* “އެހެންތަ..؟ ބޭބެ ޖައްސާލަން ދާން އުޅެނިކޮށް ތި ދަނީ.. ކޮން ރައްޓެހި ކުއްޖެއް..؟ އެކޮޅު ރަށުގައި ވެސް އުޅޭނެ ބޭބެ ދަންނަ ކުދިން..” ނަވާލް އެތެރެއަށް ވަންނަމުން ސުވާލު ކުރިއެވެ. ”ޒައިހާން ދަންނަންތަ..؟ ނޫނީ މިޝްލާ..؟” ޔައުލާންގެ ދުލުން ބޭރުވި ޖުމްލައިން އެތެރެއަށް ވަދެ ވަދެހުރި ނަވާލް އަމިއްލަ ފައިދަތިއެޅި ނުވެއްޓުނީ ކިރިޔާއެވެ. ދޮރުކަނީގައި އަތް ޖައްސާލެވުނުކަމީ ނަވާލްގެ ނަސީބެވެ. “ޔުއެލް ތި ދަނީ މިލީން ހޯދަންތަ..؟” ބޭއިޚްތިޔާރުގައި ނަވާލަށް އެހިއްޖެއެވެ. “އާނ.. ބޭބެ ލީން ދަންނަނީތަ..؟” އޮޅުންފިލުވަން ބޭނުންވާފަދަ ރާގަކަށް ޔައުލާން އެއްސެވެ. “ނޫން.. މިބުނީ އާނ…” ހާސްވެފައި ހުރިވަރުން ނަވާލްގެ ދޫއޮޅޭގޮތްވިއެވެ. މިލީން އެއީ އޭނާގެ ދަރިއެކޭ ނަވާލް ބުނާނީ ކޮން ދުލަކުން ހެއްޔެވެ.؟ *

“އޯކޭ..” ޔައުލާން އެއްބުމަ އަރުވާލާފައި މިއަލްއަށް ނުކުންނާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. “އެލް..!” ނަވާލް އެއްލިއަތުން މިއަލްގެ އަތުގައި ހިފިއެވެ. ޔައުލާން އަދި މިއަލް ވެސް ނަވާލްގެ މޫނަށް ބަލާލީ ފާޑަކަށެވެ.

“އެލް ގޮވައިގެން ބައްޕަ މިހަވީރު އުޅުނީ ބައެއް އެއްޗެހި ގަންނަން ދާންވެގެންނޭ..” މިއަލް އެތަނަށް ދިޔުން ހުއްޓުވަން ވެގެން ނަވާލް ހުރީ ކޮންމެކަމެއް ކުރަންވެސް ތައްޔާރަށެވެ. “އެކަމަކު ދެންމެއެއް ނޫންތޯ ބޭބެ ތިބުނީ ޖައްސާލަންދާ ވާހަކަ..؟” ޔައުލާން އެހެން ބުނެލުމުން ނަވާލަށް ރުންކުރު ބެލުމެއް ހަދިޔާ ކޮށްލެވުނެވެ. އަނގަމަޑުން ލައިގެން ހުންނާށޭ ބުނާފަދަ ބެލުމެކެވެ. “ބޭބެ ހަނދާން ނެތުނީއޭ..” ނަވާލް ބުންޏެވެ. “އަދި އިނގޭތަ ނަވާލްބޭ..؟ ލީން އާއި މިއަލް ހާދަ ވައްތަރޭ…” ޔައުލާން ފެށި ވާހަކައިން ނަވާލް އިތުރަށް ހާސްވެ ދާހިއްލާ ގޮތްވިއެވެ. “އެހެންތަ..؟ އިއްތިފާގެއްދޯ..؟ އެލް އިހަށް ގޮނޑީގައި އިށީނދެލާ.. ބައްޕަ އެބަ ނުކުންނަން.. ޔުއެލް ދަރިފުޅާ މިއަދު އެކަނި ގޮސްލާ އިނގޭ..” ނަވާލް ބުނާނެ އެއްޗެއް ބުނެފައި އަވަހަށް އެތެރެއަށް ވަނެވެ.

“ސޭޑް.. އަދި އިނގޭތަ..؟ ވިއްސާރައޭ ކިޔާފައި އާނާމެންގެ މަންމަ ދަތުރުވެސް ކެންސަލް ކޮށްލައިފި.. އެހެންވެ މިރޭ އާޔަންމެންގެ ގޭގައި ކުޑަ މީޓްއަޕްއެއް ބާއްވަނީ.. މިއަލް ދާންވާނެ މިރޭ..” ޔައުލާން ބުނެލިއެވެ. ހިތާއި ދެކޮޅަށް މިއަލް ބޯ ޖަހާލިއެވެ. ނަވާލް މިއަލް ގޮވައިގެން ސައިކަލުގައި އެކި ފިހާރައަށް ދިޔައެވެ. ހެދުން ގަތުމުގެ ބަހަނާގައެވެ. އާ ހެދުމާއި ޖިންސާއި ފައިވާނާއި ބޫޓު ގަނެގެން ނަވާލްގެ މުސާރައިން ދެހާހެއްހާ ރުފިޔާ ހުސްކޮށްލާފައި ނަވާލް މިއަލް ގޮވައިގެން ގެއަށް ދިޔައެވެ.

ޔައުލާން މިލީން ބުނި ގެސްޓް ހައުސްއަށް ދިޔައެވެ. “ޔުއެލްލްލް..!” މިލީން ހުރީ ބޭރަށް ނުކުމެއެވެ. އެ މަގުގައި ހުރި ފިރިހެންކުދިންގެ ނަޒަރު ވަނީ މިލީންއަށް ހުއްޓިފައެވެ. ޔައުލާން ފެންނައިރަށް މިލީން ދުވެފައި ގޮސް ޔައުލާންގެ ގައިގައި ބައްދާލިއެވެ. އެ މަންޒަރު ބަލަން ހުރި ފިރިހެން ކުދިން މޫނު އަނބުރާލިއެވެ. ދުރުގައި ހުރި ފާއިޒާގެ ކަޅިވެސް ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ފާއިޒާއަށް ރަނގަޅުތާއެވެ. ފަތުރާނެ ހަބަރުތަކުގެ ލިސްޓަށް އިތުރުވީއެވެ.

