ޒޯޔާ ބުނި އެޑްރެހަށް ކާރަށް އާދެވުމާއެކު އައިވިން ކާރުގެ ދުވެލި މަޑު ޖައްސާލިއެވެ. މަންޒިލަށް ހާސިލުވާން ނެގި ވަޤުތުވެސް އައިވިން އަށް ކުރުވެފައިވާ ފަދައެވެ. ޖެހިގެން އިން ސީޓުގައި އިން ޒޯޔާއަށް ބަލައިލެވުުނު އައިވިންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އަނެއްކާވެސް ޒޯޔާ އޭނާގެ ލޯމަތިން ގެއްލެން އުޅެނީއެވެ. އެޚިޔާލާއެކު އައިވިންގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އޭނާގެ ކައިރީ ހުރެދިނުމަށް އެދި އާދޭސްކުރަން އައިވިންގެ ހިތް ތެޅިފޮޅިގަތެވެ. ޒޯޔާއާ ނުލާ އޭނާގެ ދިރިއުޅުން އެކަނިވެރިވެފައިވާ މިންވަރު ޒޯޔާއަށް ވިސްނޭނެ ނަމައެވެ. އެހެނަސް ކާރުގެ ދޮރު ހުޅުވާލުމަށްފަހު ޒޯޔާ ބޭރަށް ނިކުތް އިރުވެސް އައިވިން އަށް ހަރަކާތެއް ކުރަން ނޭނގިފައި އިނދެވުނީއެވެ.

ޒޯޔާ ނިކުތުމާއެކު އައިވިންވެސް ކާރުން ފޭބިއެވެ. ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލަމުން ކާރުގައި ލެނގިލައިގެން ހުރެ އައިވިން ޒޯޔާއަށް ބަލައިލިއެވެ.

“ތެންކިޔު.. ސޮރީ އުނދަގޫ ކުރެވުނީމަ..” ޒޯޔާ އައިވިން އާ ހަތަރު ކަޅި ހަމަ ކުރުމެއް ނެތި ބުނެލިއެވެ. ޒޯޔާއަށް ފުންކޮށް ނަޒަރު ހުއްޓާލައިގެން ހުރި އައިވިންގެ ހިތުގައި ޝަކުވާ އުފެދިގެން ދިޔައެވެ. ޒޯޔާ އޭނާ އެހާ ދުރުކޮށްލީ ކީއްވެ ހެއްޔެވެ؟ ދުރުހިލޭ މީހެއްގެ ދަރަޖަ އޭނާއަށް ދިނީ ކީއްވެހެއްޔެވެ؟ އެހެނަސް ހިތުގައިވާ އެއްވެސް ސުވާލެއް ނުވަތަ ޝަކުވާއެއްވެސް އައިވިންގެ ދުލުން ބޭރެއް ނުވިއެވެ.  އައިވިން އާ ފުރަގަސްދެމުން ޒޯޔާ ހިނގައިގަތީ އެވަޤުތުއެވެ.

”ޒޯ..ޔާ..” ޒޯޔާއަށް ކުރިއަށް ދެތިން ފިޔަވަޅު ނާޅާލެވެނީސް އައިވިން ގޮވާލިއެވެ. ޒޯޔާ ފަހަތް އެނބުރި އައިވިން އަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ސޮރީ.. ކާރަށް އަރަން އެގޮތަށް ބުނެވުނީމަ..” އައިވިން އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން ބުންޏެވެ. ލިފްޓުގައި ވީ ކަންތަކަށްފަހު އައިވިންއަށްވެސް އެވަޤުތު ނުތަނަވެސްވެފައި ހުރުމުން ރުޅި އިސްކުރެވުނީއެވެ. ޒޯޔާ އިރުކޮޅަކު ޖަވާބެއް ނުދީ އަައިވިން އަށް ބަލަހައްޓައިގެން ހުރިއެވެ.

”އިޓްސް އޯކޭ..” ޒޯޔާ ކުރު ޖަވާބަކުން ފުއްދާލިއެވެ. އެހެނަސް އެޔާއެކު ޒޯޔާގެ ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލި އިރު އެއްޗެކޭ ބުނަން އުޅުނުހެން އައިވިން އަށް ހީވިއެވެ. ނަމަވެސް އައިވިން ހީކުރި ގޮތާ ޚިލާފަށް ޒޯޔާ ފަނޑު ހިނިތުންވުމެއް ރައްދުކުރަމުން އޭނާ ފަސްދީ ހިނގައިގަތެވެ.

