ޚިޔާލްތަކަށް ގެއްލިފައި އިން ރުހާ ސިހިގެން ދިޔައީ މީހަކު ކަރުކެހިލުމުންނެވެ. ސިހިފައި ބަލާލިއިރު، މޭމަތީ ދެއަތް ހުރަސްކޮށްލައިގެން މިކްޔާން ހުރީ އޭނާއަށް ބަލާށެވެ. ރުހާ ބަލާލުމުން،  ދެބުމަ ހިއްލާލާފައި ކިހިނެއްވެފައިހޭ އަހާލިއެވެ. ދެފަރާތަށް ބޯހޫރާލި ނަމަވެސް، ރުހާ ހައިރާންވީ މިކްޔާން އިސްވެ އައިސް އޭނާއާއި ވާހަކަދެއްކުމުންނެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ އޭނާގެ ގާތުގައި އިށީނުމުންނެވެ. އެމޫނުގައިވި އުޖާލާކަމާއި އުފާވެރިކަންވެސް ރުހާއަށް ސިއްރެއް ނުވިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދީފައިވީނަމަވެސް، ރުހާގެ ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. އަނގައިން ނުބުނެ މިކްޔާނަށް ބަލަން އިނދެވުނީއެވެ.

“އަސްލުވެސް ދަތުރު ވަރަށް ޕާރފެކްޓްތަ….؟؟؟؟ ކޮން ކަމެކޯ އެންމެ މަޖާވީ…؟؟؟” ގޮނޑީގައި އިށީންގޮތަށް މިކްޔާން ބުނެލި އެއްޗަކުން ދެލޯބޮޑުކޮށްފައި ރުހާއަށް ބަލާލެވުނުއިރު، އެދޮން މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. އޭނާ އެވާހަކަތައް ދެއްކިކަން މިކްޔާނަށް އެނގުނީ ކިހިނެއްބާއޭވެސް ހިތަށް އެރިއެވެ. މިކްޔާންގެ ސުވާލަށް ޖަވާބު ނުދެވުނުތާ، އެހެން އަހާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އިސްޖަހާލިގޮތަށް އޭނާ އިނީ އިސް އުފުލާލަންވެސް ނުކެރިފައެވެ.

“އަހަންނަކަށް ނޭނގެ އެހާ މަޖާވީ ކަމެއް…..” ލަދުގެންފައި އިން ރުހާގެ ޙަރަކާތްތަކަށް ބަލަން އިން މިކްޔާންގެ ތުންފަތަށްވެރިވި ލާނެއް ހިނިތުންވުން ނުފިލާ ވިއެވެ. ހީވަނީ ލަދުގެންފައި އިން ރުހާ އިތުރަށް ލަދުގަންނަވާލަން އުޅުނުހުންނެވެ.

“އަހަރެން އެހެން ބުނީ އެމީހުންގެ ސުވާލުތައް ހުއްޓުވަންވެގެން…..” މިކްޔާނަށް ނުބަލަން މަސައްކަތްކުރަމުން މިހެން ބުނެލިއިރު ރުހާ އިނީ ރަކިވެފައެވެ. އޭނާއަށް ހިތްވަރުކޮށްލާފައި އެހެން ބުނަން ކެރުނީތީވެސް ހިތާހިތުން އަމިއްލަ ނަފްސަށް ތަޢުރީފްކޮށްލެވުނެވެ. ރުހާގެ ޖަވާބު އިވިފައި މިކްޔާންގެ ގާތަށް ހިނިއައެވެ. މިކްޔާންގެ ހުނުމުގެ އަޑަށް ބޭއިޚްތިޔާރުގައި ރުހާއަށް ބަލާލެވުނީ، އިވިގެންދިޔަ ޖާދުވީ ފިރިހެންވަންތަ އަޑުގެ ސަބަބުންނެވެ. އެވަގުތު މިކްޔާންވެސް ބަލަން އިނުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލްވީވަގުތު، ރުހާގެ ގައިން ހީބިހި ހިލުވާލީ އެދެލޮލުގައިވި އަސަރަކުންނެވެ. ރުހާއަށް ބަލަން އިންއިރު، މިކްޔާންގެ ދެލޮލުގައިވި، ތަފާތު އަސަރުތައް ދެނެގަންނާކަށް ރުހާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ބެލުމުން ރުހާގެ ހިތުގެ ފުންމިނަށް އަސަރުކުރިމެވެ. ހިތުގެ ތެޅުން އަވަސްވެ، ތަފާތު ގޮތްތަކެއްވަމުން ދިޔަކަމެވެ. ރުހާ އަވަސްއަވަހަށް އިސްޖަހާލީ އިތުރަށް ބަލަން ނުކެރުމުންނެވެ.

