
ތިޔަ ލޯތްބަށް އެދެމޭ – 20
ފިހާރަ ދޮރު މަތީގައި އިލްޔާ އާއި ލުޔާ ކޯޅެން ތިބިތަން ބަލަން ދުރުގައި ނަބާ ހުއްޓެވެ. ނަބާ މޫނު މަތިން ފެންނަނީ ހިތާމަވެރިކަމެވެ. ނަބާ ބޭނުންވީ މިހާރުން މިހާރަށް ގޮސް އިލްޔާއަށް ހަގީގަތް ކިޔާދޭންށެވެ.” އޭއި… ކޮން ކަމަކު މިތާ ތި ހުންނަނީ.. އެމީހުން އަދޭތޯ މަ ޖެހޭނީ ހުންނަން.. ” ލީޝާ ނިކުމެފައި ބުންޏެވެ. ނަބާ ލީޝާ އާއި ދިމާއަށް ހިތާއި ހިތުން އެއްޗެހި ގޮވަމުން ގޭތެރެއަށް ވަނެވެ. ލީޝާ ބޭރުގައި މަޑު ކޮށްލީ އެބުނާ މީހުން އަންނަން ދެންނެވެ.” ދެން ހެވޭ.. ގެނޭ ރުފިޔާ… ” ލުޔާ އިލްޔާ އަތުގައި އޮތް ރުފިޔާ ކޮޅު ދަމައި ގަންނަމުން ބުންޏެވެ. އިލްޔާ ހީލާފައި ލުޔާއަށް ރުފިޔާ ދީފައި އެނބުރިލި ވަގުތު ފެނުނީ މާ ދުރުން އިސްޖަހާލައިގެން އަންނަމުން ދިޔަ މަޔާން އެވެ.
**20 ވަނަ ޕާޓު**
” ޔާން.. ” އިލްޔާ އުފަލުން މަޔާން އާއި ދިމާއަށް ދުއްވައިގަތެވެ.” ޔާން ކޮންތާކަށް ގޮއްސަ ތިޔައީ.. ” އިލްޔާ ފެންކަޅި ވެފައި އަހާލިއެވެ.” ތަނަކަށް ނޫން.. ވަރަށް ވަރުބަލި.. ދެން ދަނީ.. ” މަޔާން އެހެން ބުނެފައި ހިނގައިގަތެވެ. މަޔާންގެ އެ އަޅާލުން ކުޑަކަމުން އިލްޔާ ހިތުގައި ޖެހުނެވެ. މާ ގިނައިރު އެތާ ނުހުރެ އިލްޔާ ފިހާރަ ކައިރިއަށް ދިޔައީ ލުޔާ އަންނަން ދެންނެވެ.” ކޮން ފްލޭވާރ އެއް އިލޫ ނަގާނީ.. ޗޮކްލެޓް އޯރ ވެނީލާ.. ” ލުޔާ ނިކުމެފައި އިލްޔާ ކައިރީގައި އަހާލިއެވެ.” ބޭނުމެއް ނޫން.. ލޫ ކައިލާ.. ” އިލްޔާ ބުންޏެވެ. އައިސްކްރީމް ކެއުމަށް ވުރެ ބޮޑަށް އިލްޔާ ބޭނުންވެފައި ހުރީ މަޔާން އާއި ބައްދަލް ކޮށްލާންށެވެ. ލުޔާ އުފަލުން ފުންމައިގެން ގޮސް އިލްޔާ ގައިގައި ބައްދާލިއެވެ.” ވޯވް.. އިލޫ ދީފި ލޯބި ނިކްނޭމް އެއް…. ބަޓް ތެންކްސް ފޯ ދެތަށި އައިސްކްރީމް.. އެންމެން ކައިރީ ބުނާނީ އެ ނޭމް ކިޔާށޭ.. ” ލުޔާ ދަތްތައް ފެންނަވަރަށް ހީލިއެވެ.
