ސުހެއިލްގެ އިންޒާރެއް ފަދަ ބަސްތަކާއެކު ދިޔާން އަށް ނިދޭގޮތެއް ނުވިއެވެ. ލިލިއަން އާމެދު ނުވިސްނަން މަސައްކަތް ކުރިޔަސް އެކަމެއް ދިޔާން އަކަަށްނުވިއެވެ. އޭނާގެ އަތުން ލިލިއަން ބީވެގެން ދާކަށް ދިޔާން ނޭދެއެވެ. ހާއްސަކޮށް ސުހެއިލްގެ ހަޤީޤަތް އިނގިހުރެ އެފަދަ މީހަކާއެކު ލިލިއަން ވާތަން ދެކޭކަށް އޭނާ އަކަށް ކުޅަދާނައެއް ނުވާނެއެވެ.  ދިޔާންގެ ހިތުގައި ލިލިއަން އާމެދު އުފެދިފައިވާ އިޙްސާސްތަކުގެ ފުންކަން ދިޔާން އަށް އިޙްސާސް ކުރެވުނީ އެހިނދުއެވެ. ލިލިއަން ފެންނަ ކޮންމެ ހިނދަކު އިތުރުވަމުން އައި އިޙްސާސްތައް އޭނާގެ މުޅި ހިތް ފުރާލުމުގައި ކާމިޔާބު ހޯދީ އޭނާއަށް ނުވެސް އިނގި ހުއްޓެއެވެ. އެހިތް ފުރި އުތުރި އަރަމުން ދިޔަ އިޙްސާސްތައް އޭނާ އިތުރަށް ސިއްރުކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރެވެމުންދިޔަ އާ އިޙްސާސްތައް އަމިއްލަ ހިތަށް އޮޅުވާލާނީ ކިހިނެތް ހެއްޔެވެ؟

ދިޔާން އަށް އިތުރަށް ކެތް ނުވުމާއެކު ފޯނު ނަގާ ސަދޫފް އަށް ގުޅާލިއެވެ. އޭނާއަށް ހަމައެކަނި އެހީވެވޭނެ މީހަކަށް ހުރީ ސަދޫފް އެވެ. އޭނާއަށް ވުރެ ބޮޑަށް ލިލިއަން އިނގޭނީވެސް ސަދޫފް އާއި މާޔާއަށްކަން ދިޔާން އަށް އިނގެއެވެ.  

” އަހަރެން ބޭނުން ސަދޫފް އާ ވާހަކައެއް ދައްކާލަން.. “ ދިޔާންގެ އަޑުގައިވީ  ސީރިއަސްކަން އިޙްސާސްވުމުން ސަދޫފް ކުޑަކޮށް ހާސްވާގޮތްވިއެވެ. އޭނާއަށް މަސައްކަތުގައި ގޯސްކޮށް ކަމެއް ކުރެވުނީބާއޭ ހިތަށް އަރަމުން ދިޔައެެވެ. ނަމަވެސް ސުވާލެއް ކުރުމެއްނެތި ދެމީހުން ބައްދަލުވުމަށް ނިންމުމަށްފަހު ފޯނު ބޭއްވިއެވެ.

*****************

ބަނދަރު ސަރަހައްދުގައި ހުރި ކޮފީ ހަޓަށް ދިޔާން އާއި ސަދޫފް ވަދެގެން އައިސް ދެވަނަ ބުރިއަށް އެރުމަށްފަހު ކަނުގައި ހުރި ދެމީހުންގެ ޖާގައިގެ މޭޒެއްގައި ހަމަޖެހިލިއެވެ. މާދުރަށްދާންދެން ފެންނަމުންދިޔަ ކަނޑުގެ ސަތަހައިން އެ މާހައުލަށް ހިތްގައިމުކަން ވެރިވެފައިވެއެވެ.

