“ޔީޝާ ދަރިފުޅާ؟ ކޮންތާކަށް؟ ކިހިނެއްވީ؟” ބާރުބާރަށް ހިނގާފައި ދިޔަ ޔީޝާ ފެނި ރާޝިދާ ހައިރާންވެފައި ގޮވަން ފެށިއެވެ. ނަމަވެސް ޔިޝާއަށް އޭނާގެ އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ޔީޝާގެ ހޭވިފައިވާ އިސްތަށިގަނޑާ ރަތްވެ ތެމިފައިވާ ދެލޯ ފެނި ބޮޑުކަމެއް ވެއްޖެކަން ރާޝިދާއަށް އެނގުނެވެ. ޔީޝާގެ ފަހަތުން ރާޝިދާވެސް ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް ރާޝިދާއަށް އާދެވެން ވާއިރަށް ލިޔާ މޭޒުމަތީ ހުރި ގަލަން ޖަހާ އެތީ އޮތް ކަޓަރު ހިފައިގެން ޔީޝާ ފާހަނައަށް ވަދެ ދޮރު ޖަހާފިއެވެ.
*****
ފާހަނަ ދޮރު ތަޅުލާފައި ޔީޝާ ހުއްޓުނީ މޫނު ދޮންނަ ތަށި ކައިރީއެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައިން ޔީޝާ އަނެއްކާވެސް ރުޅިއަންނަ ގޮތްވިއެވެ.
“އަހަރެން ކަހަލަ ބަދުނަސީބު މިހަކު ރަނގަޅުވާނީ ނެތިއްޔާ.. އަހަރެން ދިރިހުރުމުގެ ބޭނުމެއް ކޮބާ.. ނޭވާ ލާ ކޮންމެ ދުވަހަކު އަހަންނަށް އިތުރު ވޭންތަކެއް ލިބުމަށްވުރެ މިގޮތް މާރަނގަޅުވާނެ” ކަޓަރު ތިލަ އަތުގެ ކުޑަހުޅާ ހިސާބުގައި ޔީޝާ ޖައްސާލިއެވެ.
“ޔީޝާ.. ދޮރު ހުޅުވަބަލަ!! ކިހިނެއްވީތަ؟ އަޅެ މިދޮރުހުޅުވަބަލަ!!” ބޭރުން ރާޝިދާ ގޮވަމުން ދިޔަ އަޑެއް ޔީޝާގެ ކަންފަތާކާ ހަމައަކަށް ނުފޯރައެވެ. އަޑު އަހާކަށްވެސް ބޭނުމެއް ނުވެއެވެ. އަމިއްލަ ދިރިއުޅުން ދެކެ ފޫހިވެއްޖެއެވެ. ދުނިޔޭގެ އެއްވެސް އުފަލެއް ބޭނުމެއް ނުވެއެވެ. އާންއެކެވެ. ޔީޝާގެ ހަމަ ބުއްދި ފިލާ ދަނީއެވެ. ނިކަމެތިކަމާ މާޔޫސްކަން ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުމުން ދެން އިތުރު އިހްސާސްތަކެއް އެ ހަށިގަނޑުގައި ހިނގާހެނެއް ހިޔެއް ނުވެއެވެ.
އަތަށް ބަލަހައްޓައިގެން ހުރީރު ޔީޝާ ވިސްނަމުން ދިޔައެވެ. އަތް ކަނޑާލަންވީ ބާއެވެ. ނޫނީ ކަޓަރުން އަތް ދޫކޮއްލަންވީ ބާއެވެ. ކުރަންވީ ކީއްކަމެއް ޔީޝާއަކަށް ނޭނގުނެވެ. އަތް ކަނޑާލާފިނަމަ އޭނާއަށް ތަދުވާނެބާއޭ އޭނާ ހިތަށް އެރިއެވެ. ވަގުތުން މަރުވާނީ ބާއޭވެސް ހިތަށް އެރިއެވެ. ނޫނީ މަރުވާނީ އެތަށް އިރަކު ވޭނުގައި އޮވެފަބާއެވެ. އޭނާ މިވަގުތު މަރުވެއްޖެ ނަމަ މިވޭނުން މިންޖު ވެދާނެ ބާއެވެ.
އޭނާ މަރުވެއްޖެ ނަމަ ދެރަވާނީ ކިތަންމީހުން ބާއެވެ؟ އޭނާގެ މަންމައާއި ބައްޕަ ދެރަވާނެކަން ގައިމެވެ. އެއްބަނޑު އެއްބަހާ ދައްތައާއި ބޭބެ މަތިން ހަނދާންވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަފާ މަތިންވެސް ހަނދާންވިއެވެ. ހަމަޔަގީނުންވެސް އަފާ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރާނެކަން ގައިމެވެ. އަފާއާއި ޔައީޝްގެ މިއުފާވެރި ދުވަސް އުމުރު ދުވަހަށް ހަނދާންވާނީ ހަޔާތުގެ އެންމެ ހިތާމަ ވެރި ދުވަސް ގޮތުގައެވެ. އޭނާ މަރުވެއްޖެ ނަމަ ދާނިޝްއަށް ވާނީ ކިހިނެއް ހެއްޔެވެ. ދާނިޝް އޭނާގެ މޫނުބަލަން އަންނާނެ ބާއެވެ. ނޫނީ ޔީޝާގެ މި ފިނޑި ނިމުމާމެދު ދާނިޝް ހިތްހަމަ ނުޖެހޭނީ ބާއެވެ. ދާނިޝްއަށް އޭނާއާ ނުލާ އުޅެވިދާނެ ބާއެވެ.
ދާނިޝްގެ ހިނިތުންވުން ޔީޝާގެ ލޯކުރިމަތީ ސިފަވިއެވެ. ދާނިޝްގެ ހިތަގައިމު އަޑު ޔިޝާގެ ކަންފަތް ބުޑުގައި އިވިގެން ދިޔައެވެ. އެ އަތުގެ ހިމާޔަތަށް އެދި ހިތް ގޮވަން ފެށިއެވެ. ޔީޝާގެ އަތުގައި މަޑު ތުރު ތުރެއް އުފެދުނެވެ. އަތުގައި އޮތް ކަޓަރު ދޫވިއެވެ. ކަޓަރު އަތުން ދޫވިވަގުތު ތިލައިގެ ތުނޑު ޔީޝާގެ އަތުގެ ހަންގަނޑުގައި އެޅުނެވެ. ދިލަތަދެއް އޭނާގެ އަތުން ނަގާގަތެވެ.
