އެކުއްޖާ 2 – 31
* ސައިކަލަކާއި ސައިކަލެއް ދޫކޮށްލާފައި ހިޔާންމެންގެ ކައިރިއަށް ޝައްކެއް ނުވާނެހެން ދާން އުޅުނު ހޫރީންގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ފޯނަށް އެއްފަހަރާ ކަހަލަގޮތަކަށް އިންސްޓަގްރާމްއިން ދެ ނޮޓިފިކޭޝަން ލިބުމުންނެވެ. ހޫރީން ދެކޮޅު ބަލާލީ ވަގުކޮށެވެ. އަދި ފޯނު ނަގާ އިންސްޓަގްރާމް ހުޅުވާލިއެވެ. ލިބުނު ކުއްލި ޝޮކުން ހޫރީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. *
އައިހަމް ކޮށްފައިވާ ޕޯސްޓެކެވެ. ހުދާގެ ވަރަށް ރީތި ފޮޓޯއެކެވެ. ހޫރީންގެ ދެލޮލަށް ކަރުނަ ޖަމާވީ އައިހަމް ހުދާ ދެކެ ވާ ލޯބި ފެނުމުންނެވެ. ކެޕްޝަންއަކަށް “އައިމް ސޮރީ” އޭ ޖަހާފފައިވާތީ ހޫރީންގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލިއެވެ. އަނެއްކާ އައިހަމް އާއި ހުދާ އާއި ދޭތެރޭ މައްސަލައެއް ޖެހުނީ ހެއްޔެވެ.؟ ހޫރީންއަށް އެނގިފައިވަނީ ވާހަކައިގެ އެއްބައި ކަމުން އައިހަމް އާއި ހުދާ އަކީ ރައްޓެހިވެގެން އުޅޭ ދެމީހުން ނޫންކަމެއް އަދި ނޭނގެއެވެ. އެ ޕޯސްޓަށް ބަލަން ހުރެފައި ހޫރީން އެ ސްކްރޯލް ކޮށްލީ ހިތަށް ކެތް ނުވެގެންނެވެ. ތިމާ ލޯބިވާ މީހާ އެހެން މީހެއް ދެކެ ލޯބިވާ މަންޒަރު ބެލުމަކީ ގާތްގަނޑަކަށް ދިރި ހުއްޓާ އަނދަވަޅަކަށް ވެއްޓުން ފަދަ ކަމެކެވެ.
ދެން ފެނުނީ އިޒްކާން ކޮށްފައިވާ ޕޯސްޓެކެވެ. “ލުކިންގ އެޓް ދަ ބިއުޓިފުލް ނައިޓް ސްކައި ވިތް އަ ބިއުޓިފުލް ކުއީން..” ކެޕްޝަން ކޮށްފައި އޭގައި ވަނީ އިޒްކާން އާއި ނީޝަލް ސައިކަލުގައި އިން ފޮޓޯއަކާއި ރެސްޓޯރެންޓްގައި އިން ފޮޓޯއަކާއި ރަށުގައި ހުންނަ ސައިޕްރީޕީޑިއަމް ޕާރކް ގައި ނަގާފައިވާ ފޮޓޯއެކެވެ. ފެންކަޅިވެ ހުރެވެސް ހޫރީންއަށް ހިނިތުންވެވުނެވެ. “ތަކުރުފާނު.. ކޮންގްރާ..” ހޫރީން ކޮމެންޓް ކޮށްލިއެވެ. އެއްލޯމަރާލާފައިވާ އިމޯޖީއަކާއި ހިތެއްގެ އިމޯޖީ އަކާއި އެކީގައެވެ.
ފޯނަށް ގެއްލިފައި ހުރެ ހޫރީންއަށް އޭނާ އެތަނަށް އައި ބޭނުން ހަނދާންވީ ކިރިޔާއެވެ. އޭރު ފައިލަމް އާއި ހިޔާން ކާރު ދޮށުގައި މަޑު ކޮށްލައިގެން ހުއްޓެވެ. ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ކަސްރަތު ކުރާ މީހަކަށް ހެދިގެން ހޫރީން ދުވަމުން ހިޔާންމެންގެ އަޑު އިވޭނެ ހިސާބެއްގައި މަޑު ކޮށްލާފައި ސްކުއަޓްސް ހަދަންފެށިއެވެ.
“އެއިނީ ކާރުތެރޭ ކަލޭ ކިޑްނެޕް ކުރި މައިހާ އަދި މަ ކިޑްނެޕް ކުރި ހުދާގަނޑު.. އެމީހުން ކާރު ތެރޭ ބައިންދާނީތަ..؟” ހިޔާން އެހެން ބުނުމުން ހޫރީންއަށް ލިބުނު ޝޮކުގައި ސްކުއަޓްސް ހަދަން ހުއްޓާ ކައްސާނުލީ ހަމަ ކިރިޔާއެވެ. އެހެންވީމައި ކުރިން އޭނާއަށް އެ ކާރު ތެރެއިން ފެނުނު ދެމީހަކީ ހުދާ އާއި މައިހާ ތާއެވެ. “ނޫނޭ.. އެމީހުންވެސް ގޮވައިގެން ދާނީ.. އިރުކޮޅަކުން އީޝާ އަންނާނެ.. އޭގެ ކުރިން މަށާ އެކީ މިމީހުން އެތެރެއަށް ވައްދަން ހިނގާ.. މީ މަގޭ ބައްޕަގެ ގެސްޓް ހައުސެއް.. އެމީހުން އަޅައެއްނުލާނެ.. އެމީހުނަށް ވަރަށް ރަނގަޅަށް މަގޭ ގޮތް އިނގޭނެ..” ފައިލަމް ހިނިތުންވެފައި ބުނެލިއެވެ.