” ވަޓް ދަ.. ނަބާ އެބުނީ ތެދެއްތާ… މިތާ އެބައުޅޭ އިލްޔާގެ ކޮޕީ އެއް.. ” އެދެމީހުން އުޅޭގޮތް ބަލަން ހުރި ލީޝާ ދެލޯ ބޮޑުވިއެވެ.” ހްމްމްމް.. މި އައީ.. ސޮރީ ދެތިން މިނިޓް ލަސްވީމަ.. އަސްލު ކުޑަ ކަމެއް ޖެހުނީއޭ.. މިރަށަށް ސޮރެއް ވައްޓާލަން.. ” ލީޝާ އާއި އަރާ ހަމަވަމުން އެމީހާ ބުންޏެވެ.” ހާހ.. ފައިނަލީ ޔޫ އާރ ހިޔަރ ހައިމަން.. ” ލީޝާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލާފައި ހީލިއެވެ. ވަދެ އިށީނދޭ.. މިދަނީ.. ” ލީޝާ އެހެން ބުނުމުން ހައިމަން ގޭތެރެއަށް ވަނެވެ. ލީޝާ ފޯނުން އިލްޔާގެ ދެތިން ފޮޓޯއެއް ނަގާފައި ފޯނު ބާއްވަމުން އެތެރެއަށް ވަނެވެ.
” މަޔާން.. މަ ކައިރީ ބުނެވެސް ނުލާ… ” ހިޝާ އުނގުގައި ބޯ އަޅާލައިގެން އޮތް ރާއިލް ފުންމައިގެން ތެދުވަމުން ދެބުމަ ގޮށްޖަހާލިއެވެ.” ހެވޭ.. ގޮއްސަ ބުނީމެއްނު… ކަލޭމެން މާ ފޮޅުވަން ތިބޭ.. ” މަޔާން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.” އިނގޭތަ އިލޫ ވަރަށް ހޯދި ޔާން.. ” ހިޝާ ބުންޏެވެ.” އޯހ އޯކޭ… ” މަޔާން ކުރު ޖަވާބަކުން ފުއްދާލިއެވެ.” ކިހިނެއްވެފަތަ އެހުރީ.. ހާދަ އެހެންކަހަލަ ގޮތަކަށް.. ” ހިޝާ ރާއިލް ކައިރީގައި އަހާލިއެވެ.” މަށަކަށް ވާ ނޭނގެ…. ” ރާއިލް އެހެން ބުނެފައި ހިޝާގެ އުނގުމަތީގައި ބޯ އަޅާލަން އުޅުނެވެ.” ދެން ނޯ.. ” ހިޝާ ތެދުވިއެވެ.” ކީއްވެތަ.. ޕްލީޒް ދައްކަބާ.. ” ރާއިލް ކުޑަކުއްޖެއްހެން ބޮޑާހާކާލިއެވެ.
” ހްމްމް ފަހުން…. ދާން ވެއްޖެ.. ” ހިޝާ ސިކުނޑި އަށް އައި ދޮގު ހަދާލިއެވެ.” ކޮންތާކަށް.. ކާކާ އެއްކޮށް.. މީހަކު ކަމެއް ކޮށްފާނެ އެކަނި އުޅެނިކޮށް.. ” ރާއިލް ސުވާލުކޮށްލިއެެވެ.” މީ.. މީ.. އިލޫ މެންނާ އެއްކޮށް.. ދަނީ.. ” ހިޝާ އެހެން ބުނެފައި ގެއިން ނިކުތެވެ. ރާއިލް ބޯ ހޫރުވާލިއެވެ. ކިތަންމެ ރަނގަޅަކަށް ވެސް ރާއިލް އަށް ހިޝާ ހެދީ ދޮގެއްކަން ދެނެގަނެ ވުނެވެ. ހިޝާ ހަމަ އެހާ ލަދުގަންނޭބާއޭ ރާއިލް ގެ ހިތަށް އެރިއެވެ. އެހެން ހިތަށް އަރާފައި ހިނިވެސް އައެވެ. ކޮނޑު އަރުވާލަމުން މަޔާންގެ ކޮޓަރިއަށް ވަނެވެ.
