* ވީ އުފަލާއި އެކީގައި އިޒްކާން ސައިކަލު ދުއްވާލިއިރު ނީޝަލްގެ އަތް އޭނާގެ ގައިގައި ވަށާލެވުނު އިހުސާސް ކުރެވުނެވެ. ކުއްލިއެއް ޖަހާ އިޒްކާން ދުއްވާލި ގަޑީގައި ނީޝަލް ގޮސް ތަތްވީ އިޒްކާންގެ ބުރަކަށީގައެވެ. “އޭ ފަހަތަށް ނުޖެހޭތި.. ފަހަތަށް ޖެހިއްޖެނަމަ މަށަށް ހީވަނީ އަހަރެމެންގެ ފަހަތުން އަންނަ ސައިކަލެއްގައި ހުންނަ މީހެއް ނީޝް ރީތިކަމުން ނުހުރެވިގެން ނީޝް ޖަހައިގަނެފާނެއޭ.. ޖަސްޓް ސްޓޭ ވިތް މީ…” އިޒްކާން ނީޝަލް ފަހަތަށް ޖެހުނަނުދޭންވެގެން ބޭނުން ކުރި ބަހަނާ އާއި ހެދި ނީޝަލްއަށް ނުހީ ނުހުރެވުނެވެ. ނީޝަލް ހީގަނެފައި އިޒްކާންގެ ބުރަކަށީގައި ބޯ ޖައްސާލުމުން އިޒްކާންވެސް ހިނިއައިސްފައި ސައިކަލު ދުއްވާލިއެވެ. ނެޒެލީ ވަގު ލޮލަކުން ބަލާލީ ގާތުގައި އިން ރޫހާންގެ ފޯނުގެ ގަޑި އަށެވެ. “އަށްގަޑި ސާޅީސްފަހެއް..” ނެޒެލީ ހިތާހިތުން ކިޔާލާފައި ރޫހާންގެ މޫނަށް ބަލާލިއެވެ. “މާޔާ އާންޓްއަށް ވެސް ރޫ އަށްވެސް ކާމިޔޔާބުވިޔަކަ ނުދޭނަން.. މިފަހަރު އަހަރެން ނީޝް ސަލާމަތް ކުރާނަން.. ނީޝް.. ޖަސްޓް ވެއިޓް ފޯ މީ…..” ހެދުމުގެ ޖީބުގައި އަތް ޖައްސާލިއިރު ނެޒެލީގެ ހިތުގައި ވިއެވެ. *

ހޫރީން ކޭތަށިތައް ދޮވެލައިގެން ހެޑްސެޓާއި ފޯނު ހިފައިގެން ސޯފާގައި ޖައްސާލީ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ވަގުތަކީ ހިޔާން އާއި ފައިލަމް ހިޔާންގެ ކޮޓަރިން ނުކުތް ވަގުތެވެ. ހިޔާން ފެނިފައި މިފަހަރު ހޫރީން މޭނުބައިކުރާ ގޮތްވިއެވެ. ރީތި ލޯބިވާ ދޮންބެގެ މޫނުގަނޑުގެ ދަށުގައި ފިލާ އޮތް ޝައިތާނާ ހޫރީންއަށް ފާޅުވެއްޖެއެވެ. ހިޔާންގެ ރީތި މޫނަށް ބަލާލާފައި އެކަކުވެސް ހިޔާން އަކީ އެފަދަ ނުބައި ކަމެއް ކުރާނެ މީހެކޭ ނުބުނާނެއެވެ. ހިޔާންގެ އަނދިރިފަރާތް ހޫރީންގެ ކުރިމައްޗަށް ވަނީ ނިއުޅާލެވިފައެވެ.

“ހޫރުޕަރީ.. ކީއްކޮށްލަނީ..؟” ހިޔާން ގޮސް ވެއްޓިގަތީ ހޫރީންގެ ކުރިމަތީ އިން ގޮނޑި އަށެވެ. އޭރު ފައިލަމް ގޮސް ސޯފާގެ އަނެއް ފަޅީގައި އިށީނެވެ. ހޫރީންއަށް ފައިލަމްގެ މޫނަށް ބަލާލެވުނެވެ. އެ މޫނުން އައިހަމްގެ ސޫރަ ފެންނާތީ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ހޫރީން މާވަރަކަށް ފައިލަމްއަށް ބަލާތީ ހިޔާން ކަރުކެހެލިއެވެ. ސިހިފައި ހޫރީން ހިޔާންގެ މޫނަށް ބަލާލާފައި މަސްނޫއީ ހިނިތުންވުމެއް ދައްކާލިއެވެ. “ދޮންބެމެން އެބައޮތް މިރޭ ތާކަށް ދާންވެފައި..” ހިޔާން ބުނެލި ޖުމްލައިން ހޫރީންގެ ނާރުތަކަށް ވާންވިހެން ހީވިއެވެ. “އަނެއްކާ ދޮންބެ އެއުޅެނީ އެހެން އަންހެންކުއްޖެއް…….” ހިތަށް އެރި އެއްޗަކުން ހޫރީންގެ އަތްފައި ފިނިވިއެވެ. “ކޮންތާކަށް ދަނީ..؟” އިތުރަށް މައުލޫމާތު ސާފު ކުރުމުގެ ނިޔަތުގައި ހޫރީން އެއްސެވެ. ”އަމްމްމް.. ހަމަ ތާކަށް ދަނީ..” ހިޔާން ހީނލާފައި އެހެން އެ ބުނީ ގަސްތުގައި ކަން ހޫރީންއަށް އެނގުނެވެ.

