* ނަވާލް ގޮސް މިއަލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ. “މިއަލް…” ނަވާލް އޭނާއަށް ނަމުން ގޮވާލުމުން ހައިރާންވެފައި މިއަލް ބަލާލިއެވެ. “މީހަކާއި އިންނަން ތައްޔާރުވޭ…” ނަވާލް ދެން ބުނެލި ޖުމްލައިން މިއަލްއަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އިނދެވުނެވެ. *

ފެންބޯން އިން ޔައުލާންވެސް ލޮލުގެ ހިމަކޮޅުން ނަވާލްގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. ކިއަނާގެ އަނގަ ނުހަނު ބޮޑަށް ހުޅުވުނެވެ. އަޑުއަހަން ހުރި ރީއަލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެހެން އެންމެން ހައިރާންވެފައި ތިބިއިރު ރީއަލް އެޔެއް މިޔެއް ނުބަލާ ހުރެގެން ހަމަ ހެނީއެވެ. ބިނދިބިނދިފައި ހެމުން ދިޔައިރު ރީއަލްގެ ގާތަށް ނޭވާވެސް ނާދެއެވެ. “ހަމަ ހުވާ މިބުނީ ހީވަނީ ނައިންޓީސްގެ ފިލްމެއްގެ ތެރޭގައި އުޅެވުނުހެން.. ބައްޕަ ހާދަމޮޅޭ… އެކްޓް ކުރަން ނުދިޔައީ ކީއްވެގެން..؟” ހީ ނިމުނުހާ އަވަހަކަށް ރީއަލް އެއްސެވެ. “ބައްޕަ މިކުރަނީ ސަމާސާއެއް ނޫނޭ..” ނަވާލް ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ. ރީއަލްގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. އިތުރަށް އެންމެ ބަހެއް ވެސް ރީއަލްގެ އަނގައަކުން ބޭރެއް ނުވިއެވެ. ކިއަނާ ޖަހާފައިވާ ބުދެއްހެން އަދިވެސް ހުއްޓެވެ. “އާނާ.. އާދެބަލަ.. އެއްޗެއް ދައްކަން..” އާއިލީ ކަމެއްހެން ހީވެގެން ޔައުލާން ކިއަނާގެ އަތުގައި ހިފާ ބޭރަށް ނުކުންނަން ދިޔައެވެ. ނަމަވެސް ކިއަނާ ދޮރުމަތީގައި ވެގެން އުޅޭ ގޮތް އަޑު އަހަންވެގެން މަޑުކުރިއެވެ.

“ބައްޕާ..” މިއަލްއަށް ގޮވާލެވުނެވެ. ނަވާލް އެހެން ބުނީ ސަމާސާއަކަށް ނޫން ހެއްޔެވެ.؟ އޭނާއަށް ނަވާރަ އަހަރުވެސް އަދި ނުވެއެވެ. “ދަރިފުޅަށް ކަމުދާ ކުއްޖަކު މިހާރު އެބަހުރިތަ..؟” ނަވާލް އެވާހަކަ ހުއްޓާލަން ނޫޅުމުން މިއަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ނޫނީ ބައްޕަ ދައްކާ މީހަކާއި ދަރިފުޅު ކައިވެނި ކުރާނަންތަ..؟” ނަވާލް ވާހަކަ ގެންދިޔައީ ކުރިއަށެވެ. ރީއަލްގެ މޫނުމަތިން ހިނިތުންވުން ފަނޑުވިއެވެ. “ބައްޕާ އަޅުގަނޑު…..” ޖުމްލަ ކުރިއަށް ގެންދަން މިއަލްއަކަށް ނޭނގުނެވެ. “ބައްޕާ…” ހިތްހަމަނުޖެހޭފަދަ ރާގެއްގައި ރީއަލް ބުނެލައިފިއެވެ. މިއަލްގެ މޫނުމަތިން އެކަނިވެސް އުނދަގޫވެފައިވާ ވަރު ދައްކައިދޭތީއެވެ. “އަޅުގަނޑު…….” “އެލް ބޭނުންވަނީ ކޯހެއް ހަދާށޯ ބޭބޭ..” ކިއަނާގެ އަޑަށް ތިން މީހުންވެސް ފަހަތް ބަލާލިއެވެ. ކިއަނާ އެހެން ބުނެ ދޮގު ހެދީވެސް މިއަލް ކައިވެންޏެއް ކުރަން ބޭނުން ނުވާނެކަން އެނގޭތީއެވެ.

“އެއީ ތެދެއްތަ ދަރިފުޅާ..؟” އެތައްހާސް ކުލަވަރެއް އަރާ ފައިބަމުން ދިޔަ މިއަލްގެ މޫނަށް ބަލާލާފައި ނަވާލް އެއްސެވެ. “ލަ.. ލައްބަ..” ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް މިއަލް ބުނެލިއެވެ. “އެހެންދޯ އެންމެ ރަނގަޅު.. ބައްޕަ ގޮތެއް ނިންމާނަން.. ކޮން ކޯހެއް ހަދަންތަ ދަރިފުޅު ބޭނުންވަނީ..؟” ނަވާލް އެއްސެވެ. “އަމްމް.. ޔޫ ނޯ… އެލް ބޭނުމީ… ނަރުހަކަށް ވާން..” ދޫއޮޅިގެން މިއަލްއަށް ބުނެވުނީ މިޔުޒިކަށް ފަހު އޭނާ އެންމެ ޝައުގުވެރިވާ ކަމެވެ. އެހެން މީހުންނަށް އަޅާލާ އުޅޭ ކުއްޖެއް ކަމުން މިއަލް ޝައުގުވެރިވީ އެ ދާއިރާއަށެވެ. “އެކްސެލެންޓް…” ނަވާލް ހީނލިއެވެ. “އެހެންވީމައި.. ޖެހޭނީ އެހެން ރަށަކަށް ދާން ދޯ..؟” ނަވާލް އެހެން ބުނެލުމުން ރީއަލް އާއި މިއަލްގެ ނަޒަރުވެސް ނަވާލްގެ މޫނަށް ހުއްޓުނެވެ. “ނަވާޒު ބޭބެ ކައިރިއަށްދޯ ދާނީ..؟” ނަވާލް ދެން ބުނެލީ މިއަލް ހީވެސް ނުކޮށްހުރި ޖުމްލައެކެވެ.