މިލީންގެ މި ކުއްލި ހަރަކާތުން ޔައުލާން ހައިރާންވި ނަމަވެސް އުފާވިއެވެ. މިލީންގެ ހަށިގަނޑުގައި އަތް ވަށާލާފައި ޔައުލާން ދެލޯ މަރާލީ އެ ވަގުތުކޮޅު މުޅި އުމުރަށް ދެމިގެން ދާނެނަމައޭ ހިތަށް އަރުވަމުންނެވެ. “މިރަށް މަޖާތަ..؟؟” ޔައުލާން އެއްސެވެ. “ޔެސް.. އެކަމް ދަންނަ މީހެއް ނޫޅޭތީ ފޫހި.. ކައިރާމެން މީހަކު ގެނެވުންނަމަ މަޖާވީސް..” މިލީން ބުންޏެވެ. “ލީން ދާނަންތަ ހިނގާލަން..؟” ޔައުލާން އެއްސެވެ. “ނޫން.. ޔުއެލް އަންނާނަމޭ ބުނީމައި މަންމަ ކެފޭއަކުން ގަނެގެން އެބަހުރި ސައި ގެނެސްފައި.. މަންމަ ބުނީ ޔުއެލް ގޮވައިގެން އެތެރެއަށް ވަންނާށޯ..” މިލީން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ދެމީހުން އެތެރެއަށް ވަނުމުން މިޝްލާ ކާއެއްޗެހި ގެނެސްދިނެވެ. އަދި ޖޫސް ޕެކެޓް ބަލާ ފްރިޖްދޮށަށް ދިޔައެވެ. ދެތައްޓަށް ޖޫސް އަޅާފައި މިޝްލާއަށް ހުއްޓެން ޖެހުނީ ޔައުލާން ދައްކަމުން ގެންދިޔަ ވާހަކަ އަޑު އަހާފައެވެ. “އެގޭ ނަވާލްބޭ ވަރަށް ރަނގަޅޭ.. އަދި އިނގޭތަ އެގޭގައި އުޅޭނެ އަދި އަހަރެމެންނާއި އެއްވަރު އަންހެންކުއްޖެއް… އެއީ ނަވާލްބޭގެ ދެވަނަ ދަރިފުޅު.. މިއަލް ކިޔާނީ.. އަދި އިނގޭތަ ހެއްވާ ބައި..؟ ލީން އާއި މިއަލް ވަރަށް ވަރަށް ވައްތަރު.. ލައިކް ހީވަނީ އެއްބަނޑު އެއްބަފާ ދެމީހުން ހެން..” ޔައުލާން އެހެން ބުނުމުން މިލީން އެއްޗެކޭ ކިޔާފައި ހޭންފެށި އަޑު އިވުނެވެ. “އަހަރެން އުޅުނީމޭ މިއަލް ގޮވައިގެން ލީން ކައިރިއަށް އާދެވޭތޯ.. އޭރުން ކިހާ މަޖައެއް ވީސް.. އެކަމަކު ނަވާލްބޭ ނުފޮނުވި.. މިއަލް އެއީ އެހާ އެހާ ފްރެންޑްލީ ކުއްޖެއް ނޫން އެކަމް ވަންސް ޔޫ ގެޓް ޓު ނޯ ހާރ، ޝީ އިޒް ޕްރިޓީ ނައިސް އެންޑް ކައިންޑް…” ޔައުލާން ބުނެލިއެވެ.

އެ އަޑު އަހަން ހުރި މިޝްލާގެ ދެލޯ ފުރުނީ ހިތްދަތިވީ ވަރުންނެވެ. “މަންމަގެ މިއަލް..” މިޝްލާއަށް ހިތާހިތުން ބުނެވުނެވެ. އަށް އަހަރު ނުފެނި ހަބަރުވެސް ބަލާ ނުލާ އުޅުނު ދަރިފުޅުގެ ހާލު ރަނގަޅުކަން އެނގުމުންނެވެ. “ރީއަލް… ރީއަލްގެ ހާލު ކިހިނެތްބާ..” މިޝްލާއަށް އެހުނެވެ. އެއީވެސް ހަމަ އޭނާގެ ދަރިއެއްތާއެވެ. “ދެން ހުންނާނީ ނަވާލްބޭގެ ފަސްޓް ކިޑް.. ފިރިހެން ކުއްޖެއް.. ރީއަލް… އެއީ ސެޓިސްފައިޑް ފިހާރައިގެ މުވައްޒަފެއް.. ވަރަށް ކުޅަދާނަ ކުއްޖެއް އެއީ.. އަހަރެމެންނަށް ވުރެ އެންމެ ހަތަރު އަހަރު ބޮޑު ވާނީ.. މިއަހަރު ތޭވީސް ވެދާނެ.. ހީ އިޒް ރިއަލީ ކޫލް.. އަދި އެއީ މިހާރު އަހަރެންގެ އެކުވެރިއެއް.. މިއަލްގެ އެންމެ ގާތްއެކުވެރިޔާ އަކީ ރީއަލްގެ ގާރލްފްރެންޑް.. ދޭ އާރ ޕްލޭނިން ޓު ގެޓް މެރީޑް.. ނެކްސްޓް އިޔަރ ނޫނީ އެއާއި ވެސް ޖެހިގެން އޮތް އަހަރު..” ޔައުލާން ކިޔައިދެމުން ގެންދިޔައިރު މިލީން ޝައުގުވެރިވެފައި އަޑު އަހަމުން ދިޔައެވެ.

އެ ދެއްކީ މިޝްލާ އަޑުއަހަން ބޭނުންވި ވާހަކައެވެ. އޭނާގެ ދެކުދިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރިކަން އެނގުމުން މިޝްލާއަށް ހިނިތުންވެވުނު ނަމަވެސް ހިތް ދިޔައީ ރޮމުންނެވެ.

