އަހަރެންނަށް ހޭލެވުނީ މަންމަ އައިސް ފަތިސް ނަމާދަށް ގޮވަން ފެށުމުންނެވެ. އަދި ކުއްލިއަކަށް ރޭގައި ހިނގާދިޔަ ކަންކަން ހަނދާނަށް އަތުވެއްޖެއެވެ. ވަގުތުން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނުމާއެކު ރުޤްޔާ ކުރާ މީހާއަށް ގުޅާ، ރޭގައި ހިނގި ކަންތައްތައް ކިޔައިދިނެވެ. އެއީ ޖިންނި ޝައިތާނުން އަހަރެންގެ ލޯމައްޗައް އޮޅުވާލި އޮޅުވާލުމެއް ކަމަށް ބުންޏެވެ. އެމީހުންގެ ބޭނުމަކީ އަހަރެން ބޮޑު ނޭންގުމެއްގެ ތެރޭގައި ބަހައްޓާ، ދީނުގެ ކަންކަމަށް ހުރަސް އަޅާ، އަހަރެންގެ ހޭބުއްދި ފިލުވާލުން ކަމަށް ބުންޏެވެ. މަންމަ އަށް އަހަރެން ގޮވި އަޑުނީވުނީ އެހެންވެއެވެ. ދުވަހުގެ ވަގުތު ހިނގަމުން ގޮސް އަސުރު ނަމާދަށް ގޮވައިފިއެވެ. ވުޞޫ ކޮށް ނަމާދު ކުރަން ފެށުމާއިއެކު އަނެއްކާވެސް އަތުންނާއި ފައިން ދިލަނަގަން ފަށައިފިއެވެ. ތިނޯސް ހަރާހެން ހީވާން ފެށިއެވެ. ވަގުތުން ބައްޕައަށް ގޮވާ ގެނައީމެވެ. އެ ރެއަކީ އަހަރެންގެ ބަނޑު ސާފުކުރަން ނިންމާފައި ވާ ރެއެވެ. ނަމަވެސް އަހަރެން ވަރުބަލިވެފައި ވުމާއެކު އަހަރެން ރަނގަޅު ކުރުމަށްފަހު ރާޤީ ދިޔައީއެވެ.
މިއަދުވެސް އަހަރެން އިންތިޒާރު ކުރަމުން ދިޔަވަގުތު ޖެހިއްޖެއެެވެ. ރާޤީ އައުމައްފަހު ހޮޑުލައްވަން ބޯންދޭންޖެހޭ “ބުޔުމެއް” ތައްޔާރު ކުރަން ފަށައިފިއެވެ. ފުލްކްރީމް ރޯ ކިރާއި ޒައިތޫނި ތެޔޮ އަދި ރީންދޫ އެޅުމައްފަހު ޝިފާގެ އާޔަތްތައް ކިޔަމުން ބޮޑު ޖަގެއްގައި އެ ގިރައިފިއެވެ. އަދި ތައްޓަކަށް އެޅުމަށްފަހު ބޯލަން ދީފިއެވެ. އޭގައި ލީ ވަރަށް ނުބައި ރަހައެކެވެ. ނަމަވެސް ތައްޓަކަށް ފަހު ތައްޓެއް ބޮމުން ގޮސް ތިން ވަނަ ތަށި ނުބޮވެނީސް ހޮޑު އަތުވެއްޖެއެވެ. ކާންދީފައި ހުރި ސިހުރުގެ ބައިތައް ގޮހޮރުން ނެއްޓިގެން ހޮޑާއި އެކު ނުކުންނަން ފަށައިފިއެވެ. އަދި އެ ޖަގުގައި ހުރި ޖޫސް ތައް ބޮމުން ގޮސް ހުސްކުރިއިރު ގައިގާ ވަރެއް ނެތެވެ. އަދި ހޮޑުލެވިފައި ހުރި ޓައްޕުގެ ތެރޭގައި ކަޅުކުލަ އަރާފައި ހުރި ހިކަނދިފަތާ އަދި އެނޫންވެސް ބައިވަރު އެއްޗެހި ހުއްޓެވެ. ގިނައިން ކާންދީފައި ހުރީ ވަޅޯމަސް އަޅައިން ހަދާފާހުރި އެއްޗެހި ކަމަށް ރާޤީ ބުންޏެވެ. ބަނޑުން ހީވީ އޮއްގާ ތަކެއް ނެގި ހެންނެވެ. އެހާވެސް ލުއި ލިބުނެވެ. ގިނަ ދުވަސްތަކަކައްފަހު އަރާމުކަމާއިއެކު ނިދާލެވުނެވެ. މިގޮތައް ތިން ރޭ ހޮޑުލެއްވިއެވެ.
އާދުވަހަކަށް މަރުހަބާކީ އިރާއިއެކު އެންމެ ފުރަތަމަ އިވުނު ހަބަރަކުން އަހަރެންވެސް ކޮސްވެއްޖެއެވެ. މިކިޔަނީ އެންމެނައްވެސް އެނގޭ މަޝްހޫރު “މަސްކާ އާންޓީސް” ގެ ވާހަކައެވެ. މިމީހުން ދައްކައިގެން އުޅެނީ އާދައިގެ ވާހަކައެއް ނޫނެވެ. އަހަރެންނަށް ރުޤްޔާ ކުރާ މީހަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭ ވާހަކަ ފަތުރާލައިފިއެވެ. އަދި