ރޭގަނޑު 8 ޖަހައި ބޮޑުވެއްޖެއެވެ. ފަޅަށް ވަތް އިރު އެމްބިއުލެންސް ސައިރެން އަޅާލަ އަޅާލަ އޮތެވެ. ބައްޕަ ގޮވައިގެން އައި.ޖީ.އެމް.އެޗަށް ގެންދެވުނު ތަނާހެން ޑަކުޓަރުންގެ ފަރުވާ ފެށިއްޖެއެވެ. “މީގަ ސޮއި ކޮއްލައްޗޭ” ހިތުގެ ޚާއްސަ އެމަޖެންސީ ޑަކުޓަރު އަހަންނާ ވާހަކަ ދެއްކީ ނުހަނު އޯގާތެރިކަމާއި އެކުގައެވެ. ވެންޓިލޭޓަރު ގުޅަން ޖެހުމުން އެކި ޑޮކިއުމެންޓް ތަކުގައި ސޮއި ކުރެވުނެވެ. އަދި ހާސް ނުވުމަށް އެދި ،ޑަކުޓަރުން ބައްޕަ ގޮވައިގެން ދިޔައީ ސީޓީ ސްކޭނާއި އެހެނިހެން ޓެސްތަށް ހެދުމަށެވެ.

“އަސްލު ތަންކޮޅެއް ކުރިން ގެނެވުނު ނަމަ އޮޕަރޭޝަނަކާ ހަމައަށް ދެވުނީސް. މިހާރު އޮތީ އޮކްސިޖަން ވެސް ވަރަށް ދަށްވެފަ. އަދި ސިކުނޑިއަށް ލޭ އެޅިފައިވާލެއް ގިނަކަމުން އޮޕަރޭޝަން ކޮށް ސަލާމަތް ވާނެ ކަމުގެ 50 ޕަސެންޓެއްވެސް ނުދެވޭނެ.” ސްކޭން ދައްކާލަމުން ޑަކުޓަރުން އަހަންނާ ވާހަކަދެއްކިއިރު އަހަރެން ހުރީ ކެތްތެރިކަމާއި އެކީ އަޑުއަހަންށެވެ. އާނއެކެވެ. އަހަންނަށް ކެތްތެރިވުން ނޫން ގޮތެއް ނެތެވެ. ކުރިމަތީގައި އެއޮތީ ލޯބިވާ ބައްޕައެވެ. ބައްޕަގެ އަތުގައި ހިފަހައްޓައިގެން އެނދުގެ މަގަތުގައި ގޮނޑިއެއްގައި އަހަރެން އިނީ ބައްޕަ ލޯހުޅުވަލާތޯ ދުޢާ ކޮށްލަކޮށްލައެވެ.

އައު ދުވަހެއް ނަމަވެސް އަހަންނަކަށް އަލެކޭ އެއް ނުބުނެވޭނެއެވެ. އަހަންނަށް ކުރެވޭ އިޙުސާސްތައް މާތްﷲ ފިޔަވައި އެހެންފަރާތަކަށް ނޭނގޭނެއެވެ. މިއީ ކޮވިޑް ހަލުވިކަމާއި އެކީ ފެތުރޭ ދުވަސްކޮޅަކަށްވުމުން އާއިލާގެ މީހުންނަކަށް މާލެ އާދެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން ދިޔައީ ބަރާބަރަށް މަންމަ އަށާއި އާއިލާގެ މީހުންނަށް ހުރިހައި ވާހަކަތަކެއް ކިޔައިދެމުން ހިތްވަރުދެމުންނެވެ. އާނއެކެވެ. މިއަދު ބައްޕަ ކައިރީ މަންމަ ހުރިނަމަ މަންމަ އަށް ވެދާނެގޮތެއްވެސް ނޭނގެއެވެ. އެހެންވިނަމަ އަހަރެން ދެ ހިތާމަ އެއްފަހަރާ ކުރަންޖެހުނީސްކަން ޔަޤީނެވެ.