” ކޮން ވާހަކައެއް ދައްކަން އުޅުނީ..؟” ވެއިޓަރު އައުމުން ދެމީހުން ކޮފީއަކަށް އޯޑަރު ދިނުމަށްފަހު  ސަދޫފް ކޮށްލި ސުވާލާއެކު ދިޔާން ކުޑަކޮށް ފަސްޖެހޭ ގޮތްވިއެވެ.

” ލިލިއަން.. ލިލިއަން އާ ބެހޭ ގޮތުން ސަދޫފް އަށް އިނގެނީ ކޯއްޗެއް..؟” ދިޔާން ދުރު ދުރުން ވާހަކަ ފެށިއެވެ. ސަދޫފްގެ މޫނުމައްޗަށް ހައިރާންކަން ވެރިވީ އޭނާ ޚިޔާލުވެސް ނުކުރާ ވާހަކައެއް ފެށުމުންނެވެ. ނަމަވެސް ކުއްލިއަކަށް ދެބޮމަ ކައިރިވީ ލިލިއަން އާ ބެހޭގޮތުން މީހަކު ދެއްކި ވާހަކައެއް ދިޔާން އަށް އަޑުއިވުނީ ކަމަށް ހީކޮށެވެ. ރަށުގައި ހައިފާއާ މެދު ދެކެވޭ ވާހަކަ ތަކުގެ ތެރެއަށް ލިލިއަންގެ ނަން ނުވަންނަ ފަހަރެއް މަދުވާނެއެވެ. 

” މީހަކު ލިލިއަން އޭ ކިޔައިގެން އެއްޗެއް ކީތަ..؟” ސަދޫފް ކަންބޮޑުވުމާއެކު ސުވާލު ކުރިއެވެ.

” ނޫން.. މީހަކު އެއްޗެއް ކީކީ ނޫން.. އަހަރެން.. އަހަރެން މިވާހަކަ ދައްކަން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ.. އެކަމަކު އަހަންނަށް ފަސްޖެހެވުނީ.. މިހުރިހާ ކަމަކީ ޚުދު އަހަންނަށްވެސް އާ ކަމަކަށް ވީމަ..”  ދިޔާން އިސްޖަހާލަމުން ހާމަކުރިއެވެ.

” ކޮން ކަމެއްތަ..؟ އަހަންނަކަށް ނުވިސްނުން..؟” ސަދޫފް އިނީ ދިޔާން ދައްކަމުން ދިޔަ ވާހަކަތައް މާނަ ކުރަން ނޭނގިފައެވެ. 

“އައި ލައިކް ހަރ ސަދޫފް..” ނޫން.. ގަޔާވުމަށްވުރެ ބޮޑަށް… އަހަންނަކަށްވެސް ނޭނގެ އެ އިޙްސާސް ކިޔައިދޭނެ ގޮތެއް.. އެކަން ބަޔާން ކުރާނެ ލަފްޒެއް ބަސްކޮށާރުގަ ނުވާފަދަ” ދިޔާން އަށް އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން އުނދަގޫވިއެވެ. ހުދު އޭނާއަށްވެސް އެއީ ބީރައްޓެހި އޙްސާސެކެވެ.

ސަދޫފްގެ ދެލޯ ބޮޑުވެފަވާއިރު އޭނާ ދިޔާން އަށް ބަލަމުން ދިޔައީ މީގެ ކުރިން ފެނިފައިނުވާ އެއްޗަކަަށް ބަލާ ފަދައިންނެވެ. 

“ލިލިއަން އާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވަން ބޭނުންވީ އެހެންވެ.. ޝީ އިޒް ލައިކް އަ ކްލޯޒްޑް ބުކް ދެޓް އައި ކޭން ނެވަރ އޯޕެން..” ދިޔާން ލިލިއަން އާއެކު ހޭދަކުރެވުނު ވަޤުތުތައް ހަނދާނަށް ގެންނަމުން ބުނެލިއެވެ.

