ޝުދޫ******* (8) ވަނަ ބައި
” މިހާރު އެބައާދޭ.” އިމާން ބުނެލިއެވެ.
” ހާދަ ވަރަކަށް އެމޭޒަށް ތިބަލަނީ؟ އަނެއްކާ ދަންނަ ބަޔަކު ތިބީތަ؟” އިމާން އަނހާލިއެވެ.
” ދަންނަ ބަޔަކު ތިބީއެއްނޫން. ދަންނަހެން ހީވާ އަޑެއް އިވޭތީ މިބަލަނީ.” އަހަރެން މަޑުމަޑުން އިމާންއާއި ދިމާލަށް ބަލާލަމުން ބުނީމެވެ.
“އެހެންތަ؟ އެހެން ދަންނަ ކިތައްމެ އަޑެއްއިވޭނެ. އެހުރިހާ އަޑަކަށް ސަމާލުކަން ދޭކަށް ނުވާނެ. އެހެން އުޅެން ހަދައިގެން ގޯސް އަޑެއް އިވިގެން މީހާ ހަލާކުވެސް ވެދާނެ. މިހާރުވެސް ކުޑަކޮށް ތިދަނީ ހަލާކުވަމުން. ޝުދޫއަކާއި ޖެހިގެން ނުނެއްޓިގެން ތިއުޅެނީ. ތިހެން ނޫޅެބަލަ.”އިމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” ތީވެސް ދޮގެއް ނޫން. އެކަމަކު، ޝުދޫގެ ހިތްގައިމު އަޑު އަހަރެން މަސްތުކުރުވައިފި. އަހަރެންވެސް ވަރަށް ހައިރާންވޭ މިހެން ވާތީ. އެކަމަކު، ނުފެނިވެސް ހަމަ ލޯބިވަނީ. މިހެން ވިތަ އިމާންއަށް ދުވަހަކުވެސް؟” އަހަރެން މަޑުމަޑޫން ވާހަކަ ދެއްކީ ފަހަތުގައި ހުރި މޭޒުގައި ތިބި މީހުންނަށް އަޑުއިވިދާނެތީއެވެ.
“އަހަންނަކަށްނުވޭ. އަހަރެންގެ ގޮތަކީ އެހެންގޮތެއް. އަންހެން ކުއްޖާއާއި ވާހަކަ ދައްކާ ތިން ދުވަހުގެ ތެރޭގައި މޫނު ފެންނަންޖެހޭނެ. ދިމާވާން ޖެހޭނެ. ދެން އަހަރެން ހިތްކިޔާ ސިފައެއް ހުރިއްޔާ އަހަރެން ބޭނުންކަމެއް އަހަރެން ކުރާނަން.” އިމާން ހަމަޖެހިލަމުން ބުނެލިއެވެ.
” ދެން އަޅާނުލާ. އަސްލު އެމޭޒަށް މިބަލަނީ ޝުދޫގެ އަޑުއެތަނުން އިވޭތީ. ޝުދޫ މާލެއައިސްފި. އެކަމަކު އަދި ދިމަލެއް ނުވޭ. އަހަންނަށް ހީވަނީ އެތަނުގައި ޝުދޫ އެބައިންހެން. އެކަމަކު އަހަރެން ކިހިނެއްތަ އެއޮތް ބައިވަރު އަންހެން ކުދިންގެ ތެރެއިން ޝުދޫ ވަކިކުރަނީ؟” އަހަރެންގެ ފުރަގަހުގައި ހުރި މޭޒަށް އަހަރެން ބަލަންޖެހުނު ހަޤީޤީ ސަބަބު އިމާންއަށް ބުނެދިނީމެވެ.
” ދެން ވެސް ތެދުވެގެން އެމޭޒުގެ ކައިރިއަށް ދޭބަލަ. ގޮސް ވަކިވަކިން ކޮންމެ އަންހެން ކުއްޖަކާއި ސަލާމް ކޮށްބަލަ. އެއަށް ފަހު އަނހާބަލަ ތީ ޝުދޫހޭ؟ ތިހާ ފިނޑިވެގެން ދުވަހަކުވެސް ފިނިފެންމަލުގެ ފޮންޏެއް ނުބޮވޭނެ. ތިއުޅެނީ ހާދަ ކަޓްކޮށޭ.” އިމާން އަހަންނާއި ދިމާކުރަން ފެށިއެވެ.