ރުހާއާއި ހަތަރުކަޅި ބައްދަލްވުމުން މިކްޔާންގެ ހިތަށްވެސް އެނގުންވެލިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ދެލޮލުގައި މަސްތުކަމެއް އުފެދުނުކަހަލައެވެ. އެރީތި ސޫރައިން ނަޒަރު ވަކިކޮށްލަން ހިތްނުރުހޭ ފަދައެވެ. ރާޅުކަމެއް ނުވާ އޮމާން މޫނުގައި ފިރުމާލަން ހިތް އެދެނީއެވެ. ހިތުގައި އުފެދުމުން އައި ޚިޔާލުތަކުން އެއްކިބާވެލެވުނީ ރުހާ އިސްޖަހާލުމުންނެވެ. ހިތާއި ދިމާއިން މޭމަތީ އަތް ހިންގާލެވުނީ މާބާރަށް ހިތްތެޅޭހެން ހީވުމުންނެވެ. ރުހާދެކެ ލޯބިވެވުނީބާއޭ ހިތަށް އެރުމުން އަނެއްކާވެސް ރުހާއަށް އަވަސް ނަޒަރެއް ދެވުނެވެ. ދެންމެއަކާއި ޖެހެންދެން އެމޫނުމަތީގައިވި ލާނެއްކުލަވަރު ފިލާގޮސް، މޫނުމަތީގެ ކުލަވަރު އެކީބަދަލުވެގެން ދިޔައެވެ.

“މިކްޔާންއަށް ކިހިނެއް އެނގުނީ އަހަރެން އެހެން ބުނިކަމެއް……” އެދެމުދުގައިވި ހިމޭންކަމުން އުނދަގޫވާން ފެށުމުން ރުހާ އަހާލިއެވެ. ރުހާ، އިސްވެ ވާހަކަ ދެއްކުމުން މިކްޔާނަށްވެސް ހަމަޖެހިލެވުނެވެ. އަދި އޭނާއަށް އެކަން އެނގުނުގޮތް ކިޔައިދިނެވެ. މިކްޔާންގެ ވާހަކަ އަޑުއަހަން އިން ރުހާއަށް ލޯހަނިކޮށްލާފައި ބަލާލެވުނީ، މިކްޔާން އެފަދަކަމެއް ކޮށްފާނޭ ހީވެފައިނުވުމުންނެވެ.

“އެއީ އަހަރެން އެކަހަލަ ކަމެއްކުރި ފުރަތަމަފަހަރު…. އަސްލު އަހަރެންނާ ގުޅުންހުރި ވާހަކައެއްވީމަ އަޑުއަހާލަން ބޭނުންވީ……” ރުހާގެ ނަޒަރު ސީދާވެފައިވުމުން، މިކްޔާން އަވަސްއަވަހަށް ބުނެލީ އަމިއްލަ ދިފާޢުގައެވެ. ރުހާގެ ގާތަށް ހިނިއައީ މިކްޔާން އެހާ ސީރިއަސްވެފައި އެހެން ބުނުމުންނެވެ. ރުހާ ހޭންފެށުމުން މިކްޔާނަށްވެސް ހެވުނެވެ.

“މިކްޔާން…. ސޮރީ….” ކުއްލިއަކަށް ރުހާ އެހެން ބުނުމުން މިކްޔާން ހައިރާންވިއެވެ. ދެބުމަ ގާތްކޮށްލަމުން، ކޮންކަމަކާހޭ އަހާލެވުނީ އޭނާގެ ކިބައިން ރުހާ މަޢާފަށް އެދޭވަރުގެ ކަމެއް ވީ ހަނދާން ނެތުމުންނެވެ.

“އެދުވަހު ނާޒްގެ ވާހަކަ ބުނީމަ ވަރަށް ރުންކުރުކޮށް ވާހަކަދެއްކުނީ…. އަސްލު ފަހުން ވަރަށް ދެރަވި އެހެން ވާހަކަދެއްކުނީމަ…. ގަސްތަކު ނޫން…. އަހަންނަށްވެސް ނޭނގެ ކީއްވެކަމެއް އެހެން ވާހަކަ ދެއްކުނީ….. އަހަންނަށް ހީވަނީ މިކްޔާން ނާޒްއާއި ވާހަކަ ދައްކަން ހުރީމަކަންނޭނގެ އަހަންނަށް ކަމުނުދިޔައީ…. އަހަރެމެން ދޭތެރޭ އަދި އެހާ ގާތް ގުޅުމެއް ނެތް ނަމަވެސް އަހަރެން މީ މިކްޔާންގެ އަނބިމީހާ…. އެއްވެސް އަންބަކު ބޭނުމެއް ނުވާނެ ކަންނޭނގެ އެމީހެއްގެ ފިރިއަކު ހިލޭ އަންހެނަކާ ވާހަކަދައްކާކަށް….. އެވެސް އެކަނި….”މިކްޔާން ހިތަށް އަރާފާނެ އެއްޗަކާ ދޭތެރޭ ވިސްނުނުކަމުގައިވިޔަސް، ރުހާ ބޭނުންވީ ޙަޤީގަތް ހާމަކުރާށެވެ. ހަމައެހެންމެ ޙަޤީގަތް އެނގޭށެވެ. ރުހާ ވާހަކަ ދައްކަމުންދިޔައިރު މިކްޔާން އިނީ ފަރުވާތެރިކަމާއިއެކު ބަލާށެވެ. އެދެލޮލުން ނުތަނަވަސްކަން ފެނުމުން މިކްޔާނަށް އުނދަގޫވިއެވެ. ރުހާގެ ވާހަކަތައް ނިންމާލުމާއެކު، ދެފަރާތަށް ބޯހޫރާލުމަށްފަހު ވާހަކަދައްކަން ފެށުނީ އެހެންވެއެވެ.

