތެވެ.
“ދަރިފުޅުމެން އަދިވެސް ނުނިމޭތަ…..؟؟؟؟ ތިކުދިން ލަސްވެގެން މިލާން އެބަ ކުދި ކިޔާ…..؟؟؟؟ ކޮޓަރިއަށް ވަދެގެން އައި މިލްނާ މުޚާތަބުކުރީ އެތެރޭގައިތިބި ރުހާމެންނާއިއެވެ.
“ދެން މި ނިމުނީ އޭ މަންމާ……” ކަޅުކުލައިގެ އިސްޓާކީން ފަޔަށް ލައްވަން އިން މަލަކް ބުނެލިއެވެ. އޭނާގެ ޙަރަކާތްތަކުން އަވްސްއަރުވާލާފައި ހުރިވަރު އެނގުނެވެ. މަލަކް ނިމުމުން މިލްނާގެ ގާތުގައި ދަނީއޭ ބުނުމުން ރުހާގެ އިތުރުން ރިދާވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދަނީކަމުގައި ބުނެލިއެވެ. މިލްނާ ބޯޖަހާލީ އުފާވެފައި ހުރެއެވެ.
މިލާނާއި ރިދާގެ ކައިވެނީގެ ވާހަކަ ޖާވިދުމެންނާއި ހަމައަށް ގެންދަން މިލްނާ ކިތަންމެ ބޭނުންވިޔަސް، އެކަން ފަސްކޮށްލީ ނިމާލްގެ ޚިޔާލަށް ރިދާ އެރަށަށް ޖާވިދުމެންގެ ގާތަށް ދިއުމުން އެވާހަކަ ދެއްކުމަށެވެ. އޭނާއަށްވެސް ވިސްނުނު ގޮތުގައި އެންމެ ރަނގަޅުގޮތަކީ އެއީ ކަމުގައިވާތީއެވެ. އެހެންކަމުން އޭނާ މިލާނަށްވެސް އެންގީ އެވާހަކަ އިތުރު މީހަކަށް ނޭންގުމަށެވެ.
**********
“ދެން ތިހާ ލަސްވާން ވާނެތަ….؟؟؟؟؟ ހާދަ އިރެއްވެއްޖެއޭ މިތާ ތިބޭތާ……؟؟؟؟” މަލަކްމެން އައުމުން، ހަޓުތެރޭ މިކްޔާންގެ ގާތުގައި އިން މިލާން ކުދިކިޔާލިއެވެ.
“ދެން އަންހެންކުދިން ވީމަ ޝޯލްއަޅާ ކަންތައްތައް ކުރުމުގައި ވަގުތުކޮޅެއް ނަގާނޭ….. އެއީ އެވަރުކަމެއް ނޫން…. އެހާ ލަހެއްވެސް ނުވެއޭ…. އަދި ހަތަރުގަޑި ބައިވީ……” މިލާނަށް ރައްދުދޭން މަލަކް އަނގަ ހުޅުވާލި ވަގުތު، މިކްޔާން ވާހަކަދެއްކުމުން މައިތިރިވިއެވެ. އަދި އެމީހުންގެ ދިފާޢުގައި މިކްޔާން ވާހަކަ ދެއްކީތީ، މިލާނަށް ވައްތަރު ޖައްސާލަމުން މިކްޔާންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ތިންބެއިންގެ މެދުގައި ހިނގަމުންދިޔަ ބަހުސް ބަލަން ހެވިފައި ރުހާ އާއި ރިދާ ތިއްބެވެ.
“ވައްތަރު ޖެއްސީތީވެސް އަހަރެންގެ ސައިކަލް ފަހަތަކަށް ނާރުވާނަން…… ހެވިފަ ހުރޭ…. ދޮންބެވެސް ނާރުވާނެ…… ދޮންބެ ދާނީ ފަހަރި ގޮވައިގެން…. މަލަކް ޖެހޭނީ ނުދެވިފައި ގޭގަ ހުންނަން….. ސައިކަލް ދުއްވާކަށްވެސް ނޭނގެއެއްނު…..” މިލާން ބޭނުންވީ މަލަކް ރުޅިއަރުވާލާށެވެ. ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބު ނުވީ ރިދާ މަލަކްއާއި އެއްކޮޅަށް ވާހަކަދެއްކުމުންނެވެ.
