ނައިޝާ އޭނާގެ ފޯނު ޑުރެސިން ޓޭބަލް މަތީގައި ބޭއްވުމަށް ފަހު ފޮށި ހުސްކުރަން އުޅުނެވެ.ދާާތަކެތި ގޯޅިތެރޭގައި ހުރި ވަށިގަނޑަށް ލުމަށްފަހު،ފޮށީގައި ހުރި އަންނައުނުތައް ފަތްޖަހާ އަލަމާރިއަށް އެޅިއެވެ.

ހުސް ފޮށި ނަގާ ނައިޝާ ތަޅުވާލީ އޭގައި އެއްޗެއް އޮވެދާނެ ކަމަށެވެ.ވީވެސް އެހެނެވެ.ފޮށި ތަޅުވާލުމާއެކު އޭގެތެރެއިން އަނގޮޓިއެއް ވެއްޓުނެވެ.ނައިޝާ އެއަނގޮޓި ނަގާ ބަލައިލި އެވެ.އެއީ ސައިފް ފާހަނަ ޑަސްބިނަށް އެއްލާލި، ނައިޝާ ސައިފްގެ އަތުގައި އަޅުވައިދިން އެންގޭޖުމަންޓު އަނގޮޓި އެވެ.

އަރައިގެން ރުޅިއާއި އެކު އެއަނގޮޓި ފޮށި ތެރެއަށް އެއްލާލުމަށްފަހު ނައިޝާގެ އިނގިލީގައި އިން އަނގޮޓިވެސް އެފޮށި ތެރެއަށް ނަގާ އެއްލާލިއެވެ.ތަޅައިގެން ގޮސްފައި ހުރި ބިއްލޫރި ވާހާއި ބިއްލޫރި ކޮޅުތަކުގެ އިތުރުން ސައިފް ދިން މާތަކާއި ނައިޝާގެ ވެޑިން ޑްރެސް ވެސް އެފޮށްޓަށްލާ އުކާލަން ނައިޝާ ބޭރަށް ނެރުނެވެ.

އެޕާޓްމަންޓު ދޮރުމަތީގައި ފޮށި ބެހެއްޓުމަށް ފަހު ނައިޝާ ފާހަނައަށް ވަދެ ފެންވަރައިގެން ނިކުމެ އެނދުގައި އަރާމުކޮށްލަން ޖައްސާލި އެވެ.އެހެންއޮވެ ނައިޝާ ސައިފް މަތިން ހަނދާންވެގެން ރޮވެން ފެށިއެވެ.ރޭގައި ސައިފް ނައިޝާއަށް ހެދިގޮތް އޭނާގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ.އޭނާ ބަނޑުބޮޑު ނުވޭތޯ ހިތާހިތުން ދުޢާކޮށްލަ ކޮށްލާ ރޮއެރޮއެ އޮތެވެ.

ނައިޝާ ރޯންއޮއްވާ އޭނާގެ އެޕާޓްމަންޓު ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުމުން ލޯފުހެލުމަށްފަހު ދޮރު ހުޅުވަން ދިޔައެެވެ.ދޮރުމަތީގައި ހުރި ނައިޝާގެ ދޮންތައަށް ވަނުމަށް ތަންދެއްކުމަށްފަހު ސޯފާގައި ނައިޝާ އިށީނެވެ.

“ނައި ކިހިނެއް މިހާރު؟” ނައިޝާ ކައިރީގައި އިށީނަމުން އޭނާގެ ދޮންތަ އަހާލިއެވެ. ނުރޯން ވަރަށް ހިތްވަރު ކުރިއަސް ނައިޝާއަށް ރޮވުނެވެ. “ހުއްޓާލާ ދެން ނުރޮއެ އެކަންތައް އެނިމުނީނު” ނައިޝާ ކައިރި ކޮށްލަމުން އޭނާގެ ދޮންތަ ބުނެލިއެވެ.

“ނޭނގެ ނިމުނު ކަމެއްވެސް ނުނިމޭ ކަމެއްވެސް” ރޮމުން ނައިޝާ އެނާގެ ދޮންތައާ ދިމާއަށް ބުނެލިއެވެ. “ކީއްވެތިހެން ތިބުނީ؟…ހުއްޓާލަފަ ދޮންތައަށް ކިޔައިދީބަލަ ވީގޮތް ފެށިގެން” ނައިޝާގެ ދޮންތަގެ އެދުމަށް ކަންވީގޮތް އަލިފުންޔާއަށް ނައިޝާ ކިޔައިދިނެވެ.

“ހާދަހާ ގޯސްބައެކޭ…ދެން ކީއްވެ ނައި މައްސަލަ ނުޖައްސަނީ؟” ނައިޝާގެ ދޮންތަ އެހެންއެހުމުން މައްސަލަ ދިގުދަންމާކަށް ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ވަރިވާން ކަމުގައި ނައިޝާ ބުންޏެވެ.