” އޭއި.. ކީއްކުރާކަށް ރިސޯޓަށް ދިޔައީ… ” ކޮޓަރިއަށް ވަދެފައި ރާއިލް އަހާލިއެވެ.” ދެން ސުވާލުތައް ނުކޮށްފާނަންތަ… މަ ބޯ ގޮވާ ވަރު ވޭ.. ” މަޔާން ނިއްކުރި މަތީގައި އަތް ބާއްވާލަމުން ބުންޏެވެ.” އެންމެ ރަނގަޅޭ.. އަރާމު ކޮށްލާ.. މަ މި ދަނީ ދެން.. ” ރާއިލް ބުންޏެވެ. ރާއިލް ކޮޓަރިން ނިކުތުމާއެކު މަޔާން ހަނދާންވީ ފޯނު މަތިންނެވެ. އަވަސް އަވަހަށް ފޯނު ނަގާ ހުޅުވާލިއެވެ. ފޯނު ހުޅުވާލިތަނާ މެސެޖުތައް އަންނާން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. މިނިޓެއް ވާން ކައިރީވީރު ވެސް މެސެޖުތައް ހުއްޓުމެއް ނެތި އަންނަމުން ދިޔައެވެ.ހުރިހާ މެސެޖެއް ކިޔާފައި މަޔާން އެންމެ ފަހުން އިލްޔާ ފޮނުވާފައި އިން މެސެޖް ކިޔާލިއެވެ. ދެން ބަލާލީ މިސްޑް ކޯލްސް ތަކެވެ. އެންމެ ގިނައިން ގުޅާފައި އިނީ އިލްޔާ އެވެ.” އިލޫ ހަމަ އެހާ ވަރަށް މަށަށް އަޅާލާތަ.. ” މަޔާން ހިތާއި ހިތުން އަހާލިއެވެ.
” ސޯ ކޮން ވާހަކައެއް ދައްކަން ތި ގެނައީ.. ” ހައިމަން ސޯފާގައި ހަމަޖެހިލަމުން ސިނގިރެޓެއް ރޯކޮށްލިއެެވެ.” މީހަކަށް ބިރު ދައްކާލަން ވެގެން.. ދެން ބިރު ދައްކައިގެން ނުވެއްޖެއްޔާ އޭނަ މަރައިގެން ކަމަކު މަގޭ ކުރިން ރައްޓެހިވި މީހާއާ ދުރުކުރުވާ… މަށަށް ލާހިކެއް ނޫން އެދެމީހުން އެކީގައި އުޅޭތަން ދެކޭކަށް.. ” ލީޝާ ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.” އެހެންތަ.. ކާކު.. މީހެއް ބުނީމަ ދޯ ފަސޭހަ ވާނީ.. ” ހައިމަން ހީލިއެވެ. އެތަނުގައި ނަބާ ހުރީ ފޫހިވެފައެވެ. ހާއްސަކޮށް ހައިމަން ދެކެއެވެ. ސިނގިރެޓް ބޯ މީހުން ދެކެ ނަބާ ވަރަށް ރުޅި އާދެއެވެ. އިލްޔާ މަރަން އުޅޭ ވާހަކަ ބުނުމުން ވެސް ނަބާ ލީޝާ ދެކެ ރުޅިއައެވެ.