“ރުހާ ހާސްނުވޭ….. އެއީ މިހާރު ނިމިފަ އޮތް ކަމެއް….. ރުހާ ހިތްނޭދޭނެ ކަހަލަ ނޫނީ ރުހާއަށް ދެރައެއް ލިބޭފަދަ އެއްވެސް ވާހަކައެއް އެދުވަހު އަހަރެމެން ދޭތެރޭ ނުދެކެވޭ….. ރުހާއަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ބާއްވަން ބޭނުންނުވާތީ އަހަރެންވެސް ނާޒްގެ ޙަޤީގަތް ކިޔައިދޭން މަސައްކަތް ކުރީ…. އަހަރެން ވިސްނައިގެން ހުރީ އެދުވަހު ދެކެވުނު ވާހަކަތައްވެސް ރުހާއަށް ކިޔައިދޭން….. އެކަމަކު އެދުވަހު ރުހާ އަޑު ނާހަ ދިޔައީމަ އަހަންނަށް ނުކިޔައިދެވުނީ….. ރުހާގެ މަޤާމުގައި އަހަރެން ހުރިނަމަވެސް އެގޮތަށް ކަންތައްކުރެވޭނެ ކަންނޭނގެ…. އެއީ އެވަރު ކަމެއް ނޫން….. އަހަރެން މާފުކޮށްފިން…..” މިކްޔާންގެ ފަރާތުން އިވިގެން ދިޔަ ވާހަކަތަކުން ރުހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކައިވެނިވީއްސުރެ މިކްޔާން ހުންނަނީ އޭނާ ދެކެ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ދެންމެ އެ ދެއްކި ވާހަކަތަކުން ރުހާގެ ހިތުން މިކްޔާނަށް ޚާއްސަ ޤަދަރެއް ދެވުނެވެ. މިކްޔާނަށް އެ ހުރިހާ ކަމެއް އެހާފަސޭހައިން ދޭހަވީތީ އޭނާ އުފާވިއެވެ. އޭނާއަށް ޤަބޫލުކުރެވުނުގޮތުގައި އެއީ އެދެމެދުގައިވާ ގުޅުން ރަނގަޅަށް ފަށައިގަތުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

ރުހާ އެއްޗެކޭ ނުބުނުމުން މިކްޔާން އުޅުނީ އެދުވަހު ނާޒްއާއި ދެމެދު ހިނގައިދިޔަ ވާހަކަތައް ކިޔައިދޭށެވެ. މިކްޔާން އެވާހަކަ ފެށުމުން ރުހާ މޭޒުމަތީ އޮތް މިކްޔާންގެ އަތްތިލައިގައި ހިފަހައްޓާލަމުން އެވާހަކަތައް ހުއްޓުވިއެވެ. ރުހާގެ ބީހުމުން އަނެއްކާވެސް މިކްޔާނަށް ކުރެވުނީ ކުރީދުވަހުވެސް ކުރެވުނު އިޙްސާސްތަކެވެ. ހީވަނީ ހަށިގަނޑުގައި ކަރްނޓުގެ ރާޅުބާންޏެއް ދަތުރުކުރަން ފެށިހެންނެވެ. ހިތުގެ ހިނގުން އަވަސްވެ ބާރު ބާރަށް ހިތުގައި ވިންދުޖަހާހެން ހީވިއެވެ.

“މަލަކް އަހަންނަށް ކިޔައިދީފި ނާޒްގެ ވާހަކަތައް….. ތިދެމީހުންގެ ކައިވެނި ނުވީ ކީއްވެގެންކަން…. އަހަރެން މިކްޔާނަށް އިތުބާރުކުރަން….. އެދުވަހު ތިދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް އަހަންނަށް ނުކިޔައިދިނަސް އެއްވެސް މައްސަލައެއް ނެތް……” ރުހާގެ އަތަށް ނަޒަރު ހުއްޓާލައިގެން އިން މިކްޔާނަށް ހޭވެރިކަންވީ ރުހާ ވާހަކަ ދައްކަން ފެށުމުންނެވެ. ރުހާ ވާހަކަދައްކަމުން ދިޔައިރު އޭނާ އިނީ ކަޅިޖަހާވެސްނުލާ އެމޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކަށް ބަލާށެވެ. ރުހާ ބުނަން ބޭނުންވި ވާހަކަތައް ބުނެ ނިމުމުން ހިނިތުންވެލިއެވެ. ބަދަލުގައި މިކްޔާންވެސް ހިނިތުންވެލިއެވެ.

“ޝުކުރިއްޔާ…. އަހަންނަށް އިތުބާރުކުރީތީ…. ރުހާއެކޭ އެއްފަދައިން އަހަރެންވެސް މިހާރު ބޭނުންވޭ މިގުޅުން ރަނގަޅުކުރަން… އަހަރެން ޤަބޫލުކުރާ ގޮތުގައި މިނޫން ހަރުފަތަކަށް މިގުޅުން ގެންދިއުމަށްޓަކައި އިތުބާރަކީ ވަރަށް މުހިއްމު އެއްޗެއް…. ހަމައެހެންމެ މިދެމެދުގައި އެކުވެރިކަން އާލާވުމަކީވެސް ވަރަށް މުހިއްމުކަމެއް….. ﷲ އިރާދަކުރެއްވީތީ މިހާރު މިއޮތީ އެކުވެރިކަން އުފެދިފައި….” މިކްޔާންގެ އަތްމަތީ އަތް އަޅާލައިގެން އިން ރުހާގެ އަތުގައި އަނެއް އަތުން ހިފާލަމުން ހިނިތުންވެފައި އިނދެ މިކްޔާން ބުނެލިއެވެ. ރުހާވެސް ބޯ ޖަހާލީ މިކްޔާންގެ ވާހަކަތަކާއި އެއްބައިވުމުގެ ގޮތުންނެވެ. އޭނާވެސް އިނީ ހިނިތުންވެލައިގެންނެވެ.

