ތަނަވަސް މާހައުލެއްގައި އެކި ފުރައިގެ އެތައް އަންހެނުންތަކެއް އަހަންނާއިއެކު އެއްތަން ވެފައިވަނީ، އިޖްތިމާޢީ ޖަމްޢިއްޔާއަކުން ހިންގުމަށް ރާވާފައިވާ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ބާއްވާ ވާރކްޝޮޕެއްގައެވެ. ގްރޫޕް ގްރޫޕައް ތިބެވޭނޭހެން މޭޒްތައް ބަހައްޓާފައިވާއިރު އަހަރެން އިށީނދެ އިނީ މުޅިންވެސް ނުދަންނަ އަންހެނުންތަކަކާއި އެކުގައެވެ. އަހަރެން މި ވާރކްޝޮޕްގައި ބައިވެރިވީ ޝާތިރާގެ ވަރަށް ބޮޑު އެދުމެއްގެ މަތިން، އޭނާ ކިޔާވަރުންނެވެ. ޝާތިރާވެސް އަހަންނާއިއެކު އަންނާނަންކަމުގައި ބުނެ އަހަރެން ބައިވެރިކޮށް އެންމެ ފަހުވަގުތު އޭނާއަށް އާދެވޭ ގޮތް ނުވީއެވެ. އޭނާގެ ދަރިފުޅު ބަލިވެގެން ގޭގައި މަޑުކުރަން ޖެހުނީއެވެ. ވީމާ ވަށައިގެން މީހުން ފުރިފައި ވިޔަސް އެކަނިވެރިކަމުގެ އިހްސާސާއިއެކު އަހަރެން އިނީ އެކަހަލަ މިކަހަލަ ބޭކާރު ޚިޔާލުތަކައް ގެއްލި ހުސްވެފައެވެ. ސްޓޭޖް މަތީގައި ވާހަކަ ދައްކަންހުރީ އިސްލާމިކް ސައިކޮލަޖީގެ ރޮނގުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ މުސްލިމުންގެ މެދުގައި މަޝްހޫރު ދަރުސްތަކެއް ދެމުންދާ ޤައުމުން ބޭރުގެ އަންހެނެކެވެ. އަހަރެންގެ ޚިޔާލުތަކުން އެއްފަރާތް ކޮށްލީ އެ އުޚްތާގެ ކަރުކެހެލުމުގެ އަޑެވެ. އޭރުވެސް އެ އުޚްތާ އޭނާގެ ވާހަކަތަކާއިގެން ކުރިއަށް ދެއެވެ. އޭނާގެ އަޑުން ކުޑަކޮށް ރޯގާގެ އަސަރު ހުރިކަން ފާހަގަވެއެވެ. ވީމާ ދޭތެރެއަކުން އޭނާ ކަރު ކެހެލަނީ އަޑު ސާފްކޮށްލުމަށެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެ އުޚްތާގެ ވާހަކަތަކައް ސަމާލުކަން ދެވޭތޯ ބެލީމެވެ.

“ފުރަތަމަ ކަމަކައް ހިތާއި ރޫޙާއި ބެހޭގޮތުން ވާހަކަދައްކަމާ ހިނގާ! ރޫހާއި ބެހޭގޮތުން ވާހަކަދައްކާއިރު، އަދި ހިތާއި ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އެ ހިތާއި ރޫޙައް ބޭނުންވާ ކަންތައްތަކެއް ވޭ. ހަށިގަނޑައް ކާނާ ބޭނުންވާނެހެން އެ ހިތާއި ރޫޙް ދިރިހުރުމަށްޓަކައި އޮކްސީޖަން ބޭނެންވޭ. ހިތާއި ރޫޙައް ބޭނުންވާ އޮކްސިޖަނަކީ ﷲ މަތިން ހަނދުމަކުރުން. އެގޮތައް ކަންތައްކުރާނަމަ އެލިބެނީ ހިތާއި ރޫޙުގެ ކާނާ”.

“އެކަމަކު ބައެއް ފަހަރު އަހަރެމެން ކުރާކަމަކީ ރޫހާނީ ގޮތުން ހިތާއި ރޫޙް ބަނޑައް ޖައްސަނީ.  އަހަރެމެންގެ ހިތަށާއި ރޫޙައް އޮކްސިޖަން ލިބުމަށް އަހަރެމެން ހުރަސްއަޅަނީ. އަހަރެމެން އެހެން ހަދަނީ  ކިހިނެއްކަން އެނގޭތަ؟ ފުރަތަމަ ކަމަކަށް އަހަރެމެން އެ އޮކްސިޖަން ލިބުމަށް ހުރަސްއަޅާ އެންމެ އާންމުގޮތަކީ،  ނަމާދު ޤާއިމް ނުކުރުން. ފަސްވަގުތު ކުރަންޖެހޭ ނަމާދު ނުކޮށް އަހަރެމެން މިކުރާ ކަމަކީ އެ ހިތާއި ރޫޙައް ބޭނުންވާ އޮކްސިޖަން ލިބުމަށް ހުރަސް އަޅަނީ. ކިރިޔާ ދިރިހުރުމަށް ރޫޙާނީ ގޮތުން އެ ހިތާއި ރޫޙައް އޮކްސިޖަން ލިބޭ އެއް މަގު އެ ގޮތައް މި ބަންދު ކުރަނީ. ދެވަނަ މަގަކީ ﷲ މަތިން ހަނދުމަކުރުން. މިހާރު ހަދީޡުން ސާބިތުވާ އެތައް ރަނގަޅު ދުޢާތައް އެޕްލިކޭޝަންތައް މެދުވެރިކޮށް ފެންނަން ހުންނައިރު، އެ ޑައުންލޯޑްކޮށް ދުޢާކުރުން ގިނަ ކުރުމަށް އަހަރެން ނަސޭހަތް ތެރިވަން”.

