ތި ސޫރަ ނޫން 20
* ދެއަތް ޖީބަށް ޖަހާލައިގެން ހިނގަނިކޮށް ޝަފްވާނަށް އޭނަގެ ހިތްއެދޭ ސޫރަ ދައްކާލައިފިއެވެ. މިޝްލާ އިނީ ލޯންޗްގައެވެ. ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔަޔަސް މިޝްލާ އިނީ ކެތް ކޮށްގެންނެވެ. އޭނަ ފުރިކަން އެނގޭނީވެސް އަލީސާއަށް އެކަންޏެވެ. އޮއްސެމުންދިޔަ އިރަށް ނަޒަރު ހުސްކޮށްލައިގެން އިންއިރު އެދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ވިދައެވެ. އޮރެންޖާއި ރީނދުލުގެ ކުލަތައް ފެވިފައިވާ އުޑުމައްޗަށް ބަލާލާފައި މިޝްލާ ބަލާލީ އުނގުމަތީގައި އޮތް ކަޅު ފޮތަށެވެ. އެއީ ޒައިހާން ވަކިވުމުގެ ކުރިން ބުނި ވާހަކަތަކުގައި ހިމެނުނު ފޮތެވެ. ކަޅުކުލައިގެ ބަނޑޭރިގަނޑެއް ލާފައިވާ އެފޮތަކީ ވަރަށް ދުވަސްވެފައިވާ ފޮތެއްކަން ޔަގީންވަނީ އަރިމަތިން ބަލާލީމައި ފެންނަ ރަތްވެފައިވާ ގަނޑުތަކެވެ. ޒައިހާން ބުނެފައި ވަނީ ނަވާލާއި އެކީގައި އެފޮތް ކިޔަން ކަމަށްވާތީ މިޝްލާ އަދި އޭގެ އެތެރެއެއް ނުބަލައެވެ. ނަވާލް ފެނުމުން ދައްކާނެ ހުރިހާ ވާހަކައަކާއި ބަހަނާއެއް މިޝްލާ ސިކުނޑީގައި ރާވަމުން ގެންދިޔައެވެ. *
ޝަފްވާނަށް ނުނިކުމެވެނީސް މިއަލް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އަނެއްކާވެސް މިއަލް ނުފެނުމުން މާޔޫސް ކަމާއި އެކީގައި ޝަފްވާން ކާމޭޒު ދޮށުގައި އިށީނެވެ. “ކަލޭ ބުނެބަލަ އޭނަ ކައިރީ ކޮޓަރިން ނުކުމެބަލާށޭ…” ޝަފްވާން އަހުނަފް ކައިރީގައި ކުސްތަޅަން ފެށިއެވެ. “ކެތްލަވާބަލަ..!!” އަހުނަފް އެހެން ބުނެލީ ދެލޯ އަޅާލާފައެވެ. ޝަފްވާން އުޅެންފެށިގޮތުން މީހަކު އަޖައިބެއް ނުވާނެހެއްޔެވެ.؟
ބުރާސްފަތި ދުވަހެވެ. ހެނދުނުހެނދުނާއި މިޝަލް ގޮސް އިނީ އަތިރިމަތީގައެވެ. ބިންމަތީ ވެއްޓިފައި އޮތް ހަނި ގޮތްޕެއް ނަގާ ދޮންވެލިގަނޑުމަތީގައި ކުރަހަން ފެށިއިރު މިޝަލްގެ ތުންފަތްމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ރޭ ފެނުނު ރީތި ހުވަފެނުގެ ސަބަބުން މިޝަލް އިނީ ނުހަނު ހިތްހަމަޖެހިފައެވެ. އޮރެންޖްކުލައިގެ ގަޔަށް ދޫ ޓީޝާޓަކާއި ކަށިމައްޗަށްވުރެ ތަންކޮޅެއް މައްޗަށް އަރާވަރުގެ މުށި ރީނދޫ ކުލައެއްގެ ޖިންސެއް ލައިގެން ލައިގެން ހުދު ސްނިކަރސްއަށް އަރައިގެން އިންއިރު މިޝަލް ރީއްޗެވެ. ކެމެރާ ކަރުގައި އެލުވާލައިގެން ބޮލުގައި ސަންހެޓް އަޅައިގެން އިނުމުން ނަލައެވެ. ނަމަވެސް އަންހެންކުއްޖެއް ކަން ފާހަގަ ކުރަން ދައްޗެވެ. ޒައިހާންގެ މަރަށްފަހު އޭނަ ކުރި ހިތާމަ އާއި ހުރެ މާގަދަޔަށް ހިކުނީއެވެ. ކައްކަން ނޭނގޭތީ ގިނައިން މިޝަލް ކަނީ ބޭރުން ގެނެސް އޯޑަރ ކޮށްގެންނެވެ. ނޫނީ ބައެއްފަހަރު ކަޕްނޫޑްލްސް