“ލިލިއަން އަކީ ހަޤީޤަތުގަ ވަރަށް ރަނގަޅު ކުއްޖެއް.. އަހަންނަށްވެސް ކިރިޔާވެސް ލިލިއަން އެނގުނީ މާޔާއާ ރައްޓެހިވި ފަހުން.. ލިލިއަން އޭނާގެ ކަންކަން އެހެންމީހުންނާ ހިއްސާނުކުރާނެ.. ދިޔާން ތިބުނިހެން ލިލިއަން އެކޭ ތަޅުލާ ބަންދުކުރެވިފައިވާ ފޮތެކޭ އެއްފަދަ.. އެކަމަކު..

ލިލިއަން އެހެންމީހުންނާ އެ ބަހައްޓާ ދުރުމިނުގެ ފަހަތުގަ ސަބަބެއް ވާކަން އިނގޭތަ..؟” ސަދޫފް ސުވާލު ކޮށްލުމާއެކު ދިޔާން ދެފަރާތަށް ބޯ ހޫރުވާލީ އިތުރަށް އެނގެން ބޭނުންވެ އިނދެއެވެ.

“ލިލިއަންގެ މަންމަ އާ ބެހޭގޮތުން އެއްވެސް އެއްޗެއް އަޑު އެހިންތަ..؟” ސަދޫފްގެ ސުވާލަށް ދިޔާން އަނެއްކާވެސް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާއަށް ލިލިއަންގެ މަންމަ ހުންނަގޮތްވެސް ނޭނގެއެވެ.

” ޝީ އިޒް އަ ޕްރޮސްޓިޓިއުޓް.. “ސަދޫފް ފުންނޭވާއެއް ދޫކޮށްލަމުން ހާމަކުރިއެވެ. 

” އެގޭ ތެރޭގަ ރޭވެއްޖިއްޔާ ފިރިހެނުން ނޫޅޭ އިރެއް މަދުވާނެ.. މިރަށުގަ އެންމެނަށްވެސް އިނގޭ ސިއްރެއް އެއީ. އޭގެ ސަބަބުން އެންމެން އިނގިލިތައް އަމާޒުވަނީ ލިލިއަން އަށް.. ގިނަ މީހުން އެމީހުންގެ ދަރިން ލިލިއަން އާ ރަޙުމަތްތެރިކަން ބާއްވަންވެސް ޤަބޫލެއް ނުވާނެ.. ލިލިއަން މަސައްކަތް ކުރާ ޑޭކެއަރ އަށްވެސް ބައެއް ކުދިންގެ މައިންބަފައިން އެކުދިން ގެންދަން ބޭނުންނުވޭ ލިލިއަން އުޅޭތީ..  ހުރިހާ ކަމެއްވެސް ވަނީ ލިލިއަންގެ ކުށެއް ނެތި..” ސަދޫފް ހާމަކުރަމުން ދިޔަ ވާހަކަތަކުން ހީވީ ދިޔާންގެ ބޮލަށް ބަރު ގާގަނޑެއް ވައްޓާލެވުނު ހެންނެވެ. ލިލިއަން އުޅެމުންދާ ހާލު އޭނާއަށް އަންދާޒާ ކޮށްލެވިފައިވެސް ނެތުމުންނެވެ. އަނެއްކޮޅުން ލިލިއަން އެ އުޅެމުންދާ މާހައުލަކީ އަންހެންކުއްޖަކު ދިރިއުޅެން ކަމުދާ މާހައުލަކަށް ނުވާނެކަން ވިސްނި ދިޔާންގެ ސިކުނޑި ސުމަކަށް ދާވަރު ވިއެވެ.

” ލިލިއަންގެ ބައްޕަ ކޮބާ..؟ ފެމިލީގަ އިތުރު މީހަކު ނުހުރޭތަ..؟” ދިޔާން ނުތަނަވަަސް ކަމާއެކު ސުވާލު ކުރިއެވެ. 