“އައިމް ގޮއިންގ އޮން އަ ޑޭޓް..” ހޫރީން އެހެން ބުނުމުން ހިޔާންގެ ނަޒަރު ހޫރީންގެ މޫނަށް ހުއްޓުނެވެ. “އައްދޭ.. ހޫރުޕަރީ އަންގާވެސް ނުލައޭ… އަނެއްކާ ކާކު..؟” ހޫރީން އެހެން ބުނުމުން ހޫރީން ދާން އެއުޅެނީ ކާކާއި ބައްދަލު ކުރަންތޯ ހިޔާން ބަލާހިތްވިއެވެ. ”ހަމަ ކޮންމެވެސް މީހެއް ދެން.. ކޮލެޖް ކުއްޖެއް..” ބުނާނެ އެއްޗެއް ނޭނގިގެން ހޫރީން ބުނީ އެހެންނެވެ. ޑޭޓަކަށް ދިޔުން އެއީ ހޫރީން ހިޔާންއަށް ފާރަލާން ބޭނުންކުރި އުޒުރެކެވެ. “އެހެންދޯ.. ދޮންބެ ދަންތަ ލައިދޭން..؟” އަންހެން ކުދިންނަށް އިހާނެތި ގޮތްގޮތް ހަދާފައި އުޅުނަސް ހިޔާން ހޫރީންދެކެ އެވާ ލޯބި ފެނިފައި ހޫރީން ފެންކަޅިވާ ގޮތްވިއެވެ.

ފުޓޭޖްތަކުން ހުދާ ކިޑްނެޕް ކޮށްގެން ގެންދިޔައީ ހިޔާންކަން އެނގުނަސް އެކަން ކުރަނީ ހިޔާން ނޫންކަން ޔަގީން ކުރަންވެގެން މިރޭ ކޮންމެހެންވެސް ހޫރީން ހިޔާންއަށް ފާރަ ލާން އެބަ ޖެހެއެވެ. އަނެއްކޮޅުން މިރޭ ހިޔާން އަދި ފައިލަމް އެދަނީ އެކަހަލަ ކަމެއް ކުރަން ކަން ވެސް ހޫރީންއަށް ޔަގީނެއް ނޫނެވެ. ނަމަވެސް ލިބެން އޮތް އެންމެ ހަނި ފުރުސަތުވެސް ދޫކޮށްލަން ހިތް ނޭދޭތީ ހޫރީން ހިޔާންއަށް ފާރަލާން ނިންމިއެވެ. ތައްޔާރު ވުމުގެ ބަހަނާގައި ހޫރީން އަވަހަށް ކޮޓަރިއަށް ވަނެވެ.

ފަނަރަވަރަކަށް މިނެޓް ތެރޭގައި ޕެބްލް ގްރޭ ކުލައިގެ ކަކުލާއި ހަމައަށް އަންނަވަރުގެ ހެދުމެއް ލައިގެން އެ ބްލޮންޑް ކުލައިގެ އިސްތަށިގަނޑު ވިހުރާލައިގެން ހުރެ ހޫރީން ނުކުތީ ބޮލުގައި ގަދަ ފިޔާތޮށިކުލައިގެ މަލެއް ޖަހަމުންނެވެ. ތުންފަތުގައިވާ މެރޫންކުލައިގެ ލިޕްސްޓިކް ބޭރަށް ގޮސްފައި ހުރިތޯ ފަސްވަރަކަށް ފަހަރު ޗެކް ކޮށްފައި ހޫރީން އޭނާގެ އަތުގައި އޮންނަ އެންމެ ބޮޑު އަތް ދަބަހަށް ސިއްރު ސިއްރުން ކޮންމެވެސް އެއްޗެހިތަކެއް އެޅިއެވެ. އަދި ބޫޓު ހަރުގަނޑުން މެރޫން ސްޓެޑީ އެންކަލް ބޫޓަކަށް އަރައިގެން ސިޓިންގރޫމަށް ނުކުތެވެ.