“އަހަންނަށްވެސް ރުހާއާއި ދޭތެރޭ ކުރިން ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން….. އެހެންވީމަ އެކަމަށް މާފަށް އެދެން….. އެކުވެރިކަން ފެށުމުގެ ކުރިން ކުރިން ގޯސްކޮށް ކުރެވިފައިހުރި ހުރިހާ ކަމެއް ރަނގަޅުކުރަން ބޭނުން…..” އެއިން ގޮތަށް ރުހާގެ އަތުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ މިކްޔާން ބުނެލިއެވެ. ހިތުގައި އެއްވެސް ބުރަކަމެއް ބޭއްވުމެއްނެތި ރުހާ މިކްޔާނަށް މާފުކުރިއެވެ.

 

“މިހާރު ހިތްހަމަޖެހޭތަ…..؟؟؟؟” އަނބުގަހުގައި އެލުވާފައިވާ އުނދޯލިތަކުން އުނދޯއްޔެއްގައި ރުހާމެންގެ ޙަރަކާތްތަކަށް ބަލަން އިން ރިދާ ސިހިގެން ދިޔައީ ދާދި ގާތުން މިލާން ވާހަކަދެއްކުމުންނެވެ. މިލާނަށް ބަލާލަމުން ރިދާއަށް އަނގައަށް ގޮތެއް ހަދާލެވުނީ، އޭނާ ބުނި އެއްޗެއް ފަހުމް ނުވުމުންނެވެ.

“މި ބުނީ ފަހަރީގެ އުފާވެރިކަން ފެނިފައި ހިތްހަމަ ޖެހިއްޖެހޭ….؟؟؟؟؟ ހަމަގައިމުވެސް ދެމީހުން ތިބިގޮތުން ހީވަނީ ވަރަށް އުފަލުންހެން އެތިބީ….” ރިދާގެ މޫނުގެ ކުލަވަރު ދެނެގަންނަމުން، މިލާން ބުނެލީ ދުރުގައި ތިބި މިކްޔާންމެނަށް ބަލާލަމުންނެވެ. އަދި އެތަނުން އެހެން އުނދޯއްޔެއްގައި އިށީނެވެ. މިލާނަށް ޖަވާބު ދިނުމުގެ ކުރިން ރިދާ ހިނިތުންވެލިއެވެ. އަދި އޭނާވެސް ދުރުގައި ތިބި ރުހާމެންނަށް ބަލާލިއެވެ.

“ވަރަށް ހިތްހަމަޖެހިފައި މި އިންނަނީ…. މިހާރު ދެން އަހަންނަށް ރަށަށް ގޮސް ހަމަޖެހިލައިގެން އުޅެވިދާނެ…. އަސްލު އަހަރެން އުއްމީދުކުރިވަރަށްވުރެވެސް އުފާވެރިކޮށް ދޮންތި ފެންނަނީ…. އަހަރެން ވަރަށް އުފާވެއްޖެ…..” އެއިން ގޮތަށް އިނދެ ރިދާ ބުނެލިއެވެ. ކުރިން އޭނާއަށް ހީކުރެވިފައިވީ ނައިޒަކްގެ ޚިޔާލްތަކުގެ ސަބަބުން، އެހާ އަވަހަށް ރުހާއަށް މިކްޔަނާއި އެކީ ގާތްގުޅުމެއް ނުބޭއްވޭނެކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި އެކަމާ ދޭތެރޭ އެއްވެސް ޝއްކެއް ވަހުމެއް ނެތެވެ. އޭނާގެ ހިތަށް ފުރިހަމަ ހަމަޖެހުން ލިބިއްޖެއެވެ.

“އެހެންވީއިރު ތިޔަ ވީ…. އެކަމަކު އަހަރެން މިހުރިހާ ކަމެއް ކޮށްދިނީމަވެސް އެންމެ ކުޑަމިނުން ޝުކުރުއަދާކޮށްލަންވެސް ނޭނގުނެއްނު…..” މިލާން މިހެން ބުނުމުން ސުވާލު އުފެދިފައި އިން ރިދާ، މިލާނަށް ބަލާލިވަގުތު، އޭނާގެ ގާތަށް ހިނިއައީ މިލާންގެ މޫނު ފެނިފައެވެ. ރިދާ ހެއްވާލުމުގެ ބޭނުމުގައި ފާޑަކަށް ތުންދަމާލައިގެން އިން މިލާނަށްވެސް ނުހީއެއް ނީނދެވުނެވެ.

