Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 8 ވަނަ ބައި

Shaila Level 110 Stories
May 3, 2021 5 Mins Read
0 Comments

“ތެދެ.. ކީއްކުރާށޯ މިރޭ މިގެއަށް މިއައީ..؟ މަހުދީ ކައިރީގައި އަހާއަހާ ވެސް  ނުބުނެގެން މިއުޅެނީ..”

އާތިފު އެ ސުވާލު ޒީނާއާ ކުރީ، ފަހަރުގައި ވެސް ހިނގަން އުޅެނީ ކިހާ ވަރެއްގެ ކަމެއް ކަން އޭނައަށް އެއްވެސް ވަރަކަށް އެނގިގެނެއް ނޫނެވެ.

**********************************

“މިއުޅެނީ އާތީ އާ ބައްދަލު ކުރާހިތުން ކުއްޖަކު އުޅޭތީ.. އެބަ އާދޭ އިރު ކޮޅަކުން..” ޒީނާ ބޭނުންވީ ސީދާ ޕޮއިންޓަށް ދާށެވެ.

“އެހެންތަ؟؟ އިންތިޒާރުގައި މި އިނީ..”

އާތިފު ކަންބޮޑުވެ ހާސްވި ނަމަވެސް އެކަން އޭނަ ސިއްރު ކުރިއެވެ.

“އެބަ އަންނަން..”

ޒީނާއަށް ފޯނެއް އައުމުން އޭނަ ވަނީ އެތެރެއަށެވެ. ކޮޓަރިއަށް ވަންއިރު ޑްރެސިންގ ޓޭބަލް ކައިރީގައި އިށީނދެގެން އިން ހަމްނާ ފެނުމުން ޒީނާ އަވަސްވީ ހަމްނާގެ ބޮލުގައި ފުނާ އަޅުވައި ކުޑަކޮށް ނަމަވެސް މޭކަޕެއް ކޮށްލެވޭތޯއެވެ. ޒީނާއަކީ ކުރިން ސެލޫނެއްގައި ބިއުޓީޝަނެއްގެ ވަޒީފާ އަދާކުރި މީހެއްކަމުން ރީތިކޮށް، ނިންމާލަން މާ ގިނަ އިރެއް ނުނެގިއެވެ.

“ކިހިނެއްވީ ދޮންބެ ދައްތާ..؟ ހަމް އަކާ ނުގުޅޭ ދޯ މިގޮތެއް؟”

ޒީނާ ސިއްސައިގެން ދިޔައީ ހަމްނާ ވާހަކަ ދައްކަން ފެށުމުންނެވެ.

“މާޝާﷲ.. މައި ބިއުޓިފުލް ގަރލް.. ހާދަ ރީއްޗޭ..”

ޒީނާ ހަމްނާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމާލިއެވެ. އަދި އެއަށްފަހު، މަހުދީއަށް މެސެޖެއް ކުރިއެވެ.