”ހިނގާ ދާން ތިހެންވީއިރު..” ވިހަ ހިނިތުންވުމަކުން ހީނލައިގެން ހުރެ ކާރުގެ ދޮރުފަތް ހުޅުވި ހިޔާންގެ މޫނުމަތިން ހޫރީންއަށް ފުރަތަމަ ފަހަރަށް ރަހުމެއް ކުލުނެއް ނެތްކަމާއި ނުލަފާ ކަން ފެނުނެވެ. ދެލޯ ފުރިގެން ބަންޑުންވާން އުޅުނަސް ހޫރީން ކެތްކުރެވުނު އެންމެ މަތީ ދަރަޖައަށް ކެތް ކުރިއެވެ. އެއް ލެޔެއް ހިނގާ އެންމެ އިތުބާރު ކުރި އެއްފަރާތް މިފަދަ ގޮތަކަށް ފެނުމުން ކެތްވާނީވެސް ކާކަށް ހެއްޔެވެ.؟
“ނެތޭ މިތާކުވެސް..؟” އައިހަމްގެ ކޮޓަރި އެފުށްމިފުށަށް ޖަހާފައި އާހިލް ބުންޏެވެ. އެ އަޑުގައި ހާސްކަމެއް ވިއެވެ. އޭސީ ނުވަތަ ފަންކާ ނުޖައްސާ އެ ހުރިހާ ސަކަރާތެއް ގަތުމުގެ ސަބަބުން ދެމީހުން ވެސް ވަނީ ދާހިއްލާ ފޯވެފައެވެ. ”ހިޔާންއަށް މާ ކުރިންވެސް އިނގޭ އަހަރެމެން ހުދާމެން ސަލާމަތް ކުރަން އަންނާނެކަން..” އައިހަމް ވަރުބަލިވެފައި ހުރެ އެނދުގައި އިށީންނނަމުން ބުނެލިއެވެ. “އާނ.. އޭނަ އެހާ ގަމާރެއް ނުވާނެ..” އާހިލްވެސް އިށީނެވެ. “އެހެންވެ މަށަށް ހީވަނީ ހިޔާން ދާނީ މައިހާ އާއި ހުދާ ގޮވައިގެން ހެން.. ފައިލަމް ވެސް ހުންނާނީ ހިޔާން އާއި އެކީ..” އައިހަމް އޭނާއަށް ވިސްނުނު ގޮތަށް ބުނެލިއެވެ. “އާނ.. މަށަށްވެސް ހީވަނީ ތިހެން..” އެހެން ބުނެލާފައި އާހިލް އެނދަށް ވެއްޓިގަތެވެ. ވަރުބަލިވެފައި ވާވަރުންނެވެ.
“ލަސްކުރާނެކަމެއް ނެތް.. ހިނގާ އެ ގެސްޓް ހައުސްއަށް ދާން..” އައިހަމް ބުނެލިއެވެ. “އެޔޯ…؟؟” އާހިލް ވީ ހައިރާނެވެ. އޭރު އައިހަމްގެ ބޮލުގައި ހައިޖާނުގަނޑެއް އުފެދެމުން ދިޔައެވެ. “މިރޭ ކުރަން އައި ކަންތައްތައް ކުރަން.. ހުދާ އާއި މައިހާ ސަލާމަތް ކުރަން..” އައިހަމް ތެދުވިއެވެ. މޫނު ފުހެލާފައި ހިނގައިގަތް އިރު އެ ދެލޮލުގައި ވީ ނުގުޑާނެވަރުގެ އަޒުމެކެވެ.
“މިތަން ހާދަ ރީއްޗޭ.. ހިނގާލަން ދާއިރު ވެސް ބީޗް ނޫން ތާކަށް ނުދާތީ މިރަށުގައި މިހާ ރީތި ތަންތަން ހުންނަކަމެއް އަދި ނޭނގޭ..” ރެސްޓޯރެންޓުން ކައި ނިންމާލި ގޮތަށް އިޒްކާން ނީޝަލް ގޮވައިގެން ދިޔައީ އެރަށުގައި ހުންނަ ސައިޕްރީޕީޑިއަމް ޕާރކަށެވެ. އެއީ ކުޑަކުދިންތައް އެންމެ ގިނައިން ކުޅެން ގޮސް އުޅޭ ޕާރކެވެ. ނަމަވެސް ރޭގަނޑަށް ވުމުން އެތަނުގައި ހުރި މީހުންތައް އިނގިލިން ގުނާލެވޭހާ މަދެވެ.