ނަވާޒަކީ ނަވާލްގެ ބޭބެއެވެ. ސަފީނާގެ ދޮށީ ދަރިއެވެ. މިއަލްއަށް އެނގިފައިވާ ގޮތުންނަމަ ނަވާލާއި ނަވާޒު ވަނީ މިޝްލާ ދިޔުމަށްފަހު ކޮންމެވެސް މައްސަލައަކާއި ހުރެ ނަވާލާއި ކޮންމެވެސް ވަރަކަށް ގުޅުން ކަނޑާލާފައެވެ. އަސްލު މައްސަލައަކީ ކޮބައިކަމެއް ނަވާޒާއި ނަވާލު ނޫން މީހަކަށް އަދި އެނގިފައެއް ނުވެއެވެ. އެދުވަހަށް ފަހު ނަވާޒް މިއަލް އަދި ރީއަލްއަށް މަދުމަދުން ނަމަވެސް ހަދިޔާ ފޮނުވާ އުޅެއެވެ. އަނެއްހެން ގުޅުމެއް ނެތެވެ.

“އެންމެ ރަނގަޅު..” މިއަލް ވަރަށް ވިސްނާފައި ޖަވާބެއް ދިނެވެ. ކުރިމަތީ ނިއުޅިގެން މިދިޔަ ޑްރާމާ ބަލަން ޔައުލާނަށް ހުރެވުނީ ހައިރާންވެފައެވެ. އަނެއްކޮޅުން ރީއަލް ހުރީ ހައިރާންވެގެން ގޮސް އަނެއް އަތަށް އަޅާވަރުވެފައެވެ. “ހަފްތާއެއް ނޫނީ ދެހަފްތާއެއް ތެރޭގައި އެ ރަށަށް ދާ އިންތިޒާމުތައް ބައްޕަ ހަމަޖައްސާނަން.. އެލް އާއި ބައްޕަ ދާނީ އެކީގައި..” ނަވާލް ނިންމިއެވެ. “އެކަމް ދޮންބެއޯ..؟” މިއަލް އެހެން އަހާލީ ނުގޮސް ވާނެ އެންމެ ސަބަބެއްވެސް ފެނޭތޯއެވެ. “ދޮންބެގެ ކެއުމުގެ އިންތިޒާމުތައް ދޯ..؟ ހޮޓާތަކާއި އެކީގައި ކިއަނާވެސް އެހުރީނު..؟ ބައްޕައަށް މި ހީވަނީ ދޮގުގޮތަކަށް ނޫންކަމަށްވާނަމަ ރީއަލް އާއި ކިއަނާ އުޅެނީ ރައްޓެހިވެގެންނެއް ނޫންތަ..؟” ނަވާލް އެހެން އަހާލުމުން ކިއަނާއަށް ރަކިވާކަށް ވެސް ނޭނގުނެވެ. މިއަލްއަށްޓަކައި ހާސްވެފައިވާވަރުންނެވެ. ރީއަލް ވަކިއެއްޗެކޭ ނުބުނެ ބޯޖަހާލައިފިއެވެ. އެއްފަހަރު ރީއަލްގެ މޫނަށް ބަލާލާފައި އަނެއް ފަހަރު ކިއަނާގެ މޫނަށް ބަލާލާފައި މިއަލްއަށް ބޯ ކަހާލެވުނެވެ. “އޯކޭ..” މިއަލް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ.

ނަވާލް ޖޯލީގައި އިށީނެވެ. ނަވާލް އެހާވަރުން މިއަލް ރަށުން ފޮނުވާލަން ގަސްތުކުރީ މިޝްލާ އާއި ޒައިހާން އެރަށަށް ބަދަލުވީ ކަމަށް ހިތާއެވެ. މިޝްލާ ދެކެ ވާ ލޯތްބާއި އެއްވަރަކަށް އަންނަ ރުޅިން މިއަލް އާއި މިޝްލާ ބައްދަލު ވުމަކީ ނަވާލް ނޭދޭ އެއްކަމެވެ. އޭނަ އާއި މިޝްލާ އެއްބަސްވެފައިވާ ގޮތަށް ދެމީހުން ބައްދަލު ނުވަން އޮތީ މިހެންނެވެ. އެދެމީހުން ވަކިވީ ދުވަހުން ފެށިގެން އޭނާ ވަނީ މިޝްލާއަށް މިކޮޅަށް ނައުމަށް އަންގާފައެވެ. އަދި އޭނަވެސް އެކޮޅަށް ނުދާނެ ކަމަށް ވައުދުވެފައެވެ. ދެމީހުން ދެމީހުންނާއި ބައްދަލުނުވާނެކަމަށް އެއްބަސްވެފައެވެ. ވަކިވީ ދުވަހު މިޝްލާއަށް މިލީން ދޫކޮށް އޭނައަށް ރީއަލް އާއި މިއަލް ލިބުމުން މިލީންއަށް ރީއަލް އާއި މިއަލް ނުފެންނާނެކަމަށާއި މިއަލް އާއި ރީއަލްއަށްވެސް މިލީން ނުފެންނާނެކަމަށް ގޮތް ނިންމާފައެވެ. “މިޝްލާ ކީއްވެ މިކޮޅަށް އަންނަން ޖެހުނީ..؟ އޭނަ އެދުވަހު ވީ ވައުދާ ހިލާފް ވަނީބާ..؟ ނޫނީ އެއީ އަހަންނަށް ކުރާ ޖެއްސުމެއްބާ..؟ ނޫނީ ހަމަ ރަނގަޅަށް ވެސް މިޝްލާ އަނބުރާ އައީބާ..؟؟” ނަވާލް ހުރީ ދެ ފިކުރެއް މަތީގައެވެ. މިއަލް މީހަކާއި ދެވަން އޭނާ ގަސްތުކުރީ މިޝްލާގެ ހަގީގަތްތައް ކޮންމެވެސް މީހެއްގެ ފަރާތުން ނަމަވެސް މިއަލްއަށް އެނގޭ ދުވަހު މިއަލް އޭނާގެ ކައިރީގައި ނުބަހައްޓާށެވެ. މިއަލް އެދުވަހު ވާނެ ދެރައާއި އޭނަ ދެކެ އަންނާނެހާ ރުޅި ދެކެން ނަވާލަށް ކެތް ނުވާނެކަން އެނގޭތީއެވެ.

