* އެތައް ދުވަހަކަށްފަހު ޝަފްވާން ފެނުމުން އެ ހިތް އަދިވެސް ހީވަނީ އުދުހިގަނެފާނެހެންނެވެ. ޝަފްވާންގެ ގައިގައި އޮޅުލައިގަންނަން ބޭނުންވިއެވެ. އެ މޫނުގައި ބޮސްދޭން ބޭނުންވިއެވެ. ލޯބިވާވަރު ބުނެދޭހިތްވިއެވެ. ނަމަވެސް މިޝަލް ކެތްކުރީ އޭނަގެ ޕްލޭނާއި އެއްގޮތަށް އަމަލު ކުރުމަށެވެ. އަދިވެސް އެތުންފަތްމަތިން ހިނިތުންވުން ފިލާނުގޮސް ހުއްޓެވެ. މޫނުމަތި އުޖާލާވެފައި ހުރިއިރު މިޝަލް އުފަލާއިއެކީ ސްކިޕްކުރަމުން އެޕާރޓްމެންޓްތައް ހުރި އަނދިރިގަނޑު ތެރެއަށް ގެއްލުނެވެ. *

ޖެހިގެން އައި ދުވަހު ހޭލިގޮތަށް ފެންވަރައިގެން މިއަލް ލީ ކަކުލަށްވުރެ ކުޑަތަންކޮޅެއް މައްޗަށް ހުރި ހެދުމެކެވެ. ނޫ ކުލައިގެ ކޮކާތަކެއްހުރި ކްރީމްކުލައިގެ އެ ހެދުން މިއަލް އާއި ވަރަށް ގުޅެއެވެ. ތިރިން ފުޅާ ޖިންސެއް ލުމަށްފަހު މިއަލް ކުޑަ ރޯޒް ލިޕްބާމްކޮޅެއް ތުންފަތުގައި ހާކާލިއެވެ. އެކަމުން އެރަތް ތުންފަތް އިތުރަށް ފުރިހަމަވެގެން ދިޔައެވެ. އެ ބޯ  އިސްތަށިގަނޑުގައި ފުނާ އަޅާފައި މިއަލް ހުޅިއެއް އައްސާ ޚިޔާލެއް ނުކުރިއެވެ. އެއީ އޭނަގެ މޫނަށް އަމާޒުވާ ލޯތަކުން ސަލާމަތްވެވެން އޮތް ގޮތެއް ކަމަށްވާތީއެވެ. ކަޅުކުލައިގެ ދަބަސްތެރެއަށް ފޯނާއި ސްޓެޕްލަރއަކާއި ފަތިގަނޑަކާއި ބޭނުންވާނެހެން ހީވާފަދަ ބައެއް އެއްޗެހި ހަމަކުރިއެވެ. މިއަލް އެނދުގައި ކިއަނާއަށް ގުޅައިގެން އިށީނެވެ.

“އެލް ކިހިނެތް އެހާ އަވަހަށް ޖޮބް ހޯދީ..؟” ކިއަނާވެސް ހުރީ ހައިރާންވެފައެވެ. އެއްދުވަހުގެ މުހުލަތެއް ތެރޭގައި މިއަލްއަށް ވަޒީފާ ހަމަޖެހި ނުކުންނަން ޖެހުމުންނެވެ. “އެތާ އުޅެނީ ނަވާޒުބޭގެ ފްރެންޑެކޯ.. އެހެންވެ އެހާ އަވަހަށް ހަމަޖެހުނީ.. އަދި އެތަނަށް ވަޒީފާއަކަށް އެދި މީހަކު ނުލާތީއާއި ވެސް އެކީ..” މިއަލް ކަންފަތާއި ކޮނޑާއި ދޭތެރޭ ފޯނު ހައްޔަރު ކޮށްލަމުން ސްނިކަރސްއަށް އަރަން ފެށިއެވެ. “ބަޓް ހާދަ ސަޕްރައިޒިންގ އޭ.. ޔަގީން ކަމެއް އެބައުޅޭ..” ކިއަނާ ވަގުތުން ޝައްކު އުފެއްދިއެވެ. މިއަލްއަށް ކުޑަކޮށް ހެވުނެވެ. “އެލްއަށް ނުލާހިކު ފަސޭހަވާނެދޯ..؟ ކޯސް ކުރިއަށް ގެންދާ އިމާރާތާއި ހޮސްޕިޓަލާއި ތި ދާން އުޅޭ ލައިބްރަރީވެސް ހުންނަނީ ކައިރި ކައިރީގައި..” ކިއަނާ ބުނެލިއެވެ. “ދައްތަ ބުނި ބީޗް އާއި ވެސް ވަރަށް ކައިރިވާނެއޭ..” ފޯނުގައި އިނދެ މިއަލް ނާޑުވާ އައްސާ ނިންމިއެވެ. “އަތިރިމައްޗާ ވެސް ކައިރި..؟ ވާއޫ.. ހަނދާންކޮށް މަށަށް ޕިކްސް ފޮނުވާތި.. ނޫނީ ހެޔޮ ވީޑިޔޯކޯލް ކުރިއަސް..” ކިއަނާ ބުނެލިއެވެ. މިއަލް މަޑުން ހްމްމްއެއް ލައްވާލިއިރު ސިކުނޑީގައި ދުވަސް ކުރިއަށް ގެންދާނެގޮތް ރާވަމުން ދިޔައެވެ. ކޮލެޖް ފެށެން އަދި ހަފްތާއެއް ދެހަފްތާއެއް އެބައޮތެވެ. ކޮލެޖް ފެށުމުން ކިޔެވުމަށް ބުރޫނާރާނެހެން ވަޒީފާއަށް ދެވޭނީ މިއަލްގެ ހިތްވަރެއް ހުރެގެންނޭ ހައިފާ ބުންޏެވެ. ޑިއުޓީގަޑި ނިންމާފައި ގެއަށް އައުމުގެ ކުރިން މިޝްލާ އަދި މިލީން ހޯދުމަށް މިއަލް އަޒުމު ކަނޑައެޅިއެވެ. އެކަން ކުރާނެގޮތް އަދި ނޭނގުނަސް މިއަލް ވިސްނަމުން ދިޔައެވެ.

ކޯލް ނިންމާލާފައި ދަބަސް ކޮނޑުގައި އެޅުވިތަނާހެން މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ޓަކިޖެހިގޮތުން އެކަނިވެސް މިއަލްއަށް އެއީ ކާކުކަން އެނގުނެވެ. ފުޅާ ހިނިތުންވުމަކާއި އެކީގައި މިއަލް ދޮރު ހުޅުވާލީ އިޒާގެ ތުއްތު މޫނު ދެކިލުމަށެވެ. ނަމަވެސް ދޮރުމަތީ އިޒާ އުރާލައިގެން ހުރި އަހުނަފް ފެނިފައި މިއަލްގެ ތުންފަތްމަތިން ހިނިތުންވުން ފޮހެވިގެންދިޔައެވެ. ނުތަނަވަސްގޮތަކަށް ތުންފަތުގައި ހަފާލާފައި މިއަލް ދުރުބަލާލިއެވެ. އަހުނަފާއި ވާހަކަ ދައްކަން މިއަލް ލަދުގަނެއެވެ. ކުޑައިރުއްސުރެ މަޑުމަޑުން ހުންނަކަމުގެ ނަތީޖާއެވެ.