ނުވަތަ ރަމެން ހަދައިގެން ކައެވެ. މިޝަލް އެ އިންތިޒާރު ކުރަނީ ޝަފްވާން ދައްކާލާނެ އިރަކަށެވެ. ބުރާސްފަތި ދުވަސްތަކުގައި ޝަފްވާންވެސް ހެނދުނު އަތިރިމައްޗަށް ދާކަން މިޝަލްއަށް އެނގެއެވެ. ކުރިންވެސް ދެމީހުން އެހާ ގިނައިން ބޭރަށް ނުދިޔަކަސް ކޮންމެ ބުރާސްފަތި ދުވަހަކު ޝަފްވާންގެ ސްނެޕްތައް އޭނަ އަތިރިމައްޗަށް ގޮސް އުޅޭކަން އަންގައިދެއެވެ. މިޝަލް މާގިނައިރު އިންނާކަށް ނުޖެހުނެވެ. ޝަފްވާން ދައްކާލިއެވެ. ހުދުކުލައިގެ ޓީޝާޓަކާއި އައިސްބްލޫ ސޯޓެއްގައި ހުރިއިރު މިޝަލްގެ ހިތާއެކީގައި ނޭވާވެސް ދަމައިގަތްކަހަލައެވެ. ތަރުތީބެއް އިސްތަށިތައް ނިތްމައްޗަށް ވެއްޓިފައިވާއިރު މިޝަލްއަށް އެންމެ ކަމުދާ އާރޓިކް ބްލޫކުލައިގެ ދެލޯ ވަނީ ކަޅު އަވި އައިނަކުން ފޮރުވާލާފައެވެ. ދެޖީބަށް އަތް ޖަހާލައިގެން ކިތަންމެ އާދައިގެގޮތަކަށް ހިނގާފައި އަޔަސް މިޝަލްއަށް ޝަފްވާން ސިފަވީ ޕްރިންސެއް ފަދައިންނެވެ. ނިކަން ފިރިހެންވަންތައެވެ. މިޝަލް އަވަހަށް ތެދުވެ މާސްކް އަޅާ އޭނަ ކައިރީ ހުރި ދެ ކޮފީތަށި ނަގައިގެން ހިނގައިގަތެވެ. އަދި ޝަފްވާން ގާތު ހުއްޓި ނޫންގޮތަކަށް ކޮފީތަށި ދިއްކޮށްލައިފިއެވެ. ޝަފްވާން އައިނު ތިރިކޮށްލާފައި މިޝަލްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “މި ނޫން އެއްޗެއް ހެނދުނު ބޯތަން ނުފެންނާތީ..” ޝަފްވާންގެ ތޫނު ނަޒަރު އަމާޒު ވުމުން މިޝަލްއަށް ކިޔުނު ނުކިޔުނު އެއްޗެއް ނޭނގުނެވެ. ދެވަނަ ސިކުންތުކޮޅުގައި ބުނެވުނީ ކީއްކަން ރޭކާލާ މިޝަލް ތިރީ ތުންފަތުގައި ދައިގަތެވެ. މިހާރު ޝަފްވާން ހީކުރާނީ އޭނައަކީ ސްޓޯކަރއެއް ކަމަށެވެ. އިރުކޮޅަކު މިޝަލްގެ މޫނަށް ބަލަން ހުރެފައި ޝަފްވާން ހީނލިއެވެ. އަދި ކޮފީތަށި އަތުލާފައި އެތިފޮދެއް ބޯލައިފިއެވެ. “އެހާވަރުން ގަނެދިނީމައި ނުބޮއި ދޫކޮށްލާކަށް ނުވާނެދޯ..” ޝަފްވާން މިޝަލްއަށް ޝުކުރު އަދާކުރިއެވެ. “ފްރެންޑްސް..؟ އަހަރެން މީ މިޝަލް.. މަރިޔަމް މިޝަލް ޒާހިރު..” ސަލާމަށް އަތް ހިއްލާލަމުން މިޝަލް ބުނެލިއެވެ. ޝަފްވާން ފާޑަކަށް އެއަތަށް ބަލަހައްޓައިގެން ހުންނަން ފެށުމުން މިޝަލް ޕިސްޕިސް ކިޔާލިއެވެ. “އާނ ދެން މަޝްހޫރު މީހުން އަހަރެމެން ކަހަލަ ނިކަމެތިންނާއި އެކުވެރިވާކަށް ބޭނުމެއް ނުވާނެތާ..” މިޝަލް މަޑު އާހެއް ދޫކޮށްލާ އަތް ތިރިކޮށްލަން އުޅުނެވެ. “ޝަފްވާން.. ޝަފްވާން ވަހީދު..” ޝަފްވާން ޖެހިލުންވުމަކާއި ނުލާ މިޝަލް އާއި ސަލާމް ކޮށްލިއެވެ. މިޝަލްގެ ހިނިތުންވުން ފުޅާވިއެވެ. އެއީ ގަސްތުގައި އޭނަ ޖެހި މަޅިއެކެވެ. “ފޭމަސް ސިންގަރ.. އެންމެންގެ ހިތްތައް އަތުލައިގެން މި ބުރާސްފަތި ދުވަހުވެސް