”ހެހެ ދާންވީ ދޯ އެއް ދުވަހަކުން ތަންތަން ދައްކާލަން..” އިޒްކާން ހުރީ ހާސްވެފައެވެ. ގޭގައި ހުރެ އިޒްކާން ޚިޔާލީ ފޮލާ ކެއްކި ގޮތުންނަމަ ރެސްޓޯރެންޓް ނިންމާ ޕާރކުގައި އިންނަ ވަގުތަކީ އިޒްކާން ނީޝަލްގެ ގާތުގައި ރައްޓެހިވާން އަހާ ވަގުތެވެ. ނަމަވެސް އިޒްކާން ހަމަ ފިނިވަނީއެވެ. ނީޝަލްގެ ޖަވާބު އޭނާ އުންމީދު ކުރި ގޮތާއި ޚިލާފަށް އައިސްފިއްޔާ ވާނީ ކިހިނެތް ހެއްޔެވެ..؟ އޭރުން ވާނެގޮތް ހިތަށްއަރުވާލަން ވެސް އިޒްކާން ބޭނުމެއް ނުވެއެވެ. މިސާލަކަށް ނީޝަލް އެންމެންނަށް ސިއްރުން ފްރާންސްގައި އުޅޭ ފިރިހެން ކުއްޖަކަށް އިންތިޒާރު ކުރަނީ ހެއްޔެވެ.؟ އޭރުވެސް ނީޝަލްގެ ޖަވާބު ލިބޭނީ އިޒްކާން ހީކުރާ ގޮތާއި ޚިލާފަށެވެ. ހިތަށް އަރަންފެށި ޚިޔާލުތަކުން އިޒްކާންގެ ހިތްވަރު އެލެން ފެށިއެވެ.
އެއާއި ޚިލާފަށް ނީޝަލް އިނީ ފުދޭވަރަކަށް ހިތްހަމަ ޖެހިފައެވެ. އިޒްކާން މިރޭ މިތަނަށް އޭނާ ގެނައީ އެ ސުވާލު ކުރަން ހެން ހީވާތީއެވެ. އިޒްކާން އެސުވާލު ކޮށްފިނަމަ ދެން ކަން ކުރާނޭ ގޮތް ހިތާހިތުން ނީޝަލް ރާވަމުން ދިޔައެވެ. އިޒްކާން މިރޭ އެ ސުވާލު ނުކޮށްފިއްޔާ ނީޝަލް އަމިއްލައަށްވެސް އޭނާ އިޒްކާން ދެކެ ލޯބިވާ ވާހަކަ ބުނަން ނިންމައިގެން ނީޝަލް އިނީ ގަދަ އަޒުމެއްގައެވެ.
އެދެމެދުގައިވީ ހިމޭންކަމެވެ. ފުރަތަމަ ވާހަކަ ދައްކާނެ މީހެއް ނެތްފަދައެވެ. އިސް ނަގަން ނިންމީ އިޒްކާންއެވެ. ގައިގައިވާ ހުރިހާ ވަރެއް އެއްކޮށްލާފައި އިޒްކާން އަނގަ ހުޅުވާލިއެވެ. ނީޝަލް ކުރެން އެ ސުވާލު އެހުމަށެވެ. “އޭ ނީޝް…..” އިޒްކާން އެހެން ބުނަން ފަރިވެލިތަނާހެން ފޯނު ރިންގުވާން ފެށިއެވެ. “އާހްހްހް..” ފުދޭވަރަކަށް ބާރަށް އާހެއް ދޫކޮށްލާފައި އިޒްކާން ފޯނު ނެގީ ގުޅި މީހެއްގެ ކަރާއި ކަނދުރާ ވަކި ކުރަން ނިންމައިގެންނެވެ. “ހަލޯ..؟ އޭ މިގަޑީ ވަރަށް ބިޒީއޭ..” ގުޅީ ކާކުކަން ވެސް ބަލާނުލާ އިޒްކާން ވާހަކަ ދެއްކީ ދަތްކުނޑި ވިކާލައިގެން ހުރެއެވެ.
“މީ މަށޭ ބްރޯ…” ހިޔާންގެ އަޑު ޖެހުމުން އިޒްކާންއަށް މުއްކަވައިގެން ހުރި އަތް ދޫކޮށްލެވުނެވެ. “ކިހިނެތްވީ..؟” އިޒްކާން އެއްސެވެ. ރާގު ހުރިގޮތުން ހީވަނީ އަވަސް އަރުވާލައިގެން ތަނަކަށް ދާން އުޅޭ މީހެއް ހެންނެވެ. “އިނގެއެއްނު ފައިލަމްގެ ބައްޕަ އާމިރުބޭ ހިންގާ ގެސްޓް ހައުސް މިރަށުގައި ހުންނަ..؟” ހިޔާން އެއްސެވެ. “އާނ ކިހިނެތްވީ..؟” ހިޔާން ބުނަން އުޅޭ އެއްޗެއް ނޭނގޭތީ އިޒްކާން އެއްސެވެ. “ވަރަށް އަވަހަށް ރޫމް 204 އަށް އާދެބަލަ.. ކަލޭމެން މިހާރު ދުރުން ބިޒީވެގެން އުޅޭތީ ވަރަށް ކަޑައޭ.. މިސްވަނީ..” ހިޔާންގެ އަޑުގައިވީ މަކަރުވެރިކަމެއް އިޒްކާންއަކަށް ފާހަގައެއް ނުވިއެވެ. “ބްރޯ މަ ވަރަށް ބިޒީއޭ…” އިޒްކާން ބޯ ކަހާލަމުން ބުނެލިއެވެ.