“ހިނގާދާން..” މިއަލް އިސްއުފުލާލީ އަހުނަފް ވާހަކަދެއްކި އަޑަށެވެ. ލައިގެން ހުރީ ރީނދޫކުލައަކަށްދާ ޓީޝާޓެކެވެ. އޭގެ ފަހަތުގައި ރަތްކުލައިން ޗީޒީއޭ ޖަހާލާފައިވެއެވެ. ތިރިން ލާފައިވަނީ ފަޓްލޫނެކެވެ. ބެގީ ކޮށްލާފައި ހުރުމުން އަހުނަފް ފެންނަލެއް ރީއްޗެވެ. އިސްތަށިގަނޑުވެސް އަރިއަކަށް ފުނާއަޅާލާފައި ވާއިރު ޖަހައިގެން ހުރި ސެންޓްގެ މީރުވަހުން މީހާގެ ސިކުނޑި ތާޒާވާނެއެވެ. އިޒާގެ ދެކޮލަށް ބޮސް ދީފައި އަހުނަފް ކުރިން ހިނގައިގަތެވެ. މިއަލްގެ ފައިގައި ބައްދާލާފައި އިޒާ ދުވެފައި ދިޔައީ “ބާއި އެލްދައްތީ”އޭ ބުނެފައެވެ. މިއަލް ކުޑަ ހިނިތުންވުމަކާއި އެކީގައި ކާގެއަށް ވަނެވެ. ބޭކްޑް ބީންސް އާއި ހޫނުކަންމަތީ ހުރި ރޮށިތައް ފެނިފައި މިއަލް ބަލާލީ ހައިފާއަށެވެ. އެހީވާން ގައިމުވެސް ގޮވާނަމޭ ހައިފާ ބުންޏެވެ. “އެލްގެ ފުރަތަމަ ދުވަހެއްނު..؟ އަވަހަށް ސައިބޯން އިށީނދޭ.. އެއަށްގަޑި ބައިވަނީ..” މިއަލް އާއި އަހުނަފް އިށީނީ އެކަކު އަނެކަކުގެ ކުރިމައްޗަށް ވާނެހެންނެވެ. އޭރުވެސް އަހުނަފް ބަލާވަރުން މިއަލްއަށް ހުރެވުނީ ތުންފިއްތާލައިގެންނެވެ. އެވަރަށް ބަލަން ޖެހޭހެއްޔެވެ.؟

މިލީންގެ ކުރިމަތީގައި އިނދެވޭހެންވެސް އަހުނަފަށް ހީވެއެވެ. ބެލެނީވެސް އެހެންވެއެވެ. ދެލޮލަށް ފެންނަ މަންޒަރުތައް ގަބޫލު ނުކުރެވޭތީއެވެ. މިއަލްގެ މޫނާއި ލޮލާއި ތުންފަތަށް ދާންދެން ދިރާސާކުރަން އިންއިރު ހަ ރޮށި ހުސްކުރެވުނުކަންވެސް އަހުނަފަށް ރޭކައެއް ނުއްޔެވެ. މިއަލް ސައިތަށި ހުސްކޮށްލި ވަގުތު ތެޅެމުން ފޮޅެމުން ނަވާޒު އައިސް ވަންނަނީއެވެ. ޓައީ އެގޮތްމިގޮތަށް އަޅާފައިވާއިރު މޫނުމަތިން ފެންނަނީ ލަސްވެފައިވާ ކުލަވަރެކެވެ. ހައިފާ ޕިސްޕިސް ލައްވާލިއެވެ. ފަންސަވީސް އަހަރު ވާން ގާތް ކުރާއިރުވެސް ނަވާޒުގެ ތަތްކަން ނުފިލާތީއެވެ. ގައިމުވެސް ގަޑިއަށް ފަރުވާތެރިވުމުގެ ބައި އަހުނަފަށް ލިބުނީ ހައިފާގެ ފަރާތުންނެވެ.

ސައިބޮއިގެން އަހުނަފާއި މިއަލް ގެއިން ނުކުތީ އެއްކޮށެވެ. “ކުރިއަށް އަރާ..” މިއަލް ކާރުގެ ފަހަތު ސީޓަށްއަރަން އުޅުމުން އަހުނަފް ވަގުތުން އެކަން މަނާކުރިއެވެ. މިއަލް ދިޔައީވެސް ސިއްސައިގެންނެވެ. ނަމަވެސް އެކަން ނުދައްކާ ބަސްއަހާ ކުއްޖެއް ފަދައިން މިއަލް ކުރީ ސީޓުގައި އިށީނެވެ.

“ސޯ މިއަލް ދޯ..؟” ކާރުތެރެއަށް ވެރިވެފައިވީ ހިމޭންކަމުން އުނދަގޫވެގެން އެންމެފަހުން އިސްނެގީ އަހުނަފެވެ. “ޔެޕް..” ލައްބައޭ ބުނެ މާ މާތްވެދާނެތީ ނުވަތަ އާނއެކޭ ބުނެފިއްޔާ ތަންކޮޅެއް ފޮނިހެން ހީވާނެތީ މިއަލްއަށް ބުނެވުނީ އެހެންނެވެ. “އޯކޭދޯ އަހަރެންވެސް އެލްއޭ ކިޔާ ގޮވިޔަސް..؟” މިއަލްގެ ހުންނަނީ މަޑުމައިތިރި މިޒާޖެއްކަން އެނގިހުރެ އޭނަ މަނާނުކުރާނެހެން ހީވިޔަސް އަހުނަފް ހުއްދައަކަށް އެދުނެވެ. މިއަލް ހީނލާފައި ބޯ ޖަހާލިއެވެ. ދެބެންގެ ދެދަރި ބޭބެއާއި ގާތްގުޅުމެއް އުފައްދަން މިއަލް ވެސް ބޭނުންވެއެވެ. ”އިނގޭތަ އަހަރެން މިއީ އުޅޭމީހެއްކަން ކުރިން..؟ މި އަހާލީ މަށަށްވެސް މަގޭ ކަޒިންއެއް ހުންނަކަން އިހަކަށް ދުވަހު އެނގުނީމައި..” އަހުނަފް އެއްސެވެ. “ނޭނގޭ.. އަދި ދޮންބެ ވެސް އުޅޭނެ..” އަހުނަފްގެ އިތުރު ދެބެންގެދެދަރި ކުއްޖެއް ހުންނަކަން މިއަލް ބުނެދިނެވެ. “ރީއަލް ދޯ..؟ ނަވާލްބޭ ތިކަހަލަ އެއްޗެއް ކި..” އަހުނަފް ބުނެލިއެވެ. މިއަލް ވަކިއެއްޗެއް ނުބުނެ އަނެއްކާވެސް ހީނލީއެވެ. އެއްޗެކޭ ބުނަން ބޭނުންވިޔަސް ދޫ ވާވާ ފަދައެވެ.