އަތިރި މަތީގައި ކީއްކޮށްލަނީ..؟” މިޝަލް ހުދުކުލައިގެ ބީޗް ބެންޗްގައި އިށީންނަމުން އަހާލިއެވެ. ޝަފްވާން ކޮފީބޮމުން އެތަނުގައި އިސްކޮޅާއި އެއްހަމަވާވަރުގެ ގާގަނޑުގައި ލެނގިލިއެވެ. “ކިހިނެތް އެނގުނީ ކޮންމެ ބުރާސްފަތި ދުވަހަކު އަހަރެން މިތަނަށް އަންނަކަން..؟” ޝަފްވާންވެސް އެހީ ސުވާލެކެވެ. “ސްނެޕް.. މި ބުނީ ސޯޝަލް މީޑިޔާގައި މި ސީނެރީ އަބަދު ހިއްސާ ކުރަންޏާ އެނގޭނެއްނޫންހޭ..؟” މިޝަލް ކަރުކެހެލިއެވެ. ޝަފްވާން އޯހްއޭ ކިޔާ ބޯޖަހާލިއެވެ. އަދި އަނެއްކާވެސް މިޝަލްގެ މޫނަށް ބަލާލިއެވެ. ދަންނަ ފާޑެއް ޖަހާތީއެވެ. “އަހަރެމެން ކުރިން ބައްދަލުވިތަ..؟” ޝަފްވާން އަހާލި ސުވާލުން މިޝަލްގެ ފުރާނަ ދަމައިގަތްހެން ހީވިއެވެ. ބޯހޫރައިގަނެފައި އަވަސްއަވަހަށް މިޝަލް ޝަފްވާންގެ މޫނަށް ބަލާލިއެވެ. “ވެދާނެ.. ޝޯއެއްގައި ކަމަށްވެސް..” މިޝަލް އަވަހަށް ބުނެލިއެވެ. ދެންވެސް ޝަފްވާން އޯހްއޭ ބުނެ ގާގަނޑުގައި ރަނގަޅަށް ލެނގިލީއެވެ. “އައި އެޑްމަޔަރ ޔުއަރ ވޮއިސް.. އިޓްސް ނައިސް..” މިޝަލް ކުރަން ނުކުރަން ހުރެފައި ތައުރީފް ކޮށްލިއެވެ. ޝަފްވާން ވަރަށް އާދައިގެ ގޮތަކަށް ޝުކުރިއްޔާއޭ ބުނެލިއެވެ. “ދެރަ ނުވާތި.. މަލާމާތަކަށް ބުނާ އެއްޗެއް ނޫން.. މަ ފުރަތަމަ ހީކުރީ ފިރިހެން ކުއްޖެއް ކަމަށް..” ޝަފްވާން އެހާ ސީދާސީދާކޮށް ބުނުމުން މިޝަލް ހައިރާންވިއެވެ. “ހެހެ.. ހީވޭދޯ..” މިޝަލްވެސް ޒާތަކަށް ހީނލާފައި އެއްބަސްވިއެވެ.
ޖެހިގެން އައި ދެ ހަފްތާ ދިޔައީ އަމާންކަމާއި އޮމާންކަމާއި އެކީގައެވެ. އެތައް ފަހަރެއްގެ މަތިން ޝަފްވާން މިއަލް އާއި ބައްދަލުވޭތޯ އުޅުނެވެ. ނަމަވެސް ނަސީބު ޝަފްވާންއާއި ރުޅި ހަދާލާފައިގެން އުޅޭ ފަދައެވެ. އެންމެ ފަހަރަކުވެސް މިއަލް އާއި ބައްދަލުވާގޮތެއް ނުވިއެވެ. ޝަފްވާންގެ ހަމައެކަނި މަގްސަދަކީ ގިޓާރ މިއަލް އާއި ހަވާލު ކުރުމެވެ. އެހިތުގައި މިއަލް އާއި ދޭތެރޭ އިހުސާސްތަކެއް މަޑުމަޑުން ނަމަވެސް އުފަން ވަމުން ދިޔަކަމެއް އެކަކަށްވެސް ނޭނގެއެވެ. އިތުރުން އަތިރިމައްޗަށް ދާ ކޮންމެ ފަހަރަކު އޭނައާއި މިޝަލްއާއި ބައްދަލުވެއެވެ. މަޑުމަޑުން ދެމީހުން އައީ އެކުވެރިވަމުންނެވެ. މިޝަލް ކޮންމެ ދުވަހަކުވެސް ހުންނަނީ އޭނަ އަންނަންވާއިރަށް ކޮފީ ގަނެދީފައެވެ. އެރަށް ދިޔަގޮތަށް މިޝްލާ ހުރީ އޭނަ ކުރިންވެސް މަޑުކޮށްގެން ހުރި އުތުރުކޮޅު ގެސްޓްހައުސްގައެވެ. ކަށީގައި ނެތް ހިތްވަރުލާފައި އެރަށަށް ދިޔަސް ރަށުގައި ފައި ބީއްސާލެވުމާއި އެކީގައި އެ ހިތްވަރު ދިޔަނުދިޔަ ތަނެއް ނޭނގުނެވެ. ޝަފްވާންއެކޭ އެއްފަދައިން ޔައުލާންވެސް މިއަލް އާއި ބައްދަލުވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔައެވެ. ރީއަލްގެ މެސެޖެއް ނުލިބުމުން ހާސްވި ނަމަވެސް ޔައުލާން ދިޔައީ ގަވައިދުން ރަށުތެރޭ އަތްފުނާ އަޅަމުންނެވެ. މިޝަލް ވެސް ޝަފްވާން ހާސިލު ކުރުމުގެ މަރުހަލާގައި އުޅެމުން ދިޔައީ އޭނަގެ އާއިލާގެ ބާކީ ތިބި މެންބަރުން ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. އެހާވަރަށް ފާޅު ނުކުރިޔަސް އޭނަގެ ކޮއްކޮ ދެކޭހިތުން މިޝަލްގެ ހިތް ބޭގަރާރުވެފައިވެއެވެ. އިންޓަރނެޓް މެދުވެރިކޮށް އެކޮޅުގައި ތިބޭ ދަންނަ ބައެއް މީހުންނަށް މިލްރީޝްވޭލީގައި އުޅޭ މީހުން ދަނޭތޯ އަހަންވެސް އެއްސެވެ. ރީއަލްއާއި ކިއަނާ ރަށުގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު ދެން ވާނެގޮތް ނޭނގޭހާލު ނަވާލް ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔައެވެ.
*****
“އެލްދައްތީ އިޓްސް ޔޯ ބިގް ދޭ..!!” އިރު ނާރަނީސް އިޒާ އައިސް މިއަލްއަށް އުނދަގޫ ކުރަންފެށިއެވެ. ހައިފާ ނޫން އިތުރު އަންހެނަކު ގޭގައި ނޫޅޭތީ މިއަލް އައުން އިޒާއަށް ވެގެންދިޔައީ ވަރަށް އުފާވެރި ކަމަކަށެވެ. މިއަލް ގޭގައި ހުރިއްޔާ އިޒާ މިއަލްގެ ފަހަތަކުން ނުފިލާނެއެވެ. ކަންއެގޮތަށް ވާތީ އަބަދު ވަރުބަލިވެފައި ހުންނަ ހައިފާއަށްވެސް ފަސޭހަވިއެވެ. މިއަލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. “ކީކޭ އިންނު..؟” މިއަލް އެއްސެވެ. “އިޓްސް ޔޯ ބިގް ދޭ..” އިޒާ ހެވިފައި މިއަލްގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. “ދޭ އެއް ނޫން ދޫނި.. ޑޭ.. ޑަވިޔަނި.. ނޯ ވެއިޓް ޑީ.. ޑީ ފޯރ ޑޭ..” މިއަލް އެގޮތްމިގޮތަށް ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން އިށީނެވެ. އިޒާ އެހެން ބުނުމާއި އެކީގައި މިއަދު މީ އޭނަ ކޮލެޖަށް ދާން ޖެހޭ ފުރަތަމަ ދުވަސްކަން މިއަލް ހަނދާންވިއެވެ. އިޒާ ގާތު ތައްޔާރު ވެގެން އެބަ ނިކުންނަމޭ ބުނެ މިއަލް ފާޚާނާއަށް ވަނެވެ. އޭނަ ފުރަތަމަ ދާން ޖެހޭނީ ލައިބްރަރީއަށެވެ. ދެގަޑިތިރީހުގައި ލައިބްރަރީން ނިމިގެން ގެއަށް ގޮސް ފެންވަރާ ކައި ހަދައިގެން ހަތަރެއް ޖަހާއިރަށް ޔަގީނުންވެސް ކޮލެޖަށް ދެވޭނެއެވެ.
ހުދުކުލައިގެ އަތްކުރު ޓީޝާޓެއްލާފައި މިއަލް ތިރިން ލީ ކްރީމްކުލައިގެ ފުޅާ ހަރުވާޅު ޓީޝާޓް އާއި ބެގީ ކޮށްލިއެވެ. އަދި ފޫކޮޅު ނިވާވާނެހެން ހުރި ދިގު މުށިކުލައިގެ ޖެކެޓް ލިއެވެ. އިސްތަށިގަނޑު ފުނާ އަޅާފައި މެސީ ޕޯނީޓެއިލްއަކަށް ހުޅިއެއް ޖަހާ ޗީޓަރހ ޑިޒައިން ހުރި ބޮޑު ދައްޗެއް ބޮލުގައި ޖެއްސެވެ. ދަބަހަށް އެއްޗެހި ހަމަކޮށްފައި މިއަލް އަތުގައި ގަޑި އަޅާފައި ފޯނު ހިފައިގެން ދުވެފައި ކޮޓަރިން ނުކުތެވެ.