” މާޔާ ކިޔައިދިން ގޮތުން ވިއްޔާ ލިލިއަންގެ ބައްޕަ އަކީ ރާއްޖޭން ބޭރު މީހެއް..ހުދު ލިލިއަން އަކަށްވެސް އޭނާގެ ބައްޕަ އާ ބެހޭ މާގިނަ މަޢުލޫމާތެއް ނޭނގޭ ކަމެއް ވަނީ.. އެންމެ ކުޑަ މިނުން ބައްޕަ ހުންނަގޮތްވެސް ލިލިއަން އަކަށް ނޭނގޭ.. އޭނާގެ މަންމަ ލިލިއަންގެ ބައްޕަގެ ވާހަކަ ދައްކަން މާ ގަޔާވާހެނެެއް ހިޔެއްނުވޭ..” ސަދޫފް އަށް އިނގޭ މިންވަރެއް އޭނާ ދިޔާން އާ ހިއްސާކުރިއެވެ.

ލިލިއަންގެ ގައިގާ ހުންނަ އާދައިގެ ދިވެއްސަކާ ތަފާތު ސިފަތަކުގެ ފަހަތުގައިވާ ސިއްރު ދިޔާން އަށް ވިސްނުނީ ދެނެވެ. 

” ލިލިއަން ފިޔަވާ އިތުރު ކުއްޖެއް ލިލިއަންގެ މަންމަގެ ނުހުންނާނެ.. އަނެއްކޮޅުން ލިލިއަންގެ މަންމަ ފަރާތު ކާފަ، މާމަވެސް މިދުނިޔެ އަކު ނެތް.. ދުރުތާ ތިމާގެ މީހެއްވެސް ލިލިއަން އާ އޭނާގެ މަންމައާ އެއްވެސް ވަރަކަށް ގުޅުން ބަހައްޓާކަށް ބޭނުމެއްނުވޭ.. ލިލިއަންގެ މަންމައާއެކު އެމީހުންގެވެސް އަގު ރަށު ތެރޭގަ ވެއްޓޭނެތީވެ…”  ސަދޫފްގެ ވާހަކަތައް އަޑުއަހަން އިން ދިޔާންގެ މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. މީގެ ކުރިން ހިތްނޭދޭހާ ބޮޑަށް ލިލިއަން ހިމާޔަތް ކުރަން ދިޔާންގެ ހިތް އެދެމުން ދިޔައެވެ.

********

ސަދޫފްގެ މަޝްވަރާޔާއެކު ދިޔާން މަސައްކަތް ކުރީ ލިލިއަންއާ އިތުރަށް ގާތް ގުޅުމެއް އުފެއްދުމަށެވެ. ލިލިއަން އިތުރަށް ދަސްކުރުމަށެވެ. ލިލިއަން އޭނާއާމެދު ދެކޭ ގޮތަކާމެދު ދިޔާންގެ ހިތުގައި އެތައް ފަހަރަކު ސުވާލު އުފެދެއެވެ. ސަދޫފްގެ ފަރާތުން މާޔާއަށްވެސް ދިޔާންގެ އިޙްސާސްތައް އިނގިގެން ދިޔައެވެ. އެޔާއެކު މާޔާ އޭނާގެ ކަންބޮޑުވުންތަކާއި ދެކޭގޮތް ދިޔާން ކައިރީ ހާމަކުރިއެވެ.