“އަހަރެން މިކޮޅަށް ގެންނަން ޚިޔާލް ދިނީ މިލާންދޯ…..” ކުރިންވެސް އެހެން ހީވެފައިވީތީ، ރިދާއަށް އަހާލެވުނެވެ. މިލާން ބޯޖަހާލިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ…. ހުރިހާ ކަމަކަށްވެސް…..” ރިދާ ހިތުގެ ފުންމިނުން މިލާނަށް ޝުކުރު އަދާކޮށްލިއެވެ. ކުޑަ ހިނިގަނޑަކާއެކު އެއީ އެވަރުކަމެއް ނޫނޭ މިލާން ބުނެލިއެވެ.

“ހޫމް…. ދެން ކީއްވެއޯ އަސްލު އަހަންނަށް އެހާވަރަށް ތި އެހީވަނީ….؟؟؟؟ ގައިމު ފުރަތަމަ ނިކަން އެންޓިވެގެން އުޅުނީ….. ދެން ކުއްލިއަކަށް މާހެޔޮ އެދިގެން ތި އުޅެނީއޯ…..” ދެލޯ ހަނިކޮށްލަމުން ރިދާ ސުވާލުކޮށްލުމުން މިލާން ބޯކަހާލިއެވެ.

“ހެހެ… ފުރަތަމަ އަހަންނަކަށް ނޭނގެއޭ ތީ އެހާ ހިތްބަލި ކުއްޖެއްކަމެއް….. އެރޭ އަހަންނަށް ފެނުންއިރު ހީވި ދެންމެ ދެންމެ ބަޑި ފަޅައިގެން ހިނގައިދާނެހެން….. އެހެންވެ އަހަރެންގެ ހިތުގައި ޙަމްދަރުދީ އުފެދުނީ….” އަނގައަށާއި މޫނަށް ވައްތަރުޖައްސަމުން މިލާން ވާހަކަދެއްކުމުން ރުހާއަށް ނުހީއެއް ނީނދެވުނެވެ. މިލާނަށް ޝައުގުވެރިކަމާއިއެކު ރިދާއަށް ބަލަން އިނދެވުނީއެވެ. މަޖާ މިޒާޖުގެ މި ސާދާ ކުއްޖާ، އޭނާގެ ހިތާއި ހަމައަށް ވާޞިލްވުމުގައި ކާމިޔާބު ހޯދައިފިއެވެ. މަޖާވެލާފައި މިލާން ދިން ޖަވާބަކީ އަދި އެއްބައެވެ. ޙަޤީގަތަކީ އޭނާގެ ހިތުގައި ޙަމްދަރުދީގެ އިތުރުން ރިދާއަށްޓަކައި ތަފާތުގޮތަކަށް ވިންދުޖަހަމުންދާކަމެވެ. އެރޭގެ ފަހުން ރިދާގެ ޚިޔާލްތައް ކުރެވޭކަމެވެ. އެމޫނުން ނުތަނަވަސްކަމާއި ހިތްދަތިކަން ފެނުމުން، މިލާންގެ ހިތަށްވެސް އުނދަގޫވާކަމެވެ. ރިދާގެ މޫނުން އުފާވެރިކަމާއި އުޖާލާކަން ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭކަމެވެ. ނޭނގެނީ އޭނާއަށް ރިދާދެކެ ލޯބިވެވިފައިވާ ކަމެވެ.

“އަސްލު އަހަރެން މީ އެހާ ހިތްބަލި ކުއްޖެއްނޫން… ދޮންތިއަކީ އަހަންނަށް ވަރަށް ޚާއްސަ މީހެއް…. ވަރަށް ވަރަށް ޚާއްސަ…. ދޮންތި އަހަންނާ ދުރުގައި ވުމަކީ އަހަރެންގެ ހަށިގަނޑުން އެއްބައި މަދުވުންފަދަކަމެއް…. އެހާ ދެރަވީ ދޮންތިއާއި ވަކިވާން ޖެހޭތީ…. އަސްލަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ މިލާން…. އެރޭ މިލާންގެ ސަބަބުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނު….. މިލާންގެ ތި ހެޔޮކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން…..” ރިދާ ވާހަކަ ދައްކަމުންދިޔައިރު އެތުންފަތުގައި ނުފިލާ ލުއި ހިނިތުންވުމެއްވިއެވެ. ރުހާގެ ފަރާތުން ތަޢުރީފްގެ ބަސްތައް ލިބުމުން ފިރިހެނަކަށްވީނަމަވެސް، މިލާން ރަކިވިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން ފާޑަކަށް ހެވިފައި އިނދެ އޭނާއަށް ބޯކަހާލެވުނީއެވެ.

 

ބާބެކިއު ސްޓޭންޑް ކައިރީ މަސްތައް ފިހެވޭވަރު ބަލަން ހުރި ނިމާލްގެ އަތުގައި ކޮށްޓާލަމުން، އޭނާގެ ގާތުގައި ހުރި ލީނާ، ލޮލުގެ އިޝާރާތުން އުނދޯލިތަކުގައި ތިބި މިލާންމެން ދައްކާލިއެވެ. އޭރު އެމީހުންގެ ގާތުގައި ހުރި މަލަކް ހުރީ ފޯނަށް ގެއްލިފައެވެ. ނިމާލް އެދިމާއަށް ބަލާލާފައި ކިހިނެއްވީހޭ އަހާލިއެވެ. ލީނާ ސިއްރުން އެއްޗެކޭ ބުނަން އުޅުން ވަގުތު ހުއްޓާލީ، އެދިމާއަށް އައި މިކްޔާނާއި ރުހާ ފެނުމުންނެވެ. ލީނާގެ އިތުރުން ނިމާލަށްވެސް އެދެމީހުން ފެނުމުން ހިނިތުންވެލިއެވެ. އެތަނަށް އައިސް މަޑުކޮށްލި މިކްޔާން ނޭވާ އެތެރެއަށް ދަމާލަމުން ވަރަށް މީރުވަސްދުވާކަމުގައި ބުނުމުން މިހާރު ނިމެންކައިރިވެއްޖެ ކަމުގައި ނިމާލް ބުނެލިއެވެ.