މަހުދީ އާތިފު ގޮވައިގެން ދިޔައީ ހަމްނާމެންގެ ގޭގެ އަނެއްބައިގެ ޓެރަހަށެވެ. ތިން ފަންގިފިލައަށް ހަދާފައިވާ އެ އިމާރާތް ހުންނަނީ ގެސްޓް ހައުސް ހިންގާ މީހަކަށް ކުށްޔަށް ދީފައެވެ. މިރެއަށް ހާއްސަކޮށް އެތަނުގެ ތަނަވަސް ޓެރަސް އެމީހުން ސެޓް ކުރީ މީގެ ދެމަސް ކުރިންނެވެ. ސިޑިން އަރައިގެން ގޮސް ޖެހިގެން ހުރި ދޮރު ހުޅުވާލިއިރު މުޅި ތަނަށް ވެރިވެފައި ވަނީ، ފަނޑު އޮރެންޖު އަލިކަމެކެވެ. ބޮޑު މޭޒެއްގެ މަތީގައި ހިތުގެ ބައްޓަމަށް ރަތް ފިނިފެންމާ ފިޔަތަކަކުން ފަވާލެވިފައި ވެއެވެ. އާތިފު ގޮސް އިށީނީ މަހުދީ އޭނާ ކައިރީގައި އިށީންނަން ބުނި ތަނުގައެވެ. އަތުގެ އިޝާރާތުން ހަމަޖެހޭށޭ ބުނެލަމުން އޭނަ ފޯނު ނަގައި ޒީނާއަށް މެސެޖް ކުރިއެވެ. އާތިފުގެ ހިތް ތެޅެމުން ދިޔައީ ވަކި ވަރަކަށް ނޫނެވެ.  މީ ކޮންހާ ކަންތަކެއްބާއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން އިން އާތިފު ސިއްސައިގެން ދިޔައީ ޓެރަހަށް ނިކުންނަން ހުރި ދޮރު ހުޅުވުނު އަޑަށެވެ. ޒީނާ ކައިރީގައި އެހުރި އަންހެން ކުއްޖާއަކީ ކާކުކަން ވަކި ކުރަން ނެގީ ސިކުންތު ކޮޅެކެވެ. އެ ފަނޑުއަލީގައި ޒީނާގެ އަތުގައި ހިފައިގެން އެ އަންނަނީ ހަމްނާއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ އާތިފަށް ކޮޅަށް ތެދުވެވުނެވެ. ޒީނާއާ މަހުދީ ތަންކޮޅެއް ދުރުގައި މަޑުކުރިއެވެ. ހަމްނާ އެއައި ގޮތަށް އައިސް އާތިފުގެ ކުރިމައްޗަށް ހުއްޓުނެވެ. ހުދު ކުލައިގެ މެކްސީ ހެދުމެއް ލައިގެން ހުރިއިރު ބޮޑު ހުޅިއަކުން އެ އިސްތަށިގަނޑު ނިވާ ކޮށްލާފައިވެއެވެ. ހުޅިގަނޑުމަތީގައި ހުދުކުލައިގެ ފިނިފެންމަލެއް ޖަހާލެވިފައި ވެއެވެ. މާ ބޮޑު މޭކަޕެއް ނުކޮށްވެސް ހަމްނާ މިރޭ ފެންނަނީ ޕަރީއެއް ފަދައިންނެވެ. އާތިފުގެ ކުރި މަތީގައި ހަމްނާ އިސްޖަހާލައިގެން ހުރިއިރު އާތިފަށް ހަމަ އެންމެ ފަހަރަކުވެސް އެ މޫނުން ނަޒަރު ވަކި ކޮށް ނުލެވުނެވެ. މިރޭ ހިނގައި ދިޔަ ކަންތަކުގެ ސިއްރުވެސް އާތިފަށް ރޭކާލީ އަދި ކިރިޔާއެވެ. ދުވަހަކުވެސް އެކަހަލަ ގޮތަކަށް ހަމްނާއާ ބައްދަލު ވެދާނެއެކޭ އޭނާ ހިތަށް ވެސް، ނާރައެވެ.

“ފޮޓޯއެއް ނަގަންވާނެ ދޯ..؟”

ދެ ޒުވާނުންގެ ހަމަހިމޭންކަން ފޫއަޅުވާލީ މަހުދީއެވެ. މަހުދީގެ ދެމަފިރިން އެމީހުންނާ ކައިރިވެލައި ދެތިން ފޮޓޯ ނެގިއެވެ.

“ދެން ފޮޓޯ ނަގާނީ ފަހުން.. އެބަ އަންނަން ޑްރިންކްސް ހިފައިގެން”

މަހުދީއާ އެކު ޒީނާވެސް ހިނގައި ގަތެވެ.