”ކައެ ތީ ރޭގަނޑު ގަޑީގައި އެނދުގައި ދެފައި ދަމައިގެން ފޯނާ ކުޅެން އޮންނަ މީހެއް.. މިރޭ ކީއްވެ ކަލޭ މާ ބިޒީވީ..؟” ޝައްކުގެ ރާގަކަށް ހިޔާން އަހާލި ސުވާލުން އިޒްކާންގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. “މީ.. މިހުރީ.. ކަމެއްގައޭ..” އަޅައަޅައިގަންނަމުން އިޒްކާން ބުނެލިއެވެ. “ދެން ތި ކަމެއް ބަހައްޓާފައި އާދެބަލަދޯ.. އެހާ އިރެއް ނުވާނެއޭ..” ހިޔާން އާދޭސް ކުރަން ފެށުމުން އިޒްކާން ގޮތް ހުސްވިއެވެ. “އާނ ހޫން.. މަ މި ދަނީ.. މިހުރީ ވެސް ތި ތަނާއި ކައިރީގައި..” އިޒްކާން ބުނެލިއެވެ. އެއީ ދޮގެއް ވެސް ނޫނެވެ. ސައިޕްރީޕީޑިއަމް ޕާރކް އިން ހިނގާފައި ގޮސް އާމިރުގެ ގެސްޓް ހައުސަށް ވަންނަން ނަގާނީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓެވެ.
“މާ ރަނގަޅަކަށެއްނު ތިވީ.. އަވަހަށް އާދޭ… ފައިލަމް އެބައިން މިތާ.. އައިހަމް އާއި އާހިލް ވެސް އަންނާނެ…” ހިޔާން ވިހަ ހީނލުމަކުން ހީނލާފައި ފޯނު ކަނޑާލިއެވެ.
“ހިޔާން.. ކަލެއަށް ހަމަ ޔަގީންތަ ކަލޭ މިކަން ކުރަން ބޭނުންވާ ކަން..؟” އެނދުމަތީގައި އިށީނދެގެން އިން ފައިލަމް އެއްސެވެ. ޔަގީން ނުވާ ހާލުއެވެ.
“އާނ.. ލެޓްސް ގޯ އޯވަރ ދަ ޕްލޭން..” ހިޔާން ވެސް ގޮސް އެނދުގައި އިށީނެވެ. “”މިހާރު އިޒްކާން އަންނާނެ މިތަނަށް.. ދެން އެ އުޅޭ އީޝާ ވެސް އަންނާނެ.. އައިހަމާއި އާހިލު ވެސް އަންނާނެ.. ސޯ މަގޭ ޕްލޭނަކީ އިޒްކާން ފްރޭމް ކުރުން.. އަހަރެމެން އީޝާއަށް ބޭނުން ގޮތެއް ހަދާލާފައި ނީޝަލްއަށް މެސެޖް ކުރާނީ މިތަނަށް އަންނާށޭ ކިޔާފަ.. އޭގެ ކުރިން މަށާއި ކަލޭ އައިހަމާއި އާހިލް ގޮވައިގެން ދާނީ މި ރޫމް އިން ބޭރަށް.. އޭރުން އަނިޔާވެ މަރުވާވަރުވެފައި އޮތް އީޝާ އާއި އިޒްކާން ހުންނާނީ މި ރޫމްގައި.. އަހަރެމެން ދާ ފަހުން ނީޝަލް އަންނާނީ މި ރޫމަށް… ދެން ނީޝަލްއަށް ފެންނާނީ ކޯޗެއް…؟ އީޝާ އާއި އިޒްކާން މި ރޫމްގައި އިންދާ.. ދެން ނީޝަލް އޮބްވިއަސްލީ ހީކުރާނީ އީޝާ އަށް އަނިޔާ ކުރީ އިޒްކާން ކަމަށެއްނު..؟ ދެން އޭރަށް ޓަސްލާފައި ނީޝަލް އިޒްކާންއަށް ކުރި އިތުބާރު ފުނޑޭނެ.. ނީޝަލް އިޒްކާން އާއި ދުރުވާނެ.. އެންޑް އޭޒް ދަ ފައިނަލް ރިޒަލްޓް، ނީޝަލް ލިބޭނީ މަށަށް..” ހިޔާން އޭނާ މި ހުރިހާ ދުވަހެއް ވަންދެން ކެއްކި ރިހަ ބަތާއި މޮޑެގެން ވަރަށް ފަރުވާތެރިކަމާއި އެކީ ކިޔައިދިނެވެ.