**********

ފަތިސްނަމާދުކޮށް އަވަދިވެގެން މިކްޔާނާއި މިލާނާއިއެކު މިސްކިތުން އައި ނިމާލަށް ގެއަށް ވަން ވަގުތު، ހަޓުތެރޭއިން ލީނާ ފެނުމުން އެދިމާއަށް މިސްރާބު ޖެހިއެވެ.

“ހާދަ ބޮޑު ފިކުރެއްގައި…. ކޮންކަމަކާ ތި ވިސްނަނީ….؟؟؟؟” ލީނާ އިނީ ވިސްނުމެއްގައިހެން ހީވުމުން އޭނާގެ ގާތުގައި އިށީންނަމުން ނިމާލް އަހާލިއެވެ. ލީނާއަށް ނިމާލް އެތަނަށް އައިކަންވެސް އެނގުނީ އޭނާ ވާހަކަދެއްކުމުންނެވެ.

“އަހަންނަށް މިވިސްނެނީ ދަރިންނާދޭތެރޭ….” ލީނާ ދައްކާ ވާހަކަ ފަހުމް ނުވުމުން ނިމާލް އިނީ ސުވާލު އުފެދިފައެވެ.

“މާތް ﷲ ގެ އިރާދަފުޅާލައިގެން މިކްޔާންގެ ކައިވެނި ވަރަށް ރަނގަޅު ކުއްޖަކާ ކުރެވިއްޖެ….. އަހަރެން ބޭނުންވަނީ ދެން މިލާންވެސް އެހެން ނުހުރެ ކައިވެނިކުރަން….. ރުހާކަހަލަ އަޚްލާގް ރަނގަޅު ދީންވެރިކުއްޖެއް އަހަރެންގެ މިލާންއަށް ލިބިއްޖެއްޔާ ކިހާ ރަނގަޅު ދޯ….” ޚިޔާލަކަށް ގެއްލިފައި އިން މީހެއް ފަދައިން ލީނާ ބުނެލިއެވެ.

“ލީނާ ތި އިޝާރާތްކުރަނީ ރިދާއަށް ދޯ….” ފަރުވާތެރިކަމާއިއެކު ލީނާއަށް ބަލަން އިން ނިމާލަށް އެހެން އަހާލެވުނީ، އެކަމަށް ޝައްކުވެފައި އިނުމުންނެވެ. އޭނާގެ ހިތުގެ އަޑު ފިރިމީހާގެ ހިތަށް ވާޞިލްވުމުން ލީނައަށް އަވަސްއަވަހަށް ބޯޖަހާލެވުނުއިރު، އެމޫނުމަތި އެކީ އުޖާލާވެގެން ދިޔައެވެ.

“ރުހާއެކޭ އެއްގޮތަށް އަހަންނަށް ރިދާވެސް ވަރަށް ކަމުދޭ…. އެ ދެބެންވެސް ކިހާ ހިތްހަމަޖެހޭނެ އެއް ގެއެއްގައި އެއްކޮށް އުޅެވޭގޮތްވީމަ…. ޖާވިދުމެންވެސް ކިހާ ހިތްހަމަޖެހޭނެ….” ލީނާ ވާހަކަ ދައްކަމުންދިޔައިރު، އޭނާގެ އަޑުގައި ތަފާތު ޖޯޝެއް އެކުލެވިފައިވީ، އެއީ އޭނާ ނުހަނު ގަޔާވާ ކަމަކަށްވުމުންނެވެ.

“އަހަންނަށްވެސް އެމަންޖެ ކަމުދޭ އަހަރެމެންގެ މިލާންއަށް…. އެކަމަކު ހީވޭތަ ޖާވިދުމެން ދެކުދިން ދުރަށް ފޮނުވާނެހެން…. އެމީހުންވެސް ބޭނުންވާނެކަންނޭނގެ އެއްކުއްޖަކުނަމަވެސް ފެންނަ ހިސާބުގައި ރަށުގައި ބަހައްޓަން….. އެހެންނޫނަސް، މިލާންއާއި ރިދާގެ ވިސްނުން ހުރިގޮތެއްވެސް ބަލަންވާނު…..” ލީނާ ދެއްކި ވާހަކަތަކަށް ފުންކޮށް ވިސްނާލުމަށްފަހު، ނިމާލް އޭނާގެ ޚިޔާލް ޚިއްސާކޮށްލިއެވެ. ލީނާވެސް ނިމާލްގެ ވާހަކަތަށް ޤަބޫލުކޮށް ބޯޖަހާލިއެވެ.