” މިހިރީ އޭނަ.. ދެން އެހުރީ އޭނާގެ އެއްބަނޑު އެއްބަފާ ކުއްޖެއް ތޯއްޗެއް.. މަށަކަށް ނޭނގެ.. ” ލީޝާ ފޯނުން ނެގި ފޮޓޯއެއް ހައިމަން އަށް ދައްކާލިއެވެ. ” ވާވާ…. އެމަންޖެ ހާދަ ރީއްޗޭ…. މަށަށް ފެނުނޭ އެމަންޖެ އެއްފަހަރެއްގަ.. އެކަމު އެތާ އިން ފިރިހެން ސޮރެއް އައިސް މަގައިގަ ޖެހީ.. މަ ހާދަ ރުޅި އެއް އައޭ.. އެކަމަކު އެ މަންޖެގެ އެހެރަ ރީތި ކަމެއް ދޯ.. ބުރުގާ ނާޅާ ހުރިނަމަ ވަކިން ފުރިހަމަ ވީސް.. ” ހައިމަން ނުލަފާ ގޮތަކަށް ހީލިއެވެ. ލީޝާ ހިތް ހަސަދައިން އަނދަން ފެށިއެވެ.” މަށަށް ވުރެ ތާހިރުތަ.. ބަލާބަލަ ޖަހާ ވައްތަރު.. ކަލެއަށް ވެސް ރީތީ އެވައްތަރު މީހުންތަ.. މަ މާ ރީތި ވާނެ އޭނާއަށް ވުރެ.. ” ރުޅިއައިސްގެން ގޮސް ލީޝާ އަށް އަތުގައި އޮތް ފޯނު ހަލާކު ނުކޮށްލެވުނީ ކިރިޔާއެވެ.
” ތިހާ ރުޅި ނައިސްބަލަ.. ” ލީޝާއަށް ވީގޮތުން ހައިމަންއަށް ވެސް ހެވުނެވެ.” ހްމްމް އޯކޭއޭ.. ” ލީޝާ ދެބުމަ ގޮއްޖަހާލިއެވެ.” އެހެންވީމާ ތި ބުނި ކަންތައް މަ ކުރާނަން އަދި ދެތިން މީހުން ލައިގެން…. ” ހައިމަން ސޯފާއިން ތެދުވަމުން ބުންޏެވެ.” މިވަގުތު ގޮސްލީ.. ” އަތުގައި އޮތް ސިނގިރޭޓް ދަމާލަމުން ހައިމަން އެގެއިން ނިކުތެވެ.” ނަސީބެއް… ކަލޭ ކަހަލަ މީހަކު ލައިގެން މިކަން ނުވާނެ… ” ލީޝާ ނަބާ އާއި ދިމަ ބަލާލާފައި ބުންޏެވެ. ނަބާ ފޫހި ވެފައި ހުރެގެން ކޮޓަރިއަށް ވަނެވެ.” ދެން ހާދަ ފޫއްސޭ އަބަދު ލީޝާ ބުނާ ގޮތަށް ހަދައިގެން.. އެވަރުން ވެސް ފައިދާ އެއް ނުވޭ.. ” ނަބާ އަމިއްލަ އަށް ވާހަކަ ދެއްކި އެވެ.
އިރު އޮއްސުނީ އިލްޔާ އާއި ލުޔާ އަދި ހިޝާ ބީޗުގައި ތިއްބައެވެ. ހިޝާ އިލްޔާއާއި ގުޅައިގެން ބީޗަށް އައީ އިރު އޮއްސެނިކޮށްނެވެ.” ޔާން ކޮބާތަ.. އޭނަ ފެނުން މަގު މަތިން އަންނަނިކޮށް.. ” އިލްޔާ ގެއަށްދާން ހިނގައިގަންނަމުން މަޔާންގެ ވާހަކަ އަހާލިއެވެ.” ވެއްޖެ ގޭގަ.. ވަރަށް ފާޑަކަށް އުޅެނީވެސް.. ” ހިޝާ ވެސް އިލްޔާ އާއި އަރާ ހަމަ ކުރިއެވެ.” ތިހެން ވީއިރު ހިނގާބަލަ ހިޝް މެންގެއަށް.. މިރޭ އެގޭގަ ނަމާދު ކުރާނީ.. ދެން މަންމަ މެންނާ އެއްކޮށް ދާނީ ލޯންޗް ކައިރިއަށް.. ” ލުޔާ ހީލިއެވެ.” އަދި އިނގޭތަ އިލޫ އަހަރެންނަށް ކީ ނަމެއް.. ” ލުޔާ ހިޝާ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.” ނޫނޭ ބުނީމަ ދޯ އިނގޭނީ ތިހެން އިނގޭހޭ އެހިޔަސް ނޭނގޭނެ.. ” ހިޝާ ހިނިގަނޑެއް ޖަހާލިއެވެ.” ލޫ ޔޯ… ދެން އެންމެން ކައިރީގަ ބުނާތި ލޫ ކިޔާށޭ.. ” ލުޔާ އިލްޔާ ގައިގައި ޖަހާލިއެވެ.