އެ ހުރިހާއިރެއް ވަންދެން ހިޔާން ދެއްކި ވާހަކަ އަޑު އަހަން ފައިލަމް އިނީ ކުޑަވާ އިނގިލި އަނގަޔަށް ލައިގެންނެވެ. “މޮޅެއްނު..” ހިޔާން އަތް ފޮޅާލިއެވެ. އަމިއްލަ ނަފްސާއި ދޭތެރޭ ފަޚުރުވެރިވެ ހުރެއެވެ. “ހްމްމް.. އާހިލާއި އައިހަމް ގެންނަނީ ކީއްވެގެން..؟” ސުވާލު އުފެދިފައި ހުރެ ފައިލަމް އެއްސެވެ. “ހަމަ ރުޅިއަރުވާލަން ވެގެން.. މިރޭ އެމީހުންނަށް މައިހާ އާއި ހުދާ ލިބޭނެ.. މަށަށް ހެޔޮ ދެން އެ ދެމީހުން ގެންދިޔަސް.. ބޭކާރު ދެމީހުން މިހާރު އެއީ..” ހިޔާން ބޮލުން އިޝާރާތް ކޮށްލީ ރޫމް ތެރޭ ހުރި އަލަމާރި ތެރެއަށެވެ. އެއީ ފައިލަމް ލައްވާ ހިޔާން ހުދާ އާއި މައިހާ ބޭންދި ތަނެވެ. “އެމީހުން ނޭވާ ހާސްވާނެއްނޫންތަ..؟” ފައިލަމް ބުނެލިއެވެ. “އަހަރުންނަށް ކީއް އެމީހުން މަރުވިޔަސް..” ހިޔާން އެހެން އެ ކިޔަނީ މަޖަލަކަށެއް ނޫނެވެ. އެއީ ހަމަ ހިޔާންގެ ކަޅު އަނދިރި ޝައިތާނީ ފަރާތެވެ. ކުއްލިއަކަށް ރޫމް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “އެއައީ އީޝާ ކަންނޭނގެ..” ހިޔާން ދޮރު ހުޅުވަން ހިނގައިގަތެވެ.
“ކަމެއް ޖެހުނީތަ..؟” އިޒްކާން ހާސްވެފައި ހުރެ ކޮޅަށް ތެދުވުމުން ނީޝަލް އެއްސެވެ. “އާނ.. ޔާން ގުޅާފަ ބުނެފި ވަރަށް އަވަހަށް އައިސްބަލާށޯ.. އެހާ އިރެއް ނުވާނެ.. އައިމް ސޮރީ އިނގޭ ނީޝް މި ތަނަށް ގެނެސްފައި އެކަނި ކޮށްލާފައި ދާން ޖެހޭތީ..” ގެސްޓް ހައުސްގައި ހިޔާން ކުރަން އެ އުޅެނީ ސަހަލު ކަމެއް ނޫންކަން ދެނެހުރެ އިޒްކާން ނީޝަލް ގެންދާކަށް ބޭނުމެއް ނުވިއެވެ.
“އޯހް.. އިޓްސް ފައިން.. އިޒްކާން އަންނަންދެން މިތާ އިނދެފާނަމޭ..” ހީނލާފައި ނީޝަލް އެހެން ބުނެލިނަމަވެސް ހިތުގެ ކަނަކުން އިޒްކާން ހުއްޓުވުމަށް ގޮވަމުން ދިޔައެވެ. “ޔަގީންތަ މިތާ އިންނާނަން ކަން..؟ ބައިވަރު ޕާޓޭން ވެސް އުޅޭނެ..” އިޒްކާންގެ ރާގުގައިވާ ކަންބޮޑުވުމުގެ އަސަރުން އެކަނިވެސް އިޒްކާން ނީޝަލް ގެއްލިދާނެތީ ބިރުގަންނަވަރު ދައްކުވައިދެއެވެ. “ހާސްނުވޭ.. އައިލް ބީ ހިއަރ….” ނީޝަލް ޔަގީންކޮށްދިނެވެ. އިޒްކާން ނީޝަލްގެ ގާތަށް ޖެހިލާފައި ނީޝަލްގެ ގައިގައި ބާރަށް ބައްދާލި ގޮތުން ހީވީ އަލްވަދާއު ކީ ހެންނެވެ. ދެމީހުން ދޭތެރެއިން ދާން ވައިކޮޅަކަށް ވެސް ފުރުސަތެއް ނުދީ ބައްދާލައިގެން ހުރި އިޒްކާން އަދި ނީޝަލްއަށް ނޭނގުނީ މިރޭ ދެން ކުރިއަށް ވާން އޮތް ގޮތެވެ.
ހޫރީން ހުރީ ރޫމް 204 ކައިރީ ހުރި ލޮބީގައެވެ. ހިޔާން އާއި ފައިލަމް މައިހާ އަދި ހުދާ ގޮވައިގެން އެ ކޮޓަރިއަށް ވަތްތަން ހޫރީންއަށް ވަނީ ފެނިފައެވެ. އައިނުގައިވާ ކެމެރާގައި އެ ހުރިހާ މަންޒަރެއް ރައްކާކުރަމުން ހޫރީން ހުރީ ދަނޑިވަޅަކަށް ބަލަ ބަލައެވެ. އެ ކޭސް ނިންމާލެވޭތޯ ހޫރީން ހުރީ ނުހަނު ބޭނުންވެފައެވެ. ނަމަވެސް ހޫރީން ހަދާނީ ކީއް ހެއްޔެވެ.؟ ހޫރީންއަށް މި ކޭސް ނިންމާލެވިއްޖެނަމަ ހަމަ ޔަގީނުންވެސް ހިޔާން ބެދޭނެއެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހޫރީންއަށް ލޮބީގައި އިން ގޮނޑިއެއްގައި އިށީނދެވުނެވެ.