ޔީޝާއަށް ހަމަ ހޭވެރިކަން ވެރިވީ ދެނެވެ. ދެލޮލުން ތަޒާ ކަރުނަ ހިލުނީ މަދު ސިކުންތު ކޮޅެއް ތެރޭގައެވެ. ކުރެވެން މިއުޅެވުނީ ކިހާ ބޮޑުކަމެއްކަން ޔީޝާއަށް ރޭކާލީ ދެނެވެ. ތައުބާ ނުވެވޭނޭ ވަރުގެ ބޮޑު ފާފައަކަށް އަރާގަންނަން އުޅެވުމުން ޔީޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
“ޔީޝް މޮޔަވިތަ؟ ހައު ކުޑް ޔޫ.؟ ތިހިރީ ރަނގަޅަށްވެސް މޮޔަވެފަ.. ރަނގަޅަށްވެސް މޮޔަވެފަ” ޔީޝާއަށް އަމިއްލަ މޫނުމަތީ ޖެހިނީ ބޭއިހްތިޔާރުގައެވެ. އަމިއްލަ މޮޔަކަމާމެދު އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ.
“ޔީޝާ ދޮރުހުޅުވާށޭ!!!” ބޭރުން މަންމަގެ އަޑު އިވުމުން ޔީޝާ ސިހުނެވެ.
“މަންމަ؟” ބިންމަތީ އޮތް ކަޓަރު ނަގާ ޑަސްޕިނަށް ލާފައި ޔީޝާ މޫނު ދޮންނަން ފެށިއެވެ.
“ލައްބަ މަންމާ.. ކިހިނެއްވީ؟” ހަމަ ޖެހޭކަން ދައްކަމުން ޔީޝާ ވާހަކަ ދެއްކިއެވެ. ނަމަވެސް ދޮރު ހުޅުވާކަށް ޔީޝާ ގަސްތެއް ނުކުރިއެވެ.
“ކީއްތަ ތިކުރަނީ؟” ރާޝިދާ އަހާލިއެވެ.
“ފެންވަރަނީ.. ” ޔީޝާ ދޮގުހެދިއެވެ.
“ނީވޭތަ މިހާވަރަށް ގޮވާއަޑެއް” ރާޝިދާ އަނެއްކާވެސް ބުނެލިއެވެ. މަންމަގެ އަޑުގައި ހުރި ނުރުހުންވުން ދެނެގަނެވުމުން ޔީޝާ ދެރަވިއެވެ.
“ސޮރީ.. މިނުކުންނަނީ..” ޔީޝާ އެހެން ބުނެފައިއިސްކުރު ބަންދު ކޮއްލިއެވެ. ކުޑަކުޑަކޮށް ދޮރު ހުޅުވާލީ މަންމައަށް އޭނާގެ މޫނު ފެންނަވަރަށް އެކަންޏެވެ.
“ދަރިފުޅަށް ކަމެއް ވީކަމަށް ހީކޮށް.. ކިހިނެއްތަވީ.. ރޮމުން ރޮމުން އަންނަތަން ފެނުނީމަ މަންމަ ހީކުރީ ބޮޑު ކަމެއް ވީކަމަށް…” ޔީޝާގެ މޫނަށް ފަރުޥާތެރިކޮށް ބަލަން ހުރެ ރާޝިދާ ބުނެލިއެވެ. ރާޝިދާ ބަލަން ހުރުމުން ޔީޝާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. ނަމަވެސް ޔީޝާގެ ރަތްވެފައިވާ ދެލޮލާ ނޭފަތް ރާޝިދާއަކަށް ސިއްރެއް ނުވިއެވެ. ޔީޝާއަށް ބޮޑު ކަމެއް ވެއްޖެކަން ރާޝިދާއަށް ޔަގީނެވެ. ނަމަވެސް ރާޝިދާ ކިތަންމެ ވަރަކަށް ސުވާލު ކުރިނަމަވެސް އޭނާގެ މި ބޯހަރު ދަރިފުޅު އޭނާއާ އެއްވެސް ކަމެއް ހިއްސާ ނުކުރާނޭކަން އެނގެޔެވެ.
“ނުވޭ މާ ބޮޑުކަމެއް.. ކޫސަނި ކަމަކާ އަޕްސެޓު ވީމަ ވީގޮތް.. އަފާ ގެޔަށް ދާން ފެންވަރަށް މިއުޅެނީ” ޔީޝާ އެހެން ބުނުމުން ރާޝިދާ ކޮޓަރިން ނުކުންނަން ހިނގާގަތެވެ. ޔީޝާ ފާހަނަ ދޮރު ލައްޕާލުމުން ރާޝިދާއަށް އަނެއްކާވެސް ފާހަނައާ ދިމާއަށް ބަލާލެވުނެވެ.
“ދަރިފުޅު ކޮންކަމެއްތަ ތި ސިއްރު ކުރަނީ.. ކީއްވެތަ މަންމައަށް ސިއްރު ކުރަނީ.. އޭރު މަންމައަށް އެފެނުނީ ދުވަހަކުވެސް ދަރިފުޅުގެ ފަރާތުން ފެނުނު ސިފައެއް ނޫން.. ބައެއްފަހަރު ތިއީ މަންމަގެ ޔީޝްއެއް ނޫންހެންވެސް ހީވޭ..” އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެގެން ދިޔަ ރާޝިދާގެ ސިކުނޑީގައި ވިއެވެ. އެނދުމަތީ އޮތް ފޯނު ނެގީ ވަލީދުއަށް ގުޅުމުގެ ނިޔަތުގައެވެ.
ފެން މާގަނޑު ދަށުގައި ތަޅުންގަނޑު މަތީ ދެފައި ކުރުކޮށްގެން ޔީޝާ އިނެވެ. ފަނަރަ ވަރަކަށް މިނެޓު އެގޮތުގައި ހޭދަވެގެން ދިޔައެވެ. ބޮލުން ފެށިގެން ހަށިގަނޑުގެ ތިރިއަށް ދަތުރު ކުރަމުން ދިޔަ ފިނި ފެންތިކި ތަކުން ޔީޝާގެ ހިތަށާ ސިކުނޑިއަށް ލުއި ވަމުން ދާކަހަލަ އިހްސާސެއް ކުރެވެން ފެށިއެވެ.