“ދިޔާން.. އަހަރެން މީ ލިލިއަން އުޅޭ ހާލު އެންމެ ކައިރިން ދެކޭ މީހާ.. އަހަންނަށް ދިޔާން އާ އެކު މި ހޭދަ ކުރި ދުވަސްތަކުން ދިޔާންގެ ގޯސް ސިފައެއް ނުފެނެ.. އަހަރެން ބުނަން އޮތްހާވެސް އެއްޗަކީ ލިލިއަން އަށް ދެރައެއް ނުދެއްޗޭ.. އޭނައަށް ހަޤީޤަތެއް ނެތް ހުވަފެންތަކެއް ނުދައްކައްޗޭ… ލިލިއަން ހޯދަދޭން އަހަރެން ދިޔާންއަށް އެހީ ވެދީފާނަން.. އެކަމަކު ލިލިއަން އެކަމާ ގަޔާނުވާކަން އިނގޭ ހިސާބުން އަހަންނަށް ޖެހޭނީ ދިޔާން އަށް އެހީވުން ހުއްޓާލަން..”  މާޔާ ވަރަށް ސާފުކޮށް އޭނާ ބޭނުންވާގޮތް ފަސްޖެހުމެއްނެތި ދިޔާން އަށް ކިޔައިދިނެވެ. ލިލިއަންގެ ހަޔާތަށް ވެރިވާ ކަޅުވިލާގަނޑަކަށް ދިޔާން ވެގެން ދާކަށް މާޔާ ނޭދެއެވެ. 

” ހަޤީޤަތުގަ.. އަހަރެން ވަރަށް ބޭނުން ލިލިއަން ތަފާތު މާހައުލަކަށް ގޮސް އާދިރިއުޅުމެެއް ފަށާތަން ބަލަން.. މިރަށެކޭ ލިލިއަން އަށް ބީރައްޓެހި ތަނެކޭ އެއްވަރު.. ލިލިއަން ދިޔާންގެ ހުށައެޅުން ޤަބޫލު ކޮށްފިނަމަ ލަސްނުކޮށް އޭނަ މި ހުރަގެއިން ސަލާމަތްކޮށްދީ..” މާޔާ އާދޭހާއެކު ދިޔާން އަށް ބަލައިލިއެެވެ. އޭނާ ގަޔާވާ އެތައް ސިފަތަކެއް ދިޔާންގެ ގައިގާ އެބަހުއްޓެވެ. ލިލިއަން ދިޔާން އާއެކު މާލެ ގޮއްސިނަމަ އޭނާގެ އެކުވެރިޔާއަށް  އުފާވެރި ދިރިއުޅުމެއް ފެށިދާނެއެވެ. ދިޔާންގެ ކިބައިގާ ލިލިއަން އުފަލުގައި ގެންގުޅެވޭނެ ފެންވަރު ހުރިކަން މާޔާއަށް ޔަޤީނެވެ. ދިޔާންގެ ވާހަކަތަކުން އޭނާ ލިލިއަންދެކެ ލޯބިވާކަމަށް ބުނާ ބުނުމަކީ ދޮގެއްހެނެއްވެސް މާޔާއަކަށް ހިޔެއްނުވެއެވެ.

***********

ކޮލެޖު ނިންމާލުމަށްފަހު ގެޔަަށްދާން ނިކުން ލިލިއަންއަށް ހުއްޓެވުނީ އެހިސާބާ އަރާ ހަމަވި ދިޔާން ފެނުމުންނެވެ. އިއްތިފާގެއް ކަމުގައި ލިލިއަން ބެލި ނަމަވެސް އޭނާއަށް ނޭނގުނު ހަޤީޤަތަކީ ދިޔާން އޭނާަ ކޮލެޖް ނިމެންދެން އެތާ މަޑުކޮށްގެން ހުރިކަމެވެ. މާޔާގެ ފަރާތުން ލިލިއަންގެ ކޮލެޖް ނިމޭނީ ރޭގަނޑު ދިހައެއް ޖަހާފަހުންކަން  އިނގުމުން ލިލިއަން އެކަނި ގެއަށް ދާކަށް ދިޔާން  ބޭނުމެއް ނުވިއެވެ. އޭނާއަށް ލިލިއަން ފުރަތަމަ ފެނުންރޭ ހިނގައިދިޔަ މަންޒަރު ސިފަވާ ކޮންމެ ފަހަރަކު ނުތަނަވަސްކަން ދިޔާންގެ ހިތަށް ވެރިވެއެވެ.