އާތިފު އަނެއްކާވެސް ހަމްނާއަށް ނަޒަރު ހިންގާލިއެވެ. ހަމްނާވެސް އާތިފަށް ބަލައިލުމަށްފަހު، ލުއި ހިނިތުންވުމެއް ދިނެވެ. އާތިފު ހުރީ ހިތް ނުތަނަވަސް ވެފައިކަން ހަމްނާއަށް ސިއްރު ކުރުމުގެ ގޮތުން ލުއި ހިނިތުންވުމެއް ދިނެވެ. އިރުކޮޅެއް ވަންދެއް ދެ މީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ނޭނގޭ ކަހަލަ ރާޅެއް ހަމްނާގެ އެތެރެ ހަށީގައި ދައުރުވެލިއެވެ. އާތިފު ހުރީ ކުރިމަތިން މިފެންނަ ކަންތައް ގަބޫލު ނުކުރެވިފައެވެ. މިހާ ކައިރިން މިކަހަލަ ގޮތަކަށް އާތިފާ ދިމާވުމަކީ ހަމްނާ އެތައް ދުވަހެއް ކުރިން ދެކެމުން އައި ހުވަފެނެކެވެ. ހަމްނާގެ ޕްރިންސް މިރޭ މިހިރީ ހަމްނާއާ ދާދި ކައިރީގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ހަމްނާ އެއުޅެނީ އޭނާގެ ހިތް އާތިފުގެ ކުރިމަތީގައި ބަންޑުން ޖަހާލާށެވެ. ކުރިމަތިވާން އުޅެނީ ކިހާވަރެއްގެ ތޫފާނެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ހަމްނާގެ އެ ދޮން މޫނަށް ވެރިވަމުންދާ ކުލަތަކަށް ފަރުވާތެރިވަމުން އާތިފު ހުރީ ހަމްނާ އެއްޗެއް ބުނާނެ އިރަކަށެވެ. އާތިފު ސިއްސައިގެން ދިޔައީ ހަމްނާ އާތިފުގެ އަތުގައި ހިފުމުންނެވެ. އެ އަތުގައިވާ ފިނިކަން އިހްސާސް ވުމުން އާތިފު ފާޑަކަށް ސިހުނެވެ. އޭނަ އަތް ދަމައިގަންނާނަމޭ ހިތާ ދެލޯ މަރާލިއެވެ. އެ ވަގުތުކޮޅު ހަމްނާ އާތިފުގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ދިޔައީ ފިނިފެންމަލުން ފަވާލެވިފައިވާ ހުދު މޭޒު ކައިރިއަށެވެ. އާތިފަށް ވެސް، އެ އަތުން ދޫކޮށެއް ނުލެވުނެވެ. މޭޒު ކައިރީގައި ހުއްޓުމަށްފަހު ފިނިފެންމާ ފިޔަތަކުގެ ތެރެއިން ހަމްނާ ނެގީ ރަތް ކުލައިގެ ކުޑަ ފޮއްޓެކެވެ. އާތިފު ހުރީ ހަމްނާގެ މި ހަރަކާތްތައް ބަލަން އާޝޯހު ވެފައެވެ. އެހާ މަޑުމަޑުން ހުންނަ ކުއްޖެއްގެ ފަރާތުން މި ފެންނަމުން ދާ ކަންކަމަކީ ހަމަ ހަގީގަތެއް ބާއޭ ދެތިން ފަހަރު ހިތާ ހިތުން ކިޔާލެވުނެވެ. ހަމްނާ އެ ކުޑަ ފޮށި ހުޅުވާލުމަށްފަހު، އޭގެތެރެއިން ނެގީ ރިހި ކުލައިގެ އަނގޮޓިއެކެވެ. އާތިފުގެ ހިތް އިހުނަށް ވުރެ ބާރަށް ތެޅެން ފެށިއެވެ. އެތަނުން ދުވެ ފިލަންވީއޭ ވެސް، ހިތަށްއެރިއެވެ.