” މިއޮތް ހުރިހާ މީހުންގެ ތެރޭގައި އަހަންނަކަށް ތިކަމެއްނުވާނެ. މިހުރިހާ މީހުންގެ ތެރޭގައި ޝުދޫ އަހަރެން ބޭޒާރުކޮށްލައިފިއްޔާ ކިހިނެއްތަ ދެން ހަދާނީ؟” ނަސަންދުރާގެ ތެރޭގައިވާ މީހުންތަކަށް އިޝާރަތްކޮށްލަމުން އަހަރެން ބުނީމެވެ.
” ޢާޒިމްއަކަށް ދުވަހަކުވެސް ތިކަމެއްނުވާނެ. ތިމާގެ ހިތުގަ ރިހޭ ރިހުން ދެން ހުންނަ އިންސާނެއްގެ ކުރިމަތީގައި ބަޔާން ކުރަން ނުކެރޭ އިންސާނަކަށް ދުވަހަކުވެސް ހަޤީޤީ ލޯބީގެ ފޮނި މީރުކަމެއް ނުލިބޭނެ. ދެން ހިނގާ ދާން. މިހާރު ދިހަގަޑި ބައިވާން ކައިރިވަނީ” ގަޑިއަށް ބަލާލަމުން އިމާން ބުނެލިއެވެ.
” ދެން ތިހެން ނުބުނޭ. ތީ މިކަމުގަ އަހަންނަށް ހިތްވަރު ދޭން ހުރި މީހަކީވެސް. ދެން މިވާހަކަ އިހަށް ނުދައްކަމާ. ކޮބާތަ އިމާން ގެންނަން ބުނި ބިޓުން ކޮޅު.” އިމާން ހަނދާން ނެތުނު ކަމެއް އަހަރެން ހަނދާންކޮށްދިނީމެވެ.
” އެމީހުން އެބަ އަންނަމޯ. އެކަމަކު ކުޑަކުޑަ އިރުކޮޅެއް ވާނެޔޯ. މަޑުކުރޭތަ؟” އިމާން އަހަރެން ގާތު އަނހާލިއެވެ.
” އޯ.ކޭ މަޑުކޮށްލިޔަސް. އިމާންއަށް ފެންނަ ގޮތެއް.” މާދަމާ އަކީ އޮފީސް ބަންދު ދުވަހެއްކަމުން އަހަންނަށް ފެންނަގޮތް ބުނީމެވެ.
” މަޑުކުރާނެ ކަމެއްނެތް. ދެން ހިނގާދަމާ.” އެހެން ބުނެފައި އިމާން ގޮނޑިން ތެދުވިއެވެ.
” އަހަރެން މިދަނީ ފާޚާނާއަށް ވަދެފަ.” އަހަރެން އެހެން ބުނީ ފަހަތު މޭޒުގައި ތިބި އަންހެން ކުދިންގެ މޫނުތައް ރަނގަޅަށް ބަލާލަން ބޭނުންވެގެންނެވެ.
ނަސަންދުރާގެ ޓްރެންޑްސް އިން މަޑުމަޑުން ހިނގާފައި އިމާން ނުކުމެގެން ދިޔައެވެ. އަހަރެން މޭޒުކައިރިން ތެދުވެގެން ހިނގައިގަތީ ޓްރެންޑްސްގެ ފާޚާނާއާއި ދިމާލަށެވެ. ދަމުން މަޑުމަޑުން ޝުދޫމެން ތިބި މޭޒަށް ބަލާލީމެވެ. މުޅިންވެސް ތިބީ ހުސް އެއްފުރާގެ އަންހެން ކުދިންނެވެ. އެކި ގޮތްގޮތަށް ބޯހަދާ، އެންމެ ފަހުގެ ފެޝަންވެލައިގެން ތިބި އިރު، އެތަނުން ޝުދޫއަކީ ކާކުކަން ހަމަ އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ގޮސް ފާޚާނާގެ ކައިރިއަށް ހުއްޓުނު އިރު، ދެފާޚާނާވެސް ބިޒީއެވެ. އެހެންވެ، އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. ތިންވަރަކަށް މިނިޓްވީއިރުވެސް، ފާޚާނާއަށް ވަން މީހުން ނިކުންނަގޮތެއް ނުވިއެވެ. ކުއްލިއަކަށް އެތަނަށް އައިސް ހުއްޓުނީ ޝުދޫގެ މޭޒުގައި އިން އަންހެން ކުއްޖެކެވެ. އަހަރެން ހިތަށް އެރިއެވެ. އެއީ ޝުދޫއަށް ވެދާނެއެވެ. އެހެންވެ، މަޑުމަޑުން އޭނާއާއި ވާހަކަ ދައްކާލާ ހިތް އަހަރެން ވިއެވެ. އެކަމަކު، ނުކެރުނެވެ. ޝުދޫއަށް ނުވެއްޖެއްޔާ އަހަންނަށް ލަނޑެއް ލިބިދާނެތީއެވެ. ހުރިހާ އަންހެން ކުދިންނަކީ މަޑުމައިތިރި ކުދިންނަކަށްވެސް ނުވާނެއެވެ. އަހަންނަށް ނުފެންނަ އަންހެން ކުއްޖެއްގެ ވާހަކަ އޭނާ ދަންނަ ކުއްޖެއްގެ ކައިރީގައި އެހުމުން އެމީހުން އެމީހުންނަށް ކޮންމެ ވާހަކައެއްވެސް ދައްކަފާނެއެވެ.
