އޭލިޔަން ސިލްސިލާ 2 – 6
“ބައްޕައަށް އަންގަން ޖެހޭނެ. ހިނގާ ބައްޕަގެ ގާތަށް މީނަ ހާޒިރު ކުރަން. ފަހަރެއްގަ ބައްޕަ އޭުރުން ޤަބޫލު ކޮއްފާނެ! ..” ރޫނާގެ ޚިޔާލު ދެކުދިންނަށްވެސް ކަމުދިޔައެވެ. އަވަހަށް އޭތީގެ ފައިގައި ހިފާ ކޮއްޕަން ފެށިއެވެ. އޭތި ގުނޑިނުލީ ތާނގައި، ކުރިއަކަށްވެސް ނުދިޔައެވެ. ރޫނާ ހީލާފައި ތަންކޮޅެއް ދުރަށް ޖެހިލުމަށް އެދުނެވެ. މަޖާވެފައި ލިލިޔަން އާއި ނަޔާނީ ތެދުވެފައި ރޫނާގެ ގާތު މަޑުކޮށްލިއެވެ.
“ސެންތިސަސްނީ! ..” ޖާދޫގެ ބާރު ބޭނުން ކޮއްގެން ރޫނާ، ސެވިއޯސް މައްޗަށް އުފުލާލިއެވެ. ދެން މިހާރު އެފުރާނަ ނެތް މަސްގަނޑު އޭނާގެ ޖާދޫގެ ދަނޑިކޮޅަށް ތަބާވާނެއެވެ. އެގޮތަށް ބޭނުންކޮއްގެން ފަސޭހަކަމާއިއެކު ސިޑިންވެސް އޭތި މައްޗަށް ނެނގިދާނެއެވެ. “ގަދަ އިނގޭ! ..” ނަޔާނީ ރޫނާގެ ކޮނޑުގައި ޖަހާލިއެވެ. ރޫނާއަށް ހީލެވުނެވެ.
“އަވަސް ކުރޭ! ..” ތިން ކުދިން އެކީ ދުވަމުން ގޮސް ގަނޑުވަރުގެ ރަސްމީ ދޮރާށިން އެތެރެއަށް ވަނެވެ. އޭރު މާލަމުގައި ވަރަށް ގިނަ ނޯކަރުން ހަރަކާތްތެރި ވަމުން ދިޔައެވެ. ހީވަނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން އުޅޭ ހެންނެވެ. ތިން ކުދިން މުޅި ގަނޑުވަރުގެ އެކި ތަންތަނަށް ނަޒަރު ހިންގާލިއެވެ. ހަމަ މަންޒަރު ބަދަލެއް ނުވިއެވެ. ހުރީ ހަމަ އެއްމަންޒަރެކެވެ.
“ރޫނާ! ..” ރިއާނާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާިއެކު ރޫނާ ތެޅިގަނެފައި އެދިމާ ބަލައިލިއެވެ. އެއާއިއެކު ބާކީ ތިބި ދެކުދިންނަށްވެސް ވީ އެވަރެވެ. އެކުދިން އުޅުނީ އެސެވިއޯސް ރިއާނާއަށް ދައްކާކަށެއް ނޫނެވެ. ރާއިދަށް ދައްކާށެވެ. ރިއާނާ އަދި މީ މާބޯހަރު މީހެކެވެ. ހެކި ދައްކައިގެން ވެސް ޤަބޫލުކުރާނީ އެތަކެއް ބަހާނާ ދައްކައިގެންނެވެ.
“އާދޭ މަަންމަ ފަހަތުން! އަވަހަށް؟ ..”
ރިއާނާގެ ހަރަކާތްތަކުގައި އާދަޔާޚިލާފު އަވަސްކަމެއް ހުއްޓެވެ. އަންނާށޭ ބުނުމުން ރޫނާއާއި ނަޔާނީ އަދި ލިލިޔަންއަށް ބަލަން ހުރެވުނީއެވެ. އެއާއިއެކު ހަމަ އެހެން ހުރުމުން ރިއާނާ ތަންކޮޅެއް ނުރުހުމާއިއެކު އަދިއެއްފަހަރު ވެސް އެބަސް ތަކުރާރު ކޮއްލިއެވެ. ދެންވާނޭ ގޮތެއް ހިތަށް އަރުވާލުމަށްވެސް ނުކުޅެދިފައި ތިބެ އެކުދިން ރިއާނާގެ ފަހަތުން ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.