“މަލަކް ހާސްނުވޭ…. އަހަރެން މިހުރީނު…. މިލާން ނުގެންދިޔަސް އަހަންނާއެކު ދެވޭނެއޭ…. ހިނގަ ދާން….” މިހެން ބުނެފައި މަލަކްގެ އަތުގައި ހިފައިގެން ރިދާ ހިނގައިގަތުމުން އޭނާއާއިއެކު ދަމުން މަލަކް މިލާނަށް ވައްތަރު ޖައްސާލިއެވެ. މިލާން އެތަން ނުފެންނަކަމަށް ހަދާފައި އެމީހުންނަށްވުރެ ކުރިއަރައި ހިނގައިގަތެވެ. މިކްޔާނާއި ރުހާވެސް އެކަކު އަނެކަކަށް ބަލާލަލުމަށްފަހު، ހިނިތުންވެލަމުން އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
ހަވީރުގެ ހިތްފަސޭހަވަގުތު އެމީހުން ނުކުތީ ސައިކަލް ބުރުޖަހާލަން ދިއުމަށެވެ. ރުހާމެންގެ ކައިވެންޏަށް އައި ފަހަރުވެސް ރިދާއަށް ރަނގަޅަށް އެރަށް ބަލާލެވިފައި ނުވާތީއާއިއެކު، ރިދާއަށާއި ރުހާއަށްވެސް އެރަށް ދައްކާލުމުގެ ބޭނުމުގައެވެ. ބޮޑު ރަށަކަށްވުމުން ހިނގައިފައި އުޅުމަކީ ދަތިކަމަކަށްވާތީ، ކާރުގައި ދިއުމުގެ ބަދަލުގައި އެންމެންވެސް ބޭނުންވީ ސައިކަލްގައި ދާށެވެ.
ރުހާ މިކްޔާންގެ ސައިކަލް ފަހަތަށް އެރުމުން، ގޮތުގައި ހުންނަންވެގެން މިލާން އަރާށޭ ބުނުމުންވެސް އެ ސައިކަލްގެ ފަހަތަށް އެރުމުގެ ބަދަލުގައި، މަލަކް އެރީ ރިދާ ދުއްވަން އިން ސައިކަލްގެ ފަހަތަށެވެ. މިލާނާއި އެއްހަމައެއްގައި ރިދާ ސައިކަލް ދުއްވަމުން ދިޔައިރު މިކްޔާންމެން ތިބީ އެމީހުންގެ ފަހަތުގައެވެ.
މީގެ ކުރިން ދެތިންފަހަރަކު މިކްޔާންގެ ސައިކަލް ފަހަތަށް އެރިކަމުގައިވިޔަސް، ރުހާ އެދެމެދުގައި ދުރުމިނެއް ބެހެއްޓިއެވެ. ނަމަވެސް، މިއަދު އޭނާ އިނީ މިކްޔާންގެ ގައިގައި ނުޖެހިނަމަވެސް އެހެންޏާ އިންނަވަރަށްވުރެ ގާތުގައެވެ. އޭނާ އިނީވެސް މިކްޔާންގެ ގައިގައި ކުޑަކޮށް ދެއަތް ޖައްސާލައިގެންނެވެ. މިކްޔާނާއި އެހާ ގާތުގައި އިނުމުން، އޭނާގެ ގައިން ދުވަމުން ދިޔަ ހޯޕް ސެންޓުގެ މީރުވަހުން ރުހާއަށް އިނދެވުނީ ނޯއް ދަމާލަ،ދަމާލައެވެ. ރުހާ މިކުރާ ކަމެއް، ސައިކަލްގެ ލޯގަނޑުން ފެނުމުން މިކްޔާންގެ ގާތަށް ހިނިއައިނަމަވެސް އޭނާ އިނީ ހިނިގަނޑު މަތަކޮށްލައިގެންނެވެ. އޭގެ އިތުރުން ރުހާގެ ފަރާތުން މިފެނުނު ގާތަކަމުން މިކްޔާން އިނީ ވަރަށް ހިތްހަމަވެސްޖެހިފައެވެ.