“އަހަރެން ދެން މިކަހަލަ މޮޔަކަމެއް ނުކުރާނަން.. ކުރަން ހިތަކަށްވެސް ނާރުވާނަން.. އަހަރެންނަށް އަދި ރަނގަޅު ގޮތް މެދުވެރވޥާނެ.. މި މުސީބާތުން ސަލާމަތް ވެގެން ދާނިޝް ކައިރިއަށް ދެވޭނެ.. އައި މިސްޔޫ ސޯމަޗް ދާނިޝް.. ތިޔަ ސޫރަ ދެކިލުމަށް މިހިތް އެދޭވަރު އިނގޭތަ.. ދާނިޝްއަށް ގުޅާފަ ހާލު ބަލާލަން ހާދަ ބޭނުންވެއޭ… ދާނިޝް އަހަރެން މަތިން ހަނދާންވޭތަ.. މިހާރު މޫވްއޮން ކުރީތަ” ދެކަކޫ މަތީ އޮތް އަތުގެ ތެރޭ މޫނު ފޮރުވައިގެން ޔީޝާ އިނެވެ.
މަންމަގެ އިތުރު ސުވާލުތަކާ ކުރިމަތި ވެދާނެތީ ޔީޝާ ދިޔައީ އަފާގެ ގެޔަށެވެ. ޕާޓިއަށް ތައްޔާރު ވާންވެސް ޔީޝާ ބޭނުންވީ އެގޭގައެވެ. ބޭނުންވާ ސާމާނުތަށް ހިފައިގެން ދިޔައީ އެހެންވެއެވެ. ވަގުތު ކުޑަތަން ވަމުން ދިޔައެވެ. ރޭގަނޑު އަށެއް ޖަހަން ވާއިރަށް އެންމެން ތައްޔާރުވަނީއެވެ. މިހާރު އޮތީ އެރޭގެ އެންމެ ފަހު ތައްޔާރީތަކެވެ.
ފާލަން ކައިރިއަށް ފެރީ ގާތް ކޮއްލިއިރު އިރު އޮއްސި ދުނިޔެ މަތި އަނދިރި ވެއްޖެއެވެ. ކައްޕިއަށް ކުޑަ ކަމެއް ދިމާވެގެން ފުރުން ލަސްވުމުން ދާނިޝް މެނަށް އެރަށަށް އާދެވުނީ އުންމީދު ކުރި ވަރަށްވުރެ ލަހުންނެވެ. ފެރީން ފާބައިގެން ދާނިޝްއާއި އާދިލް މަޑުކޮއްލީ ފާލަން މަތީ ޖަހާފައި ހުރި ސިމެންތި ގޯނިތައް ކައިރީއެވެ. އޭރު ވަލީދު ހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ. ހީވާގޮތުން ވަލީދު އެ ވާހަކަ ދައްކަނީ ޔީޝާގެ މަންމައާއެވެ. ޓެކްސީ ސެންޓަރަށް ގުޅިފަހުން 10 ވަރަކަށް މިނެޓު އިންތިޒާރުގައި ހުންނަން ޖެހުނެވެ.
ތިން މީހުންވެސް ހުންނަން ހަމަ ޖެހުނީ ދާނިޝްގެ މާމަ ގޭގައެވެ. އެގޭގައި ހުރި ހުސްކޮޓަރީގައި އެއްޗެހިތަށް ބަހައްޓާފައި ދާނިޝް ނުކުތީ މިސްކިތަށް ދިޔުމަށެވެ. ޔީޝާ ދެކިލަން ދާން އެހިތް ކިތަންމެ ބޭނުންވި ނަމަވެސް ނަމާދު ނުކޮށް ދާކަށް ދާނިޝް ބޭނުމެއް ނުވިއެވެ. އެހެން ނޫނަސް މިވަގުތު ދިޔަޔަސް ޔީޝާއާ ބައްދަލު ވެދާނެ ކަމެއްވެސް ނޭނގެއެވެ.
8 ޖެހުމުން ދާނިޝް އާއި އާދިލް ނުކުތީ ޕާޓީއަށް ދާންވާއިރަށް ހަދިޔާއެއް ގަންނަން ދިޔުމަށެވެ. ނަސީބު ދިމާކުރިގޮތުން ފުރަތަމަ ވަތް ފިހާރާގައި ވެޑިން ގިފްޓު ސެޓު ވިއްކަން ހުއްޓެވެ. އިތުރަށް ވިސްނަން ނުހުރެ އެއަށް ފައިސާ ދެއްކިއެވެ. ހަދިޔާ ޕާރުސަލް ކޮށްދިނުމުން ދެމީހުން ނުކުމެ ގެޔާ ދިމާއަށް ހިނގާގަތެވެ.
ކައިވެނި ޕާޓީ ތައްޔާރު ކޮއްފައި ވަނީ އެރަށު ފުއްޓަރު ފަރާތުގައި އޮންނަ ބޮޑު ހުސްބިމުގައެވެ. އެއީ އެރަށުގެ ގިނަމިހުން ފާޓީ ބާއްވަން އެންމެ މަގުބޫލު އެއްތަނެވެ. ބައިވަރު ތަނބުތަކުގެ މައްޗަށް ނަގާފައި ހުރި ބޮޑު މާކުއީ ކުލަ ބޮކިތަކުން ދިއްލާފައި ވާއިރު ފެންނަލެ ވަރަށްވެސް ހިތްގައިމެވެ. މޫދުން ޖެހޭ ތާޒާ ވަޔާ އެއްގަމަށް ރާޅު ބީއްސާ އަޑުން އަދި ވަކިން ހިތްގައިމު ކަމަށް ދައްކައެވެ. ދާނިޝްމެނަށް އެތަނަށް ދެވުނު އިރު މުޅިތަން ވަނީ މީހުނުން ފުރި ބާރުވެފައެވެ. އެއީ އެކަހަލަ ކުދި ކުދި ރަށްތަކުން ނޫނީ ނުފެންނާނޭ ރީތި މަންޒަރެކެވެ. ރަށުގައި ކައިވެނި ކުރެވޭ ކޮންމެ މީހެއްގެ ކައިވެނި ހަފްލާއަށް ރަށު ހުރިހާ އެންމެންހެން ދާނެއެވެ. ޖަހާފައިވާ ލުއި މިއުޒިކާ އެއްވަރަށް މީހުންތަށް ވާހަކަ ދައްކާ އަޑުން މާހައުލު ދައްކަނީ ވަރަށްވެސް ހަލަބޮލިކޮށެވެ.
މާކުއީގެ އެއްފަރާތެއްގައި ހުރި ކުޑަ ސްޓޭޖު މަތީ ތިބި ދެމަފަރިން ދާނިޝްއަށް ފެނުނީ ދެނެވެ. ހުދުކުލައިގެ ގަމީހާ ގަދަ އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައި ޔައީޝް ހުރީރު އަފާ ހުރީ ހުދު ކުލައިގެ ވެޑިން ޑުރެސް ގައެވެ. މެހެމާނުންނަށް ސަލާން ކުރަމުން ދިޔައިރު ދެމީހުންގެ މޫނުމަތީވެސް ނުފިލާ ހިނިތުންވުމެއް ވެއެވެ. ދެމީހުންގެވެސް ފުރިހަމަ ކަމަށް ދާނިޝްގެ ހިތް ތައުރީފް ކޮށްލިއެވެ.
