
ތިޔަ ލޯތްބަށް އެދެމޭ – 18
ސްޕެގެޓީ ކައިނިމިގެން ދެކުދިން އައިސްކްރީމް ގަނެގެން ގޮސް ބީޗުގެ ހަމަހިމޭން މާހައުލުގައި މަޑުކޮށްލިއެވެ.” ރާލް.. އަހަރެން ބޭނުން ވާހަކަ އެއް ދައްކާލަން.. ” ހިޝާ ބުންޏެވެ.” ހިޝް ބޭނުން އެއްޗެއް އެހޭނެ… ” ރާއިލް ބެންޗެއްގައި އިށީންނަމުން ބުންޏެވެ.” ޔާން އަށް ކިހިނެއްވެފަ އެ ހުންނަނީ މިހާރު.. ވަރަށް އެހެން ކަހަލަ ގޮތެއް.. ކުރީގަ ވަރަށް ސަކަރާތް ޖަހާ ކުއްޖެއް އެއީ… އެކަމް މިހާރު ހުންނަނީ މަޑުމަޑުން.. އިނގޭ ރާލްއަށް ނޭނގި ނުހުންނާނެ ކަން.. ” ހިޝާ އައިސްކްރީމް ކޮޅެއް ބޯލިއެވެ. ރާއިލް ވަގުތުން އަނގަ ބަންދުވިއެވެ. މަޔާން ވަނީ ރާއިލް ކައިރީގައި ހަމަ އެކަކަށް ވެސް ނާންގަން ބުނެފައެވެ. ދެން ހިޝާ ކައިރީގައި ބުނާނީ ވެސް ކިހިނެއް ހެއްޔެވެ؟
**18 ވަނަ ޕާޓު**
” ނޭނގެ.. ކިހިނެއް ހިޝްއަށް އެހާ ޔަގީން ވަނީ މަށަށް އެނގޭނެ ކަން.. ” ރާއިލް ގަސްތަކާއި ދިމަ ބަލާލަމުން ބުންޏެވެ.” ހަމަ ހީވަނީ.. ދެން ނޭނގެންޏާ އޯކޭ.. ހިނގާ ގެއަށް ދާން.. ވާރޭ ވެހެން އުޅޭހެން ހީވަނީ.. ” ހިޝާ އެ ވާހަކަ ދައްކަން ބޭނުން ވެފައި ހުރި ނަމަވެސް ހިނިތުންވެލަމުން އެ ވާހަކަ ބާއްވާލިއެވެ.” ދެން މީތި ބޮއިގެން ދާނީ.. ވާރޭ ވެހެންޏާ ތެމޭނީ.. ” ރާއިލް ސަމާސަގޮތަކަށް ހީލިއެވެ.” ދެން.. މި ހުސްކޮށްލީ..” ހިޝާ ތަށީގައި ހުރި ހުރިހާ އައިސްކްރީމް އެއް އަނގައަށް އަޅާލަމުން ބުންޏެވެ.” ތި.. ދެން ސާބަހޭ.. ނުބުނަން ދޯ އަނގައަށް އެއްކޮށް އަޅާށެކޭ.. ތި ތަށިން ހުސްވިޔަސް އަނގައިން ހުހެއް ނުވޭނު ދޯ.. ” ރާއިލް ހޭން ފެށިއެވެ.