ސައިކަލްގައި ދިޔަ ނަމަވެސް، މިކްޔާންމެން ދިޔައީ ރުހާމެންނަށް އެކިތަންތަން ދައްކާ ކިޔައިދެމުންނެވެ. އަދި ބައެއް ތަންތާ މަޑުވެސްކޮށްލައެވެ. ދޭތެރެއަކުން މިލާނާއި މަލަކް އަރާރުންވެލައެވެ. ރިދާގެ އިތުރުން، މިކްޔާންގެ ދެމަފިރިންވެސް މަޖާވެފައި އެމީހުންގެ ކޯޅުންގަނޑުގެ އަޑު އަހަން ތިބެއެވެ.
އާއްމުކޮށް މީހުން ނޫޅޭ ދުރު ހިސާބެއްގައި ދުއްވާފައި ދަނިކޮށް ރުހާއަށް އެއްލިކަޅިއަކުން މާދުރުން އެއްފަރާތެއްގައި އޮތް ބުޅަލެއް ފެނުމުން މިކްޔާންގެ ގައިގައި ކޮއްޓާލަމުން މިކްޔާންގެ ސަމާލުކަމަށް އެކަން ގެނައެވެ. އެވަގުތު މިކްޔާންގެ ހަނދާނަށް އައީ އެމީހުން ދިޔަ ރަށުން، މަގުމަތިން ބުޅާ ފެނުމުން ރުހާ އުޅުނު ގޮތެވެ.
“ރުހާ ބުޅާދެކެ ވަރަށް ބިރުގަނޭތަ…… އެދުވަހުވެސް ބުޅާ ފެނިގެން ދުވެފައި ދިޔަ ގޮތް ދޯ…..” މިކްޔާން ހޭންފެށީ ރުހާ ދުވެފައި ދިޔަ ގޮތް ހަނދާންވުމުންނެވެ. މިކްޔާން ހޭކަން އެނގުމުން ރުހާ ރަކިވިއެވެ. މަޑުމަޑުން މިކްޔާންގެ ގައިގައި ޖަހާލެވުނީ އެހެންވެއެވެ. ރުހާ މިކުރިކަމަކުން މިކްޔާންގެ ހުނުމުގެ އަޑު އިތުރަށް ބާރުވިއެވެ.
އެވަގުތު މަގުގެ ދެފަރާތުގައި ދެ ބުޅާ އޮތެވެ. މިކްޔާނަށާއި ރުހާއަށް ފެނުނީ ދެމީހުންނަށް ދެބުޅަލެވެ. އެހެންކަމުން މިކްޔާން މަގުގެ އަނެއްފަޅިން ދުއްވާފައި ދިޔައީ އެފަރާތުގައި އިން ބުޅާ ނުފެނިއެވެ.
އެވަގުތު ސައިކަލްގައި އިންނަމަވެސް، ރުހާއަށް ފެނުނު ބުޅަލާ، ދާދިގާތުންލާފައި ދިއުމުން، ތޫލިއަޑަކުން ރުހާއަށް ހަޅޭއްލަވައިގަނެވުނެވެ. މިކްޔާންގެ ގައިގައި ބާރަށް ބައްދާލަމުން، ބުރަކަށީގައި މޫނު ފޮރުވާލިއިރު، ދެފައިވެސް ކުޑަކޮށް ހިއްލާލެވުނެވެ. ރުހާ މި ކުރިކަމަކުން ސައިކަލާއެކީ ދެމީހުން އެކީ ނުވެއްޓި ސަލާމަތްވީ، ހުޝިޔާރުކަމާއިއެކު، މިކްޔާން، ސައިކަލްގެ ބުރެކި ޖެއްސުމުންނެވެ. މިކްޔާންގެ ލޮލުގައި އެ ބުޅާ އަޅައިގަތީ އެބުޅަލާ ދާދި ގާތަށް އާދެވުމުންނެވެ. އެހެންކަމުން އޭނާއަށް އަނެއްފަޅިއަށް ޖެހިލަންވެސް ވަގުތު ނުވީއެވެ.