“ވިލް ޔޫ ބީ މައިން ފޮރ އެވަރ؟”

ހަމްނާ ކަކޫ ތިރި ކޮށްލުމަށްފަހު، އަތުގައި އޮތް އަނގޮޓި އާތިފަށް ދިއްކޮށްލަމުން ހިނިތުން ވެލިއެވެ.

އާތިފު ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައި ކަހަލަ ގޮތަކަށް އިރުކޮޅަކު ހުއްޓެވެ. އަދި އެހާ މައުސޫމު ކުއްޖެއްގެ ހިތުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ އެދުމުގެ ކުރިމަތީގައި އޭނާ ބަނދެވުނެވެ. ކުރިއަށް ވެސް، ފަހަތަށް ވެސް، ފިޔަވަޅެއް ނުނެގުނެވެ. އަންހެން ކުއްޖެއް ކައިރީގައި އެހާ ބަލިކަށި ވެދާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އާނއެކެވެ. މީގެ ކުރިން އޭނަ ވަނީ އެތަށް އަންހެން ކުދިންގެ ހުށަހެޅުމުގައި ކޮޅުފައިން ޖަހާފައެވެ. މަޖުބޫރުވެފައި ވާ މީހެއް ފަދައިން އަނގޮޓި އަޅަން އޭނަގެ އަތް ދިއްކޮށްލިއެވެ. ހަމްނާގެ ތުރުތުރު އަޅާ އަތުން އާތިފުގެ ކަށި އިނގިލީގައި އަނގޮޓި އެޅުވިއެވެ. އާތިފު ސިއްސައިގެން ދިޔައީ މަހުދީގެ އަޑަށެވެ.

“ޔޭ… އިޓްސް ޑަން..”

މަހުދީ ފޮޓޯ ނަގަމުން އުފާ ފާޅު ކުރިއެވެ. ޒީނާގެ އަތުގައި ހުރި ތަބަށް ގެނެސް، މޭޒު މަތީގައި ބެހެއްޓުމަށްފަހު، އަނެއްކާވެސް ކޮންމެވެސް އެއްޗެއް ބަލާކަމަށް ބުނެފައި އެ ދެމީހުން އެތަނުން ނިކުތެވެ. މަހުދީ ފެނުމުން އާތިފުގެ މުށް ކަވާލެވުނު އަތް ގެނެސް ޖީބަށް ލުމަށް ފަހު، ނަފްސު ހަމައަކަށް އަޅުވާލިއެވެ. ދާގޮތަށް ގޮސް މަހުދީގެ މޫނަށް އެތިފަހަރެއް އަރުވާލަން އާތިފުގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް، އޭނައަށް އެއިން އެއްކަމެއް ވެސް، ނުކުރެވުނެވެ. ހަމްނާ ގޮސް ކައިރީގައި ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީނދެލިއެވެ. އިރުކޮޅަކުން އާތިފުވެސް ހަމްނާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށްފަހު، އަނެއްކާވެސް އެ މޫނަށް ނަޒަރު ހިންގާލިއެވެ. ހަމްނާ ދުރު ބަލަހައްޓައިގެން ހިނިތުންވެފައި އިނެވެ.

“އަހަންނާ އިންނަން ބޭނުމިއްޔާ މިރެއިން މިރެއަށް ބޭނުން ޖަވާބެއް.. ދޮންބެ އަތުގައި އިންނާނެ ހަމްގެ ނަންބަރު .. އިފް ޔޫ ޑޯންޓް ލައިކް މީ.. މީ ނުދައްކާ ވާހަކައެއް.. މީ ނުވާ ކަމެއް..”

އާތިފު އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ހަމްނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެތަނުން ނިކުތެވެ. އާތިފުވެސް ވީ ކީއްކަމެއް ނޭނގި ހަމްނާގެ ފަހަތުން ބާރު ހިނގުމެއްގައި ނިކުތެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ތިރިއަށް ދިޔަ ހަމްނާ އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ.