” ހެވޭ.. ތަށިން ކަމަކު ހުސް ވެއްޖެއްނު…. ތި ކައި ހުސްކޮށްބަލަ އަވަހަށް.. ” ހިޝާ ގަސް ކައިރީގައި ހުރި ޑަސްބިނަށް ހުސް ތަށި ލިއެވެ. ގަސްދުގައި ހިޝާއަށް ޖެއްސުމަށް ރާއިލް ލަސްލަހުން ކާން ފެށީ ހިޝާ ރުޅި އަންނާނެ ކަން އެނގިގެންނެވެ.” ހަމަ.. ދައްކާ ހިޝް ކާން.. ” ހިޝާ ދެބުމަ ގޮއްޖަހާލާފައި ރާއިލް ކައިރީގައި އިށީނދެ ސަމްސާ އަތުލައި ކާން ފެށިއެވެ.” މަގޭ ތަށި ވެސް.. ތިއުޅެނީ ފަލަ ނުވެވިގެންތަ.. ” ރާއިލް އައިސްކްރީމް ތަށި ހިޝާ އަތުން ދަމައިގަތެވެ. ހިޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ބާރު ގުގުރިއެއް ޖަހާލިއެވެ. ހަޅޭއްލަވައި ގަނެފައި ހިޝާ ރާއިލްގެ މޭގައި ބޮނޑިވިއެވެ.” އެއީ ހަމަ އެކަނި ގުގުރި އެކޭ ފިނޑި ހިޝް ގަނޑާ… ތިހާ އަވަހަށް ބިރު ގަންނާކަށް ނުވާނެ.. ” ރާއިލް ހިޝާ ނިއްކުރި މަތީގައި ޖަހާލަމުން ހީލިއެވެ.
” ސޮރީ.. ” ހިޝާ ކިތަންމެ މަޑުން ބުނި ނަަމަވެސް ރާއިލް އަށް އަޑުގައިވުނެވެ.” މިހާރު ކީއްވީ ސޮރީ ބުނަން.. ” ރާއިލް ހިޝާ ބޮލުގައި ތުންފަތް ޖައްސާލަމުން އަހާލިއެވެ.” ކަމެއް ނުވޭ… ” ހިޝާ ކުޑަކޮށް ލަދުގަތެވެ.” ހިނގާ ގެއަށް.. ހިޝްއަށް ފިނިވެދާނެ.. ” ރާއިލް ސައިކަލާއި ދިމާލަށް ދާން ހިނގައިގަތެވެ. އެވަގުތު ވާރޭ އޮއްސާލިއެވެ.” އާހ.. ދެން ކިހިނެއް ހަދާނީ.. ” ރާއިލް އެންމެ ފުރަތަމަ ފެނުން ގަސް ކައިރިއަށް ޖެހިލަމުން ބުންޏެވެ.” އޭރު ވެސް ބުނީމޭ ދާން ހިނގާށޭ.. ” ހިޝާ ދެއަތް ހާކާލިއެވެ.” ސޮރީއޭ.. ދެން ނުކެރޭނެ ވާރޭ ދަށުގަ ސައިކަލާ ހިސާބަށް ދާން ވެސް.. ” ރާއިލް ހިޝާ ގަޔާއި ކައިރިކޮށްލަމުން ބުންޏެވެ.
މިފަދަ ފިނި ރެއެއްގަ ވެސް މަޔާން އޮތީ ނުނިދިފައެވެ. ކިތަންމެ ނިދަން ބޭނުންވި ނަމަވެސް ލޮލަށް އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮވެފައި އެންމެ ފަހުން މަޔާން ތެދުވެ ބާލީސް ދަށުގައި ސައިލެންޓަށް ލާފައި އޮތް ފޯނު ނަގާ ބަލާލިއެވެ. އިލްޔާގެ އެއް މިސްޑް ކޯލް އަކާއި ހިޝާގެ ފަސް މިސްޑް ކޯލްސް އިނެވެ. އިލްޔާއަށް ގުޅަން އުޅެފައި ވެސް އެ ހިޔާލު ދޫކޮށްލީ މިރަށަށް އައި އަސްލު ސަބަބު ހަނދާން ކުރަމުންނެވެ. މިފަހަރު މަޔާން ފޯނު ނިއްވާލާފައި އަލުން ބާލީސް ދަށަށްލީ ދެން ނުނަގާނެ ކަމަށް ވައުދު ވަމުންނެވެ. މަޔާން ބޭނުން ވަނީ އިލްޔާ ނޫން އެހެން ކުއްޖެއް ދެކެ ލޯބިވާންށެވެ. ނަމަވެސް ކަންތައް ވެފައި މިވަނީ މަޔާން ބޭނުންވި ގޮތަކަށް ނޫނެވެ.