“ދާނިޝް؟” ސަލާމަށް އަތް ދިއްކޮށްގެން ހުރި ދާނިޝް ފެނުމުން ޔައީޝްގެ މޫނުމަތީ ހިނިތުންވުމެއް ފަވާލިއެވެ. އޭނާގެ ކައިވެނީގެ ހަފްލާއަށް ދާނިޝް އަންނާނެކަމަކަށް ޔައީޝް ހިޔެއް ނުކުރެއެވެ.
“އަންގާވެސް ނުލާ މިކަންތައް ނިންމާލަންށޭނުން ތިއުޅުނީ.. މަންމަ ނުބުނި ނަމަ އަހަންނަށް ނުވެސް އެނގުނީސް.. ރޭގަ އަފާ ގުޅާފަވެސް އެވާހަކައެއް ނުބުނޭ” ޔައީޝްގެ އަތުގައި ހިފާ ބާރުކޮއްލަމުން ދާނިޝް ޝަކުވާ ކޮއްލިއެވެ.
“އަފާ ގުޅިތަ؟ އަހަންނަކަށް ނޭނގެޔޭ ގުޅިކަމެއް.. އެހެން ނޫނަސް އަހަރެން ހީކުރީ ބުންޏަސް ނާންނާނެ ކަމަށް” ޔައީޝް ބުނެލިއެވެ.
“ސޮރީ.. ހަމަ އަސްލުވެސް ހަނދާން ނެތުނީ ބުނަން.. އެކަމު އާދިލް ކައިރީ ބުނެވުން.. ދެން ހިތަށް އެރީ އޭނަގެ ފަރާޓުން ދާނިޗްއަށް އެނގޭނޭ.. އެހެން ނޫނަސް މިއަދު މިރަށަށް އަންނަންށޭނުން ތިހުރީވެސް” ދާނިޝް ދިއްކޮއްލި ޕާރުސަލްގައި ހިފާލަމުން އަފާ ބުނެލިއެވެ.
“ދެން ކޮންމެހެން ބޭކާރު ވާހަކަ ދައްކާނެ ކަމެއް ނެތް.. އެހާ ފަސޭހަކޮށް މިކަމަކަށް މާފެއް ނުކުރެވޭނެ” ދާނިޝް އެހެން ބުނެލީ ސަމާސާއަކަށެވެ.
“އަފާ ބުނަން.. ދާނިޝްއަށް މިކަން ނޭނގި އަހަންނަށް އެނގުނީމަ ވަރަށް ވަރުވެފަ އެހުރީ.. މިފަހަރު އެހާ ފަސޭހައިން ދޫކޮއްލަ ފާނެހެނެއް ހިޔެއް ނުވޭ” ދާނިޝްގެ ފަހަތުގައި ހުރި އާދިލް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.
” ސޮރީ މޭން.. އެކަމު ވަރަށް އުފާވެއްޖެ ތިމީހުން އައީމަ.. ދާނިޝް! ޔީޝްއާ ބައްދަލު ވެއްޖެތަ؟” ޔައިޝް އަހާލިއެވެ.
“އަދި ނުވޭ. އެނީވޭސް މަރުހަބާ އިނގޭ ދެކުދިންނަށް.. ވަރަށް ގުޅޭ.. އަދި އެހާމެ ރީތި ދެކުދީންވެސް” ދާނިޝް އެހެން ބުނުމުން އަފާއާއި ޔައީޝް ހޭންފެށިއެވެ.
“މިކަންތައް ނިމުނީމަ ވާނެ އަދި ވާހަކަ ދައްކާލަން” ޔައީޝް އެހެން ބުނުމުން ދާނީޝް ބޯޖަހާލިއެވެ. ލައިނުގެ ފަހަތުގައި ތިބި މީހުނަށް ފުރުސަތު ދެމުން ދާނިޝް ދުރަށް ޖެހިލިއެވެ. އެވެ. ިތްގއިމެވެ. ދިޔައީ އަާމެ
އަފާމެނަށް ސަލާމް ކޮއްލާފައި ވަލީދުއާއި އާދިލް ކާއެއްޗެހިތަށް ހުރި މޭޒު ކައިރިއަށް ޖެހިލިއެވެ. ތައްޓަށް ކުކުޅު ބިރިޔާނީ އަޅައިގެން އެދެމީހުން ގޮނޑިއެއްގައި އިށީނުމުން ދާނިޝް ނުކުތީ ބޭރަށެވެ. ޔީޝާ ބޭރަށް ނުކުތް ވާހަކަ އަފާ ބުނުމުންނެވެ.
މީހުން ގިނަކަމުންނާ ދިއްލާފައި ހުރި ކުލަ ބޮކިތަކުން މީހުން ވަކިކުރަން އުނދަގުލެވެ. އެއްކައިރީ މަޑުކޮއްލައިގެން އެތަނުގައި ހަރަކާތް ތެރިވަމުން ދިޔަ މީހުނަށް ބަލަން ދާނިޝް ހުއްޓެވެ. ނަމަވެސް ޔީޝާ ފެންނަ ގޮތެއް ނުވިއެވެ. 15 ވަރަކަށް މިނެޓު އެގޮތުގައި ހޭދަވެގެން ދިޔައިރުވެސް ޔީޝާއެއް ނުފެނުނެވެ. އެންމެފަހުން އެތެރެއަށް ވަނުމަށް ދާނިޝް ހިނގާގަތެވެ. އެތެރެއަށް ވަތް ވަގުތު ބޭރަށް ނުކުތް އަންހެން ކުއްޖެއް ގައިގައި ދާނިޝް ލައިގަތެވެ. އެކުއްޖާ ހިފައިގެން ހުރި ތަބަކުގައި ހުރި މުށި ތަށިތައް ބިންމައްޗަށް ނުވެއްޓުނީވެސް ކިރިޔާއެވެ. ތަބަކުން އެކުއްޖާގެ އަތް ދޫވެދާނެތީ ދާނިޝް ތަބަކުގައި ހިފާލިއެވެ. އަދި ސޮރީ އޭ ބުނެލިއެވެ.
“އިޓްސް އޯކޭ… އޭން.؟ ދާނިޝްތަ؟” ދާނިޝްގެ މޫނު ފެނުމުން އެއަންހެން ކުއްޖާ ޔަގީން ކުރުމުގެ ގޮތުން އަހާލިއެވެ. އެއަންހެން ކުއްޖާގެ މޫނު ރީއްޗަށް ފެނުމުން އެއީ ޔީޝާގެ ދެ ކަޒިންސް ތެރޭން ކުއްޖެއްކަން އެނގުނެވެ. ނަމަވެސް އެއީ މަލަކާ ކަމެއް ނޫނީ ހައިފާކަމެއް ބުނާކަށް ނޭނގުނެވެ.