“މަ ހީކުރީ އަންހެން ކުދިން ރެޑީވާން ފަސްގަޑިއިރު ނަގާކަމަށް..” ހޫރީން ރީތިވެގެން ނުކުތްލެއް އަވަސްކަން ވެގެންދިޔައީ ފައިލަމް އާޝޯހު ކޮށްލިފަދަ ކަމަކަށެވެ. “ހެހެ ހޫރުޕަރީ ތަފާތުވާނެއޭ ދޯ..” ހިޔާން ހީނލިއެވެ. “ޔޫ ލުކް ޕްރިޓީ ބޭބީ..” އާދައިގެ މަތިން ފައިލަމް އޭނާގެ ޑްރާމާބޮޑު އަޑުން ހޫރީންއަށް ތައުރީފު ކޮށްލިއެވެ. “ތެންކިއު..” އޭރު ހޫރީން ހައިނާ ޖެކެޓްތައް އަޅުވާ ބައި ހާވަނީއެވެ. ވަރަށް ހާލުން މެރޫން ގަމީސް ފާޑަކަށް ހުރި ޖެކެޓެއް ފެނުމުން އަވަހަށް އެ ނަގާ ހޫރީން ޕެބްލް ގްރޭ ކުލައިގެ ހެދުން މަތިން ލިއެވެ. އަތް ދަބަސް ކޮނޑުގައި އަޅުވާލާފައި ހޫރީން އަވަސް އަރުވާލާފައި ބޭރަށް ނުކުތެވެ. އޭރު އޭނާގެ މިސްރާބު ހުރީ ގޭގެ ގަރާޖާއި ދިމާލަށެވެ.

“ހާދަ ތިއްތިވެގެންނޭ އޭނަ އެ ދިޔައީ..” ފައިލަމް ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. “ދޯ.. ޑޭޓަކަށް ވިއްޔަ..” ހިޔާން ހައިރާނެއް ނުވިއެވެ. އެއީ ހޫރީން ކޮށްއުޅޭ ކަމަކަށް ވާތީއެވެ. “އިނގޭތަ އޭނަ ވަރަށް ބެއްޔޭ ކަލެއާއި ދިމާލަށް..” ފައިލަމް އުފާކޮށްލަންވެގެން ހިޔާން ބުނެލިއެވެ. “ހެހެ މަށަށް އެނގޭ ބެލިކަން..” ފައިލަމަށްވެސް ހޫރީންގެ ނަޒަރު ފާހަގަވިކަން އެ ޖުމްލައިން އަންގައިދިނެވެ. “އޭނަ ކަލޭ ދެކެ ލައިކް ވަނީ ކަންނޭނގެއެއްނު..” ދުރު ބަލާލާފައި ހިޔާން ބުނެލިއެވެ. “ހެހެ ވަރަށް ސަޅި މަށަށް ފުދޭ..” ފައިލަމް އެހެން ބުނެލުމުން ހިޔާން ފައިލަމް އާއި ހަތަރުކަޅި ހަމަ ކުރީ ބޮޑު އިންޒާރެއް ދޭފަދަ ނަޒަރަކުންނެވެ. “ހިތަށްވެސް ނާރުވާތި..! ހުވަފެނުންވެސް ހޫރުޕަރީއަށް އެކަހަލަ ކަމެއް ކުރާތަން ނުބަލާތި..!” ހިޔާން ދަތްކުނޑި ވިކާލާފައި ބުންޏެވެ. “ޗިލް ބްރޯ.. މަ އެހެން ބުނީ މަޖަލަކަށޭ..” ފައިލަމް ތެދުވިއެވެ.

“ހިނގާ އަވަހަށް ނައްޓާލަން.. މިރޭ ކާކު ގެސްޓް ހައުސްއަށް ގެންދަނީ..؟” ހިޔާން އެއްސެވެ. “އްމްމް އެއީ އަހަރުން އުޅޭ ކްލާހާއި ޖެހިގެން ހުރި ކްލާހުގައި އުޅޭ ކުއްޖެއް.. އީޝާ..” ފައިލަމް ބުންޏެވެ. “ޕުއާ އައިހަމް އެންޑް އާހިލް..” ގެއިން ބޭރަށް ބަލާލަމުން ހިޔާން ވިހަ ހީނލުމަކުން ހީނލިއެވެ. ހިޔާންގެ އެ ހީނލުމުގެ ފަހަތުގައިވަނީ ކޮން ކަމެއްކަން އެނގުމުން ފައިލަމް ވެސް ފާޑަކަށް ހީނލިއެވެ. ހިތާހިތުން އާހިލާއި އައިހަމްގެ މޮޔަކަމަށް ހަމްދަރުދީ ވަމުންނެވެ.

ސައިކަލުގައި ގޮސް އިޒްކާން މަޑު ކޮށްލީ ރެސްޓޯރެންޓެއް ކައިރިއަށެވެ. އިޒްކާންގެ އެހީތެރިކަމާއި އެކީ ނީޝަލް ސައިކަލުން ފޭބިއެވެ. އޭރު ރެސްޓޯރެންޓަކު އެކަކުވެސް ފެންނާކަށް ނެތެވެ. “ހާދަ މީހެއް ނެތޭ..” ރެސްޓޯރެންޓް ތެރެއަށް ނަޒަރު ހިންގާލަމުން ނީޝަލްއަށް ބުނެވުނެވެ. “ޔަހް.. ނީޝްއަށް މީހުން މާވަރަކަށް ބަލާނެތީ އެކަމާއި ބިރުން މަ ރެސްޓޯރެންޓް އެކީއެކަށް ރިޒާރވް ކުރީ.. މަގޭ ބައްޕަ އާއި ރެސްޓޯރެންޓްގެ ބޮޑު މީހާ އާއި ވަރަށް ފްރެންޑް ވާނެ.. އެހެންވެ އެކަންތައް އެހާ ފަސޭހައިން ވީ..” އިޒްކާން ވަނީ ދުރާލާ ހުރިހާ ކަމެއް ރާވާފައެވެ.