“ހާދަ ލަހަކުން..؟” އަހުނަފް އޭރު އިނީ ތައްޔާރުވެގެން ސައިބޯށެވެ. “ހޭލެވުނުލެއް ލަސްވީ..” ދަބަސް ގޮނޑީގައި އަޅުވާލާފައި މިއަލްވެސް ސަޔަށް އިންސާފުކުރަންފެށިއެވެ. ސައިބޯން އިން ގަޑީގައި މިއަލް ކިއަނާ އާއި މެސެޖް ކުރިއެވެ. ޔައުލާންގެ ގާތުގައި އުޅޭތަން ނާހާނީތޯ ކިއަނާ އެހުމުން މިއަލް ހައިރާންވިއެވެ. އޭނަ ޔައުލާންއަށް އެތައް މެސެޖެއް ކުރި ވާހަކަ އާއި ޔައުލާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭކަމަށް މިއަލް ބުންޏެވެ. ޔައުލާންއަށް މިއަލް އުޅޭ ތަން އަންގާނެ ކަމަށާއި އާ ނަންބަރު ދޭނެކަމަށް ކިއަނާ ބުނުމުން މިއަލް އެއްބަސްވިއެވެ.
ދެވުނުހާ އަވަހަކަށް މިއަލް ފޮތްހަރުގަނޑުތައް ސާފުކުރަން ފެށިއިރު ޖީޝަމް ލިބުނު އާ ފޮތްތައް އެންޓަރ ކުރަނީއެވެ. ފޮތްހަރުގަނޑުތައް ރީތިކޮށްލާފައި މިއަލް އައިސް ފޮތުގައި ނަންބަރުކޮޅުތައް ހިއްޕަން އެހީވެދޭން ފެށިއެވެ. ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ.
ދެގަޑިބަޔަށް އަންނަން ޖެހޭ ކުއްޖާ އައުމުން މިއަލް ގެއަށް ދާން ހިނގައިގަތެވެ. ތާރު އަޅާފައިވާ ބޮޑުމަގަށް މިއަލް ނުކުތެވެ. ދާން އޮތް މަންޒިލަކީ އެހާ ކައިރިތަނަކަށް ނުވާތީ މިއަލް ކަންފަތަށް ހެޑްސެޓް ޖަހާލީ ލަވައެއް ޖަހާފައެވެ. “އިންފަރނޯ” ކިޔާ ލަވަ ޖަހާލައިގެން މިއަލް ކުރިއަށް ހިނގީ ލަސްލަހުންނެވެ. އެތައް ބަޔެއް ހުރަސްކޮށް ބަލަމުން ދިޔަސް މިއަލް ނުބެލިތާ ހަތަރުކަޅިވެސް ހަމަނުކުރިއެވެ. އެ އާދައިގެ ހެދުމުގައިވެސް މިއަލް ފެންނަނީ ރަސް ދަރިކަނބަލެއްހާ ރީތިކޮށެވެ. ރާޅުބާނި އިސްތަށިގަނޑުގެ ކޮޅުތައް ބުޅިވެސް މޫނުމައްޗަށް ވެއްޓިފައި ވާތީ އިތުރަށް ރީތިކަމަށް ދައްކުވައިދެއެވެ. މިއަލް ފޯނު ނަގާ ލަވަ ބަދަލު ކުރަން އުޅެނިކޮށް ފަހަތުން ވައިސޫރިއެއްހާ ބާރަށް އައިމީހާގެ ކޮނޑުން މިއަލްގެ ކޮނޑުގައި ޖެހި ނުވެއްޓުނީ ކިރިޔާއެވެ. ފޯނުވެސް އަތުގައި ހަރުލީ ކިރިޔާއެވެ. ވީތަދުން މިއަލް ދެލޯ ހަނިކޮށްލާފައި ބަލާލިއެވެ. މިއަލްގެ ލޮލުގައި އަޅައިގަތީ ތާރު މަތީގައި އޮތް ކަޅުކުލައިގެ ވޮލެޓެވެ. ދެން މިއަލްގެ ކަޅި އަމާޒުވީ މުޅިން ކަޅު ހެދުމުގައި ހުރި ބިރެއް ފެނިގެން ފިލަން ދުވާހެން ދުވަމުން ދިޔަ ފިރިހެން ކުއްޖާއަށެވެ. އެވޮލެޓަކީ އެކުއްޖާގެ ވޮލެޓްކަން އެނގުމުން މިއަލްވެސް އަޅާއިތިކޮށް ދުއްވައިގަތީ އެ ފިރިހެންކުއްޖާއަށް އެ އަނބުރާ ރައްދުކޮށްދޭށެވެ. ފަހަތުން އިވެމުން ދިޔަ ފުލުހުންގެ ކާރުގެ އަޑުވެސް މިއަލްއަށް ނީވޭ ކަހަލައެވެ.