“ޖޫލިއެޓް ރޯޒް..” ގެސްޓް ހައުސް އާއި އަރާ ހަމަކޮށްފައި އެތަނުގެ ނަން އާހިލް ކިޔާލިއެވެ. އައިހަމް ހީވަނީ ދެންމެ ދެންމޭން ގެސްޓްހައުސް ތެރެއަށް ވަދެ ހިޔާން އާއި ފައިލަމް ދަމާ ނެރެލަފާނެހެންނެވެ. އެހާވެސް ރުޅިގަދަވެފައި އައިހަމް ހުއްޓެވެ. “ކަލޯ..! ކަލޯ ތި ރުޅި މައިތިރިކޮށްބަލަ.. ރުޅިއާއި ހުރެ ނުބައި ފިޔަވަޅެއް އެޅިއްޖެއްޔާ ޒަމާން ދިޔައީ..” އާހިލް ބެލީ އައިހަމަށް ވިސްނައިދެވޭތޯއެވެ. އެކަން ކާމިޔާބުވީ އައިހަމް ފުން ނޭވާއެއް ލާފައި ބޯ ޖަހާލުމުންނެވެ. ހިޔާން އަންނާށޭ ބުނެ މެސެޖް ކޮށްފައިވާ ރޫމް 204 އަށް ދާން ދެމީހުން ވެސް ހިނގައިގަތެވެ.
އިޒްކާން ގެސްޓް ހައުސް އާއި އަރާ ހަމަވީ އިރުކޮޅެއްގެ ތެރޭގައެވެ. ހިޔާން މެސެޖް ކުރިގޮތުން ދާން ޖެހެނީ ރޫމް 204 އަށެވެ. ޖޫލިއެޓް ރޯޒް ގެސްޓް ހައުސްގެ ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ލައްވާ އެ ރޫމް ހުންނަތަން އޮޅުން ފިލުވައިގެން އިޒްކާން ލިފްޓަށް އެރީ އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއް ނުވާ ހާލުގައެވެ.
ކުއްލިއަކަށް ރޫމް 204 އިން އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު ހޫރީންގެ ތޫނު ކަންފަތުގައި ޖެހުނެވެ. އެ ވޭނީ ރުއިމުގެ އަޑު ޖެހޭއިރަށް ހޫރީންގެ ގައިން ވެސް ހީބިހި ހިލުވާލައިފިއެވެ. ޔަގީނުންވެސް އެކުއްޖާ އެ ރޮނީ ވަރަށް އަނިޔާ ވެގެންކަން ރާގުންވެސް އެނގެއެވެ. އއެތަނުގައި މީހުން ގިނަ ކަމުންނާއި އެމީހުން ވާހަކަ ދައްކާލެއް ބާރުކަމުން ހޫރީންއަށް އެ އަޑު އިވެނީ ކިރިޔަކިރިޔާއެވެ. މައުލޫމާތު އޮޅުން ފިލުވައިދޭން އިންނަ ކޯނަރ ގައި ހުރި ކުއްޖާއަށް ވެސް އެ އަޑު އިވި ސިހުނުކަން ހޫރީން ފާހަގަ ކުރިއެވެ. ނަމަވެސް އެ ކުއްޖާ އަޅާވެސް ނުލާ މަސައްކަތައިގެން ކުރިއަށް ދިޔަ ގޮތުން ހީވަނީ އެއީ އެ ކުއްޖާ އަޑު އަހާއަހާ އާދަވެފައިވާ އަޑެއް ހެންނެވެ. ހޫރީން އާއި އެކީގައި ލޮބީގައި ހުރި ސާޅީހަކަށް މީހުންނަށް އެ އަޑު އިވުނު ހެންނެއް ހިޔެއް ނުވެއެވެ. އެންމެންވެސް ތިބީ އަމިއްލަ ކަންކަމުގައި ބިޒީ ވެފައެވެ.
ހިޔާން އީޝާއަށް ދެވަރުން އެއްވަރުކޮށް ނިންމާލާފައި އީޝާގެ ގައިގައި ތަޅާ އެ ކުށެއް ނެތް އަންހެން ކުއްޖާއަށް ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތް މީހަކީ ކޮބައިކަން އަންގައިދިނެވެ. އެ ހަށިގަނޑުގައި ނޫފައި ނުގަންނަ ދިމާއެއް ނެތެވެ. ބައެއް ތަންތަން ދުޅަވެ އަނެއްބައި ތަންތަން މަށައިގެން ގޮސްފައި ވާއިރު ލޭ އައިސްފައި ވެއެވެ. ތުންފަތް ކަނޑައިގެން ގޮސްފައި ވާއިރު ނިތްކުރި މަތިން ވެސް ތަނެއް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އެތަނުން ހުއްޓުމެއް ނެތި ލޭ އަންނަމުން ގެންދިޔައެވެ. އީޝާއަށް މިވަގުތު ބަލާލާ ކޮންމެ މީހަކަށްވެސް އަސްތަޣްފިރުއްﷲ އޭ ނުބުނެވި ނުދާނެއެވެ.