ޖެހިގެން އައި ދެ ދުވަސްވެސް ފާއިތުވެގެން ދިޔައީ މިއަލް ވިސްނުމުގެ ތެރޭގައި ގެނބިފައި އޮއްވައެވެ. ފިހާރައިގެ ކަންކަން ހަމައަކަށް އެޅި ޔައުލާން ފުރަން ހަމަޖެހިފައިވަނީ މާދަމާ ކަމަށް ވާތީ އެދުވަހު ހަވީރު ޔައުލާން މިއަލް ގޮވައިގެން ނުކުތީ ދުއްވާލަން ދާށެވެ.

ކަކުލާއި ހަމައަށް އަންނަ އަޅި ދަނބުކުލައަކަށް ދާ ގަމީސްކޮޅާއި އެކީގައި މިއަލް ހުރީ ކަޅު ހައިވެއިސްޓެއް ލައިގެންނެވެ. އެ ދިގު އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައިވާއިރު އަދިވެސް އެދެލޮލުން ފެންނަނީ ކަންބޮޑުވެފައިވާ އަސަރެކެވެ. އަދިވެސް މިއަލް ނަވާލް ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނާކަން ފަހުމު ކޮށްދެއެވެ. ރަތާއި ކަޅުކުލައިން ފަރުމާ ކޮށްފައިވާ ގަމީހަކާއި ޖިންސެއް ލައިގެން ޔައުލާން ހުރިއިރު ދޭތެރެ ދޭތެރެއިން ސައިކަލުގެ ލޯގަނޑުކޮޅުން މިއަލްގެ މޫނަށް ބަލާލައެވެ. މިއަލްގެ މޫނުން މިލީން ރަމްޒު ކޮށްދޭތީ ނުބަލާ ޔައުލާންއަށް ނުހުރެވެނީއެވެ. “މިތާ މަޑުކުރައްޗޭ އަހަރެން އަންނަންދެން..” ޔައުލާން ސައިކަލު މަޑުކޮށްލާފައި ދިޔައީ މިއަލް ބައިންދާފައެވެ. މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ދެ މެގްނަމް ގަނެގެން ޔައުލާން އައެވެ. “އެލް ޗިއަރ އަޕް..” ޔައުލާން އެދުނެވެ. މިއަލް ޒާތަކަށް ހީނލިއެވެ. ތަފާތު ވާހަކަތައް ދައްކަން މިއަލް އާއި ޔައުލާން ސައިކަލު މަތީގައި އިނެވެ.

ދެމީހުން ގެއަށް ދިޔައިރު ނަވާލް ހުރީ އިންތިޒާރުގައެވެ. “ނަވާޒުބެއަށް ބައްޕަ ގުޅައިފިން.. އެލްއަށް އެގޭގައި ހުރެވޭނެކަމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ..” ނަވާލް ދަތްޕިލަ ދިލުވާލައިގެން ހުރެ ބުނެލިއެވެ. މިއަލް ހަދިޔާ ކޮށްލީ ފޭކް ހިނިތުންވުމެކެވެ. “މިރޭ މީ އެލްގެ އަތުން ކައްކާ އެންމެ ފަހު ކެއުން މަށަށް ކެވޭނެރޭ ދޯ..” އެރޭ ކާން އަރާފައި ޔައުލާން ބުނެލިއެވެ. މިއަލް ހީނލިއެވެ. ޔައުލާންގެ ހިނިތުންވުން ފަނޑުވިއެވެ. މިއަލް އަދިވެސް އެ ވިސްނަނީ ކިޔަވަން ދިޔުމާއި ބެހޭގޮތުންކަން ޔައުލާންއަށް ވިސްނުނެވެ. މިއަލް އެ ވިސްނުމުން ދުރު ކުރެވޭތޯ ޔައުލާން އެތައް ވާހަކައެއް ދެއްކިއެވެ. ހެއްވާލެވޭތޯ މަސައްކަތް ކުރިއެވެ.

