ހަނީފާއްތައާ ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ނައިޝާ ފޯނުބޭއްވިއެވެ.ހެނދުނު ސަޔަށް ކުޑަގޮތެއް ހަދާލުމަށްފަހު ސޯފާގައި ނައިޝާ އިށީނެވެ.އެވަގުތު އޭނާގެ މަންމަގެ ކޯލެއް އައެވެ.

“ހަލޯ ދަރިފުޅު މިހާރު ކިހިނެއް؟…ދަރިފުޅު އެކަނިވެލަން ވަގުތުކޮޅެއް ދޭންވެގެން މަންމަ ނުގުޅީ…ބައްޕަވެސް ވަރަށް ކަންބޮޑުވެފަ އެބައިން” ނައިޝާގެ މަންމަ ބުންޏެވެ.

ނައިޝާގެ މަންމަގެ ފޯނުކޯލު ނިމުމުން މޮޅިވެރިކަންމަތީ ހުރެ ކޮޓަރިއާ ދިމާއަށް ނައިޝާ ހިނގައިގަތީ ސައިފްގެ ޚިޔާލުގައި ހުރެގެންނެވެ. “އެހާ ގިނަދުވަހު އެކުގައި އުޅުނުއިރުވެސް ސައިފްގެ ހިތަށް އެއްވެސް އިހުސާސެއް އަހަންނާ ދޭތެރޭގައި ނުކުރޭބާ؟” އެނދުގައި އިށީނދެލަމުން ނައިޝާގެ ހިތަށް އެރިއެވެ.

މެންދުރު 12 ޖަހަން އުޅެނިކޮށް މީހަކު ނައިޝާގެ އެޕާޓްމެންޓްގައި ޓަކި ޖެހުމުން ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ނައިޝާގެ ދޮންތަ އެވެ. “އަން… މިއޮތީ ފޯމު” ވަރިވުމަށް އެދި ހުށަހަޅާ ފޯމު ނައިޝާ އަތަށް ދެމުން އޭނާގެ ދޮންތަ ބުނެލިއެވެ.ނައިޝާ ފޯމު ހިފުމަށް ފަހު، ތާރީޚު ޖަހާ ބައި ހުސްކޮށް ބެހެއްޓުމަށް ފަހު އެފޯމު ފުރާލިއެވެ.

” ނައި ތިހެން އަބަދު ނީދެ ދޮންތަބަޔަށްވެސް ވަދެލަން އަންނައްޗެ…ރަށުން އައި ގޮތަށް ކޮއްކޮމެން ދެކިލާކަށްވެސް ނާންނަމެއްނު” ނައިޝާގެ ދޮންތަ އެހެންބުނުމުން އެބަޔަށް ދާނަން ކަމުގައި ނައިޝާ ބުންޏެވެ.ނައިޝާ އޭނާގެ ދޮންތަ ދިއުމުން ސޯފާގައި ޖައްސާލިއެވެ.

ނައިޝާ މާލެ އައިތާ ތިންދުވަސް ފުރިގެން ދިޔަ ނަމަވެސް އޭނާއަކަށް ސައިފްގެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ.ނައިޝާގެ ކަމަކީ އަބަދު ހިތާމަކުރުމެވެ.އެއްކޮޅުން ސައިފް ނައިޝާއަށް ހަދާލިގޮތްތައް ހިތަށްއަރާ ހިތާމަކުރާއިރު އަނެއްކޮޅުން އޭނާ އިންގޮތް ނޭނގޭތީ އެހިތާމަވެސް ނައިޝާއަށް ކުރަންޖެހުނެވެ.

ސޯފާގައި ނިދިފައި އޮތް ނައިޝާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ.ކުޑަކޮށް ލޯހުޅުވާލުމަށްފަހު ފޯނުގެ ސްކްރީންއަށް ނައިޝާ ބަލައިލި އެވެ.ގުޅަނީ ނުދަންނަ ނަންބަރަކުން ކަމުގައި ވާތީ، ކާކުކަން ނޭނގޭ ހާލު ނައިޝާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

” ހަލޯ ދަރިފުޅާ” އެއަޑު ނައިޝާގެ ކަންފަތުގައި ޖެހުމާއެކު އެއީ ސައިފްގެ ބައްޕަކަން އޭނާއަށް އެނގުނެވެ. “ބައްޕައަށް މާފުކުރޭ…ބައްޕަ ވަރަށް ލަދުގަނެއްޖެ މިއަދު..ދަރިފުޅަށް މިގޭގަ އުޅޭ ނުލަފާ މީހުން ކަންކުރި ގޮތުގެ ވާހަކަ ހަނީފާ ބައްޕައަށް ކިޔައިދީފި މިއަދު” ސައިފްގެ ބައްޕަގެ އަޑުގައި ވަނީ ހިތާމައެވެ.