ހިޝާ މެންނަށް ގެއަށް އާދެވުނީ އިރު އޮއްސި އެއްކޮށް އަނދިރި ވުމުންނެވެ. ތިންކުދިން އަވަސްވެގަތީ ފުރަތަމަ ވެސް މަޣުރިބު ނަމާދު ކުރަންށެވެ. ނަމާދު ކޮށްގެން ސިޓިން ރޫމުގައި މަޑު ކޮށްލީ ރާއިލް އާއި މަޔާން މިސްކިތުން އަންނަން ދެންނެވެ. ރާއިލް މެން ގެއަށް އައީ އިލްޔާ މެން އިންތިޒާރުގައި ތިބޭތާ ދިހަވަރަކަށް މިނިޓް ވީ ފަހުންނެވެ.” ކީއްވެ މިތާ ތިތިބީ.. ” ރާއިލް ގެއަށް ވަދެފައި އަހާލިއެވެ. ރާއިލް އެހެން އަހާލިތަނުން މަޔާން އުޅުނީ ކޮޓަރިއަށް ވަންނަންށެވެ.” އޭއި ޔާނޫ ކޮންތާކަށް.. ” ނުދަންނަ އަޑެއް އިވުމުން ހިޝާމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. މަޔާން އަވަސްއަވަހަށް ކޮޓަރިއަށް ދެމިގަތެވެ. އިތުރު މީހަކު ހުރިކަން ހިޝާމެންނަށް އިނގުނީ ވެސް އެމީހާ ވާހަކަ ދެއްކުމުންނެވެ.” ސޮރީ އިނގޭ.. މީ ޔަޒާން.. މިރަށު ކުއްޖެއް އެކަމް މާލޭގަ އުޅުނީ.. ” ރާއިލް ހިޝްމެންނަށް ޔަޒާން ތައާރަފް ކޮށްދިނެވެ.
” ޔަޒާން.. މީ މަޔާންގެ ބެސްޓް ފްރެންޑް އިލްޔާ.. ދެން އިލްޔާގެ ކޮއްކޮ ހިލްޔާ… ދެން މަގޭ ވައިފް ހިޝާ.. ” ރާއިލް ޔަޒާން އަށް އެންމެން ތައާރަފް ކޮށްދިނެވެ. ޔަޒާން ކުޑަ ހިނިތުންވުމަކުން ފުއްދާލީއެވެ.” އެ އަޅާ ނުލާ.. އަންހެން ކުދިންނާ އެހާ ރައްޓެއްސެއް ނުވާނެ.. މީނަގެ އެކުވެރިންނަށް ވެސް ހުންނާނީ ހުސް ފިރިހެން ކުދިން.. ” ރާއިލް ޔަޒާން ކޮނޑަށް އަތް ވައްޓާލިއެވެ. ޔަޒާން ކުޑަކޮށް ރަކިވިއެވެ.” ދޭބަލަ މީނައަށް ބޯނެ އެއްޗެއް ހަދަން.. ” ރާއިލް ޔަޒާން ސޯފާގައި ބައިންދަމުން ހިޝާ ކައިރީގައި އެދުނެވެ. ހިޝާ ހީލާފައި ބަދިގެއަށް ވަދުނެވެ.” މަޔާން އެ ވަދުނީ.. ” ރާއިލް އަށް މަޔާން ނެތްކަން އެނގުމުން ބުންޏެވެ.