“މިހެން ބުނުމުން ބައެއް މީހުން ހިތައް އަރާނީ “އަހަރެންނައް ބައިވަރު ދުޢާ އެނގެ އޭ. އޭގައި މުޅިންވެސް ހުރީ ދަސްކޮށްފައި ނުވަތަ ކިޔާފައިހުރި އެނގޭ ދުޢާތަކޭ” އަހަރެންނަށް ހީވާގޮތުގައި ގިނަ މީހުންނަކަށް މި ދުޢާތަކުގެ މަތިވެރިކަމެއް އިހްސާސެއް ނުކުރެވޭ. އަހަރެމެނަށް އިހްސާސް ނުވާކަމަކީ މި ދުޢާ ތަކަކީ ރަންފަދަ ތަކެތި ކަން. ހަށިގަނޑައް ބޭނުންވާ ރޫޙާނީ ވިޓަމިނާއި މިނަރަލްސް އޭގައި ހިމެނޭކަން. ހަށިގަނޑައް ފެނާއި ކާނާބޭނުންވާ ފަދައިން ރޫޙަށާއި ހިތައް މި ތަކެތީގެ ރޫޙާނީ ފައިދާ ބޭނުންވޭ. ހެނދުނާއި ހަވީރުގެ ޒިކުރުތަކުގައި ހިމެނޭ ދުޢާތައް ކިޔަން އާދަކުރޭ. މާދިގުނަމަ ނުވަތަ ހުރިހާ ދުޢާތަކެއް ކިޔަން އުޒުރު ވެރިވާނަމަ، ރަނގަޅު ދެތިން ދުޢާ ނަމަވެސް ނޯޓް ކޮށްލައިގެން ކޮންމެ ދުވަހަކު ކިޔުމަށް އާދަ ކުރަންވާނެ. އެކަމުން ހަމަ ފާހަގަ ކުރެވޭ ވަރަށް ތިބާގެ ނަފްސައް ރޫޙާނީ ގޮތުން އަސަރު ކުރާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކުދި ނަމަވެސް އާންމުކޮށް ކުރާ ހެޔޮ އަމަލުތައްދެކެ ލޯބިވެވޮޑިގެންވޭ. ހެނދުނު ހޭލުމަށްފަހު ކިޔާ ޒިކުރުތަކާއި، ހަވީރުގެ ޒިކުރުތަކުގެ އިތުރަށް ނިދުމުގެ ކުރިން ކިޔާތަކެތި ކިޔަން އާދަކުރޭ. ދުނިޔޭގެ ކޮންމެ ހިސާބެއްގެ ރޫހާނީ ޑޮކްޓަރެއްވެސް މިތަކެތި ކިޔުމުން ލިބޭ ފައިދާއާއި މެދު ދެބަހެއް ނުވާނެކަން ޔަޤީން. އެކަމުގެ ޔަޤީންކަން އަހަރެން ދެން. މިއީ ރޫހާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ބޭނުންވާ ކަންތައްތައް”.

“ފަރުޟު ފަސްނަމާދު ކުރުމާއި ﷲ މަތިން ގިނަގިނައިން ހަނދާން ކުރުން. ފުރަތަމަ ބުނިހެން އެއީ ހިތާއި ރޫހައް ލިބޭ އޮކްސިޖަނަކީ. ދެވަނަ ކަމަކަށް ބުނަން ބޭނުންވަނީ ނަފްސާނީ ގޮތުން ބޭނުންވާނެ ތަކެތީގެ ވާހަކަ. ހިތަށާއި ރޫޙައް ކާނާދޭނެ ގޮތާއި، ހަށިގަނޑައް ކާނާދޭނެ ގޮތާއި އަދި ސިކުނޑިއަށް ބޭނުންވާ ކާނާ ދޭނެ ގޮތްތަކެއްވެސް ވޭ. ސިކުނޑިއަށް ކާނާ ލިބެނީ އަހަރެމެން މުހިންމުކަން ދޭ ކަންކަމުން. އަހަރެމެން ވިސްނާ ފިކުރުކުރާ ކަންކަމުން. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ނުބަޔާއި ރަނގަޅު ވާނެ. މުޅިންވެސް ރަނގަޅު ނުވަތަ މުޅިންވެސް ގޯސް ކަންތައްތައްވާ މީހުންނެއް ނުތިބޭނެ. ދެބައިވެސް ހިމެނޭނެ. ﷲ ސުބުޙާނަހޫ ވަޠަޢާލާ ޤުރުޢާނުގައި ވަހީ ކުރައްވާފައިވަނީ “އިންނަ މަޢަލް އުސްރި ޔުސްރާ” މީގެ މާނައަކީ އުނދަގޫ ކަމާއިއެކު ފަސޭހަކަން ވެއޭ. މި އާޔަތުގައިވަނީ އުނދަގޫ “ކަމާއިއެކު” އުނދަގުލާއި އެކު ފަސޭހަކަން ވާކަމައް. އުނދަގުލަށްފަހު ފަސޭހަކަން ވާކަމަކަށް ނޫން. އުނދަގުލާއިއެކު ފަސޭހަކަން ވާކަމައް. އޭގެ މާނައަކީ ދިމާވާ ނުވަތަ ކުރިމަތިވާ ކޮންމެ އުނދަގޫ ހާލަތެއްގައިވެސް އެ އުނދަގޫ ކަމާއިއެކު ފަސޭހަކަން ﷲ ލައްވާފައިވާނެކަން. ދަތި އުނދަގޫ ހާލަތްތަކުގައިވެސް ހަމައެކަނި އުނދަގޫ ހާލަތެއް އެކަލާނގެ ނުލައްވަވާ. ނުވަތަ ހަމައެކަނި ފަސޭހަ ގޮތެއްވެސް ނުލައްވަވާ. މި ދެކަންތައް އާންމުކޮށް އަންނާނީ އެކުއެކީގައި. އަނެއްކާވެސް މި އާޔަތައްފަހު ހަމަ މި ބުނުން ތަކުރާރުވެފައި ވެއެވެ. “ހަމަކަށަވަރުން އުނދަގޫ ކަމާއިއެކު ފަސޭހަކަންވެއެވެ.”