“މީ މަލަކާ.. ޔީޝްގެ ކަޒިންއެއް.. ޔީޝްއަކަށް ނޭނގޭތަ ދާނިޝް އައި ކަމެއް؟” ދާނިޝް އަންނާނެ ވާހަކަ ޔީޝާ ނުބުނާތީ މަލަކާ އަހާލިއެވެ.
“އާނ ނޭނގޭނެ.. ކޮބާތަ ޔީޝް..؟ ވަރަށް ހޯދާފިން” ދާނިޝް ބުނެލިއެވެ.
“އެބަ އުޅޭ އެފަރާތުގަ.. ޔީޝާ ފެނޭތޯތަ ބޭރުގަ ތިހުންނަނީ. ބިއްދަށު ފަރާތު ދޮރުން ވަނީމަ ތި ނުފެނުނީ” މަލަކާ އެހެން ބުނެފައި ހިނގާގަތެވެ. އަދި ދާނިޝް ކައިރީ އަންނާށޭ ޔީޝާ ދައްކާނަމޭ ބުނެލިއެވެ. މަލަކާއަޝް ހީލަމުން ދާނިޝް ހިނގާގަތެވެ.
“ޔީޝް.. މިހިރީ ހޯދާ ކުއްޖެއް” މަލަކާ ގޮވާލި އަޑަށް ތަށިތަކަށް ކޯކު އަޅަން ހުރި ޔީޝާ އެނބުރުނެވެ.
“އޯއި.. ކާކުތަ އަހަރެން….. ހޯ.ދަނީ” ޔީޝާގެ ދުލުކުރީ އޮތް ބަސް ހުއްޓުނީ މަލަކާގެ ފަހަތުން އައި ދާނިޝް ފެނުމުންނެވެ. އަތުގައި އޮތް ކޯކުފުޅި އަތުން ދޫވުމުގެ ކުރިން އަވަހަށް މޭޒުމަތީ ބެހެއްޓިއެވެ. ދާނިޝްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލެވުނީ އެއީ އަސްލު ދާނިޝްކަމަށް ޝައްކު ކުރެވޭތީއެވެ. ނަމަވެސް އެއީ ޒަބޫރިޝް ނަމަ މަލަކާމެންނަށް އޭނާ ނުފެންނާނެ ނޫން ހެއްޔެވެ.
“ޔީޝް..” ޔީޝާއާ ކައިރިއަށް ޖެހިލަމުން ދާނިޝް ގޮވާލިއެވެ. ޔިޝާއަށް ވަގުތުން އިސް ޖަހާލެވުނެވެ. އެއީ ދާނިޝްއެވެ. ޔީޝާގެ ދާނިޝްއެވެ. ދާނިޝް އޭނާގެ ނަމުން ގޮވާލާއިރު އެހުންނަ ގާތްކަމާ އަސަރު ޔީޝާއަށް އޮޅޭނީ ކިހިނެއް ހެއްޔެވެ.
“ޔީޝް؟ ކިހިނެއްވެފަ ތިހުންނަނީ” ދާނިޝް ޔީޝާގެ އަތުގައި ހިފާލަމުން އަނެއްކާވެސް ގޮވާލިއެވެ. ޔީޝާ އިސްއުފުލާލަ ބަލާލުމުން ދާނިޝްގެ ނޭވާ ކުރުވާ ގޮތްވިއެވެ. އެ މޫނުން ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ. އެހާ ދުވަސްފަހުން އެ ސޫރަ ފެނުމުން ދާނިޝްއަށް އެއްފަހަރާ އެތަށް އިހްސާސްތަކެއް ކުރެވުނެވެ. އުފާވިއެވެ. ރުޅި އާދެވުނެވެ. ހިތުގައި ޖެހުނެވެ. ޔީޝާ ހެޔޮހާލުގައި ހުއްޓާ ފެނުމުން އުފާވިނަމަވެސް ޔީޝާ އޭނާއަށް ހުރިހާ ކަމެއް ސިއްރުކުރުމުން ރުޅިއާދެވުނެވެ. އެހިތުގައިވާ ޝަކުވާތަށް އިއްވަދޭން ބޭނުންވަނީއެވެ.
“ޔީޝް.. ބައްޕަ އެބަ ހޯދާ.. އެންމެން އެކީ ފޮޓޯއެއް ނަގާލަން ދާންވީނުންހޯ” ޔީޝާ ހޯދަމުން އައި ރާޝިދާ ގޮވާލިއެވެ. ނަމަވެސް ޔީޝާ ކައިރީ ހުރި ފިރިހެން ކުއްޖާ ފެނުމުން ރާޝިދާގެ މުނުމަތީ ހިނިތުންވުމެއް ފަވާލިއެވެ.
“ދާނިޝް ކޮން އިރަކު އައީ؟” ރާޝިދާ އަހާލިއެވެ.
“މިއަދު.. އިރު އޮއްސުނު ފަހުން އާދެވުނީ” އެއީ ޔީޝާގެ މަންމަކަން އެނގުމުން ދާނިޝް ވާހަކަ ދެއްކީ އިހްތިރާމާއެކުއެވެ.
“އެހެންތަ. ހިނގާ އިށީންނަން ދާން.. މިހާރު ކައިފިންތަ؟” ރާޝިދާ ބުނެލިއެވެ.
“ނޫން.. އަދި ނުކަން” ދާނީޝް އެހެން ބުނުމުން ރާޝިދާ ޔީޝާއަށް ބަލާލާފައި ދާނިޝްއާއެކު އަންނާށޭ ބުނެލިއެވެ.
“މަންމާ.. އަދި ނުވޭ ކާކަށް.. އެބަ އަންނަން ވަރަށް އަވަހަށް” ޔީޝާ އެހެން ބުނެފައި ދާނިޝްއާ ދިމާއަށް ބަލާލިއެވެ. ސުވާލުގެ ނަޒަރަކުން ދާނިޝް ޔީޝާއަށް ބަލާލިއެވެ.
“ވީ ނީޑް ޓު ޓޯކް” ޔީޝާ ބުނެލިއެވެ.
“އެހާ ލަހެއް ނުވާނެ” ރާޝިދާއަށް ބުނެލާފައި ދާއަތުގައި ހިފައިގެން ޔީޝާ ހިނގާގަތީ ބޭރަށެވެ.