“ހަމް.. ހަމްނާ…”

އާތިފު ހަމްނާއަށް ގޮވަމުން ސިޑިން ފޭބިއެވެ. ނަމަވެސް، ހަމްނާ އެއަށްވުރެ ބާރަށް ގޮސް އެމީހުން ދިރިއުޅޭ ފަޅީގެ ދޮރާށި ހުޅުވާލުމަށްފަހު ވައިރޯޅިއެއް ފަދައިން ގޮސް ގެއްލިއްޖެއެވެ. އާތިފަށް ގޭތެރެއަށް ވަދެވުނު އިރު ހަމްނާ ކޮޓަރިއަށް ވަދެ ބަންކިޔާފައި ދޮރު ލެއްޕިއަޑު އިވުނެވެ. މަގުމަތިން ގެސްޓް ހައުސް ހުރި ބަޔަށް ވަންނަން ދިޔަ މަހުދީއާ ޒީނާވެސް ހަމްނާ ފަހަތުން އައިސް ގޭތެރެއަށް ވަނެވެ.

“ހަމްނާ..!”

ކޮޓަރީގެ ދޮރުގައި އާތިފު ބާރަށް ޖަހާލިއެވެ. އަދި އެއަށްފަހު ބޮލުގެ އިސްތަށިތަކުގައި އެއްއަތުން ހިފާލިއެވެ. އެހުރި ފިޔަވަޅު މަތީގައި ހުރެ ބަލައިލީ މަހުދީއަށެވެ. އާތިފަށް އޭނަގެ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. ބާރަށް ހިނގާފައި ގޮސް މަހުދީގެ މުލައްދަނޑީގައި ހިފާ އެތަނުން ބޭރަށް ނެރުނެވެ.

“ކޮބައިތަ ކަލޭމެންގެ މައްސަލައަކީ..؟ އޭން.. ކިހިނެއްތަ އޭނައަށް އެވަނީ އިރުއިރުކޮޅާ..؟” އާތިފުގެ ދެ ލޮލުން އަލިފާން ކަނި ބުރާވަރު ވެއެވެ. އަޑުގައި ވަނީ، އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ބުނޭ.. ކަލޭ އޭނައަށް ކޮންކަމަކަށް މަޖުބޫރު ކޮށްގެން ތިއުޅެނީ..؟ ޔަގީނޭ މީ ކަލޭގެ މޮޅު ރޭވުމެއްކަން.. މަ.. މަ.. މީހަކާ ނީނދެ ހުރީމަ ކަލޭގެ ތަންތަނަށް ވިއްޔާ އެންމެ ބާރު ކުރަނީ.. ހަމްނާ ހުރި ގޮތުންވެސް އިނގޭ ކޮންމެވެސް މީހަކު މަޖުބޫރު ކޮށްގެންކަން އޭނަ އެއުޅެނީ..”

އާތިފުގެ ދެލޮލުން އަލިފާން ކަނި ބުރަބުރައި ހުއްޓެވެ.

“އޭނައަށް މަޖުބޫރު ކުރީ އޭނަގެ ހިތް.. އަހަންނަށް މިކަން މިހެން ކުރަންވެސް މަޖުބޫރު ކުރީ ހަމް.. ހީކުރަން އަންޑަސްޓޭންޑް ވާނެކަމަށް”

މަހުދީ ހިނގައި ގަތީ އެތެރެއަށެވެ. މިހާރަކަށް އައިސް އާތިފުގެ ފަރާތުން ފެންނަ އެ ރުންކުރު ގޮތްގަނޑަށް މަހުދީ މިހާރު ހުރީ ހޭނިފައެވެ.

“މަހުދީ..!”