ރުހާގެ ތޫލި ހަޅޭކުގެ އަޑަށް ދެފަރާތުގައި އޮތް ދެބުޅާ ހެޔަށް ދުވެ ފިލާފިއެވެ. ތަންކޮޅެއް ކުރީގައި ތިބި މިލާންމެންވެސް އޭނާގެ އަޑަށް ސައިކަލްތައް މަޑުކޮށްލުމަށްފަހު، ފަހަތް ބަލާލިއެވެ. އޭރުވެސް ރުހާ އިނީ މިކްޔާންގެ ގައިގައި ބާރަށް ބައްދާލައިގެން ދެލޯ މަރާ ފިއްތާލައިގެންނެވެ.
“މަޑުނުކޮށް ބާރަށް ދޭ….. ބާރަށް ދޭ….. އެބުޅާ އައިސްދާނެ…..” އެއިންގޮތަށް އިނދެ ރުހާ ބުނެލިއެވެ.
ކުއްލިއަކަށް ރުހާ މިކުރިކަމަކުން ހިތް އަވަސްވެފައި އިން ނަމަވެސް މިކްޔާން ހަމައަކަށް އެޅިލިއެވެ. އަދި އޭނާގެ ބަނޑުވަށައިގެން ތަގުޅިކޮށްލާފައިވާ ރުހާގެ އަތުގައި މަޑުމަޑުން ހިފާއްޓާލަމުން، އުނދަގުލުން ފަހަތް ބަލާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީ، ރުހާ އޭނާގެ ބުރަކަށީގައި މޫނު ޖައްސައިގެން އިނުމުންނެވެ.
“ރުހާ….. ހަމަޖެހިބަ….. އެބުޅާތައް ގޮއްސިއޭ…..” ރުހާގެ އަތުގައި ހިފާއްޓާލަމުން މިކްޔާން ބުނެލީ މަޑުމަޑުންނެވެ. ރުހާއަށް ދެލޯ ހުޅުވާލަންކެރުނީވެސް ދެނެވެ. ދެލޯ ހުޅުވާލިވަގުތު، އެމީހުންގެ ސައިކަލްދޮށުގައި ލާނެއް ފާޑަކަށް ހެވިފައިތިބި ރިދާމެން ފެނިފައި އިނދެވުނުގޮތް ހަނދާންވީވެސް ދެނެވެ. ކުއްލިއަކަށް މިކްޔާންގެ ގައިން ދޫކޮށްލުމަށްފަހު، މިކްޔާނާއި ދުރަށް ޖެހިލިއިރު، ރަކިވީވަރުން އޭނާގެ ދޮން މޫނަށް ފިނިފެންޖަނބު ކުލަ ވެރިވެގަތެވެ.
“ބުޅާތައް ބިރުންވެސް ދާނެއެއްނު….. އެހާވެސް ބާރަށްވިއްޔަ ހަޅޭއްލަވައިގަތީ….. ބުޅާ ދެކެ ބިރުން އުޅޭ މީހުން ދެކެން… އެކަމަކު ތިވަރުގެ ކަމެއް ނުދެކެން……” ރިދާ، ރުހާއާއި ދިމާކޮށްލުމުން، ގާތުގައި ތިބި މިލާންމެން ހޭންފެށިއެވެ. ރިދާއަށް ބަލާލަމުން، ރުހާ ދެލޯހަނިކޮށްލުމަށްފަހު، ވަރަށް ސިއްރުން މިކްޔާނަށް ބަލާލިއެވެ. އޭރު އޭނާވެސް އިނީ ފާޑަކަށް އަރިވެގެން އޭނާއަށް ބަލަހައްޓައިގެންނެވެ. ތުންފަތުގައިވި ލާނެއް ހިނިތުންވުން ފެނިފައި ރުހާ އިތުރަށް ލަދުގަތެވެ.