“މާދަމާ ދޮންތަބެ ލައްވާ ފޯމް ނަގާނަން… ނައި އޭތި ފުރާ… އެކަމަކު ދޮންތަ ބުނެލާނީ އެހަށް ވަރިނުވެ މަޑުކުރަން…ނައިޝާ އިންގޮތެއް ނޭނގެއެއްނު…ނައި ބަނޑުބޮޑު ވިއަސް ތިހާ ނުލަފާ މީހަކު ހަވާލެއް ނުވާނެ ކަންނޭނގެ” ނައިޝާގެ ދޮންތަ ބުނެލިއެވެ.

“އެކަމަކުވެސް ނައި ބޭނުންވަނީ ވަރިވާން…ނައިއަށް ހެޔޮ އޭނަ ހަވާލު ނުވިއަސް ނައި ބަނޑުބޮޑު ވެއްޖެއްޔާ ނައި އަށް ނައިގެ ބޭބީ ބެލޭނެ…ނައި ޚަރަދުކުރާނަން… އެކަމަކު ނައި ބޭނުމެއް ނޫން އަސްލުގަ ސައިފްގެ ބޭބީއެއް… އެކަމަކު ލިބިއްޖެއްޔާ ބަލާނަން”  ރޮމުން ނައިޝާ ބުންޏެވެ.

“ތިކަން އޮތީ ތިހެންނޭ… އެކަމަކުވެސް އަނެެއްކޮޅަށްވެސް ވިސްނަންވާނެ ދޯ…ބޭބީއެއް ލިބިއްޖެއްޔާ އެބޭބީ އިންނާނީ ބައްޕަނެތް ކުއްޖެއްގެ ގޮތުގަ ސައިފް ހަވާލު ނުވެއްޖެނަމަ…އޭރަށް މާދަން ބޭބީ ބޮޑުވެގެން އޭނައަށް އޭތި ފެނުނީމަ ކިހާ ދެރަވާނެ” ނައިޝާގެ ދޮންތަ އޭނާއަށް ނަސޭހަތް ދިނުމުން ވާގޮތެއް ބަލާފައި ނޫނީ ފޯމު ނުލާން ނައިޝާ ނިންމިއެވެ.

ހެނދުނު ހަތެއް ޖެހުމާއެކު ސިއްސައިގެން ގޮސް ނައިޝާ އަށް ހޭލެވުނެވެ.އެނދުން ތެދުވެ އޭނާ ޖެހިގެން ހުރި ކޮޓަރީގެ ތަޅުގައި ހިފާލިއެވެ.ތަޅުނުލާ ހުރުމުން ނައިޝާ ސިއްރު ސިއްރުން ބޯދިއްކޮށްލީ ސައިފް އެކޮޓަރިތެރޭގައި ހުރި ކަމަށް ހީކޮށެވެ.ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް އެކޮޓަރިތެރެއިން ނުވުމުން ނައިޝާއަށް ކަންވީގޮތް ރެއަކާލިއެވެ.

ސައިފްވީ ރަށުގައި ކަން ނައިޝާ ހަނދާންވިއެވެ.އެހެންނަމަވެސް ސައިފްގެ ފަޅުކަން އޭނާއަށް އިހުސާސް ކުރެވެން ފެށިއެވެ.އެހާ ނުލަފާ މީހެއްގެ މަތިން ހަނދާން ކުރާކަށް ޚުދު ނައިޝާއެއްވެސް ބޭނުމެއް ނޫނެވެ.ނަމަވެސް އެޚިޔާލުތަކުން ނައިޝާއަކަށް ދުރެއްވެސް ނުވެވުނެވެ.ވާނީވެސް އެހެންތާ އެވެ.ނައިޝާއަށް ފުރަތަމަ އަދި ހަގީގީ ލޯބި ވެވުނު މީހަކީވެސް ސައިފެވެ.

ނައިޝާއަށް ސައިފް އެނދުގައި އޮންނަހެން ސިފަވާން ފެށުމުން އެނދުކައިރީ އިށީނުމަށްފަހު، އެނދުގައި ބޯއަޅާލައިގެން ރޯންފެށިއެވެ.ކުޑައިރުކޮޅަކު އެތާ އިނުމަށްފަހު ސިޓިންރޫމަަށް ނައިޝާ ނިކުތެވެ.ސައިފް ނިދި ސޯފާ ފެނުމުން ނައިޝާއަށް އިތުރަށް ރޮވެން ފެށިއެވެ.

ފުރަތަމަ ސިކުންތުގައި ސައިފާއެކު ލޯބިން އޭނާ ހޭދަކުރި ވަގުތުތައް ހަނދާންވާންފެށިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ސައިފް ކުރި އަނިޔާތަކާއި މަލާމާތް ހަނދާންވުމުން ނައިޝާ ނަފުރަތު ވިއެވެ.އޭނާގެ ފިރިމީހާގެ މަތިން ތާއަބަދަށް ހަނދާން ނައްތާލަން ނައިޝާ އިންތިހާއަށް ބޭނުންވެއެވެ.