“ސޯ ދިސް މިއަލް ގާރލް… ޔުއެލް ތިބުނީ އޭނަ އާއި އަހަންނާއި ވަރަށް ވައްތަރޭ ދޯ.. ސޯ ޝީ މަސްޓް ބީ ރިއަލީ ޕްރިޓީ..” މިލީން ފާޑަކަށް ފޮނިވެލައިފިއެވެ. “އާނ.. ލީން އާއި ވައްތަރުވިއްޔާ އޮބްވިއަސްލީ ވައްތަރު ވާނީ ރަސްދަރިކަނބަލަކާ އެއްނު..” ޔައުލާން ތައުރީފް ކޮށްލިއެވެ. “ޝީ މަސްޓް ބީ ވެރީ ޕޮޕިއުލަރ..” މިލީން ބުންޏެވެ. “ޔާ.. އަހަންނަށްވެސް ހީވަނީ އެހެން..” ރިޒްވާނު މެންގެ މައިގަނޑު އަމާޒަކަށް މިއަލް ވެފައިވާތީ ޔައުލާން ބުނެލިއެވެ. “އެހެންވީމައި އޭނަގެ ބޯއިފްރެންޑްވެސް ހަމަ އެހާ ހޭންޑްސަމް ވާނެތާ..” މިލީން ވިސްނާލިއެވެ. “ނޫނޭ މިއަލް ސިންގަލް..” ކާން ހުރި ގަޑީ ދެއްކި ވާހަކަ ތަކުން އެނގުނު ވާހަކަ ޔައުލާން ބުނެލިއެވެ.

“އޯހް.. އެ… އެހެންތަ..؟ ޔު.. ޔުއެލްއަށް ރަނގަޅެއްނު.. ސަޅި ކުއްޖެއްނު ޔުއެލްއަށް އެ ލައްވާލީ.. އަވަހަށް އެކަން ވޭތޯ އުޅޭ..” މިލީންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. ޔައުލާން ފެނުމާއި އެކީގައި ޝަފްވާންގެ ހަނދާންތަކާއި ހިނދުކޮޅަކަށް ދުރުވެވުނެވެ. ނަމަވެސް ދެންމެ ބުނެވުނު ޖުމްލައަކުން އަނެއްކާ އެހަނދާންތައް އޭނާގެ ސިކުނޑި ވަށާ އެނބުރިގެންފިއެވެ. “ލީން..؟ ރޯގާ ޖެހިފައިތަ..؟” ޔައުލާންއަށް އެހުނެވެ. ކަންބޮޑުވެފައިވާ ރާގަކަށެވެ. މިލީންގެ އަޑު އައިގޮތުން ޔައުލާންއަށް އެހެން ހީވީއެވެ.

“ޔުއެލް އައި ހޭވް ޓު ޓެލް ޔޫ ސަމްތިން…” މިލީން ގަސްތު ކުރީ ޝަފްވާން އާއި އޭނާގެ ވަކިވުމުގެ ވާހަކަ ޔައުލާންއަށް ކިޔައިދޭށެވެ. “ގޯ އެހެޑް.. އައިމް ލިސެނިންގ..” ޔައުލާން އަހަންމިއްޔަތުކަން ދިނެވެ. ”އަހަންނާއި ޝަފްވާން ބްރޭކް އަޕް ވެއްޖައިން..” މިލީން ނޭފަތް ދަމާލާފައި އެންމެފަހުން އެ ޚަބަރު ދިނެވެ. “ކީކޭ..؟؟؟” އެ ޚަބަރު ވެގެން ދިޔައީ ޔައުލާން ސިއްސުވާލިފަދަ ހަބަރަކަށެވެ. “ހްމްމް..” މިލީން އަނެއް ފަރާތަށް އެނބުރުނެވެ. ލޮލަށް ގިނަވި ކަރުނަތައް ޔައުލާންއަށް ވަންހަނާ ކުރާށެވެ. “ކިހިނެތްވީ..؟ ލީން އާރ ޔޫ އޯކޭ..؟” ޔައުލާން މިލީންގެ ދެކޮނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލައިފިއެވެ. “ނޯ ޔުއެލް ޑޫ އައި ލުކް އޯކޭ..؟” މިލީންގެ އަޑު ބެދުނެވެ.

“ޝަފްވާން އެއީ ލީން ޑޭޓް ކުރި ކިތައްވަނަ ފިރިހެން ކުއްޖާ ކަމެއް ނޭނގޭ.. އެކަމަކު އަހަރެންނަށް އިނގޭ ލީން ޝަފްވާން ދެކެ ލޯބި ވީވަރު.. މި އަހަރު ތިދެމީހުންގެ ރިލޭޝަންޝިޕަށް ވާނެ ތިން އަހަރު.. އެއީ ލީން މީހަކާއި ޑޭޓް ކުރި އެންމެ ދިގު މުއްދަތު.. ސޯ އިޓް މީންސް ޔޫ އެކްޗުއަލީ ލަވްޑް ހިމް އަ ލޮޓް.. ކީއްވެގެންނޯ ދެން ބްރޭކް އަޕްވީ..؟ އޭނަ ޗީޓް ކުރީތަ..؟ ލީންއަށް އެހެން މީހެއް ފެނުނީތަ..؟ ނޫނީ……….” ”މަށެއް ނޫން އޭނަޔާ ވަކިވީކީ.. އޭނަ މަށާއި ވަކިވީ…” މިލީން މަޑުމަޑުން ބުނެލިއެވެ. ވާހަކަ ދައްކަދައްކާ ހުރި ޔައުލާންގެ ތުންފަތުގައި ތެރަސް ލެވުނު ފަދައެވެ.

