ނައިޝާގެ ކަމަކީ އަބަދު ހިތާމަކޮށް ރުއިމެވެ.ކާން ފިޔަވައި އޭނާ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ.މުޅި މީހާ ނެގިމަޑުވެ އަމިއްލަ ނަފްސު މަތިންނާ ދުނިޔެ މަތިން ފޫހިވާން ފެށިއެވެ.އެކަނިވެރިކަމަށް ލޯބިކުރެވެން އިންތިހާއަށް ފެށިއެވެ.އެމޫނުމަތިން އުފާވެރިކަމެއް ނުފެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.މަންމަމެން ކައިރީގައި ހުރުމުން ލިބޭ އުފާ ފިޔަވައި އެއްވެސް އުފަލެއް މިހާރު ނައިޝާގެ ހަޔާތުގައި ނެތެވެ.
ނައިޝާ އެގޮތުގައި އޮންނާތީ އޭނާގެ މައިންބަފައިން އޭނާ ޑަކުޓަރަށް ދައްކާ ނައިޝާއަށް ކައުންސެލިން ދޭން ފެށިއެވެ.ކައުންސެލިން ސެޝަންތައް ކުރިއަށް ދިޔަ ވަރަކަށާއި އޭނާގެ މައިންބަފައިންގެ ފަރާތުން ލިބޭ ހިތްވަރާއި ލޯބި ލިބެމުންދާތީ ނައިޝާ ދިޔައީ ކޮންމެވެސް ވަރަަކަށް ހަމައަކަށް އެޅުމުންނެވެ.
***************
ލަންކާއަށް ނައިޝާ ދިޔަތާ ބަރާބަރު އެއްމަސް ފުރުނީއެވެ.ނައިޝާ އޭނާގެ މަންމައާއެކު ޕުރެގްނެންސީ ޓެސްޓް ހެދުމަށް ލޭނަގަން ހޮސްޕިޓަލަށް ވަނެވެ.ލޭނަގާ ނިމިގެން ނައިޝާ އިންތިޒާރު ކުރަމުން ދިޔައީ ނަތީޖާ ލިބޭނެ ވަގުތަކަށެވެ.
*************
“ދަރިފުޅާ ހިނގާ ބައްޕައާ އެކު ކާރު ދުއްވަން ދަސްކުރަން މިއަދުވެސް ދާން” ނައިޝާގެ ބައްޕަ އޭނާ ގޭތެރޭގައި އަބަދު އިންނާތީ ބޭރަށް ގެންދިއުމުގެ ނިޔަތުގައި ބުނެލިއެވެ.ނައިޝާ އޭނާގެ ބައްޕައާ އެކު ކާރު ދުއްވަން ދަސްކުރަން ގެއިން ނިކުންނަން އުޅެނިކޮށް ނައިޝާގެ މަންމަ ގެއަށް ވަނެވެ.
“ދަރިފުޅޫ މިއޮތީ ނަތީޖާ… ދަރިފުޅު ކަނޑާފަ ބެލީމަ ރަނގަޅުވާނެތީ މަންމާ ހަމަ ނެގިގޮތަށް މިއައީ ހިފައިގެން” ނައިޝާ އަތަށް ޕުރެގްނެންސީ ޓެސްޓްގެ ނަތީޖާ ލާފައިވާ ސިޓީއުރަ ދިއްކޮށްލަމުން ގެއަށް ވަތް ނައިޝާގެ މަންމަ ބުންޏެވެ.
ނައިޝާ އެހިފައިގެން އޭނާގެ ކޮޓަރިއަށް ވަދެ ނަތީޖާ ނެގެޓިވް ވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލިއެވެ.ތެޅިތެޅި އޮތް ހިތާ އެކު ނައިޝާ އެ ސިޓީއުރަ ކަނޑާލުމަށްފަހު، ނަތީޖާ ގަނޑު ހުޅުވާ ބަލައިލި އެވެ.
“އަލްހަމްދުލިﷲ” ނައިޝާ ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.ނެގެޓިވް ނަތީޖާ ފެނުމުން ނައިޝާއަށް ހީވީ ވަރަށް ބޮޑު ބުރަދަނެއް އޭނާގެ ބޮލުން ފިލައިގެން ދިޔަހެންނެވެ.