އާތިފު ބާރަށް ގޮވައިލިއެވެ. މަހުދީ އަޑު އިވޭކަމަށްވެސް ނުހަދާ ގޮސް ދޮރާށީން އެތެރެއަށް ވަނެވެ.

“ޝިޓް..”

އާތިފު އޭނާގެ ނިތްކުރީގައި އަތުން ހިފާލަމުން ފާރުގައި ފައިން ޖަހައިލިއެވެ.  ޖެހުނުލެއް ބާރުކަން އިހުސާސްވީ ފަޔަށް އެރި ތަދަކުންނެވެ. އެނބުރި އެގެއަށް ވަންނަންވީ ކަމެއް އަނބުރާލާފައި ދާންވީ ކަމެއް ނޭނގި ގޮތް ހުސްވެފައި ވާ މީހެއް ފަދައިން މަގުގެ ދެކޮޅަށް ނަޒަރު ހިންގާލިއެވެ.

“ހާދަ ޑްރަމެޓިކް ބައި ބޮޑޭ ދޯ..؟ އައި ޑޯންޓް ލައިކް ދެޓް..”

މަޑުމަޑުން ބުނެލެވުނެވެ.  ދެ ހިޔާލެއްގައި ހުރެފައި  މަހުދީމެން ގެ ކައިރިއަށް ގޮސް އޭނާގެ ސައިކަލް ނަގައިގެން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ދުއްވާފައި ދިޔަލެއް ބާރުކަމުން މީހެއްގެ ގައިގައި ނުޖެހުނީވެސް ކިރިޔާއެވެ. ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. އެއަށްފަހު ހަށިގަނޑު ދަމާލިއެވެ. އިނގިލީގައިވާ އަނގޮޓީގައި އަނެއް އަތުން ހިފާލެވުނެވެ. އަނގޮޓި ނަގަންވެގެން ހިފާލާފައި ހިތަށްއެރީ ފުރަތަމަ ހަމްނާއަށް ގުޅާށެވެ. ހަމްނާ އެ މޭރުމުން ކަންތައް އެކުރީ ކީއްވެތޯ އޮޅުން ފިލުވާށެވެ. ނިތްކުރީގައި ވާ ދާތަށް އެއްއަތުން ފޮހެލުމަށްފަހު ހިތަށް އެރީ މީހަކަށް ގުޅުމުގެ ކުރިން ފެންވަރައި ތާޒާވެލާށެވެ. އޭސީގެ ފިނިންވެސް އެއްވެސް ރާހަތެއް ނުކުރާ ކަހަލައެވެ. ދާ ހިއްލާ މުޅިން ފޯވެއްޖެއެވެ. ކުޑަ ނަމަވެސް، ފިނިކަމެއް ލިބޭތޯ ފާހާނާއަށް ވަދެ ފެންވަރައި ތާޒާވެލިއެވެ. އެނދުމަތީގައި އިށީނުމަށް ފަހު، ފޯނު ނަގައި މަހުދީއަށް ގުޅިއެވެ. ދެތިން ފަހަރު ގުޅުމުންވެސް މަހުދީގެ ހަބަރެއް ނުވިއެވެ. އެވަރުން ދުލެއް ނުކުރިއެވެ.  ޒީނާގެ ފޯނަށް ގުޅިއެވެ.

“ހަލޯ..”

ނަސީބަކުން ޒީނާ ފޯނު ނެގިއެވެ.

“ކޮބާ ހަމްނާ..؟” އާތިފު ސީދާ ބޭނުންވާ މައުޟޫއަށް ދިޔައެވެ. ޑްރާމާ ކުޅުމަކީ އޭނަ ކުރާ ހިތްވާކަމެއް ނޫނެވެ.

“ހަމްނާގެ ނަންބަރު ފޮނުވާލަދެއްޗޭ؟؟”

އާތިފު އިތުރު ވާހަކައެއް ނުދައްކައި ފޯނު ކަނޑާލިއެވެ. ފޯނު ބޭއްވުމާއެކު ޒީނާ އާތިފަށް މެސެޖު ކުރިއެވެ. އެވަގުތު މަހުދީވެސް އާތިފަށް ގުޅިއެވެ.