“ވަޓް އަ ފޫލް..” ޔައުލާން ނިތްކުރީގައި އަތް އަޅާލިއެވެ. ޝަފްވާން ދެކެ ރުޅި އަންނަންވީތޯ ނުވަތަ އޭނައަށް ޝުކުރުވެރިވާންވީތޯ ނޭނގުމުންނެވެ. ޝުކުރުވެރިވީ ޝަފްވާން މިލީން ދޫކޮށްލުމުން ޔައުލާން އާއި މިލީންގެ ދެމެދުގައިވާ ފާލަން އިތުރަށް ވަރުގަދަ ވުމުންނެވެ. ރުޅިއައީ ޝަފްވާން އާއި ހެދި މިލީންގެ ދެލޮލުން ކަރުނަ އައުމުންނެވެ. “ޝަފްވާން އަހަރެންނަށް ހެދުނު މިސްޓޭކް ވެސް ބުނެނުލާ… ޔުއެލް އަހަރެން އޭނަ ބުނާ ކޮންމެ ކަމެއް ވެސް ކުރަން.. ގޭވް ހިމް އޯލް މައި ލަވް… އަހަރެންނަށް އޭނައަށް ފުރިހަމަ ނުކޮށްދެވެނީ ކޮން ކަމެއްތަ..؟” މިލީންއަށް ރޮވިއްޖެއެވެ.

“ޝްޝްޝް.. ލީންގެ ކުށެއް ނެތް.. އެ ޝަފްވާން ހަމަ މޮޔައީ… ކާކު ލީން ފަދަ ރަނގަޅު ކުއްޖެއް ދޫކޮށްލާނީ..” ޔައުލާން މިލީން ގެނެސް ގާތް ކޮށްލިއެވެ. މިލީން ޔައުލާން ލައިގެން ހުރި ގަމީސްތެރޭ މޫނު ފޮރުވާލިއެވެ. މިލީންގެ ހޫނު ކަރުނަތައް ގަމީސް ތެންމަމުން ދިޔަވަރަކަށް ޔައުލާންގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ. އެންމެ ލޯބިވާ އަންހެންކުއްޖާ ކަރުނައަޅާތަން ދެކެން ކެތްވާނީ ކޮން ފިރިހެނަކަށް ހެއްޔެވެ.؟ “އެހެމް..” ޖޫސްތަށިތައް ހިފައިގެން އެތެރެއަށް ވަދެފައި މިޝްލާ ކަރުކެހެލިއެވެ. އޭނާ އެތެރޭގައި ހުރިކަން އެދެމީހުންނަށް އަންގާލަންވެގެންނެވެ. އެއަޑަށް ސިއްސައިގެން ގޮސްފައި ޔައުލާން މިލީން ދުރުކޮށްލައިފިއެވެ. މިލީން އާއި ޔައުލާން ހެދިކާތަށި ހުސްކޮށްފައި ނުވާތީ މިޝްލާ މޫނު ހަދާލާފައި ތަށި ހިފައިގެން ބޭރަށް ނުކުތެވެ. ދޮރުގައި ލެނގިލިގޮތަށް މިޝްލާ ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވިއެވެ. ތުންފަތުގައި ކުރަހާލި ފޭކް ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. އެ މަންޒަރު ރޫމަށް ވަތް ޒައިހާންގެ ލޮލުގައި އަޅައިގަތެވެ.

”މިޝްލާ..” ކަންބޮޑުވެފައި ޒައިހާން ގޮސް މިޝްލާގެ ދެކޮނޑުގައި ހިފާއްޓާލައިފިއެވެ. “އަހަރެން..” މިޝްލާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އަހަރެން ބުނި ތަން އައިސް ޖެހިއްޖެ..” މިޝްލާ އެހެން ބުނުމުން ޒައިހާން ހަތަރުކަޅި ހަމަކޮށްލީ އެ ބުނަން އުޅޭ ވާހަކަ ސާފެއް ނުވިޔޭ ބުނާ ފަދަ ނަޒަރަކުންނެވެ. “ނަވާލް ފެނިއްޖެ..” މިޝްލާ އެހެން ބުނުމުން ޒައިހާންގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ދެލޯ ބޮޑުކޮށްލާފައި ގަބޫލުނުކުރެވޭ ފަދައަކުން މިޝްލާއަށް ބަލަން ހުރެވުނީ އެއީ ތެދެއް ނޫންކަން ބުނެދިނުމަށް އެދިއެވެ. ”ލޯންޗުން ފޭބި ވަގުތު.. އޭނަ ކައިރީ… އޭނަ ކައިރީ މިއަލް ވެސް ހުރިހެން އަހަންނަށް ހީވަނީ…” މިޝްލާ މޫނުމަތީގައި އަތް އެޅިއެވެ.

“ނަވާލް.. އޭނަ ރިސޯޓެއް ގައި މަސައްކަތް ކުރަނީ މިހާރު.. އޭނަ އެތާނގައި ހުންނާނެކަމަށް އަހަރެން މިރަށަށް އަންނަ ހިޔާލު ކުރީވެސް.. އޭނަ ވަޒީފާއިން ކަނޑާލީބާ..؟” ޒައިހާނަށް އެހުނެވެ. “ނޭނގޭ.. މަށަކަށް ނޭނގޭ… ދެރައީ ނަވާލަށް ވެސް އަހަރެން ފެނުނީމައި.. ނަވާލް ދެން ހީކުރާނީ އެއްބަސްވުމާއި ޚިލާފްވެގެން އަހަރެން މިއަލް އާއި ރީއަލް ދެކެން އައީ ކަމަށް..” މިޝްލާ އެހެން ބުނުމުން ޒައިހާނަށް އަނގަ ހަދާލެވުނެވެ. ހިތްހަމަޖައްސާލަން ކުރި ދަތުރުގެ އަނދިރި ފަރާތް ހީކުރިވަރަށްވުރެ އަވަހަށް ދައްކާލުމުންނެވެ. “މިރޭ ބާބަކިއު ހަދާފައި މާދަން ހެނދުނު ހެނދުނާއި ފުރަން ހިނގާ…” ޒައިހާން ބުނެލިއެވެ. ނަވާލަށް މިޝްލާ ފެންނާކަށް ޒައިހާންއެއް ނޭދެއެވެ. މިއަލްއަށް މިޝްލާ ނުވަތަ މިލީން ފެނިއްޖެނަމަ ދެން ވާނެ ގޮތް އަންދާޒާ ކޮށްލަންވެސް ދައްޗެވެ. މިޝްލާ ގެނެސް ގަޔާ ކައިރި ކޮށްލާފައި އެ ނިތަށް ބޮސްދިން އިރު ޒައިހާންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ.