“ކޮބާ ކިހިނެއް ވަނީ ނަތީޖާ؟” ކޮޓަރިއަށް ވަތް ނައިޝާގެ މަންމަ އަހާލިއެވެ. ނައިޝާގެ މަންމަގެ އަތަށް ހިނިތުންވެ ހުރެ ނައިޝާ ނަތީޖާ ގަނޑު ދިއްކޮށްލުމުން އޭނާގެ މަންމަ ނައިޝާގެ މޫނަށް ބަލާލުމަށްފަހު ގަނޑަށް ބަލައިލި އެވެ.
“މަންމަ ބުނީމެއްނު ﷲ އިރާދަފުޅުން ދެރަގޮތެއް ނުވާނޭ” ނައިޝާ ގައިގައި ބައްދާލަމުން އޭނާގެ މަންމަ ބުނެލިއެވެ. ” ދެން އަވަހަށް ވަރިވާން ފޯމުލާ.. އޮންލައިންކޮށް ލެވޭނެއެއްނު” ނައިޝާގެ މަންމަ އެހެންްބުނުމުން ނައިޝާ އެކަން ކުރަން އުޅުނެވެ.
***************
ދެހަފްތާ ފަހުން ނައިޝާ ވަރިވާން ކޮންފަރެންސް ކޯލް އަކަށް އެރިއެވެ. “އަހަރެން ނައިޝާއަށް އެވަރަށް ގުޅީ ވަރިކުރަން… އެކަމަކު ނައިޝާ ފޯނު ނިވާލީ… އަހަރެންވެސް ބޭނުމީ ވަރި” ސައިފް ނައިޝާއަށް ބުނެލިއެވެ.
ކޯޓުން ކުރިއަށް ގެންދިޔަ ކޮންފަރެންސް ކޯލް މެދުވެރިކޮށް ސައިފް ނައިޝާ ވަރިކުރި އެވެ.އަށްމަސް ހޭދަވި ކައިވެނި ނިންމާލަން ޖެހުމުން ވަގުތުކޮޅަކަށް ނައިޝާގެ ހިތަށް އަސަރުކުރިއެވެ.ނަމަވެސް އެހާ ނުލަފާ މީހެއްގެ ކިބައިން ސަލާމަތް ވެވުނީތީ ނައިޝާ ހިތްހަމަޖެހުނެވެ.
**************
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނައިޝާ ވެސް ހަމައަކަށް އެޅެމުން ދިޔައެވެ.ޑަކުޓަރަށް ދައްކާ ޑަކުޓަރުގެ އިރުޝާދުގެ ދަށުން ނައިޝާ ކެއުން މަދުކޮށް ހަށިގަނޑަށް ބަލަން ފެށިއެވެ.އޭނާގެ އަމިއްލަ ނަފްސަށް ލޯބިޖެހި ހަށިގަނޑަށް އަޅާލަން ފެށުމުން ނައިޝާގެ ހަންގަނޑު އަލިވެ އިސްތަށިގަނޑުވެސް ވަރުގަދަވެ ދިގުވާން ފެށިއެވެ.
ކޮންމެ ފަތިހަކު މަންމައާއެކު ދުވަން ގޮސް ހަވީރު ބައްޕައާއެކު ކާރުދުއްވަން ދަސްްކުރަން ނައިޝާ ދާންފެށިއެވެ.ކަންތައްތަކުގައި އަވަދިނެތި ނައިޝާ އުޅެން ފެށުމުން އޭނާގެ މާޒީގެ ހަނދާންތައް މަޑުމަޑުން ފަނޑުވާން ފެށިއެވެ.އެހަނދާންތައް އެއްކޮށް ފުހެވިގެން ނުދާނެކަން ނައިޝާއަށް އެނގިހުރެ އޭނާގެ ހިތި މާޒީގެ ހަނދާންތަކާއެކު އުޅެން ދަސްވާންފެށިއެވެ.
*************
“ހެޕީ ބާރތުޑޭ” އާދައިގެމަތިން ކާރުދުއްވަން ގޮސްލާފައި ބައްޕައާއެކު ރޭގަނޑު 8 ޖެހުމުން ގެއަށް ވަތް ނައިޝާއަށް އޭނާގެ މަންމައާ ބައްޕައާ ނުހައިކުގެ އިތުރުން ގޭގެ މަސައްކަތް ކުރަން އުޅޭ ތާނީ ވެސް ބުނެލިއެވެ.
އެވަގުތު ނައިޝާ ހިނިތުންވެ ހުރެ އެންމެނަށް ޝުކުރު އަދާކުރިއެވެ.ނައިޝާއަށް 19އަހަރު ފުރުނު އުފަންދުވަސް އޭނާގެ މައިންބަފައިން ފާހަގަ ކުރި އެވެ.