“ލޭޑީސް ފަސްޓް.” ފާޚާނާއިން މީހަކު ނިކުތުމުން އެ އަންހެން ކުއްޖާއަށް އިޝާރާތްކޮށްލާފައި އަހަރެން ބުނީމެވެ.
“ތޭންކްސް.” އަހަންނަށް އެއަޑު އެންމެ ވައްތަރީ ޝުދޫގެ އަޑާއެވެ.
އެއަންހެން ކުއްޖާ ނިކުންނަންދެން އަހަރެން ހުރީ އެތަނުގައެވެ.
” ކޮން ނަމެއްތަ ކިޔަނީ؟” ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކޮށްފައި އަހަރެން އަނހާލީމެވެ.
” ތީ މީހުންނަށް ކިޔާ ނަން ހޯދަމުން ދުވާ މީހެއްތަ؟” އެ އަންހެން ކުއްޖާވެސް ކޮށްލީ ސުވާލެކެވެ.
” ނޫނޭ. އަހަރެން ވަރަށް އަޑުއަނހާ އަޑަކާއި ވައްތަރުވީމަ އަނހާލީ. އަޅެ ދެން ބުނެބަލަ ޝުދޫތަ ކިޔަނީ؟” އަހަރެން ބުނީމެވެ.
” ނޫނޭ. އަހަންނަށް ކިޔަނީ ލުހާ. ޝުދޫ އަކީ އަހަރެންގެ ރައްޓެއްސެއް. އެތާނގަ ރަތް ޓޮޕެއް ލައިގެން އެއިނީ އޭނަ. ތީ އަނެއްކާ ކާކުބާ؟” އެއަންހެން ކުއްޖާ މަޑުމަޑުން ސުވާލުކޮށްލިއެވެ.
“ދެން އޯ.ކޭ” އަހަރެން ފާޚާނާއަށް ވަނީ އެހެން ބުނެފައެވެ.
ފާޚާނާއިން އަހަރެން ނިކުމެގެން އައިސް ބަލާލިއިރު، ޝުދޫމެން ތިބި މޭޒުގައި އެއްވެސް މީހަކު ނެތެވެ. އެހެންވެ، އަވަސް އަވަހަށް ބޭރަށް ނުކުމެ ބަލާލީމެވެ. އޭރު ކަޅު ކުލައިގެ ޕްރައިވެޓް ކާރަކަށް ޝުދޫ އަރަނީއެވެ. އަހަންނަށް އެހިސާބަށް ދެވުނު އިރު، އެކާރު ނައްޓާލައިފިއެވެ. ދެން އަހަރެން އަވަސް އަވަހަށް ސައިކަލާއި ދިމާލަށް މިސްރާބު ޖެހީމެވެ. ނަސަންދުރަ ކައިރީގައި ޓްރެފިކް ބޮޑު ވަގުތެއްކަމުން ސައިކަލަށް އަރާ ސްޓާޓްކޮށްގެން ދުއްވާލެވުނީ ދެތިން މިނިޓް ފަހުންނެވެ. އޭރު ޝުދޫ އެރި ކާރު ވީ ހިސާބެއް އިނގޭނީ ޝުދޫއަށާއި އެކާރުގައި ތިބި ބަޔަކަށެވެ.