ފާހަނައަށް ވަދެ މޫނުދޮވެލައިގެން ނިކުތް ނައިޝާއަށް ފޯނެއް އައެވެ.ނައިޝާ ފޯނުގެ ސްކްރީނަށް ބަލައިލި އިރު ގުޅަނީ ހަނީފާއްތަ އެވެ. އަޑު ކުރަހާ ލުމަށްފަހު އެކޯލަށް ނައިޝާ ޖަވާބު ދިނެވެ. “ހަލޯ ނައިޝާ ރަނގަޅުތަ؟…ދައްތަ އިއްޔެ ދެވުނުތޯ ގުޅަން ހުރެފަވެސް ނައިޝާ ދެރަވެފަ ހުރީމަ މަޑުކޮށްލީ ހަމައަކަށް އެޅިލަންދެކަަށް ނުގުޅާ” ފޯނު ނެގުމާއެކު ހަނީފާއްތަ ބުންޏެވެ.

“އާނ ރަނގަޅު… ހަމައަކަށް އެޅޭތޯ މަސައްކަތް މިކުރަނީ…ނައިޝާއަށްވެސް ދައްތައަށް ނުގުޅިގެން މިއުޅެނީ” ޖަވާބުގައި ނައިޝާ ބުންޏެވެ. “ރަނގަޅުވާނެ.. ކަނބުލޮ އެކަމާ ދޭތެރޭގަ މާބޮޑަށް ނުވިސްނާ…މިރަށުތެރޭގަ އަޑު ފެތުރިއްޖެ ކަނބުލޮއޭ ކިޔައިގެން…ދައްތަ ހައްތަހާވެސް ތިކުއްޖާއަަށްޓަކާ އެއްޗެކޭ ނުބުނެ މި ކެތްކުރަނީ” ހަނީފާއްތަ ބުންޏެވެ.

“ނައިޝާ ދިޔަފަހުން ސައިފްމެން ވަރަށް އުޅުނު ހޯދަން ކަނބުލޮ…ވަރަށް އެކްޓު ކުރަންވެސް މޮޅުބައެއް އެއީ…މީހުންތެރޭގަ މާ ދެރަވާ ބަޔަކަށްވެގެން ކަންދައްކަން ސައިފްވެސް ރޮނީ…ތިމަންނަ ވަރަށް ލޯބިވި މީހެކޯ ނައިޝާ އަކީ…އެކަމަކު މާލެ މުއްސަންޖެއް ވީމަ އެދިޔައީ އޯ މިތާ ނުހުރެވިގެން…މިތާ ކަޓު ތަނެއްގަ ނޫޅެވޭނެޔޯ ކިޔަނީއޯ ނައިޝާ…ސައިފް ނުދާށޭ ބުނެބުނެ އޮއްވާ ވަގަށޯ ދިޔައީ…އޭނަ މަންމަވެސް ސަނާވެސް ވަރަށް އެބަހުރި އެކްޓު ކޮށްލާފަ މާދެރަވާބަޔަކަށްވެގެން…ދައްތަ ހައްތަހާވެސް އެއްޗެކޭ ނުބުނެ މިހުރީ ކަނބުލޮއަށްޓަކާ” ހަނީފާއްތަ އިތުރަށް ބުނެލިއެވެ.

“އަޅާނުލާ އެމީހެއް ކުރިކަމެއް އޮންނާނީ އެމީހަކަށް.” ނައިޝާ ދެރަވެލާފައި ބުންޏެވެ. “އަދި ބަނދަރުމަތީގަ ތިބި މީހުނަށް ދައްތައާ ނައިޝާ އާ ވާހަކަދައްކަން ހުއްޓާ ފެނުނު ވާހަކަވެސް ކިޔާއެބަ…ދައްތަ ފިހާރައިގަ ހުއްޓާ އައި އެކަން އޮޅުންފިލުވަން ރަށުމީހުން…ސައިފްގެ މަންމަވެސް އައި… ކޮއްކޮއަށްޓަކާ ދައްތަ އޮޅުވާލީ…ދައްތަ ބުނީ ބަނދަރު ކައިރިއަށް ހިނގާާލަން ނިކުތްގަޑީގަ ދިމާވީއޭ ނައިޝާއާ…ނައިޝާ ދައްތަގެ ފިހާރައަށް އަންނާތީ ވާހަކަ ދެކެވިފަ ހުރީމަ ނައިޝާ ކައިރިއަށް ގޮސްލީއޭ…ނައިޝާ ބުންޏޭ މާލެ ދާށޭ މިދަނީ އިތުރު އެއްޗެއް ނުބުނޭ ދައްތަ ބުނިން” ހަނީފާއްތަ ބުންޏެވެ.

 

47

2 Comments

 1. Fathimaaa

  September 11, 2021 at 2:09 pm

  i am so happy that Naaisha went back to Male’ and said everything to her family

  • lamhus

   September 11, 2021 at 10:33 pm

   Thanks ♥️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!