************
ޕާޓީ ނިންމާލުމަށްފަހު ނިދަން ނައިޝާ އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެެވެ. “ދަރިފުޅު ތިކޮޓަރީގަ ނިދޭނެތަ؟” ނައިޝާގެ މަންމަ ބުނެލިއެވެ. “އާނ…ނައިޝާ އަށް އެހަނދާންތަކާއެކު އުޅެން ދަސްވާން ފަށައިފި…އަބަދު ނައި އަކަށް ވެސް މަންމަ ކައިރީގަ ނުނިދޭނެނު” ކޮޓަރިއަށް ވަންނަމުން ނައިޝާ ބުންޏެވެ.
***************
ނައިޝާ އޭނާގެ މައިންބަފައިންނާއެކު ލަންކާގައި އުޅޭތާ 4 މަސް ހޭދަވެގެން ދިޔައެވެ. “ނައި ބޭނުންވަނީ ހުޅުމާލެއިން އެޕާޓްމެންޓެއް… މިތާގައާ މާލެގަ ސައިފް އުޅެފަ ހުރީމަ އަދިވެސް ކޮންމެވެސް ވަރަަކަށް ނުތަނަވަސްވޭ ނައި… ހުޅުމާލެއިން އެޕާޓްމެންޓެއް ލިބިއްޖެނަމަ ނައި ވަޒީފާއަކަށް ގޮސް ގެން އެތަނަށް ކުލި ދައްކައިގެން އުޅެވޭނެ” ސިޓިންރޫމަަށް ނިކުތް ނައިޝާ އޭނާގެ މައިންބަފައިން ކައިރީގައި ސޯފާގައި އިށީނުމަށްފަހު ބުނެލިއެވެ.
“އެހެންތަ ބައްޕަގެ ރައްޓެއްސެއް އުޅޭނެ ހުޅުމާލޭގަ…ދަރިފުޅު ކޮންކަހަލަ ތަނެއް ބޭނުންވަނީ؟”ނައިޝާގެ ބައްޕަ އަހާލިއެވެ. “ނައިޝާއަށް ހެޔޮ އެޕާޓްމެންޓެއް ވެއްޖިއްޔާ…މޫދުކައިރި އިންނަ ތަނެއް ބޮޑަށް ބޭނުންވަނީ…. އެކަމަކު ހެޔޮ ކޮންމެ ތަނަކުން ވެސް ” ނައިޝާ އޭނާގެ ބައްޕައަށް ބުނެލިއެވެ.
އެވަގުތު ނައިޝާގެ ބައްޕަ ސޯފާއިން ތެދުވެ ފޯނު ނެގުމަށްފަހު މީހަކަށް ގުޅާލަން ބެލްކަންޏާ ދިމާއަށް ދިޔައެވެ. “ދެން ދަރިފުޅު މާލެގަ ހުރި އެޕާޓްމަންޓަށް ކިހިނެއް ހަދަންވީ؟” ނައިޝާގެ މަންމަ އަހާލިއެވެ. “މަންމަމެން ބޭނުން ގޮތެއް” ނައިޝާ އޭނާގެ މަންމައަށް ބުންޏެވެ.
“އެހެންވީމަ ނައިގެ އެޕާޓްމަންޓު މަންމަ ކުއްޔަށް ދޭނީ…އޭރުން ދަރިފުޅަށް އެރުފިޔާ ލިބޭނެނު” ނައިޝާގެ މަންމަ ބުނެލިއެވެ.ނައިޝާގެ މަންމަ އެހެންްބުނުމުން ނައިޝާ ރުފިޔާ ބޭނުން ނުވާކަމަށް ބުނެލިއެވެ.”ނޫން…ދަރިފުޅުގެ އެކައުންޓަށް ފޮނުވާނަން ކުލި… ދެކޮޅު ހެދުމެއް މަންމަ ބޭނުމެއްނޫން” ނައިޝާގެ މަންމަ ބުނެލިއެވެ.
“ބައްޕަ ރައްޓެހި ދެތިން މީހެއް ކައިރި ބުނެފިން އެމީހުން ފޮނުވާނެ ތަންތަނުގެ ފޮޓޯތަކެއް… އެފޮޓޯތައް ފޮނުވީމަ ދަރިފުޅަށް ކަމުދާ ތަނެއް އިންތޯ ބެލޭނެނު” ސޯފާގައި އިށީނަމުން އޭނާގެ ބައްޕަ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






this is getting interesting 🙂