“ކޮލެޖު ނިމުނީ..؟” ދިޔާން ނޭނގޭ ކަމަށް ހަދާފައި ސުވާލު ކޮށްލިއެވެ. ލިލިއަން ޖަވާބެއްގެ ގޮތުގައި ބޯ ޖަހާލިއެވެ. 

” ލިލިއަން އަށް އުނދަގޫ ނުވަންޏާ މައްސަލަ އެއް ނެތްތަ އަހަރެން ލިލިއަން އާއެކު ދިޔަސް..” ދިޔާން ކުޑަ ފަސްޖެހުމަކާއެކު ސުވާލު ކުރިއެވެ.  ލިލިއަން ކުޑަކޮށް ހައިރާންވީ ނަމަވެސް ހަނދާނަަށް އައީ ދިޔާން ހުންނަ ގެސްޓް ހައުސްވެސް ހުންނަނީ އޭނާގެ ގެއާ ނުހަނު ކައިރީގާ ކަމެވެ. 

އެހެންކަމުން ލިލިއަން އަށް ދިޔާންގެ އެ އެދުން ބޮލާލާ ޖަހާކަށް ނުކެރުނެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ދިޔާން ކައިރީގައި ހުރުމުން  އޭނާއަށް ރައްކާތެރިކަން އިޙްސާސްކުރެވެމުން ދިޔައެވެ.

 ލިލިއަން ބޯ ޖަހާލުމާއެކު ދިޔާންގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ދުވެލިއެވެ.

” ލިލިއަން ކިޔަވަނީ ކޯއްޗެއް..؟” މަގުން ހިނގަމުން ދިޔައިރު ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލަމުން ދިޔާން ސުވާލު ކުރިއެވެ.

” އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން..” ލިލިއަންގެ ޖަވާބާއެކު ދިޔާން އަށް ހިނިތުންވެލެވުނެވެ. އޭނާއަށް ލިލިއަން ސިފަކުރެވެނީ ކުޑަކުދިން ދެކެ ނުހަނު ގަޔާވާމީހެއްގެ ގޮތުގައެވެ. ޑޭކެއަރ އިން އޭނާއަށް ފެނުނު މަންޒަރު އެކަމަށް ހެކިދެއެވެ.

ދިޔާން އިތުުރަށް ލިލިއަންގެ ވަޒީފާއާ ބެހޭގޮތުންވެސް ސުވާލު ކުރިއެވެ. ކުޑަކުދިން ބެލެހެއްޓުމާމެދު ލިލިއަން ތަފާތު ވާހަކަތައް ދިޔާން އަށް ކިޔައިދިނެވެ. މީގެ ކުރިން ދުވަހަކުވެސް ދެމެދުގައި ނުދެކެވޭހާ ގިނަ ވާހަކަ ހިއްސާ ކުރެވިގެން ދިޔައެވެ. 

” ދިޔާންގެ ފެމިލީގަ ކުޑަކުއްޖެއް ނުހުރޭތަ..؟” ވާހަކައިގެ ތެރެއިން ފުރަތަމަ ފަހަރަށް ލިލިއަން ދިޔާން އާ ސުވާލެއް ކޮށްލިއެވެ.

” ޔެސް.. ކުޑަ ކުއްޖެއް ނުހުރެ..” ދިޔާންގެ ޖަވާބު ނުހަނު ކުރެވެ. އިތުރު ތަފްސީލަކަށް ނުދިޔުމުން ލިލިއަން ވެސް އިތުރަށް ދިޔާންގެ އާއިލާއާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ.