ނީޝަލްގެ ހިތް އުފަލުން ބަންޑުންވާވަރުވިއެވެ. އޭނައަށްވުރެ ނަސީބުގަދަ އަންހެން ކުއްޖެއް ދުނިޔޭގައި އުޅޭނެ ހެއްޔޭވެސް އެހުނެވެ. އެ ކުޑަ ވަގުތުކޮޅުވެސް ނީޝަލް ޝުކުރުވެރިވާން ހަނދާންނައްތައެއް ނުއްޔެވެ.

“ކޯޗެއް ނަގަން ބޭނުމީ ޕްރިންސެސް..؟” އިޒްކާން މެނޫ ދިއްކޮށްލާފައި އެއްސެވެ. ”ނޫޑްލްސް.. ފްރައިޑް ނޫޑްލްސް.. ޒީޝްކުޑާ ބުނި މިތާ ހަދާ ފްރައިޑް ނޫޑްލްސް ވަރަށް މީރުވާނެޔޭ.. އެހެންވެ އެ ޓްރައި ކުރަން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެއް..” ނީޝަލް ބުނެލިއެވެ. މެނޫގައިވާ ފްރައިޑް ނޫޑްލްސް ގައި އިނގިލި ޖައްސާލަމުންނެވެ. “އެހެންވިއްޔާ މަ ވެސް ތި ކާނީ.. އެހެންނޫނަސް މަ ވެސް އަދި ދުވަހަކުވެސް މިތަނުގެ ފްރައިޑް ނޫޑްލްސްގެ ރަހައެއް ނުބަލަން.. ދެން ބޯން ބޭނުމީ ކޯޗެއް..؟” އިޒްކާން އެއްސެވެ. “ކޯކް ނޫނީ ސްޕްރައިޓް އޯކޭ ވާނެ..” ނީޝަލް ބުނެލިއެވެ. “އެންޑް އައިލް ޓޭކް އައިސްކޮފީ..” އިޒްކާން ބުނެލިއެވެ.

އޯޑަރ ކޮށްފައި ނީޝަލް އިޒްކާން އާއި ކުރިމަތިލިއެވެ. “ވަރަށް ލައިކްވޭ ދޯ އައއިސްކޮފީ ދެކެ..؟” ނީޝަލް ބުނެލިއެވެ. “އާނ ޔަގީނެއްނު.. މައި ފިއުޗަރ ވައިފްއަށް ޖެހޭނީ ގޭގައި އައިސްކޮފީގެ ބޮޑު ސްޓޮކެއް ބަހައްޓަން..” ހިނިގަނޑެއް ޖަހާލާފައި އިޒްކާން ބުނެލީ މާނަފުން ޖުމްލައެކެވެ. ނީޝަލްއަށް ވެސް އެ ބުނި ބަހުގެ މާނަ ކުޑަކޮށް ނަގައިގަނެވުނެވެ. ލަދުން އިސްޖަހާލީވެސް އެހެންވެއެވެ.

އައިހަމްއަށް އަވަހަށް ފައިލަމްގެ ކޮޓަރިތެރެއަށް ފިޔަވަޅެއް އެޅުނީ ނިކަން ބާރަށް އާހިލްގެ ނަމުން ގޮވާލާފައެވެ. އާހިލް ޓެކްސީއެއްގައި އައި އޭނާގެ ދޮންތަ އާއި ރައުލާ ހަވާލު ކޮށްފައި ފޮނުވާލިގޮތަށް ތެޅެމުން ފޮޅެމުން އައިހަމްގެ ގާތުގައި ހުއްޓުނެވެ. “ކީއްވީ..؟ ކަލޯގަޔާ..!!” އާހިލަށް އަނގަމަތީގައި އަތް އެޅުނެވެ. ބިންމަތީގައި ހުދާ ލައިގެން އުޅޭ ކަޅު ކުލައިގެ ދިގު ހެދުން ތަކުގެ ތެރެއިން އެއް ހެދުން ބިންމަތީގައި އޮތެވެ. އެ ކަޅު ހެދުން ވަނީ ވަރަށް ބޮޑަށް އިރާލާފައެވެ. އެޔާއި މާ ދުރުނޫން ހިސާބެއްގައި އޮތް ގަމީސް ވަކިކުރަން އައިހަމަށް އުނދަގުލެއް ނުވިއެވެ. އެއީ ހިޔާންގެ އަށާރަވަނަ އުފަންދުވަހަށް އައިހަމް ހަދިޔާ ކުރި ދެ ގަމީސް ތެރެއިން އެއް ގަމީހެވެ.