ކިތަންމެ ބާރަށް ދުވެފައި ދިޔަސް މިއަލްއަށް އެ ފިރިހެންކުއްޖާ އާއި އަރާހަމަ ކުރެވުނީ އެތައްއިރެއް ފަހުންނެވެ. އެކުއްޖާ ދިޔައީ ގޯޅި އަޅަމުން ތަންތަނުގައި ފިލަމުން ކަމަށްވާތީއެވެ. މިއަލް ގޮސް އެކުއްޖާގެ ކޮނޑުގައި އަތް ބާއްވާލިތަނާހެން އެކުއްޖާ އެއަތް ފޮޅުވާލީ ނުހަނު ބާރަށެވެ. މިއަލް ގުދުވެ މައިނޭވާ ލާންފެށިއެވެ. އެ ފިރިހެން ކުއްޖާ ފަހަތަށް އެނބުރި މިއަލްގެ މޫނަށް ބަލާލީ ހައިރާންވެފައެވެ. “ޔޫ.. ވޮލެޓް..” މިއަލްއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. ވަރުބަލިގޮތަކަށް ވޮލެޓް ދިއްކޮށްލަމުން މިއަލް އިސްއުފުލާ ބަލާލިއެވެ. މިއަލްގެ ހައިރާންކަންވެސް އިން ފަހަނައަޅާ ދިޔައީ އެ އާރޓިކްބްލޫކުލައިގެ ދެލޯ ފެނިފައެވެ. މާސްކެއްތޯ އެހެން އެއްޗެއް އަޅައިގެން ހުއްޓަސް މިއަލްއަށް އެއީ ކާކުކަމެއް އޮޅުވައެއްނުލެވޭނެއެވެ. “ޔޫ…” މިއަލްގެ ދުލުން ބޭރުވިއެވެ. ޝަފްވާން އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ކޮރެއް ޖަހަމުން ކަހަލަގޮތަކަށް އެދިމާލަށް ދުވަމުން އައި މެދު އުމުރުގެ ފިރިހެން މީހާގެ އިތުރުން ބާރު ސްޕީޑެއްގައި އެދިމާލަށް ދުއްވާފައި އައި ފުލުހުންގެ ކާރުތައް ފެނިފައި ޝަފްވާން މިއަލްގެ އަތުގައިހިފާ ދުރަށް ދުއްވައިގަތެވެ. ފައިހުރި ބާރެއްލާ ޝަފްވާން މިއަލް އަތުގައި ފަނަރަވަރަކަށް މިނެޓް ވަންދެން ދުވިއެވެ. މިއަލް ހީވަނީ ދެންމެދެންމޭން އަނބުރައި ގަނެފާނެހެންނެވެ. އެވަރަށް ދުވެވިއްޖެ ވިއްޔާއެވެ. ޝަފްވާން ހަނިހަނި ގޯޅިތައް އަޅަމުން ގޮސް އެންމެ ފަހުން މަޑުކުރީ ކުޑަ ގެއެއްގެ ސިޑިގޮޅިތެރެއަށެވެ. އަޑެއްބަޑެއް ނީވޭ އެ ސިޑިގޮޅީގައި މިއަލްގެ އަވަސްނޭވާތަކުގެ އަޑު ހިފާލާފައިވެއެވެ
“އޭތް އޭތް.. ޔޫ އޯކޭ..؟” ޝަފްވާން މިއަލްގެ ދެއަތުގައި ހިފިއިރު އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިގެންވިއެވެ.