ކުރިމަތީގައި ހުރި ފްލެޓުގެ ތެރެއަށް ޒޯޔާ ވަނުމާއެކު އައިވިންގެ ލޮލަށް ޒޯޔާގެ ތަސްވީރު ގެއްލިގެން ދިޔައެވެ. ގަދަކަމުން ހިންދިރުވާލެވުނު އައިވިން އިސްދަށަށް ޖަހާލަމުން އޭނާގެ އަމިއްލަ ފަޔަށް ނަޒަރު ހިންގާލިއެވެ. ޒޯޔާގެ ފަހަތުން ނުދިޔަ ކަމައްޓަކައި ހިތު ތެރޭން އަޑުލަމުން ދިޔައެވެ. ޖީބު ތެރޭގައި އޮތް ދެއަތް މުށްކަވާ ބާރުކޮށްލެވުން ހިތު ތެރޭގައި އުތުރި އަރަމުންދިޔަ އިޙްސާސްތައް ހިފަހައްޓަން އައިވިން މަސައްކަތް ކުރަމުން ދިޔައެވެ.
*********

އައިވިން އަށް ގެޔަށް އައިސް ވަދެވުނީ އިރުއޮއްސި ރޭ ވެފައި ވަނިކޮށެވެ. ޒޯޔާގެ ޚިޔާލުގައި ހުރި އައިވިން ގެ ކޮންމެ ހަރަކާތެއްގައި ވަނީ ލަސްކަމާއި ފަރުވާ ކުޑަ ކަމެވެ. އޭނާގެ ކުރިމަތިން ޒޯޔާ ގެއްލުމާއެކު އައިވިންގެ ހިތަށް ބުނެދެން ނޭނގޭ ހުސްކަމެއް ވަނީ ވެރިވެފައެވެ. މަޑު މަޑުން ޕެންޓް ހައުސްގެ މައިދޮރު ހުޅުވާލަމުން ގެއަށް ވަތް އައިވިންގެ ހިތްސުތައް ހޭލައްވާލީ އިވާންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ހާސްވެ ހުރެ ދިގު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަތް އައިވިން ހުއްޓުނީ ސިޓިންގް ރޫމުގެ މެދުގައި އިވާން ގޮވައިގެން ދެކޮޅަށް ހިނގަމުންދިޔަ ނަޖުމާ ފެނުމުންނެވެ. ނަޖުމާގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު އިވާން މަސަލަސް ނުކުރެވިގެން އުޅެމުން ދިޔައެވެ. އެހެނަސް އައިވިން ފެނުމާއެކު ނަޖުމާގެ މޫނުމައްޗަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ވެރިވެގެން ދިޔައެވެ.

“އައިވިން.. ދައްތަ ވަރަށް މަސައްކަތް ކޮށްފިން އައިވިން އަށް ގުޅަން.. އެކަމަކު ފޯނު ނިއްވާލާފައޭ ބުނަނީ..” ނަޖުމާ އިވާންގެ ބުރަކަށީގައި ފިރުމަމުން އައިވިންގެ ކައިރިއަށް އަންނަމުން ބުންޏެވެ. އައިވިން ފޯނު މަތިން ހަނދާންވީވެސް ދެނެވެ. ޖީބުން ފޯނު ނަގާ ބަލައިލި އިރު ނަޖުމާ ބުނިހެން އޭނާގެ ފޯނު ވަނީ ނިވިފައެވެ. ފަރުވާކުޑަ ކޮށްލެވުމުގެ ސަބަބުން ފޯނު ޗާޖު ކުރަން ހަނދާން ނެތުނީކަން އައިވިން އަށް ޔަޤީންވިއެވެ.

“ކީއްވެ އިވާން ރޮނީ..؟ ކޮބާ ޖޫން..؟” ނަޖުމާގެ އަތުން އިވާން ނަގާ އުރާލަމުން އައިވިން ސުވާލުކުރިއެވެ.