“އަހަރެމެން ކުރިން ބައްދަލުވިތަ..؟؟” އެރަށުގެ ހާދިސާ އަދިވެސް އުނދަގޫކުރާތީ އަހުނަފަށް އެހުނެވެ. ކުއްލި ސިހުމަކާއި އެކީގައި ބުމަ އަރުވާލަމުން މިއަލް އަހުނަފްގެ މޫނަށް ބަލާލިއެވެ. މިއަލްގެ މޫނަށް ވެރިވީ ކުލަވަރުން އަހުނަފަށް ޝައްކުވިއެވެ. އެއީ އެދުވަހު އެމީހުންނާއި ދިމާވި އަންހެންކުއްޖާކަމަށެވެ. ޝަފްވާން އާއި އަޅައިގަނެގެން އުޅޭކަމަށް ނިންމި ޖިންނިއެވެ. “އޭނ.. ކިހިނެތްވީ..؟” ނުވާކަމަށް ހަދާލަމުން މިއަލް އެހެން އަހާލީވެސް ކުޑަކޮށް ކަރުކެހިލާފައެވެ. މިއަލްގެ މިޖަވާބުން އަހުނަފްގެ އަނގަ ސަކަރާތްވިއެވެ. އޭނަ ހީކުރި ފަދައިން މިއަލް އެއްބަސް ނުވުމުންނެވެ. “ނު.. ނޫނޭ.. ހަމަ އަހާލީ.. ކުރިންރޭ ދިމާވިއިރު ބަލަހައްޓައިގެން އިންގޮތުން ހީވީ ދަންނަ މީހެއް ފެނިގެން ބަލަން އިންހެން.. އެހެންވެ ހަމަ އަހާލެވުނީ..” ނުގޮތަކަށް އަހުނަފްވެސް އެހެން ބުނެލީ މިއަލް އެއްބަސްވޭތޯއެވެ. ނަމަވެސް މިއަލްގެ ހިތް ބަދަލުވާގޮތެއް ނުވިއެވެ. އަހުނަފް ދެން ކުރަން ފެށީ އެންމެ އާދައިގެ ސުވާލު ތަކެވެ. އެކަކު އަނެކަކު ދެނެގެންނަން ޖެހޭނެކަން ބަހަނާއަކަށް ހަދާފައެވެ. އެންމެ މީރު ކާއެއްޗެހިން ފެށިގެން ކުލަ އާއި ލަވައަށް ދާންދެން އަހުނަފް ސުވާލުކުރިއެވެ. ހިނިތުންވުމަކާއި އެކީގައި މިއަލް އެ ހުރިހާ ސުވާލަކަށް ޖަވާބު ދެމުން ގެންދިޔައީ އަހުނަފާއިވެސް ބައެއް ސުވާލު ކުރަމުންނެވެ. އިސާހިތަކު އެދެމެދުގައިވީ ފަރުދާ މަޑުމަޑުން ކެހެންފެށިއެވެ.

“އެންމެ ރަނގަޅު.. ނަރސްއަކަށް ވާންދޯ ބޭނުމީ.. ދެން އެހެންވިއްޔާ ބުނެބަލަ.. އެންމެ ކުރާހިތްވަނީ ކޮންކަމެއް..؟ ޔޫ ނޯ ހުސްވަގުތުތަކުގައި ހޮބީއެއް ގޮތަށް..؟” އަހުނަފް އެއްސެވެ. “ގިޓާރ ކުޅޭހިތް ވަނީ..” ވިސްނާވެސްނުލާ މިއަލްއަށް ޖަވާބު ދެވުނެވެ. އަހުނަފް އަޅައިގަތީ އޭގައެވެ. ނަމަވެސް މިއަލްއަށް ކަމެއްވީހެންވެސް ހީނުވެއެވެ. “ހެހެ ކޯޓް ޔޫ ޝަފްވާންގެ ހަންޑި ބިޓު..!” މިއަލް އެއްބަސް ނުވިޔަސް އެޖަވާބުން އެކަނިވެސް އަހުނަފަށް އެއީ އެކުއްޖާކަން ޔަގީންވިއެވެ. ކާމިޔާބީގެ ގޮތުން އެއް މިޔަކަނަކަށް ހީނލެވުނީވެސް އެހެންވެއެވެ. “ގިޓާރިސްޓެއްދޯ..؟ ގިޓާރ ކޮބައިތަ..؟ މިކޮޅަށް އައިފަހުން އަދި ނުދެކެން ކުޅުނުތަނެއް..” ޔަގީންވިޔަސް އަހުނަފް ބޭނުންވީ އިތުރަށް ހެކި ހޯދާށެވެ. ވަށްބަހުން މިއަލްއަށް އޭނަ އަތުލައިގަނެވިއްޖެކަން އަންގައިދޭށެވެ. އަހުނަފް އެހެން ބުނެލުމާއި އެކީގައި މިއަލްއަށް ހުތް އެއްޗެއް ކެވުނުހެން ހީވިއެވެ. އަނގަ ހަދާލިގޮތުން ކަރުގެ ނާރުތައްވެސް އަރައިގެން ދިޔައެވެ. އަހުނަފަށް ހިނިގަނޑު މަތަކޮށްލެވުނީ ކިރިޔާއެވެ. މިހާރުވެސް އަހުނަފް އެ އިނީ އެތެރެއިން ހީނލަ ހީނލައެވެ.

“ވަރަށް ފަހުން ބަޔަކު ގިޓާރ ވަގަށް ނެގީ.. ވަރަށް ވަރަށް ދެރަވި.. އެއީ މަންމަގެ އޮތް ހަމައެކަނި ހަނދާނަކީވެސް.. އިޓްސް ބީން ވިތް މީ ސިންސް އައި ވޯޒް ސިކްސް…” މިއަލްވެސް ވަށްބަހުން އަހުނަފަށް ބޮމެއް އެއްލިއެވެ. ނަމަވެސް އެޖުމްލައިގައި އޭނަ ހާމަކުރީ ތެދެވެ. އަހުނަފަށް މިހާރު ރަށުން އޭނަ ފެނުނުކަން މީ ދުވާލު ފަދައިން އެނގޭތީ މިއަލް ވަކި ނޫންކަމަށް ހެދޭކަށް ނޫޅުނެވެ.

“މިސާލަކަށް ތި ގިޓާރ ނެގި މީހާ އެކަން ކުރީ އިތުރުގޮތެއް ނެތިގެންކަމަށް ވިއްޔާ..؟” އަހުނަފް އެއްސެވެ.