“ޔީޝާ.. ކިހިނެއްވީ؟ ކޮންތާކަށް މިދަނީ” ބޭރަށް ނުކުމެވުމުން ދާނިޝް ހުއްޓުނެވެ.
“މިތަނުގަ ވާހަކަ ދައްކާކަށް ފަސޭހައެއް ނުވާނެ” ޔީޝާ އެހެންބުނެފައި އަނެއްކާވެސް ހިނގާގަތެވެ. މިފަހަރު ދާނިޝްވެސް އަނގަޔަކުން ނުބުނެ ޔީޝާގެ ފަހަތުން ދިޔައެވެ. ޔީޝާގެ ފަހަތުން ގޮސް ދާނިޝްއަށް ނުކުމެވުނީ ފުއްޓަރަށެވެ. މާކުއީގެ ބިއްދަށް ކަމުން އެތަނަކު މީހަކު ނެތެވެ. ހަނދުވަރުދޭ ރެޔެއް ނަމަވެސް އެހިސާބު ފުދޭވަރަކަށް އަނދިރިޔެވެ.
ކުރީގައި ހުރެ ހިނގަމުން ދިޔަ ޔީޝާ ހުއްޓުމުން ދާނިޝްވެސް ހުއްޓުނެވެ. ޔީޝާ އެނބުރި ދާނިޝްއާ ކުރިމަތި ލުމުން ދާނިޝް ފަރުވާތެރިކަމާއެކު އެމޫނަށް ބަލާލިއެވެ. މިރޭ ޔީޝާގެ ރީތިކަން ދެގުނައޭ ދާނިޝް ހިތަށް އެރިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ދިގު ހެދުމުގައި ޔީޝާގެ ރީތި ވަނާތައް އިތުރަށް ފުރިހަމަ ކޮށްދެއެވެ. ހެދުމާ ގުޅޭގޮތަށް ޔީޝާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހާލާފައެވެ. އޭނާގެ އޮމާން ކަނދުރާގައި ބީހިލުމަށް ކޮންމެ ފިރިހެނަކުވެސް އެދޭނެކަން ގައިމެވެ. މޫނުމަތީ ކޮށްފައި ހުރި މޭކަޕު ޔީޝާއާ ނުހަނު ގުޅެއެވެ. ދިގު އެސްފިޔަތަކުން ފަރުދާވެފައިވާ އެދެލޮލުގެ ވިދުން ހެދުން ޒަރީކުރަން ހަރުކޮއްފައި ހުރި އެސްތަކަށްވުރެވެސް ގަދައެވެ. ކޮންފަދަ ރީތި ކަމެއްހެއްޔެވެ. އުމުރު ދުވަހު ޔީޝާގެ މޫނަށް ބަލަން ހުއްޓަސް ފޫހިނުވާނޭކަން ދާނިޝްއަށް ޔަގީނެވެ. ގިނައިން ބަލާ ވަރަކަށް އެ ރީތިކަން ފުރިހަމަވާތީ ދާނިޝްގެ ހިތް އާޝޯހު ކޮއްލައެވެ. ޔީޝާ ގެނެސް ގާތް ކޮއްލާ އެ ތުންފަތަށް ބޮސްދޭން އޭނާގެ ހިތް ގޮވަނީއެވެ. އެހަށިގަނޑުގެ ހޫނުކަން އިހްސާސް ކޮއްލަން ބޭނުން ވަނީއެވެ.
ޔީޝާއަށްވެސް ދާނިޝްއަށް ބަލަން ހުރެވުނެވެ. އަބަދުވެސް ތުނިކޮށް ކޮށާލެވިފައި ހުންނަ ދާނިޝްގެ އިސްތަށިގަނޑު ވަނީ ދިގުވެފައެވެ. ވަރުގަދަ ބޯއިސްތަށިގަނޑު ފަހަތަށް ފުނާއަޅާފައި ހުރީރު ދާނިޝްގެ ރީތިކަމަކަށް އުންޏެއް ނުވެއެވެ. ރީތި ވަރަކަށް ދިގުކޮއްފައި ހުރި ތުންބުޅި މަތިމަހުން ދާނިޝެ ފިރިހެން ވަންތަކަށް އިތުރުވެއެވެ. އުމުރަށް ވުރެ ދޮށިީކަމަށް ދެއްކިޔަސް ހިތްގައިމެވެ.
ދެކިލުމަށް ހިތް ބޭނުންވާ ސޫރަ ލޯ ކުރިމަތީ ހުރި ނަމަވެސް ޔީޝާ ޖެހިލުންވަނީއެވެ. އެ ހަށިގަނޑުގައި ބީހިލުމަށް ހިތް ގޮވަނީ ނަމަވެސް ފަސްޖެހެވެނީއެވެ. އޭނާއަށް ހެދޭ ގޯހަކުން އުމުރަށް ދާނިޝް ގެއްލިދާނެތީ ބިރުގަންނަނީއެވެ. ނަމަވެސް އޭނާގެ ހިތާ ހަށިގަނޑު ދާނިޝްއަށް އެދޭވަރު ހުދު ދަނިޝްއަށްވެސް އެނގޭނެކަން ގައިމެވެ.
“ކީއްކުރަން ތިއައީ؟” އެދެމެދުގައިވި ހަމަހިމޭންކަން ނަގާލީ ޔީޝާގެ ހަރުކަށި އަޑެވެ.
“ޔީޝާ ކައިރިއަށް.. ޔީޝާއާ ނުލާ ނޫޅެވޭނެތީ” ޖެހިލުންވުމެއް ނެތި ދާނިޝް ހާމަކުރީ ހަގީގަތެވެ. ދާނިޝް އެހެން ބުނުމުން ޔީޝާގެ ހިތް ތެޅިލިއެވެ. އޭނާގެ ހިތުގައި ފޮރުވިފައިވާ ލޯބި އުތުރި އަރަން ފެށިއެވެ.
“އަހަރެން ނުބުނަންތަ އަހަރެން ކައިރިއަށް ނާންނާށޭ..އަހަރެން މަތިން ހަނދާން ނައްތާލާށެކޭ ނުބުނެވޭތަ..؟؟ ދެން ކީއްކުރަން ތިއައީ؟” ހަށަން ބަނދެލަމުން ޔީޝާ އެހެން ބުނީ ހިތް ހަމަ ނުޖެހިފައި ހުރިކަން ދައްކަމުންނެވެ.