ލަދުގެންފައި އިން ރުހާގެ ޙަރަކާތްތަކަށް ބަލަން އިނދެފައި މިކްޔާން ދާން ހިނގާށޭ ބުނުމުން މިލާންމެން ގޮސް އެމީހުންގެ ސައިކަލްތަކަށް އަރާ ދުއްވާލުމުން، މިކްޔާން އަދި އެއްފަހަރު ރުހާއަށް ބަލާލިއެވެ. އޭރުވެސް ރުހާ އިނީ އިސްޖަހާލައިގެންނެވެ. މިކްޔާން މަޑުމައިތިރިކަމާއިއެކު “އޯކޭ” ހޭ އަހާލިއެވެ. ރުހާ އެއިން ގޮތަށް އިނދެ ބޯޖަހާލަމުން މަޢާފަށް އެދުނީ އޭނާއަށް ކަންތައްކުރެވުނުގޮތް ހަނދާންވުމުންނެވެ.
“އެއީ އެވަރުކަމެއް ނޫން….. އަސްލު ރުހާ މާ އަވަހަށް ޕެނިކް ވަނީ…. އެހާ ބިރުގަންނާކަށް ނުވާނެ…..” މިކްޔާން ބޭނުންވީ ރުހާގެ ހިތްހަމަ ޖައްސައިދޭށެވެ. ރުހާ މަޑުމަޑުން ބޯޖަހާލިނަމަވެސް، އޭނާ ދެންވެސް އިސްއުފުލާ ބަލައެއް ނުލައެވެ. މިކްޔާން ސައިކަލްގެ ލޯގަނޑުން ރުހާއަށް ބަލާލުމަށްފަހު މިލާންމެންގެ ފަހަތުން ސައިކަލް ދުއްވާލިއެވެ.
**********
ރިދާ ރުހާގެ ގާތަށް ދިއައީ ހަފްތާއަކަށްނަމަވެސް، އޭނާ އެހާ އަވަހަށް ރަށަށް ދާހިތްނުވުމުން އިތުރު ހަފްތާއެއް ވަންދެން ރުހާގެ ގާތުގައި މަޑުކުރީ އެންމެންގެ ރުހުމުގައެވެ. އެނބުރި ރަށަށް ދިޔައީ ބަރާބަރު ދެހަފްތާކޮށްފައެވެ. އެ ދެހަފްތާތެރޭ އެގޭ އެންމެންނާވެސް، އޭނާއާއި ވަރަށް ގާތް ގުޅުމެއްވަނީ އުފެދިފައެވެ. އެގޭ މީހުންގެ ރަނގަޅުކަމާއި އޯގާތެރިކަމުން އެއީ އަމިއްލަ ގެ، ނޫނޭވެސް ރިދާއަކަށް ހިއެއް ނުވެއެވެ. އޭނާ އެނބުރި ރަށަށް ދިއައީ ރުހާއަށްޓަކައި އުފާކުރަމުންނެވެ. އެހާ ރަނގަޅު އޯގާތެރި ޢާއިލާއެއް އޭނާގެ ލޯބިވާ ދައްތައަށް ލިބުނީތީ، އެތައްފަހަރަކު ހެއްދެވިފަރާތަށް ޙަމްދުދެންނެވިއެވެ.