“އެހެންނޫނަސް ޖާވިދުމެންނާ ހަމައަށް އެވާހަކަ ގެންދިއުމުގެ ކުރިން އަހަރެމެންގެ މިލާން ބޭނުންވާގޮތެއް ބެލުން ވަރަށް މުހިއްމުވާނެ….. ލީނާ އޭނައާއި ވާހަކަ ދައްކާލަންވީނު…..” ލީނާއަށް ބަލާލަމުން ނިމާލް މިހެން ބުނުމުން ލީނާ ބޯޖަހާލިއެވެ.

**********

މިކްޔާން ކޮޓަރިއަށް ވަންއިރު ރުހާއިނީ ފަތިސްނަމާދުކޮށް އަވަދިވެގެން މުސައްލާމަތީ ޤުރްއާން ކިޔަވާށެވެ. ދޮރުގައި ލެނގިލައިގެން މިކްޔާނަށް ހުރެވުނީ ރުހާ ޤުރްއާން ކިޔަވާ އަޑުއަހާލާށެވެ. ރީތި ރާގަކަށް މަޚްރަޖްތަކާއި އެއްގޮތަށް ކިޔަވަމުންދިޔައިރު، އަޑުއިވޭ ކޮންމެ މީހަކަށްވެސް ތައުރީފްކޮށްނުލާ ނުހުރެވޭނެކަންނޭނގެއެވެ. ކައިވެނީވީފަހުން ރުހާ ކޮންމެ ދުވަހަކުވެސް ކިޔަވާއިރު އޭނާއަށް ޝައުގުވެރިކަމާއިއެކު، އަޑުއަހަން ހުރެވެއެވެ. ކިޔަވާ ނިންމާލުމަށްފަހު، ރުހާ މިކްޔާނަށް ބަލާލިއެވެ. މިކްޔާން ހިނިތުންވެލުމުން ރުހާވެސް ހިނިތުންވެލިއެވެ. ޤުރްއާން ފޮތާއި މުސައްލާ، އޮންނަތާނގައި ބޭއްވުމަށްފަހު، ރުހާ އައިސް މަޑުކޮށްލީ މިކްޔާންގެ ގާތުގައެވެ. މިއަދަކީ ދެމީހުންނަށްވެސް ވަރަށް ޚާއްސަ ދުވަހެކެވެ. ކައިވެންޏަށްފަހު، ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދިފައިވުމުގެ އިތުރުން އެގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެމީހުން އެކީ މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާ، އެއާއި އެއްގޮތަށް ޢަމަލުކުރަން ފެށި ދުވަހަށް ވީތީއެވެ.

“ހިނގާ ކޮފީ ބޯން….” ރީތި ހިނިތުންވުމަކާއިއެކު ރުހާ ބުނެލިއެވެ. އެހިނިތުންވުމަށް މިކްޔާންގެ ހިތް ފިދާވިއެވެ. އަވަސް އަވަހަށް ބޯޖަހާލެވުނީ ރުހާއާއިއެކު ގިނަވަގުތު ހޭދަކޮށްލަން ހިތް އެދޭވަރުންނެވެ. ޤުރްއާން ކިޔަވާލާފައި މިކްޔާން އަންނާނެކަމުގައި ބުނުމުން، ރުހާ ދިޔައީ މިކްޔާން އަންނަންވާއިރަށް ކޮފީ ތައްޔާރުކުރާށެވެ.

**********

ރުހާ ބަދިގެއަށް ވަންއިރު މިލާނާއި މަލަކްގެ އިތުރުން ރިދާވެސް މޭޒުދޮށުގައި ތިއްބެވެ. ތިންމީހުންގެ އަތުގައިވެސް އާވިއަރައަރާހުރި ކޮފީތަށްޓެއްވިއެވެ. ކޮންމެވެސް މަޖާވާހަކައެއް ދައްކާފައި އެމީހުން ތިބީ ހޭށެވެ. ރުހާ ބަދިގެއަށް ވަނުމުން، ތިން މީހުންވެސް ރުހާއަށް ހެނދުނުގެ ސަލާންކިޔާލިއެވެ. ރުހާވެސް އެމީހުންނަށް ހެނދުނުގެ ސަލާން ކިޔާލުމަށްފަހު އަވަސްވެގަތީ ކޮފީގިރާށެވެ.