“ދެން ނޭނގޭދޯ.. އެކަމަކު އޭތި ނެގީމައި ދެރައީ.. އެނޫން އެއްޗެއް ނެގިޔަސް ޝަކުވާއެއް ނުކުރާނަން..” މިއަލް ބުނެލިއެވެ. އަހުނަފް ބޯކަހާލިއެވެ. “މި ޝަފްވާނަށްވެސް ގިޓާ ނޫން އެއްޗެއް ނަގާކަށް ނޭނގުނުތާ..” ހިތާހިތުން އަހުނަފް ބުނެލިއެވެ. “ދެން މިސާލަކަށް އެނެގި މީހަކު އެ އަނބުރާ ދޭން ބޭނުންވެފައި ހުރިއްޔާޔޯ..؟” އަހުނަފް އެހެން ބުނިއިރު ލައިބްރަރީ އާއި އަރާ ހަމަވެއްޖެއެވެ. “ދެން އަވަހަށް ދޭނީއެއްނު..؟” އަވަސްއަވަހަށް މިއަލްއަށް ބުނެވުނެވެ. ގިޓާރ ބޭނުންވީ ވަރުންނެވެ. އަހުނަފްގެ އަނގައިން ހުނުމުގެ އަޑު ބޭރުވިއެވެ. ވަރަށް ކުޑަކޮށެވެ. “ދެން ފައިބާ.. މިއާދެވުނީއޭ..” އަހުނަފް ބުނެލިއެވެ. ތިރިއަށް ރޫޖައްސާފައިވާ އެ ހެދުން ކޮށިކޮށްލާފައި މިއަލް ކާރުން ފޭބިއެވެ. އަދި ތިރިކޮށްލާފައިވާ ބިއްލޫރިގަނޑުން މިއަލް އަހުނަފްގެ މޫނަށް ބަލާލިއެވެ. “ތެންކިއު އަހުނަފް… ބޭބެ..” މިއަލް ބަސްތައް ކިޔާލީ ލަސްލަހުންނެވެ. “އައްޗީޑި ބޭބެއޭ..؟ މަ މުސްކުޅި ކުރަންވެގެންދޯ ތިއުޅެނީ.. އަހޫ އޭ ކިޔާ ގޮވިޔަސް އޯކޭވާނެ.. އެންމެ އަހަރެއްގެ ތަފާތެއްނު..؟ ނޫނީ އިންނު ހެން ތިއްތި އޭ ކިޔާ ގޮވާ..” ހިނިއައިސްފައި އަހުނަފް ބުނެލިއެވެ. މިއަލްގެ ގާތަށްވެސް ހިނިއައެވެ. އަހުނަފް އަކީ ސީރިއަސްކަމުން ފުރިފައިވީ މީހެއްކަމަށް ފުރަތަމަކޮޅު ހީވިޔަސް މިހާރު އެއީ ދޮގު ހީވުމެއްކަން މިއަލްއަށް ހާމަވެއްޖެއެވެ. އަހުނަފަކީ ލާނެތް ސަކަ މިޒާޖެއް ދެއްވާފައިވާ ޒުވާނެކެވެ.

އަހުނަފް އަތް ހޫރާލާފައި ޗީޒީއަށް ދާން ދުއްވާލުމުން މިއަލް ފުން ނޭވާއެއް ލާފައި ކުރިމަތީގައި ހުރި އިމާރާތަށް ބަލާލިއެވެ. އޮރެންޖް ކުލައިގެ ބޮޑު ފާރުގައި ބޮޑު އަކުރުން ރަށުގެ ނަމާއި އެކީގައި “ލައިބްރަރީ”އޭ ޖަހާލާފައިވެއެވެ. ދަބަހުގެ ދެ އަތްގަނޑުގައި ހިފާ ބާރު ކޮށްލަމުން މިއަލް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ގިނަ ސްކޫލް ކުދިން ދަބަހަށް ބަރު ނުކުރަންވެގެން ބޮޑެތި ފަތްތައް ނުގެންގޮސް ކްލާހުން ދޭ ފިލާވަޅުތައް ނިންމަނީ ލައިބްރަރީން އެ ގްރޭޑެއްގެ ފޮތް ހޯދައިގެންނެވެ. އިތުރުން މައުލޫމާތުދޭ ލިޔުންތަކާއި ތާރީޚީ ފޮތްތައްވެސް އެތަނުގައި ހުއްޓެވެ. އެ ބޮޑު ލައިބްރަރީ ވަނީ ދެބަޔަކަށް ބަހާފައެވެ. ކިޔަވާ ކުދިންނަށް ޚާއްސަކޮށް އެއް ބަޔާއި ކުޑަކުދިންނަށް އެއް ވަކި ބަޔެކެވެ. މިއަލް އިންނަން ޖެހެނީ ކައުންޓަރ ދޮށުގައެވެ. ކައުންޓަރާއި އަރާ ހަމަވާއިރަށް އެތަނުގައި އިން އަންހެން ކުއްޖާ ފުޅާ ހިނިތުންވުމަކާއި އެކީގައި މިއަލް އާއި ސަލާމް ކޮށްލައިފިއެވެ. އޭނަ ކަހަލަ “އިންޓްރޯވާރޓް” މިޒާޖެއްގެ ވެރި ކުއްޖަކަށް މިކުއްޖާ ނުވިކަން އެއީ ނަސީބެކޭ މިއަލް ހިތަށްއެރިއެވެ. މިއަލްވެސް ހީނލާފައި ތައާރަފްވިއެވެ. “ޖީޝަމް.. ކުރުކޮށް ޖީ.. މިއަލް ދޯ..؟ މިއަދުން ފަށައިގެން އަންނަ ވާހަކަ އަންގާފައި އޮތް..” ޖީޝަމް ހިނިތުންވެފައި މިއަލް ގެނެސް ކައުންޓަރގައި ބޭންދިއެވެ. ކުރަން ޖެހޭ މަސައްކަތްތައް ޖީޝަމް ކިޔައިދިން ގޮތުން ހީވަނީ ރެއިންސުރެ ފަށައިގެން އޭނަ އެކަމަށް ތައްޔާރުވެގެން ހުރިހެންނެވެ. މިއަލްއަށް ޖެހެނީ ފޮތްހަރުގަނޑުތައް ތަރުތީބުކޮށް ނަންބަރު ޓެގްކޮޅުތައް ފޮތުގައި ޖަހާށެވެ. އަދި ލައިބްރަރީއިން ކުއްޖަކު ފޮތެއް ގެންދާނަމަ އެކަން ލިސްޓްކޮށް ކޮންޕިއުޓަރަށް އެންޓަރ ކުރާށެވެ. ފޮތް ބޮރޯކުރަން ލިބެނީ ހަފްތާއެއްގެ މުހުލަތެކެވެ. އޭގެ ފަހުން ރިޓާރންކޮށްފިއްޔާ އެކުއްޖަކު ފަސްރުފިޔާއިން ޖޫރިމަނާވާނެ ވާހަކަ ޖީޝަމް ބުނެދިނެވެ. އަދި މިއަލްގެ ޑިއުޓީގަޑި ނިމޭނީ ދެގަޑި ބައިގައި ކަމާއި ދެން އަންނަ ކުއްޖާ އައުމުން މިއަލް ގެއަށް ދާންވީކަމަށް ޖީޝަމް ބުންޏެވެ. “ދެން ބޭނުން ގަޑިއެއްގައި ބްރޭކެއްވެސް ނަގަންވީ.. އެކަމަކު އަށްގަޑި ބަޔާއި ނުވަގަޑި ބައިގެ މެދުން ނުނެގިއްޔާ ރަނގަޅީ.. ކުދިން އިންޓަވަލަށް ދާމަގުމަތީ ވަރަށް ފޮތް ގެންދާނެ..” ހިނިއައިސްފައި ޖީޝަމް ބުނެލިއެވެ. މިއަލްވެސް ހިނިތުންވެ ޖީޝަމްއާއި ވާހަކަދެއްކިއެވެ. އޭނަގެ މި ލަދުރަކިބައި ކަނޑުވާލެވޭނީ ވީހާވެސް ބޮޑަށް މީހުންނާއި ވާހަކަދައްކައިގެންކަމަށް ހިތް ބުނާތީއެވެ.