“ވަކިކަމަކަށް ފޯކަސް ކުރުމަކީ ސިކުނޑީގެ ކަސްރަތެއް. އެންމެ މުހިންމީ ކޮންކަމެއްކަން ވިސްނާފައި އެކަމަކަށް ވިސްނުން ބެހެއްޓުން. އެ ވިސްނާ ކަންތައް އެއީ ތިބާއަށް މުހިންމު ކަމަކައް ވާން ޖެހޭ. މިސާލެއް ބުނެދޭނަން. މިސާލަކަށް ގެއެއްގެ މަތީބައިގައިހުރި ކުއްޖަކައް ލިބެނީ ކޭކު ފޮއްޗެއް. އެ ކޭކުފޮތި ފެނުމުން އޭނާ އެކަމާ ވަރަށް އުފާވި. ކޭކު ފޮއްޗެއް ލިބެން އޮތީމާ އުފާވާނެ ނޫންތޯ؟ ދެން އެހެން ކުއްޖަކު އެ ގޭގެ ތިރީބައިގައިހުރި. އޭނާއަށް ލިބެންއޮތީ ބޮޑު ކޭކެއް. ނަމަވެސް އެ ކޭކުންވަނީ އެއްފޮތި މަދުވެފަ. އެ މަންޒަރު ފެނުމުން މި ކުއްޖާވީ ދެރަ.”

“ދެން މި ދެކުދިންގެ ތަފާތައް ވިސްނާލަމާ. އެންމެ ގިނަ ކޭކު ލިބެން އޮތީ ކޮންކުއްޖަކައް؟ ތިރީގައިވާ ކުއްޖާއައް. އެކަމަކު އޭނާ އެ ކޭކު ފެނުމުން ވީ ދެރަ. މި މިސާލައް ބެލުމުން އެނގެނީ މި ދެކުދިންނަށް މުހިންމުވީ ކޭކުގެ ބޮޑު ކުޑަމިން ނޫންކަން. އެކަމަކު އެކުދިންގެ ފޯކަލް ޕޮއިންޓް. ތިރީގައިވާ ކުއްޖާއަށް މުހިންމުވީ މަދުވާ ބައި. އެކަމަކު މަތީގައިވާ ކުއްޖާއަށް މުހިންމުވީ އޭނާއަށް ލިބެން އޮތް އެތިކޮޅު. ވީމާ އަހަރެމެން މަސައްކަތްކުރަންވީ އަބަދުވެސް އަހަރެމެންގެ ފޯކަސް ޕޮޒިޓިވް ކަންކަމަށް ބެހެއްޓޭތޯ. ލިބެން ނެތް އެއްޗަކައް ވިސްނާ ހިތާމަ ކުރުމުގެ ބަދަލުގައި ތިބާގެ ފޯކަސް، ވިސްނުން ބަހައްޓަންވީ ލިބިފައިވާ ތަކެއްޗައް. ދެން މި މިސާލު މިދަނީ.. ކަންކަމަށް ޝުކުރު ކުރުމާ ދިމާލައް. ހަމައެކަނި ޤުރުއާނަކުން ނޫން. ސައިކޮލަޖީ ގޮތުންވެސް މިއީ ސާބިތުވެފައިވާ ކަންކަން. “އެކަލާނގެއަށް ޝުކުރުކުރާ އަޅުންނަށް އެކަލާނގެ އިތުރު ކުރައްވާނެކަމައް މާތް ﷲ ޤުރުއާނުގައި އަންގަވާފައިވޭ.” ސައިކޮލޮޖިކަލް ރިސާޗްތަކުން އެނގިފައިވާ ގޮތުން ލިބިފައިވާ މިންވަރަށް ކޮންމެ ދުވަހަކުވެސް ޝުކުރުކޮށް އުފާކުރާ މީހުންންގެ ނަފްސާނީ، އަދި ފިޒިކަލީ ގޮތުން ކުރިމަތިވާ އެތައް އުނދަގުލެއް ނެތިދޭ. މިއީ އަހަރެމެންގެ މާތް ދީނުން އަހަރެމެނަށް އަންގަވާފައިވާ ކަންކަން. މިކަން އަމަލީ ގޮތުން ކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތިބާ ޝުކުރުކުރާ 5 ކަމެއް ލިޔުމަށް އަހަރެން އެދެން. މިކަމުން ލިބޭނެ ފައިދާއަކީ މިކަމުން ތިބާގެ ވިސްނުން އެއްކަމަކައް މުހިންމުކަން ދޭނެ. އެއީ ތިބާ އުފާކުރާ އަދި ތިބާއަށް ލިބިފައިވާ ތަކެއްޗާއިމެދު. މި ވިސްނުން ޔަޤީނުންވެސް ތިބާ ހިތްހަމަ ޖައްސައިދޭނެ. ފަހަރެއްގައި ތިބާގެ މާއްދީ ހާލަތު ބަދަލު ނުވެދާނެ. ނަމަވެސް ވިސްނުން ބަދަލުވާނެ. ހިތައް ހަމަޖެހުންލިބި ވޭންތަކުން ދުރުކޮށްދޭނެ.”