“ރުން ތީ ކޯއްޗެއް؟ ..” ރިއާނާގެ ކޮޓަރިއަށް ވަދެވުމާއިއެކީ ރިއާނާ ސުވާލުކޮއްލީ ކެތްމަދުވެފައި ހުރެއެވެ. މީ އަނެއްކާ މަންމަ ބާއޭ ރޫނާގެ ހިތަށް އެރިއެވެ. “ސެވިއޯސްއެއް! ..” ރޫނާގެ ޖަވާބުން ރިއާނާ އަވަހަށް އޭތި ބިންމަތީގައި ބޭއްވުމަށް އެދުނެވެ. އަނެއްކާވެސް ސުވާލުމާކުގައި ހުރެ ރޫނާ އެސެވިއޯސް ބިންމަތީގައި ބޭއްވިއެވެ.
“ކޮންތާކުން މީތި ފެނުނީ؟ ..” ރިއަނާ އަހަލިއެވެ. ކުޑަކުޑަ އުންމީދެއް ލިބުމުން އައި ހިތްވަރާއި އެކީގައި ރޫނާ ހުރިހާ ޙާދިސާއެއް ހަޤީޤަތަށް ކިޔައިދިނެވެ. ރިއާނާ ޤަބޫލުކުރީ ހެކި ދެއްކީމައެވެ. ހެއްކަކީ އެފަށެވެ. “ސޮރީ އިނގޭ! ވަރަށް ހިތްވަރުގަދަ ކުއްޖެއްތީ! ..” ރިއާނާ ހިނިތުންވެލާފައި މާފަށް އެދުނެވެ. ރޫނާ އަވަހަށް މަޢާފު ކޮއްދިނެވެ.
“މަންމާ ދެން ދޮންބެ ވީނަސް އިން އަންނާނީ ކޮންއިރަކު؟ ..” ރޫނާ އަހާލިއެވެ. ހާލަތު މާގޯސްވެފައިވާ ދަނޑިވަޅެއްގައި ރަޔާންގެ އެހީތެރިކަން އޭނަ ވަރަށް ބޭނުންވެއެވެ. ރަޔާން ވީނަސްއަށް ދިޔައީ ކިޔަވާށެެވެ. “ނޭނގެ މަންމައަކަށް. ނޫނޭ އަދި ހަނދާންނެތިފަ މިހުރީ. ކޮންމެވެސް އޭލިޔަނަކަށް ހަމަލާ ދީގެން އެބައުޅޭ. މަންމަ ބުނިން ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބޭށޭ. އެހެންވެ އެމީހުން އެތޮޅެނީ..”
ރިއާނާ ދިން ޚަބަރަކުން ރޫނާގެ ހިތް ޑަންޑަންލާފައި ތެޅިލިއެވެ. އެހެންކުދިންގެ ވެސް މެއެވެ. “ކީކޭ؟؟؟ ..”
“އާން! އިނގޭ ޤަބޫލުކުރަން އުނދަގޫ ވާނެކަންވެސް. މިވަގުތު ބައްޕައެއް ނެތް! ބާރުގަދަ ޖާދޫގެ ދަނޑިތައް ވަގަށް ނަގައިފި! ބައްޕަ ހުރެގެން ދޯ އިތުރުކަމެއް އެނގޭނީވެސް. “. ރިއާނާވެސް ވަނީ ވަރަށް ހާސްވެ ކަންބޮޑު ވެފައެވެ. އޭލިޔަނުންނަށް އަނިޔާ ލިބިއްޖެއްޔާ އޭނަގެ އަމިއްލަ ނަފްސަކަށް މަޢާފެއް ނުދެވޭނެއެވެ. ކުރިން ރޫނާގެ ވާހަކަތައް ޤަބޫލު ކުރެވުނުނަމައޭ އޭނަގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.
“ބައްޕަ؟؟ ނެތޭ؟؟ ދެން ކީއްކުރާނީ؟ ..” ރޫނާ ބިރުން ލޮލަށް ފެންއައެވެ. “ނޭނގޭއޭ ކޮއެފުޅާ!.. އަހަރެމެން ދިމަވާ ނުރައްކަލަކަށް ސަމާލުވެގެން ތިބެން ޖެހޭނީ ..” ރިއާނާ ޖަވާބުދިނެވެ. “ލިލީ. ނަޔާ. އާދޭ އަހަންނާއި އެކު!! ..” ރޫނާ ޚިޔާލު ބަދަލުކޮއްލައި ކޮޅަށް ތެދުވެ ހިނގައިގަތީމާ ރިއާނާގެ ހިތުގައި ސުވާލު އުފެދުނެވެ. “ކޮންތާކަށް؟ ..” ރިއާނާއަށް އެހުނެވެ. “އެމީހުންނާ ކުރިމަތިލާން..” “ނޫނެކޭ ރޫނާ! މިތާ މަޑުކުރޭ! ..”ރިއާނާ އެދުނެވެ. އޭނަގެ އިހުމާލުން ރޫނާއާއި އޭނާގެ އެކުވެރިން ނުރައްކަލުގެ ތެރެއަށް ވެއްޓެން ރިއާނާ ބޭނުމެއް ނުވެއެވެ.