ޝުދޫއާއި ބައްދަލު ނުވުމުން އަހަރެން އައީ ގެއަށެވެ. މަޑުމަޑުން އައިސް ގެއަށް ވަދެގެން އަހަރެން ދިޔައީ ސިޓިންގ ރޫމް ކައިރިން ކޮޓަރިއާއި ދިމާލަށެވެ. އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަށް ބާރަށް ދުވެފައި އައިސް މީހަކު ޖެހުމުންނެވެ. ދުވެފައި އައި މީހާ އައިލެއް ބާރުކަމުން އަހަރެން އަރި އަޅާލިއެވެ. އަރި އަޅާލިވަގުތު އެއްލި އަތް ތަޅުންގަނޑުގައި ރަނގަޅަށް ހަރު ނުލިނަމަ، އަހަރެން އޮންނާނީ އިދިކޮޅަށް ތަޅުން މައްޗަށް ވެއްޓިފަކަން ޔަޤީނެވެ. ސްކޫލުގައި އުޅުނު އިރު ކެޑޭޓްގައި އުޅެވުނުކަން ނަޞީބެކޭ ހިތަށް އެރިއެވެ. ތެދުވެ ބަލާލިއިރު، ސުހާ އޮތީ ތަޅުން މައްޗަށް ވެއްޓިފައެވެ. ނަޞީބަކުން އޭނާއަށް ތަދެއްނުވެއެވެ.
“އަނެއްކާ މިރޭވެސް ގޭތެރޭ ހަނގުރާމައެއް ހިނގާތީ، ދުޝްމަނުންނަށް ސުހާ ފިލަނީތަ؟” ތެދުވަމުން އަހަރެން އަނހާލީމެވެ.
” ކުރަތްޕެއް. ކުރަތްޕެއް. މަގޭ އެނދުމަތީ ކުރައްޕެއް. ނިދާފަ އޮތްވަ އުދުހިފަ އައިސް އެސުންޕާ ކުރަފި ޖެއްސީ މަގޭ ނޭފަތް މަތީގަޔޭ. ދެން ވެސް އަވަހަށް ގޮސް އެ ފައްސާލަބަލަ.” އެންމެ ފަހުން ސުހާގެ އެނދުން ކުރަފި ފަހަން މިޖެހުނީ އަހަންނާއި ތާއެވެ.
” ތީ ތިވާވަރު. ކުރަތްޕަކާ ހަނގުރާމަކުރަން ޖެހިގެން ތިދުވަނީ.” ސުހާމެން އުޅޭ ކޮޓަރިއަށް ވަންނަމުން އަހަރެން ބުނީމެވެ.
އަހަރެން ގޮސް ސުހާގެ އެދަށްބަލާލިއިރު، އެބުނާ ކުރަފި އޮތީ ސުހާގެ ބާލިސް މަތީގައެވެ. އަހަރެން އަވަސް އަވަހަށް ކުރަފީގެ ނަރުވާގައި ހިފާ، ކުރަފި ހިއްލާލީމެވެ. ދެން އެ ކުރަފި ހިފައިގެން ވަގުވަގަށް ގޮސް ސުހާގެ މޫނު މައްޗަށް ދިއްކޮށްލީމެވެ. ދެނަކާ ދެނެއް ނެތެވެ. ސުހާ އަޑުކޮޅަށް ހަޅޭއްލައި ގަތެވެ. ސުހާ ބާރަށް ހަޅޭއްލައިގަތުމުން، އަހަރެންގެ ކަންފަތް ބީރުނުވީވެސް ކިރިޔާއެވެ. އެހާވެސް ސުހާގެ ހަޅޭކުގެ އަޑު ގަދައެވެ.
“ދެންވެސް އަހަންނާއި ޒުވާބު ނުކުރާތި. ނޫނީ ކުރަފި ލާނީ އަނގަޔަށް.” ސުހާއާއި ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ.
” އޯކޭ. އޯކޭ. މައެ ހާރުގަޔާ. ތޫ ޖީތުގައީ.” ސުހާ ބިރުން ހުރެ ބުނެލިއެވެ.