ނޭނގެ.. ނިދާ ހޭލައިގެން ރޯން ފެށީ.. ބުއްފުޅި ބޯކަށްވެސް ނޫޅުން.. އައިވިން ވެސް ގޭގަ ނޫޅޭ ވަޤުތެއް ވީމަ ދައްތަ ވަރަށް ހާސްވެފަ ހުރީ.. ޖޫން ނޭނގެ ދިޔައީ ކޮންތާކަށް ކަމެއް.. ހަވީރު ބޭރަށް ދިޔަފަހުން އަދި ގެޔަކަށް ނާދޭ..” ނަޖުމާ ޖޫން ގޭގައި ނޫޅޭކަމަށް ބުނުމުން އައިވިންގެ ދެބޮމަ ގޮށްޖެހުނެވެ. އެހެނަސް ރުޅިވެރިކަމަށް އޭނާގެ ނަފްސަށް ޖާގަ ނުދީ އައިވިން އަވަހަށް ދަރިފުޅު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
ނަސީބަކުން އައިވިން ދަރިފުޅު އުރާލުމާއެކު ގިނައިރެއް ނުވެ އިވާންގެ ރުއިން މަޑު ޖެހިގެން ދިޔައެވެ. ނަޖުމާ ދިއްކޮށްލި ބުއްފުޅި ހިފައިގެން އައިސް އައިވިން ސޯފާގައި ހަމަޖެހިލަމުން އިވާން އަށް ބުއްފުޅި ދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

ދެބަފައިންގެ ހަރަކާތްތަކަށް ބަލަން ހުރި ނަޖުމާގެ މޫނުގައި ވަނީ މަސްހުނި ކުލަވަރުތަކެކެެވެ. އައިވިން އަކީ ޤާބިލު ބައްޕައެއްކަން އޭނާގެ ޢަމަލުތަކުން ދޭހަވެއެވެ. އައިވިން އާ މެދު ހިތުގެ އެންމެ ފުންމިނުން ނަޖުމާއަށް ފަޚުރުވެރި ވެވެނީ އެހެންވެއެވެ. އެހެނަސް ބައްޕައަކާއި މަންމައެއް އެއްވަރެއް ނުވާނެއެވެ. މަންމައެއް ފަދައިން ދަރިފުޅުގެ ކަންކަން ބަލާ ހަމަޖައްސާކަން ފިރިހެނަކަށް ނޭނގޭނެއެވެ. އެއީ ޤުދުރަތީ ޤާނޫނެކެވެ.އިވާން އާ މެދު ޖޫން ބަހައްޓާ ފަރުވާ ކުޑަކަން ފެނުމުން ނަޖުމާ މާޔޫސްވެއެވެ. އައިވިން އަށް އިވާން ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އަދާކުރަން އުނދަގޫ ވާނެކަން އޭނާއަށް އިނގެއެވެ.

*****

އިވާން އަށް ބުއްފުޅި ދީ ނިމުމާއެކު ނަޖުމާ އައިވިންގެ ކައިރިން އޭނާ އަތަށް އިވާން ދިނުމަށްފަހު ކާން ދާން އެދުނެވެ. އެހެނަސް އައިވިން ހުރީ އެއްޗެއް ކާހިތްވާ ޡަބީއަތެއްގައެއް ނޫނެވެ. އެހެނަސް ނަޖުމާ އިވާން ބަލާނަން ކަމުގައި ބުނުމުން އައިވިން ދެކޮޅު ހެދުމެއް ނެތި ނަޖުމާ އަތަށް އިވާން ލައިދިނީ ފެންވަރާ ތާޒާ ވެލުމަށް ބޭނުންވެފައި ހުރުމުންނެވެ. ނަޖުމާއާއި އިވާން ހަވާލު ކުރުމަށްފަހު އައިވިން ކޮޓަރިއަށް ވަދެގެން އައިސް ފާޚާނާގެ ދޮރު ހުޅުވާލިއެވެ.

އައިވިން ފެންވަރަށް ހުރި ވަޤުތުގައިވެސް ޚިޔާލުގައި ވަނީ ޒޯޔާއެވެ. ލިފްޓުން ދިމާވި ނުދަންނަ މީހާގެ ޢަމަލުތަކަށްފަހު ޒޯޔާ އޭނާގެ ޓީޝާޓުގެ ކޮޅުގައި ހިފަހައްޓައިގެން ހުރިގޮތް އައިވިންގެ ލޮލަށް ސިފަވަމުން ދިޔައެވެ. ޒޯޔާ އޭނާއަށް ބަލައިލާ ވަޤުތު އެދެލޮލުގައިވާ އީޙްސާސްތައް އައިވިން އަށް އެތަކެއް ވާހަކައެއް ކިޔައިދޭން މަސައްކަތް ކުރާހެން އައިވިން އަށް ހީވިއެވެ. އަތް މުއްކަވާލަމުން ނިތްކުރީގައި ޖައްސާލެވުނު އިރު އައިވިންގެ ހިތުގައި ނިމުމެއްނުވާ ހައިޖާނެއް ވަނީ އުފެދިފައެވެ.