ކައިގެން ޔައުލާން ކޮޓަރިއަށް ދިޔައެވެ. އެއީ މާމަގެ ކޮޓަރި ކަމަށްވާތީ އެތަނުގައި އޭސީކޮށްފައެއް ނުވެއެވެ. ހޫނުވާވަރުން ޔައުލާން ގަސްތުކުރީ އެނދު ފަންކާ އާއި ވީ ދިމާއަށް ގެންދިޔުމަށެވެ. އެނދުގެ ހެޑްބޯޑާއި ދިމާލުގައި ދެއަތުން ހިފާ ޔައުލާން ގައިހުރި ބާރެއްލާ އެނދު އަނެއް ފަޅިއަށް ކޮއްޕާލިއެވެ. އެނދު ފަންކާ އާއި ގާތަށް ޖައްސާފައި ޔައުލާން ފާޑަކަށް ސްޓްރެޗްކޮށްލިއެވެ. އަދި ބޮލުގައި އަތް ހިންގާލާފައި ފާޚާނާއަށް ވަންނަން ދާން އުޅެނިކޮށް އޭނާގެ ފިޔަވަޅުތައް ގަނޑުކޮށްލީ ބިންމަތީގައި ފަތް ޖަހާފައި އޮތް ކަރުދާސްގަނޑެވެ. ފާޚާނާއަށް ދާން ޖެހުނު މަތިން ޔައުލާން ހަނދާން ނެތުނީ އެ ބަލަން އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ކުޑަކަކޫ ޖަހާލާފައި ޔައުލާން އެ ކަރުދާސްގަނޑު އަތަށް ނެގިއެވެ. އެއީ އެނދުގެ ކޮންމެވެސް ފަޔެއްގެ އަޑިއަށްލާ ފޮރުވާފައިވާ އެއްޗެކެވެ. ޔައުލާން އެ ނިއުޅުވާލިއެވެ. ހީކުރި ގޮތާއި ޚިލާފަށް އެއީ ކަރުދާސްގަނޑެއް ނޫނެވެ. ދުވަސްވީ ފޮޓޯގަނޑެކެވެ. އޭގެން އެއްބައި ނިއުޅުވާލެވުނުތަނާ ފެނުނީ މިއަލްއެވެ. ޔައުލާންއަށް ހިނިތުންވެވުނެވެ. ކުޑަކުޑަ މިއަލް ފެންނަނީ މީހަކު ގެނެސް އޮޅުލައިގަންނަން ބޭނުންވާނެހާ ލޯބިކޮށެވެ. ޔައުލާން ފޮޓޯގެ އަނެއްބައި ހުޅުވާލިއެވެ. ދެން ފެނުނު މަންޒަރުން ހީވީ ޔައުލާންގެ ލޮލުގެ ގޮބޮޅިގަނޑު ދަމައިގަތްހެންނެވެ. ހިތަށް އެރި ކުއްލި ލޮޅުމުން ސިކުނޑިވެސް ހިނދުކޮޅަކަށް ގަނޑުވިހެން ހީވިއެވެ. ޔައުލާން ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވެފައެވެ.

މިއަލް ހުރީ އެހެން އަންހެން ކުއްޖެއްގެ ގައިގައި ބައްދާލައިގެން ކަހަލަ ގޮތަކަށެވެ. ފެންނަމުން ދިޔަ ދެ ކުދިންނަށް ބަލާލާފައިވެސް އުމުރުން ކުޑަ ކަން އެނގުމުން އެ ފޮޓޯގަނޑަށް ވަރަށް ދުވަސްވެފައި ވާކަން އަންގައިދިނެވެ. ދެކުދިންވެސް ހުރީ އެއްވައްތަރުން ފިޔާތޮށިކުލައިގެ ހެދުންކޮޅެއް ލައިގެންނެވެ. ޔައުލާން އެންމެ ބޮޑަށް އަޅައިގަތީ އެކަންކަމަކުއެއް ނޫނެވެ. މިއަލް ބައްދާލައިގެން ހުރި އަންހެން ކުއްޖާއަށެވެ. މިއަލްގެ ސޫރައިގެ ތަތްގަނޑެކޭ އެ އަންހެން ކުއްޖެކޭ ތަފާތެއް ނެތެވެ. އިސްކޮޅުން އެއްވަރެއްވާ މޫނުމަތިން އެއްވެސް ތަފާތެއް ނެތް ދެކުދިންގެ ތަފާތު ކޮށްދޭ ހަމައެކަނި ސިފައަކީ އިސްތަށިގަނޑެވެ. މިއަލްގެ ރާޅުބާނި އިސްތަށިގަނޑުން ޔައުލާންއަށް އެއީ މިއަލްކަން ވަކިކުރަން އެނގުނެވެ. ކަނާތުގައި އިން އަންހެން ކުއްޖާގެ ފަން އިސްތަށިގަނޑު ފެނިފައި ޔައުލާންއަށް ބުމަ ހިއްލާލެވުނެވެ. އެއީ ކޮން ކުއްޖެއް ހެއްޔެވެ.؟ މިއަލްގެ ދައްތައެއް ނުވަތަ ކޮއްކޮއެއް ނުހުންނަކަމަށް މިއަލް ވަނީ އެއްބަސްވެފައެވެ. “އަނެއްކާ…” ޔައުލާންއަށް ކަމެއް ރޭކާލަން ފެށިއެވެ. “މިއީ… މިއީ ލީންތަ..؟” އެހެން ހިތަށް އެރުމާއި އެކީގައި ޔައުލާންގެ ދެތުންފަތް ތުރުތުރު ލައިގަތެވެ. ނިތްކުރިމަތިން ދާތިކިތައް ފާޅުވީއިރު ނޭވާ އަވަސްވިއެވެ. ވަގުތުން ޔައުލާން މިއަލްއަށް ވަރަށް އަވަހަށް އެކޮޓަރިއަށް އައުމަށް އެދި ކުރު މެސެޖެއް ކޮށްލިއެވެ. އެއުޅެނީ މިއަލްގެ ހަޔާތުގެ ހުންގާނު އަނބުރާލެވެންކަން ޔައުލާންއަކަށް ނޭނގެއެވެ.