ކޮފީ ހިފައިގެން ހިޝާ އައި އިރު ވެސް އިލްޔާ އާއި ލުޔާ އެއްޗެކޭ ނުބުނެ އިނެވެ. ނަމަވެސް ޔަޒާން މާ ވަރަކަށް ލުޔާ އާއި ދިމަ ބަލާކަން ރާއިލް އަށް ފާހަގަ ކުރެވުނެވެ. ކުޑަކޮށް ހިނި އައި ނަމަވެސް ލުޔާ އުޅެނީ މީހަކާ ރައްޓެހި ވެގެން ކަމުން ރާއިލް ކުޑަކޮށް މަޑުޖެހުނެވެ.” ކަލޭމެން ދެމީހުން ހަމަ އަނގަ މަޑުން ލައިގެން ތިބެންތަ ތި ގަސްތު ކުރަނީ.. ” ރާއިލް އިލްޔާ މެންނަށް ބަލާލިއެވެ.” އަދި ނެތެއްނު ވާހަކަ ނުދެއްކިފައެއް.. އެބަ އަންނަން މަޔާން ގޮވައިގެން.. ” އިލްޔާ ތެދުވެގެން މަޔާން ކޮޓަރިއަށް ވަނެވެ. ހިޝާ ވެސް ބޮލުގައި ރިއްސާތީ ކޮޓަރިއަށް ވަނީ އަރާމް ކޮށްލުމުގެ ގޮތުންނެވެ.” އޭ މަ ވެސް ދަނީ އިނގޭ.. މިގޭގަ ބޭނުން އިރަކު ހުރެވިދާނެ.. ނޫނީ ގެއަށްދާން ބޭނުން ވަންޏާ އޯކޭ ދިޔަޔަސް.. ” ރާއިލް ހިޝާ ފަހަތުން ކޮޓަރިއަށް ވަނެވެ. ލުޔާ ޔަޒާން އަށް ހިނިތުންވުމެއް ދިންވަގުތު ލުޔާގެ ފޯނު ރިންގުވާންފެށިއެވެ. އަވަސް އަވަހަށް ދުރަށް ޖެހިލީ އެއީ އީތަންގެ ފޯނަކަށް ވުމުންނެވެ.
” ހަލޯ.. ” ލުޔާ ވާހަކަ ދެއްކިއެވެ.” ހައި.. ފޫހިވާތީ ހަމަ ގުޅާލީ.. ” އީތަން އެހެން ބުނުމުން ލުޔާ ގާތަށް ހިނި އައެވެ.” ދެން އަހަރެންނަށް ފޫހި ފިލުވަދެވޭނެތަ.. ” ލުޔާ ހެމުން ބުންޏެވެ.” އާނ ދެން ހަމަ ފިލުވައި ދެވިދާނެ ދޯ.. ތިޔެއް ނޫނޭ.. ކީއްކޮއްލަނީ ލުޔާ.. ” އީތަން ބުންޏެވެ.” ކަމެއް ނުކުރަން… އީތަން ތިހުރީ ނިދި އައިސްފައިތަ؟ ” ލުޔާ އަށް އީތަންގެ އަޑުން ނިދިއައިސްފައި ހުރިކަން ފާހަގަ ކުރެވުނެވެ.” އާނ ކުޑަކޮށް.. އެކަމް ބޭނުން ވަނީ ލުޔާ އާ ވާހަކަ ދައްކާލަން.. ” އީތަން ކުޑަ ހިނިގަނޑެއް ޖަހާލލިއެވެ. ” ލޫ އާ ވާހަކަ ނުދައްކާ އެހަށް ރެސްޓް ކޮށްލާ.. ” ލުޔާ ބުންޏެވެ.” އޯހ.. ލޫ ދޯ ކިޔަންވީ… ” އީތަން ހީލި އަޑު ލުޔާ އަށް އިވުނެވެ.” ދެން.. ދޭ ނިދަން.. ” ލުޔާ ރަކިވެގެން ބުންޏެވެ. އީތަން އޯކޭއޭ ބުނެފައި ފޯނު ބާއްވާލިއެވެ.