*********
ޖެހިގެން އައި ހަފްތާގައި ޖޫންގެ ޢަމަލުތަކަށް އައިސްފައިވާ ބަދަލު އައިވިން އަށް ފާހަގަ ކުރެވެން ފެށިއެވެ. ކުރިއަށްވުރެ ވެސް ޖޫން ގޭގައި އުޅޭ ވަޤުތު މަދުވެ އަބަދުމެ ފޯނުގައި ހުންނަ ވަޤުތު ގިނަވެފައި ވިއެވެ. އައިވިން ސުވާލު ކުރުމުންވެސް ޖޫންގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. ވާހަކަ އެހެން މިސްރާބަކަށް އަނބުރާލަމުން ކޮންމެވެސް އުޒުރެއް ދައްކަން ޖޫން މަސައްކަތް ކުރާކަން އައިވިން އަށް ފާހަގަވިއެވެ. އައިވިންގެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަޙުމްތައް އިތުރު ވެގެން ދިޔައީ ޖޫންގެ ފޯނަށް އައި ފޯނު ކޯލަށް ފަހުއެވެ.

އެނދާ ޖެހިގެން ހުރި ސައިޑް ޓޭބަލް ގައި އޮތް ޖޫންގެ ފޯނު ރިންގްވާން ފެށުމާއެކު އައިވިން ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެހެނަސް ޖޫން ފާޚާނައިގާ އުޅޭކަން އެނގި އައިވިން މަޑުކުރީ ޖޫން ފާޚާނާއިން ނިކުތުމުން ފޯނު ކޯލުގެ ވާހަކަ ބުނާށެވެ. ނަމަވެސް ފޯނު ހުއްޓާ ނުލާ ރިންގްވާން ފެށުމުން އައިވިން އެންމެ ފަހުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހޭ ބޭބް.. މިރޭ ކޮން އިރަކުން އަންނާނީ.. ؟އައި މިސް..” ފިރިހެނެއްގެ އަޑު އައިވިންގެ ކަންފަތުގައި ޖެހުނު އިރު އޭނާގެ އަޑުގައިވާ ގާތްކަން އައިވިން އަށް އިޙްސާސް ކުރެވުނެވެ. އެހެނަސް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ކުއްލިއަކަށް މީހަކު އައިވިންގެ އަތުން ފޯނު ޖަހައިގަތެވެ. ކުރިމަތީގައި ހުރި ޖޫން ފެނުމާއެކު އައިވިން އަށް ފުންކޮށް ޖޫންގެ މޫނަށް ބަލައިލެވުނެވެ. ޖޫން ހާސްވެ ހުރެ ފޯނު ކަނޑާލަމުން ރީތިވާ މޭޒާ ދިމާއަށް ހިނގައިގަތެވެ.

”އެއީ ކާކު..؟” އައިވިން މަޑުމައިތިރި ކަމާއެކު ޖޫން އާ ސުވާލު ކުރީ އެކަމުގެ ތެރެއިން ޒުވާބެއް ފަށަން ބޭނުން ނުވުމުންނެވެ.

”އަ ފްރެންޑް..” ޖޫންގެ ޖަވާބު ނުހަނު ކުރެވެ. މޭކްއަޕް ބްރަޝް އަކުން މޫނުގައި އެއްޗެއް ހާކަމުން ދިޔައިރު ޖޫންގެ ހަރަކާތްތައް އަވަހެވެ.

”ޖޫން.. ދޮގު ނަހަދަ ރީއްޗަށް ބުނޭ.. އަހަންނަށް އެނގޭ ރަޙުމަތްތެރިއެއް އެގޮތަށް ވާހަކަ ނުދައްކާނެކަން.. ޖޫން މިހާރު ބޭރުގަ ތިއުޅޭ ވަޤުތުވެސް މާގިނަ.. އެހުރިހާ ކަމަކަށް ކަނު ލޮލެއް ދީގެން އަހަންނަކަށް ނުހުރެވޭނެ.. މިހާރު ޖޫން ކައިރި އިވާން އަށް  ސަމާލުކަން ދޭށޭ ބުނެވުނު އަދަދެއްވެސް ނޭނގޭ.. ޖޫން އެންމެ ފަހަރަކުވެސް ވިސްނާލަބަލަ.. ޖޫން ތިހެން އުޅެގެން ކިހިނެއް އިވާން ރަނގަޅު ގޮތުގަ ބަލާ ބޮޑު ކުރަނީ..؟ ކިހިނެއް އަހަރެމެން ދެމީހުން އެކުގަ އުޅެނީ..؟” އައިވިން ޖޫން އަށް ވިސްނައިދޭން މަސައްކަތް ކުރެވުނު އަދަދެއް ނޭނގެއެވެ. އެހެނަސް ޖޫން އޭނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާ ހެނެއްް އައިވިން އަކަށް ހިޔެއް ނުވެއެވެ.