އެއްޗެހި ހޫނު ކުރަން ހުރެފައި ޖެހިލުންވެހުރެ މިއަލް ޔައުލާންގެ ކޮޓަރިއަށް ވަނެވެ. އޭރު ޔައުލާން އިނީ އެނދުގައި އެ ފޮޓޯގަނޑަށް ބަލާށެވެ. މިއަލް އައުމާއި އެކީގައި ޔައުލާން އިސްއުފުލާލާފައި އެނދުގައި އިށީންނަން އެދުނެވެ. ޔައުލާންގެ މޫނުން ހީވީ ދިގު އިންތިޒާރެއްގެ ނިމުމަކަށް އައިހެންނެވެ. މިއަލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިށީނީ ޔައުލާން އެއުޅެނީ މުހިންމު ކަމެއް ވެގެންކަމަށް ހިތް ބުނުމުންނެވެ. “އެލް.. އެލް ބުނީމެއްނޫންތަ ނަވާލްބޭ ފިޔަވާ މިއަލްގެ އާއިލާގައި ބޮޑުބޭބެ އާއި މަންމަ އާއި މާމަ ނުލާ ހުންނަނީ ރީއަލް އެކަންޏޭ..؟” ކުއްލިއަކަށް ޔައުލާން މި އެހި ސުވާލުން ހައިރާންވި ނަމަވެސް މިއަލް ބޯ ޖަހާލިއެވެ. “ދައްތައެއް ކޮއްކޮއެއް ނުހުރޭ..؟” އިންޓަވިއު ކުރާ މީހެއް ފަދައިން ޔައުލާން ދިޔައީ ސުވާލު ކުރަމުންނެވެ. މިއަލް ދެފަރާތަށް ބޯހޫރާލިއެވެ. ޔައުލާން މިދައްކަން އުޅޭ ވާހަކައެއް ނޭނގިގެންނެވެ. “ކިހިނެތްވީތަ..؟ ކަމެއް ހިނގީތަ..؟؟” ނުހުރެވިގެން މިއަލްއަށް އެހުނެވެ. އޭރު މިއަލްގެ ހިތްވެސް ވަނީ އަވަސްވެ ނުތަނަވަސްވެފައެވެ. ޔައުލާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މިއަލްގެ އަތަށް އޭނާއަށް ފެނުނު ފޮޓޯގަނޑު ލައިދިނެވެ.

މިއަލް އެ ފޮޓޯގަނޑަށް ބަލާލިއެވެ. މިއަލްގެ ދެލޯބޮޑުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލު ނުކުރެވޭ ފަދައަކުން މިއަލް ޔައުލާންގެ މޫނަށް ބަލާލިއެވެ. މިއީ އަސްލެއް ނޫންކަން އަންގައިދިނުމަށް ބުނާފަދަ ބެލުމަކުންނެވެ. “އެލް.. އަހަންނަށް ހީވަނީ އެލްގެ އެއްމާބަނޑު ދައްތައެއް ހުންނަހެން..” ޔައުލާން ދެން ބުނެލި ޖުމްލައިން މިއަލްގެ މުޅި ދުނިޔެ އެނބުރިގަތްފަދަ އިހުސާސެއް ކުރެވުނެވެ. ޔައުލާން އެ ބުނަނީ ތެދެއް ހެއްޔެވެ.؟ އެ ފޮޓޯގައި އޭނަގެ ގައިގައި ބައްދާލައިގެން އެހުރީ އޭނަ އާއި ގުޅުމެއްވާ ކުއްޖެއް ހެއްޔެވެ.؟ ޖަވާބެއް ނެތް އެތައް ސުވާލެއް މިއަލްގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ތުރުތުރުއަޅާ އަތަކުން އަދިވެސް އެއްފަހަރު އެ ފޮޓޯގަނޑަށް މިއަލްއަށް ބަލާލެވުނީ އެހެންވެއެވެ. ތަފާތެއްވެސް ނެތެވެ. ހަމަ އޭނާގެ މޫނެވެ. އޭނާގެ ހިނިތުންވުމެވެ. އޭނާގެ ދެލޮލާއި ބުމައެވެ. ތަފާތެއްވެސް ނެތެވެ.

“މީ އެލްގެ ކޮއްކޮއެއް ނުވަތަ ދައްތައެއް ކަންނޭނގެއެއްނު..؟ އެލްއަށް ގަބޫލު ނުކުރެވެންޏާ އަދިވެސް އެއްފަހަރު ވިސްނާލަބަލަ.. ނަވާލްބެ ދުވަކުވެސް އެލްއަށް އެލްގެ މަންމަ އާއި ބެހޭގޮތުން ކިޔައިދީފައި ނުވަނީ ކީއްވެގެން..؟ އެލްގެ މާމަ މަންމައާއި ބެހޭގޮތުން ވާހަކަ ދެއްކުން މަނާކޮށްފައި ވަނީ ކީއްވެ..؟ ނަވާލްބޭގެ މާޒީގައި ވެފައިވާ ކަންކަމާއި ދޭތެރޭ ސުވާލު ނުއުފައްދަން އަންގާފައިވަނީ ކީއްވެގެން..؟ މިކަންކަމާއި ދޭތެރޭ ރަނގަޅަށް ވިސްނާލަބަލަ.. ޖަވާބު ވަރަށް ސާފު.. އެމީހުން އެލްއަށް މިކަންކަން ސިއްރުކޮށްފައި ބާއްވަން ބޭނުންވާތީ..” ޔައުލާން އޭނާއަށް ވިސްނުނުގޮތް މިއަލްއަށް ކިޔައިދެމުން ގެންދިޔައެވެ. އަތުގެ އިޝާރާތްތަކާއިވެސް އެކީގައެވެ. ޔައުލާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިނދެ މިއަލް ފުންކޮށް ވިސްނިއެވެ. ކިތަންމެވަރަކަށް ޔައުލާންގެ ބަހާއި ދެކޮޅުވާން ބޭނުންވި ނަމަވެސް ދައްކާނެ ސަބަބެއް ބުނާނެ ވާހަކައެއް މިއަލްއަކަށް ނޭނގުނެވެ. ޔައުލާން ހަދަމުން އެ ދަނީ ރޯ ބުހުތަން ދޮގުތަކަކަށް ނުވާތީއެވެ. އެއީ ހުސް ތެދެވެ. އޭނާ ހަނދާންވާގޮތުންނަމަ އޭނާ މިޝްލާގެ ވާހަކަ ދައްކަން ފަށާއިރަށް ސަފީނާގެ މޫނުމައްޗަށް އަރައިގެން ދާނީ އެހެންކަހަލަ ކުލަވަރެކެވެ. ނަވާލްވެސް އެކަހަލަ ވާހަކައެއް ފަށައިފިނަމަ ވަގުތުން މައުޟޫ ބަދަލުކޮށްލައެވެ.