މިއަލް ކެއްސަމުން ކޮށިއަރަމުން ކަހަލަގޮތަކަށް ބޯ ޖަހާލިއެވެ. ހާސްވެފައި ޝަފްވާން މިއަލްގެ ކޮނޑު ގައި އޮތް ދަބަސް ހާވާލިއެވެ. ނަސީބަކުން އަތުގައި ފެންފުޅިއެއް ޖެހުމާއި އެކީގައި އެ ކަނޑާފައި ޝަފްވާން މިއަލްގެ ތުމުގައި ފެންފުޅި ޖެއްސިއެވެ. އަވަސް އަވަހަށް ފެންބޮމުން ދިޔަ މިއަލް ފެނި ޝަފްވާން ހުރީ އާޝޯހުވެފައެވެ. މިއީ ހަމަ މިލީންގެ ކޮޕީއެކެވެ. އެފްބީ އާއި އިންސްޓަގްރާމްފަދަ ތަންތަނުން ނުފެނުނު ކުއްޖާ މިއޮތީ ފެނިފައެވެ. އެތައް ރެއެއްގެ ނިދިނަގާލި އަންހެންކުއްޖާ މިވަނީ އަތުޖެހިފައެވެ. ލުއި ހިނިތުންވުމެއް ޝަފްވާންގެ ތުންފަތުގައި ކުޅެލިއެވެ. މިއަލް ހަމައަކަށް އެޅުނީ ފަސްވަރަކަށް މިނެޓްފަހުންނެވެ. ދާހިއްލާފޯވެފައި އިނަސް މިއަލްގެ ގައިން ނުބައިވަހެއް ނާރައެވެ. އިރުކޮޅަކު ލޯމަރާލައިގެން އެއްބައި ހަލާކުވެފައިވާ ގޮނޑިއެއްގައި ހަމަޖެހިލަން އިނދެފައި މިއަލް ލޯ ހުޅުވާލިގަޑީ ކަޅިވެސް ޖަހާނުލާ އޭނަގެ މޫނަށް ބަލަން ހުރި ޝަފްވާން ފެނިފައި ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. “އެކްސްކިއުޒް މީ..؟” މިއަލްއަށް ބުނެވުނެވެ. ތުންފަތުގައި އިނގިލި ޖައްސާލަމުންނެވެ. ޝަފްވާން ފެނުމުން އެ ހަނދާންތައް އާވެ ހަމަ އެހެން ހެދެނީއެވެ. ކުރިމަތީގައި އެހުރީ މިހުރިހާ ދުވަހެއް ވަންދެން އޭނަ ދެކެން ބޭނުންވި ސޫރައެވެ. ނުރައްކާތެރި ދަރަޖައަކަށް ރީތިކަން ލިބިފައިވާ އެ ފިރިހެންވަންތަ ކުއްޖާއެވެ. ކޮކާ ހަނދުވަރުގެ ތެރޭގައި ދިމާވި ޒުވާނާއެވެ.
“މޮޔަ ކުއްޖާ…” ޝަފްވާންއަށް ބުނެވުނެވެ. މިއަލް ޒާތަކަށް ޝަފްވާންގެ މޫނަށް ބަލާލީ އޭނަ އެހެން ބުނަން ޖެހުނު ސަބަބު ނޭނގިގެންނެވެ. “މީ މަގޭ ވޮލެޓެއް ނޫނޭ.. އެ ބިޔަ ފިރިހެން މީހާގެ ވޮލެޓޭ..” ޝަފްވާން މިއަލްގެ އަތުގައި އޮތް ވޮލެޓަށް އިޝާރާތް ކޮށްލާފައި ބުންޏެވެ. މިއަލް އެ ވޮލެޓުން އަތް ދޫކޮށްލީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ހީވީ ބިޗުލެއް އަތަށް ކަށިޖެހީހެންނެވެ. އޭނައަށް ވޮލެޓް ހިފައިގެން މި ދުއްވައިގަނެވުނީ ނުބައި މީހަކަށް ދޭންކަން އެނގުމާއި އެކީގައި މިއަލްއަށް ލަދުވެތިކަން އިހުސާސްކުރެވުނެވެ. ”އެކަމަކު ތި ގެނައިކަން ނަސީބު.. މަގޭ އަތުން ތި ވެއްޓުނީ..” ޝަފްވާން ކިޔަމުން ދިޔަ ވާހަކަތަކުން މިއަލްއަށް ފަހުމުވީ ޝަފްވާން އެމީހާގެ އަތުން އެ ނަގައި ދުއްވައިގަތްތަނާ އޭނަގެ ގައިގައި ޖެހި އެ ވޮލެޓް އޭނައަށް ގެއްލުންކަމެވެ. މިއަލް އިސްތަށިގަނޑު ރީތިކޮށްލީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އެހުރިހާއިރަކުވެސް މިއަލްގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތައް ދެކެން ޝަފްވާން ހުއްޓެވެ.
