ކޮޓަރިއަށް ވަނުމާއިއެކު ފެނުނީ މޭޒުމަތީގައި ބަހައްޓާފައިވާ ކުޑަ ޕާރުސަލެކެވެ. ވަރަށް ރީތިކޮށް ފުރިހަމައަށް ޕާރުސަލްކޮށްފައިވާ ކުޑަކުޑަ ފޮއްޓެކެވެ. މަޑުމަޑުންގޮސް އެ ހުޅުވާލީމެވެ.
ފެނުނީ ވަރަށް ރީތިކޮށް ހަދާފައިވާ ދަޢުވަތު ކާރޑެކެވެ. އަގު ވަރަށް ބޮޑުވާނެކަން، ބަލާލުމުންވެސް އިނގުނެވެ. ވަރަށް މޮޅަށް ފަރުމާކޮށް ހަދާފައިވާ ކާރޑެކެވެ. ވެޑިން އިންވިޓޭޝަނެކެވެ. ހަދާފައިވާ، ކުޑަކުޑަ އުނދޯއްޔެއްގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އިށީދެގެން ތިއްބެވެ. ވަރަށް ގައިގޯޅިވެގެނެވެ. ދެން ލޮލުގައި އަޅައިގަތީ އެ އަންހެން ކުއްޖާގެ ގައިގައި ޖަހާފައިވާ ނަމެވެ. “ނާއީ” މިހެން ޖަހާފައި ވެއެވެ. އަހަރެންގެ މެޔަށް ހީވީ ފިނިވެގެން ދިޔަ ހެނެވެ. ދެން ރަނގަޅަށް ކާރޑްކިޔާލީމެވެ. ހުރިހާ ކަމެއް ސާފްވީ ދެނެވެ. އެއީ ނާއީގެ ކައިވެނީގެ ދަޢުވަތެވެ. އެންމެ ފަހުން އަހަންނަށްވެސް އައީއެވެ. މިދުވަހާއި ކުރިމަތިލާން ޖެހުނީއެވެ.
ދެން ނުވިސްނުނެވެ. އަވަހަށް އެނދުގައި އޮށޯތީމެވެ. މަޑުމަޑުން ދެލޯ މަރާލަން މަސައްކަތްކުރީމެވެ. ނުމެރުނެވެ. ވަރަށް ހިތްވަރު ކުރެވިއްޖެއެވެ. އެކަމެއް ނުވިއެވެ. ހަމަ ހަނދާންވަނީއެވެ. އެ ދެއަކުރުގެ ނަމެވެ. ފެންނަހެން ހީވަނީއެވެ. އެ ފަރިފަރި މޫނެވެ. ދެކޭ ހިތްވަނީއެވެ. އެ ލުއި ހިނިތުންވުމެވެ. ބީހޭހިތްވަނީއެވެ. އެ ތުނިތުނި ޖިސްމުގައެވެ. ހުސް އުންމީދެވެ. ދެން ނުވާނެކަންކަމެވެ. އެކަމަކުވެސް ހަމަ އެދެވެނީއެވެ. ހިތް ކިޔަނީއެވެ. ބޭނުންވެސް ވަނީއެވެ. އިންސާނާގެ ހިތަކީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ. ނުލިބޭނެކަން އިނގޭއިރުވެސް ހަމަ އެދެވެއެވެ. ބޭނުންވެސް ވެއެވެ.