ދެން މިކަމުގައި މުހިންމުކަންދޭން އަހަރެން ބޭނުންވާ އަނެއް ކަމަކީ ތިބާގެ މާޒީ (ތިބާގެ ޕާސްޓް) އެ ދުވަސްތަކަކީ ވަރަށް ހިތްދަތި ދުވަސްތަކަކަށް ވެދާނެ. ބައެއް މީހުނަށް އެ ދުވަސްތަކުގެ ވޭނުގެ ސަބަބުން ނުރައްކާތެރި ކަންކަމާއި ކުރިމަތިލާން ޖެހިފައި އެބަހުރި. އެ ހިތާމަވެރި ދުވަސްތަކުގެ އުނދަގޫތަކާއި ކުރިމަތިލާ، އެހިތްދަތި ކަމަށް ފަރުވާ ކުރުމާއި ބެހޭގޮތުން ވާހަކަ ދައްކާލަން ހިނގާ. އެކަމާއި ކުރިމަތިލާއިރު ހަރުކަށި ގޮތްތަކެއް ވެސް ވޭ. އެއްބަޔަކު ތިބާއަށް ބުނާނެ. “އެ ތަދުތަކުގައި ބެންޑޭޖެއް އޮޅާ، އެ ހަނދާން ނައްތާލާށޭ. އެ ކަމާ ވިސްނުން ހުއްޓާލާށޭ. ނޫންނަމަ އެހެން މިހެން ވެދާނެއޭ.” މި ކަހަލަ ބަސްތަކަކީ މިފަދަ މީހުންނަށް އެއްވެސް ގޮތަކަށް އެހީތެރިކަމެއް ލިބޭނެ ބަސްތަކެއް ނޫން. އަދި އަނެއްބައި ފަހަރު ބައެއް ތަންތާގައި ޘަގާފީ އާދަތަކެއްހެން މިފަދަ ކަންކަން ކުރިމަތިވެފައިވާ މީހުންނަށް އެމީހުންގެ އެ ހިތާމަތައް ހާމަކުރިޔަކަ ނުދޭ. ކޮންމެވެސް ގޮތަކަށް ހިނިތުންވުމުގެ މޫނެއް ދައްކައި ހުރިހާ ހިތާމަތަކެއް ފޮރުވައިގެން އުޅުމަށް މަޖުބޫރު ކުރުވާ. އަހަރެން މިކަން ސިފަކުރާނީ، މިއީ ބަޑީގެ ވަޒަން އަރާފައިވާ ތަނެއްގައި ބެންޑޭޖެއް އޮޅައިގެން އުޅުން ކަހަލަ ކަމެއްގެ ގޮތުގާ. އެގޮތައް އެ ފާރުގަނޑު ފަސޭހަ ވާނެތަ؟ ޔަޤީނުންވެސް ނުވާނެ.

އަދި ވަގުތު ދިނުމުން އެފަދަ ފާރުގަނޑުތައް ފަސޭހަވާނޭ ބުނުމަކީވެސް ދޮގެެއް. ނޫން. އެ ފާރުގަނޑައް ފަރުވާ ނުކުރާނަމަ ކިތަމެ ވަގުތެއް ދިން ނަމަވެސް އެ ފަސޭހައެއް ނުވާނެ. މިފަދަ ފާރުގަނޑުތަކަކީ ނުވަތަ ޒަހަމްތަކަކީ އެއަށް ފަރުވާދީ އެ ބެލެހެއްޓުމުން ނޫނީ ރަނގަޅު ވާނެ ކަންކަމެއް ނޫން. އަދި ބައެއް ޒަހަމްތަކަކީ އެކަމުގެ ހާއްސަ މާހިރުންގެ ހާއްސަ ފަރުވާ ދިނުމުން ނޫނީ ރަނގަޅު ނުވާނެ ޒަހަމް ތައް. ވަގުތު ދިނުމުން  ނުވަތަ ބެންޑޭޖް ގަނޑެއް އޮޅާ އެ ޒަހަމްތައް ފޮރުވުމަކުން އެ ރަނގަޅެއް ނުވާނެ. އަދި ބައެއްފަހަރު ވަގުތު ދިނުމުން ނުވަތަ ބޭހަކާއިނުލާ ބެންޑޭޖް އޮޅުމުން އެ ރަނގަޅު ވުމުގެ ބަދަލުގައި އެ ޒަހަމްގަނޑުގައި އިންފެކްޝަން އުފެދި އިތުރައް ގޯސްވާ ފަހަރުވެސް އާދޭ. ވީމާ ފުރަތަމަ ކަމަކަށް ވެފައިވާ ޒަހަމްތައް ބަލާ، ބޭސްކޮށް، ފަރުވާ ދިނުމަށްފަހު ފަސޭހަވުމަށް ވަގުތު ދީ. މިކަންކަން ކުޑަކަމެއްކަމަށް ދެކި އަޅާނުލާ ނުހުރުމަށް އަހަރެން ނަސޭހަތްތެރި ވަން.”

“ދެންވެސް ބައެއް ހަރުކަށި އާދަތައް މިކަމުގައި ވޭ. އަހަރެން މިއަށް ކިޔަނީ “ބީން ސްޓަކް” އޭ.   މިފަދަ ޒަހަމްތަކަށް ފަރުވާ ކުރަމުންދާ ވަގުތު  ބައެއްފަހަރު މާޒީގައި ތާށިވެފައި ހުރެވޭ ހުރުން.. މިއީ ވަރަށް ގެއްލުން ހުރި ކަމެއް. ކުރިއަށް ނުދެވި އެ ޙިޔާލުތަކާއި ހިތާމަތަކުގައި ތާށިވެފައި ހުރުން. ސްކޫލެއްގައި މިަކަމަށް އަލި އަޅުވާލާފައި ބުނެފައިވަނީ “ޕާސްޓް އިސް އަ ޕްލޭސް އޮފް ރެފެރަންސް. ނޮޓް އަ ޕްލޭސް އޮފް ރެސިޑެންސް”. އޭގެ މާނައަކީ އަހަރެމެންގެ މާޒީއަކީ އަހަރެމެނަށްވާ ފިލާވަޅެކޭ. ކޮންމެކަމެއްގައިވެސް ރަނގަޅެއް ވާނެ ކަަމަށް ޤަބޫލުކޮށް އެ ދުވަސްތަކުން ފިލާވަޅު ނެގުން. އެއީ ގެއެއްކަމަށްބަލައި އެގޭގައި ދިރިއުޅުމެއް ނޫން. އެ ހިތާމަވެރި ދުވަސްތަކުން، ހާލާތްތަކުން ނުވަތަ ޒަހަމްތަކުން ފިލާވަޅު ނަގައި އެ ފިލާވަޅުތަކާއިއެކު ހިތްވަރުކޮށް ކުރިއަށްދާންވީ. އަހަރެމެނަށް ކުރިއަށް ދެވޭނެ ގޮތަކީ އެއީ. އަހަރެމެންނަކީ ކުރިއަށްދާ ބަޔަކަށް ވާންޖެހޭ. ކުރިއަށް ދެވޭނީ މިފަދަ ޒަހަމްތަކަށް ފަރުވާދޭންވާ ގޮތައް ފަރުވާދީގެން. ޕާސްޓްގައި ތާށިނުވެ ކުރިއަށް ދެވޭނީ އޭރުން”.