ނަވާލް ގެއަށް އައިއިރު ގަޑިން މެންދަމު އެކެއް ޖަހަނީއެވެ. އެކުވެރިންނާއި އެކީގައި މާގިނަ ވަގުތު ހޭދަ ކުރެވުނީއެވެ. ނަވާލް ގެއަށް ވަންނަން އައިއިރު ކުޑަދޮރުން ފެނުނު އަލިކަމުން އަދިވެސް ސިޓިންގރޫމް ގެ ލައިޓްތައް ނުނިއްވާ ހުރިކަން އެނގުނެވެ. ގެއަށް ވަނުމާއި އެކީގައި ސިޓިންގރޫމްގައި ޖަލްސާއަކަށް ތައްޔާރުވެގެން ތިބި ބައެއް ފަދައިން އިން ރީއަލް އާއި މިއަލް ފެނިފައި ނަވާލްގެ ފިޔަވަޅުތައް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އަދި ބުމަ ހިއްލާލާފައި އެދެމީހުންނާއި ދިމާލަށް ބަލާލީ ވެގެން އުޅޭގޮތް ނޭނގިގެންނެވެ. އޭރު މިއަލް އާއި ރީއަލްގެ ގާތު ކޮޅަށް ޔައުލާންވެސް ހުއްޓެވެ. “ކުދިން ކީއްތަ ކޮށްލަނީ..؟ އެ މެންދަން ވަނީ.. ކީއްވެ ނުނިދާ..؟ މާދަން ޔުއެލް ފުރަންވެސް ޖެހޭނެއެއްނު..؟” ނަވާލް އެއްސެވެ. “ބައްޕާ.. އައިސް މިތަނުގައި އިށީންދެލަބަލަ..” އިހުތިރާމާއި އެކީގައި އެހެން ބުނެލި ނަމަވެސް ރީއަލްގެ ރާގުގައިވީ ތަފާތުކަން ނަވާލަށްވެސް ފާހަގަވިއެވެ. ހައިރާންވެފައި އައިސް ނަވާލް އިށީނީ އެމީހުންގެ ކުރިމަތީ ހުހަށް ހުރި ގޮނޑީގައެވެ.

“މީ ކޯޗެއް..؟” އިސްވެ ވާހަކަ ދެއްކީ ރީއަލްއެވެ. ނަވާލް ރީއަލް ދިއްކޮށްލި ފޮޓޯގަނޑަށް ބަލާލިއެވެ. ނަވާލް މުޅި މީހާ ނުބައިގޮތަކަށް ތުރުތުރު އަޅައިގަތެވެ. “މީ ކޮންތާކުން ލިބުނު އެއްޗެއް..؟” ރަނގަޅަށް ވިސްނާވެސްނުލާ އެ ފޮޓޯގައި ހިފަމުން ނަވާލަށް އެހުނެވެ. “މާމަ ކޮޓަރިން..” ރީއަލްގެ ޖަވާބު ކުރެވެ. މިއަލް އާއި ރީއަލްގެ މޫނުމަތިން ހިތްހަމަނުޖެހުމާއި އެކީގައި ކުޑަ ޝައުގުވެރިކަމެއްވެސް ފާޅުވަމުން ގެންދިޔައެވެ. “އެ ފޮޓޯގައި އިން އެކަކަކީ އެލް.. އަނެއް އަންހެން ކުއްޖާ އަކީ ކާކު..؟” ރީއަލް އެނގެން ބޭނުންވެފައި ހުރިވަރުން އެއްސެވެ. ނަވާލަށް އެ ވާހަކަ ދައްކަން ފަށާނެގޮތެއް ނޭނގުނެވެ. ހަދާނެގޮތް ހުސްވެފައި ބަލާލެވުނީ ޔައުލާންގެ މޫނަށެވެ. އެ މޫނުންވެސް ފެންނަނީ ތަފާތު އަސަރެކެވެ. ނަވާލްގެ މޫނަށް ކަޅި ހުއްޓާލައިގެން އިންގޮތުން ހީވަނީ އޭނާ ތެރެއިން ލާފައި ސިކުނޑިއާއި ހަމައަށް ވާސިލުވެވޭތޯ މަސައްކަތްކުރަމުން ދާހެންނެވެ. އިޚްތިޔާރުން ބޭރުގައި ނަވާލަށް ހިންދިރުވާލެވުނެވެ. “މި ވާހަކަ ދައްކާނެކަމެއް ނެތް..” އިންތަނުން ތެދުވެ ނަވާލް ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. ނަމަވެސް މިއަލް އެކަންވިޔަ ދޭނެހެއްޔެވެ.؟ ދުވެފައި ގޮސް ނަވާލްގެ މުލައްދަނޑީގައި ބައްދައިގަތެވެ. އެތަނުގައި ހުރި އެހެން މީހަކަށްވުރެ ބޮޑަށް މިއަލްވަނީ ޝައުގުވެރިވެ ނުތަނަވަސްވެފައެވެ.