މިއަދުވެސް އޮފީސް ނިންމައިގެން ޔައުލާން ކާރުގައި ރަށުތެރޭ ދުއްވާލަން ނުކުތެވެ. މިއަލްގެ ހިލަމެއް ވޭތޯއެވެ. އެކަން އޮޅުންފިލާތޯ ޔައުލާން މެސެންޖަރ އިން ރީއަލް އާއި ސުވާލުކުރިއެވެ. ރީއަލްއަށްވެސް އެނގެނީ މިއަލް ހުންނަނީ ނަވާޒުމެންގެ ގޭގައި ކަމެވެ. މިއަލް ނުވަތަ ކިއަނާގެ ތެރެއިން އެކަކުގެ ކިބައިން އެކަން އޮޅުންފިލުވުނުހާ އަވަހަށް ރީއަލް މެސެޖްކުރާނެކަމަށް ބުނުމުން ޔައުލާންގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ރޯވިއެވެ. ރީއަލްގެ ޖަވާބެއް ލިބެންދެން މަޑުކުރުމުގެ އިޚްތިޔާރު އޮތްކަމުގައިވިޔަސް ޔައުލާން ނުކުތީ މަގުމަތިންވެސް މިއަލް ފެނިދާނެކަމުގެ އުންމީދުގައެވެ.

ދުވާލުގެ ވަގުތު އެ އެޕާރޓްމެންޓް ފެންނަނީ ނުހަނު ރީތިކޮށެވެ. ނޫކުލައިގެ ދަވާދުލާފައި ހުރި އެ އެޕާރޓްމެންޓްގައި ޖުމްލަ ތޭވީސް ރޫމް ހުރެއެވެ. މިޝަލް އުޅެނީ ނަވާރަވަނަ ރޫމްގައެވެ. އެތަން ހުންނަނީ ހަތަރުވަނަ ފްލޯރގެ ވާތްފަޅީގައެވެ. އެހިސާބަށް ސިޑިން އަދި ލިފްޓުންވެސް ދެވޭގޮތަށް ހަދާފައިވެއެވެ. ދެފައި ވަށްކޮށްލައިގެން މިޝަލް އިނީ އެނދުމަތީގައެވެ. ރަތްކުލައިގެ ހޫޑީއެއް ލައިގެން އިންއިރު ލައިގެން ހުރީ ނޫކުލައިގެ ސޯޓެކެވެ. ކުރިމަތީ ލެޕްޓޮޕް ބަހައްޓާފައި އިންއިރު ހުއްޓުމެއް ނެތި މިޝަލް ޓައިޕް ކުރަމުން ދިޔައެވެ. މިޝަލް ފުރަން އިނީ ފޯރމެކެވެ. ޝަފްވާން އާއި ހިސާބަށް ދެވެން އޮތް މަގު އިތުރަށް މިޝަލް ކޮށަނީއެވެ. އެފޯރމް ފުރާ ނިންމާފައި އެޕްލައިކުރިއިރު މިޝަލްގެ  ތުންފަތްމަތީގައި ކުޅެލާފައި ވަނީ ނިކަން ރީތި ހިނިތުންވުމެކެވެ.

ޑިއުޓީ ނިމުނުއިރު މިއަލް ހުރީ ހިތްހަމަޖެހިފައެވެ. އެތައްކުދިންނަކާއި ބައްދަލުވެ ވާހަކަ ދައްކާލެވުމުން އެހިތަށް ވަނީ ބަޔާންކުރަންދަތި ފިނިކަމެއް ލިބިފައެވެ. މެންދުރު ޑިއުޓީއަށް އަންނަން ޖެހޭ ކުއްޖާ އައުމާއި އެކީގައި މިއަލް ގެއަށް ދާން މިސްރާބު ޖެއްސެވެ. އަހުނަފް ގާތުގައި އެކަނި ގެއަށް ދާނަމޭ ބުނެވިފައިވާތީއެވެ. އެކަނި ދާންވެސް ދަސްކުރަން ޖެހޭނެތާއެވެ. ދަބަސް އެއްކޮނޑަށް އަޅުވާލައިގެން ދިޔައިރު އެތައް ބަޔެއްގެ ސިއްރު ނަޒަރުތައް ހުއްޓެމުން ދިޔައެވެ. މިއަލް ފެނިފައި އެހެން ނުވާނީ ކާކަށް ހެއްޔެވެ.؟ އެ ތޫނު ކަޅިރަވައިން އެކަނިވެސް އެތައް ބަޔެއްގެ ހިތްތައް ޒަޚަމް ކުރަމުން މިއަލް ކުރިއަށް ދިޔައެވެ.

އަހުނަފާއި އެކީގައި އައި މަގު ހަނދާންކުރަމުން މިއަލްއަށް ނުކުމެވުނީ އަތިރިމައްޗާއި ދިމާލަށެވެ. އެތަނުގައި މީހުންގަނޑު ފުނިޖެހިފައިވާތީ ވެގެންއުޅޭގޮތް ބަލާލާހިތްވެގެން މިއަލް އެތަނާއި ގާތްވިއެވެ. ތަންކޮޅެއް ކައިރިވެވުނުތަނާހެން މީހަކު ލަވަކިޔާ އަޑު މިއަލްގެ ކަންފަތުގައި ވަރަށް ސާފުކޮށް ޖެހުނެވެ. އެ އަޑު ކަންފަތުގައި ޖެހުނު ވަގުތު އެކަނިވެސް މިއަލްގެ ގައިން ހީބިހި ނެގިއެވެ. ނުހަނު ރީތި އަޑެކެވެ. ހިތްދަމައިގަންނަ ފަދަ ބާރެއް އެ އަޑުގައި އެކަނިވެސް ހުއްޓެވެ. ކިޔަމުން ދިޔައީވެސް މިއަލްއަށް ކަމުދާ ލަވައެކެވެ. ‘ލަވް އިޒް ގޯން’ ކިޔަމުން ގެންދިޔަ އަޑުގެ ވެރިފަރާތް ދެކޭހިތް ޖެހުނުވަރުން މިއަލް ކުރިއަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މީހުންގަނޑު ތޮއްޖެހިފައިވާތީ މިއަލްއަށް ކުރިއަށް ދިޔުންވީ އުނދަގޫ ކަމަކަށެވެ. އެއްފަރާތްވެލާށޭ ބުނާހާ ހިތްވަރެއް މިއަލްއަކަށް ނުކުރެވުނެވެ. ނަމަވެސް ހިންމިއަކުން މިއަލްއަށް އެތަނުގައި އިށީނދެގެން އިން މީހާގެ އަތުގައި އޮތް ގިޓާރ ފެނުނެވެ. “މަގޭ ގިޓާރ..!” މިއަލްގެ ދެލޯ ބޮޑުވިއެވެ. ދެއަތުން އަޅާ ކުރިމަތީގައި ތިބި މީހުންތައް ބުރުއްސާނުލެވުނީވެސް ކިރިޔާއެވެ. އެހާވެސް ބާރަށް މިއަލްގެ ހިތް ތެޅިގަތެވެ. ކުރިއަށް އެއް ފިޔަވަޅުވެސް ނެގުނެވެ. ނަމަވެސް ނިތްކުރިގޮސް ޖެހުނީ ކުރިމަތީގައި ތަންކޮޅެއް ފަލަކޮށް ހުރި މީހާގެ ބުރަކަށީގައެވެ. އެމީހާ ފަހަތަށް ކުޑަކޮށް ބަލާލާފައި ހީނލީއެވެ. ހިތްހެޔޮ ހިތެއްގެ ވެރިއަކަށް އެމީހާ ވީކަމީވެސް ލެއްވި ނަސީބެކޭ މިއަލްގެ ހިތަށް އެރިއެވެ.