ދެވަނަ ފަހަރަށް ކާރޑަށް ބަލާލީމެވެ. ނާއީގެ ދިރިއުޅުމުގެ ފެށުމެވެ. އެކަމަކު، އަހަރެންގެ ދިރިއުޅުމުގެ ނިމުންކަން ނޭނގެއެވެ. މީހުން ބުނެއެވެ. އެއް ބައެއްގެ ގުޅުމަކީ އަނެއް މީހާގެ އެކަނިވެރިކަމެވެ. މިއަދު ޤަބޫލުކުރެވެއެވެ. ހުރިހާ ކަމެއް ފެނުމުންނެވެ. އެކަމަކު، ހިތް ދެކޮޅު ހަދަނީއެވެ. ކީއްވެގެން ހެއްޔެވެ؟ ހިތެއް ބަދަލެއް ނުވާނެއެވެ. ވަގުތާއި ތަނާއި ޙާލަތު ބަދަލުވެދާނެއެވެ. އެކަމަކު، ލޯބި އެހެނެއް ނުވާނެއެވެ. އަބަދުވެސް ދެމި ހުންނާނެއެވެ.
އަދިވެސް ހަނދާން އެބަހުއްޓެވެ. ނާއީގެ ހުރިހާ ފޮޓޯތައް ދައްތަމެން ގެއިން އަހަރެން ހޯދިގޮތެވެ. ގޭގައި ހެއްދި ކެކުރިވެލުން އެންމެނަށް ވަގަށް ނާއީއަށް ކެކުރި ގެންގޮސްދިން ގޮތެވެ. އަހަރެންގެ އަތުގައި އަދިވެސް އެބައޮތެވެ. ނާއީ ފިރުކުރު ދުވަސްވަރު ނާއީގެ ބައްޕަ، ނާއީގެ ފޮޓޯޖަހައިގެން ހަދާފައިވާ ލޯގޯއެވެ. އެއްވެސް މީހަކަށް އެއެއް ނުލިބޭނެއެވެ. އެކަމަކު، ތަޞްވީރަކުން ކުރާނީ ކީއްހެއްޔެވެ؟ މީހަކު ބުނެދާނެއެވެ. އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ. ކޮންމެވެސް ވަރެއް ނަމަވެސް އަހަންނަށް ފުދެއެވެ.

އަހަންނަކީ އެހާ ނަޞީބުގަދަ މީހެއްނޫނެވެ. އެކަން، މިއަދު މިޤަބޫލުކުރީއެވެ. އަހަރެންގެ ދިރިއުޅުމުގައި ހުރިހާވެސް އެއްޗަކީ ނާއީއެވެ. އެކަން ބުނެދެން ވަރަށް މަސައްކަތްކުރީމެވެ. ކިތަންމެ ސިގްނަލެއް ފޮނުވީމެވެ. ނާއީގެ ގޭގެ ބެލްކަނިން ވެއްޓުނު ނާއީގެ ރަބަރާއި ފަންސުރު އަދިވެސް އަހަރެންގެ އަތުގައި އޮންނާނެއެވެ. އެކަމަކު، ނުކުރެވުނީ އެންމެ ކަމެކެވެ. އެއިންވެސް ނާއީ ބޭނުންވާ ފަދަ ފުރިހަމަ ތަޞްވީރެއް ނުކުރެހުނުކަމެވެ. ނުވަތަ ނާއީ ބޭނުންވަފަދަ ޢިބާރާތްތަކެއް ނުލިޔެވުނުކަމެވެ.

ދިރިއުޅުމުގައި ހުރިހާ އެންމެންގެވެސް އަމާޒެއް ވެއެވެ. އަހަރެންގެ އަމާޒަކީ އެއީއެވެ. މަންޒިލަކީ އެއީއެވެ. އުންމީދަކީވެސް އެއީއެވެ. ހިތުގައި އެނޫން ނަމެއް ނެތެވެ. ވަރަށް ހިތްވަރުކުރެވިއްޖެއެވެ. ހިތުން ފިލުވާލުމަށެވެ. އެކަމަކުވެސް ނުވިއެވެ. ހިތަށް އަރުވަން ބޭނުންނުވާ މީހާގެ ނަންވެސް، ހިތުން ނުފިލުވޭ ފަހަރު އާދެއެވެ. އެހެން މީހެއްގެ މިލްކަކަށްވިޔަސް އަދިވެސް ހަމަ ބޭނުން ވަނީއެވެ. ލޯބީގެ މާނައަކީ ފިދާވުމެވެ. ނެތިދިއުމެވެ. ފަނާވުމެވެ. ހަފުސްވުމެވެ. ޗިސްޗިސްވެ، ހަލާކުވުމެވެ. އަހަރެން ހަލާކުވެދަނީ ކަންނޭނގެއެވެ.
އެހާ ހިތްވަރު ނެތުނީ ކީއްވެގެން ހެއްޔެވެ؟ މިރޭ އަހަރެން ބޭނުމީ ރޯލާށެވެ. ކަރުނަ ހިކެންދެނެވެ. ދެން އަހަރެންގެ އެންމެ ގާތް އެކުވެރިއަކަށްވާނީ، ކަރުނައެވެ. ބައިވެރިއަކަށް ހަދަން އެއަށްވުރެން ރަނގަޅު އެއްޗެއް ނެތްކަން ނޭނގެއެވެ. އަޑުއަހަމެވެ. ފޮނިކަރުނައިގެ ވާހަކައެވެ. ދުވަހަކުވެސް އަހަންނަށް އެއެއް ނުފެނެއެވެ. ދިރިއުޅުމުގައި ވަނީ ވޭނެވެ. ހިތްދަތިކަމެވެ. ރިހުމެވެ. ކެކުޅުމެވެ. މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. ލޮލުގައި ކަރުނައެވެ. ހިތުގައި ޝަކުވާއެވެ. އެކަމަކު ނާއީ އަޑުއަނހާނެ ހެއްޔެވެ؟ ކުރިން ނުބުނެވިގެން ވީ ކަމެއް ނަމަވެސް މައްސަލައެއް ނެތެވެ. އޭރުން އަހަންނަކަށްވެސް ޝަކުވާއެއް ނުކުރެވޭނެއެވެ. މައްސަލައެއްވެސް ނުޖެއްސޭނެއެވެ.