އަހަރެން ގޮސް ކުރަފި މަރާލުމަށްފަހު، ޑަސްބިނަށްލީމެވެ. ހިތަށް އެރިއެވެ. އަންހެން ކުދިން ކުރަފިދެކެ ހާދަހާވާ ބިރެއް ގަނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ހާދަހާ ވާ ކުޑަކުޑަ ސޫއްޕެކެވެ. އެގައިމުވެސް، ވިހައެއް ނުލާނެއެވެ. ވީއިރު، މިވަނީ ކީއްހެއްޔެވެ؟ އެކަމަކު، މާދަމާވެސް ހަމަ ކަމެއްވާއިރަށް، ސުހާ އަހަންނާއި ޒުވާބުކުރާނެވެ. ކުރައްޕެއް ފެނުމުން އަހަރެންގެ ބޭނުންވެސް ޖެހުނީތާއެވެ. އަނެއްކޮޅުން، މިއަންހެންވެރިން އެމީހުން ހިތުން ވަރަށް ހިތްވަރު ގަދަވާނެއެވެ. އެކަމަކު، ކުރައްޕަކާ ޖެހުމުން ހީވާނީ އެމީހުންގެ ދުނިޔެ ނިމެނީހެންނެވެ. މިކަމަށް ޖެހޭނީ ދިރާސާއެއް ހަދާށެވެ.
” ކުރަފި މަރުގަޔާ. ދެން ސުހާ ގޮސް ސޯޖާ.” އަހަރެންވެސް ސުހާއާއި އެއްވަރަށް ހިންދީ ދަސްކުރެވޭތޯ މަސައްކަތްކުރަން ވެއްޖެއެވެ.
ސުހާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެން ގޮސް ފެންވަރާ ނިމިގެން އޮން ލައިން ވެލީމެވެ. ޝުދޫ އޮން ލައިންގަ އިންތޯއެވެ. ނަޞީބަކުން ޝުދޫ އިނީ އޮން ލައިންގައެވެ.
” މަށަށް ލަނޑެއްދިނީދޯ. އޯ.ކޭ” އަހަރެން ޗެޓުގައި ލިޔެފަ ފޮނުވާލީމެވެ.
” ނޫނޭ. އަހަރެންދެކެ، ލޯބިވާ މީހަކީ ކިހާ ކެތްތެރި ހިތްވަރުގަދަ މީހެއްތޯ މިބަލާލީ!” ޝުދޫގެ ހުރިހާ ޓެސްޓުތަކުން އަހަރެން ފާސްވާނީ ކޮން ދުވަހަކުން ބާވައެވެ؟
” އެހެންތަ؟ އަހަރެން ފާސްވީތަ؟ ދެން ބުނެބަލަ ކޮން ތާގުތަ ގެހުންނަނީ؟” އަހަރެން ބޭނުމީ ޝުދޫގެ ގޭކައިރިއަށްގޮސް ޝުދޫ ދެކިލާށެވެ.
” މާލޭގަ ބިންމަތީ ހުންނާނީ؟ އެވަރަށް ބުނެވޭނީ؟” ޝުދޫގެ ގެ ހުންނަތަން ބުނާކަށް ޝުދޫ ބޭނުމެއް ނޫނެވެ.
” ދެން ކޮން ދުވަހަކުންތަ ތި ސަމާސާ ކުރުން ހުއްޓާލާނީ. ޝުދޫއާއި ހުރެ، އަހަރެންގެ ހިތުގަ ލޯވަޅެއް އެޅޭހެންވެސް އެބަ ހީވޭ. އިނގޭތަ؟ މިހާރު ކުރިއަށްވުރެ، ހިތުގެ ހިނގުން އަވަސްހެންވެން ހީވޭ. އަހަރެން މަރުވެދާނެ ތިހެން ނަހަދާދެން.” އަހަރެން އާދޭހުގެ ރާގެއްގައި ބުނީމެވެ.
” މާދަމާ 10 ޖަހާއިރަށް އައި.ޖީ.އެމް ހޮސްޕިޓަލަށްދާތި. އަހަރެން ފަތިސް ފަތިހާ ތެދުވެ ޢާޒިމްއަށް ހިތުގެ ބަލީގެ ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓެއް ހައްދަދޭނަން. އެތާ ރެސެޕްޝަންގަ އިންނާނީ އަހަރެންގެ ދައްތަ. އަދި ޢާޒިމް މަރުވެގެން މިވާހަކަ ރީއްޗެއް ނުވާނެ.” ޝުދޫއަކީ ދިމާކުރަންވެސް އެއްވަނައެވެ.
=ނުނިމޭ=
5 Comments!
Comments are closed.
yeeyyyy im first dww.. reethi awahah up kurahcheyyy.. thankolheh kuru
Ooooooops I’m second its too short but nice!!! Waiting for the nest part
Waiting 4 next part… Mi baives v reethi BT short
wow salhi.. 🙂
alhe plz plz plz meege aney bai