“ހިޔާން ހުދާ…” އާހިލަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އައި ރުޅީގައި އައިހަމް ދިޔަގޮތަށް ގޮސް ހިޔާންގެ ގަމީސް ނަގާ އިރާލައިފިއެވެ. ފޮތި ވީދައިގެން ދާ އަޑު އިވުމުން އާހިލް ފާޑަކަށް ދަތް ހީލިކަރުވައިގަތެވެ. ”ހިޔާން އެހުރީ ހުދާއަށް ހަދާލި ގޮތް.. ޗީޑި.. ފަކުރު.. އޭނައަށް ހުދާއަށް އެކަހަލަ ގޮތެއް ހަދަން ކެރުނުކަމޭވެސް ހިތަށް އަރާ..” އައިހަމް ހުރީ ރުޅިން ފަޅައިގެން ދާވަރު ވެފައެވެ.

“ކަލޭ ރުޅި ނައިސްބަލަ..” އާހިލް އައިހަމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “މަށަށް ކިހިނެތްތަ ރުޅި ނައިސް ހުރެވޭނީ..؟ މަށާ ހެދިއޭ އެމީހުން ހުދާ ހައްޔަރުކުރީ.. މަށާ ހެދިއޭ އެމީހުންނަށް ހުދާއަށް އެމީހުން ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު ފަހިވީ.. މަށާ ހެދިއޭ.. މަށަށް އެދުވަހު ހުދާގެ ނަން ނުބުނެވުނުނަމަ….” އައިހަމްގެ އަޑު ބެދުނެވެ. އޭނައަށް ރޮވެން އުޅުނުކަން އެނގޭތީ އާހިލްގެ ހިތަށް ވެސް އަސަރުކުރިއެވެ. އާހިލަކީ އެހެން މީހުން ހިތާމަ ކުރާތަން ފެނިއްޖެނަމަ ދެރަވާ ކަހަލަ ކުއްޖަކަށް ވާތީއެވެ.

“ހިނގާ އެމީހުން ހޯދަން.. މިހެން އަދި އަތް އުރާލައިގެން ތިބޭ ގަޑިއެއް އަދި ނުޖެހޭ..” އާހިލް އައިހަމްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އައިހަމް ހުދާގެ ހެދުން މޭގައި ބޮނޑިކޮށްލިއެވެ. “މަށަށް މާފުކުރޭ…” ހުދާގެ ހެދުން އެނދުމަތީ ބާއްވާފައި އައިހަމް ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. އެތަނުގެ ތެރޭގައި ހުދާ ނޫނީ މައިހާ އިންތޯ ބަލާށެވެ.

ހޫރީން ގަރާޖަށް ވަދެ ކުރިން އިކުވާން ބޭނުންކޮށް އުޅުނު ސައިކަލު ނެގިއެވެ. އިކުވާން އަނެއްކާ އެހެން ޝޫޓިންގ އަކަށް މާލެ ދާން ފުރުމުގެ ކުރިން އެ ސައިކަލު ބޭނުން ކުރި ތަން ހޫރީންއަށް ވަނީ ފެނިފައެވެ. ހިޔާން އާއި އެކީ އުޅެއުޅެ ލައިސެންސް ނެތަސް ހޫރީންއަށް ސައިކަލު ދުއްވަން ވަނީ ކޮންމެވެސް ވަރަކަށް ދަސްވެފައެވެ. ހިޔާންމެން ގެއިން ބޭރަށް ނުކުތް އަޑު އަހާފައި ހޫރީން އަވަހަށް ސައިކަލު ބަހައްޓާފައި ވަނީ އެގޭގެ ފަހަތު ދޮރު ހުންނަ އަނދިރި އަނދިރި ގޯޅިގަނޑަށެވެ. އެތަން މީހަކު ގައިގައި ޖެހުނަސް ނޭނގޭހާ އަނދިރިއެވެ. ހޫރީން އަތް ދަބަހުން ނެގި ކަޅު ޖިންސް ނަގާފައި އެ ލިއެވެ. ލައިގެން ހުރި ހެދުމުގެ ޒިބު ކަހާލާފައި ހޫރީން އަތްދަބަހުން ނެގި ބަނީ އިއަރސް ހުރި ހޫޑީ ނަގާ ލާފައި ހެދުން ބޭލިއެވެ. އެ ހެދުން ގޯޅިގަނޑުގެ ތެރެއަށް އެއްލާލާފައި ހޫރީން ދެން ނެގީ ނަންބަރު އައިނެކެވެ. އެއީ ކެމެރާއެއް ހަރުކޮށްފައިވާ އައިނެކެވެ. ހޫރީން ދާ ކޮންމެ ދިމާލަކުން ފެންނަ މަންޒަރުތައް އެއަށް ނެގޭނެއެވެ. އަރައިގެން ހުރި އެންކަލް ބޫޓާއި އެކީގައި ހޫރީން މިސްރާބު ޖެހީ ސައިކަލާއި ދިމާލަށެވެ. ހޫޑީ ބޮލުގައި އަޅާފައިވާތީ އެއީ ހޫރީންކަން ވަކިކުރަން ދައްޗެވެ. ވަކިން ހާއްސަކޮށް ހޫރީންގެ ރީތިކަމުގެ ތަނބެއް ކަމުގައިވާ އެ ބްލޮންޑް އިސްތަށިގަނޑު ފަރުދާކޮށް ފޮރުވާފައި ވާތީއެވެ.

