ެ. ” އަހަެ. ” އަހަރެން ލޯބިވޭ ވަރުދާދެކެ” އަލްތާފް އެހެންބުނުމުން ވަރުދާއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހައިރާންވެ ބަލަހައްޓައިގެން ހުރެވުނެވެ. އެވާހަކަ އެހައި ފަސޭހައިން ބުނެވުނީތީ ޙުދު އަލްތާފްވެސް ހައިރާންވިއެވެ.
”އަހަރެން ލޯބިވޭ ވަރުދާދެކެ” އަހަރެންގެ ގާރލްފްރައިންޑަށް ވެދާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ އެއްވެސްއެއްޗެއް ނުބުނެ ހުރީއެވެ. ” އޯކޭ ދެން ދަނީ އިނގޭ” އަލްތާފް ދާން ހިނގައިގަތެވެ. ” އަލްތާފް” ވަރުދާ ގޮވައިލިއެވެ. އަލްތާފް ހުއްޓުނެވެ. އަލްތާފް އުފާވިއެވެ. ހިނިތުންވިއެވެ. ވަރުދާ އަލްތާފްގެ ކައިރިއަށް ދިޔައެވެ. ” ކިހިނެތްވީ؟” އަލްތާފް އެހިއެވެ. ” އައިސް އަލަމާރީގައި ޕިރިނީ ހުންނާނެ. ކާނަންތަ؟”ވަރުދާ އެހިއެވެ. ވަރުދާގެ ކިބައިން އަޑުއިވުނީ އަލްތާފް އުންމީދުކުރި ވާހަކައެއް ނޫނެވެ. އެކަމަކު ވަރުދާ އަލްތާފް އަދި ދިޔަނުދީ މަޑުކުރުމުން އުފާވިއެވެ. އޭގެން އަލްތާފްއަށް ދޭހަވީ ވަރުދާ އަދި އަލްތާފް އެގޮތަށް ދިޔުން ނޭދޭކަމެވެ. އަލްތާފް ޕިރިނީކޮޅެއް ކައިލައިގެން ދާން މަޑުކުރިއެވެ.
އާމިނާ ބަދިގޭގައި ތަށިތައް ދޮންނަނީއެވެ. އަލްތާފް އައިސް ގެޔަށްވަނެވެ. ބަދިގެފަރާތަށް ދިޔައެވެ. ” މަންމާ” އަލްތާފް ގޮވައިލިއެވެ. ” ދަރިފުޅާ ހާދަ އިރެއްވެއްޖޭ. ކިތައް ހުކުރު ކޮށްފައި ތިއައީ؟ ގެޔަކަށް ދިޔައީތަ ؟” އާމިނާ އެހިއެވެ.
“އާނ މަންމާ” އަލްތާފް ޖަވާބުދިނެވެ. ” ކޮންކުއްޖެއްގެ ގެޔަށް؟ ސައުދާގެ ގެޔަށްތަ؟” އާމިނާ އެހިއެވެ. ” ސައުދާ ނޫނަސް އަހަރެން ރައްޓެހިން ތިބެޔޭ މަންމާ” އަލްތާފް ބުނެލިއެވެ.އާމިނާ ހީނލިއެވެ. ” ދަރިފުޅު ނައިސްގެން މަންމަ އާއި ކޮއްކޮ މިހާރު ކައިފިން. ދަރިފުޅަކަށް ނުކެވޭނެތަ ދެން؟” އާމިނާ އެހިއެވެ.
ވަރުދާ އޭނަގެ ކޮޓަރީގައި ބެޑްމަތީގައި އިށީނދެ އިނެވެ. ފިކުރުކުރަނީއެވެ. ވިސްނަނީއެވެ. އެހެން އިންދައި ވަރުދާގެފޯނު ރިންގުވާންފެށިއެވެ. ފޯނު އޮތީ ޑްރެސިނގް ޓޭބަލްމަތީގައެވެ.
ވަރުދާ ގޮސް ގުޅަނީ ކާކުތޯ ބަލައިލިއެވެ. އެ ގުޅަނީ އޭނަގެ ދައްތަ ވަފްދާއެވެ. ބައެއްފަހަރަށް ދައްތަ ގުޅައިލާނެވެ. ވަރުދާ ފޯނުނެގިއެވެ. ” ހަލޯ ދައްތާ” ވަރުދާ ގޮވައިލިއެވެ.