ސައިފްގެ ބައްޕަގެ ވާހަކަ އަޑުއަހަން އިން ނައިޝާ ފެންކަޅިވެ ރޮވެން ފެށިއެވެ. “ދަރިފުޅު މާލެ ދިޔަ ދުވަހު އަހަރެންގެ އަންހެނުންނޭ ކިޔާ މަރިޔަނބު ބައްޕައަށް ގުޅާފަ ބުނީ ދަރިފުޅު ރަށުގަ ނުހުރެވިގެން މާލެ ހިނގައްޖޭ…އޭނަ ދެރަވެލާފަ ވާހަކަދެއްކީމަ ބައްޕައަށްވެސް އެވާހަކަތައް ޤަބޫލުކުރެވުނީ…މިއަދު ބައްޕައަށާ މިރަށު މީހުނަށް ހަގީގަތް މިއެނގުނީ…ބައްޕައަށް މާފުކުރޭ…ބައްޕަ ހިތަކަށް ނާރާ މީހާ ނުލަފާވެދާނެ ކަމުގަ މިމީހުން…މިއަދު އަހަރެންގެ އަގު މުޅިން ވެއްޓިއްޖެ…ސައިފޭ ކިޔާ ޖަނަވާރަކީ އަހަރެންގެ ދަރިޔެކޭ ބުނަންވެސް ލަދުގަނޭ” ސައިފްގެ ބައްޕަގެ އަޑުގައި ވަނީ ރުޅިއާއި ހިތާމައެވެ.

“ބައްޕަ މާފަށް އެދޭކަށް ނުޖެހޭނެ….ބައްޕަގެ ކުށެއް ނެތް…ނައިޝާގެ ހިތް އެއްވެސް މީހަކަށް ބުރައެއް ނުކުރަން…އެކަމަކު ސައިފް ނައިޝާއަށް ހެދި ގޮތްތަށް ހަނދާނުން ފުހެލަން ވަރަށް އުދަނގޫ…ބައްޕައާ މަންމައާ ސަނާކޮއްކޮއަށް ނައިޝާގެ އެއްވެސް ރުޅިވެރިކަމެއް ނެތް…އެކަމަކު ސައިފް… ކޮންމެގޮތެއް ވިޔަސް ސައިފަށް ވެސް ދެރަގޮތެއް ވާކަށް ނައިޝާ ނޭދެން..ސައިފް ސުހާއާއެކު އުފަލުގަ އުޅޭނެކަމަށް ނައިޝާ ހީކުރަނީ” ނައިޝާ އޭނާގެ ވާހަކަ ދައްކާ ނިމުނުއިރު ރަނގަޅަށް ވެސް ރޮވިއްޖެއެވެ.ނައިޝާގެ ވާހަކަތައް އަޑުއަހަން އިން އޭނާގެ ބަފާބެއަށްވެސް ރޮވުނެވެ.

ފޯނު ބޭއްވުމުން ނައިޝާއަށް އިތުރަށް ރޮވެން ފެށިއެވެ.ސައިފްގެ ބައްޕަގެ ކޯލު ނިންމާލުމަށްފަހު ފޯނު ބޭއްވިތާ 10މިނެޓުވެސް ނުވެ ނައިޝާއަށް އަނެއްކާވެސް ކޯލެއް އައެވެ. “މިއަދު ހާދަ ވަރަކަށް ކޯލު އަންނަ ދުވަހަކޭ” ރޯން އިން ނައިޝާ ލޯފުހެލާ ހަމައަކަށް އެޅިލަމުން ބުނެލިއެވެ.

“ކީކޭ ކިޔައިގެން ކަލޭ ތިއުޅެނީ ހާނީފާ ދައްތަ ކައިރީގަ…އަދި އެވަރު ނުފުދިގެން އަހަރެންގެ ބައްޕައަށްވެސް ހުރިހާ އެއްޗެއް އަންގާފިޔޭ” ފޯނު ނެގުމާއެކު އެކޮޅުން ވާހަކަދެއްކީ ސައިފެވެ.އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ސައިފްގެ އަޑުއަހަން އެއްޗެކޭ ނުބުނެ ފެން ކަޅިވެފައި ނައިޝާ އިނެވެ.