“ނަވާލް އަހަރެން ދޫކޮށްލީ އަހަރެންގެ އެއްވެސް ކުށަކާއި ނުލާ.. އެރޭ އަހަރެން ނިދަން އޮއްވާ އެ ކޮޓަރިއަށް ފިރިހެނެއް ވަނީ އަހަރެންގެ އެއްވެސް އަތަކާއި ނުލާ.. މަންޒަރުން ނަވާލް ނުބައި މާނައެއް ނަގާ އަހަރެން ވަރިކޮށްލިއިރު ކުރިން ވީ ލޯތްބާއި ކުރި ހުވާތައް ދިޔަ ތަނެއް ނޭނގޭ..” މިޝްލާ ދެލޯ ފޮހެލިއެވެ. “އެވަރުން ނުވެގެން ރީއަލް އާއި މިއަލް ވެސް އަހަރެންނާއި ވަކިކޮށް އެމީހުން ފެންނަ ހިސާބަށްވެސް ނައުމަށް އަމުރުކުރީ ކީއްވެ..؟ އަހަރެން އެދުވަހު ކިހާ އާދޭހެއް ކުރިންތަ.. މިއަލް އާއި ރީއަލްއަށް މަންމައެއްގެ ލޯބިން މަހުރޫމު ނުކުރަން..” މިޝްލާ ހިތްދަތިވެފައި ހުރެ އެ ވާހަކަތައް ކިޔާދިންއިރު ޒައިހާންގެ ދެލޮލުންވެސް ކަރުނަ އައެވެ. “ނަވާލެކޭ އެއްފަދައިން މިޝީވެސް ބޯހަރީ.. ނަވާލް ރުޅި އައިސްފައި ހުރެ އެ ހުރިހާ ނިންމުމެއް ނިންމިއިރު މިޝީވެސް އެއަށް ލޮލުން ބޮލުން އެއްބަސްވީ… އެހެންނޫންނަމަ..” އެ ޖުމްލަތައް ވީ ޒައިހާންގެ ހިތުގައެވެ.

“ރީއަލް އެއީ ނަވާލާއި މިޝީގެ އެންމެ ދޮށީ ދަރިފުޅު.. ދެން ލިބުނީ އެއްމާބަނޑު ދެބެން.. ޓްވިންސް.. އެއީ ލީން އާއި އެ މިއަލްއެއް..” ޒައިހާން ހިތާހިތުން ކިޔާލިއެވެ. ޒައިހާންގެ ހިތުގައިވެސް ވަނީ ސުވާލެވެ. ނަވާލް މިޝްލާ ދެކެ ވީ ލޯބި ޒައިހާނަށްވެސް ވަނީ ފެނިފައެވެ. ހަގީގަތް އޮޅުންފިލުވޭތޯ މަސައްކަތް ނުކޮށް ނަވާލް މިޝްލާ ވަރިކޮށް އޭނައަށް މިލީން ދީފައި ގެއިން ނެރެލީ ކީއްވެގެންކަން އަދަށް ދާންދެންވެސް ޒައިހާންއަށް އެނގިފައެއްނުވެއެވެ. އެމީހުންގެ ޒުވާން ދައުރުގައި ޒައިހާން އަކީ ޖެހިގެން އޮތް ރަށުން އެރަށަށް އައި ޒުވާނެކެވެ. ނަވާލް މިޝްލާ ވަރިކުރީ ޒައިހާންގެ ހިތުގައި މިޝްލާގެ ނަން ރަންއަކުރުން ފެވިފައި ވަނިކޮށެވެ. ދަނޑިވަޅު ބަލާފައި ޒައިހާން މިޝްލާއަށް އަޅާލީވެސް އެހެންވެއެވެ. މިޝްލާ ހަމައަކަށް އެޅުނީ އޭގެ ދެއަހަރު ފަހުންނެވެ. ޒައިހާން އެއީ ދަރިން ނުލިބޭ ފިރިހެނަކަށް ވާތީ މިލީން އާއި ދޭތެރޭ ޒައިހާން ކަންތައް ކުރީ އުފަން ބައްޕައެއްވެސް ކަންތައްތައް ކުރާނެހާ ހެޔޮކޮށެވެ. މިޝްލާ ހަމަޖެހުނުހެން ހީވާތީ ޒައިހާން އޭނާގެ ހިތުގެ ހާލަތު މިޝްލާއަށް ކިޔާދިނުމުން މިޝްލާ ޒައިހާން އާއި ކައިވެނިކުރަން އެއްބަސްވީ ޒައިހާން ދިން ހުރިހާ ހެޔޮކަމެއްގެ ބަދަލެއްގެ ގޮތުގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މިޝްލާގެ ހިތުގައި ޒައިހާންއަށް އާ ވިންދެއް ޖެހި ނަމަވެސް ނަވާލް ދެކެ ވީ ލޯބި އަދިވެސް އޮތްގޮތަށް އޮތެވެ. ނަވާލަށް ދިން ދަރަޖަ އަދިވެސް މިޝްލާ ޒައިހާނަކަށް ނުދެއެވެ. އެއީ މިޝްލާ ނަވާލް ދެކެ ވާ ލޯބީގެ އަލިގަދަ ހެތްކެކެވެ. އެހާ ލޯބިން އުޅެފައި ނަވާލް މިޝްލާއާއި ވަކިވީ ސަބަބު އެނގެން ޚުދު ޒައިހާންވެސް އެނގެން ބޭނުންވެއެވެ. ހަމައެކަނި މިޝްލާ ފިރިހެނަކާއި އެކީ އޮތްތަން ފެނިފައި ވީގޮތްވެސް ނުހޯދާ ނަވާލް މިޝްލާ ވަރިނުކުރާނެކަން ޒައިހާނަށް އެނގެއެވެ. އެދެމެދުގައިވީ ވަރުގަދަ އިތުބާރާއި ލޯބި ޚުދު ޒައިހާނަށްވެސް ވަނީ ފެނިފައެވެ.

މިލީން އާއި އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ހިތްވަރުކުރުމަށް ހިތްވަރު ލައިދީފައި ޔައުލާން އާޔަން އާއި އެކީގައި އެރީ މިސްކިތަށެވެ.