ލިލިއަންގެ ގެއާ ހިސާބަށް އާދެވުމުން ދެމީހުން ދޮރުމަތީ މަޑުކޮށްލިއެވެ. ކުއްލިއަކަށް ދިޔާންގެ ފަރާތުން ހަމަހިމޭންކަން ފެންނަން ފެށުމުން ލިލިއަން ނުތަނަވަސްވާ ގޮތްވިއެވެ. އޭނާއަށް ކުރެވުނު ސުވާލުން ދިޔާން އަށް އައި ބަދަކަށް ވެދާނެބާވައެވެ؟ 

” ގުޑް ނައިޓް..” ލިލިއަން ގޭގެ ދޮރުގެ ތަޅުގައި ހިފާލަމުން ދިޔާން އަށް ބަލާލިއެވެ.

” ގުޑް ނައިޓް..” ދިޔާން ހިނިތުންވެލަމުން ބުނެލިއެވެ. އެހިނިތުންވުމުގައި އަސްލެއްނެތްހެން ލިލިއަން އަށް ހީވިއެވެ. އެހެނަސް އެއީ އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަހުމްތަކުން އޭނާއަށް އިޙްސާސް ކުރެވުނު ގޮތަކަށް ވެދާނެކަމަށް ހީކޮށް ލިލިއަން ހިތްހަމަ ޖައްސާލިއެެވެ. ދިޔާން އަށް ހިނިތުންވުމެއް ރައްދުކުރަމުން ދޮރުހުޅުވާލުމަށްފަހު ގޭތެރެއަށް ލިލިއަން ވަނެވެ.

*******

ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔައިރު ދިޔާންގެ ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ސޯފާގައި އިށީންނަމުން ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލި އިރު އަމިއްލަ ނަފްސާ ކަމަކާ ހަނގުރާމަކުރަމުންދާހެން ހީވަމުން ދިޔައެވެ.

” ޔޫ އިޑިއެޓް..” ދިޔާން އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަަށް ބުނެލިއެވެ. އޭނާގެ އަމިއްލަ ޒަމީރު ދެކެވެސް ދިޔާން އަށް ރުޅި އާދެވެމުން ދިޔައެވެ. އޭނާ ބޭނުންވީ ލިލިއަންގެ ހިތާ ހަމަޔަށް ވާސިލް ވާށެވެ. އެކަން ކުރުމަށް ލިލިއަންގެ ތަޅު އަޅާ ބަންދުކޮށްފައިވާ ހިތް ހުޅުވާލަން ދިޔާން މަސައްކަތް ކުރިއެވެ. ލިލިއަން އާ ގާތް ގުޅުމެއް އުފައްދާ އެ އަންހެންކުއްޖާގެ ކަންކަން ދެނެގަންނަން ދިޔާން އަތުކުރި އޮޅާލިއެވެ. އެހެނަސް ލިލިއަން އާ ގާތްވި ވަރަކަށް އޭނާވެސް ދިޔާން އާ ބެހޭގޮތުން ކަންކަން އޮޅުން ފިލުވަން ބޭނުންވާނެކަން ދިޔާން އަށް ވިސްނާނުލެވުނީއެވެ.  ލިލިއަން ކުރާ ސުވާލުތަކުގެ ތެރެއިން އޭނާއަށް ޖަވާބު ދެވެން ހުރި ސުވާލުތަކަށްވުރެ ގިނައީ މިވަޤުތު ޖަވާބު ދެވެން ނެތް ސުވާލު ތަކެވެ. އޭނާ މިވަޤުތު ހުރި ހާލަތު ވިސްނުމުން އަމިއްލަ ނަފްސު ދެކެ ދިޔާން އަށް ނަފްރަތު ކުރެވުނެވެ.

 ” ލިލިއަން.. އެ އަންހެން ކުއްޖާއަށް ތިއީ ކާކުކަންވެސް އެނގޭތަ..؟” ސުހެއިލް ބުނެލި އެޖުމްލަ އެތައް ފަހަރަކު ދިޔާންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ހަޤީޤަތް ލިލިއަން އަށް ކިޔައިދޭން ދިޔާން ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް ވަޤުތުގެ ގޮތުން ދިޔާން އަށް އެކަން ކުރެވޭކަށް ނެތެވެ.

************

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!