ދެތަށި ކޮފީ ގިރާލުމަށްފަހު، ރުހާވެސް ގޮސް މޭޒުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އޭގެ އިރުކޮޅެއްފަހުން، މިކްޔާންވެސް އައިސް އެމިހުންނާއި ބައިވެރިވިއެވެ. ފަސް މީހުން މޭޒުދޮށުގައި ތިބެގެން އެކިއެކި މަޖާ ވާހަކަތައް ދައްކަމުން، ހެމުން ދިޔައިރު ހީވަނީ ދުވަސްވީ އެކުވެރިންތަކެއްހެންނެވެ. އެތެރެއަށް ވަންނަން އައި ނިމާލްގެ ދެމަފިރިންނަށް މިމަންޒަރު ފެނުމުން ދެމީހުންނަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ދަރިންގެ މެދުގައި އެހާ ގާތް އެކުވެރިކަމެއްވީތީ މާތްﷲ އަށް ޙަމްދުކޮށްލެވުނެވެ. އެމީހުންވެސް އެކުދިންނާއި ބައިވެރިވެގެން ކޮފީ ބުޔެވެ. އެކުގައި އުފާވެރި ޢާއިލީ ވަގުތުކޮޅެއް ހޭދަކޮށްލެވުނީތީ، އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ކޮފީބޮއެ ނިމުމުން ރުހާ އިސްވެ ހުރެގެން މަލަކްއާއި ރިދާއާއިއެކު ހެނދުނުގެ ސައި ތައްޔާރުކުރުމުގައި އަވަސްވެގަތެވެ. މިކްޔާނާއި ނިމާލް ވިޔަފާރީގެ ވާހަކައެއް ދައްކަމުން ބޭރަށް ނުކުންނަން ދިޔައިރު، މިލާންވެސް އެމީހުންގެ ފަހަތުން ފޯނާއި ކުޅެމުން ދިޔައެވެ. އެވަގުތު ލީނާ މިލާނަށް ގޮވާ ހުއްޓުވިއެވެ. އޭނާ ބޭނުންވީ އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކޮށް މިލާންގެ ގާތުގައި ރިދާގެ ވާހަކަ ދައްކާށެވެ.

**********

މިލާން ގޮވައިގެން ލީނާ ދިޔައީ އަނބުދޮށުގައި ހުރި އުނދޯލިތައް ކައިރިއަށެވެ. އޭރު އިރު އަރާފައިވުމުން، އިރުގެ ރަންދޯދިތައް އަނބުގަހަށް އެޅިފައިވުމުން ނުހަނު ހިތްގައިމުގޮތެއް ފެންނާން ހުއްޓެވެ. ފަތިހުގެ ތެތްފިނިކަން ފިލާގޮސްފައިވީނަމަވެސް، މަޑުމަޑު ފިނިވައިރޯޅި ޖެހެމުންދެއެވެ. ކުނިނުކަހާ އޮތުމުން އަނބުގަހުން ފައިބާފައިވާ ދޮންފަތްތައް އެތަން މިތާވިއެވެ. ގަހުން ވެއްޓިފައި އޮތް ވަނދު ޅައަނބެއް އަތަށް ނަގައިގެން މިލާން އުނދޯލީގައި އިށީނީ ލީނާ އެހެން އުނދޯއްޔެއްގައި އިށީނުމުންނެވެ.

“ދަރިފުޅަށް ރިދާ ކަމުދޭތަ…..؟؟؟؟” މާ ދުރުދުރުން ވާހަކަ ދައްކަން ނުހަދާ ލީނާ ސީދާ މައުޟޫއަށް ދިޔައެވެ. ޚިޔާލެއް ފިކުރެއްނެތި އަތުގައި އޮތް އަނބު މައްޗަށް އެއްލާފައި ހިފަން އުޅުނު މިލާނަށް ލީނާގެ ސުވާލުން ސިހުންވީވަރުން ފާޑަކަށް ހުއްޓުންއަރާފައި ލީނާއަށް ބަލާލެވުނެވެ. ބޮލުގައި ފިރުމާލެވުނީ މައްޗަށް އެއްލި އަނބުއައިސް ބޮލުގައި ޖެހުމުންނެވެ.

(ނުނިމޭ)

27

8 Comments

  1. Eemyaa

    September 14, 2021 at 6:02 pm

    kiyuntherinnah mi baives kamudhaane kamah ummeedhukuran 😀😊
    Eamge mi vaahaka mihaaru eam ge FB page “EamYaa ge vaahaka” in ves kiyaalan libeyne vaahaka kiyuntheringe mauloomaathahtakaa dhannavaalan
    https://www.facebook.com/EamYaa-ge-Vaahaka-100267119062847/
    Enjoy Reading 🙂

  2. Eemyaa

    September 14, 2021 at 6:09 pm

    @Ryyn …
    mi storyge 8th part ah kohlaafa in comment ah THANKS ❤ eem ah comment fenuny thankolheh fahun nd eyru comment close ves kohlaafa iny ehnve reply nukohlevuny… sorry
    😀😊

    • Aishath Faruha Abdulla

      September 15, 2021 at 8:24 am

      Mashaa Allah…. Mi part vx varah reethi…. When next?? I’m waiting for the next!! 💕💕

    • Eemyaa

      September 15, 2021 at 11:59 am

      Thanks Faruha ❤️❤️❤️
      Soon In Sha Allah 🙂

  3. Hanaan Hussain

    September 15, 2021 at 9:10 am

    Mi part vx vvvv rythi Maasha Allah… avahah next part genesdhehchey.. ❤ 😍

    • Eemyaa

      September 15, 2021 at 11:22 pm

      Thanks Hanaan ❤️❤️❤️
      Yeah will try 🙂

  4. Ayshath Thasny

    September 15, 2021 at 9:10 pm

    Can’t wait to see another part, but I’m so curious to know what happened between naizak and ruha, I hope you will clarify that one. but I don’t like arrange marriage😭 may be ruha is better off with naizak..

  5. Eemyaa

    September 15, 2021 at 11:40 pm

    Thanks Thasny ❤️❤️❤️
    Yeah sure… I’ll clarify what actually happened Between Ruhaa nd naizak… Jst wait for a little bit 🙂 aww is it?? hehe 👍

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!