މިއަލްއަށް މީހުންތަކުގެ ތެރެއިން ފުރޭނިގެން ލަވަކިޔަން ހުރި ކުއްޖާ އާއި އަރާ ހަމަކުރަން ގާތްވެސް ނުވަނީސް އެކުއްޖާ ލަވަ ކިޔާ ނިންމާލައިފިއެވެ. އެ ފިރިހެން ކުއްޖާ އިށީނދެގެން ހުރި ސްޓޫލް މަތިން ތެދުވުމާއި އެކީގައި މިއަލްއަށް އެ މޫނު ދުށުމުގެ ނަސީބު ލިބުނެވެ. އެ ނޫކުލައިގެ ކަޅި ފެނިފައި މިއަލްގެ ހިތްވެސް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އިޚްތިޔާރުންބޭރުގައި ފުރަތަމަވެސް މިއަލްއަށް އަތް ޖައްސާލެވުނީ ތުންފަތުގައެވެ. އެރޭގެ ހަނދާންތައް އާވުމުންނެވެ. އާނއެކެވެ. އެއީ ހަމަ އޭނައެވެ. އެ ނުރައްކާތެރި ފިރިހެންކުއްޖާއެވެ. މިއަލްގެ ގިޓާރ ގެއްލި ދިޔުމުގެ އަސްލެވެ. ނޭވާލާން ނޭނގިފައި މިއަލްއަށް ބަލަން ހުރެވުނެވެ. އެ ހުދު ދަތްތައް ދައްކާލައިގެން އެންމެންނަށް ހަދިޔާ ކުރަމުން ދިޔަ ހިނިތުންވުންތައް ފެނިފައި މިއަލްއަށްވެސް ރީތި ހިނިތުންވުމަކުން ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. ފިރިހެންވަންތަކަން ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ. ލައިގެން ހުރީ ނުލާ ހުދުކުލައިގެ ރޮނގުތަކެއް ދަމާފައިވާ ކަޅު ގަމީހެކެވެ. ނޫކުލައިގެ ރިޕްޑް ޖިންސް ލައިގެން އެއް އަތުން ގިޓާ ހިފާއްޓައިގެން ޝަފްވާން ހުރިއިރު އެތައް ބަޔެއްގެ ހިތުން މަތީ މަގާމެއް ކަށަވަރު ކުރަމުންދިޔައެވެ. ކަންފަތު ފޫޅާއި ހަމައަށް ދިގުވެފައިވާ އެއިސްތަށިގަނޑުގެ ކަންހުޅި އާއި ވީފަޅި އާއި ނިތްމަތި ދަލުން ތެމިފައިވާތީ އިތުރަށް ހިތްގައިމެވެ. ބަލާލަން ނުހަނު ރީއްޗެވެ. “ހޮޓް..!” މިއަލް ސިހުނީ ގާތުގައި ހުރި އަންހެން ކުއްޖާ ތޫލިއަޑަކުން ހަޅޭއްލަވައިގަތުމުންނެވެ. ޝަފްވާން ގިޓާރ ކޭހަށް ލާފައި އެންމެންނަށް އަތް ހޫރާލަމުން ގެއަށް ދާން ހިނގައިގަތެވެ.

“ވެއިޓް..!” މިއަލްގެ ހިތުން އޭނައަށް އެހެން ބުނެވުނީ ނިކަން ބާރަށެވެ. ނަމަވެސް ހަގީގަތުގައި އެ ބަސް އަނގައިން ބޭރުވީ ފޫޅަށް އިވޭނެހާ މަޑުންނެވެ. ޝަފްވާން ދާން ހިނގައިގަތުމާއި އެކީގައި އެއްވެ ތިބި މީހުންގަނޑުވެސް އަނބުރާ ދާން މިސްރާބު ޖެއްސެވެ. އެކި މީހުން އެކި ދިމަދިމާއަށް ދާތީ މިއަލްއަށް ހިނގަން އުނދަގޫވިއެވެ. އެއްބަޔަކު ކަނާތަށް އަނެއް ބަޔަކު ވާތަށް އަދި ކުރިއަށާއި ފަހަތަށް ދާތީ މިއަލްއަށް ހުރިދިމާއިން ގުޑިލަންވެސް ނޭނގިފައި ހުރެވުނީއެވެ. މީހުންތައް މަދުވުމާއި އެކީގައި ޝަފްވާން ފެނޭތޯ ވަގުތުން މިއަލް ދެކޮޅު ހޯދާލިއެވެ. ނަސީބު ހިފީ މިއަލް އާއި ދެކޮޅަށެވެ. ޝަފްވާންގެ ލިސާނެއްވެސް ފެންނާކަށް ނެތެވެ.

“އެލްދައްތީ..” ގެއަށް ވަންނައިރަށް އިޒާ އައިސް މިއަލްގެ ގައިގައި ބައްދާލިއެވެ. މިއަލްވެސް ކުޑަކޮށް އިޒާގެ ގައިގައި ބައްދާލާފައި ބަދިގެ ދޮރުމަތީ ހުރި ހައިފާއަށް ބަލާލިއެވެ. ތިންގަޑި ފަނަރަ ވަނީއެވެ. ދެގަޑިބައިގައި ނިމެން ބުނި މީހާ އެހާ ލަހުން އައުމުން ހައިފާ ހައިރާންވީކަން މިއަލް ދެނެގަތެވެ. މިއަލް ދާހިއްލަންފެށީ ހައިފާ އަހާނީ ކޮން ސުވާލެއްކަން ނޭނގޭތީއެވެ. “ހާދަ ލަހަކުން..؟ މަގު އޮޅުނީ ދޯ..؟ އޭރުވެސް އަހޫ ކައިރީ ދައްތަ ބުނީމޭ އެލް ގޮވައިގެން ގެއަށް އަންނާށޭ..” ހައިފާ އެހެން ބުނެލުމުން މިއަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަވަހަށް ހައިފާއަށް ބޯޖަހާލާފައި ކޮޓަރިއަށް ވަނީ ފެންވަރާލަން ބޭނުންވެގެންނެވެ.