“ސަރާ ދޭ ގެޔަށް ފްރެޝް ވެލައިގެން އަންނަން.” ބޭބެ ބައްޕަ ކައިރީ އިށީންނަމުން އަހަރެން ގެޔަށް ފޮނުވައިލިއެވެ. އަހަރެން ހޮސްޕިޓަލުން ގެޔަށް ދިޔައީ ޓެކްސީއަކުއެވެ. ހެންވޭރުގައި ހުންނަ ރައްޓެއްސެއްގެ ގެޔަށް ދެވުނުއިރު މެންދަމުން އަލިވެ 2 ޖަހައިފިއެވެ. “ހަލޯ. ވަރަށް އަވަހަށް ބައްޕަ ކުރިން ގަވާއިދުން ކޭ ބޭސްތައް ގެނެސްދީބަލަ. ވަރަށް އަވަހަށް އަންނާތި!” އަހަރެން ގެޔަށް އައިސް އަދި މިއުޅެނީ ކާއެއްޗެއް ނުކެވިއެވެ. ފެންވަރަން ވަތް ތަނާހެން ބޭބެ ގުޅި އަޑަށް ނިކުމެ އަހަރެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. ލިފްޓުން ތިރިޔަށް ފައިބައިފީމެވެ. މަގުމަތީ އަހަރެން މަޑުކޮއްލައިގެން ހުރީ ޓެކްސީއެއްގެ އިންތިޒާރުގައެވެ. އެމަގުން ޓެކްސީއެއްދޭތޯއެވެ. ނަމަވެސް ދަންގަޑިއެއް ކަމަށް ވުމުން ޓެކްސީއެއް ލިބޭނެ ގޮތެއްނުވިއެވެ. އަހަރެން މީ މާލެތެރޭ އުޅެންވެސް ނޭގޭ މީހަކީމެވެ. ގޮތެއްނެތިފައިވާ ހާލުގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި އަހަރެންގެ ލޮލުގައި އަޅައިގަތީ ސައިކަލެއް މަތީ އިން ޕޮލިހެކެވެ. “އައްސަލާމު ޢަލައިކުމް. ލިފްޓެއް ދެވިދާނެތަ؟” އަހަރެން ނުގޮވަން ހުރަފައިވެސް އަވަހަށް ދާން ބޭނުންވެފައިވާތީ ހޮސްޕިޓަލަށް ގެންދަން އެދުނީމެވެ. އަދި އަރާށޭ ބުނުމުން އެ ޕޮލިސް ކުއްޖާ ފަހަތަށް އަރައި ހޮސްޕިޓަލަށް ދިޔައީމެވެ. ޝުކުރު އަދާ ކުރިއިރުވެސް އަހަރެން އެ ޕޮލިސް މީހާއާއި ހަތަރުކަޅި، ނުވިތާކަށް މޫނަށްވެސް ބަލައެއް ނުލަމެވެ. ނަމަވެސް އަތުގައި އަޅާފައި ހުރި ގަޑި އާއި ސައިކަލުގެ ބޯޑު ނަންބަރު އިނގެއެވެ.

“ބައްޕަގެ ޙާލު ވަރަށް ސީރިއަސް. މިހާރު ހަމަ ނެތޭ ބުނެވޭނީ” އަހަރެންގެ ދެފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ކުރިމަތީ ފެންނަން ހުރީ މާޔޫސްވެފައިވާ ބޭބެއެކެވެ. ނަރުހުންނާއި ޑަކުޓަރުން. އެމީހުންނަށް ކުރެވެން އޮތް ހުރިހައި ކަމެއް ކުރަނީއެވެ. ފަތިސް ގަޑި ކަމުން ހޮސްޕިޓަލުތެރޭ މެށިންތަކުން އެލާމު އަޅާއަޑު ނޫން އެހެން އަޑެއްނީވެއެވެ. “ސޮރީ، ހިތްވަރުކުރާތި” ފަރުދާ ތެރެއިން ނިކުތް ޑަކުޓަރު އަހަންނާއި ބޭބެގެ ކޮނޑުގައި އަތްޖައްސާލާފައި ބައްޕަ ނިޔާވި ޚަބަރު ދިނެވެ. އެއްވެސް އިހުމާލަކާއި ނުލައި ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެމުން ބައްޕަގެ މޫނު ބަލައިލުމަށް އެތެރެއަށް ވަނީމެވެ. ގަބޫލު ކުރަން ދަތިވިއެވެ. ވަރަށް ގިނައިރު ވަންދެން ނޭވައިލާތޯ ބަލަން ހުރީމެވެ. އަދިވެސް ލޯހުޅުވާލާނެ ކަމުގެ އުއްމީދުގައެވެ. ބޭއިޚްތިޔާރުގައި ކަކޫމައްޗަށް ތިރިވެވުނެވެ. އަދި ބައްޕަގެ ކިބައިން މާފަށް އެދުނީމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރުމަށް ދުޢާ ކުރީމެވެ. އަހަރެންގެ ބޭބެ ވަރަށްވެސް ހިތްވަރު ގަދައެވެ. މަންމަ އަށް ގުޅައި މަންމަ ހަމައަކަށް އަޅުވަން ދެމީހުން ވަރަށް މަސައްކަތް ކުރީމެވެ. އަދި ރަށުގައި ދައްތަމެންވެސް މަންމަ އަށް ހިތްވަރުދީ ސާބިތުކަންމަތީ ބެހެއްޓިއެވެ. އާސަހަރާ ގައި ބައްޕަގެ މޫނު އެންމެ ފަހުފަހަރާ ބަލައިލުމަށްފަހު ކަށުނަމާދު ކުރެވުނެވެ. މިއީ އަހަރެން ކުރި އެންމެ ފުރަތަމަ ކަށު ނަމާދަށްވީނަމަވެސް އަހަންނަށް އައު ކަމަކަށް ނުވިއެވެ. ނަމާދުކޮށް، ބައްޕަ ވަޅުލުމަށްފަހު އަހަރެން ގެޔަށް ދިޔައީ ބޭބެއާއި އެކު އެނޫންގޮތެއް ނެތީމައެވެ.

 

 

 

39

1 Comment

  1. gigs

    June 4, 2021 at 5:29 am

    Thee hdh.kulhudhuffushi Anusha Mohamed thww???

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!