”އަހޫގެ ކޮއްކޮއެއް ދޯ..؟” މިލީން ނޫންކަން ޔަގީންކުރަން ޝަފްވާން ބޭނުންވިއެވެ. މިލީން މަރުވެދިޔަ ކަން ހަނދާންވިޔަސް ޝަފްވާންގެ ހިތުގައި ނޭނގޭ ބިރެއްވެއެވެ. “ޔެޕް..” މިއަލްގެ ހިތް އޭރުވެސް ޑަންޑަންލާފައި ތެޅެމުން ދިޔައެވެ. އެއީ ދެންމެ ހެސްކިޔާފައި ދުވި ދުވުމުގެ ސަބަބުން ކަމެއް ނުވަތަ ޝަފްވާން ދިމާކުރިމަތީގައި ހުރުމުން ވާގޮތެއްކަމެއް ބުނެދޭކަށް މިއަލްއަކަށް ނޭނގުނެވެ. “ނަން..؟؟” އޮޅުމަކުން ނަމަވެސް ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލާކަށް ޝަފްވާން ބޭނުމެއްނުވިއެވެ. މިވަގުތުކޮޅު ނައިސްގެން އޭނައަށް އިންތިޒާރުކުރެވުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. “މިއަލް…” މިއަލްގެ އަޑު ބޭރުވީ ހީކުރިވަރަށްވުރެ މަޑުންނެވެ. ނުތަނަވަސްވެފައި ހުރިވަރުން މިއަލްގެ އަތްފައި ފިނިވެފައިވެއެވެ. “އޯލްރައިޓް.. އަސްލު ބައްދަލުކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ..” ޝަފްވާން އެހެން ބުނެލީ މިއަލްގެ މޫނަށް ބަލަން ހުރެއެވެ. މިއަލް އެއްބުމަ ހިއްލާލީ ޝަފްވާން އޭނަގެ މޫނަށް އަރާފައިބާ ކުލަތައް ތަރުޖަމާކުރަމުންދިޔަކަން ރޭކާލުމުންނެވެ. އެއަހާލީ ކީއްވެތޯކަން ޝަފްވާނަށް ދޭހަވިއެވެ.
“ގިޓާރ…” ދުލުގައި ދަތް އަޅާލާފައި ޝަފްވާން ބުނެލީ ހީނލަމުންނެވެ. މިއަލް ދެލޯބޮޑުކޮށްލިގޮތުން ޝަފްވާންގެ ގާތަށް ހިނިއައެވެ. ހީވަނީ އޭނައާއި ވާހަކަނުދައްކަން ހުވާކޮށްގެން އިންހެންނެވެ. “މާދަން ނޫން އަނެއް ދުވަހު އެ ރިޓާރން ކޮށްފާނަން.. ކަމެއްގެ މަތިން..” ލާނެތް ހިނިތުންވުމަކާއި އެކީގައި ޝަފްވާން މިއަލްގެ ގާތަށް ޖެހިލިއެވެ. މިއަލްގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވިއެވެ. ނޭވާލާންވެސް ހަނދާންނެތިފައި މިއަލް އިނީ ޝަފްވާންގެ މޫނަށް ބަލަހައްޓައިގެންނެވެ. “ހޮނިހިރު ދުވަހު އޮންނާނެ އަތިރިމަތީގައި ޝޯއެއް.. އެ ބަލަން އަންނަމަތިން ދީފާނަން..” ޝަފްވާން މިއަލް ދެކެން ބޭނުންވެފައި ހުރިވަރުން ބުނެލިއެވެ. ފަސްޖެހުމަކާއި ނުލާ މިއަލް އެއްބަސްވިއެވެ. އުނދަގޫކަމެއްވެސް ނޫނެވެ. އޭނައަށް ގިޓާރ ލިބެނިކޮށް ނިމުނީއެވެ. ޝަފްވާން ނުގޮތަކަށް ބައްދަލުކުރަން ބުނީތީ މިއަލްގެ ހިތް ނަށާލިއެވެ.
”އަހަރެން ދަނީ.. ބައްދަލުވާނެކަމަށް އުންމީދު ކުރަން..” ޝަފްވާން ސިޑިގޮޅިން ނުކުމެ އޮބާލަންދެން މިއަލްއަށް މޭމަތީގައި އަތް ޖައްސާ ބާރުކޮށްލައިގެން ހުރެވުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.





Nice whn next waiting curiously ??
Thankyou so much Rooya Xek ?? Next insha allah 12th ga.. Tc stay safe dear
yooon are u a fan of Bella poarch? inferno is a song of her
BTW nice story keep the good work up!
Yepp igs hehe.. Thankyou so much Anuu that means so much ?? Will always try my best.. Stay safe tgc dear
Masha Allah.. Mi part vx vrh loabi and vrh reethi…. When next?? Curiously waiting for the next part…….. ❤️
Thankyou so much Faruha ?? Nxt insha allah Sunday ga.. Stay safe n tgc dear
Annyeon yoonss luwsss?❤
Masha Allah mo part vxx as usual Hama vrh noice ingeyy sweetie ❤❤❤
Its daebak ❤??
Mileen and mial meet vaane irakah Hama waitu kureveny? . Shafvaan kanthakugaa I’m so curious aslu milee and el kantha kuraane gothakah hehehe?❤❤
Anyways waiting for the next part ❤❤
Gud luck ❤❤
Ss an Tc ngeyy darl ❤❤
Luwssss yaaaaa❤❤
Thankyou so much dearlss ?? Thats so sweet of u.. Hehe lets see dhw.. Insha allah nxt soon. You stay safe n tgc too.. ly more n more ?
V reethi waiting for the next part??
Thankyou so much angle gurl ?? Stay safe n tgc dear
Nxt will b uplwded on 13th guys