**********
ރިދާގެ ކޮޓަރީގައި ތިބި ރިދާއާއި ލައިނީ އިނީ ރިދަގެ ފޯނުން ރުހާމެންނާއިއެކު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ބަލާށެވެ. ދެމީހުން ސިހިގެން ދިޔައީ ދޮރގައި ޓަކިޖަހާލުމުންނެވެ. އެމީހުން ބަލަން ތިއްބާ ދޮރު ހުޅުވާލުމަށްފަހު، ރަޔާން ބަލާލިއެވެ. ލައިނީމެން ފެނިފައި އެކުދިންނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރަޔާން އެތެރެއަށްވަނެވެ.
“މިތާ ދޯ ތި ތިބީ….. ދެމީހުން ކައިފިންތަ…..؟؟؟؟ ލައިނީގެ ގާތުގައި އިށީނދެ އޭނާގެ ބަނޑުގައި ފިރުމާލަމުން ރަޔާން އަހާލީ، އޯގާތެރިކަމާއިއެކީ، ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުންނެވެ. ދެމީހުން އެކުއެކީހެން ބޯ ޖަހާލިއެވެ.
“އަސްލު އަހަރެން މިއައީ ބައްޕަ ބުނެގެން ތި މީހުން ބަލައޭ….. ހިނގާބަލަ….. ބައްޕަ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެންނޯ…..” ރިދާގެ ފޯނާއި ދިމާއަށް ބަލާލަމުން ރަޔާން އެތަނަށް އައި އަސްލު ބޭނުން ހާމަކޮށްލިއެވެ. ސުވާލު އުފެދިފައި އިނދެ “ކޮންކަހަލަ ވާހަކައެއް ދައްކަންބާ” އޭ ރިދާއށް ބުނެވުނެވެ. ރަޔާން އަނގަޔަށް ގޮތެއް ހަދާލަމުން ދެކޮނޑު އަރުވާލީ ބައްޕަ ދައްކަން އުޅޭ ވާހަކައެއް އޭނާއަށްވެސް ނޭނގޭތީއެވެ. ކޮންމެއަކަސް ތިން މީހުން އެކުއެކީކަހަލަ ގޮތަކަށް އެންދުން ތެދުވީ، ފެންޑާއަށް ދިއުމަށްޓަކައެވެ. އެވަގުތު ފައި އެޅުނު ގޮތަކުން ލައިނީ ކައްސާލާގޮތްވިއެވެ. ނަމަވެސް ނުވެއްޓި ސަލާމަތްވީ ރިދާއާއި ރަޔާން ހުޝިޔާރުކަމާއިއެކު، ދެފަރާތުން ހިފަހައްޓާލެވުމުންނެވެ. ދެލޯ ބޮޑުވެފައި ހުރި ލައިނީއަށް ދެފަހަރު ދެމީހުންގެ މޫނަށް ބަލާލެވުނީ ޝުކުރުގެ ބެލުމަކުންނެވެ.
“ލައި…. މިހާރު ދެން ވަރަށް ބަލައިގެން އުޅެންވާނީ….. ކުރިން އުޅޭހެން އަވަސްއަރުވާލައިގެން ނޫޅެއްޗޭ…..” ލައިނީގެ އުނަގަނޑުގައި އެއްއަތް އަޅުވާލަމުން، އަނެއް އަތުން ލައިނީގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ރަޔާން ބުނެލިއެވެ. އޭނާގެ ލޮލުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިފައިވިޔަސް، އޭނާގެ އަޑުގައިވީ ލޯތްބާއި އޯގާތެރިކަމެވެ. ލުއި ހިނިތުންވުމަކާއިއެކު، ލައިނީ ބޯޖަހާލިއެވެ. އެދެމީހުންގެ ޙަރަކާތްތަކަށް ބަލަން ހުރި ރިދާއަށްވެސް ހިނިތުންވެލުނެވެ. އެދެމީހުންގެ ދެމެދުގައި އޮތް ލޯބި ދުލުން ހާމަނުކުރިޔަސް، ބަލާލި ކޮންމެ މީހަކަށްވެސް ފާޅުވާނެއޭ ރިދާގެ ހިތަށް އެރިއެވެ. އެންމެ ގާތް އެކުވެރިޔާއާއި، ލޯބިވާ ދޮންތައާއި، ދޮންބެގެ އުފާވެރި ދިރިއުޅުން ފެނިފައި ރިދާގެ ހިތަށް ބަޔާންކޮށްދޭންވެސް ނެނގޭ އުފަލެއް ލިބިފައިވާކަހަލައެވެ. މިހާރު ދެން އޭނާވެސް ބޭނުންވާނީ ޒަވާޖީ ޙަޔާތެއް ފަށާށެވެ. އޭނާދެކެ ލޯބިވާ ފަރާތަކާއި ކައިވެނިކޮށްގެން ލޯބިން އުޅޭށެވެ. ލޯބިލޯބި ކުދިންތަކެއް ހޯދާށެވެ. ޚިޔާލީ ދުނިޔެއަކަށް ޣަރަގުވެފައިހުރެ އޭނާ ދިޔައީ ރަޔާންމެންގެ ފަސްފަހަތުންނެވެ.