“މަންމާ ދެން މިތާ ތިބެގެން ކަމެއް ނުވާނެޔޭ!.. އެ ޕީޖިވިއޯންއާ ކުރިމަތިލައިގެން އަހަރެމެންނަށް މި ގައުުމު ސަލާމަތް ކުރެވޭނީ..” ރޫނާ އެހެން ބުނުމުން ރިއާނަގެ ލޮލަށް އުފަލުން ކަރުނަ ޖަމާވިއެވެ. ފިސާރި އަންހެން ދަރިއެއްގެ މަންމައަށް ވީމައެވެ. އަދި އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނީމައެވެ. އެއާއިއެކު ސަމާލުވައްޗޭ ބުނެ އެއިން ކޮންމެ ކުއްޖަކަށް ޖާދުގެ ދަނޑިކޮޅެއް ދިނެވެ. “ނަން މެޖިކަލް ކްރިއޭޗަރއެއް ވިޔަސް ތި ދަނޑިތައް ބޭނުން ކުރެވިދާނެ.”
ރިއާނާ އެކުދިންގެ ސުވާލަށް ޖަވާބު ދިނުމުން ނަޔާނީއާއި ލިލިޔަން އުފަލުން މަރުވާ ވަރުވިއެވެ. ތެންކިޔުއޭ ބުނެ ހިނިތުންވެލާފައި ބައި ކިޔާލިއެވެ. އެއާއިއެކު ތިން މީހުންވެގެން މިސްރާބު ޖެހީ އޭލިޔަނަށް، ހަމަލާ ދެވުނު ސަރަހައްދަށެެވެ.
“ކަމްއޯން! އަރދޭ ސީރިއަސް؟ ..” ރޫނާއާއި އޭނަގެ ދެއެކުވެރިންނަށް އެހިސާބަށް ދެވުނު އިރު އެތަން އޮރީ ބަންދުކޮއްފައެވެ. ސަރަހައްދުގައި އެކަކު ވެސް ނެތެވެ. “އަހަރެމެންނަށް އެތެރެއަށް ވަދެވިދަނެއޭ..” ލިލިޔަން ވިސްނާލަމުން ޖަވާބުދިނެވެ. ތެދެކެވެ. އެތަން ބަންދުކުރަން ދަމާފައިވާ ފަށުގެ ދަށުންވެސް އެކުދިންނަށް ދެވިދާނެއެވެ.
“ދެން އާދޭ!..” ރޫނާ ދުވެފައި ގޮސް އެތަނުގެ ދަށުން އެތެރެއަށް ދެމިގަތެވެ. ނަޔާނީ އާއި ލިލިޔަން ވެސް ފަހަތުން އެގޮތަށް ކަންތައް ކުރިއެވެ. ނަސީބަކުން އެފަށަށް އެއްވެސް ގެއްލުމެއް ނުދީ ފުރަތަމަ ކަންތައް ހާސިލް ވެއްޖެއެވެ.
“ސޯ؟ މިތާ ތެޜޭގަ ދޯ ހަމަލާ ދިނީ! ..” ނަޔާނީ ރޫނާގެ ގާތުގައި އަހާލިއެވެ. އޭރު އެކުދިންނަށް ތިބެވުނީ ހަނި ހަނި ކޯރިޑޯއެއްގައެވެ. ވަށައިގެން އެއްވެސް އަލިކަމެއް ނުވާ، އެތަނުގައި ފާޑެއްގެ ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. އެއީ އެއޭލިޔަންގެ ލޭ ވަހެވެ.
“އެއޮތީ ކޯއްޗެއް؟ ..” ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ދިގު ދަނޑިކޮޅެއް ރޫނާގެ ލޮލުގައި އަޅައިގަތެވެ. ރޫނާ އެހެން ބުނުމުން ނަޔާނީ އާއި ލިލިޔަންގެ ސަމާލުކަށް އެކަން އައެވެ. “މިކަހަލަ ދަނޑިއެއް ދޯ އެއީ! ..” ލިލިޔަން އެދަނޑިކޮޅާއި އޭނަގެ ދަނޑިކޮޅު އަމާޒުކޮއްލިއެވެ. “ހޫމް. ސަތޭކަ ޕަރސެންޓް! ..” ރޫނާ އެދަނޑިކޮޅާއި މަޑުމަޑުން ގާތްވެލައި އެދަނޑީކޮޅު ނެނގިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