“ދެން އެންމެ ކުރިއަށް ހިނގާ! އެންމެ ފުރަތަމަ ކަމަކަށްބުނީ ހިތަށާއި ރޫހައް އޮކްސިޖަން ބޭނުންވާ ވާހަކަ. އަދި އޭގެ ތެރެއިން ފުރަތަމަ ކަމަކަށް ނަމާދު ކުރުން އަދި ދެވަނަ ކަމަކަށްބުނީ ﷲމަތިން ހަނދުމަކުރުމުގެ މުހިންމުކަން. ތިންވަނަ ކަމަކަށް ބުނަން އަހަރެން ހަނދާން ނެތުނީ ޤުރުއާނުގެ ވާހަކަ. ޤުރުއާން އަހަރެން ސިފަކުރާނީ މީހާ ސަލާމަތް ކޮށްދޭ ކުޑައެއްގެ ގޮތުގައި. ދެވަނަ ކަމަކަށް ބުނީ ފޯކަސް ވަކިކަމަކަށް ބަދަލު ކުރުމުގެ މުހިންމުކަމުގެ ވާހަކަ. އަހަންނަށް ފާހަގާވާ ގޮތުގައި އަހަރެމެން އަންހެނުން އަހަރެމެންގެ ނަފްސުތަކަށް ވަރަށް ހަރުކަށި. އަމިއްލަ ނަފްސައް މުހާތަބް ކުރަނީ ވަރަށް ނެގެޓިވް ކޮށް. މިއީ މުޅި މުޖުތަމައަށް ބެލި ނަމަވެސް ވަރަށް އާންމު ކަމެއް. ބައެއް ފަހަރު ފިރިހެނުންވެސް މިހެން ކަންކަން ކުރޭ. އަހަރެމެން އަމިއްލަ ނަފްސާއި ވާހަކަ ދައްކާ ގޮތައް ތިމާގެ ގާތް އެހެން މީހަކާއި ވާހަކަ ދައްކާނަމަ ޔަޤީނުންވެސް އެ ދެމެދުގައިވާ ގުޅުން ކެނޑިގެންދާނެ. ތިބާ އަމިއްލަ ނަފްސާއި މެދު މުހާތިބް ކުރާ އުސޫލުން ތިބާގެ އެންމެ ގާތް ރަހުމަތް ތެރިޔާއާއި ނުވަތަ ތިބާގެ އެންމެ ގާތް މީހަކާ ވާހަކަ ދައްކާ މަންޒަރު ހިތައް ގެންނަމާ.. އެ ބަސްތައް އަޑުއަހާފައި ތިބާގެ އެކުވެރިޔާ، ތިބާގެ މަންމަ ނުވަތަ ބައްޕަ، ފިރިމީހާ ނުވަތަ އަނބިމީހާގެ އަމަލުތައް ތިބާއާއި މެދު ހުންނާނެ ގޮތް ވިސްނާލާ. މިސާލަކަށް “އަހަންނަކީ އެއްވެސް ކަމެއްވާ މީހެއް ނޫން. ކޮންމެ ކަމެއްގައިވެސް ވާނީ ފެއިލް. އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ.” މިފަދަ ބަސްތައް އެހެންމިހަކާއި ދިމާލައް ބުނަނީނަމަ ޔަޤީނުންވެސް ތިބާއާއި އެމީހަކާއި އޮތް ގުޅުން ކެނޑިގެންދާނެ. ޕޮއިންޓަކީ އަހަރެމެންގެ މިފަދަ ނެގެޓިވް ބަސްތަކުން އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް ހުރަސް އަޅާ ވާހަކަ. ވީމާ މިފަދަ ކަންކަން ހުއްޓާލަންޖެހޭ. އަދި އެހެން މީހުން ތިބާއާއިމެދު ވާހަކަ ދައްކަން ތިބާ ބޭނުންވާފަދަ ގޮތައް (ލޯތްބާއި، އަޅާލުމާއި އަދި ހިތްވަރު ދިނުމުގެ ބަސްތަކުން) ތިބާ ތިބާގެ ނަފްސާއިވެސް ވާހަކަ ދައްކަންވާނީ. މިއީ ވަރަށް ވަރަށް މުހިންމު ކަމެއް.”