ހޫރީން ހީކުރިގޮތާއި ޚިލާފަށް ހިޔާން އާއި ފައިލަމް އެރީ ކާރަކަށެވެ. ފައިލަމާއި ހިޔާން ކުރީ ސީޓް ގައި އިށީންއިރު ފަހަތު ސީޓުގައި ވެސް ކޮންމެވެސް ދެ މީހެއް ހުރިކަން ހޫރީންއަށް އެނގުނެވެ. ނަސީބު ދިމާކުރި ގޮތުން ފަހަތުގައި އިނީ ކޮން ދެމީހެއްތޯ ޔަގީން ކުރެވުމުގެ ކުރިން ފައިލަމް ކާރު ދުއްވާލައިފިއެވެ. ހޫރީންވެސް ސައިކަލު ސްޓާޓް ކޮށްލިއެވެ. އަދި އެކްސިޑެންޓެއް ވިޔަސް އެހާ ސީރިއަސް އެކްސިޑެންޓެއް ނުވޭތޯ ހިތާހިތުން ދުއާ ކޮށްލާފައި ހޫރީން ސައިކަލު ދުއްވާލިއެވެ. ސްޕީޑް ބާރު ކަމުން ހިޔާންމެންގެ ކާރު ފަހަނައަޅާ ހޫރީންއަށް ނުދެވުނީ ކިރިޔާއެވެ. “އަލާން ބޭބޭ.. އަހަރެން މި ކޭސް ނިންމާނަން.. އައިލް ޕްރޫވް ދެޓް އައި ހޭވް ސްކިލްސް ދެޓް ވިލް މޭކް ޔޫ ޕްރައުޑް..” ހޫރީން އޭނާގެ މަގްސަދު ހަނދާންކޮށްލާފައި އިތުރު ހިތްވަރެއް ލިއެވެ. ކުޑަ މަސައްކަތަކަށް ފަހުގައި ހޫރީންއަށް ސައިކަލު އާދައިގެ ސްޕީޑެއްގައި ދުއްވެން ފެށިއެވެ.

ނުވަގަޑި ދިހައެއްހާއިރަށް ރޫހާން ކޮޅަށް ތެދުވިއެވެ. “ޒެލީ އަހަރެން މިދަނީ ބޭރަށް ދާން..” ކުރިއެކޭ ޚިލާފަށް ބަހެއްވެސް ނުބުނެ ދާ ރޫހާން މިފަހަރު ނެޒެލީގެ ގާތުގައި ދާތަން ބުންޏެވެ. ކޮން ހިތެއް ޖެހިގެންބާއޭ ނެޒެލީގެ ހިތަށް އެރިއެވެ. ނަމަވެސް ނެޒެލީގެ ސަލާމަތްވުމުގެ ރޭވުމަށް އަމަލީ ސިފައެއް ގެނެވޭނީ ރޫހާން ގެއިން ގޮސްގެންކަން ހަނދާންވުމުން ނެޒެލީ އަވަސް އަވަހަށް ބޯ ޖަހާލީ ކެތްތެރިކަން ކޮޅުންލާފައިވާ މީހެއް ފަދައިންނެވެ. “ތަނަކަށް ނުދާތި.. އޯ ވެއިޓް.. އަހަރެންގެ ހައްޔަރުގައި ހުރެ ޒެލީއަށް ކޮންތާކަށް ދޯ ދެވޭނީ.. ސިލީ މީ..” ރޫހާން ކޮޓަރިން ނުކުތީ ނެޒެލީގެ ހިތްވަރުން ބައެއް އެލުވާލާފައެވެ.

”ބަލަމާ ދޯ..” ނެޒެލީ އަވަހަށް ޖީބުން ތަޅުދަނޑި ފަތި ނެގީ ރޫހާން ގެއިން ނުކުމެ މައިދޮރު ޖެހި އަޑު އަހާފައެވެ. އަދި އަވަސް ހަރަކާތް ތަކަކާއި އެކީގައި އެއް އަތުން އަނެއް އަތުގައި ޖަހާފައިވާ ޗޭނުގަނޑުގެ ތަޅަށް ތަޅުދަނޑި ޖެހޭތޯ ބެއްޔެވެ. ޗޭނުގަނޑު ހުރި ގޮތުން ނެޒެލީއަށް އެކަން ވެގެން ދިޔައީ އަމިއްލައަށް މަރުވުން ފަދަ ކަމަކަށެވެ. އަތުގައި ޗޭނުގަނޑު ކޭއްތޭވަރުން އަތް ރަތްވި ގޮތުން ދެންމެ ދެންމޭން އަތުން ލޭ ފައިބަފާނެހެން ހީވިއެވެ. ނަމަވެސް ނީޝަލްއަށްޓަކައި ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ނެޒެލީ ފަރުވާލެއް ނުބަހައްޓާ އަތް ނިކަން ބާރަށް ދަމައިގަނެފައި ތަޅަށް ތަޅުދަނޑި ވައްދާލިގޮތަށް އަނބުރާލިއެވެ. އަތް މަށައިގެން ދިޔަ ގަޑީ ހަޅޭއްލަވައިގަންނަން ބޭނުންވާހާ ވަރަށް ދިލަ ނެގި ނަމަވެސް ނެޒެލީ ކެތްކުރިއެވެ.