ގެއަށް އައިސް ރީއަލް އާއި އެކީގައި ކައި ނިމުނުއިރު ދެމީހުންގެ މެދުގައި ވަނީ ރަހުމަތްތެރިކަން އުފެދިފައެވެ. ގިނަ ވަގުތުތަކުގައި ގޮތްވިސްނޭ ހަރުދަނާ ޒުވާނެއް ފަދައިން އުޅުނަސް ރީއަލްގެ ސަކަ ފަރާތެއް ހުންނަކަން ޔައުލާނަށް އެނގުނީ މިއަދެވެ. އެމީހުން ކައި ނިމުމުން ތަށިތައް ނަގާފައި މިއަލް މިސްރާބު ޖެހީ ކޮޓަރިއަށެވެ. މިރޭ އާޔަންމެންގެ ގޭގައި އޮތް މީޓްއަޕަށް ވެސް ދާކަށް މިއަލް ޚިޔާލެއް ނުކުރިއެވެ. އެނދުގައި އިށީން ގޮތަށް ހިޔާލަކަށް ގެއްލިފައި ހުރެ މިއަލް ގިޓާ ކޭސް ހުޅުވާލެވުނެވެ. “ޝޫޓް..” ގިޓާ ނެތްކަން ހަނދާންވުމުން މިއަލްއަށް ބުމަ ގާތްކޮށްލެވުނެވެ. “އަހަރެންގެ އުފާވެރިކަމަށް ހުރި ހަމައެކަނި ހުރި އެތި ގެންދިޔައީ ކީއްވެގެންތަ..؟ އަހަރެންނަށް އަބަދު ދެރަ ގޮތްގޮތް ދިމާވަނީ ކީއްވެގެންތަ..؟ ފުރަތަމަ މަންމަ.. ދެން މާމަ… މިހާރު ގިޓާ…..” މިއަލްގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ.

ހިތާމަތައް އެއްފަރާތް ކޮށްލާފައި ނިދަން އޮށޯންނަން ވެގެން މިއަލް ވަނީ ފެންވަރާށެވެ. ނިދާ ހެދުން ހިފައިގެން މިއަލް ފާހާނާއަށް ވަނެވެ. އަދި އިސްތަށިގަނޑު މޮހާލިއެވެ. ލައިގެން ހުރި ހެދުން ހޫކްގައި އެޅުވުމަށްފަހު މިއަލް ވަނީ ޝަވަރުގެ ދަށަށެވެ. އިސްތަށިގަނޑުން ފެށިގެން ތިރިއަށް ފައިބަން ފެށި ފިނި ފެންތިކިތައް ހަށިގަނޑުގައި ބީހެން ފެށުމުން މިއަލްއަށް ލޯ މަރާލެވުނެވެ. ނަމަވެސް ދެތިން މިނެޓެއް ނުވަނީސް މިއަލްގެ ނޭވާ ހާސްވާންފެށިއެވެ. ތެޅިގަނެފައި ޝަވަރު ބަންދުކޮށްލާފައި މިއަލްއަށް ދެއަތުން ގައިގައި ބައްދާލެވުނެވެ. “މާމާ….” މިއަލްއަށް ކުޑަކަކޫމައްޗަށް ތިރިވެވުނެވެ. މިއަލްގެ ބޮލުގައި ކޮށައިގަތީ ސަފީނާ މިދުނިޔެއަށް އަލްވަދާއު ކީ ދުވަހެވެ.

ރީއަލް ހުންގަދަވެގެން ސަފީނާ މިއަލްވެސް ގޮވައިގެން ޖެހިގެން ހުރި ރަށަށް ދިޔައެވެ. ރަނގަޅު ބޭސް ފަރުވާ ހޯދާށެވެ. ރީއަލް ރަނގަޅުވުމުން ސަފީނާ ރަށަށް ދަތުރު ހެދީ ވިއްސާރަ ދުވަހެއްގައެވެ. ތަންކޮޅެއް ކަނޑުމަޑުކޮށް އޮވެފައި ކަނޑު ގަދަވީ ހަމަ ކުއްލިއަކަށެވެ. ކަނޑު ގަދަވެ އެމީހުން ދަތުރު ކުރި ފެރީ ކަނޑުވީ ސަލާމަތްވާނެކަމަށް އޮތް އެންމެ ކުޑަ އުންމީދުގެ ކަނިކޮޅުވެސް ނިވާލާފައެވެ. ފެރީ އަޑިއަށް ދިޔަ ވަގުތު މިއަލްގެ ނޭފަތާއި އަނގަ ތެރެއިން ލާފައި ލޮނު އެތެރެ ވާން ފެށިއެވެ. މޭ ފުރިބާރުވެ ނޭވާ ނުލެވިގެން ދެފަރާތަށް ތެޅިތެޅިފައި މިއަލްގެ ދެލޯ މެރުނެވެ. ދެން އެނގުނުހާވެސް އެއްޗަކީ ލޯ ހުޅުވާލެވުނުއިރު އޮވެވުނީ ހޮސްޕިޓަލެއްގެ ތެރޭގައި ކަމެވެ. ވީގޮތް ސާފުވީ ހިތްހަލާކުވެފައިވާ ނަވާލްގެ ފަރާތުންނެވެ. އެ ފެރީގައި ހުރި ފަންސަވީހެއްހާ މީހުން ސަލާމަތް ކުރެވުނެވެ. އެގާރަ މީހުންނަށް އަނިޔާ ވެފައިވާއިރު އޭގެތެރެއިން ތިން މީހަކު ވަނީ ނިޔާވެފައެވެ. އަދި އެ ފެރީގައި ހުރި އެކަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކިތަންމެ ދެރަވިޔަސް ނިޔާވި މީހުންގެ ލިސްޓުގައި ސަފީނާވެސް ހިމެނުނެވެ. ނަމަވެސް މިއަލް ހޭ އެރުމުގެ ކުރިން ސަފީނާގެ ކަށުކަމާއިކެމީގެ ކަންކަން ވަނީ ނިމި އޭނާ ވަޅުޅާފައެވެ. އޭގެ ފަހުން މިއަލްއަށް ގިނައިރު ވަންދެން ފެނުގެ ތެރެއަކު ނޫޅެވެއެވެ. ފެތުމަކީ މިއަލްއަށް އުނދަގޫ ކަމެކެވެ. ފީނުމަކީ މިއަލްއަށް ކުރެވެން ގާތްކަމެއްވެސް ނޫނެވެ. ވާރޭތެރޭގައިވެސް މާ ގިނައިރު ހުރެފިނަމަ މިއަލްގެ މެޔަށް އުނދަގޫވެއެވެ. އިތުރުން ފެންވަރާއިރު ވެސް މާ ގިނައިރު ވަންދެން ޝަވަރު ދަށުގައި ހުރެފިނަމަ ނޭވާ ހާސްވާގޮތް ވެއެވެ. އެދުވަހުގެ ހަނދާންތައް އައިސް ވަށާލަނީއެވެ. ނޭފަތުންނާއި އަނގައިގެ ތެރެއިން ލޮނުތައް ވަންނަމުން ދިޔަ ގޮތެވެ. ނޭވާހޮޅި ބެދި ނޭވާ ނުލެވިގެން ތެޅިފޮޅުން ގޮތެވެ. ތަނެއް ދޮރެއް ރަނގަޅަށް ނުފެނި ގެނބުނު ގޮތެވެ. އެދުވަހަށް ފަހުގައި މިއަލް މޫދަށް އެރުނު މަތިން ހަނދާނެއް ނުވެއެވެ.