ނަމަވެސް، މިއަދު ނާއީ އަހަރެންގެ މިލްކަކަށް ނުވާނެއެވެ. ހަދަން ކިތަންމެ ބޭނުމަސް ދެން އެކަމެއް ނުވާނެއެވެ. އެއީ އެހެން މީހެއްގެ މިލްކެކެވެ. އެހެން މީހެއްގެ މިލްކަކަށްވެ އެކަން އެނިމުނީކަން ނޭނގެއެވެ. ދެން އަހަންނަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ނާއީގެ ބޮޑު ފޮޓޯ ގަޑަށެވެ. މަޑުމަޑުން ގޮސް އެފޮޓޯ ގަނޑުގެ ކައިރީގައި ހުއްޓިލީމެވެ. އަދި އަހަރެންގެ ކަނާތުން އެ ފޮޓޯގަނޑުގައިވާ ނާއީގެ ތުނިތުނި ތުންފަތްމަތީގައި ފިރުމާލީމެވެ. ކަޅި ހުއްޓާނުލާ، އަހަރެން ނާއީގެ އެތަޞްވީރަށް ބަލަން ހުރީމެވެ. އެއީ އަހަރެން ބޭނުންވާ ގޮތެވެ. އެހާވެސް ނާއީއާއި ގާތުގައި ވުމަށެވެ. ދުވަހަކުވެސް ލޯމަތިން ގެއްލިގެން ނުދިއުމަށެވެ. އެކަމަކު، މިއަދު މިއޮތީ މުޅިން އެހެން ގޮތަކަށް ބަދަލުވެފައެވެ. މިފަދަ ދުވަހެއް ޙަޔާތުގައި އަންނާނެކަމަށް ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ނާއީ އަކީ އަހަރެންގެ ޙައްޤެކެވެ. އަހަރެން އަބަދުވެސް ދެކެމުން އައީ އެގޮތަށެވެ. އެއީ ހުވަފެނެއް ނޫނެވެ. ޙަޤީޤަތަކަށް ހަދަން ވަރަށް މަސައްކަތްވެސް ކުރެވުނު ކަމެވެ. ނަސީބުގައި ވާން ނެތުން އެއީ އަހަރެން ކުރާނެ ކަމެއް ނޫނެވެ. އެއާއި ޖަދަލެއް ނުކުރެވޭނެއެވެ. އެކަމަކު، އެހެން މީހަކަށް ނާއީ ހިތް ދިން އިރު އަހަރެން ގާތު އަނހާލަންވެސް ކީއްހެއްޔެވެ؟ ލޯބި ދަސްވުމުން ގުޅާލައްޗޭ، އަހަރެން ނާއީ ގާތު ބުނީމެވެ. މި ހުރިހާ ދުވަހު އަހަރެން ބެލީ ނާއީގެ ފަރާތުން އިޝާރާތެއް ވޭތޯއެވެ. ފެހި ސިގްނަލެއް ނަމަވެސް ލިބޭތޯއެވެ.
މަޑުމަޑުން އަހަރެންގެ ލޮލުން ކަރުނަ ފާދާލީއެވެ. އެކަރުނައިގައި ވަނީ ހިތާމަވެރިކަމެވެ. މަޑުމޮޅިވެރިކަމެވެ. ޙަޔާތަށް ހުއްޓުމެއް އައި ކަހަލައެވެ. ހީވެސް ނުކުރާ ގޮތަކަށް ކަންތައް ދިމާވުމުންނެވެ. ދުވަހަކު، ވިސްނުމަށްވެސް ނާންނަ ކަމެއް ކުރިމަތި ވުމުންނެވެ. އެހެނަސް ހަމަ ޤަބޫލުކުރަންވެސް އަހަންނަށް މަޖުބޫރެވެ. އެކަމަކު ހިތް އެކަން ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ޚުދު އަހަންނަށްވެސް ނޭނގެއެވެ.