ހިޔާން އެހުރިހާ ސަކަރާތެއް ޖެހިއިރު އިޒްކާން އާއި އައިހަމް އިނީ މަޑުންނެވެ. އާހިލް ހުރީ އައިހަމްގެ އަތުގައި އޮޅުލައިގަނެގެން ކަހަލަ ގޮތަކަށެވެ. ހިޔާން މީގެ ކުރިން އަންހެން ކުދިންނަށް ހަދާ ގޮތްތައް ފެނި އާހިލް އެހާ ބިރެއް ނުގަނެއެވެ. ގަންނަނީ ފަކުރެވެ. ނަމަވެސް މިރޭ އީޝާއަށް ހިޔާން ކުރި އަނިޔާތައް ފެނިފައި އާހިލް ހުރީ ފިތްކަނޑައިގެން ދާވަރުވެފައެވެ. ހިޔާންގެ އިންސާނިއްޔަތުކަމެއް ނެތް ވަރު ހިތަށް އަރާފައި އާހިލް ހުރީ ހިތާހިތުން “ސުބުހާނައްﷲ ސުބުހާނައްﷲ” ކިޔާލަކިޔާލައެވެ. “ޔާން.. ކައެ އަހަރެމެން މިތަނަށް ގެނައީ މިކަން ކުރަންތަ..؟” އެންމެ ފަހުން ނުހުރެވިގެން އިޒްކާން އެއްސެވެ. އައިހަމްވެސް އިސް އުފުލާލާ ހިޔާންގެ މޫނަށް ބަލާލީ ޖަވާބެއް ބޭނުމޭ ބުނާފަދަ ގޮތަކަށެވެ. “ޔާ އެހެންވެ.. މިކަން ނިމުނީމައި އަހަރެމެން އެއްކޮށް އަތިރިމައްޗަށް ސަކަރާތް ޖަހަން ދާގޮތަށް މަށާ ފައިލަމް ނިންމީ..” ހިޔާން އެ ހެދީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.
“މަ ބިޒީއޭ ބުނީމެއްނު..؟؟” އިޒްކާން ހުރީ ހިތްހަމަނުޖެހިފައެވެ. ގެސްޓް ހައުސްއަށް އައިސްފައި ހިޔާން އަވަހަށް ދާން ފުރުސަތު ލިބޭނެޔޭ ބުނެފައި އެވީ ކިހިނެތް ހެއްޔެވެ.؟ މިހާރު ވިއްސަކަށް މިނެޓް ވެދާނެއެވެ. ނީޝަލް އެ ޕާރކުގައި އިންނާނީ އެކަނިކަން ހަނދާން ވުމުން އިޒްކާންގެ ލޭ ހޫނުވާގޮތްވިއެވެ.
“އަޅެ ކަލޭ މިރޭ މާ ބިޒީވެގެން ތި ކުރާ ކަމެއް ބުނެބަލަ ދޯ..” ހިޔާންއަށް ފައިލަމްގެ އެކުވެރިއެއްގެ ފަރާތުން ވަނީ އިޒްކާން މިރޭ ނީޝަލް ގޮވައިގެން ހިނގާލަން ދާކަން އެނގިފައެވެ. އެކަން އެނގިހުރެ ވެސް ހިޔާން އެހެން އެހީ އިޒްކާން ދޭ ޖަވާބެއް ބަލާލާށެވެ. “ކަމެއްގައޭ ވަރަށް މުހިންމު ކަމެއްގައޭ.. އެޔެއް ނޫނޭ މަށަކަށް ދެން ނުހުރެވޭނެ..” އިޒްކާން ތެދުވިއެވެ.
“އިޒްކާނޫ ކަލޭ ތިތާ ޖައްސާލަބަލަ.. އަދި ނެތެއްނު ނުދެވިފައެއް..” ފައިލަމް ގޮސް އިޒްކާން އަނެއްކާ ގޮނޑީގައި ބޭންދިއެވެ. ހިޔާން އަނެއްކާ އީޝާއަށް އަނިޔާ ކުރަން ފެށިއެވެ. ކިރިޔަކިރިޔާ ހޭހުރި އީޝާ އަނެއްކާވެސް ރޯންފެށިއެވެ. އަޑު ކެނޑިކެނޑިގެން އަންނައިރު އެ ހަށީގައިވާ ހުރިހާ ހަކަތައެއް ހުސްވެފައިވާހެން ހީވެއެވެ.