“ހަތަރުވަނަ ކަމަކަށް އަހަރެމެންގެ ހަށިގަނޑާއި، ސިކުނޑި ދުޅަހެޔޮ ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި، އަހަރެމެންގެ ސިކުނޑިއަށް ނަގައިގަންނަ ތަކެތިވެސް ދުޅަހެޔޮ ވާންޖެހޭ. އަހަރެން މިއަށް ކިޔަނީ އަމިއްލަ އަށް ވިހަ ނުވާށޭ. މިސާލަކަށް މީހަކު ކޮންމެ ދުވަހަކު ހެނދުނުވެސް ރަނގަޅަށް ސައިބުމަށްފަހު ކުޑަކުޑަ ވިހަ ސަމުސަލެއް ބޮނީ ނަމަ ކިހިނެއް ވާނެ؟ ކޮންމެ ދުވަހަކުވެސް ހަމަ ވަރަށް ކުޑަކުޑަ އެތިކޮޅެއް… ކޮންމެ މީހަކަށްވެސް އެނގޭނެ ގޮތުން އެމީހާ އަމިއްލަ އަށް އޭނާ އެ މަރާލަނީ. އެހެންނޫންތަ؟ އަހަރެމެން ބައެއްފަހަރު މިހެން އަހަރެމެންގެ ނަފްސުތަކައް ހަދާ. ނަމަވެސް ރޫހާނީ ގޮތުން. އަހަރެމެން ވަށައިގެންވަނީ މުޅިންވެސް ނެގެޓިވް ކަންކަންނަމަ އެއީ ނަފްސާނީގޮތުން ޒަހަރުކަމުގައި ބުނެވިދާނެ. އެ ޒަހަރުން އަހަރެމެންގެ ހިތާއި ސިކުނޑި މަރާލާ. ހިތާއި ސިކުނޑި ރަނގަޅުގޮތުގައި މަސައްކަތްކުރުން ހުއްޓާލާ. މިސާލަކައް ސޯޝިއަލް މީޑިޔާގައި އަހަރެމެން އާންމުކޮށް ކިޔާ އަދި ބަލާހަދާ ރަނގަޅުނޫން ގެއްލުން ދޭ ތަކެއްޗަކީ، ނުސީދާ ގޮތުގައި ނަފްސައްދެވޭ ޒަހަރުކަމުގައި ޔަޤީން. ނުވަތަ އަހަރެމެން ދިރިއުޅޭ މާހައުލުގައި އަހަރެމެނައް ލިބެން ނުޖެހޭ ކަހަލަ އެކި ކަހަލަ އަނިޔާ ލިބޭނަމަ އެވެސް އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ނެތިކޮށްލާ ޒަހަރަކައް ވެދޭ. ވީމާ ތިބާގެ ވަށައިގެންވާ މާހައުލުގެ ދުޅަހެޔޮކަމަކީ، ނަފްސާނީ ގޮތުން ދުޅަހެޔޮ ވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ތިބާގެ ލޮލުން ބަލާ ތަކެއްޗާއި ތިބާގެ ކަންފަތުން އަޑުއަހާތަކެއްޗާއިމެދު ފަރުވާތެރިވާންޖެހޭ. އަދި ތިބާގެ ދުލުން ބޭރުކުރާ ތަކެއްޗާއިމެދުގައިވެސް މެ. މިތަކެއްޗަކީ ތިބާގެ ހިތަށާއި ސިކުނޑިއަށް ވަންނަތަކެތި ކޮންޓްރޯލްކުރާ ތަކެތި. މިސާލަކަށް ބުނަނީނަމަ ތިބާގެ ސޯޝިއަލްމީޑިޔާގެ ނިއުސްފީޑަކީ ތިބާގެ ފްރިޖް ކަމަށް ބަލާ. އެ ފްރިޖްގައިވާ ތަކެތި ތިބާ ބޭނުންކުރުމުން ތިބާގެ ގޮހޮރައް ދާ ފަދައިން، ތިބާއަށް ފެނި، އިވި އަދި ދުލުން ބޭރުކުރާ ތަކެތި ދާނީ ސީދާ ތިބާގެ ހިތައް. ހިތަށާއި ސިކުނޑިއަށް. ހަމައެކަނި ތިބާ ބަލާ ތަކެއްޗަކީ ފެޝަނާއި ގުޅޭ ތަކެތިނަމަ ތިބާގެ މުޅި ދިރިއުޅުން އޮންނާނީ އެކަމާއި ގުޅިފަ. ހިތުގައި އަބަދުވެސް ވާނީ އެ ފެނުނު ރީތި ހެދުން، ފައިވާން، އެ ހެއަރ ސްޓައިލް ނުވަތަ ހިޖާބް ސްޓައިލް، އެ މޭކަޕް ސްޓައިލް. ނުވަތަ ތިބާގެ ނިއުސްފީޑްގައިވަނީ މުޅިންވެސް ފިލްމީ ދުނިޔެ އާއި ބެހޭ ތަކެތި ނަމަ ނުވަތަ ލަވަޔާއި މިއުޒިކް ކަމަށް ވީ ނަމަވެސް، ތިބާގެ ސިކުނޑި އެކަމަށް ހުސްވެ ތިބާއަށް ހުރިހާ ކަމަކަށްވުރެ އިސްކަން ދެވޭނީ އެ ތަކެއްޗައް. ޔަޤީނުންވެސް މިއީ ދުޅަހެޔޮ ގޮތެއް ނޫން. މިކުރެވޭ ކަމަކީ ހަޤީޤަތެއް ނުވާ ތަކެއްޗައް އޮބްސެސް ވެވެނީ. ސޯޝިއަލްމީޑިޔާއާއި މެދު އެންމެ ސަމާލުވާންޖެހޭ އެއް ސަބަބަކީ އެއީ. ސޯޝިއަލްމީޑިޔާގައި މުޅިންވެސް އަހަރެމެންގެ ކޮންސާން އަކަށްވަނީ އަހަރެމެން އެހެންމީހުންނަށް ފެންނަގޮތާއި މެދުގަ. އަހަރެމެންގެ ރީތިކަމާއި، މުއްސަނދިކަމާއި، އުޅެވޭ އުފާވެރި ދިރިއުޅުމާއި ދަރިންގެ ރީތިކަމާއި، މޮޅުކަމާއި އުފާވެރިކަން ފަދަ ކަންކަމައް. އަދި އެކަންކަން ޕާފެކްޓް ނޫންނަމަ ތިބާ ހިތްހަމަ ޖެހެންދެން ފިލްޓަރކޮށް ހަދަނީ. މިހާރު ހުރިހާ ކަމަކަށްވެސް ފިލްޓަރ ކުރެވޭތަން މި ފެންނަނީ.. މީގެން މިކުރާ ކަމަކީ އަހަރެމެން އެހެންމީހުންނަށް ފެންނަގޮތާއިމެދު އޮބްސެސް ވެވެނީ. ނުވަތަ ދެއްކުންތެރިކަމުގައި އެކަކު އަނެކަކައް ވާދަކުރުމުގައި ހައްދު ފަހަނައަޅައި ދަނީ. މި ނޫނަސް މިކަމާއި ގުޅިގެން އެކި ކަހަލަ ބައިވަރު ބައިވަރު ނަފްސާނީ މައްސަލަތަކާއި މިއަދުގެ ޖީލައް ކުރިމަތިލާން ޖެހޭ. މިސާލަކައް އީޓިން ޑިސްއޯޑާރސް، އިޝޫސް އޮފް ބޮޑީ އިމެޖް.. ތިބާ ދުވަހަކުވެސް ތިބާގެ ނަފްސާއި މެދު ހިތްހަމަޖެހޭ ތަނެއް ނާންނާނެ. ތިބާއަށް ކެވޭ ގޮތް، ކާން ލިބޭ ތަކެތި، ހަށިގަނޑުގެ ބޮޑުމިން، ބަރުމިން، ފަލަމިން، ނުވަތަ ހިކިމިން، އިސްތަށިގަނޑު މާ ފަންވުން ނުވަތަ މާ ބުޅިވުން، ނޭފަތް ދިގުވުން، ނުވަތަ ކުރުވުން ތުންފަތް ކުޑަވުން ނުވަތަ ބޮޑުވުން މުޅިންވެސް މިސާލު… ތިބާ ދުވަހަކުވެސް ތިބާގެ ނަފްސާއި މެދު ހިތްހަމަޖެހޭ ތަނެއް ނާންނާނެ. އަދި މިފަދަ ކަންކަން އަހަރެމެންގެ ސިކުނޑިއަށް ވަރަށް ވަރަށް ބޮޑައް ވިހަލާ. ވީމާ ތިބާ އެކްޕޯސްވާ ކަންކަން، މިފަދަ ވިހަ ތަކުން ސަލާމަތްވުމަށްޓަކައި އަމިއްލަ އަށް ކޮންޓްރޯލް ކުރުން ވަރަށް މުހިންމު. ތިބާ ބޭނުންނަމަ އެއީ މިހާރު ވަރަށް ފަސޭހަ ކަމެއް. އެހެންނު. އަންފޮލޯ ބަޓަން ނުވަތަ އަންފްރެންޑް ބަޓަން ވެސް ވޭ. އެވަރުންވެސް އެކަމުން ސަލާމަތް ނުވެވޭހެން ހީވާނަމަ ސައިން އައުޓް ނުވަތަ އެކައުންޓް ޑިލިޓްވެސް ކޮށްލެވޭނެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަން މުހިންމުވާ ހާލަތުގައި އެކަން ކުރެވެން ޖެހޭނެ ނޫންތޯ؟”