“ބައްޕާ……” “އެއީ މިއަލްގެ އެއްމާބަނޑު ދައްތަ..!!” އެންމެފަހުން ނުހުރެވިގެން ނަވާލަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. މިއަލްވެސް ދިޔައީ އެއްލިގެންނެވެ. ދެފިޔަވަޅު ފަހަތަށް އަޅާލެވުނީ މޭގައި އަތް ޖައްސާ ބާރުކޮށްލަމުންނެވެ. ނަވާލް އެ ބުނެލި ޖުމްލައިން މިއަލްގެ މޫނުމައްޗަށް އަނދިރިވާން އުޅުނުހެން ހީވިއެވެ. ރީއަލް އަވަހަށް މިއަލް ގެނެސް ގާތްކޮށްލައިފިއެވެ. ފޮރުވުމެއް ނެތި އެ މޫނުން ވެސް ފެންނަމުން ގެންދަނީ ހައިރާންކަމެވެ. ނަވާލް އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަނެވެ. މިއަލްގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އެ ވާހަކަ އެނގުމުން ވީ އުފަލުންކަމެއް ނުވަތަ އެކަން އެހާ ދުވަސްވަންދެން އޭނާއަށް ސިއްރުކުރެވިފައިވީތީ ވީދެރައިން ނޫންކަމެއްވެސް ނޭނގުނެވެ. އަވަހަށް އޮށޯންނަން ދާށޭ ރީއަލް ބުނެލިގޮތުން ޚުދު އޭނާއަށްވެސް އެކަނި ވަގުތުކޮޅެއް ބޭނުންވާކަން އެނގުނެވެ. ނިދަން އަރާފައިވެސް މިއަލްއަށް އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ސިކުނޑި ގޮވާފައި އޮވެވުނީ ކިތައް މިނެޓް ވަންދެން ކަމެއްވެސް ނޭނގުނެވެ. ކައިވެންޏެއް ނުކުރަން ކިޔަވަން ދާން ޖެހޭކަމާއި ކުއްލިއަކަށް މި އެނގުނު ބޮޑު ސިއްރާއި ހެދި މިއަލްގެ ސިކުނޑީގައި ފިކުރުތައް ތޮއްޖެހުނެވެ. އޭނާގެ ދައްތައެއް ހުންނަކަން އެނގުމުން މިއަލްގެ ހިތަށް ލިބިފައިވަނީ އުފަލެއް ކަމެއް ނުވަތަ ނުތަނަވަސްވުންކަމެއް ނޭނގުނެވެ. އިތުރުން ނަވާލާއި ދޭތެރޭ މިއަލްގެ ހިތުގައި އެތައް ޝަކުވާއެއް އުފަންވިއެވެ. އެތައް ދުވަހެއް ވަންދެން އެކަން ސިއްރުކޮށްފައި ބޭއްވީތީއެވެ. އަޑުކޮޅަށް ރޮއިގަންނަންވެސް ބޭނުންވިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. މިއީ އަސްލުކަމާއި މެދު މިއަލްއަށް ޝައްކުވިއެވެ. ހުވަފެނަކުން ހޭލަން ބޭނުންވާފަދައިން މިއަލް ހޭލަން ބޭނުންވިއެވެ. ހުރިހާ ކަމަކާއި ދޭތެރޭ ވިސްނަމުން މިއަލްގެ ގާތަށް ނިދި އައީ އެތައް އިރެއް ފަހުންނެވެ.

ޖެހިގެން އައި ދުވަހު ޔައުލާން ފުރުވަން މިއަލް އާއި ރީއަލް ދިޔައެވެ. ކަޅު ކުލައިގެ ޓީޝާޓެއް މަތިން ރަތްކުލައިގެ ބްލޭޒަރަކާއި ކަޅު ޖިންސެއް ލައިގެން ހުރި ޔައުލާން މިއަދު ފެންނަނީ އެހެން ދުވަސްތަކާއި ބަލާފައި މާ ޝަހުސިއްޔަތު ވަރުގަދަކޮށެވެ. އިސްތަށިގަނޑުވެސް ރަނގަޅަށް ފުނާ އަޅާފައި ވާއިރު ޔައުލާން ދެނީ ‘ޕްރޮފެޝަނަލް ވައިބް’އެކެވެ.

އެއްވެ އެންމެންނާއި ސަލާން ގަލާން ކޮށްފައި ލޯންޗަށް އެރުމުގެ ކުރިން ޔައުލާން މިއަލް އާއި ގާތަށް ޖެހިލިއެވެ. “މިއީ އަހަރެންގެ ފަރާތުން އެލްއަށް ދޭ ހަދިޔާއެއް..” ޔައުލާން މިއަލްގެ ދޫކޮށްލާފައިވާ އިސްތަށިގަނޑު ކަޅު ޑަސްޓްތަކެއް ބުރުވާލާފައިވާ ހުދުކުލައިގެ ބޮޑު ދައްޗަކުން ހަރުކޮށްދިނެވެ. އަދި ޕޭސްޓެލް ލައިޓް ވައިލެޓް ކުލައިގެ ސްކްރަންޗީއެއް މިއަލްގެ އަތަށް ލައްވާލައިދިނެވެ. އިތުރުން ޔައުލާން އެހާއިރު ވާންދެން އަތުން ދޫނުކޮށް ހިފާއްޓައިގެން ހުރި ކަޅުކުލައިގެ ކޮތަޅު މިއަލް އާއި ހަވާލު ކުރިއެވެ. ހައިރާންވެފައި މިއަލް ޔައުލާންގެ މޫނަށް ބަލާލިއެވެ. “ފުރަތަމަ ހަދިޔާ އެއީ އަބަދު އިސްތަށިގަނޑު ހާވާލައިގެން އުޅޭތީވެ ދިން އެއްޗެއް.. ދެން ސެކަންޑް ހަދިޔާ ސްކްރަންޗީ އެއީ އަހަރެންގެ ހަނދާނަކަށް ބާއްވަން.. ދެން ތި ކޮތަޅުގައި އޮންނާނީ އަހަރެންގެ ފަރާތުން އެލްއަށް ދޭ ތިންވަނަ ހަދިޔާ.. އޭން އައުޓްފިޓް.. މަގޭ ނުހުންނާނެ އިނގޭ ގާރލް ކުދިން ޝޮޕިންގ ކުރާއިރު ހުންނަކަހަލަ ޓޭސްޓެއް.. އެކަމަކުވެސް ދެން މަށަށް ކަމުދިޔަ ހެދުންތައް އޮންނާނެ ތީގަ..” އެވަގުތުވެސް ޔައުލާން ބެލީ މިއަލް ހެއްވާލެވޭތޯއެވެ. އެކަން ކާމިޔާބުވީ މިއަލް އޭނާގެ ރީތި ހިނިތުންވުން ދައްކާލުމުންނެވެ. އޭނާ ދިޔުމުން އޭނާގެ މަތިން ހަނދާންނައްތާނުލާ މެސެޖްކޮށް އުޅެން ވައުދު ކުރުވާފައި ކުޑަކޮށް މިއަލް ގާތްކޮށްލާފައި ޔައުލާން ލޯންޗަށް އެރުމުގެ ކުރިން އެންމެންނަށް އަތް ހޫރާލިއެވެ.