ހިޔާލުތަކުގައި ހުރެފައި މިއަލް ފެންވަރައިގެން ނުކުމެ ކުއިލްޓް ދަށަށް ވަނެވެ. އެ ދުވަހަށް ފަހު މިއަލް އަދި ރަށުން ބޭރަށް ދަތުރެއް ނުކުރެއެވެ.

ބަރާބަރު އެގާރަ ޖެހުމާއި އެކީގައި ޝަފްވާން އޭނާގެ ގިޓާ ކޮނޑުގައި އަޅުވާލައިގެން މިސްރާބު ޖެހީ އަތިރިމަތީގައި ހުންނަ ކެފޭތަކާއި ދިމާލަށެވެ. އޭނާގެ ސްޓޫލް އެތަނުގައި ބަހައްޓާފައި ފަސް އެނބުރި ބަލާލިއެވެ. އޭނަ އަންނަ މަންޒަރު ފެނިގެން އެކަނިވެސް އެތަނަށް ޝޯ ބަލަން އައިސް މީހުންތަކެއް އެއްވެގެން ހުއްޓެވެ. ޝަފްވާނަށް އެއްމިޔަކަނަށް ހީނލެވުނެވެ. ސްޓޫލް މަތީ އިށީނދެ އޯޑިއެންސާއި ދިމާލަށް ބަލާލުމާއި އެކީގައި އެންމެން އަތްތިލަބަޑީގެ ބުރަކުން ޝަފްވާނަށް މަރުހަބާ ކިއެވެ. ގިޓާރ ކޭސް ލާރި އަޅަން ވެގެން ބަހައްޓާފައި ޝަފްވާން ދެތިން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ގިޓާގެ ނަރުތަކުގައި އަތް ބީއްސާލާފައި ކުޅެން ފެށި ރާގު އެނގިގެން ގިނަ ބަޔެއްގެ ތުނބުން ފުމުމާއި އަތް ޖެހުމުގެ އަޑު ގަދަވެގެން ދިޔައެވެ. އެ އަޑު އަހާފައި ޝަފްވާންގެ ތުންފަތްމައްޗަށް ވެރިވީ ނުހަނު ރީތި ހިނިތުންވުމެކެވެ. މިއީ އޭނާގެ އުފާވެރި ތަނެވެ. ހިނިތުންވުން ކުރިއަށްވުރެވެސް ފުން ކޮށްލާފައި ޝަފްވާން ޖަސްޓިން ބީބަރގެ އިންޓެންޝަންސް ކިޔަން ފެށިއެވެ.

ރޭގައި ބާބަކިއު ހަދާ މަޖާކުރެވުމުން މިޝްލާ ބޭނުންވީ ވީހާވެސް އަވަހަކަށް ފުރާށެވެ. ނަވާލް އާއި އެއް ފަސްގަނޑެއްގައި ހުންނާކަށް މިޝްލާއެއް ނޭދެއެވެ. އެންމެ ކަންބޮޑުވަނީ އޭނާގެ ބަސްނާހާ ހިތް އަނެއްކާވެސް ނަވާލަށް އެދެން ފަށާފާނެތީއެވެ. ނަވާލް އޭނަދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ. އޭނާގެ ކުށަކާއި ނުލައެވެ. އޭނާވެސް ނަވާލް ދެކެ ރުޅިއައިސް ނަފްރަތު ކުރަން ބޭނުންވެއެވެ. ނަމަވެސް ހިތުގައި ނަވާލަށް އޮތް ޖާގަ މާ ބޮޑީއެވެ. އެ ދަރަޖަ މާ މަތީއެވެ. ޒައިހާން ކައިރީގައި އަވަހަށް ފުރާން އުޅެން ހިނގާށޭ ބުނެލިއެވެ.

މިލީން ގޮވައިގެން ޒައިހާން އާއި މިޝްލާއަށް ޖެޓީދޮށަށް ދެވުނުއިރު ނަވާލް ހުރީ ރިސޯޓުން އައި އޭނާގެ އެކުވެރިންތަކަކާއި ވާހަކަ ދައްކަން މަޑުކޮށްލައިގެންނެވެ. ”ޒާހު..!!” ކާރުގެ ކުޑަދޮރުން ބޭރު ބަލާލާފައި ހާސްވެގެން މިޝްލާ ތެޅިގަތެވެ. “ނަވާލް..” ޒައިހާންގެ އަޑުގައި ފޫހިކަމެއް އުފެދުނެވެ. އެމީހުން ދާ ކޮންމެތަނަކު ކުނަމެއްސެއް ހެން ނަވާލް އެ އެނބުރެނީ ކީއްވެގެން ހެއްޔެވެ.؟ ޖަހާ ފޮޅާލަފާނަމޭވެސް ޒައިހާންގެ ހިތަށް އެރިއެވެ. ކާރު މަޑު ކުރުމުން ސިއްރުވާހަކަ ދައްކަން ހުރި މިޝްލާ އާއި ޒައިހާނަށް ސަމާލުކަމެއް ނުދީ މިލީން އަވަހަށް ކާރުން ފޭބިއެވެ. “ލީން..!!!” މިލީން ހުއްޓުވަންވެގެން މިޝްލާ ކާރުން ފޭބިއެވެ.