“ސައިކޮލޮޖީގެ ހޯދުންތަކުން ދައްކާ ގޮތުން އަހަރެމެންގެ ސިކުނޑި ނުވަތަ ނަފްސާނީ ދުޅަ ހެޔޮކަމަށް އެންމެ ރަނގަޅު ގޮތުގައި ފަރުވާ ލިބޭ އެއްކަމަކީ އެހެންމީހުންނަށް އެހީވެދިނުން. މީހުންނާއި ގުޅުން ބަދަހިކޮށް އެހެންމީހުންނަށް ހިދުމަތްކޮށްދިނުން. މީގައި ތިބާ އަށް މިއެހީ ވެވެނީ އަނެއްމީހާއަށް އެކަންޏެއްނޫން. ތިބާގެ ނަފްސައްވެސް މެ. އަނެކާއަށް އެހީތެރިވެގެން ތިބާގެ ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެވެނީ. އަދި މިއީ ﷲ ސުބުހާނަހޫ ވަޠަޢާލާ ވަރަށް ބޮޑައް ބާރު އަޅުއްވާ ރަސޫލާއާއި(ޞ.އ.ވ) ބައެއް ސަޙާބީންވެސް އަމަލީ ގޮތުން ދައްކަވާފައިވާ ކަންކަން. އަހަރެމެންގެ މާތް އިސްލާމްދީނުގައި މިފަދަ ފައިދާހުރި އެތައް ކަމަކައް ބާރު އަޅުއްވާފައިވޭ.. އަދި އަހަރެމެން މުސްލިމުންނައް ވުމުން ލިބޭ އަނެއް ފައިދާއަކީ މިކަމުން އަހަރެމެންގެ އާޚިރަތައްވެސް ފައިދާވާނެކަން”.