“ހަލޯ ކޮއްކޯ ކޮއްކޮމަތިން ހަނދާންވާވަރުން މިގުޅައިލީ” ވަފްދާ ބުނެލިއެވެ. “ދައްތަމަތިންވެސް ވަރަށް ހަނދާންވޭ. ދައްތަ ކީއްވެތަ އަހަރެމެން ދޫކޮށްފައި ދިޔައީ؟” ވަރުދާ ރޮވިފައި ޝަކުވާކުރިއެވެ. ” ކޮއްކޯ ދައްތަގެ ފިރިމީހާ ހުންނަތާކު ދައްތައަށް ހުރެވޭނީ” ވަފްދާ ބުނެލިއެވެ. ” ދައްތައަށް ޅިޔަންބެއާއިއެކު ރަށުގައިވެސް ހުރެވުނީހެންނު؟ ވަރުދާ ބުނެލިއެވެ. “ކޮއްކޯ ދައްތަވެސް ބޭނުންވީ ތިގޮތް. އެކަމަކު އާމިރު ބޭނުންވީ ދައްތަ މާލެބަދަލުވާން” ވަފްދާ ހަގީގަތް ކިޔައިދިނެވެ. ” އެހެންވާނީ މާލެ މީހަކު ހޯދަންޏާ. އަހަރެން މީހަކު ހޯދަނީ ރަށުން” ވަރުދާ ބުނެލިއެވެ. ” އަދިވެސް ނުހޯދޭތަ މީހަކު” ވަފްދާ އެހިއެވެ. ” ދައްތާ މިއަދު ކުއްޖަކު އަހަރެން ކައިރީގައި ބުނި އަހަރެންދެކެ ލޯބިވާ ވާހަކަ” ވަރުދާ ބުނެލިއެވެ. ” ކީކޭ ؟ ކާކު؟ ކޮންކުއްޖެއް؟ ” ވަފްދާ ވަރަށް ޝަޢުޤުވެރިވިއެވެ. ” އަލްތާފް. އޭނަ ބޭނުންވަނީ އަހަރެން އޭނަގެ ގާރލްފްރައިންޑަށް ވާން” ވަރުދާ ބުނެލިއެވެ.
“އަލްތާފް. ރީތިނަމެއް. ހޫނ ދެން ކޮއްކޮ ބޭނުންވަނީއްޔޯ؟ ލޯބިވޭތަ އަލްތާފްދެކެ؟ ވަފްދާ އެހިއެވެ.
“އަލްތާފްއަކީ ރީތި، މަޑުމައިތިރި، ލަދުރަކި ކުއްޖެއް. މިއަދު އޭނަ ކުއްލިއަކަށް އަހަރެންދެކެ ލޯބިވޭ ބުނުމުން އަހަރެންނަކަށް ބުނާނެއެއްޗެއް ނޭނގުނު. އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން އެއްވެސް ފިރިހެނަކު ދުވަކުވެސް އަހަރެންކައިރީގައި އަހަރެންދެކެ ލޯބިވޭ ބުނާނެކަމަކަށް . އަހަރެންގެ ގާރލްފްރައިންޑަށް ވާން އަހާނެކަމަކަށް. އަދި މީހަކު އަހަރެންދެކެ އެހައި ލޯބިވާނެކަމަކަށް އަހަރެންނަށްޓަކައި ކުރިން ނުވެސް ކާއެއްޗެއް ކާވަރަށް.”ވަރުދާ ބުނެލިއެވެ.
އަލްތާފް އޭނަގެ ކޮޓަރީގައި އެނދުމަތީގައި އޮށޯވެ އޮތެވެ. އަލްތާފް ވަރުދާދެކެ ލޯބިވާ ވާހަކަ އޭނަޔަށް ވަރުދާގެ ކައިރީގައި ބުނެވުމުން ހިތަށް ލުޔެއް ލިބުނެވެ. އެހެންނަމަވެސް ހިތަށް އަރަނީ ބުނެވުނުލެއް އަވަސްބާވައެވެ. ވަރުދާ އެއްޗެކޭ ނުބުނީ ކީއްވެގެންބާވައެވެ. އަހަރެންދެކެ ރުޅިއައީ ބާވައެވެ. ވަރުދާ އަހަރެންދެކެ ލޯބިވޭބާވައެވެ. ވަރުދާގެ ބިޓެއް ހުރޭ ބާވައެވެ. އެހައި ރީތި ކުއްޖެއްގެ ބިޓެއްނުހުރެއް ނުހުންނާނެއެވެ.
މިޙިޔާލްތަކުގައި އޮއްވައި އަލްތާފްގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަންފެށިއެވެ. އަލްތާފް ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީ ހުރީ ސައުދާއެވެ. ” އަހާނ ސައުދާ ވަދޭ އެތެރެއަށް” އަލްތާފް ބުނެލިއެވެ. ސައުދާ އެތެރެއަށް ވަނެވެ. އެނދުމަތީ އިށީނނެވެ.