ޔައުލާން ދިޔުމުން މިއަލްގެ ހިތަށް ފަޅުކަމެއް ވެރިވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔައުލާން ވެފައި ވަނީ މިއަލްގެ އިތުބާރު ހޯދި މީހަކަށެވެ. ގާތް އެކުވެރިއަކަށެވެ. ޔައުލާން ދިޔުމުން ވީ ފޫއްސާއި އެކީގައި މިއަލް ގެއަށް ވަތްއިރު ނަވާލް ގެއިން ނިކުންނަން ދަނީއެވެ. ނަވާލްގެ މޫނަށް ބަލާވެސް ނުލާ އިސްދަށަށް ޖަހާލައިގެން މިއަލް ގެއަށް ވަނެވެ. ނަވާލްދެކެ އަދިވެސް އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. އެ ހާމަވީ ސިއްރާއި ހުރެ މިއަލްގެ ބޮލުގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާގެ އެއްމާބަނޑު ދައްތައެއް ހުރެއެވެ. އެ ދައްތަ އޭނާ އާއި ކާރބަން ކޮޕީއެއްހާ ވައްތަރު ވާނެކަން އެނގެނީ ރޭ ފެނުނު ފޮޓޯގެ ސަބަބުންނެވެ. އެ ދައްތައަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ.؟ އެ ދައްތަ ވީ ކޮންތާކު ހެއްޔެވެ.؟ މިހާރު އެ ދައްތަ އުޅެނީ ކިހިނެތް ހެއްޔެވެ.؟ މިއަލްގެ ހިތުގައި ޖަވާބަކަށް އެދޭ އެތައް ސުވާލެއް އުފަންވާންފެށިއެވެ.

 

= ނުނިމޭ =

18

9 Comments

 1. Rooya Xek

  August 22, 2021 at 2:39 pm

  Nice like always 😍😍 cover varah lwbi ❤️❤️ my fav twins eii 🥰🥰 whn next 😘😘 waiting curiously, lv u tgc n stay safe 💖💖💖

  • yooon

   August 22, 2021 at 10:22 pm

   Thankyou so much Rooya Xek 💖🥰 Hehe glad u liked it.. Owh yess yoon ge vx fav eii.. Nxt insha allah 24th ga.. Love you more n more 💖 You tgc nd stay safe too dear

 2. Aishath Faruha Abdulla

  August 22, 2021 at 5:15 pm

  Masha Allah….. Neih bunaane kmh vx…. 👍Kihineh kan reehchey bunaanee neyngunu…😍 Kon Bahakun kmh neyngun… Ehaa vx furihama…. 😍😍By the way when next??? Can’t wait….. And Thank you monday ga ey bunefa miadhi up kohla dhineethee….. 😄
  T C❤️

  • Aishath Faruha Abdulla

   August 22, 2021 at 5:16 pm

   And cover photo vrh reethi 😍

  • yooon

   August 22, 2021 at 6:05 pm

   Thankyou so much Faruha 💖🥰 That’s so sweet of you dear I am so happy to hear that 💖 Nxt part insha allah Tuesday ga.. Thats 24th ga.. Ehehe your wlc dearlss 😊 You stay safe and tgc too dear..

  • yooon

   August 22, 2021 at 6:08 pm

   Owh glad to knw that u liked the cover 💖😘 I made it special for this part.. Eyrun readers ah Yuel ah fenunu photo picture kuran faseyha waane balaafa.. thanks a lot dear

   nd a very very big thankyou to all the readers with a shower of love 💖 You all mean so much to me and hope everyone is doing good.. Thankyou for your support.. Ik I constantly say this but I wouldn’t have made it this far without all your support 🥰 Thankyou all so much.. Have a great day.. Stay safe and take care and enjoy your days everyone 💖

 3. magnummm

  August 22, 2021 at 9:35 pm

  Luved the stry and cover pic too! 😘 can’t wait to read the next 😉❤ stay safe dearlss 💕 miss u ❤ lymnm

  • yooon

   August 24, 2021 at 11:02 am

   Thank you so much dearlss 💖💖 luv ya more n more 😙

 4. hawwa lamya

  August 23, 2021 at 8:43 pm

  Wow.speach less.hama habeys.you are one of my favourite story writer.vvv reethi mi part ves.dhn mial kihinehbaa hadhaanee.milyn hoadhan dhaaneebaa?🤔 anyways when is the next💙.can’t wait😸.cover pic ves vr reethi.TC dear ❤️🙂

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!