އަހުނަފާއި ޝަފްވާން އައިސް ގެއަށް ވަނީ އެކީގައެވެ. އަހުނަފް އޭނަގެ އޮފްގައި ޑިއުޓީއަށް ނުކުންނަން ޖެހުނީ ދާން ޖެހޭ ކުއްޖާ ބަލިވެ ހޮސްޕިޓަލަށް ގެންދިއުމުން ކަމަށްވާތީ އަވަހަށް ވަޒީފާ ގަޑި ނިމުނީއެވެ. ވަރުބަލި ވެފައިވާވަރުން ދެމީހުންގެ މިސްރާބުވެސް ހުރީ ފްރިޖާއި ދިމާލަށެވެ. ޝަފްވާނަށް ފެން، ތައްޓަކަށް އަޅާފައި އަހުނަފް ފެންފުޅިން ދެތިން ކޯވަރު ދަމާލީ އެއްނޭވައިންނެވެ. “މިއަދު ހާދަ ބައިވަރު މީހުން ގޮސްފައި ތިއްބޭ..” އަހުނަފް ބުނެލީ ހައިރާންކަމާއި އެކީގައެވެ. އޭރުވެސް ޝަފްވާން އިނީ ފެންތަށީގައި ތުން ޖަހައިގެންނެވެ. “އާނ.. މަ ހީކުރިވަރަށްވުރެ ގިނަ މީހުން ގޮސް ތިބި..” ފެންތަށި ބޮއި ނިމުނުހާ އަވަހަކަށް ޝަފްވާން ބުނެލިއެވެ. އޭރުވެސް ޝަފްވާންގެ ކަޅި ދެފަރާތަށް އުކެމުން ދިޔައެވެ. ގަސްތުގައެއް ނޫނެވެ. މިއަލް ދެކެން ބޭނުންވެފައި ހުރިވަރުން ހަމަ ހޯދެނީއެވެ.

“މަ އެބަ އަންނަން ފިނިކޮށްލައިގެން…” ޝަފްވާން މިސްރާބު ޖެހީ އަހުނަފްގެ ކޮޓަރި އާއި ދިމާލަށެވެ. ހޫނުވެގެން އޭރުވެސް މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ކުޑަކުޑަ އިޒާގެ ދެކޮލުގައި ހިފާ ދަމާލާފައި ޝަފްވާން އަހުނަފްގެ ކޮޓަރިއަށް ވަނެވެ. އަދި ފާޚާނާއަށްވަނީ އަތް ދޮވެލުމުގެ ބޭނުމުގައެވެ. އިސްކުރު ދޫކޮށްލާފައި ޝަފްވާން ހުއްޓުން އެރީ މީހަކު މަޑު ރާގަކަށް ކިޔަމުން ދިޔަ ލަވަ އަޑުއިވިފައެވެ.

ފެންވަރާ ނިމިގެން ކަޅުކުލައިގެ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން މިއަލް ފާޚާނާގެ ލޯގަނޑު ކުރިމަތީގައި ހުރީ ފުނާ އަޅާށެވެ. އިސްތަށިގަނޑު އޮމާންކުރަމުން ދިޔަވަރަކަށް މިއަލްއަށް ދިޔައީ ލަވަ ކިޔެމުންނެވެ. އެއާދަ ކަށީގައި ހިފާފައިވާތީ މިއަލްއަށް އެކަން ހުއްޓައެއްނުލެވުނެވެ. “ޑޯންޓް ވޮޗް މީ ކްރައި” ކިޔާ ލަވަ ކިޔަމުން ގެންދިޔައިރު ފާޚާނާގެ ފެންލައިޓް ވަނީ ހުޅުވާފައިކަމެއް މިއަލްއަކަށް ނޭނގެއެވެ. ޝަފްވާންގެ ނަޒަރު ގޮސް ހުއްޓުނީ އަހުނަފްގެ ފާޚާނާގެ ފެންލައިޓަށެވެ. އަޑު އަންނަނީ ބޭރުންކަން އެނގުމުން ޝަފްވާނަށް ހިފާއްޓައިގެން ހުރެވުނު ނޭވާ ދޫކޮށްލެވުނެވެ. ވަނީ އަތް ދޮންނަން ކަންވެސް ހަނދާނުން ފިލައިގެން ގޮސް ޝަފްވާން ފެންލައިޓް ކައިރީ ހުއްޓުނީ އެ އަޑު ރީއްޗަށް އަހާލަން ހިތް އެދޭވަރުންނެވެ.