އިލްޔާ އާއި ލުޔާ ފެއަރީ ޓެއިލް ބަލަން އިންއިރު ވާރޭ ވެހެން ފެށި ކަން ވެސް ނޭނގުނީ އެއަށް ގެއްލިފައި އިން ވަރުންނެވެ. އެންމެފަހުން ދެމީހުން ކަރު އެކުވާލަން ޖެހުނީ ލެޕްޓޮޕް ޗާޖު ދިއުމުންނެވެ.” ވާރޭ ވެހެން ވެސް ފެށީތަ މިހާރު… ނުވެސް އިނގުން.. ” އިލްޔާ ލެޕްޓޮޕް ޗާަޖަށް ޖަހާލިއެވެ.” އާނ ނޭނގޭނެ ވިއްޔަ.. އިނގޭ ވަރަށްވުރެ ބޮޑަށް ކަލޭމެން ދެކުދިން ތިތިބީ ގެއްލިފަ ތިޔަށް.. ” ކޮޓަރިއަށް ވަތް ސަނާއަށް އަލްޔާގެ އަޑު އިވުމުން ބޯ ހޫރާލިއެވެ.” އެހެންތާ ވާނީ.. މަންމާ ކަމަކުތަ.. ” އިލްޔާ އޮށޯވެލަމުން އަހާލިއެވެ.” ހްމްމްމް… މަންމަ އާ ބައްޕަ އާ މިއުޅެނީ ފަހީމާއްތަ ފައި އޮޕަރޭޝަން ކުރަން ވެގެން އިންޑިއާ އަށް ދާން.. ” ސަނާ އިލްޔާ އާއި ލުޔާއަށް ބަލާލުމުން ބުންޏެވެ.
” އޭނ.. އަހަރެން އައި އިރު ފަހީމާއްތަ ފައި ރަނގަޅު… ” ލުޔާ ފުންމައިގެން ތެދުވިއެވެ.” ނޫނޭ.. އޭރު ވެސް އުޅުން ފައެއްގަ ރިއްސާތީ.. ރޭގަ ޑޮކްޓަރަށް ދައްކާ ޓެސްޓް ތައް ހެދީމަ އިނގުނީ ފަޔަށް ކޮންމެވެސް ކަމެއް ވެފަ ހުރިކަން.. ” ސަނާ ތެދުވަމުން ބުންޏެވެ.” މަންމަ މިދަނީ ނިދަން.. ވަރަށް ނިދިއައިސްފި.. ” ސަނާ ކޮޓަރިން ނިކުތެވެ.” އިރާދަކުރެއްވިޔާ ފަހީމާއްތަ ރަނގަޅު ވާނެއޭ.. ” އިލްޔާ ލުޔާ އަތުގައި ހިފާލިއެވެ. ލުޔާ ބޯ ޖަހާލާފައި އިށީނެވެ. އިލްޔާ ފޯނު ނަގާފައި މަޔާންގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ބުނަނީ ފޯނު އޮތީ ނިއްވާލާފަ ކަމަށެވެ. އެތައް ފަހަރަކު ގުޅި ނަމަވެސް މަޔާން އޮތީ ފޯނު ވެސް ނިއްވާލާފައެވެ. އެހިސާބުން އިލްޔާ ނިންމީ މަޔާން ހުރި ރިސޯޓެއް ހޯދައިގެން އެ ރިސޯޓަކަށް ދިއުމަށެވެ.