“މީ އައިވިން ބޭނުންވާ ގޮތެންނު.. ފުރަތަމަވެސް އައިވިން ބޭނުންވީ އަހަރެމެންގެ މިގުޅުން ނިމިގެން ދާކަންނު.. އެހެންވީމަ އައިވިން އުފާކުރޭ މިހާރު…” ޖޫން އައިވިން އަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޖޫން ނިކުމެގެން ދިޔަ ދިމާއަށް ބަލަން ހުރި އައިވިންއަށް ހުއްޓުން އަރާފައި ހުރެވުނެވެ. ޖޫންގެ މިޒާޖަށް އައި ބަދަލުގެ ފަހަތުގައިވާ ސަބަބު ހޯދަން އައިވިން ބޭނުންވިއެވެ. އޭނާއަކީ ޖޫން ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އަދާކުރަން ޖެހޭ މީހާގެ ހައިސިއްޔަތުން ޖޫން ބޭނުން ހުރިހާ ކަމެއް ކުރަން ދޫދީގެން ހުރެގެން ނުވާނެކަމުގައި ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ހާއްސަކޮށް ޖޫންގެ ފޯނަށް އައި ކޯލު އަޑު އިވުމަށްފަހު ދެއަތް އުރާލައިގެން ވާން ނެތް ކަމުގައި އައިވިންގެ ހިތް ބުނަމުން ދިޔައެވެ.

އާދައިގެ މަތިން ޖޫން ރީތިވެގެން ބޭރަށް ދާން ނިކުން ރެއެކެެވެ. ލިބުނު ފުރުސަތުގައި އައިވިން ގެއިން ނިކުމެގެން އައިސް ކާރަށް އަރާ އިންޖީނު ސްޓާޓް ކޮށްލިއެވެ. ޖޫން އަށް ސިއްރުން އޭނާ ވަނީ ޖޫންގެ ކާރުގެ ޖީޕީއެސް ސިސްޓެމް ހެކް ކޮށްފައެވެ. ފޯނުގެ އެހީގައި ޖޫންގެ ކާރު ދިޔަ މަންޒިލު ހޯދާކަށް އައިވިން އަކަށް އުނދަގުލެއް ނުވިއެވެ. ޖޫން ކުރާކަންތަކަށް ފާރަލުމަކީ އައިވިިން ކުރަން ހިތަށް އެރުވިވެސް ކަމެއް ނޫނެވެ. އެހެނަސް ޖޫންގެ ކަންކަން އަތް ނުފޯރާ ފަށަށް ދިޔުމުގެ ކުރިން ހުއްޓުވަން ޖެހޭނެކަމުގައި އައިވިންގެ ސިކުނޑި ވިސްނައިދިނެވެ.

އައިވިންއަށް ދާންވީ މަންޒިލަށް ވާސިލުވެވުނު އިރު ޖޫން ކާރު ޕާކުކޮށްފައި ނިކުންނަނީއެވެ. އައިވިންވެސް ޖޫން އަށް ނުފެންނާންހެން ތަންކޮޅެއް ދުރުގައި ކާރު ޕާކުކޮށްލިއެވެ. ޖޫންގެ ފޯނުން މީހަކަށް ގުޅާތަން ބަލަން އިން އައިވިން އަށް ޖޫންގެ ކައިރިއަށް އައިސް ހުއްޓުނު ޒުވާނާ ފެނިގެން ދިޔައެވެ. އެހެނަސް އައިވިންގެ ލޮލުގައި އަޅައިގަތީ ޖޫންގެ މޫނުމައްޗަށް ވެރިވި ކުލަވަަރެވެ. އެޒުވާނާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ރައްދު ކުރަމުން ޖޫން އޭނާގެ ފޯނު ތިރިކޮށްލުމަށްފަހު އެ ޒުވާނާގެ ގައިގާ ބައްދައިގަތެވެ.

-ނުނިމޭ-

 

11

1 Comment

  1. imkko

    April 20, 2021 at 1:15 am

    Maasha allah .. mi baives v v reethi … vaahaka update veythw v inthizaaruga indha thi upload kohdhinee … can’t wait to see aivin and zoya alun badhaluvaa than balan … very veryyy curiously waiting for next part 💕

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!