” މިއަދު ވަރުދާގެ ގެއިން ނުކުމެގެން އަންނަނިކޮށް ފެނުނު” ސައުދާ ބުނެލިއެވެ. ” އާނ ހުކުރުން ނިމިގެން އެގެޔަށް ކާންދިޔައީ ” ވަރުދާ ބުނެލިއެވެ. ” ވަރުދާ ބުނީތަ ކާންދާން؟” ސައުދާ އެހިއެވެ. “ބުނީ އަހަރެން ވަރަށް މީރުކޮށް ކައްކަމޭ. އެއްދުވަކުން ކާން އަންނަންވާނޭ. އަހަރެން ބުނިން އެއްދުވަހުން ކީއްކުރަންހެއްޔެވެ؟ މިއަދު ކީއްވީހެވެ؟” އަލްތާފް ބުނެދިނެވެ.
” އެގޭގައި ވަރަށް ހުކުރުދުވަސް ދުވަހު ތަރުކާރީ ބަތް ހަދާނެ” ސައުދާ ބުނެލިއެވެ. ” އާނ ހަދައިފައި ހުރީ ތަރުކާރީ ބަތް” އަލްތާފް ބުނެލިއެވެ. ” އެކަމަކު އަލްތާފް ނުކަމެއްނު ތަރުކާރީބަތެއް” ސައުދާ ބުނެލިއެވެ. ” އެކަމު އަހަރެން އެ ކާންފެށިން. ވަރުދާއަށް އަހަރެން އެޔާއި ގަޔާއިނުވާކަން އެނުގުމުން ކާން ގެންގުޅުނު ސަމުސާ އަތުލީ. އަދި އަހަރެން މިއަދު ބުނެފިން އަހަރެން ވަރުދާދެކެ ލޯބިވާވާހަކަ” އަލްތާފް ބުނެލިއެވެ. “ކީކޭ؟” ސައުދާއަށް އެވާހަކަ އިވުމުން ހައިރާންވިއެވެ . އިންތަނުން ތެދުވިއެވެ. ” އަސްލުވެސްތަ؟” ސައުދާ އަހައިލިއެވެ. އަލްތާފް ބޯޖަހައިލިއެވެ. ” ވަރުދާ ކީކޭ ބުނީ؟” ސައުދާ އެހިއެވެ.” ވަރުދާ ނުބުނި އެއްޗެކޭ އެކަމަކު އަހަރެން ދާން އުޅުމުން ޕިރިނީކާނަންހޭ އަހައި މަޑުކުރުވި. ” އަލްތާފް ބުނެލިއެވެ. ” އަހަރެންނަށް ހީވަނީ ވަރުދާވެސް އަލްތާފްއާއި ގަޔާވަހެން” ސައުދާ ބުނެލިއެވެ. ” އަހަރެންނަށްވެސް ބައެއްފަހަރު ހީވޭތިހެން. އެކަމު ހަމައެކަނި ހީއަކަށް ވެދާނެބާ؟”އަލްތާފް ބުނެލިއެވެ. “އިރާދުކުރެއްވިއްޔާ ތިހެނެއްނުވާނެ” ސައުދާ ބުނެލިއެވެ.
ހަވީރުގެވަގުތެވެ. ވަރުދާ ޖޯލި އުނދޯލީގައި އިނގިރޭސި ވާހަކަ ފޮތެއްހިފައިގެން އުނދޯލިހެއްލަން އިނެވެ. ހިތުން އޭގެ ޖުމްލަތަކައި އިބާރާތްތައް ކިޔަމުންދެއެވެ. އުނދޯލި އެހައި ބާރަކަށެއް ނުހެއްލައެވެ. ހެއްލަނީ މަޑުންނެވެ. ” އައްސަލާމް އަލައިކުމް” މީހަކު ސަލާންގޮވައިލިއެވެ. އެއީ ސައުދާގެ އަޑެވެ. ވަރުދާ ގޮސް ބޭރު ދޮރު ހުޅުވިއެވެ. ސައުދާ ވަރުދާއާއި އެކު އުނދޯލީގައި އިށީނނެވެ. “ކަމަކުތަ ތިއައީ؟” ވަރުދާ އެހިއެވެ.
” އާނ މިއައީ ކަމަކު. ވަރުދާ ވަރުދާއަށް އަލްތާފް ކަމުދޭތަ؟ ސައުދާ އެހިއެވެ. ސައުދާ އެހެން އެހުމުން ވަރުދާއަށް ސައުދާ އާއި ދިމައަށް ބަލައިލެވުނެވެ. ” ކީއްވެ ތިހެން ތިއެހީ؟” ވަރުދާ އެހިއެވެ. ” ކަމުދޭތަ ؟ ނުވަތަ ކަމަކުނުދޭތަ؟” ސައުދާ އެހިއެވެ. ވަރުދާ އުނދޯލިން ތެދުވިއެވެ. ” ކަމުދޭ.” ވަރުދާ ބުނެލިއެވެ.

26

1 Comment

  1. Princess

    June 21, 2021 at 7:52 pm

    V reethi Masha Allah ❣️❣️❣️❣️❣️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!