އަހަރެންނަކީ ކާންދޭ އަތުގައި ދަތްއަޅާ ހަޔާތްކުޑަ މީހެއްކަމަށް ބުނަން ފަށައިފިއެވެ. ކަންވީގޮތައް ބަލާއިރު، މި މައްސަލަ އުފެދުނީ ސިހުރުވެރިންނަށް އަމާޒުކޮށް ފޭސްބުކް ގައި އަހަރެން ކުރި ޕޯސްޓެއް އެމީހުންގެ ދަރިއަކަށް ފެނިގެން އެވާހަކަ މަސް ކާ ގުރޫޕަށް އެނގިގެންނެވެ. އަހަރެން ލިޔުނީ ދޮގު ވާހަކައެއް ނޫނެވެ. ސިހުރުވެރިންގެ ހައްދަކީ ކަނޑިން ޖަހާ ބޯ ބުރިކޮއްލުމެވެ. މީހުންގެ މަސް ކާ އާންޓީ އަކީ ސިހުރު ހަދާ ޓީމުގެ އަތްމަތީ މީހެކެވެ. އެމީހުން ޖަހާލި ބެރަކަށް އެނާ ނަށާނެއެވެ. އަދި އަހަރެންގެ މައްޗައް އަބުރުގެ ދަޢުވާ ކުރާނެ ކަމައްވެސް ބުންޏެވެ. އަހަރެން ކުރި ޕޯސްޓް ވަގުތުން ލޯޔަރު ކަން ކިޔަވާ ކުއްޖަކައް ފޮނުވީމެވެ. އަހަރެންގެ މައްޗައް އަބުރުގެ ދައުވާއެއް ކުރެވޭކަށް ނެތެވެ. ސަބަބަކީ އަހަރެން އެ ޕޯސްޓުގައި ނަމެއް ހާމައެއް ނުކުރަމެވެ. އަދި އެމީހުން އެ މައްސަލަ ހުށައަޅައިފިނަމަ ކުށްވެރި ވާނީ އަހަރެންގެ ބަދަލުގައި އެމީހުންނެވެ. މިސްކިތުގައި ހުޅު ޖެހި މީހާގެ ވާހަކަ އަޑު ނީވެނީ ކަންނޭންގެއެވެ. އަމިއްލަ ސިކުނޑިން ވިސްނާލިނަމަވެސް މިކަން އެނގިގެން ދާނެއެވެ.
ދުވަހުގެ ވަގުތު ހިނގަމުންގޮސް އިޝާ ނަމާދަށް ގޮވައިފިއެވެ. ނަމާދުން ފައިބައިގެން ރާޤީ އައީ އެންމެ ބޮޑު އެއް ކަންތައް ކުރުމަށެވެ. ޖިންނި ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އޭތި ހާޒިރުކުރަން ފެށުމާއިއެކު އަހަރެންގެ ހެއަށް ގޮތްވާން ފެށިއެވެ. އަދި މިފަހަރު އަހަރެންނަށް ވީ ހުރިހާ ކަމެއް އެނގިގެން ދިޔައެވެ. ދޮންބެ ހުރީ ހުރިހާ އެއްޗެއް ވީޑިޔޯ ކޮއްފައެވެ.
******
ހާޒިރުވުމާއިއެކު ރާޤީ އާއި ދިމާލަށް ބަލައިލިއެވެ. އަދި ރުޅިމޫނެއް ދެއްކުމައްފަހު ބައްޕައާއި ދިމާލައް ބަލައިލިއެވެ. އަދި ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ރާޤީ ސުވާލު ކުރަން ފެށިއެވެ. “ކަލޭ ފޮނުވީ ކާކު؟” ބަރު އަޑަކުން ނުބުނާނަމޭ ގޮވާލިއެވެ. މުޅި ކޮޓަރިތެރޭ އެ އަޑު ގުގުމާލިއެވެ. އަދި ބަރު އަޑަކުން އަރަބިން ވާހަކަ ދައްކަން ފެށިއެވެ. “ހާޒާ އަލްރަޖުލް ސަޔަމޫތު (މީނަ މަރުވާނެ). ލާ ޔުމްކިނުކް ފިޢަލް އައްޔި ޝައި (ކަލެއަކަށް އެއްކަމެއްވެސް ނުވާނެ). އަރްސަލްނީ ލިޤަތްލިހް ބިބުތް (އޭނަ އަހަރެން ފޮނުވީ މަޑުމަޑުން މީނަ މަރާލަން).” އެއާއިއެކު ރާޤީ އެހިއެވެ. “ކަލޭ ފޮނުވީ ކާކު؟” ބޮޑު ހިނިގަނޑެއް ޖަހާލުމަށްފަހު ދިވެހިން ވާހަކަ ދައްކަން ފެށިއެވެ. “އޭނާ އަކީ…..

(ނުނިމޭ)

މި ޕާޓު ލަސްވީ ވަރަށް ބޮޑަށް ބަލިވެ އުޅުމުން. އިންޝާﷲ ދެން އަންނަ ޕާޓު އަވަހަށް ނެރޭނަން.

15

1 Comment

  1. leaf

    June 18, 2021 at 9:15 pm

    this is so interesting can’t wait for next part

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!