” އޯކޭ ވާނެ.. ހިނގާދާން.. މިތާ ހުރުމަށްވުރެ ރަނގަޅު ވާނެ.. ” ހިޝާ ސައިކަލާއި ދިމާލަށް ދުއްވައިގަންނަން އުޅުނެވެ.” ނޯ… ނުވާނެ ގޮސްގެނެއް.. އަނެއްކާ ރޯގާ ޖެހި ހުން އައިސިއްޔާ ކިހިނެއް ހަދާނީ.. ” ރާއިލް ހިޝާ ހުއްޓުވިއެވެ.” ޑޮކްޓަރ އަށް ދައްކާނީނު.. ދެން ބޭނުމޭ ގެއަށްދާން.. ” ހިޝާ އެދުނެވެ.” އެންމެ ރަނގަޅު.. އެބަ އަންނަން ސައިކަލް ހިފައިގެން… ހިޝް މަޑު ކުރާތި މަ އަންނަންދެން.. ” ރާއިލް ގޮތް ދޫކޮށްފައި ސައިކަލާއި ދިމާލަށް ދުއްވައިގަތެވެ. ސައިކަލް ހިފައިގެން ރާއިލް އައުމުން ހިޝާ ސައިކަލަށް އެރިއެވެ.” ދުއްވަބަލަ އަވަަހަށް… ” ހިޝާ ފިނިވާވަރުން ބުނެވުނެވެ.” ގަވާއިދާ އެއްގޮތަށް ދޯ ދުއްވޭނީ.. އޭރު ވެސް ބުނީމޭ ފިނިވާނެއޭ.. ” ރާއިލް ދުވެލި ބާރު ކޮށްލަމުން ބުންޏެވެ.
ގެއަށް އާދެވުމާއެކު ހިޝާ ދުވެފައި ގޭތެރެއަށް ވަނެވެ. ރާއިލް ވެސް ސައިކަލް ބަހައްޓާފައި ހިޝާ ފަހަތުން ކޮޓަރިއަށް ވަނެވެ. ހިޝާ ނިދަންލާ ޓީޝާޓު ތަކުގެ ތެރެއިން އަތް ދިގު ޓީޝާޓާއި ކަކުލުން ތިރިއަށް ހުރި ޓައިޓެއް ހިފައިގެން ފާހަނައަށް ވަނީ ތާޒާ ވެލަންށެވެ. ތެމިގެން ހުރުމުން ހިޝާ ނިންމީ ހޫނު ފެނުން ފެންވަރާލަންށެވެ. ރާއިލް ހިޝާ ނިކުންނަންދެން ތެތް ޓީޝާޓާއި ޖީންސް ބާލައި ތުވާލި އަނދެގެން އިނެވެ. ހިޝާ ނިކުންނަން ވާއިރަށް ރާއިލް ފޯނު ނަގައި މަޔާންއަށް ގުޅާލިއެވެ. ނަމަވެސް މަޔާން ފޯނު އޮތީ ނިއްވާލާފައެވެ. ރާއިލް ފޯނަށް ބަލަން އިންދައި ހިޝާ ފެންވަރާލައިގެން ނިކުތެވެ.” ކަމެއް ވީތަ.. ” ރާއިލް މޫނުމަތިން ހާސްކަން ފެނުމުން ހިޝާ އަހާލިއެވެ. ރާއިލް ސިއްސައިގެން ގޮސް ފޯނު އަތުން ދޫނުވީ ކިރިޔާއެވެ.” ކަމެއް ނުވޭ.. ” އެހެން ބުނެފައި ރާއިލް ފެންވަރަން ވަނެވެ.