ކުއްލި އަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، މަންމަ އެތެރެ އަށް ވަނެވެ.
” ދަރިފުޅާ. ހޮޅިބުރިވެސް ނުދިއްލާތަ ތިއޮންނަނީ؟ މިހާރު އިރުއޮއްސުނިއްޔޭ.” ހޮޅި ބުރި ދިއްލާލަމުން މަންމަ ބުނެލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އެހެންވެ، އަހަރެން ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން މަންމައަށް އިނގޭނެއެވެ. އެހެންވެ މަންމަ އިތުރަށް ވާހަކައެއް ނުދައްކާ ދިޔައެވެ.

މިރޭ އަހަރެން ބޭނުމީ އަނދިރީގައި އޮންނާށެވެ. ޙަޔާތުގައި ދިއްލި ހުޅުކޮޅު ނިވެމުންދާތީއެވެ. ދިރިއުޅުމުގައި އަހަންނަށް ލޯބި ދަސްވީ ނާއީ ފެނުމުންނެވެ. އިޝްޤީ ޖަޒުބާތުގެ އޮއިވަރު ހިތުގައި ދައުރުވީ ނާއީގެ ތުނިތުނި ނާޒުކު ތުންފަތް ފެނުމުންނެވެ. ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބެނީ ނާއީގެ ލުއި ހިނިތުންވުން ފެނުމުންނެވެ. ޙަޔާތުގެ ދަންމަރުގެ އަލިކަން އިތުރުވީ ނާއީގެ ތޫނު ކަޅިރަވައިގެ ސަބަބުންނެވެ. ހިތުގެ ހުރިހާ ރިހުމެއް ފިލަނީ އެ ނާޒުކު އަޑުގެ މިޔުޒިކުންނެވެ. އެކަމަކު، ދެން ދުވަހަކުވެސް މިއިން އެއްވެސް ކަމެއް ނުވާނެއެވެ. ދެން ދުވަހަކުވެސް ނާއީ ފެންނާނެކަމެއް ނޭގެއެވެ. އިނގުނުގޮތުގައި ނާއީ އިންނަން އުޅެނީ ވަރަށް މުއްސަނދިމީހަކާއިއެވެ. ކުޑަ ދުވަސްކޮޅަކުން ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރާނެއެވެ. އެދުވަހަކުން އަހަންނަށް ވާނީ ކިހިނެއްކަންވެސް ބުނެދޭކަށް ނޭނގެއެވެ.

ދިރިއުޅުމުގައި އަހަރެން ރޯކުރި ޙަޔާތުގެ ހުޅުކޮޅު ދެން ނިވޭނީ ބާވައެވެ؟ އަހަރެންގެ ދިރިއުޅުމުން ލޯބި މިލަފްޒްދެން ނެތިގެން ދަނީ ހެއްޔެވެ؟ ދިރިއުޅުން އެފުށް މިފުށަށް ޖެހެނީހެއްޔެވެ؟ މީހަކަށް ނޭގުނަސް އަހަރެންގެ ކަބަޑު ހުޅުވާ އިރު ފެންނަން ހުންނަ ތަޞްވީރަކީ ނާއީގެ ތަޞްވީރެވެ. ދިރިއުޅުމުގެ ހުރިހާ ކަމަކާއި ގުޅިފައިވަނީ އެ ތަޞްވީރެވެ. ދާދި މިދާކަށް ދުވަހުވެސް އެތަޞްވީރު އެތަނުން ވެއްޓި، ކުޑަ ހިނދުކޮޅަކަށް ގެއްލުމުން އަހަންނަށްވި ގޮތް ބުނަށް އަހަންނަށް އަދިވެސް ނޭނގެއެވެ. މިރޭ މިގެއްލުނީ ނާއީއެވެ. ދިރިއުޅުމުގެ ހުރިހާ އެއްޗެކެވެ. މިހާރު އަހަރެންގެ ހިތްވަރު ނެތިއްޖެކަހަލައެވެ.