“މިރޭ އަހަރެން ނީޝްގެ ހަނދާންތައް އާވާނެހާ ވަރުގެ ކަމެއް ކޮށްލާނަން.. ދެޓް އިންސިޑެންޓް ފްރޮމް އަބައުޓް ފޯރ އިޔަރޒް އެގޯ… އަހަރެން އެކަން އަލުން ތަކުރާރު ކުރާނަން.. މިކަމާއި މަންމަ ދެކެނީ ކިހިނެތްބާ..؟” އެކަން ކުރުމުގެ ކުރިން ރޫހާން މާޔާގެ ހިޔާލު ހޯދަން ބޭނުންވިއެވެ. އަދި ޖީބަށް އަތް ކޮއްޕާލީ ފޯނު ނަގާށެވެ. “ޑޭމް އިޓް..” އެ އާދެވުނީ ނެޒެލީގެ ކޮޓަރީގައި ފޯނު ބާއްވާފައި ކަން ހަނދާން ވުމުން ރޫހާން އަނބުރާ އައި ކޮޅަށް ހިނގައިގަތެވެ.

ނެޒެލީ އަވަހަށް އަނެއް އަތުން ޗޭނުގަނޑު ނައްޓާލާފައި ދެފައިން ވެސް ޗޭނުގަނޑު ނައްޓާލިއެވެ. އެތައް ދުވަހަކަށް ފަހު އަތްފައި ބޭނުންގޮތަކަށް މިނިވަން ކަމާއި އެކީގައި ހަރަކާތް ކުރެވުމުން ނެޒެލީ ފެންކަޅި ވާގޮތްވި ނަމަވެސް މީ ރޯންވީ ވަގުތު ނޫންކަން ސިކުނޑި އެންގުމުން އަވަހަށް ހިނގައިގަތެވެ. އޭނާގެ ޕްލޭނާއި އެއްގޮތަށް ކަންތައްތައް ވޭތޯ ދުއާ ކުރަމުންނެވެ. އެ ކޮޓަރީގައި ނެޒެލީގެ ބައެއް އެއްޗެހިތައް ލާން ހުންނަ އުނަގަނޑާއި ހަމައަށް އަރާވަރުގެ ކުޑަ އަލަމާރީގައި ދެއަތުން ހިފާ ދަމަމުން ކަހަލަ ގޮތަކަށް ނެޒެލީ އެ ވެއްދީ ފާޚާނާއަށެވެ. އެއަށްފަހު ނެޒެލީ އަލަމާރިން ފެހި ކުލައިގެ ޓީޝާޓް ފޮތިން ފަހާފައިވާ ހެދުމަކާއި ފަލަމަސްގަނޑާއި ހަމައަށް އަރާވަރުގެ ޓައިޓްކޮޅެއް ލީ ކުޑަގޮތަކަށް ފެން ވަރާލާފައެވެ. ހުންނަން ޖެހޭނީ ހުސްފަޔާ ނަމަވެސް ހެޔޮކަމަށް ނެޒެލީ އެ ކުޑަ އަލަމާރި ފާހާނާގައި ހުންނަ ފެންލައިޓް ގާތަށް ކޮއްޕާލިއެވެ.

އަދި އޭގެ މައްޗަށް އެރިއެވެ. މީހާގެ ހިކިކަމަށް ނެޒެލީއަށް ތައުރީފް ކުރެވުނީ މިއަދު އެކަންޏެވެ. އޭނާ އިންޗިއެއް ފަލަވިޔަސް އެ ފެންލައިޓު ތެރެއިން ބޭރަށް ނުނިކުމެވޭނެކަން ޔަގީނެވެ. ފެންލައިޓުން ބޭރަށް ފުންމާލަށް ފައި ނެގިތަނާ ގޭ ދޮރު ހުޅުވާލި އަޑަށް ނެޒެލީ ގަނޑުވިއެވެ. ހީވީ ނެޒެލީ އަކީ މިލޭނިއަމްއެއް ވަންދެން ފްރިޖެއްގައި ބާއްވާފައިވާ މީހެއް ހެންނެވެ.