” މާދަމާ ދާ ފްލައިޓުން މަ ފުރާނަން… މަ ދިޔައީމަ ކަލޭ ޖެހޭނެ މަ ބުނެފަ އޮތް ގޮތަށް ކަންތައް ކުރަން… އެންމެ ކަމެއް ނުބައިކޮށް ދިޔަޔަސް ކަލޭ ދުނިޔޭގަ ނުހުންނާނެ ކަން ހަނދާން ކުރާތި.. ” ލީޝާ ނަބާއަށް ގުޅާފައި އިންޒާރެއް ދިނެވެ.” އެންމެ ރަނގަޅު… އަޅުގަނޑު ތިކަން ކުރާނަން.. ” ނަބާ ހިތާއި ދެކޮޅަށް އިލްޔާ އަށް ގެއްލުމެއް ދޭން އެއްބަސްވިއެވެ. އިލްޔާ އުޅޭނެ ހާލާއި މެދު ނަބާ ވިސްނާލިޔަސް އޭނާގެ ހިތް ކުދި ކުދި ވެއެވެ. އިލްޔާ އާއި މެދު ހަމްދަރުދީ އުފެދެއެވެ. ލީޝާ އަކީ ކިހާ ނުބައި މީހެކޭ ނަބާ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ.” ބުނަން ރަނގަޅު ވާހަކައެއް؟؟ ބިރުން އުޅެގެން ނުވާނެ ތިކަމެއް… ނިކަށް ކެރިގެން އުޅެބަލަ.. ” ނަބާ ބިރުން ހުރިކަން އެނގިގެން ލީޝާ ދިމާކޮށްލިއެވެ.
ލުޔާ ސިއްސައިގެން ދިޔައީ އީތަންގެ ފޯނު ކޯލެއް އައުމުންނެވެ.” ހަލޯ.. ހާލު ކިހިނެއް.. ” ލުޔާ ފޯނު ނެގުމާއެކު އީތަން އަހާލިއެވެ.” ދެން.. އެހާ ރަނގަޅެއް ނޫން.. ބޮލުގަ ރިއްސާތީ މިއުޅެނީ.. އީތަން ކިހިނެއްތަ؟؟ ވަރަށް ވިއްސާރަތަ.. އައިހާ މެން.. އެމީހުން ހޮޑު ލިތަ؟ ” ލުޔާ އަހާލިއެވެ.” ނޫނޭ އެމީހުން ނިދައިފި… އާނ ދެން ވަރަށް ވިއްސާރަ.. ބޮލުގަ ރިއްސަންޏާ ދޭބަލަ ބޭސް ކާން.. ” އީތަން ލޯބިން ފުރިގެންވާ އަޑަކުން ބުންޏެވެ.” ކާނަމޭ.. ވެދާނެ ނިދި މަދުވާތީ ކަމަށް.. ” ލުޔާ ބޯ ކަހާލިއެވެ.” ދެން ޓޭކް ކެއަރ އިނގޭ.. ވަރަށް ދެރަ ވާނެ އީތަން އަށް ކަމެއް ވިއްޖެއްޔާ.. އޭރުން މަރު ވެސް ވެދާނެ އަހަރެން.. ” ލުޔާ އެހެން ބުނުމުން އީތަންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. އެ އަޑު އިވުމުން ލުޔާ ހިތް ތެޅިލިއެވެ.” އިނގޭނެ ދޯ މަ އުޅޭނީ ބަލައިގެން ކަން..ހަމަ އެހާ ވަރަށް މަ ދެކެ ލޯބި ވޭތަ.. އެހެންނޫނަސް މަށަށް ކަމެއް ވިޔަސް ލުޔާ ހާސް ނުވައްޗޭ… ” އީތަން އެހެން ބުނުމުން ލުޔާ ރަކިވިއެވެ.