ކުއްލިއަކަށް ބާރު ވައިރޯޅިއެއް ޖެހިލިއެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާފައި ހުރުމުން އެ ވައިރޯޅީގެ އިޙްސާސް އަހަންނަށް ކުރެވެއެވެ. އެ ވައިރޯޅި ޖެހިލުމާއިއެކު، ފާރުގައި ހަރުކޮށްފައި ހުރި ނާއީގެ ތަޞްވީރު ވެއްޓިއްޖެއެވެ. އަހަރެން އެއްލި އަތުންވެސް އެ ހިފެހެއްޓޭވަރެއް ނުވިއެވެ. ތަޞްވީރު ވެއްޓުމާއިއެކު، އޭގައިވާ ބިއްލޫރިތައް ތަޅައިގެން ގޮސް މުޅި ކޮޓަރި ތެރެއަށް ބުރައިގެން ދިޔައެވެ. މަޑުމަޑުން ނާއީގެ ތަޞްވީރު ނަގަން އަހަރެން މަސައްކަތްކުރީމެވެ. އެކަމުގެ ތެރޭގައި ބިއްލޫރިކޮޅެއް އަހަރެންގެ އަތަށް ހެރުނެވެ. އެހެންވެ، ވަރަށް ބާރަށް އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

ކުއްލިއަކަށް ހޭލެވުނީ އެހިސާބުންނެވެ. ދެން ބަލާލެވުނީ ގާތުގައި ނާއީ އޮތްތޯއެވެ. ވަރަށް ލޯބިލޯބިކޮށް ނިދާފައި ނާއީ އޮތެވެ. އަހަރެން މަޑުމަޑުން ނާއީގެ އަތުގައި ހިފާ ބާރުކޮށްލީމެވެ. އަދި ވަރަށް ކައިރިއަށް ޖެހިލީމެވެ. ނާއީއަށް ހޭލެވުނީ އެހިސާބުންނެވެ.

” ހައިކަލް. ހާދަ ހާސްވެފަ! ކިހިނެއްވީ؟ ނުބައި ހުވަފެނެއް ފެނުނީދޯ؟” ނާއީ ސުވާލުކޮށްލިއެވެ.
” ނޫން. ހަމަ ކުއްލިއަކަށް ހޭލެވުނީ.” ކުރިއަށްވުރެން ނާއީ ކައިރިކޮށްލަމުން އަހަރެން ބުނީމެވެ.
” ދުވަހަކުވެސް އަހަންނާއި ވަކިނުވައްޗޭ؟” އަހަރެން ބުނީމެވެ.
” އެދުވަހެއް ނާންނާނެ.” ނާއީގެ އެލަފްޒުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

ހުރިހާ އުފަލެއް ލިބުނުކަހަލައެވެ. މަޑުމަޑުން ނާއީގެ ބޮލުގައި އަހަރެން ފިރުމަމުން ދިޔައީމެވެ. އަދި އަހަންނާއި އެންމެ ކައިރިކުރެވެންއޮތް އެންމެ ކައިރިއަކަށް ނާއީ ކައިރިކޮށްލީމެވެ. އެއީ އަހަރެން އަބަދުވެސް ބޭނުންވާގޮތެވެ. ތެދެކެވެ. ބައެއް ރިހުންތަކުން ވޭން ލިބޭކަން އަހަންނަށްވެސް ޤަބޫލުކުރެވެއެވެ. އެހެނަސް، މިފަހަރު އަހަރެންގެ ހިތުގެ ރިހުމުން އަހަންނަށް ފޮނިކަމެއްވެސް ލިބުނެވެ.
(ނިމުނީ)

6

7 Comments

 1. Green

  July 29, 2015 at 12:55 am

  Reethi : D

 2. fizaan

  July 29, 2015 at 7:16 am

  salhi… <3

 3. suray

  July 29, 2015 at 1:26 pm

  Then ok…

 4. maahy

  July 29, 2015 at 2:28 pm

  salhi 🙂

 5. naxx

  July 29, 2015 at 6:30 pm

  v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v reethi….:-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-):-)

 6. dim

  August 17, 2015 at 12:11 pm

  essay eh dho

 7. ali

  October 11, 2015 at 3:30 pm

  Ok good

Comments are closed.