އެ ބޮޑު ގެ ހަދާފައިވާ ގޮތުން އަހުނަފްގެ ކޮޓަރީގެ ފާޚާނާ އާއި މިއަލްގެ ކޮޓަރީގެ ފާޚާނާ ހުންނަނީ ޖެހިޖެހިގެންނެވެ. ފެންލައިޓްތައް ހުންނަނީ ކައިރިކައިރީގައި ކަމަށްވާތީ ފާޚާނާތެރޭގައި އިން މީހާ ވާހަކަ ދައްކަންޏާ ޖެހިގެން ހުރި ފާޚާނާގައި އުޅޭ މީހާއަށް އެ އަޑުއިވޭނެއެވެ. ޝަފްވާނަށް މިއަލް ލަވަ ކިޔާ އަޑުވެސް އިވުނީ އެހެންވެގެންނެވެ. މިނެޓެއްވެސް ލަސްނުކޮށް ޝަފްވާން ކޮޓަރިން ނުކުތީ ދޮރުވެސް ނުލައްޕައެވެ. ޝަފްވާން ކާގެއަށް ވަތްއިރު ރަކި ހުނުމެއް ހޭން އަހުނަފް އިނެވެ. އެއްއަތުން ފޯނު ހިފާއްޓާއިގެން އިންއިރު އަނެއް އަތުން ހިފާއްޓައިގެން ހުރީ އައިސްކްރީމް ތަށިތެރެއަށް ލައިގެން ހުރި ސަމްސަލެވެ. އޭނަ އިންގޮތުން ޝަފްވާނަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ހީވަނީ ޖިންނިމޮޔަވެފައި އިން މީހެއްހެން ވިއްޔާއެވެ. ޔަގީނެވެ. އެއިނީ ތަނާ އާއި ވާހަކަ ދައްކާށެވެ. އެނޫނިއްޔާ އަހުނަފް އެހާ ލޯބިކޮށް ހެވިފައެއް ނީންނާނެއެވެ. “އޭތް..” ޝަފްވާން ބޯހޫރާލާފައި ގޮސް އަހުނަފްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އަހުނަފް ސިހިފައި ބަލާލީ ކިހިނެތްވީހޭ އަހާ ފަދައަކުންނެވެ. “އޭނަ ގޭގަތަ..؟” ޝަފްވާން އެއްސެވެ. އަވަސްއަރުވައިގަނެފައެވެ. އަހުނަފް ދެލޯ ވަރަކަށް ހަނިކޮށްލާފައި ޝަފްވާންގެ މޫނަށް ބަލާލިއެވެ. ޝަފްވާން އުޅެމުންދިޔަ ގޮތުން އަހުނަފަށް އެންމެފަހުން ޝައްކުވާން ފެށިއެވެ. “އެލް ގެއަށް އައިސްދާނެ މިހާރު..” ގަޑި ބަލާލާފައި އަހުނަފް ބުނެލިއެވެ. “މިހާރު ނިކްނޭމުން ގޮވާހާ ގާތްވީ..؟ ގައިމު އިއްޔެ ކަންނޭނގެ ބުނީ ވަރަށް އޯކްވާރޑް ވާނެއޭ..” ފަހުބައި އަހުނަފް ކީ ރާގަށް ކިޔާފައި ޝަފްވާން އަހުނަފްގެ މޫނަށް ބަލާލިއެވެ. “މިއަދު އޭނަ ލާންދިޔަ މަގުމަތީގައި ވާހަކަ ދެއްކީމޭ.. ލަދުގަންނަކުއްޖެއް އެއީ.. އެކަމަކު ޝީޒް ނައިސް..” އަހުނަފް ބުނެލިއެވެ. “ތަނާއޯ..؟” އަހުނަފް އެހެން ބުނިގޮތުން އަނގައޮޅިގެން ޝަފްވާނަށް ބުނެވުނެވެ. “މާތްކަލާކޯ ސުބުހާނައްﷲ ވަޓް ދަ ހެލް ބްރޯ އެއީ މަގޭ ކޮއްކޮއެކޭ.. ތިހެން ހިތަށް އެރުވީތީވެސް އަންތަރީސްވެއްޖެ..” އަނގަޔަށް ފަކުރު ވައްތަރެއް ޖައްސާލަމުން އަހުނަފް އައިސްކްރީމް ކޭތަށި އެއްލާލަން ތެދުވިއެވެ. “މީޓް ނުކުރެވޭނެ..؟” ޝަފްވާނަށް ބޭއިޚްތިޔާރުގައި އެހުނެވެ. މިއަލް ފެނުނުފަހުން އިޚްތިޔާރާއި އެކީގައި ޝަފްވާންއަށް އެއްޗެއް ބުނެވުނުކަމަކަށް ނުވެއެވެ. “އާނ އޯކޭ އޯކޭ.. ތިހާ ކެތްމަދުވާކަށް ނުވާނެއޭ.. ކެތްކުރި މީހާއަށް މީރު ބަތްގަނޑެއް ލިބުނީ..” އަހުނަފް ބުނެލިއެވެ. “ހޫނު ބޮނޑިބަތް..” ޝަފްވާން ހިނިގަނޑެއް ޖަހާލާފައި ރަނގަޅު ކޮށްދިނެވެ. “ވަޓްއެވަރ އެއީވެސް ހަމަ މީރު ބަތެއް ކަހަލަ އެއްޗެއްނު..” އައިރޯލް ކޮށްލާފައި އަހުނަފް އަނެއްކާވެސް ފެން ބޯން ފެށިއެވެ. ޝަފްވާން ކެތްލަވައިނުގަނެގެން ކާގެ ކުޑަކޮށް ހިނގަންފެށިއެވެ. ދެފައި އެއްތާކު ހަމަ ނުވެގެން ޝަފްވާން އުޅެންފެށިގޮތުން ފެންބޯންހުރި އަހުނަފް ގާތަށްވެސް ހިނިއަންނަގޮތްވިއެވެ. ދެއަތް ޖީބަށް ޖަހާލައިގެން ހިނގަނިކޮށް ޝަފްވާނަށް އޭނަގެ ހިތްއެދޭ ސޫރަ ދައްކާލައިފިއެވެ.

މިޝްލާ އިނީ ލޯންޗްގައެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔަޔަސް މިޝްލާ އިނީ ކެތް ކޮށްލައިގެންނެވެ. އޭނަ ފުރިކަން އެނގޭނީވެސް އަލީސާއަށް އެކަންޏެވެ. އޮއްސެމުންދިޔަ އިރަށް ނަޒަރު ހުސްކޮށްލައިގެން އިންއިރު އެދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ވިދައެވެ. އޮރެންޖާއި ރީނދުލުގެ ކުލަތައް ފެވިފައިވާ އުޑުމައްޗަށް ބަލާލާފައި މިޝްލާ ބަލާލީ އުނގުމަތީގައި އޮތް ކަޅު ފޮތަށެވެ. އެއީ ޒައިހާން ވަކިވުމުގެ ކުރިން ބުނި ވާހަކަތަކުގައި ހިމެނުނު ފޮތެވެ. ކަޅުކުލައިގެ ބަނޑޭރިގަނޑެއްލާފައިވާ އެފޮތަކީ ވަރަށް ދުވަސްވެފައިވާ ފޮތެއްކަން ޔަގީންވަނީ އަރިމަތިން ބަލާލީމައި ފެންނަ ރަތްވެފައިވާ ގަނޑުތަކެވެ. ޒައިހާން ބުނެފައި ވަނީ ނަވާލާއި އެކީގައި އެފޮތް ކިޔަން ކަމަށްވާތީ މިޝްލާ އަދި އޭގެ އެތެރެއެއް ނުބަލައެވެ. ނަވާލް ފެނުމުން ދައްކާނެ ހުރިހާ ވާހަކައެއް މިޝްލާ ސިކުނޑީގައި ރާވަމުން ގެންދިޔައެވެ.

 

= ނުނިމޭ =

36

4 Comments

  1. Rooya Xek

    September 8, 2021 at 1:18 pm

    Yayyy nice 😘😘😘😘😘 whn next waiting curiously 🥰🥰🥰 lv u tc stay safe 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  2. Aishath Faruha Abdulla

    September 8, 2021 at 2:58 pm

    Alheyyy….engeytha shafwaan aai ahunaf aa dhemeehun talk kuraairu hama emme faharaku vx nuhee neendhevey…..😂edhemeehun talk kuran fashaifiyya dhn eavvure majaakoh talk kureveyne baeh nuthibeyne…😂aslu vx edhemeehun ge bai varah fakkaa and varah majaa… 😂By the way Masha Allah vrh loabi and vrh reethi Mi part …. 😍When next?? Can’t wait….. Stay safe… And take care… ❤️

    • yooon

      September 8, 2021 at 3:51 pm

      I’m so happy to hear you enjoyed 😂 And thankyou so much Faruha that means a lot 💖 Next insha allah 10th Sep ga.. you stay safe and tgc too.. Lots of love 💖😊

  3. angle gurl

    September 9, 2021 at 2:20 pm

    V.v. reethi sis mi part ves🤍

Comments are closed.