“އަހަންނަށް ހުރިހާ ކަމެއް ޝެއާ ކުރާށޭ.. އެއްވެސް ކަމެއް ސިއްރު ނުކުރާށޭ އަހަރެންވެސް ނުބުނަންތަ؟ އެކަމު ޔީޝްވެސް އަހަރެން ބުނާ ބަހެއް ނާހަމޭނުން.. ކިހާ ދުވަހެއް ވަންދެން އަހަރެންނަށް ސިއްރުކުރަން ތިއުޅެނީ.. ޔީޝްއަށް ބޮޑުކަމެއް ދިމާވާއިރަށް އަހަރެންނަށް ސިއްރު ކުރަނީ ކީއްވެތަ..؟ އަހަރެން އަބަދުވެސް ބުނަމޭނުން ޔީޝްއަށް ދެރަކަމެއް ދިމާވާ ދުވަހުވެސް އަހަރެން ޔީޝްއާކު ވާނަމޭ.. އަހަންނަށް އިތުބާރު ކުރަމޭ.. އަހަންނަަށް ދޮގެއް ނަހަދާނަމޭ ކިޔާފަ ޔީޝް މިހާރުވެސް ތިމަސައްކަތް ކުރަނީ އަހަންނަށް އޮޅުވާލަން.. އެނގޭތަ މިކަހަލަ ހަބަރެއް އެހެން މީހެއްގެ ފަރާތުން އަހަންނަށް ލިބުނީމަ އަހަރެން ދެރަވި ވަރު.. މިއީ ޔީޝް އަހަންނަށް ކިޔައިދޭން ޖެހޭ ވާހަކައެއް.. ނަހުވާންއަށް ވަލީދުބެ ދެއްކި ވާހަކަ ނީވުނު ނަމަ މިއަދުވެސް އަހަންނަކަށް ހަގީގަތެއް ނޭނގޭނެ.. އަހަރެން މިވަރަށް ޔީޝާދެކެ ލޯބިވާއިރުވެސް އަހަރެން މިވާ ލޯތްބަކަށް ޔީޝާ ކުޑަވެސް ގަދަރެއް ނުކުރާކަން އަހަންނަށް އިނގޭ” ޔީޝާގެ މުނަށް ބަލަން ހުރެ ދާނިޝް އިއްވާލިއެވެ.
“ކިކޭ ތިކިޔަނީ؟ ދާނިޝްއަށް ކިހިނެއް… ކިހިނެއް އެނގުނީ؟” ދާނިޝް ދައްކަން ފެށި ވާހަކައަކުން ޔީޝާ ބިރުގަތެވެ. ދާނިޝް އެނބުރި އޭނާ ކައިރިއަށް އެއައީ ހަގީގަތް އެނގުނީމަ ހެއްޔެވެ.
“އަހަންނަށް ހުރިހާ އެއްޗެއްވެސް އިނގޭ.. އަހަރެން ހީކުރީ އަހަރެން މިއީ ޔީޝްގެ ކަންތައްތައް ޝެއާ ކުރެވޭހާ ގާތް މީހެއް ކަމަށް.. އެކަމު ކޮންމެ ފަހަރަކު.. ކޮންމެ ފަހަރަކު ޔީޝް އަހަންނަށް އޮޅުވާލަނީ.. އަހަންނަށް އިނގޭ ޔީޝް އަހަންނަށް ޗީޓު ނުކުރާކަން.. އަދި ވަލީދުބެއަށް ޔީޝާގެ ކޮޓަރިން ފެނުނީ އަސްލު އަޒާން ނޫންކަންވެސް.. ޔީޝް އެހެން މީހަކު ދެކެ ލޯބިވެވުނީއޭ ބުނެ އެދެއްކީ އަހަރެންނާ ދުރަށް ދާން ދެއްކި ބަހަނާއެއްކަން..” ދާނިޝް އެހެން ބުނެފައި ޔީޝާއަށް ފުރަގަސްލިއެވެ.
“ދާނިޝްއަށް ހަގީގަތް އެނގެންޏާ އަހަރެން ދާނިޝްއާ ރުޅިވާން ޖެހުނީ ކީއްވެގެންކަންވެސް އެނގޭނެ..އެހެންވީރު އަހަރެން ބޭނުމެއްނޫން އިތުރަށް ކަންތަށް ބަދަލު ކުރާކަށް.. ތެދެއް.. އަހަރެން ދާނިޝްއަށް އޮޅުވާލިން. އަހަރެން އެހެން މީހަކު ދެކެ ލޯތްބެއް ނުވޭ އަދި ނުވެސް ވާނަން.. އެކަމު އަހަރެން ދާނިޝްއާ އަލުން ގުޅޭކަށް ބޭނުމެއް ނޫން ދާނިޝް ދޭ ރަށަށް.. މިގުޅުން އަލުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން” ލޮލަށް ޖަމާވި ކަރުނަތަށް ދެއަތުން ފުހެލަމުން ޔީޝާ ބުނެލިއެވެ.
“އަހަރެން މިރަށަށް މިއައީ ޔީޝް ކައިރިއަށް.. އަދި އަހަރެން ރަށަށް ދާކަށް ބޭނުމެއް ނޫން.. ޔީޝް ކިތަންމެ ނުރުހުނަސް އަހަރެން ޔީޝް ދޫކޮށެއް ނުލާނަން. އަހަންނަށް އިނގޭ ޔީޝް އަހަންނަށް ބޭނުންވާކަން.. އަހަރެން ކައިރީގަ ހުރުމަށް ބޭނުންވާކަން.. އަދި ޔީޝް އަހަރެން ފޮނުވާލަން ތިއުޅެނީ އަހަންނާ ދޭތެރޭ ކަންބޮޑުވާތީކަން.. އެކަމު.. އަހަރެން ދެނެއް ދުރަކަށް ނުދާނަން” ދާނިޝް އެހެން ބުނެފައި ޔީޝާގެ ކައިރިއަށް ޖެހިިލިއެވެ. އަދި ޔީޝާގެ ދެކޮނޑުގައި ހިފާލިއެވެ.
“ޔީޝާ މިކަމުން ސަލާމަތް ކޮށްދޭނަން.. ޔީޝް ބިރުނުގަނޭ.. ވަލީދުބެވެސް އަހަންނާ އެކީ އައި.. ވަލީދުބެ ޔީޝް އެކަމުން ސަލާމަތް ކޮށްދޭނެ..” ޔީޝާ ގެނެސް މޭގައި ޖައްސާލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ މެދުހަށީގައި ޔީޝާގެ އަތް ވަށާލެވުނީ ބޭއިހްތިޔާރުގައެވެ. ދާނިޝްގެ ދެއަތުގެ ހިމާޔަތްކަމަށް ހިތް ދަހިވެތިވެފާ ވާލެ ބޮޑުކަމުންނެވެ.