“ހަލޯ.. އޭ ވަރަށް ބޮޑަށް ސޮރީ އިނގޭ.. މާ އަވަހަށް ރުޅި ގަދަވެވެނީއޭ މިހާރު.. މާދަން ހިނގާބަ ހެލްތު ސެންޓަރަށް ގޮސްލަން ބީ.ޕީ ޗެކްކޮށްލަން”

އާތިފު މައާފަށް އެދުނެވެ. މިހާރަކަށް އައިސް މާ އަވަހަށް ކަންކަމާ ރުޅި އާދެވޭކަން އާތިފަށް ގަބޫލު ކުރެވި އޭނާގެ ނަފުސު ކުށްވެރި ކުރެވުނެވެ.

“ހެ ހެ ހެ.. ތީ މީހަކާ ނީނދެ މާ ގިނަ ދުވަސްވާތީ ވާގޮތޭ.. ދުވަސްކޮޅަކުން ހަމަޔަކަށް އެޅިދާނެ..”

މަހުދީގެ އަޑުގައި ސީރިއަސް ކަމެއް ނެތެވެ.

“އޭ.. އޯކޭ އިނގޭ.. މަ މިރޭ އެބަޖެހޭ ހަމްނާއަށް ގުޅަންވެސް އަދި..”

އާތިފު ވެސް، ސަކަރާތް ޖަހާލިއެވެ.

“މިރެއިން މިރެއަށް ބޭނުމޯ ޖަވާބު.. ކެތްތެރިކަމެއް ވެސް ނެތް ދަރިއެކޭ ދޯ.. ހެޔޮ މިރެއަކު ދެން ނުގުޅޭނެ.. މިރޭ އޭނަ ލައްކަ ޑްރާމާ ކުޅެފި..”

އާތިފަށް މަޑުމަޑުން ކިޔާލެވުނެވެ. ފޯނު ނަގައި ހަމްނާއަށް ގުޅަން ހިތަށް އަރުވާލާފައި ވެސް، ހުއްޓުންއެރީ އޭނާގެ ނިތްކުރީގައި ފާޑެއްގެ ރިހުމެއް އުފެދެން ފެށުމުންނެވެ. އަދި އެ ރިހުން ހައްތަހާ ގަދަވާހެން ހީވުމުން މާދަން ގުޅާނެ ކަމަށް ބުނެ ހަމްނާއަށް  މެސެޖެއްކޮށްފައި ވެފައި ހުރި ވަރުބަލިން ބޭނުންވީ ނިދާލާށެވެ. ހަމްނާ ވެސް، ‘ގުޑްނައިޓް’ ކިޔާފައި މެސެޖް ކުރިއެވެ. އަދި މާދަމާގެ ފޯނު ކޯލަށް އިންތިޒާރު ކުރާނެ ވާހަކަ މެސެޖުގައި ލިޔެފައި އޮތެވެ.

***********************************

“ކޮންތާކުތަ މިހާރު ތި އުޅެނީ؟”

ސޯފާގައި އިން ޒަހީން، ނަޒާހާ، ގެއަށް ވަދެގެން އަންނަތަން ފެނުމުން ބުނެލިއެވެ. ނަޒާހާ އެ އަޑުއަހަން ބޭނުންނުވެ ހުރި މީހެއް ފަދައިން ގޭގެ  ދޮރު ލެއްޕުމަށްފަހު ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

އެކުއްޖާ 2 – 30

Next

ނަފްރަތުން ވެވުނު ލޯބި 13

Next
May 4, 2021

ނަފްރަތުން ވެވުނު ލޯބި 13

Previews
May 3, 2021

އެކުއްޖާ 2 – 30



All Right Reserved!