ނަވާލް ގެއަށް ދާން ވެގެން އެނބުރުނު ވަގުތުގައި ޖެހުނީ މިލީންގެ ގައިގައެވެ. “ސޮރީ ބޭބޭ..” މިލީން އަވަހަށް ބުނެލިއެވެ. ކިތަންމެ ފޮނިވިޔަސް އުމުރުން ދޮށީ މީހުންނަށް އިހުތިރާމް ކުރާކަން އެއީ ލެއްވި ނަސީބެކެވެ. ނަވާލް ފައިބަން އުޅުނު ކަރުނަތައް ދިރުވާލިއެވެ. ފުރަތަމަ އެއީ މިއަލް ކަމަށް ހިތާ ގޮވާލަންވެސް އުޅެވުނެވެ. ނަމަވެސް އެއީ މިލީންކަން އެނގުމުން ނަވާލް ބޭނުންވީ މިލީންގެ ގައިގައި އޮޅުލައިގަންނާށެވެ. ބައްޕައެއް ދަރިއެއްދެކެ ވާނެ ލޯބި ނަވާލްގެ ދެލޮލުން ފެނުނެވެ. މިޝްލާ އަވަހަށް މިލީންގެ އަތުގައި ހިފާ ހިނގައިގަތީ ނަވާލްގެ މޫނަށް ލޮލުގެ ހިމަކޮޅުން ބަލާލާފައެވެ.

ހެނދުނު ހޭލިގޮތަށް ކިއަނާ އައިސް މިއަލްއަށް ކެއްކުމުގައި އެހީވިއެވެ. މެންދުރަށް ގޮވަންދެން ޔައުލާން އާއި ރީއަލް ގެނެސް ތިން މީހުން އިނީ ޓީވީ ބަލާށެވެ. ބަންގި ގޮވުމުން ނަމާދު ކޮށްގެން ޔައުލާން ފެންފުޅިއެއް ހިފައިގެން އައިސް މިއަލްގެ ގާތުގައި އިށީނެވެ. ނަމާދުން ފައިބައިގެން ނަވާލް އައިސް ގެއަށް ވަނެވެ. އޭރު ނަވާލްގެ ނަޒަރު ހުއްޓުފައިވަނީ މިއަލްގެ މޫނަށެވެ. މަލެއް ފަދަ ދަރިފުޅުގެ މޫނަށް ބަލާލާފައި ނަވާލް ދެވަނަ ފަހަރަށް ވިސްނާލިއެވެ. އޭނަ ހިތަށް އަރާ ކަންތައްތައް ހަމަ ކުރަންވީތޯ އަމިއްލަ ނަފްސާއި ސުވާލު ކުރަމުންނެވެ. މިޝްލާ އާއި މިލީންގެ ވާހަކައަކީ ނަވާލަށް ކިޔައިދޭން ކުޅަދާނަ ވާހަކައެއް ނޫނެވެ. ގޮތް ނިންމާފައި ނަވާލް ގޮސް މިއަލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ.

“މިއަލް…” ނަވާލް އޭނާއަށް ނަމުން ގޮވާލުމުން ހައިރާންވެފައި މިއަލް ބަލާލިއެވެ. ނަވާލް ދެން ބުނެލި ޖުމްލައިން މިއަލްއަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އިނދެވުނެވެ.

“މީހަކާއި އިންނަން ތައްޔާރުވޭ…”

 

= ނުނިމޭ =

42

5 Comments

  1. Rooya Xek

    August 21, 2021 at 12:13 am

    Nice 😍😍 Masha Allah 😘😘 Whn next ❤️❤️ waiting curiously 🥰🥰

  2. RaNa

    August 21, 2021 at 8:55 am

    𝐨𝐦𝐠 𝐦𝐢𝐚𝐥 𝐚𝐡 𝐞𝐡𝐞𝐧 𝐧𝐮𝐡𝐚𝐝𝐡𝐚𝐚𝐭𝐡𝐢 𝐢𝐧𝐠𝐞𝐲
    𝐞𝐤𝐨𝐲𝐞 𝐯𝐞𝐬 𝐨𝐧𝐧𝐚𝐧𝐢𝐢 𝐡𝐢𝐭𝐡𝐞𝐤𝐞𝐲
    𝐚𝐧𝐲𝐰𝐚𝐲𝐬 𝐯𝐚𝐚𝐡𝐚𝐤𝐚 𝐯𝐫𝐡 𝐫𝐞𝐞𝐭𝐡𝐢❤️😿

  3. Aishath Faruha Abdulla

    August 21, 2021 at 11:18 am

    Anekkaa kaakaa innaashey tha bunan e ulhenee???…… 🤔🤔Komme meehakah viyass mial gaathu nuvex ahaa bappa eh kamaku nuvaane dhw ready vaashey bunaakah…. By the way Masha Allah…. Mi part vx varah reethi… ❤️❤️When next??? Curiously waiting????
    TC❤️

    • yooon

      August 21, 2021 at 3:36 pm

      Let’s see dhw 😁 Thankyou so much Faruha 💖🥰 Next part insha allah 23rd waa Monday ga.. Keep waiting hehe.. Lots of love n u tgc too 💖

  4. Eemyaa

    August 21, 2021 at 12:05 pm

    Ma Sha Allah… V reethi mi baives ❤❤❤ keevebaa miel ge kaiveni kuruvan e ulheny ??? Heevany miel ge kaiveni kuruvan e ulheny yaulaan aa hen

Comments are closed.