ރޫހާން ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބަލާލިއެވެ. އަންލޮކް ކޮށްފައިވާ ޗޭން ތަކާއި ތިރިއަށް ވައްޓާލާފައިވާ ތަޅުދަނޑި ފަތި ފެނިފައި ނެޒެލީ ފެންނަން ނެތުމުން ރޫހާންއަށް ނާކާމިޔާބީގެ ހިތި ރަހަ އަރުތެރޭ ލާން އުޅޭހެން ހީވިއެވެ. އެއްލިކަޅިއަކުން ފާހާނާގައި އަލަމާރި މަތީ ހުރި ނެޒެލީ ރޫހާންގެ ލޮލުގައި އަޅައިގަތެވެ.

ކުއްލިގޮތަކަށް ރޫހާން އެ ކޮޓަރިން ފެނުމުން ނެޒެލީއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ސިކުނޑި ވެސް އެންމެ މުހިންމު ވަގުތުގައި މަސައްކަތްކުރުން ހުއްޓާލިހެން ނެޒެލީއަށް ހީވިއެވެ.

ރޫހާން އޭނާ އާއި ދިމާލަށް ވައިސޫރިއެއްހާ ހަލުވިކޮށް އަންނަ މަންޒަރު ފެނިފައި ނެޒެލީއަށް ހޭވެރި ކަމެއްވިއެވެ. އަވަހަށް ފެންލައިޓުން ބޭރަށް ފައި ކޮއްޕާލިގޮތަށް ނެޒެލީ ފުންމާލިއެވެ. ރޫހާން ދަތްކުނޑި ވިކައިގަތީނުން ހީވީ ކަރުގެ ނާރުތައްވެސް މަގާމު ދޫކޮށް ހިނގައިދާނެ ހެނންނެވެ. ސިކުންތެއްވެސް މަޑު ނުކޮށް ރޫހާންވެސް ނެޒެލީ ދާން ޚިޔާރު ކުރި މަގުން ގެއިން ބޭރަށް ވާސިލު ވިއެވެ.

ނެޒެލީއަށް ނުކުމެވުނީ މާޔާމެންގެ ގޭގެ ވާކޮށް އިންނަ ފަރާތަށެވެ. ކުޑަވަރެއްގެ ޖަންގައްޔެއް ފަދައިން އޮތް ތަނުގައި ކުދި ބޮޑެތި ގަސްތަކާއި ވިނަތައް ހެދިފައިވަނީ ތަރުތީބެއް ނެތިއެވެ. އެދިމާ ފެންނަނީ ކަށްވަޅެއްހާ އަނދިރިކޮށެވެ. ގަބުރުސްތާނެއްގައި ހުރުމުން އެ ކުރެވޭ ބިރުވެރި އިހުސާސް ނެޒެލީގެ ހިތުގައި ހިނގާލުމުން ލޯލިތައް ކޮޅަށް ޖެހުނެވެ. ނަމަވެސް ފަހަތުން ރޫހާން އަންނާނެކަން ޝައްކަކާއި ނުލާ އެނގޭތީ ނެޒެލީއަށް މަޖުބޫރުވީ ބިރު އައިތާކަށް ފޮނުވާލާފައި ކުރިއަށް ދުއްވައިގަންނާށެވެ.

ސައިކަލުގައި ދަމުން ދަމުން ގޮސް ހިޔާންމެންގެ ކާރު މަޑުކޮށްލީ ރަށުގައި ހުންނަ އެންމެ މަޝްހޫރު ގެސްޓްހައުސް ގެ ކައިރީގައެވެ. ހޫރީންވެސް އެ ގެސްޓް ހައުސް އާއި މާ ދުރުނޫން ހިސާބެއްގައި ސައިކަލު ޕާކު ކުރެވޭތޯ ބެއްޔެވެ. ނަމަވެސް ރަނގަޅަށް ސައިކަލު ޕާކް ނުކުރެވުމުން ސައިކަލު ގޮސް ވެއްޓުނީއެވެ. އިރުކޮޅެއް ވަންދެން ނުލާހިކު ހަމްދަރުދީވެފައި ސައިކަލާއި ދިމާލަށް ބަލަން ހޫރީންއަށް ހުރެވުނެވެ.

ސައިކަލަކާއި ސައިކަލެއް ދޫކޮށްލާފައި ހިޔާންމެންގެ ކައިރިއަށް ޝައްކެއް ނުވާނެހެން ދާން އުޅުނު ހޫރީންގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ފޯނަށް އެއްފަހަރާ ކަހަލަގޮތަކަށް އިންސްޓަގްރާމްއިން ދެ ނޮޓިފިކޭޝަން ލިބުމުންނެވެ. ހޫރީން ދެކޮޅު ބަލާލީ ވަގުކޮށެވެ. އަދި ފޯނު ނަގާ އިންސްޓަގްރާމް ހުޅުވާލިއެވެ. ލިބުނު ކުއްލި ޝޮކުން ހޫރީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

 

= ނުނިމޭ =

0

1 Comment

  1. yooon

    May 3, 2021 at 12:09 pm

    Saw your comment on prt29 Sahoo.. Thankiuu so much 💖 You b safe and tgc too 💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!