“އަހަރެން ދެކެ ބިރެއް ނުގަނޭތަ..؟ އަހަރެންނާ ހުރެ ދާނިޝްއަށް ގެއްލުމެއް ލިބިދާނެތީ ކަންބޮޑެއް ނުވޭތަ.. އަޒާންއަށް ހަދާލަފަ އޮތް ގޮތް ބަލާ.. އަހަރެން ބޭނުމެއް ނޫން ދާނިޝް އަށް…..”
“ޝްޝްޝް.. އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ނުވާނެ.. ބިރުނުގަނޭ.. އެ ޖިންނިއަކަށް އަހަންނަކަށް ގެއްލުމެއް ނުދެވޭނެ.. އަހަރެންވެސް މިހިރީ ހަށިރައްކަލެއް އަޅައިގެން.. ޔީޝްއާއެކު ވާކަށް އަހަރެން ޖެހިލުމެއް ނުވޭ.. އަދި އަހަންނަށް ކޮންމެ ކަމެއްވިޔަސް ޔީޝް ކުއްވެރިއެއް ނުކުރާނަން.. އަހަރެން ޔީޝް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެން ޔީޝް ދޫކޮށެއް ނުލާނަން… ވީ ވިލް ފޭސް ދިސް ޓުގެދާރ” ދާނިޝް އެހެން ބުނެފައި ޔީޝާގެ ހަށިގަނޑު ގަޔާ ދުރު ކޮއްލިއެވެ. އަދި ޔީޝާގެ މޫނުގައި ދެއަތުން ހިފާލިއެވެ.
“އަހަރެންވެސް.. ދާނިޝްދެކެ ލޯބިވޭ.. ތެންކިއު ދާނިޝް.. އަހަރެންވެސް ދާނިޝްއާ ދުރުވާކަށް ބޭނުމެއް ނޫން” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ބޮޑުވާ އިނގިލިން ޔީޝާގެ ތެމިފައިވާ ކޯތާފަތް ފުހެލަ ދިނެވެ. އަދި ޔީޝާގެ ނިތް ކުރިއަށް ބޮސްދިނެވެ. ދާނިޝްގެ ތުންފަތުގެ ހޫނުކަން އިހްސާސް ވުމާއެކު ޔީޝައަށް ތެޅިގަނެވުނެވެ. ޔީޝާގެ ލޮލުން ދާނިޝްއަށް ފެނުނީ ލޯތްބެވެ. ދާނިޝްއަށް އެހިތް އެދޭ ވަރެވެ. ދާނިޝް ޔީޝާގެ މޫނުން އަތް ދޫކޮއްލާފައި ޔީޝާގެ އުނަގަނޑުގައި އަޅުވާލިއެވެ. ޔީޝާ ދުރު ކުރާކަށް ދާނިޝް ބޭނުން ނުވާފަދައެވެ. ދެމީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭހާ ކައިރީގައެވެ. ދެމީހުންގެ ހޫނު ނޭވާ މޫނުގައި ބީހޭހާ ގާތުގައެވެ. ޔީޝާގެ ނަަޒަރު ދާނިޝްގެ ލޮލުން ވަކި ވުމަށްފަހު ދަތުރު ކުރީ ދާނިޝްގެ ތުންފަތަށެވެ. އަމިއްލަ ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ އޭނާ ހިތް އެދޭ ކަންތަށް ކުރަންވީ ބާއޭ ހިތަށް އަރާފައެވެ. ދާނިޝްއަށްވެސް ޔީޝާ ބޭނުންވާ ކަންތަށް ދެނެ ގަނެވުނީ ކަންނޭނގެއެވެ. ބޮލުން އިޝާރަތް ކޮއްލިއެވެ. ޔީޝާގެ އެދުމަށް ހުއްދަ ދިން ފަދައިންނެވެ.
“ދާނިޝް…” ޔީޝާގެ ދުލުން ދާނިޝްގެ ނަން ބޭރުވުމުން ދަނިޝް ޔީޝާ އިތުރަށް ގާތް ކޮއްލިއެވެ. ޔީޝާގެ އަތްވެސް ދާނިޝްގެ ކަންދުރާއަށް ދަތުރު ކުރިއެވެ. ފުންނާބު ހިއްލާލާފައި ދާނިޝްގެ ކަރުގައި އަތް އަޅުވާލިއެވެ. އެވަގުތު ދާނިޝްގެ ތުންފަތް ޔީޝާގެ ތުންފަތުގައި ބީހިލިއެވެ. ދާނިޝް ޔީޝާގެ ތުންފަތަށް ބޮސްދިނެވެ. ދާނިޝްގެ އެ އަމަލަށް ޔިޝާ މަރުހަބާ ކީ އުފަލާއެކުއެވެ. ދެމީހުންގެ ނޭވާ ގުޅުނު ވަގުތު ވަށައިގެންވާ ހުރިހާ އެއްޗެއް ހުއްޓުނު ކަހަލައެވެ. މަންޒަރުތަށް ސިފަވަމުން ދިޔައީ ފިލްމުތަކުގައި ދައްކާހެން “ސްލޯ މޯޝަން” ކޮށެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ދެމީހުންގެ ހިތުގެ ތެޅުމެވެ. ޔީޝާ ދެލޯ މަރާލިއެވެ. އެވަގުތު ފޮނިކަން އެންމެ ފުންމިނުން އިހްސާސް ކޮއްލާށެވެ. ނެވާކުރުވަމުން ދިޔައިރުވެސް ދުރުވާ ހިޔާލެއް އެކަކުވެސް ނުކުރެއެވެ.
“އައި ލަވްޔޫ” ކުރުވަމުން ދިޔަ ނޭވާ އެތެރެއަށް ދަމާލަމުން ދާނިޝް ޔީޝާގެ ތުންފަތުގެ ކަނަވާއާ ދިމާލުގައި ބޮސްދިނެވެ.
“އައި ލަވް ޔޫ ޓޫ” ޔީޝާ އެހެން ބުނުމާއެކު ދެމީހުންގެ ތުންފަތް މަތީ ކުޅެލީ ހިނިތުންވުމެކެވެ. ނަމަވެސް ދެވަނަ ސިކުންތު ދެމީހުންގެ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




So nice…… Ummm when next part❤️ so curious
thanks ❤️
Insha Allah next part will be uploaded soon
OH MY GOD.. mi part ge ending haadha interesting ey… ?kon irakun baa next part upload koh dheveynee? ☺Varah keh madhu vefa mi huree…? anyway ves hama varah salhi… ?
Love you sis❤
Take care
hahaha ??
Thanks a lot. You are one of my most supportive reader. ❤️❤️❤️
btw next part will be uploaded soon. wait ingey ?
love you lil sis ❤️
take care ?