ހޫރީން ވަގު ފިޔަވަޅުތަކެއްގައި ރޫމް 204 އަށް ދާން މިސްރާބު ޖެއްސެވެ. ކެމެރާއަށް އެ ކޭސް ނިންމާލެވޭނެހާ ބޮޑު ހެއްކެއް އަރާތޯ ދުއާ ކުރަމުންނެވެ. ނަސީބުވެސް ހިފީ ހޫރީންގެ އަތުގައެވެ. ހޫރީން އެ ރޫމް އާއި އަރާ ހަމަވާއިރަށް ފައިލަމް ދޮރު ހުޅުވާލާފައި ނުކުމެގެން ހިނގައްޖެއެވެ. ކޮން ބޭނުމެއްގައި ކަން ނޭނގުނަސް ޝުކުރުކުރަމުން ހޫރީން ދޮރާއި ދިމާލަށް ބަލާލިއެވެ. ކަން ދިމާކުރި ގޮތުން ފައިލަމަށް ދެވުނީ ވެސް އެ ދޮރު ރަނގަޅަށް ނުލައްޕައެވެ. ހިންމިއަކަށް ހުޅުވިފައިވާ ދޮރުން އެތެރެއަށް ބަލާލި ހޫރީންއަށް ހީވީ މީހަކު އޭނާގެ ހިތްމައްޗަށް އަރާ ޗަސްޗަސްކޮށްލި ހެންނެވެ.
“ދޮ.. ދޮންބޭ…” ހޫރީންގެ ދުލުން އެ ލަފްޒު ބޭރުވިއިރު އެދެލޮލުން ހޫނުކަންމަތީ ހުރި ކަރުނަތައް ފައިބަން ފަށައިފިއެވެ. އެނދުމަތީގައި އޮތް އަންހެންކުއްޖާގެ ސިފަ ވެސް ރަނގަޅަށް ނޭނގޭހާވަރަށް ޒަހަމް ކޮށްލާފައި ވާއިރު އަދިވެސް ހިޔާން ދިޔައީ އެކުއްޖާއަށް އަނިޔާ ކުރަމުންނެވެ. “މާތްކަލާކޯ..!” ހޫރީންއަށް އަނގަމަތީގައި އަތް އެޅުނީ ބާރަށް ރޮވިދާނެތީއެވެ. ކަށީގައި ނެތް ހިތްވަރު ލާފައި ހޫރީން އަދިވެސް އެއްފަހަރު ކޮޓަރިތެރެއަށް ބަލާލިއެވެ. އޭރު އެތެރޭގައި އިޒްކާން، އާހިލް އަދި އައިހަމްވެސް އިށީނދެގެން އިނެވެ. “އައިހަމް..؟؟؟؟” މިއީ ހުވަފެނަކަށް ވުމަށް ހޫރީންއަށް ދުއާ ކުރެވުނެވެ. ހިޔާން އެ ގަންނަ ގަނޑުގައި އައިހަމް އަދި އިޒްކާންގެ އަތެއް ވެސް ވޭހެއްޔެވެ.؟ “އެކަމަކު..” ހޫރީންއަށް އެކަން ބަރުދާސްތެއް ނުވިއެވެ.
ފުރާނަ ފަދައިން ލޯބިވާ ދޮންބެ އާއި އެ ހިތް އަތުލި ފިރިހެން ކުއްޖާ އާއި އެންމެ އިތުބާރު ކުރާ އެކުވެރިޔާ މިފަދަ ހާލަތެއްގައި ވަނިކޮށް ފެންނާނެކަމަށް ހޫރީން އުންމީދު ކޮށްފައެއްވެސް ނުވެއެވެ. ނަމަވެސް މިވަނީ އެކަން ލޯ ކުރިމަތިން ފެންނާށެވެ. “ނީޝަލް..” ދެލޮލުން ކަރުނަތައް ފޮހެލިތަނާހެން ހޫރީން ހަނދާންވީ ނީޝަލްގެ މަތިންނެވެ. “އިޒްކާން.. އައިހަމް.. ދޮންބޭ.. ދޮންބެމެން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިގަނެފާނެކަމަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން..” ހޫރީން ދެފަހަރަކު ނޭފަތް ދަމާލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ނީޝަލްއަށް މި މަންޒަރު ދައްކަން ބޭނުން ވުމުންނެވެ. އޭނާ އަލާންއަށް މި ކޭސް ނިންމައިދޭއިރު އައި ވިޓްނެސްއެއް ހުންނަން ބޭނުންވާތީއެވެ. ނީޝަލް ހުރީ ސައިޕްރީޕީޑިއަމް ޕާރކްގައި ކަން އެނގޭތީ ހޫރީން ދުއްވައިގަތީ ނީޝަލް ގޮވައިގެން އައުމަށެވެ. ނީޝަލްގެ ހިތަށް ކުރާނެ އަސަރަކަށް ބަލަން އެވަގުތު ހޫރީން ހަނދާނެއް ނެތެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





noooooo yooooon.. hama rovijje.. gaimu nyshal and hooryn ah angai dhyba izkan n aiham kamey nukuraakan.. emyhun baiveri nuvaakan.. kihaa dhera vaane gaimu.. alhe vvv curious kohllafa thi ninmaaly.. avahah up koh dhehcheyyy vvvvv rythi hama maasha allah
Lets c dhw.. Hehe.. Will Hiyaan succeed ?? We’ll c dhw dhn waany kihineh kan hehe… Yesh will try my best ingey dhn oiyh bai 11th May ga up kolladheyn.. Thankiu so so much StoryyQuyyn ? Stay safe and Take care dearlss