“ހަލޯ…މިހާރު ދެން ކޮންމެހެން އަނގައިން ނުބުނެ އިންނާނެ ކަމެއްނެތް..އަހަރެން ކަލޭ ފުރެންދެކަށް މިގޭގަ ބަހައްޓާ އެހާ ރަނގަޅަށް ކަންތައް ކުރީމަވެސް ކަލޭ އެވަރު ނުދެކި ވަގަށް މާލެ ފުރައިގެން ދިޔައީ ހަނީފާ ދައްތަގެ އެހީއާއެކު” ނައިޝާ އަނގައިން ނުބުނުމުން ސައިފް އިތުރަށް ބުންޏެވެ.

“ސައިފް ނައިއާ ދޭތެރޭގަ އެއްވެސް ފީލިންގްސެއް ނެތްތަ މިހާދުވަހު އެކުގަ އުޅުނުއިރުވެސް؟” ނައިޝާގެ ހިތުގައިވާ ސުވާލު ސައިފާ ކޮށްލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ. “ކޮން ފީލިންގްސެއް ކޮން ނަައި އެއް…އަހަރެން މިގުޅީކީ ކަލެއާ މާފޮޅުވާކަށް ނޫން…އަހަރެން މިބުނަނީ ކީއްކުރަންހޭ ހަނީފާ ދައްތަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނީ…ކީއްވެހޭ މަތިން ފުރެންދެކަށް ނުހުރެ ވަގަށް ގެއިން ނުކުމެގެން ގޮސް ހަނީފާ ދައްތަގެ އެހީއާއެކު މާލެ ދިޔައީ؟” ސައިފްގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެެވެ.

“ހަމަ އެއްވެސް ކަހަލަ އިހުސާސެއް ނެތްތަ؟” މިފަހަރު ވެސް ނައިޝާ އަހާލިއެވެ. “އާނ…އާނ..ނެތް ނެތް….ތި ފަލަ ނައިޝާ މިއަދު މަރުވިޔަސް އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ އެނގިއްޖެތަ؟ސާފުވެއްޖެތަ؟” ސައިފްގެ އެޖުމުލައިން ނައިޝާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިފަދައެވެ.

މޮޅިވެރިވެފައިވާ ނައިޝާގެ ގާތަށް ރުޅި އައެވެ. “އަދިވެސް ލަދެއް ނުގަނޭތަ މަށާ ސުވާލު ކުރާކަށް…މަށަށް ވަރުތައް ކޮށްލާފަ..އަހަރެން ބޭނުންނަމަ ތިއަށްވުރެ ބޮޑުވަރު ކުރީމުސް… އެކަމަކު އަހަންނަކީ ތި ސައިފް ކަހަލަ ނުލަފާ މީހެއްނޫން…” ރުޅިވެރިކަމާއި އެކު ނައިޝާ ބުނެލިއެވެ.

“މަ ފޯނުގަ ރުފިޔާ ހުސްނުކޮށް ތިފޯނު ބާއްވާ” ސައިފް އެއްޗެކޭ ބުނަން އުޅެނިކޮށް ސުހާ ސައިފަށް ބުނެލި އަޑު ނައިޝާއަށް އިވުނެވެ. “އަހަންނަށް ދެން ނުގުޅާތީ” ސައިފްގެ ކަންފަތް މައްޗަށް ފޯނު ކަނޑާލަމުން ރުޅިއައިސްފައި ހުރެ ނައިޝާ ބުނެލިއެވެ.

ސައިފްގެ ފޯނު ބޭއްވުމާއެކު ވަރިވުމަށް އެދި ހުށަހަޅާ ފޯމު ލައިފައިވާ ފައިލް ނަގަން ނައިޝާ ހިނގައިގަތެވެ.ނަމަވެސް އަނެއްކާވެސް ސުހާގެ ނަންބަރުން ސައިފް ގުޅަން ފެށުމުން ނައިޝާ ފޯނު ނަގާ ރިންގް އޮފްކޮށްލިއެވެ.ރިންގުވެގެން ގޮސް އެކޯލު ނިމުމުން އަނެއްކާ ތިންވަނަ ފަހަރަށް ސައިފް ގުޅަން ފެށިއެވެ.

ރުޅިއައިސްފައި ހުރި ނައިޝާ މިފަހަރު ފޯނުގެ ސިމް ކާޑު ނަގާ ބިންދާލުމަށް ފަހު ސިމްކާޑުގެ ބައިތައް އެއްލާލިއެވެ.އަދި މުޅި ފޯނު އެއްކޮށް ފޯމެޓް ކޮށްލިއެވެ.

 

 

 

41

1 Comment

  1. Aishath Iraahath

    September 12, 2021 at 11:33 pm

    Plx upload more.. love love love it 🥰

Comments are closed.