“ހަވަނަ ކަމަކަށް ބައެއްފަހަރު އަހަރެމެން އިހްސާސް ކުރާ ތަދަކީ ހާލަތުގެ ގޮތުން އިހްސާސްކުރަންޖެހިފައިވާ ތަދަކައްވެސް ވެދާނެ. އެ ތަދު އަހަރެމެނަށް ބުނެދެނީ އެ ހާލާތު ބަދަލުކުރަން އެބަ ޖެހޭ ކަން. މިސާލަކަށް ހުންއައުން. ބަލިވުމުން ހުންއައީމަ އެއިން ދޭހަވަނީ ހަށިގަނޑުގައި ކޮންމެވެސް ގޯހެއް އުޅޭކަން. ފަހަރެއްގައި އިންފެކްޝަނެއް ކަމަށްވެސް ވެދާނެ. އެ ހުން ތިބާއަށް މި ބުނެދެނީ ޑޮކްޓަރައް ދައްކަން ދާން ވެއްޖެކަން. އެ އިންފެކްޝަނައް ފަރުވާ ލިބޭނީ އޭރުންތާ. ހުންއައުމަކީ ބަލީގެ އަލާމާތް. ހަމައެގޮތައް ބައެއްފަހަރު އަހަރެމެންގެ ހިތުގައި އަޅާ ވޭންވެސް ބުނެދެނީ ދިރިއުޅުމުގައި ކަންކަން ބަދަލު ކުރަން އެބަޖެހޭ ކަން. އެ ވޭން، އެ ހިތްދަތިކަން އެއީ ކަންކަން ރަނގަޅު ނޫން ކަމުގެ އަލާމާތް. މިސާލަކައް އަހަރެން މިއުޅެނީ އަހަންނަށް ގެއްލުންދޭ ރަހުމަތްތެރިއަކާއި އެކުގައި. ނޫންނަމަ އަނިޔާ ކުރާ ފިރިއަކާއިއެކުގައި. ވީމާ އެ އަނިޔާތަކުން އަހަރެންގެ ހިތުގައި އަޅާވޭން ބުނެދެނީ އަހަރެން އެ އަނިޔާތަކުން ސަލާމަތްވާން ޖެހޭކަން. ބައެއްފަހަރު އަހަރެމެން ވަރަށް ރަނގަޅައް އަހަރެމެންގެ އަމިއްލަ ދިރިއުޅުމަށް ނަޒަރު ހިންގާލަންޖެހޭ. އަހަރެމެންގެ ނަފްސައް އަނިޔާ ލިބެމުންދަނީ ކޮން ކަމަކުންތޯ ވިސްނަންޖެހޭ. ﷲ އަންގަވާފައިވާ ގޮތުން “އިންސާނުންގެ ހާލާތު ބަދަލު ވާނީ އެބަޔަކު އަމިއްލައަށް ބަދަލު ކުރުމައް މަސައްކަތް ކުރުމުން”. ވީމާ ހާލާތު ބަދަލު ކުރަން ބޭނުންނަމަ އަމިއްލަ އަށް އެކަމަށް މަސައްކަތްކޮށް އަދި އަމިއްލައަށް ހެދޭ ގޯސްތަކާއި، ބައެއް ރަނގަޅު ނޫން އާދަތައްވެސް ބަދަލު ކުރަން ޖެހޭނެ”.

“އަހަރެމެން އަންހެނުންނަށް ދަސްކޮށްދީފައިވަނީ ހުރިހާ ކަމެއްގައިވެސް ފުރިހަމަ ވުމައް. ހަނދާންކުރަންޖެހޭ ކަމަކީ އިންސާނުންނަކީ ފުރިހަމަ ބައެއް ނޫންކަން. ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވޭނެކަން. ނަމަވެސް އެ ފާފަތަކަށް ތަޢުބާވެ ކަންކަން އިސްލާހު ކުރާ މީހާއީ އެންމެ ބުއްދިވެރިޔާ. ﷲ ލޯބިވެވޮޑިގެންވަނީ ފާފަ ނުކުރާ މީހާދެކެ އެއްނޫން. ފާފަކުރެވޭ ހިނދު އެކަމަށް ހިތާމަކޮށް ތަޢުބާވާ މީހާދެކެ. ފާފަ ނުކުރެވޭ އިންސާނަކު ﷲ ނުހައްދަވާ. އންސާނުން ހައްދަވާފައިވަނީ ކުއްކުރެވޭ ބައެއްގެ ގޮތުގައި. ވީމާ އަހަރެމެން ދިރިއުޅުމުގައިވެސް ކުރެވޭ ކުއްތަކަށް ތާ އަބަދު ހިތާމަކޮށް އެ ކުއްތަކުގައި ތާށިވެ ހުރުމުގެ ބަދަލުގައި އެކަންކަން ތަކުރާރު ނުކޮށް އޭގެން ފިލާވަޅު ލިބި ކުރިއަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ.”

އެތައް ވާހަކަތަކެއް ދައްކާފައި އޭނާގެ ވާހަކަތައް ކުރުކޮށްލީ އެ ދުވަހައް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެންނެވެ. އޭނާގެ ވާހަކަތަކަށް އަހަންނަށް ގެއްލި ހުސްވެފައި އިނދެވުނީ ވަގުތު ދާގޮތްވެސް ނޭނގިއެވެ. އެތައް ދުވަހެއްގެ ފަހުން މީހެއްގެ ވާހަކަތަކައް ޝަޢުޤުވެރި ވެވިއްޖެއެވެ. އެ ވާހަކަތައް ދައްކަމުން ދިޔަ ހިނދު އަހަރެންގެ ދިރިއުޅުމުގެ ބައެއް ޞަފްހާތައްވެސް ހިތައް ސިފަވަމުންދިޔައީ އެ އުޚްތާގެ ވާހަކަތަކާއި ގުޅިފައިވުމުންނެވެ. ވާހަކަތައް ކުރުކޮށްލާފައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި، ބައެއް މީހުންނައް އޮޅުންއެރި ކަންކަމަށް ވެސް އެ އުސްތާޒާ ޖަވާބު ދެއްވިއެވެ. ގެއަށް އައިސްވެސް އަހަންނަށް ވިސްނެމުން ދިޔައީ އެތާގައި ދެކެވުނު ވާހަކަތަކަށެވެ. އަދި އަހަރެންގެ ދިރިއުޅުމާއިމެދުގައެވެ.

**ނުނިމޭ**

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!