**********
ރަޔާންމެން ފެންޑާއަށް ދިޔައިރު ޖާވިދުގެ ދެމަފިރިންތިބީ އޮލަވާހަކައެއްގައެވެ. ރަޔާންމެން ފެނުންހާއިރަށް، އެމީހުން ދައްކަމުންދިޔަ ވާހަކަތައް ހުއްޓާލަމުން ދެމީހުންވެސް ހިނިތުންވެލިއެވެ. ރަޔާންގެ އެހީއާއިއެކު، ލައިނީ ސޯފާގައި އިށީނުމުން ރަޔާންވެސް އޭނާގެ ގާތުގައި އިށީނެވެ. ރިދާގޮސް އިށީނީ ލީނާގެ ގާތުގައި ކުޑަކޮށް އޭނާގެ ގައިގައި ބައްދާލައިގެންނެވެ.
“ބައްޕާ ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ….؟؟” ޖާވިދު ދައްކަން އެ އުޅޭ ވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ރަޔާނަށް އަހާލެވުނެވެ. ރިދާއަށާއި ލައިނީއަށްވެސް އިނދެވުނީ އެވާހަކައެއް އެނގެން ބޭނުންވެފައި އިންވަރުން ސަމާލުވެލައިގެންނެވެ. ޖާވިދު ލީނާއަށް ބަލާލަމުން ވާހަކަދައްކަން ފެށިއެވެ.
“މިއަދު ހެނދުނު ނިމާލްގެ ދެމެފިރިން ގުޅި….” ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރިން ޖާވިދު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ.
“އެމީހުން ބޭނުންވަނީ ރިދާ އާއި މިލާންގެ ކައިވެނިކުރުވަން…. އެކަމަކު ރިދާ ޤަބޫލިއްޔާ……” ރިދާއަށް ބަލާލަމުން ޖާވިދުގެ ފަހު ޖުމްލަ ބުނެލީ އަކުރުތަކަށް ބާރުލާފައެވެ. ޖާވިދު ދެއްކި ވާހަކައަކުން ރިދާގެ އިތުރުން ރަޔާންގެ ދެމަފިރިންނަށްވެސް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެންމެންގެ ނަޒަރު އަމާޒުވެފައިވީ، ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައި އިން ރިދާއަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Hope u guys like this part too.. Enjoy reading ?
Nw u guys can also read this story from my fb page “EamYaa ge vaahaka” https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Tgc all ?
❤️❤️❤️
Say yasss ridhaaaa…… By the way Masha Allah vrh reethi Mi part vx…..?
When next???Curiously waiting…..
Tc y 2?
Dhn faharakun miahvure thankolheh avahah up kohladheythi…. Plz❤️
Thanks faruha ?❤️
Soon In Sha Allah.. yeah will try ??
??? Maasha Allah。 ❤❤❤❤
Thanks Thasny ?❤️