” ކާކުތަ ގުޅީ.. ” ލުޔާ އައިސް އިށީނުމުން ޔަޒާން އަހާލިއެވެ.” އީތަން.. ” ލުޔާ ހީލަމުން ޖަވާބު ދިނެވެ. ޔަޒާން ހީނލާފައި ކޮފީތަށި ހުސްކޮށްލިއެވެ.” ދަނީތަ..؟ ” ލުޔާ ކޮފީތަށި ކޮޅަށް ތެދުވަމުން އަހާލިއެވެ.” ހްމްމް.. ” ޔަޒާން އެހެން ބުނެފައި ގެއިން ނިކުތެވެ. ލުޔާ ކޮފީ ޖޯޑު ހިފައިގެން ބަދިގެއަށް ވަދެފައި ޖޯޑު ދޮވެލިއެވެ.” އެ އިލޫއަށް ދެން ނޭނގޭނެ ނިކުންނާކަށް.. ދާންވީ ލަނޑެއް ދޭން.. ” ލުޔާ މަޔާންގެ ކޮޓަރީގައި ޖަހާލިއެވެ.” ވަދޭ.. ” މަޔާން ބުންޏެވެ. ލުޔާ ދޮރު ހުޅުވާލިއިރު އިލްޔާ އެނދަށް އަރައި އިނެވެ.” ނުބައި ގަޑިއެއްގަ ދޯ.. ” ލުޔާ ޖެއްސުންކޮށް ލިއެވެ.” ނޫނޭ.. ” މަޔާން ތެދުވިއެވެ.” އެހެންތަ.. ހެހެ… މިހާރު ޔަޒާން ވެސް ގޮއްސި…. އިލޫ ތީ ޔާން ގޮވައިގެން އަންނަން ބުނި މީހާ.. ” ލުޔާ ބުންޏެވެ.” ޔާން ނާންނަންޏާ ކިހިނެއްތަ ގެންދާނީ.. ހިނގާ ގެއަށް… މިހާރު އެއޮއް އިޝާ ނަމާދަށް ގޮވަނީ.. ” އިލްޔާ އެނދުން ތެދުވަމުން ލުޔާ އާއި އެއްކޮށް ކޮޓަރިން ނުކުތެވެ.
އިޝާ ނަމާދު ކޮށްގެން ސަނާ މެން ފުރާތަނަށް ގޮއްސައި އާދެވުނީ ނުވައެއް ޖަހަނިކޮށްނެވެ.” ހާދަ ވަރުބައްޔޭ… މި ދަނީ ނިދަން.. ” ލުޔާ ކަންނެތް ގޮތަކަށް ހިނގާފައި ގޮސް އެނދަށް އަރާ އޮށޯތެވެ. އިލްޔާ ވެސް ހެދުން ބަދަލު ކޮށްލަން ވެގެން ފާހަނައަށް ވަނެވެ. ފާހާނާ އިން ނުކުތް އިރު ފޯނަށް މަޔާންގެ މެސެޖެއް އައިސްފައި އިނުމުން ފޯނު ނަގާ ބަލާލިއެވެ.” އިލޫ… އިނގޭ އިލޫ ހިތުގައި ވަރަށް ސުވާލު އުފެދޭނެކަން… މަ އިލޫ އާ ދުރުން އުޅުނީމަ އިލޫ ވާނެ ދެރަ އިނގޭ.. އެހެންވެ ވަރަށް ބޮޑަށް ސޮރީ… ކިތަންމެ ދުރު ދުރުން އުޅުނަސް އިލޫއަށް ވަރަށް ބަލަން.. އިލޫ ހާލު މަ ބަލަން.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ… މިރޭ މި މެސެޖް ފެނުނުހާ އަވަހަކަށް މަށާ މީޓް ކޮށްލަން އާދެވިދާނެތަ އަތިރި މައްޗަށް… އޭރުން ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ވެސް ލިބޭނެ.. ” އެ މެސެޖު ކިޔާ ނިންމާލައިފައި އިލްޔާ ބޭނުންވީ އަވަހަށް މަޔާން އާއި ބައްދަލު ކޮށްލާންށެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓުގެ މަތިން ބުރުގާއެއް އަޅައިގެން އިލްޔާ ސިއްރު ސިއްރުން ނިކުތެވެ.
– ނުނިމޭ –