އިލްޔާ އެންމެ ފަހުން ނޯވެވިގެން ތެދުވެ ފޯނު ނެގިއެވެ. އޭރު ލުޔާ ކުޑަދޮރު ކައިރީގައި މީހަކާ ގުޅައިގެން ހުއްޓެވެ. އިލްޔާ އަށް އެއީ އީތަން ކަން އެނގުމާއެކު ވަގުތުން ދިމާ ކޮށްލާހިތްވިއެވެ. ނަމަވެސް އެދެމީހުންނަށް އުނދަގޫ ނުކުރަން ވެގެން އިލްޔާ ފޯނު ހުޅުވާލާފައި މަޔާންއަށް މެސެޖެއް ލިޔުނެވެ.” ޔާން.. ކިހިނެއްވެގެން ތި އުޅެނީ.. އިލޫއަށް އޮޅިގެން ކަމެއް ކުރެވުނީތަ… ކޮން ސަބަބަކާހުރެތަ އިލޫ އެހާ ދުރުކޮށްލީ.. ހާދަ ފަޅޭ ޔާން ނެތީމަ.. ޔާން ބުނީމެއްނު މީދޫ އިން ކަމުދާ އަންހެން ކުއްޖަކު ފެނިއްޖެއޭ.. އެއީ ކާކުތަ.. ނޫނީ އެ ކުއްޖާ އާ އެދިތަ ޔާން އެހާ ޗޭންޖް ވީ.. ކުށެއް ކުރެވިފައި ވާނަމަ މާފަށް އެދެން… އައި ވޯންޓް ޓު ސޭ ދެޓް އައި މިސްޑް ޔޫ ސޯ މަޗް.. ” އިލްޔާ އެ މެސެޖު މަޔާން އަށް ފޮނުވާލާފައި އިރުކޮޅެއް ވަންދެން ރިޕްލައި އެއް ލިބޭތޯ އިނެވެ. މަޔާން މެސެޖެއް ނުބެލިއެވެ. ކުޑަމިނުން މެސެޖް ޑެލިވާ ވެސް ނުވިއެވެ. އިލްޔާ މާޔޫސް ކަމާއެކު އަނެއްކާ ވެސް އޮށޯތެވެ.
ހެނދުނު ހޭލިގޮތަށް ރާއިލް މަޔާން އަށް ގުޅިއެވެ.” ކިހާ ދެރަ ކަމެއް.. އަދި ވެސް ފޯނު ނިއްވާލާފައި… ” ރާއިލް ހިޝާއަށް އަޑު ނީވޭވަރަށް ބުންޏެވެ.” ކިހިނެއްވެފަ ރޭގަ އިނީ.. ވަރަށް ހާސް ވެފަ.. އަދި ވެސް ފެން ނުވަރާ.. ދޭބަލަ ފެންވަރަން.. ” ހިޝާ ރީތިވާ މޭޒުކައިރީގައި ހުރެގެން ޝަކުވާ ކޮށްލިއެވެ.” ކަމެއް ނުވޭ.. ” ރާއިލް ޖަވާބު ދީފައި ފާހަނައަށް ވަނެވެ. ރާއިލް ފާހާނާއަށް ވަދުމުން ހިޝާ ފޯނު ނަގާފައި އިލްޔާ އަށް ގުޅާލިއެވެ.” ހަލޯ އިލޫ.. ޔާންގެ ހަބަރެއް ވެއްޖެތަ؟؟ ” އިލްޔާ ފޯނު ނެގުމާއެކު ހިޝާ އަހާލިއެވެ.” ނޫން.. މިހާރު ފޯނު ވެސް ނިއްވާލާފަ.. ދެންމެ ގުޅި އިރު ވެސް.. ” އިލްޔާ ޖަވާބު ދިނެވެ.” ދެން ކިހިނެއް ހަދާނީ.. ” ހިޝާ އިލްޔާ ކައިރީ އަހާލިއެވެ.” ނޭނގެ.. ދިޔަ ރިސޯޓެއް އިނގުންނަމަ ދޯ ދެވޭނީ ވެސް.. ” އިލްޔާ ބުންޏެވެ.
” ހްމް ދެން އަޅައި ނުލާ.. މިއަދު ވަރަށް ވިއްސާރަ ދޯ.. ” ހިޝާ ބުންޏެވެ. ” ޔާ.. ވަރަށް ވިއްސާރަ.. ހިއެއް ނުވޭ ބޭރަށް ނިކުމެވޭނެ ހެނެއް.. ” އިލްޔާ ބޯ ހޫރާލިއެވެ.” ޔެއަ އެކަމް ހިނގާބަ މިއަދު ހިނގާލަން ދާން.. ވަރަށް ދުވަސް ވެއްޖެ ދޯ ނުދާތާ.. ” ހިޝާ ބޭނުންވީ ވާރޭ ތެމިގެން ކަމަކު ހިނގާލަން ދާންށެވެ.” އޯކޭ.. މި ދަނީ މިހާރު ތި ގެއަށް.. ބޭރުގަ ހުންނާތި ރެޑީ ވެގެން.. ” އިލްޔާ އަވަސް އަވަހަށް ގެއިން ނިކުތެވެ.” އޯކޭ.. ” ހިޝާ ވެސް ފޯނު ބާއްވާފައި ރީތިވެލިއެވެ.” އޯހ… އަދި މިދަނީ ހިލްޔާ ގަނޑު ނުލާ.. ” އިލްޔާ އަލުން ގެއަށް ވަދުނެވެ.” ހިލޫ…. އާދެބަ ހިނގާލަން ދާން ހިޝްއާ އެކީގަ.. ” އިލްޔާ ލުޔާ އަތުގައި ހިފައިގެން ނެގިއެވެ.
ހިޝާމެން ގެއަށް ދިޔައިރު ހިޝާ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.” ކޮބާ ރާއިލްބެ.. އޭނަ ނުލާތަ ދަނީ..؟ ” ލުޔާ ހިޝާ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ.” ނުދާނަމޯ ބުނީ… ދެންވެސް ހިނގާބަލަ ދާން.. ” ހިޝާ ހިނގައިގަތީ ރަށުގެ ފުޓްބޯޅަ ދަނޑު އޮންނަ ދިމާއަށެވެ.” ކީއްކުރާކަށް އެދިމާ އަށް ދަނީ.. ” ލުޔާ އާއި އިލްޔާ ހިޝާ ފަހަތުން ދުއްވައިގަތެވެ.” ކަމެއް ނުވެ.. މުޅި ރަށް ބަލާލަން ހަމަ.. މިފަހަރު ޖެހޭނީ މުޅި ރަށުގަ ހިނގަން.. ” ހިޝާ ބުމަ އަރުވާލިއެވެ.” އޯކޭ އޯކޭ..މިހާރު ވާރޭ ތިކި ލާން ފަށާފި… ” އިލްޔާ އަތުގައި އޮތް ފޯނު ޖީންސްގެ ޖީބަށް ލަމުން ހިނގުން ބާރުކޮށްލިއެވެ.
ކޯކު ފުޅިއެއް ހިފައިގެން މަޔާން އިނީ ރިސޯޓުގައެވެ. މޫސުމުގެ ގޮތުން ބީޗުގައި ގެސްޓުން އެހާ ގިނައެއް ނޫނެވެ.” ރަށަށް ދާންވީ ކަންނޭނގެ… މިތަނުގަ ވަރަށް ފޫހި.. ކުރަން އުޅުން ކަންތަކެއް ވެސް ނުކުރެވުނު.. އެހެންމަ މިރޭ ދާނީ ރަށަށް.. ދާންވީ ހުރިހާ އެއްޗެއް ޕެކް ކުރަން.. ” މަޔާން އެ ފުޅި ހުސްކޮށްލާފައި ޑަސްބިނަށް ލާފައި ހިނގައިގަތެވެ.” އިލޫ ކައިރީގަ ބުނަންވީ ކަންނޭނގެ.. އެކަމް އޭނަ ރުޅިއައިސް ދާނެ.. އެހެން ވީމަ ނުބުނުން ކަންނޭނގެ ރަނގަޅު ވާނީ.. ނުބުނެ ހުރެފިއްޔާ އިލޫ އެހެން މީހަކާ ވެސް ރައްޓެހި ވެދާނެ.. ދެން މަ ކިހިނެއް ހަދާނީ އޭރުން..” ދިޔަ މަގުމަތީގައި މަޔާން ހިތަށް އެރިއެވެ. ވިސްނާ ވިސްނާ ބޮލަށް ތަދުވިއިރު ވެސް ހަދާނެ ގޮތެއް މަޔާން އަކަށް ނޭނގުނެވެ.
– ނުނިމޭ –
One Comment
Comments are closed.
This part is also v beautiful